އިރުކޮޅަކުން އޭނާ އަލިޝްބާ ކައިރީގައި ކުރުކަކޫ މައްޗަށް އިށީނދެފައި ކުޝަންގައި ދެއަތުން ހިފާލިއެވެ. އުފަލުން އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އަތްކުރު ޓީޝާޓްކޮޅަކާއެކު ކުރު ސޯޓްކޮޅެއް ލައިގެން ހުރި އަލިޝްބާ ނުވިސްނާ ހުއްޓާ ދެއަތް މައްޗަށް އަނބިމީހާ އުފުލާލައިފިއެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. އެނދުގައި އިން އަންބަރް ރީތިކޮށްލާފައި އިނެވެ. އަދިވެސް އަންބަރްގެ މުޅި ނަފުސު ވަށައިގެން ވަނީ ހަމަހިމޭންކަމެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ކޮންހަލަ ވިސްނުންތަކެއް ކަމެއް ނޭނގެއެވެ. ހާތިމްގެ އަތުން އަންބަރަށް ހަވީރުގެ ސައިދޭން އިންއިރު ސުމައްޔާ ހުރީ ދޮވެގެން ގެނެސްފައި ހުރި އަންބަރްގެ ހެދުންތައް ފަތްޖެހުމުގައެވެ. އިރުކޮޅަކުން ދޮރު ހުޅުވާލާފައި ވަނީ ޖޫދެވެ. އެހިނދު އަންބަރްގެ ނަޒަރު ހިނދުކޮޅަކަށް ޖޫދާ ބައްދަލުވިއެވެ. އަތުގައި އޮތް ފުރުޓް ކޮތަޅު ސުމައްޔާއަށް ދިއްކޮށްލާފައި ޖޫދު ވަނީ ފާހާނާއަށެވެ. އަންބަރް އިސްޖަހާލައިގެން އިނެވެ. އޭނާގެ ދެލޮލުގައި ބޮނޑިވަމުން އައި ކަރުތައް އެއްވެސް މީހަކަށް ނުފެނެއެވެ. ކޮންޓްރޯލްކުރަން މަސައްކަތް ކުރި ނަމަވެސް ޖޫދު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް މާބޮޑަށް އަސަރުކުރެއެވެ.
"ޖޫދަށް ސައިހަދާބަލަ" ހާތިމް ސުމައްޔާއަށް ބުންޏެވެ.
ޖޫދު ފާހާނައިން ނުކުތީ އެވަގުތުއެވެ.
"މަންމަ މިއުޅެނީ ސައި ހަދާލަން އިނގޭ. ވަރަށް އަވަސްވާނެ" ސުމައްޔާ ބުންޏެވެ. ޖޫދު ހީލާފައި ގޮސް އިށީނީ އަންބަރްގެ އެނދުގެ ފުރަގަހަށް ހުރި ގޮނޑީގައެވެ. އެތަނުގައި އިންނައިރު އޭނާއަށް ފެންނަނީ އަންބަރްގެ ފުރަގަހެވެ.
"މިއަދު ނަފުސާނީ ޑޮކްޓަރު އައިސް ބަލާފައި ވަރަށް ވާހަކަދައްކާފައި ދިޔައީ. ބުނި ކައުންސެލިން ފަށާށޭ. އެޕޮއިންޓްމަންޓެއް ހޯދާދޭނެ ކަމަށް ބުނެފައި ދިޔައީ" ސުމައްޔާ ވާހަކަދެއްކިއެވެ.
"ހަނދާންނެތިފައި މި އިންނަނީ. މަންމަ ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟ ލިބާ ވަރަށް ގުޅި" ޖޫދު ބުންޏެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ އަލިޝްބާގެ ނަންބަރަށް ގުޅިއެވެ.
"މަންމަ ފޯނު ނިވުނީ. މިހާރަކަށް އައިސް އަބަދު އޮންނަނީ ފޯނު ނިވިފަ. ރަށަށް ދާންވާއިރަށް ރަނގަޅު ފޯނެއް ހޯދަން ޖެހޭނެ" ސުމައްޔާ ބުންޏެވެ.
