"ބައްޕައަށް ރުޅި އިސްކުރެވުނީ. ބަފައެއްގެ މަގާމުގައި ކޮންމެ މީހަކު ހުރި ނަމަވެސް ކަންތައް ކުރެވޭނީ އެހެން. އެއީ އެއްވެސް މަޔަކަށް ބަފަޔަކަށް އަޑުއަހަން ކެތްވާނެ ޖުމްލައެއް ނޫން. އަދި ބަލަން ކެތްވާނެ މަންޒަރެއްވެސް ނޫން" ރިކްޒާގެ ބޮލުގައި ފިރުމަމުން އިސްހާގު ވާހަކަދައްކަމުން ދިޔައެވެ.
"ހަގީގަތުގައިވެސް މިރޭ ބައްޕަ މިއައީ ތިދެމައިން ބަލާ. ވެދިޔަތަން ވެދިޔައީ. ހުރިހާ މީހުން ގުޅިގެން މުސްތަގުބަލު އުޖާލާ ކުރެވިދާނެ" އިސްހާގު ބުންޏެވެ. ރޮމުންދިޔަ ރިކްޒާ އިސްއުފުލާ އިސްހާގަށް ބަލައިލިއެވެ.
"އަހަރެން ދާނަން ބައްޕައާއެކު. އެކަމަކު އެކަމަށް މަންމަ ރުހުނިއްޔާ. އަދި އަހަރެންނަށް ލިބެންޖެހޭ ހައްގު އަދަބު ލިބިގަތުމަށްފަހު" ރިކްޒާ ބުންޏެވެ.
"އަހަރެން ވިސްނާފައި ނޫނިއްޔާ ޖަވާބެއްދެވެން ނެތް" އިސްހާގު ސީނާއަށް ބަލައިލުމާއެކު ސީނާ ބުންޏެވެ.
"އަހަރެން މިއުޅެނީ ކައްކަންވެގެން. ބައްޕަ ދާންވާނީ ކައިގެން" ރިކްޒާ ބުންޏެވެ. ތެދުވަން އުޅުނު ވަގުތު ރިކްޒާއަށް ބެލްކަނީގައި އޭނާއަށް ބަލަހައްޓައިގެން ހުރި ޒުވާނާ ފެނިއްޖެއެވެ. ރިކްޒާއާ ނަޒަރު ބައްދަލުވުމާއެކު ޒުވާނާ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްފިއެވެ.
"އާދެބަލަ" ބެލްކަނީގައި ހުރި ޒުވާނާއަށް އިސްހާގު ގޮވާލިއެވެ. އެއާއެކު ޒުވާނާ އައިސް އިސްހާގު ކައިރީގައި އިށީނދެއްޖެއެވެ. އާދައިގެ އިސްކޮޅެއް ލިބިފައިވާ އަލިކަޅު ވެރިއެއްގެ ޒުވާނެކެވެ. އެހާ ތުނި ނޫން އިސްތަށިގަނޑަކާއި ކަޅުކަން ގަދަ ވަރުގަދަ ދެ ބުމަ ލިބިފައިވެއެވެ.
"މިއީ ވަރަށް ދުވަސް ވަންދެން ބައްޕަ ބަލަމުން އައި ކުއްޖެއް" އިސްހާގު ބުންޏެވެ.
"މީނަގެ ނަމަކީ ޝާރިގް" ޒުވާނާގެ ފަލަމަސްގަނޑު މަތީގައި އަތް ބާއްވައިލަމުން އިސްހާގު ބުންޏެވެ. "ޝާރިގްއާ ބެހޭގޮތުން އިތުރަށް ބައްޕައަށް ވާހަކަދެއްކޭނީ ބައްޕަގެ ކާފަ ދަރިފުޅު ދެކިލާފައި" ދެފަރާތް ހޯދަލަމުން އިސްހާގު ބުންޏެވެ. އެވަގުތު އެއީ ރައިކާގެ ރުއިމުގެ އަޑު އެންމެންގެ ކަންފަތުގައި ޖެހުނު ވަގުތެވެ. އެންމެ ފުރަތަމަވެސް ތެދުވެގެން ދިޔައީ ސީނާއެވެ. އިރުކޮޅެއް ފަހުން ކޮޓަރިން ނުކުމެގެން އައި ސީނާގެ އަތްމަތީގައި އޮތް ފުށްގަނޑެއް ފަދަ ލޯބި ކުއްޖާ ފެނި އިސްހާގަށް ކޮޅަށް ތެދުވެވުނެވެ. ހިނިތުންވެލަމުން އޭނާއަށް ކުރިއަށް އަތްދިއްކޮށް ލެވިއްޖެއެވެ. އެއާއެކު ސީނާ އިސްހާގު އަތަށް ރައިކާ ދީފިއެވެ.
