ތެއްތިރީސްވަނަ ބައި
ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފޮށިގަނޑުގެ މަތިގަނޑު ނަގާފައި އެއްފަރާތުގައި ބޭއްވިއެވެ. ފޮށިގަނޑުގެ ތެރޭގައި ހުރި އެއްޗެހިތަކުގެ ތެރެއިން އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ފުޅިމަދުން ތައްޔާރުކޮށްފައި އޮތް އުފަންދުވަހުގެ ކާޑެއްގައެވެ. އެ ނަގާފައި ބަލައިލިއިރު ކާޑުގެ އަނެއް ފުށުގައި އިން ފޮޓޮއެއް ފެނުނެވެ. އޭގެ ތިރީގައިވާ ލިޔުންކޮޅު ކިޔާލުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.
"އައި ލަވް ޔޫ މައި ކެޓް" ދެލޮލުން ވެއްޓުނު ކަރުނަތިއްކާއެކު ފޮޓޯގައި އިން ވާރިޝްގެ މޫނުގައި އޭނާ ފިރުމާލިއެވެ. އިސާހިތަކު އޭނާގެ ލޯކުރިމަތީގައި މާޒީގެ ތެރެއިން ދުވަހެއްގެ މަންޒަރުތައް ތަމްސީލުވާން ފެށިއެވެ.
އެއީ ވާރިޝް އޯލެވެލްގެ ނަތީޖާ ލިބުނު ދުވަހެވެ. ބަދިގޭގައި ކައްކަން ހުރި ފަރީހާ ސިޓިން ރޫމަށް ނުކުމެ ބަލައިލީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. ހުދު ކުލައިގެ އަތްދިގު ގަމީހެއްގައި ހުރި އިސްކޮޅުން ދިގު ފިރިހެން ކުއްޖެއް ސޯފާގައި އޮވެ ފުމެނީއެވެ. ބައެއްފަހަރު ވަރަށް ބާރަށް ހިނިގަނޑެއްވެސް ޖަހާލައެވެ. އެމަންޒަރުތައް ބަލަހައްޓައިގެން ހުރި ފަރީހާއަށް ހެވުނެވެ. ދުވަހަކުވެސް އޭނާގެ ދަރިފުޅު އެހާ މަޖާވެފައި އުޅުނު ދުވަހެއް ހަނދާނެއްނެތެވެ. ކޮޓަރީގައި އޮތް ނީލަމްވެސް ނުކުތީ ގޭތެރޭގައި އަޑުބާރުވެގެންނެވެ.
ޓީވީއިން ލަވަ އަންނަ ޗެނަލަކަށް ލައިގެން ހުރެ ވޮލިޔުމް އެންމެ ބާރުކޮށްލާފައި ބީޓްތަކާ އެއްވަރަށް ފައިހަމަކުރަމުން ދިޔަ ފިރިހެންކުއްޖާ ފެނިފައި ނީލަމްއަށް ހެވުނެވެ. އޭނާ ހުނުން ހުއްޓާލިއިރުވެސް އެކުއްޖާއަށް ހިލަމެއް ނުވިއެވެ. އެންމެފަހުން ނީލަމް އެދިމާލަށް ހިނގައިގަތެވެ. ސޯފާމަތީގައި އޮތް ރިމޯޓު ނެގި ގޮތަށް އޭނާ ޓީވީ ނިއްވާލައިފިއެވެ. ފިރިހެންކުއްޖާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އެވަގުތުއެވެ. ނީލަމްއަށް ދެލޯ އަޅައިލިގޮތަށް ކުކުޅެއް ފަހާ ދުއްވައިގަންނަހެން ނީލަމް ފަހަތުން ދުއްވައިގަނެއްޖެއެވެ. ސޯފާ ވަށައިގެން ނީލަމް ފަހަތުން އޭނާ ދުވަމުން ދިޔައެވެ. އެންމެ ފަހުން ސޯފާއަށް ވެއްޓިގަތްއިރު ދެކުދިންނަށް މާނޭވާ އެޅެއެވެ.
"ކިހާ ދެރަކަމެއް މައުސްގަނޑާ" ސޯފާގައި އޮތް ފިރިހެންކުއްޖާއަށް ނީލަމް ބުންޏެވެ.
އެހެންމީހުންގެ ބޮލަށް އުނދަގުކުރަންޖެހޭތަ؟ ނީލަމް ބުންޏެވެ.
"ކެޓް، ގެސްވަޓް؟ އައި ގޮޓް އޭ ހުރިހާ މާއްދާއަކުން" ފިރިހެންކުއްޖާ ބުންޏެވެ. ނީލަމްއަށް އަނގައިގައިވާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވިއްޖެއެވެ. ފިރިހެންކުއްޖާގެ ގައިގައި ބައްދާލިގޮތަށް ދުރުވެސް ނުވެވުނެވެ. އެންމެފަހުން ފިރިހެންކުއްޖާ ނޭވާ ހާސްވެގެން ގަދަކަމުން ދުރަށްލާން އުޅުމުންވެސް ނީލަމް ދުރަށް ނުދިޔައެވެ. ކޮއްކޮގެ ކިޔެވުމަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުމުން ހަގީގަތުގައިވެސް އޭނާ ވަރަށް ހިތްހަމަ ޖެހިއްޖެއެވެ.