ޖޫދުގެ ކޯލު ބިޒީކޮށްފައި އަލިޝްބާ ވީޑިއޯ ކޯލް ކުރިއެވެ. އެ ފޯނު ނަގާފައި ޖޫދު ސުމައްޔާ އަތަށް ދިނެވެ. އެއަށްފަހު އޭނާ ސައިބޯން ފެށިއެވެ.
"މަންމާ، ހާދަ އިރެކޭ ގުޅާތާ" ފުރަތަމަވެސް އަލިޝްބާ ކޮށްލީ ޝަކުވާއެވެ. އަލިޝްބާގެ މޫނުމަތިން ތަފާތެއް ފެންނަހެން ސުމައްޔާއަށް ހީވިއެވެ.
"މަންމައަށް ހާދަ ހީވެޔޭ ވަަރަށް އުފަލުން އިންހެން" ސުމައްޔާ ބުންޏެވެ.
"އާނ މަންމާ. ވަރަށް އުފަލުން މީނީ. ކޮބާތަ ދޮންތަގެ އިބާ؟ މޫނުކޮޅު ދައްކާލަބަލަ" އަލިޝްބާ ބުންޏެވެ. އޭނާގެ އަޑުގައި ޖޯޝާ ފޯރި ހުއްޓެވެ. އަންބަރްގެ މޫނާ ދިމާވާނެހެން ފޯނު އަނބުރާލާފައި އަންބަރާ ކައިރިއަށް ސުމައްޔާ ޖެހިލިއެވެ. އިސްއޮބާލައިގެން އިން އަންބަރް ލަސްލަހުން ފޯނަށް ނަޒަރު ސީދާކޮށްލިއެވެ. އޭނާއަށް އަލިޝްބާ އެ ފެނުނީ ހާދަ ދުވަހަކަށް ފަހުގައެވެ.
"ދޮންތަގެ އިބާ ކިހިނެއްތަ؟" އަލިޝްބާ އެހިއެވެ. ޖަވާބެއް ނުދިނަސް ފަނޑު ހިނިތުންވުމެއް އަންބަރްގެ ތުންފަތަށް ވެރިވިއެވެ.
"ބައްޕަވެސް އެބައިންތަ ކައިރީގަ" އަލިޝްބާ އެހިއެވެ. އެވަގުތު ސުމައްޔާ ހާތިމް ދައްކާލިއެވެ.
"އެންމެންނަށް ވަރަށް އުފާވެރި ހަބަރެއްދޭން މިއުޅެނީ" އަލިޝްބާ ބުންޏެވެ. ސުމައްޔާ ހިނިތުންވެލައިގެން އިނެވެ.
"އަޅުގަނޑު ޕްރެގް މަންމާ" އަލިޝްބާ ބުންޏެވެ. "މަންމަ އާއި ބައްޕައަށް ކުރިއެރުމެއް ލިބެން އުޅެނީ" އަލިޝްބާ ބުންޏެވެ. ލިބުނު ހިތްހަމަޖެހުމުން ސުމައްޔާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހިތާހިތުން ހެއްދެވިފަރާތަށް ހަމްދު ކުރިއެވެ. އަލިޝްބާގެ ކައިވެނި ކުރެވުނު ދުވަހުން ފެށިގެން އެއީ އޭނާ އެންމެ އިންތިޒާރުކުރި ދުވަހެވެ. ހާތިމްވެސް އިނީ ހިނިތުންވެގެންނެވެ. އޭނާ އަލިޝްބާއަށް ރަނގަޅު ކާއެއްޗެހި ކައިގެން އުޅުމަށާއި ބަލައިގެން އުޅުމަށް ނަސޭހަތްތެރިވިއެވެ.