"ކާފަގެ ދޮންކަމަނަ" ރައިކާގެ މޫނުގައި ބޮސްދެމުން އިސްހާގު ބުންޏެވެ. ސީނާ ހަނދާންވިއެވެ. ރިކްޒާ ކުޑައިރު ވެސް އިސްހާގު ރިކްޒާއަށް ނިސްބަތްކޮށް ގޮވާ ނަމަކީ އެއީއެވެ.
"އަހަރެންގެ ކާފަ ދަރިފުޅާ އެންމެ ހިނދުކޮޅަކުވެސް ވަކިވާކަށް ބޭނުމެއްނޫން" ރައިކާ މޭގައި ޖައްސާލައިގެން ހުރެ އިސްހާގު ބުންޏެވެ. އެވަގުތުކޮޅު ސީނާއަށް ވެސް ޖަޒުބާތީ ވެވުނެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ނީލަމްއަށް ގޭ ދޮރުމައްޗަށް ކާރެއް މަޑުކޮށްލިތަން ފެނުނެވެ. އެއާއެކު އޭނާ ބޭރަށް ބޯ ދިކޮށްފައި ބެލިއެވެ. ޑްރައިވަރުގެ ޝީޓުން މީހަކު ފައިބައިފައި ކާރުގެ އަނެއް ފަރާތަށް ވަށާލާފައި ދިޔަތަން ފެނުނެވެ. ކާކުކަން އޭނާއަށް ނޭނގުނެވެ. އޭނާ ވަނީ އެތެރެއަށެވެ. ޒަހާގެ ކޮޓަރިއަށް ވަދެފައި ގެއަށް ބަޔަކު އައި ވާހަކަ ނީލަމް ބުންޏެވެ. އެއާއެކު ޒަހާ ސިޓިން ރޫމަށް ނުކުންނަން ބޭނުންވިއެވެ. ޒަހާ ކައިރީގައި އިސްލާމް ފޮތް ހިފައިގެން އިން ޖިޔާވެސް އެކުގައި ނުކުތެވެ.
"މިގެއަށްތަ؟ ކޮންބައެއްބާ؟ ވެދާނެއްނު އެހެން ބަޔަކަށް އައި ބައެއް ކަމަށްވެސް" ގޮނޑި ދަމަމުން ނުކުތް ޒަހާ ބުންޏެވެ. ދޮރުގެ ރަނގަބީލުގެ އަޑު ވެސް އައީ އެވަގުތުއެވެ. ދޮރާ ދިމާލަށް ދިޔައީ ޖިޔާއެވެ.
"ދޮންބެދައްތާ" ހުޅުވާލި ދޮރުގެ ބޭރުގައި ހުރި އަންބަރް ފެނުމާއެކު ޖިޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަތުގައި އޮތް ފޮތައްވެސް ބެލުމެއްނެތި އޭނާ އަންބަރްގެ ގައިގައި ބައްދާލިއެވެ. ޖިޔާގެ ބޮލުގައި ފިރުމާލަމުން ފޮށިތައް ޖޫދު އެތެރެއަށް ވައްދަން ފެށިއެވެ. ކުރިމަތީގައި ހުރި އުފަން ދަރިފުޅަށް މާބޮޑު ސަމާލުކަމެއް ނުދީ ޒަހާއަށް ދެވުނީ އަންބަރާ ދިމާލަށެވެ. ތެދުވެ އަމިއްލައަށް ހިނގާފައި ދެވޭނަމަ އޭނާ އަންބަރް އުރާލާނެތާ ކިތަންމެ އިރެކެވެ.
އަންބަރް މަޑުމަޑުން ހިނގާލާފައި އައިސް ޒަހާގެ ކައިރީގައި ހުއްޓުނެވެ. އެވަގުތު ޒަހާ ހިފީ އަންބަރްގެ ދެއަތުގައެވެ. އޭނާގެ ދެ އަތުގައި ވަކިވަކިން ބޮސްދިނެވެ. އަންބަރް ޒަހާގެ ގައިގައި ބައްދާލިއެވެ.
"އަންގާވެސްނުލާ. ގޭގައި ނޭނގޭ ކާއެއްޗެއް ހުރި ކަމެއްވެސް" ޒަހާ ބުންޏެވެ. އޭރު ސުމައްޔާ އާއި ހާތިމް ގޮވައިގެން ނީލަމް އެތެރެއަށް ވަދެ ގޮނޑި ދައްކައިފިއެވެ.
"ކައިގެން މިތިބީ" ހިންދެމިލަމުން ޖޫދު ބުންޏެވެ.
"ދޮންބެ ޖީ ކައިރީގައި ބުނަންވާނެއްނު. މީގެ އިރުކޮޅެއް ކުރިންވެސް ފޯނުން ވާހަކަ ދެއްކި" ޖޫދުގެ ގައިގައި ލައްވެލައިގެން ހުރި ޖިޔާ ބުންޏެވެ.