"މަންމާ، ހެލްޕް" ދުރުގައި ހުރި ފަރީހާއަށް އަތްދިއްކޮށްލަމުން ފިރިހެންކުއްޖާ ގޮވާލިއެވެ.
"ދަރިފުޅާ ލަމް، ދެން ދޫކޮށްލާ" ދެކުދިން ކައިރިއަށް އައިސް ހުއްޓުނު ފަރީހާ ނީލަމްގެ އަތުގައި ހިފައި ދުރުކޮށްލަން އުޅުނެވެ. އެންމެ ފަހުން ނީލަމް ދުރަށްޖެހުމުން ފިރިހެންކުއްޖާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ.
"ލެޓްސް ސެލެބްރޭޓް" ނީލަމް ބުންޏެވެ.
"ނޫޅެން ވައިލްޑް ކެޓް އަކާއެކު ސެލެބްރޭޓްކުރަން. ކިރިޔާއޭ މަރާނުލީ"
"ހެހެހެ... އެއީ ލޯބިންނޭ ދޮންތަގެ ލޯބިވާ މައުސް"
"މަންމަ ބުނީމެއްނު ދެކުދިން އެކަކު އަނެކަކަށް ތިކަހަލަ ނަން ނަމުން ނުކިޔާށޭ. މާޝާﷲ. މަންމަގެ ހުރިހާ ދަރިންގެ ނަންވެސް އެއީ މި ދުނިޔެއިން މަންމައަށް އެންމެ ރީތި ނަންތައް" ދެކުދިން ކައިރީގައި އިށީނދެފައި ފަރީހާ ވާހަކަދެއްކިއެވެ.
"އެއީ މަޖާ މަންމާ" ފަރީހާއަށް ނީލަމް ބުންޏެވެ. ދެން އޭނާ ބަލައިލީ ފިރިހެންކުއްޖާއަށެވެ. "ދެން މައުސް ޕްލޭން ކުރަނީ ކިހިނެއް؟ އިތުރަށް ކިޔަވަން ބޭނުމިއްޔާ ދޮންތަ އެހީވާނަން" ނީލަމް ބުންޏެވެ.
"އުނހޫ. ކިޔަވާ ކިޔަވާ ވަރުބަލިވެއްޖެ. ވިސްނަބަލަ. މެދުކެނޑުމެއްނެތި ދިހަ އަހަރު ކިޔަވައިފިން. ދެން ނުކިޔަވާނަން. ބޭނުމީ އަވަހަށް މީހަކާ އިންނަން" އެހެން ބުނެފައި ފިރިހެންކުއްޖާ ޖަހާލީ ހިނިގަނޑެކެވެ. އެހުނުމުގައި ނީލަމްގެ އިތުރުން ފަރީހާވެސް ބައިވެރިވިއެވެ.
ހިޔާލުތަކުގެ ފުން ކަނޑަކަށް ގެނބިފައި އިން ނީލަމްއަށް ހެވިއްޖެއެވެ. އޭނާއަށް ހީވީ އެދުވަހު އުޅުނު ފިރިހެންކުއްޖާގެ ހިނިގަނޑު އޭނާގެ ކަންފަތާ ކައިރިން އިވިލި ހެންނެވެ. ފޮޓޯގައި އިން ވާރިޝްއަށް އަދި އެއްފަހަރު އޭނާ ބަލައިލިއެވެ. ދުނިޔެ އެކި ދުވަހު ދައްކާ ކުލަވަރު ތަފާތެވެ. އިންސާނާގެ ހަޔާތަކީވެސް އެކަހަލަ އެއްޗެކެވެ. އެކި މީހުންގެ ހަޔާތް އެކި ދުވަހު އެކިގޮތެވެ. އެދުވަހު ވާރިޝް މީހަކާ އިންނަން ބޭނުންވާ ވާހަކަ ބުނީ މަޖަލަކަށް ކަމަށް ހީކުރެވުނަސް އެކަން ވެގެން ދިޔައީ ކުށްހީއަކަށެވެ. އެދުވަހު ވާރިޝް އެވާހަކަދެއްކީ ހަގީގަތުގައިވެސް އޭނާ އެކަން އެގޮތަށް ކުރަން ބޭނުންވެގެންނެވެ. އޭނާއަށް އަންބަރް ނޫނީ އެހެން އެއްވެސް އެއްޗެއް މުހިންމެއް ނުވިއެވެ. އެންމެފަހުން އޭނާ ބަހުގައި ހިފަހައްޓައި އާއިލާއާ ވަކިވެގެން ދިޔައީއެވެ. ނީލަމްގެ ހަޔާތުގެ ހިތްދަތި ފެށުން ގެނުވި ދުވަހަކީ ވާރިޝް އޭނާ އާއި ފަރީހާ ދޫކޮށްލާފައި ދިޔަ ދުވަހެވެ. ލޭގެ ގުޅުމެއް ނެތް ނަމަވެސް ވާރިޝްއަކީ އޭނާގެ ހިތާ އެންމެ ގާތް އެއްފަރާތެވެ.