"ދޮ.... ދޮންތާ.... ކޮ ން ގް ރާ" ކެނޑިކެނޑިގެން އައި އަންބަރްގެ އަޑަށް ހުރިހާ މީހުންގެ ސަމާލުކަން ހުއްޓުނެވެ. އޭނާ ވާހަކަ ދެއްކީ ކަން ޔަގީން ނުވެގެން އަންބަރް އަމިއްލައަށް ކަރުގައި ފިރުމާލިއެވެ. ބޭއިހުތިޔާރުގައި ޖޫދަށް ހިނިތުންވެވުނެވެ.
"އަދި އެއްފަހަރު. އަދި އެއްފަހަރު ބުނެބަލަ" އަލިޝްބާ ބުނި އަޑު އިވިލިއެވެ. އެއީ ޖޫދުވެސް ބުނަން ބޭނުންވި ޖުމްލައެވެ. އެކަމަކު ދުލުން ބޭރުކުރަން ނުކެރުނީއެވެ. އަންބަރް ބަލައިލީ ރޮވިފައި އިން ސުމައްޔާގެ މޫނަށެވެ.
"މަންމާ" އަންބަރް އެއްވެސް އަޅައިގަތުމެއްނެތި ސުމައްޔާއަށް ގޮވާލިއެވެ.
ސުމައްޔާ އަންބަރް ގެނެސް ބައްދާލިއެވެ. އަންބަރްގެ މޫނުގައި ބޮސްދިނެވެ. ނަފުސާނީ ޑޮކްޓަރު ބުނިހެން އުފާވެރި ހަބަރެއް ލިބުމުން އެކަން އަންބަރްގެ ސިކުނޑި ބަލައިގަނެއްޖެއެވެ.
ނީލަމް ކައިވެންޏަށް އަދިވެސް އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް އައްމާރާއި ނީލަމްއާ ދެމެދުގައި އެކުވެރިކަމުގެ ފާލަމެއް ގާއިމުވެއްޖެއެވެ. އެކަކު އަނެކަކުގެ ވާހަކަތައް އުނދަގުލެއްނެތި ހިއްސާކުރެވެއެވެ. އައްމާރު އިންތިޒާރު ކުރަމުން ދަނީ އެގުޅުމަށް ނީލަމް އާބަސް ބުނާނެ އިރަކަށެވެ.
"އަހަރެން މިގެއަށް ހަމަ އަންނައިރަށް ކޮންމެސް އެއްޗެއް ކާންދޭނެ" ނީލަމްގެ ފަހަތުން ކާ ބަޔަށް ވަންނަމުން އައްމާރު ބުންޏެވެ.
"ހެހެހެ... ދެން ކޮންކަމެއް އަހަރެންނަށް އައްމާރަށް ވަކި ކޮށްދެވޭނީ" ހީލަމުން ނީލަމް ބުންޏެވެ. އައްމާރު ގޮނޑީގައި އިށީނުމުން ނީލަމް ކާން ހަދަން ފެށިއެވެ. ޒަހާ މެންދުރު ކައިގެން ވަންގޮތަށް ކޮޓަރިން ނުނިކުމެއެވެ.
"ކޮށްދެވޭ ކަންކަން ބައިވަރު އެބަހުރި" އައްމާރު ބުންޏެވެ. " ބުނަންވީތަ؟"
ބޯތައްޓަށް ރިހަ އަޅަން ހުރި ނީލަމް އައްމާރުގެ އެ ޖުމްލައާއެކު ހިމޭންވިއެވެ. އެ ސުވާލަށް އޭނާއަށް ޖަވާބު ނުދެވުނެވެ. އައްމާރަށް ބަލައިލަންވެސް ނުކެރުނެވެ. ނީލަމްއަށް އައި ބަދަލު އައްމާރަށް ފާހަގަވުމާއެކު އޭނާއަށް ހެވުނެވެ.