"އިބާ ބޭނުމެއްނުވި އެއްވެސް މީހެއް ކައިރީގައި ބުނާކަށް" ސުމައްޔާ ބުންޏެވެ. "ކޮންމެސް އެއްޗެކޭ ކިޔައިގެން ލިބާ ގެނެސްބަލަ މިބަޔަށް"
"ލިބާ އެބައާދޭ" ފޯނު ކަންފަތާ ދުރުކޮށްލާފައި ނީލަމް ބުންޏެވެ.
ހުރިހާ މީހުން ސޯފާތަކުގައި އިށީނދެގެން ތިބިއިރު އަންބަރާ އެންމެ ކައިރީގައި އިނީ ޒަހާއެވެ. އެހެން އިނދެފައި އިރުކޮޅަކާ އަންބަރްގެ އަތުގައި ފިރުމާލާނެއެވެ. އެއްވެސް އުދަގުލެއްވޭތޯ އަހާލާނެއެވެ. އެމަންޒަރު ފެނުމުން ޖޫދަށް ބޭއިހުތިޔާރުގައި ހިނިތުންވެވެއެވެ. ސުމައްޔަ އާއި ހާތިމްވެސް އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"އެ އައީ" ދޮރުގެ ރަނގަބީލު ވި އަޑަށް ނީލަމް ބުންޏެވެ. ދޮރާ ދިމާލަށް އޭނާ ހިނގައިގަތެވެ.
"ނީލޫ، ކިހިނެއްވީ؟" އެތެރެއަށް ވަން އަލިޝްބާ ބުންޏެވެ. އޭނާގެ ފަހަތުން އައިމަންވެސް ވަނެވެ. އެހާ އަވަހަށް ނީލަމް އޭނާ ކައިރީގައި އަންނަން ބުނުމުން އޭނާ ހުރީ ހިތް އަވަސްވެފައެވެ. ފައިވާނަކަށްވެސް ނާރާ އޭނާ އައީ ޒަހާއަށް ކަމެއްވީ ކަމަށް ހީކޮށްފައެވެ.
"އޯ މައި ގޯޑް. މިއީ ކޮންބައެއް؟" އެތެރޭގައި ތިބި މީހުން ފެނިފައި އަލިޝްބާ ބުންޏެވެ. އުފާވީ ވަރުން އޭނާއަށް އަނގަމަތީގައި އަތް އެޅުނެވެ. އެހުރިހާ މީހުންގެ ތެރެއިން އޭނާގެ ދެލޯ އަންބަރް ހޯދަލިއެވެ. ދެވަނަ ސިކުންތުގައި އަންބަރް ހުރީ އަލިޝްބާގެ ގައިގައި ބައްދައިގެންނެވެ. ދެކުދިންގެ ހުނުމުގެ އަޑާއެކު ތަނުގައި ތިބި ކޮންމެ މީހެއްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ދަރިފުޅާ. ދޮންތަ ވެއްޓިދާނެ. ދޫކޮށްލާ އަވަހަށް" އަލިޝްބާ އަރިއަޅާލި ތަން ފެނުމުން ސުމައްޔާ ބުންޏެވެ. އަންބަރް ހީލާފައި އަލިޝްބާއާ ދުރުވެލިއެވެ. އަދި އަލިޝްބާގެ ބަނޑުގައި އަތްޖައްސާލިއެވެ.
"އަދި އިންޗިއެއްވެސް ނުނިކުމޭ" ހެމުން އަލިޝްބާ ބުންޏެވެ.
ނިދަންވީ ވަގުތަށް ކޮޓަރި ފޮޅާ އެނދުގެ ބެޑްޝީޓް ބަދަލުކުރީ ޖޫދެވެ. އަންބަރް އަދި އެހާ ބޮޑަށް ރަނގަޅުނުވާތީ އެއްވެސް ކަމެއް ކުރަން ނުޖައްސައެވެ. ފަހާނާއިން ނުކުތްގޮތަށް އަންބަރަށް ހުރެވުނީ އެނދު ކައިރީގައި ފުރަގަހަށް ހުރި ޖޫދަށް ބަލަހައްޓައިގެންނެވެ. ބާލީހަށް އުރަ ލައްވަން ހުރި ޖޫދު ފަހަތަށް އެނބުރިލީ މީހެއްގެ ހިޔަނި ވިހެން ހީވުމުންނެވެ. އޭނާ އެނބުރުލުމާއެކު އަންބަރް ނަޒަރު އެހެން ދިމާލަކަށް އަނބުރާލިއެވެ.