އަންބަރްގެ ހާލު ދުވަހެއް ދުވަހަކަށް އަންނަނީ ރަނގަޅު ވަމުންނެވެ. އޭނާ މާގިނައިން ވާހަކައެއް ނުދައްކައެވެ. އަމުދުން ހިނިތުންވުމެއް އަންބަރްގެ ތުންފަތް މަތިން ނުފެނެއެވެ. ޖޫދުއާ އެއްގޮަތަކަށްވެސް ވާހަކައެއް ނުދައްކައެވެ. އެކަމާ ޖޫދު މާބޮޑަށް ނުވިސްނައެވެ. އޭނާއަށް އަންބަރްގެ ފަރާތުން ނަފުރަތެއް ނުވަތަ ހިތްހަމަނުޖެހުމެއް ނުފެންނާތީ އެކަމާ އުފާކުރެއެވެ. ބުނުމަކާ ނުލައިވެސް ނަމާދުކުރާ މަންޒަރު ފެންނާތީ އޭނާގެ ހިތުގައި ޝަކުވާ ނުއުފެދެއެވެ.
އާދައިގެމަތިން ކައުންސެލިން ގަޑި ނިމުނުތަނާ ޑޮކްޓަރުންގެ ޓީމެއް އައިސް ވަދެއްޖެއެވެ. އެއްފަހަރާ އެހާ ބައިވަރު މީހުން ފެނުމުން އަންބަރް ހާސްވިއެވެ. ކަމެއް ގޯސްވީކަމަށް ހީކޮށް އަތްފައި ފިނިވެލިއެވެ. އަންބަރަށް ބަދަލުތަކެއް އައިސްފިކަން އެނގުމުން ޑޮކްޓަރުންގެ އެދުމަށް ސުމައްޔާ އާއި ހާތިމް ކޮޓަރިން ބޭރުގައި މަޑުކޮށްލިއެވެ. އަންބަރާ ގުޅިގެން ޑޮކްޓަރުން ސުވާލުކުރަމުން ދިޔައީ ޖޫދާއެވެ. ބައެއްފަހަރު އަންބަރް އެއްޗެއް ބުނެލައެވެ. ދެން ޑޮކްޓަރުން ދިން ހަބަރާއެކު އަންބަރަށް ހިނިތުންވެވުނެވެ.
"ހަމަ އަސްލަށްވެސް އަޅުގަނޑު ދޫކޮށްލާންތަ ތިއުޅެނީ؟" އަންބަރަށް ހެވިއްޖެއެވެ. ޑޮކްޓަރުންގެ ޓީމުގައި ހުރި ދިވެހި ޑޮކްޓަރެއް ހިނިތުންވެލަމުން ބޯޖަހާލިއެވެ.
"އެހެންކަމަށް. އެކަމަކު ދެން ރަށަށް ގޮސް މޫދަށް އެރުނަސް ފުން ހިސާބުތަކަށް ނުދާތި އިނގޭ. ފަތަން ދަސްކުރުމަކީ މުހިންމު ކަމެއް" ޑޮކްޓަރު ބުންޏެވެ. އަންބަރް އިސްޖަހާލިއެވެ. އެދުވަހު އޭނާއަށް ކަންތައްދިމާވި ގޮތް އެއްވެސް އިންސާނަކަށް ނޭނގޭނޭ ހިތް ބުނެލިއެވެ. އަންބަރަށް ވީގޮތް ޖޫދަށް ފެނުނެވެ.
"އަޅުގަނޑު އޭނައަށް ފަތަން ދަސްކޮށްދޭނަން" ޖޫދު ބުނެލިއެވެ. އަންބަރް ޖޫދަށް ބަލައިލިއެވެ. އެއާއެކު ޖޫދު ނަޒަރު ހުއްޓާލީ ދުރަށެވެ.
"ކޮންއިރަކުންތޯ ޑިސްޗާޖު ލިޔުންތައް ލިބޭނީ" ޖޫދު އެހިއެވެ.
"މާދަމާ. މިއަދު އަދި ރަނގަޅުތޯ ބަލާލާފައި ދޯ" ޑޮކްޓަރު އަންބަރަށް ބުންޏެވެ. އެއާއެކު އަންބަރް ބޯޖަހާލިއެވެ.
ޑޮކްޓަރުންގެ ޓީމު ދިޔުމުން ސުމައްޔާގެ ދެމަފިރިން އެތެރެއަށް ވަނެވެ. އަންބަރްގެ ހިނިތުންވެފައިވާ މޫނު ފެނުމުން ރަނގަޅު ހަބަރެއް ލިބިއްޖެކަން އެމީހުންނަށް އެނގުނެވެ.
"މާދަމާ ދޫކޮށްލާނެޔޯ" ޖޫދު ބުންޏެވެ. ސުމައްޔާއަށް ހިނިތުންވެވުނެވެ. އަންބަރަށް ދިމާވި ހާދިސާއަށްފަހު މާލޭގައި ތިބޭތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ވަޒަންވެރިވެފައިވާ ރަށަށް ދާން އޭނާވެސް ހުރީ ނުހަނު ބޭނުންވެފައެވެ.