"އަހަރެން ހުސް ރޮށި ތަ ކާންވީ" އައްމާރު އެހިއެވެ. އެހިނދު ނީލަމްގެ ހަރަކާތްތައް އަވަސްކޮށްލާފައި ރިހަ ތަށި އައްމާރުގެ ކުރިމަތީގައި ބެހެއްޓިއެވެ. އައްމާރު ބުނުމަކާ ނުލައި އުލާއި ސަމްސަލަކާ ނީލަމް ގެނެސްދިނުމުން އައްމާރު ހީލިއެވެ. އޭނާއާ ގުޅިގެން ކުދި ކުދި ކަންތައް ނީލަމް ހަނދާނުގައި އަދިވެސް ހުރިކަން އެނގުމުން އޭނާ ހިތްހަމަޖެހުނެވެ.
"ކިހިނެއް އިނގުނީ"
"އަހަރެންނަށް އިނގޭ އައްމާރު ކަޅުސައި ނުބޯނެކަން. ކާ ގަޑިތަކުގައި އައްމާރަށް ކަމުދާނީ ކަޅު ކޮފީކަން" ނީލަމް ބުންޏެވެ.
"ދެން ކޮންކަމެއް އެނގެނީ؟" އައްމާރު އެހިއެވެ. އޭރު އޭނާ އުލާއި ސަމްސަލުން މޮޑެމުން ދިޔައެވެ. ނީލަމްއާ އެކު ހޭދަކުރާ ކޮންމެ ވަގުތަކީ އޭނާއަށް ތަފާތު ހިތްހަމަޖެހުމެއް ލިބޭ ވަގުތެކެވެ.
"އިނގޭ ގަރުދިޔަ އާއި ބަތާ ހުރިއްޔާ ކޮންމެހެންވެސް ކޮޕީ ފަތް ހުންނަންޖެހޭނެކަން. ނޫޑްލްސް ނޫނީ ފްރައިޑް ރައިސް ހުންނަންޏާ ޕާޕަރު ހުންނަންޖެހޭނެކަން. ރިހާކުރު ހުންނަންޏާ ލޮނުމިރުސް ހުންނަންޖެހޭނެކަން. ޕާނާއެކު ޕީނަޓް ބަޓަރު ހުންނަން ޖެހޭނެކަން" ނީލަމް ބުންޏެވެ.
"ހެހެހެ... އަދިވެސް ތިބުނި އެއްޗެހި ހަމަކޮށްގެން ކާހިއްވެޔޭ. އެކަމަކު މިހާރު އެބައި ވަރަށް ރަނގަޅުކޮށްފިން. މިހެން ބީރައްޓެހި ރަށްތަކުގައި އުޅޭއިރު ބޭނުންވާހާ ކާއެއްޗިއްސެއް ކާކަށް ނުލިބޭނެއްނު" އައްމާރު ބުންޏެވެ.
"ހަނދާން އެބަހުއްޓޭ އެއްދުވަހު ގަރުދިޔާ ބަތް ހުރި ދުވަހެއްގައި ކޮޕީފަތް ނެތިގެން ބޮޑާހާކާފައި އުޅުނު ދުވަސް. އެދުވަހު ހުދާއްތަ ބުނީ ރަނގަޅު ފަތެއް މާލެއިން ނުލިބުނޭ. ބާޒާރުގަވެސް ހުރީ ހުސްވެފައޭ. އެދުވަހު ޖައިލަމް އޭނާގެ އެކުވެރިއެއްގެ މަންމަ އަތުން ކޮޕީފަތް ގެނެސްގެނެއްނު ދިނީ" ނީލަމް ވާހަކަދެއްކިއެވެ. އެދުވަސްތަކުގެ ވާހަކައާއެކު އައްމާރަށް މާބޮޑަށް ހެވިއްޖެއެވެ. އެ ހުނުމުގައި ނީލަމްވެސް ބައިވެރިވިއެވެ.