"އާދޭ އެނދަށް" ބާލީސް ބާއްވާފައި ޖޫދު ބުންޏެވެ. އެނދާ ދިމާލަށް ބަލައިލާފައިވެސް އަންބަރަށް ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރުނެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އެހާ ފަސޭހައިން ޖޫދު ދެނެގަތީ ކިހިނެއްކަމެއް ނޭނގެއެވެ.
"ހާސްނުވޭ. އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުން އޮންނާނީ ހަމަ އެގޮތުގަ. އަހަރެން ނިދާނީ އަހަރެންގެ އެނދުގަ" ޖޫދު ބުންޏެވެ. އޭނާ އެނދު ކައިރިން ދުރަށް ޖެހިފައި ގޮސް ހުއްޓުނީ ސޯފާ ކައިރީގައި ހުރި އޭނާގެ އެއްޗެހިތައް އަޅާފައި ހުރި ބްރީފްކޭސް ކައިރީގައެވެ. ނިދަން ލާނެ ޓީޝާޓަކާއި ސޯޓެއް ހިފައިގެން އޭނާ ފަހާނާއަށް ވަންއިރުވެސް އަންބަރް ގުޑާވެސްނުލައެވެ.
ފަހާނާ އިން ޖޫދު ނުކުތްއިރު އެނދުގެ އެއްފަރާތުގައި އޮތް އަންބަރް ފެނިފައި ހިނިތުންވެވުނެވެ. އެއްފަރާތުގައި އޮތުމުން ހިތުގައި ސުވާލުވެސް އުފެދުނެވެ. އެހެންޏާ އަންބަރަކީ މުޅި އެނދުގައި އޮންނަ މީހެކެވެ. ވީއިރު މިރޭ އެއްފަރާތުގައި އަންބަރް އޮތީ ކީއްވެގެން ހެއްޔެވެ؟
ކޮޓަރީގެ ދޮރުލެއްޕުނު އަޑަށް އަންބަރް ބޯހިއްލާލާފައި ބަލައިލިއެވެ. ދެން ބަލައިލީ ޖޫދު ނިދާ ތަނަށެވެ. އެތަނުގައި ޖޫދު ފެންނަން ނެތުމުން ބޭރަށް ނުކުތީ ޖޫދު ކަން އޭނާއަށް އެނގުނެވެ. ދިހަ ވަރަކަށް މިނިޓް ފަހުން ތަބަކެއް ހިފައިގެން ޖޫދު ކޮޓަރިއަށް ވަންއިރުވެސް އަންބަރް އޮތީ ދޮރަށް ބަލަހައްޓައިގެންނެވެ.
"ބޭސްނުކަމެއްނު އަދި" އަންބަރާ ދިމާލުން ސައިޑް ކަބަޑު މަތީގައި ތަބަށް ބަހައްޓާފައި ޖޫދު ބުންޏެވެ. އަދި ހަމަ އެތަނުގައި ބަހައްޓާފައި ހުރި އަންބަރްގެ ބޭސްއަޅާފައި ހުރި ތަށި ނެގިއެވެ.
"ނިދުމުގެ ކުރިން ކާންޖެހޭ ބޭހެއް އެބައިނެއްނު. ތެދުވޭ. އެއާޕޯޓުންވެސް ހަމައެކަނި ޖޫސްތައްޓެއް ބޯލީ. ނީލަމް މެން ނޫޑްލްސް ކައްކާފައި ބުނީމަވެސް ނުކަމެއްނު. އެހެންވެ ބޭސްކާން ޖެހޭނީ މި ކިރުތައްޓާއެކު" އަންބަރް ބަހެއް ނުކިއި ނަމަވެސް ތެދުވެ ބާލީހުގައި ލެގިނލިއެވެ. ކާޑުން ވަކިކޮށްލަފައި ދިން ބޭސްގުޅައާއެކު ކިރުތަށި އެއް ނޭވައިން އޭނަ ބޯލިއެވެ.
ތަށި ހިފައިގެން ޖޫދު ބޭރަށް ނުކުތުމާއެކު އަންބަރަށް ރޮވިއްޖެއެވެ. އޭނާގެ ހުރިހާ ކަމެއް ޖޫދު ބަލަހައްޓަނީ ކީއްވެގެން ހެއްޔެވެ؟ އެހާ އަޅާލުމާއި އޯގާތެރިކަން އޭނާއަށް ހައްގުވޭ ހެއްޔެވެ؟ ދެލޮލުގެ އަރިމަތިން ފައިބައިގެންދިޔަ ކަރުނަތިކި ކަންހުޅީގެ އިސްތަށިތަކުގެ ތެރެއަށް ހިނދިގެން ދިޔުމާއެކު އޭނާ އެއްފަރާތަކަށް ޖެހުނެވެ.