"މަންމަގެ ދަރިފުޅަށް ފަތަން ދަސްކޮށްދޭށޭ ޑޮކްޓަރުން ބުނީ" ސަމާސާ އެކުލެވޭ ރާގެއްގައި ޖޫދު ބުންޏެވެ. އަންބަރް ޖޫދަށް ބަލައިލިއެވެ. އެފަދަ ގޮތަކަށް ޖޫދު އެއްޗެއް ބުނި އަޑު އޭނާއަށް އިވުނީ ހާދަ ދުވަހެއް ފަހުންނެވެ.
"ބަލަންވީ ދޯ ޓިކެޓްގެ ކަންތައް ހަމަޖެއްސޭތޯ" ހާތިމް ބުންޏެވެ.
"އާނ. އަހަރެން އަދި ބޭނުން ވިޔަފާރިކޮށްލަންވެސް" ސުމައްޔާ ބުންޏެވެ. "މަންމަ މިރޭ ނުކުމެލާނަން އިނގޭ ވިޔަފާރިކޮށްލަން"
އައްމާރު ދިން ހަބަރާއެކު ހުދާ އާއި މަތީނު ޖެހިގެން އައި ދުވަހު އައްމާރާ ބައްދަލުކުރަން އައެވެ. މައިންބަފައިން ފެނުމުން މިފަހަރު އައްމާރަށް ސިހުމެއް ނުލިބުނެވެ. އޭނާ މީހަކާ އިންނަ ވާހަކަ ބުނާއިރަށް މައިންބަފައިން ކަންބޮޑުން ފާޅުކުރާނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ. އެކަމަށް އޭނާ ހުރީ ތައްޔާރުވެސް ވެގެނެވެ. މައިންބަފައިން ބުނާ އެއްޗަކަށް މިފަހަރު އޭނާ ފަހަތަށް ނުޖެހޭނެއެވެ. އޭނާގެ ވިސްނުމާ އެއްކޮޅަށް އަރަން މައިންބަފައިން ތައްޔާރުވާންވީ ވަގުތު ޖެހިއްޖެއެވެ.
ކޮށިގަނޑަށް ހާޒިރުކުރެވިފައިވާ ކުށްވެރިއެއް ފަދައިން މައިންބަފައިންގެ ކުރިމަތީގައި އައްމާރު އިނެވެ.
"ބައްޕަ މިއަހަނީ އެއީ ކޮންކުއްޖެއްހޭ" މަތީން ސުވާލުކުރިއެވެ.
"އެއީ ކާކު ކަން ބުނުމުން މަންމަ އާއި ބައްޕައަށް ޝޮކެއް ލިބިދާނެ" އައްމާރު ބުންޏެވެ. ހުދާ ހިލިގަތީ އެވަގުތުއެވެ.
"ހަނދާންނައްތާނުލާތި އަހަރެމެންގެ އާއިލާއަކީ މާލޭގައި ގަދަރުވެރި އާއިލާއެއްކަން. އިންނަން ކިޔައިގެން އެ އުޅެނީ މީހެއްގެ އަންބަކާ ނޫން ކަމެއްވެސް ނޭނގެ" ހުދާ ބުންޏެވެ.
"އެއީ ކުރިން މީހެއްގެ އަންބެއް. އެކަމަކު މިހާރު މިނިވަނެއް. އޭނާގެ ފިރިމީހާ މިހާރު ދުނިޔެކު ނެތް" އައްމާރު ބުންޏެވެ.
"ކިތައް ދަރިންގެ އަމައެއް. އަހަރެން ހަމަ އަޖައިބުވެއްޖެ އައްމާރުގެ ވިސްނުންކޮށި ކަމާމެދު. ބަލަ މާލޭގައި މިހާރުވެސް އައްމާރާ އިންނަން ބޭނުންވާ ކިތަންމެ ކުއްޖެއް އެބަތިބި. ބައްޕަގެ ނުލާހިކު ގާތް މުއްސަނދި މީހުންގެ ދަރިން. ބަލާލަންވެސް އެހާ ރީތި. ރަނގަޅަށް ކިޔައިވައިގެން ތިބި ކުދިން" ހުދާ ވާހަކަދެއްކިއެވެ.