ކުޑަމީހާގެ ހެދުންކޮޅު ހިފައިގެން ކޮޓަރިއަށް ރިކްޒާ ވަނުމުން ސީނާ ބަލައިލިއެވެ. އޭނާ އިނީ އެނދުގައި މާމަ ދަރިފުޅު ރައިކާ ރީތިކުރާށެވެ. ރިކްޒާ ދިއްކޮށްލި ހެދުންކޮޅު ސީނާ އަތަށް ދީފައި އޭނާ އަވަސްވެގަތީ ރައިކާ ރީތިވާ ސާމާނު ވަށިގަނޑަށް އަޅާށެވެ.
"އަދިވެސް އެކަމާތަ ތި ވިސްނަނީ؟" ރިކްޒާއަށް ބަލައިލާފައި ސީނާ އެހިއެވެ. ރިކްޒާ ބަހެއްނުކިޔައެވެ. އެހެންނަމަވެސް އަދިވެސް ރިކްޒާގެ މޫނުމަތީގައި މާޔޫސީ ކުލަވަރުތައް ފާޅުވާން ހުރުމުން ރައިކާ އުރާލައިގެން ސީނާ ރިކްޒާގެ ގާތަށް ޖެހިލިއެވެ.
"މަންމަ ހިތުގައި މިހާރު ޝަކުވާއެއް ރުޅިވެރިކަމެއް ނެތް. މަންމަ ގަބޫލުކުރަން ތިކަމުގައި މަންމަގެ އިހުމާލު ބޮޑުކަން. ވެދިޔަ ކަންތައް ހަނދާންނައްތާލާފައި ހިނގާ އަލުން ދިރިއުޅެން ފަށަން" ސީނާ ބުންޏެވެ.
އޭނާ ރިކްޒާ އަތުގައި ހިފައިގެން އައިސް އެނދުގައި ބައިންދައިފިއެވެ.
"ދެން ނުރޮއެ. މަންމައަށް އެނގޭ ތިކުރެވުނު ކަންތަކާ ހެދި މަންމައަށް ވުރެ ބޮޑަށް ލަދުގަންނާނީ ދަރިފުޅުކަން. ދަރިފުޅު ތައުބާ ވެއްޖައިމެއްނު. މަންމަވެސް ތައުބާ ވެއްޖައިން. ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އިސާހިތަކު މިދުވަސްތައްވެސް ހިނގައިދާނެ" ސީނާ ވާހަކަދެއްކިއެވެ.
"ކިހިނެއް ދިރިއުޅޭނީ؟ ކާކު ހަރަދުކުރާނީ؟ ބައްޕަ އަހަރެން ދޫކޮށްލައިފި" ރިކްޒާއަށް ރޮވިއްޖެއެވެ.
"ރިޒްގު ދެއްވަނީ އެހެން ފަރާތަކުން. ދަރިފުޅު ނުވިސްނާ. މަންމަ ކޮންމެސް މަސައްކަތެއް ކުރާނަން"
ރޭގަނޑުގެ ވަގުތެވެ. ކޮންމެ ރެއަކުވެސް ސުމައްޔާ އާއި ހާތިމް ނިދަން ދަނީ ރޭގަނޑު އެގާރަ ޖަހަން ކައިރިވީމައެވެ. އެހެންނަމަވެސް ވިއްސާރަކޮށް އޮތުމުން ދިހައެއް ޖެހިއިރު ދެމަފިރިން ހޮސްޕިޓަލުން ނުކުމެއްޖެއެވެ. ޓެކްސީއަކަށް އަރައިގެން ދިޔުމަށް ވުރެ ރަނގަޅުވާނީ އެހާ ކައިރިއަށް ހިނގާލާފައި ދިޔުން ކަމުގައި ވާތީ ދެމަފިރިން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. މަޖީދިއްޔާ ސްކޫލު ކައިރިން ގޯޅި އަޅަން އެޅުނު ވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. ހާތިމް ފަސްއެނބުރި ބަލައިލިއެވެ. ހުދު ގަމީހަކާ ގޮޅިޖެހި މުންޑެއް އަނދެގެން ހުރި ދެބައި އުމުރުގެ ފިރިހެނެކެވެ. އަޑުން ކާކު ކަން ދެނެގަންނަން ނޭނގުނަސް އެމީހަކު ހީގަތުމުން އެއީ ކާކުކަން ވަރަށް ރަނގަޅަށް ހާތިމްއަށް އެނގިއްޖެއެވެ. ބަދަލު އައިސްފައި ހުރީ ހަމައެކަނި އެމީހާގެ ހަށިގަނޑަށެވެ.