ދަމުނަމާދަށްފަހު މުސައްލަ މަތީގައި އިން ޖޫދު ނިދާފައި އޮތް އަންބަރަށް ބަލަހައްޓައިގެން އިނެވެ. ނަމާދުކުރަން އަންބަރަށް ގޮވަންވީ ކަމެއް ނޫނީ ނޫންކަމެއް އޭނާއަށް ނުވިސްނުނެވެ. އެންމެފަހުން އޭނާގެ ހިތް ގޮތެއް ނިންމައިފިއެވެ. އަންބަރަށް ނަމާދުކުރަން ނުގޮވުމަށެވެ. އެކަމަަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ. ސުންނަތް ކަންކަން ރަނގަޅުކުރެވޭނީ ފަރުޟުކުރެއްވި ކަންކަން ރަނގަޅު ކުރުމަށް ފަހުގައެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑު ޖެހެންދެން ސޯފާގައި އިނދެފައި މުސްހަފް ލައްޕާލަމުން ތެދުވީ ފަތިސް ނަމާދަށް އަންބަރަށް ގޮވުމަށެވެ. އެހެންނަމަވެސް އޭނާއަށް ހައިރާންކަމެއް ލިބުނީ ކުއިލްޓް އެއްފަރާތްކޮށްލާފައި އަންބަރް ތެދުވެ ފާހަނާއާ ދިމާލަށް ހިނގައިގަތުމުންނެވެ. އޭނާ ފަތިސްނަމާދުގެ އިހު ސުންނަތްކޮށް ނުނިމެނީސް އަންބަރް އެނދު ކައިިރިއަށް ނަމާދަށް އަރައިފިއެވެ.
ނީލަމް ބަދިގެއަށް ވަންއިރު ޒަހާގެ ހަބަރެއް އަދި ނުވެއެވެ. ފުށްމޮޑެން ތައްޔާރުކޮށްފައި އޭނާ ޖިޔާގެ ކޮޓަރިއަށް ދިޔައީ ޖިޔާ ހޭލައިގެން ފާހާނާއަށް ވަންތޯ ޗެކް ކުރުމަށެވެ. ޖޫދު ނެތް ދުވަސްކޮޅުގައި ގޭތެރޭގެ ހުރިހާ ޒިންމާއެއް ނެގުމުން އޭނާ ހުރީ އެކަމަށް އާދަވެފައެވެ. ކޮޓަރި ދޮރުހުޅުވާލިއިރު އެތެރެއިން ޖިޔާ ފެންނާކަށް ނެތެވެ. އެނދުމަތީގައި ޖިޔާގެ ހުދު ޔުނީފޯމް އޮތެވެ. ފާހާނައިން ފެންއަޑު އިވިއިވި ހުރުމުން ޖިޔާ އުޅެނީ ހޭލާކަން އޭނާއަށް އެނގުނެވެ.
އެނބުރި ބަދިގެއަށް ވަދެފައި ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. މޮޑޭން ތައްޔާރުކޮށްފައި ހުރި ފުށް ތަށި ކައިރީގައި އަންބަރް ހުއްޓެވެ. އަންބަރަށް ނުފެންނާނެހެން ނީލަމް ފާރާ ނިވާވެލިއެވެ. އޭނާ އަންބަރްގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. އިނގިލީ ކުރީގައި ދަތް އަޅާލައިގެން އަންބަރް ހުރީ ފުށްމޮޑޭނެ ގޮތަކާ މެދު ވިސްނާށެވެ. އެހެން އިރުކޮޅަކު ހުރެފައި ލައިގެން ހުރި އަތްދިގު ޓީޝާޓްގެ އަތް މައްޗަށް އޮޅާލައިފިއެވެ. އެއަށްފަހު ދެއަތް އެއްކޮށް ފުށްތަށީގެ ތެރެއަށް ކޮށްޕާލައިފިއެވެ. އިރުކޮޅަކާ އެއް އަތް ނަގާފައި ކަންފަތް ކައިރިން ނެއްޓިގެން މޫނު މައްޗަށް ވެއްޓޭ އިސްތަށިކޮޅު ރީތިކޮށްލާނެއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި ނީލަމް ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް ހަރުކަށިވެލާފައި އޭނާ ބަދިގެ ތެރެއަށް ވަދެގެން ގޮސް ފުރިޖު ކައިރީގައި ހުއްޓިއްޖެއެވެ. މާބޮޑު ސަމާލުކަމެއް އަންބަރަށް ނުދީ މައްސުނި މޮޑޭނެ އެއްޗެހި ހިފައިގެން މޭޒު ކައިރިއަށް ދިޔައެވެ.
"ބާއްޖަވެރި ހެނދުނެއް" ނީލަމް ބަހެއް ނުކިޔުމުން އަންބަރް ބުންޏެވެ. އެވަގުތު ނީލަމްވެސް އެނބުރިފައި ހިނިތުންވުމަކާއެކު އެބަސް ތަކުރާރުކޮށްލިއެވެ.