"މަންމާ، ތީއޭ މަންމަމެންގެ މައްސަލައަކީ. ބަލަ މަންމަމެންނަށް ތި މުއްސަނދިކަމާއި ހައިބަތު ދެއްވެވި ފަރާތުންނޭ މިދުނިޔޭގައި ނިކަމެތިންވެސް ލެއްވީ. އެމީހުންވެސް ޖެހެއޭ ދިރިއުޅެން. އެމީހުންނާވެސް ކޮންމެވެސް ބަޔަކު އިންނަންޖެހެއޭ. ކާކު ބުނީ މީހަކާ އިނދެފައި ހުރި މީހަކާ އިނުމަކީ ފާފައެކޭ؟ ކާކު ބުނީ ދަރިން ތިބި އަންހެނަކާ އިނުމަކީ ފާފައެކޭ؟ ހުވަފަތްވެފައި އިން މީހަކާ އެހެން ނޫނީ ތިމާއަށް ވުރެ އުމުރުން ދުވަސްވީ މީހުންނާ އިނުމަކީ ހަރާންކަމެކޭ. މަންމަ ވިސްނަބަލަ މި ދުނިޔެ މައްޗަށް ﷲ ތައާލާ ފޮނުއްވި އެންމެ މާތް އިންސާނާވެސް އުމުރުން 40 އަހަރުގެ އަންހެނަކާ އިންއިރު އެކަލޭގެފާނުގެ އުމުރުން އެންމެ ފަންސަވިސް އަހަރު. އަހަރެމެންގެ ދިރިއުޅުން ބައްޓަންކުރަންވީ އެގޮތަކަށް ނޫންތަ؟ ސީރިޔަސްލީ މަންމާ. އައި އެމް ވެރީ ޑިސަޕޮއިންޓެޑް. މަންމަމެންގެ ތި ޗީޕް ވިސްނުން ބަދަލުކުރަންވެއްޖެ" އައްމާރު ވާހަކަދެއްކިއެވެ.
ކުރިމަތީގައި އިނދެގެން ވާހަކަދެއްކީ އޭނާގެ ބަނޑުން އުފަންކުރި ދަރިއެއް ކަމަށް ގަބޫލުކުރަން ހުދާ ބޭނުމެއްނުވިއެވެ. މީގެކުރިން އޭނާ ނުބުނާ ގޮތަކަށް ފިޔަވަޅެއްވެސް އަޅާފައިނުވާ ދަރިއަކު އެ މޭރުމުން ވާހަކަދެއްކުމުން އެކަން ހުދާއަށް ބަލައިނުގަނެވުނެވެ.
"މިއީ މަތީނުގެ ކަންތައް. ވިޔާފަރީގެ ކަންތައްތައް ހަވާލުކޮށްފައި އޭނަ މިރަށަށް ފޮނުވީ ކީއްކުރަން؟ އަހަރެންނަށް ޔަގީން އެ އުޅެނީ މިރަށުން މުސްކުޅި ދައިތަގަނޑެއް ހޯދައިގެންކަން" ހުދާގެ ހުރިހާ ރުޅިއެއް ބޭލީ ކައިރީގައި އިން މަތީނަށެވެ. މަތީނު ހަމަ ބަހެއްވެސް ނުކިޔާ އިނެވެ. އައްމާރު ދެއްކި ވާހަކަތަކާ އޭނާއަށް ދެކޮޅެއް ނުވެވެއެވެ. ނިކަމެތިންނަކީވެސް އިންސާނުންކަން ފިރިހެން ދަރިފުޅުގެ ވާހަކަތަކުން އޭނާއަށް ވިސްނިއްޖެއެވެ.
"މަންމާ، އަހަރެން އިންނަން ހޯދީ ވަރަށް ރީތި ކުއްޖެއް. މަންމަމެންނަށް އެއީ ކާކުކަން އެނގޭނެ. ކޮންމެގޮތެއްވިޔަސް މިފަހަރު އަހަރެން ފަހަތަކަށް ނުޖެހޭނަން. މަންމަމެން އަހަރެން ހިފަހައްޓަން ނޫޅެއްޗެ. އަހަރެން މިދެނީ ޔަގީންކަން މަންމަމެން ލަދުގަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރާނަން" އައްމާރު ބުންޏެވެ. "ޕްރޮމިސް މަންމާ"
އައްމާރު އަތް ދުރަށް ފޮޅުވާލާފައި ހުދާ ތެދުވެގެން ހިނގައިގަތެވެ. އައްމާރު ދެއްކި އެއްވެސް ވާހަކައަކަށް ހުދާ އެއްބަހެއް ނުވިއެވެ. އެކަން އޭނާގެ އަމަލުތަކުން ދައްކައިދީފިއެވެ.
"ބައްޕަމެންނަށް ވަގުތު ބޭނުންވޭ" އެންމެ ފަހުން މަތީނުވެސް ތެދުވެގެން ދިޔައެވެ.
ފުންނޭވައެއް ދޫކޮށްލުމަށްފަހު އައްމާރު ނުކުތީ ބެލްކަންޏަށެވެ. މޫނުމަތީގައި ބީހިލި ތާޒާ ވައިރޯޅިން އޭނާގެ ސިކުނޑި ހަމަޖެހިއްޖެއެވެ. ދުރުން ފެންނަން އޮތް ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލުމާއެކު އޭނާ ނީލަމްގެ ނަން ކިޔާލައިފިއެވެ.