"ވާފިރު؟" ހާތިމް ހިތާހިތުން ކިޔާލިއެވެ. ނުފެންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. ހާތިމްގެ ދިރިއުޅުމުގައި ހުޅުޖެހީ ވާފިރެވެ. އެންމެގާތް ރަހުމަތްތެރިޔާގެ މަގާމުގައި ހުރެފައި ބުރަކައްޓަށް ވަޅި ހަރާފައި އަނބިމީހާ ގޮވައިގެން ރައްކާވީއެވެ. މަކަރުވެރި ރަހުމަތްތެރިޔަކާއި ބޭވަފާތެރި އަންބެއްގެ ކިބައިން އޭނާ ސަލާމަތްވިއެވެ. އެހެންނަމަވެސް ހިތުގައި އެޅުނު ކޫރުން ފިލައިގެން ނުދެއެވެ. ވާފިރު ސަލާމަށް ދިއްކޮށްލައިގެން ހުރި އަތުގައި ހާތިމް ހިފީ ނޭނގޭނެހެން ކައިރީގައި ހުރި ސުމައްޔާ ހާތިމްގެ އަތުގައި ކުޑަކޮށް ވިކާލުމުންނެވެ.
"ވަރަށް އުފާވެއްޖެ ދިމާވީމަ. އަހަރެން ހުރީ ހާތިމްއާ ބައްދަލުކުރަން ތި ރަށަށްވެސް ދާން" ވާފިރު ވާހަކަދެއްކިއެވެ. "ރަހުމަތްތެރިޔާގެ ހާލު ރަނގަޅުތަ؟"
"ރަނގަޅު. އަލްހަމްދުލިއްލާހް. ވާފިރު ރަނގަޅުތަ؟" ހާތިމް އެހިއެވެ.
"އަހަރެންނަށް އެނގޭ މިވާހަކަދައްކަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަން. އެކަމަކުވެސް އެއްޗެއް ބުނަން ބޭނުން. ކަލޭގެ ދިރިއުޅުމުން ވައްކަންކޮށްގެން އަހަރެންނަށް އެއްވެސް އެއްޗެއް ނުލިބުނު. ހަގީގަތުގައި ފަރީހާވެސް ހިތާމައިގައި އުޅުނު ދުވަސްކޮޅެއް ވީމަ އޭނަ އަހަރެން ދެއްކި ވާހަކަތަކަށް ހެއްލުނީ. ހާތިމްއަށް ނޭނގުނަސް ފާތުމާދައްތަމެން ފަރީހާއަށް ވަރަށް ހާލުޖެއްސި. އޭނަ އެހާ ދުވަހުވެސް ކެތްކުރީ ކުޑަ ދަރިފުޅަށްޓަކައި" ވާފިރު ވާހަކަދެއްކިއެވެ.
"ތިއީ މިހާރު ބޭކާރު ވާހަކަ" ހާތިމް ބުންޏެވެ. މާޒީގައި ފަސްއަޅައި ފޮރުވާފައި ހުރި ވާހަކަތައް ކޮނެގެން ނެގުމުގެ ބޭނުމެއްނެތެވެ.