ފަތް މައްސުނި މޮޑެފައި ނީލަމް ބަލައިލިއިރުވެސް އަންބަރް ފުށް ތަށީގެ ތެރެއަށް އަތް ބާނައިގެން ހުރުމުން ނީލަމް ކައިރިވެލިއެވެ. އަންބަރްއަތުން ފުށްތަށި އަތުލާފައި އަންބަރް ކައިރީގައި ދެއަތް ދޮވެގެން އަންނަން ބުންޏެވެ.
"އަހަރެން މޮޑޭ ގޮތް ބަލަން ހުރޭ. ރަނގަޅަށް ދަސްވީމަ އިބާއަށް މިކަން ވާނީ" އަތް ދޮވެގެން އައިސް އަންބަރް ކައިރީގައި ހުއްޓުމުން ނީލަމް ވާހަކަދެއްކިއެވެ. ފަރިތަކަމާއެކު ނީލަމް ފޮށް މޮޑެމުން ދިޔަ ގޮތް އަންބަރް ބަލަމުން ދިޔައެވެ.
"ފުށް މޮޑޭކަށް ކޮންމެހެން ދެއަތް ބާނާކަށް ނުޖެހޭ. ހަމަޖެހިގެން އެއް އަތުންވެސް ވާނެ" ނީލަމް ބުންޏެވެ. އުނދުން މައްޗަށް ތަވާ ދޮންކުރަން އުދާފައި ފުށް ޓައްޕު ކައިރިއަށް ގޮސް ގުޅަޖަހާފައި ހުރި ފުށްތަށީގެ ތެރެއަށް ހިކި ފުށް ކޮޅެއް އެޅިއެވެ. އެއަށްފަހު ރޮށި ދަމަން ތައްޔާރުވެލިއެވެ.
"އަޅުގަނޑު އަތަށް ދީ ފިހެން" އަންބަރް ގެންގުޅުނު ދޮއެފަތުގައި ހިފަމުން އަންބަރް ބުންޏެވެ.
ދެކުދިން އެކުގައި މަސައްކަތް ކުރުމުން އެހެން ދުވަސް ދުވަހަށް ވުރެ ކުރިން މޭޒުމައްޗަށް ސައި ނެގުނެވެ. އޭރު ތައްޔާރުވެގެން ޖިޔާ ވެސް މޭޒު ކައިރިއަށް އައިސްފިއެވެ. "މަންމަ އެބަ އާދޭ" ޖިޔާ ބުންޏެވެ.
"އިބާ ދާންވީނުން ޖޫދު ރެޑީވެއްޖެތޯ ބަލާލަން" ނީލަމް ބުންޏެވެ. އެއާއެކު އަންބަރް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ކޮޓަރި ދޮރުހުޅުވާލި އަޑަށް ލޯގަނޑު ކުރިމަތީގައި ހުރި ޖޫދު ބަލައިލިއެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕާއި އެތެރެ ނުފެންނަ ކޮތަޅެއް ހިފައިގެން އޭނާ ނުކުންނަން އައެވެ. ފަހަތުން އަންބަރް އައިސް މޭޒު ކައިރީގައި ހުއްޓުނެވެ.
"ވާއު. މިއަދު ޖީ ދާނީ ދޮންބެ އާއެކު ދޯ" ޖިޔާ ބުންޏެވެ.
"އިބާ، ދަރިފުޅު އާދޭ އިށީންނަން މިތާ މަންމަ ކައިރީގަ" ކޮޅަށް ހުރި އަންބަރަށް ގޮވާލާފައި ޒަހާ ބުންޏެވެ. އެއާއެކު މޭޒު ވަށާލާފައި އަންބަރް ގޮސް ޒަހާ ކައިރީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"މޫނުގައި ހާދަ ފުށެއް" އަންބަރްގެ މޫނުމަތި ފޮޅާލަމުން ޒަހާ ބުންޏެވެ. އެއާއެކު ޖޫދުވެސް އަންބަރަށް ބަލައިލިއެވެ.
ބަދިގެ ތެރެއިން އަންބަރް ފެނުނު ވާހަކަ އާއި އަންބަރްގެ ހަރަކާތްތައް ހުރިގޮތް ނީލަމް އެންމެންނަށް ކިޔައިދިނެވެ. ޖޫދު ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޒަހާއަށް ހިނިތުންވެވި އަންބަރްގެ އަތުގައި ހިފާލިއެވެ.
"އިބާދައްތަ ޑޯންޓް ވޮރީ. އަދި ޖީ އަށްވެސް ނޭނގެއޭ ފުށްމޮޑެފައި އަމިއްލައަށް ރޮށިފިހޭކަށް" ހީލަމުން ޖިޔާ ބުންޏެވެ.