ސުމައްޔާ އާއި ހާތިމް ދިޔުމުން އަންބަރަށް އެކަނިވެރިކަމެއް އިހުސާސްވިއެވެ. ޖޫދާއެކު ހަތަރުފާރުގެ ތެރޭގައި އޭނާއަށް ބީރައްޓެހިކަމެއް އިހުސާސްވަމުން ދިޔައެވެ. ފޯނާ ކުޅެން އޮތް ޖޫދު ވަގު ލޮލުން އަންބަރަށް ބަލައިލިއެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އަންބަރް އޮތީ ވިސްނުމެއްގައި ހެން ޖޫދަށް ހީވިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އަންބަރާ ވާހަކަދައްކަން ޖޫދަށް ނުކެރުނެވެ. ނޭނގުމުގެ ތެރެއިންވެސް އަންބަރް ނުރުހޭ ކަމެއް ކުރެވިދާނެތީ އޭނާ ކަންބޮޑުވެއެވެ. އިރުކޮޅަކު ބާލީހުގައި ބޯއަޅާލައިގެން އޮވެފައި އަނެއްކާވެސް އަންބަރަށް ބަލައިލިއެވެ. އޭނާއަށް ފެންނަން އޮތީ އެއް އަރިއަކަށް އޮތް އަންބަރްގެ ބުރަކައްޓެވެ. ދެން ބަލައިލީ މޭޒުމަތީގައި ހުރި ކާއެއްޗިއްސަށެވެ. ސުމައްޔާ ކާންދޭން އުޅުމުން އަންބަރް ބަނޑުހައިނުވާކަމަށް ބުނުމުން ކާއެއްޗެހި ހުރީ އޭނާ ބުނަންދެން ބަހައްޓާފައެވެ. އޭގެފަހުންވެސް މިހާރު ގަޑިއެއްގެ އިރު ފާއިތުވެގެން ހިނގައްޖެއެވެ. ކިތަންމެ ގިނައިރު ވިޔަސް އަންބަރު ބަނޑުހައިވެގެން ނުބުނާނެކަން އެނގޭތީ ޖޫދު ތެދުވެއްޖެއެވެ.
"ކާންވީނުން" ޖޫދު ބުންޏެވެ. އަންބަރްގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އެރިއެވެ. އެނބުރެން ނޭނބުރެން އުޅޭ ކަހަލަ ގޮތަކަށް އުއްޑުން ޖެހިލައިފިއެވެ. ކާއެއްޗެހި ތައްޓަށް އަޅައިގެން ސަމުސާ ލައިގެން އައިސް އަންބަރަށް ދިއްކޮށްލިއެވެ. އަންބަރް ތެދުވެފައި ޖޫދު ދިއްކޮށްލައިގެން ހުރި ތަށީގައި ހިފިއެވެ. އޭނާ ލަސްލަހުން ކާން ފެށުމުން ޖޫދު ޖޫސްތަށި ހިފައިގެން އައިސް އަންބަރާ ދުރުގައި އިށީނދެއްޖެއެވެ.
އެއްބައި ކައިފައި ތަށި ހިފައިގެން އަންބަރް އެނދުން ފޭބިއެވެ. އޭނާ އުޅުނީ ޖޫދުއާ ނުޖައްސައި އަމިއްލައަށް ކެއި ތަށި ދޮވެލާށެވެ. އެހެންނަމަވެސް އޭގެކުރިން ޖޫދު އޭނާގެ ކުރި ބައްދައިފިއެވެ.
"އަހަރެން ދޮވެލާނަން. ދޭ އެނދުގައި އިށީންނަން. މިހާރު ނަރުހުން އަންނާނެ ބޭސްދޭން" ތަށީގައި ހިފަމުން ބުންޏެވެ. އަންބަރް ވަރަށް ފަސޭހައިން ތަށިން ދޫކޮށްލައިފިއެވެ. އޭނާ ޖޫސްތަށި ހުސްކޮށްލާފައި ޖޫދު އަތަށް ހުސް ތަށި ދޭން ނުކެރިފައި ހުއްޓެވެ. އެކަން ޖޫދު ދެނެގަތެވެ. ތަށިތައް ހިފައިގެން އޭނާ ފާހާނާއަށް ވަނުމުން އަންބަރް އެނދުގައި އިށީނެވެ. އެއް ދިމާލަކަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި އަންބަރް އިސްޖަހާލައިފިއެވެ. އޭނާއަށް ރޮވެން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ނަރުހުން އައިސް ވަނީވެސް އޭނާ އެހެން އިންދައެވެ.
ސުމައްޔާ އާއި ހާތިމް ހޮސްޕިޓަލަށް އައިއިރު ހެނދުނު އެގާރަޖަހަން ގާތްވެއްޖެއެވެ. ދަތުރަށް ތައްޔާރުކޮށް ހުރިހާ ކަމެއް ނިންމާފައި އެމީހުންނަށް އާދެވޭނެ އިރެއް ވަންދެން ޖޫދު މަޑުކޮށްގެން އިނެވެ.
"ސައި ބުއިންތަ؟" ޖޫދު ނުކުންނަން އުޅުމުން ސުމައްޔާ އެހިއެވެ.