"އުނހު. ކަންވީގޮތް ކަލެއަށް އެނގެންޖެހޭނެ. އިނގޭތަ! އަހަރެން ފަރީހާ ގޮވައިގެން މާލެ އައިސް ކުލީ ކޮޓަރިއެއްގައި ހުރީ. އަހަރެންގެ މައިންބަފައިންނަށް އެކަން އެނގިގެން އަހަރެން ރަށަށް ގެންދަން ފައިވިއްދާލާފައި ހުރީ. އެކަަމަކު ހިލާ އަހަރެން އެއްބަހެއް ނުވިން. ކަލޭމެންގެ ވަރީގެ ކަންކަން ނިމެންދެން އަހަރެންނަށް ހިފަހައްޓާލެވުނީ. ފަންޑިތައިގެ ބާރުން އަހަރެން ފަރީހާ އާ ދުރުކޮށްފި. އަހަރެން މުޅިން ފަރީހާ މަތިން ފޫހިވެއްޖެ" ވާފިރު ވާހަކަދެއްކިއެވެ. އެވާހަކަތަކުގެ މެދުން ހާތިމްގެ ހިތުގައި ސުވާލެއް އުފެދުނެވެ. އެ ސުވާލު ދުލާ ހަމައަށް ނުގެނެސް އޭނާއަށް ކެތެއް ނުވިއެވެ.
"އެއީ ތިބުނާހާ ރަނގަޅު މީހަކު ނަމަ ކީއްވެ އެންމެ ފަހަރަކުވެސް ދަރިފުޅު ދެކިލަން ނައީ. އެންމެ ދެމަސް ނުވާ ޅަ ދަރިއަކު ދޫކޮށްލާފައި މަޔަކު ހިނގައިދާނެތަ؟ އަހަރެން ހަމަ އަޖައިބުވެއްޖެ. އަހަރެން ދުވަހަކުވެސް އޭނާއަށް ހިތް ހެވެއް ނުކުރާނަން" ހާތިމް ވާހަކަދެއްކިއެވެ. މަގުމަތީގައި އޭނާގެ އަޑު ބާރުވެގެން ދިޔަކަމެއް އޭނާ ނުދެނަހުއްޓެވެ.
"ތިހެން ނުބުނޭ. އެދުވަސްތައް ހިނގައްޖެ. މިއަދު ފަރީހާއަށް ބޭނުންވަނީ އަހަރެމެންގެ ހެޔޮދުއާ. މިހާރު ފަރީހާ މިދުނިޔެއަކު ނެތް" ވާފިރު ބުންޏެވެ. ހާތިމްއަށް ވާފިރުގެ މޫނަށް ބަލައިލެވުނީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ. ފަރީހާ ދުނިޔޭގައި ނެތްކަން އެނގުމާއެކު ހަގީގަތުގައިވެސް އޭނާ ސިހިއްޖެއެވެ.
"އާނ ރަހުމަތްތެރިޔާ. ފަރީހާ ނިޔާވެއްޖެ. މާލެ ތެރޭގައި އެގޮތްމިގޮތަށް އުޅެނިކޮށް އޭނާ ރަނގަޅު މީހަކާ ދިމާވީ. އަހަރެންނަށް ފަހުން ހަބަރު ލިބުނު އެމީހާ އާ އޭނަ އިނދެގެން ދަރިއަކުވެސް ލިބުނު ވާހަކަ. އެވެސް އަންހެން ދަރިއެއް. މިހާރަކު އަހަރެން ނަމެއް ހަނދާނެއްނެތް. އެކަމަކު އެކުޑަ ކުއްޖާވެސް ވިހޭތަނާ އެ ފިރިހެން މީހާ މަރުވެއްޖެ. ވިސްނާލާ ދެން އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން އެކަނިމާއެކަނި އުޅޭނެ ހާލު. އަހަރެން ފަހުން އެނބުރި ފަރީހާ ކައިރިއަށް އައިން. މައާފަށް އެދިފަ އިންނަންވެސް އެހިން. އެކަމަކު ފަރީހާ އަހަރެން ބޭނުމެއްނުވި. އެކުއްޖާއަށް ފަސްއަހަރު ވީފަހުން އިތުރު މީހަކާ ފަރީހާ އަނެއްކާވެސް އިނީ. އަހަރެން އައީ ފަރީހާގެ ކަންތައް ވަރަށް ގާތުން ބަލަމުން"