ސައިބޮއެ ނިމިގެން އެންމެން ތެދުވި ވަގުތު ނީލަމްއަށް ޖޫދު ގޮވާލިއެވެ. ނީލަމް ކައިރިއަށް އައުމުން ތިރީގައި ބަހައްޓާފައި ހުރި އެތެރެ ނުފެންނަ ކޮތަޅު ނީލަމްއަތަށް ދިނެވެ. އޭގައި ހިފާފައި ނީލަމް ޖޫދަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"އަހަރެން ދުވަހަކުވެސް އަދި މަންމަ އާއި ޖީ ދޫކޮށްލާފައި މިރަށުން ފުރައިގެން އެއްވެސް ތަނަކަށް ނުދަން. މިފަހަރު އަހަރެން ނެތްއިރު މަންމަ އާއި ޖީގެ ހުރިހާ ކަމެއް ނީލަމް ބަލަހައްޓައިދިނީތީވެ ތިއީ އަހަރެންގެ ފަރާތުން ނީލަމްއަށް ދޭ ކުޑަކުޑަ ހަދިޔާއެއް" ޖޫދު ބުންޏެވެ. ނީލަމް ޝުކުރުއަދާކުރިއެވެ. އަދި އޭނާ އެކަންތައް ކޮށްދިނީ އެއްވެސް ހާލެއްގައި ބަދަލަކަށް ބޭނުންވެގެން ނޫންކަމުގައި ބުންޏެވެ.
ބުމަރެއްހެން ކޮޓަރިއަށް ވަދެގެން އައި ހުދާ ފެނިފައި ފާހާނާއަށް ވަންނަން ދިޔަ މަތީނު ހުއްޓުނެވެ. އެއްތަނެއްގައި ހަރުނުލައި އަނބިމީހާ ދެކޮޅަށް ހިނގަން ފެށުމުން ވީގޮތެއް ނާހައި މަތީނު ފާހާނައަށް ވަންނަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އައިސް ހިނގަ ހިނގާހުރި ހުދާގެ ދެކޮނޑުގައި ހިފެހެއްޓިއެވެ.
"އަހަރެންގެ ގައިގައި އަތްލާނެ ކަމެއް ނެތް" މަތީނުގެ ދެއަތް ފޮޅުވާލާފައި ހުދާ އެނދުގައި އިށީނެވެ. ހުދާއަށް ބަލައިލާފައި މަތީނު ގޮސް ހުދާއާ ޖެހިގެން އިށީނެވެ. އައްމާރުގެ ކައިވެނީގެ ވާހަކަ ދެކެވުނު ދުވަހުން ފެށިގެން ހުދާގެ މޫނުމަތިން ހަމަޖެހުމެއް ނުފެނެއެވެ. ރަނގަޅަށް ބަހެއް ނުކިޔާތާ ރަނގަޅަށް ކައިބޮއެވެސް ނަހަދައެވެ.
"ކޮންމެ ކަމެއްވެސް ހައްލުވާނީ ވާހަކަދައްކައިގެން" މަތީނު ބުންޏެވެ.
"އެހެންތަ. ވާހަކަދައްކައިގެންތަ ހައްލުވާނީ" ރުންކުރުކަމާއެކު ހުދާ ބުންޏެވެ.
"މިހުރިހާވެސް ކަމަކީ މަތީނުގެ ކަންތައް. ދަރިން ނަގައި ބޮލަށް ލައިގެން އުޅުނީމަ ވާނެ ހަ އެއްޗެއް ވެނިމިފައި މިއޮތީ" ހުދާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމާއި ރުޅިވެރިކަން އެކުލެވިގެންވިއެވެ.
"އާ އަހަރެންނަކީ ކާކު؟ އާއިލާގެ އެއްވެސް ކަމަކާ ބެހޭވަރަށް ވުރެ ދުރު މީހެއް މަށަކީ" ހުދާ ކިޔަމުން ދިޔައެވެ.
"ހުދާ ކީކޭ ތިކިޔަނީ. ތަންކޮޅެއް ހަމަޖެހިބަލަ. ތިހެން އަބަދު ރުޅިގަދަވެގެން އުޅެނިކޮށް ބައްޔެއްވެދާނެއްނު" މަތީނު ބެލީ ލޯތްބާއެކު އަނބިމީހާއަށް ވިސްނައިދޭށެވެ.
"ފާޑެއްގެ މޫނު ބުރުގާ އަޅާ އަންހެނަކާ އައްމާރު އިނުމަށް ވުރެ އަހަރެންނަށް މާ ރަނގަޅު ތިބުނާ ކަހަލަ ބައްޔެއްވެގެން އަހަރެން މިދުނިޔެ ލާފައި ދިޔަސް" ހުދާ ބުންޏެވެ. ވަގުތުން މަތީނު ހުދާގެ އަނގަމަތީގައި އަތް އެޅިއެވެ.