"ބޭރުން އެކަން ނިންމާލާނަން. ވަރަށް މުހިންމު ކަމަކު މިދަނީ" ޖޫދު ބުންޏެވެ. އަންބަރް ޖޫދަށް ބަލައިލިއެވެ. އޭނާގެ ސައި ދީ ހުރިހާ ކަމެއް ނިންމާފައި ޖޫދު ހުރީ ހުސްބަނޑާކަން އޭނާއަށް އެނގެއެވެ.
ސައިބޯން ބޭރަށް ނުކުންނާށޭ ބުނަން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރު އޭނާއަށް ނުލިބުނެވެ.
"ތިދާ ތަނަކަށް ދަމުން ބައްޕަ މާރުކޭޓު ކައިރިއަށް ގެންގޮސްދީފަ ދާންވީނުން" ޖޫދު ފަހަތުން ނުކުތް ހާތިމް ބުންޏެވެ.
ސުމައްޔާ ވަދެގެން ގޮސް އިށީނީ އަންބަރްގެ މަގަތުންނެވެ. ލޯތްބާއެކު އަންބަރްގެ މޫނުގައި ފިރުމާލިއެވެ. އަންބަރް ހީލިއެވެ.
"ކޯޗެއް ސައި ބުއީ؟" ސުމައްޔާ އެހިއެވެ.
"ރޮށި. ދެން ބަރަބޯ މަސްހުނި" އަންބަރް ބުންޏެވެ. ސުމައްޔާގެ ނިތަށް ރޫއެރިއެވެ. ވާނީވެސް އެހެންތާއެވެ. ބަރަބޮލަކީ އަންބަރަށް މީރު އެއްޗެއް ނޫނެވެ. އެއްވެސް އިރެއްގައި އޭނާ ކެއި އެއްޗެއް ނޫނެވެ.
"ކެވުނުތަ؟ ނުބުނަންތަ ޖޫދު ކައިރީގަ" ސުމައްޔާ އެހިއެވެ.
"އެއްކޮށް ކެއިން. ނުކެރުނު ބުނާކަށް" އަންބަރް ބުންޏެވެ. "އެހެންނޫނަސް އަޅުގަނޑަށް މީރު އެއްޗިއްސާއި ނުބައި އެއްޗިހި އޭނައަށް ނޭނގޭނެ. އަޅުގަނޑުގެ އެއްވެސް ކަމެއް ނޭނގޭނެ" އަންބަރް ބުންޏެވެ.
އޭނގެ އެ ޖުމްލައާއެކު ޖޫދާ އަންބަރާ މެދު އޮތް ގުޅުން ހީނަރުވެފައިވާ މިންވަރު ސުމައްޔާއަށް އަންދާޒާކޮށްލެވުނެވެ. ޖޫދަކީ ކެތްތެރި ފިރިއެއް ކަމުގައި ސުމައްޔާއަށް ގަބޫލުކުރެވުނެވެ. ގޯސް ހަދައިގެން އުޅެނީ އަންބަރެވެ. ކުރިއާ ހިލާފަށް އަންބަރްގެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ރަނގަޅު ގޮތް އަންބަރަށް ވިސްނައިދޭން ރަނގަޅު ދުވަސްކޮޅެކޭ ހިތް ބުނެލިއެވެ.
"ދަރިފުޅާ، މަންމަ ބުނަންތަ ވާހަކައެއް" އެނދު ކައިރީގައި ހުރި ގޮނޑީގައި ހަމަޖެހިލާފައި ސުމައްޔާ ބުންޏެވެ. އަންބަރް ސުމައްޔާގެ މޫނަށް ބަލަހައްޓައިގެން އޮތެވެ.
"އިބާގެ މުށުތެރޭގައި ތިވަނީ އަގުބޮޑު ޖަވާހިރެއް. ހެދޭ ކިތަންމެ ކުޑަކުޑަ ގޯހަކުން ވިޔަސް އެ ޖަވާހިރު މުށުން ބޭރިވިޔަ ނުދޭތި" ސުމައްޔާ ވާހަކަދެއްކިއެވެ. އަންބަރަށް އެހާ ރަނގަޅަށް ސުމައްޔާ ބުނި އެއްޗެއް ނުވިސްނުނެވެ.
"ނުވިސްނުނު ދޯ. މިއަދު މަންމަ މިއުޅެނީ ދަރިފުޅަށް މައެއްގެ ފަރާތުން ދަރިއަކަށް ދޭނެ އެންމެ ރަނގަޅު ނަސޭހަތްދޭން. ވަރަށް ރަނގަޅަށް އަޑުއަހާތި އިނގޭ" ސުމައްޔާ ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ.
"ތިމާގެ ދިރިއުޅުން އެންމެ ރަނގަޅަށް ދީނާ އެއްގޮތަށް ކުރިއަށް ގެންދެވޭނީ ތިމާގެ ބުއްދީގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެން. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ތިމާގެ ބުއްދިއަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ދެކެންވީ. އެ އެކުވެރިޔާދެކެ ވަރަށް ބޮޑަށް ލޯބިވާންވީ. އެ އެކުވެރިޔާ އަބަދުވެސް ރައްކާތެރިކަމަށް ދަރިފުޅަށް މަގުދައްކާނެ. ދިރިއުޅުމުން ކޮންމެ އެއްޗެއް ގެއްލުނަސް އެ އެކުވެރިޔާ ގެއްލުނަ ދީގެންނުވާނެ. އެކުވެރިޔާއަށް އިސްކަންދީ، އެކުވެރިޔާ ދައްކާ މަގުން ކުރިއަށް ދިޔައީމަ ދަރިފުޅަށް މަތިވެރި ޝަރަފު ލިބޭނެ. ހެޔޮއެދޭ މީހުން ދަރިފުޅުގެ ބޮލުގައި އިއްޒަތުގެ ތާޖު އަޅުވާނެ. ދަރިފުޅަށް ބުއްދި ލައިދީ، އުޅޭނެ ހެޔޮ ގޮތް މަންމަ ދަސްކޮށްދިނިން. ބުއްދީގެ ބޭނުން ހިފައިގެން ދަރިފުޅު ކުރިއަށްދާނަމަ އެމަގެއްގައި އެއްވެސް ހުރަހެއް ނޯންނާނެ. ދަރިފުޅު އަޅައިގަންނާނެ އެއްވެސް ގަލެއް ވެސް ނޯންނާނެ. މަންމަ މިދޭ އަގުހުރި ނަސޭހަތުގައި ދަރިފުޅު ހިފައިފިނަމަ ފައިދާ ވާނީ ހަމަ ދަރިފުޅަށް. ވިޔާނުދާ ނުލަފާ މީހުން ދައްކާ މަގުން ހިނގައިފިނަމަ އެކަމުގެ ގެއްލުން ބޮޑު. ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެ މެންދުރާ ހަމަޔަށް އަލިގަދަ ވަމުންދާ ގޮތުގެ މިސާލު. ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލު. އެމީހުން އެއްޗެއްގައި އަޅައިގަނެ ވެއްޓޭނީ ކޮންއިރަކު ކަމެއް އެއިން އެއްވެސް މީހަކަށް ނޭނގޭނެ. އަބަދުވެސް ދަރިފުޅު ވިސްނާ ކަންތައްތަކަށް ސަމާލުކަންދީ ދަރިފުޅާ! ދިރިއުޅުން ބިނާވަނީ އެމީހަކު ވިސްނާ ކަންތައްތަކުގެ މައްޗަށް. ކުރާ އެއްވެސް ކަމެއް އަދި ބުނާ އެއްވެސް ބަހެއްގައި ދޮގެއް ހީލަތެއް ބޭނުންނުކުރޭ. މަންމައަށް އެނގޭ މަންމަގެ ތި ދަރިފުޅަކީ ހެޔޮވިސްނުން ގަބޫލުކުރާ ކުއްޖެއްކަން. ބައެއްފަހަރު ބުއްދީގެ ބޭނުން ނުކުރާތީ ވިސްނުން ކަސިޔާރުވެގެން ދަނީ. އަބަދުވެސް ސީދާމަގުން ހިނގަން މަސައްކަތްކުރޭ ދަރިފުޅާ! ތިމާ ހިނގަން ސީދާ މަގެއް ގާއިމުކުރޭ. އަދި އެމަގުގައި ސާބިތުވެ ހުރޭ. މަގުގެ އެކި ދިމަދިމާއަށް އެއްލެމުން ވިޔާނުދާ މަގުން އެދާ މީހުން އެދަނީ ސީދާ އެމީހެއްގެ މަރާ ދިމާލަށް. މިއަދު ދަރިފުޅަށް ވަދެވިފައިތިވަނީ ދުނިޔެމަތީ ސުވަރުގެއެއް ކަހަލަ ތަނަކަށް. ދަރިފުޅަށް ހެޔޮ މަގު ދައްކައިދޭން އެހެރީ ހާދަހާ ހުލްގުހެޔޮ ފިރިހެނެކޭ. އެ އޯގާތެރިޔާއަށް ދަރިފުޅު ހިޔާނާތްތެރިނުވާތި. ބޭވަފާތެރި އަނބިންނަކީ އެފަދަ ފިރިންގެ ކައްޓަށްޖެހޭ ނުބައި ކެންސަރެއް ކަހަލަ އެއްޗެއް. މަންމަ މިދެއްކި ވާހަކަތަކާ މެދު ވިސްނާތި ދަރިފުޅާ. މަންމަ ފުރާ ފުރިހަމަވެގެން އައިއިރު މިވާހަކަތައް މަންމައަށް ދަސްކޮށްދިނީ ދަރިފުޅުމެންގެ މާމަ" ދުވަހަކުވެސް މީހެއްގެ ވާހަކައަކަށް ޝައުގުވެރި ނުވާވަރަށް އޭނާއަށް ސުމައްޔާގެ ވާހަކަތަކަށް ޝައުގުވެރި ވެވުނެވެ.
ކަޅިޖަހާނުލައި ސުމައްޔާގެ މޫނަށް ބަލަން އޮތްއިރު ސުމައްޔާ އެކިޔައިދިން ބުއްދި އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ހަދާނެގޮތަކާ މެދު އަންބަރް ވިސްނަމުން ދިޔައެވެ.
(ނުނިމޭ)