"މާތްކަލާކޮ. ތިކަހަލަ ބަސްތައް ބޭނުންނުކުރޭ" މަތީނު ބުންޏެވެ.
"ކީއްވެ ނުކުރާންވީ. މޫނު ބުރުގާ އަޅައިގެން ހުންނަ ކޮންމެ މީހަކީ ތިބުނާހާ ހެޔޮ މީހެއް ނޫނޭ" ހުދާ ބުންޏެވެ. "ކޮންމެސް ކަމެއް ވީމައެއްނު އަހަރެމެންނާ ހަމައަށް އެ އަންހެނާ ނުގެންނަން އެ އުޅެނީ. މަތީނަކަށް އަޑެއް ނީވޭތަ އޭނަ ބުންޏެއްނު ކައިވެންޏަށް ފަހުވެސް އަހަރެމެން ތިބި ހިސާބަކަށް އެ އަންހެނާ ނުގެންނާނަމޭ. ރަނގަޅަށް މަގޭ ދަރީގެ ބޮލަށް އެރިފައި އެ އަންހެނާ އެހެރީ. އެއީ ދީނީ ރަނގަޅު އަންހެނެއްނަމަ ފިރިހެންކުއްޖާ އާއިލާ އާ ދުރުކުރާނެތަ؟" އެއްނޭވައިން ހުރިހާ އެތިފަހަރެއް ހުދާ ގޮވާލިއެވެ. ރުޅިއައިސްފައި ހުރި ވަރުން އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"ރުޅިއައިސްފައި ހުންނައިރު އެއްވެސް އެއްޗެއް ރަނގަޅަށް ނުވިސްނޭނެ. އާދެބަލަ އިށީނދެލަން" އޯގާތެރިކަމާއެކު މަތީނު ބުންޏެވެ. އެހެންނަމަވެސް މަތީނު ދުރުކޮށްލާފައި ހުދާ ޖެހުނީ ފަހަތަށެވެ.
"މިހުރިހާވެސް ކަމަކީ މަތީނުގެ ކަންތައް. އުފަންދުވަހުގެ ހަދިޔާއެކޭ ކިޔާފައި ކީއްކުރަން ހުޅުމާލެއިން އޭނައަށް ގެއެއް ގަނެދިނީ. އެ ރަންޑި އާ އިނދެގެން ދެން ދާނީ އެގެއަށް އުޅެން" ހުދާ ވާހަކަދެއްކިއެވެ.
"ހުދާ... ހުދާ.... އަހަރެންގެ ލޯބިވާ އަނބިކަމަނާ.... ތި ރުޅި މަޑުކޮށްބަލަ. ރުޅިއަކީ ނަރަކައިން ނަގާ އެއްޗެކޭ. އަހަރެން ކިހިނެއް ހުދާ އާ ރީއްޗަށް ބަހެއް ކިޔާނީ. ރުޅިމަޑުވީމަ މަށަށް ގުޅާތި. މި މިދަނީ" މަތީނު ކޮޓަރިން ނުކުމެގެން ދިޔައެވެ. އިތުރަށް ހުދާއާ ވާހަކަދައްކާނެ ގޮތެއް އޭނާއަށް ނޭނގުނެވެ.
އާ ދުވަހެކެވެ. ތައްޔާރުވެގެން ސީނާ ކޮޓަރިން ނުކުތްއިރު އިސްހާގު ސޯފާގައި އިނެވެ. އޭނާ އެނގޭކަމަށް ނަހަދައި ބަދިގެއާ ދިމާލަށް ދިޔައެވެ. ކާއެއްޗެއް ރޯފިލުވުމުގައ ރިކްޒާ ބަދިގޭގައި އުޅުނެވެ.
"ދަރިފުޅާ. މަންމަ މިދަނީ ކައުންސިލު އޮފީހުން ގުޅާފައި ބައްދަލުކޮށްލަން ބުނީމަ އިނގޭ" ބަދިގޭ ދޮރަށް އަރާފައި ސީނާ ބުންޏެވެ.
މަގަށް ނުކުމެ ހިނގައިގަތްތަނާ ސީނާގެ ކުރިމައްޗަށް އެރި މީހަކު ފެނިފައި އިސްޖަހާލިއެވެ. ހިނގައިގަންނަންވެސް އިސްއުފުލާ ބަލައިލަންވެސް އޭނާއަށް ނުކެރުނެވެ. ކުރިމަތީގައި ބޮޑުހެދުންލާފައި ބުރުގާ އަޅައިގެން ހުރި ސީނާ ފެނިފައި ޖޫދަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހިތަށް ފިނިކަމެއް ލިބިގެން ހިނގައްޖެއެވެ.
(ނުނިމޭ)