ކޮޓަރިއަށް ވަންގޮތަށް ހާތިމްއަށް އެނދުގައި އިށީނދެވިއްޖެއެވެ. މާޒީގައި ހިނގާފައި ހުރި ކަންކަމުގެ ހަނދާން އާވުމުން އެނާގެ ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ފަރީހާއާ އޭނާ ކައިވެނިކުރީ މައިންބަފައިންގެ ރުހުމާ ދެކޮޅަށެވެ. އާއިލާގެ އެއްވެސް މީހަކު ނެތް ފަރީހާ ކެތްތެރިކަމާއެކު އަންބެއްގެ ވާޖިބު އަދާކުރެވޭތޯ މަސައްކަތްކުރިއެވެ. ފިރިމީހާގެ މައިންބަފައިންގެ ފަރާތުން ދިމާވަމުންދިޔަ ފިއްތުންތަކާއި ދަތިތަކުގެ ވާހަކަ ފިިރިމީހާއަށް ވަންހަނާ ކުރިއެވެ. ވަޒީފާގެ ގޮތުން އަބަދު ގެއިން ބޭރުގައި އުޅެންޖެހުމުން ހާތިމްއަށް އަނބިމީހާއަށް ދޭންޖެހޭ ވަގުތެއް ނުދެވުނެވެ. ކުޑަދަރިފުޅަށް ބޭނުންވާ ބުއްދަޅު ގަނެދޭންވެސް ފޮނުވަނީ ރަހުމަތްތެރިޔާ ވާފިރެވެ.
ފާހާނައިން ނުކުތްގޮތަށް ސުމައްޔާއަށް ހުރެވުނީ ހާތިމްއަށް ބަލަހައްޓައިގެންނެވެ. އެގޮތަށް ހާތިމް ފިކުރެއްގައި އިންނަތަން ވަރަށް ނުފެނެއެވެ. އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާފައި އައިސް އޭނާ ހާތިމްގެ މަގަތުން އިށީނދެއްޖެއެވެ. ފިރިމީހާގެ އަތްތިލަ މަތީގައި އަތް ބޭއްވިއެވެ.
"އެކަމާތަ ތި ވިސްނަނީ؟" ސުމައްޔާ އެހިއެވެ.
"ދޮގެއް ނަހަދާނަން. ވާފިރު އެވާހަކަތައް ދެއްކީމަ އެދުވަސްތަކުގެ ހަނދާންތައް ހިތުގައި ގަދަވެގަނެއްޖެ" ހާތިމް ބުންޏެވެ.
"ދެން އެކަމާ ނުވިސްނާ. އެއީ އަހަރެމެންގެ ލިބާގެ މަންމައެއްނު. އަހަރެން ލިބާއަށްޓަކައިވެސް ފަރީހާއަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާ ކުރާނަން" ސުމައްޔާ ބުންޏެވެ. ހާތިމް ލޯތްބާއެކު ސުމައްޔާގެ ބޮލުގައި ފިރުމާލިއެވެ.
"އަހަރެން ހިތަށް އަރަނީ ފަރީހާ ދުނިޔެ ދޫކޮށް އެދިޔައީ ހާދަ ހިތާމަތަކެއް ތަހައްމަލުކޮށްފައޭ. ތިންވަނައަށް އިން މީހާވެސް ބޮޑު އޮޅުވާލުމެއް އޮޅުވާލީ. އަހަރެމެން ރަށު މީހަކާ ދެއަންބަށް އިނީއޭ ބުނީ. އެއީ ކާކުބާ އަނެއްކާ؟" ހާތިމް އެހިއެވެ. އަދިވެސް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރީ ވާފިރު ދެއްކި ވާހަކަތަކެވެ.
"ތިހެން ހިތަށް އެރީމަ އަހަރެންވެސް ދެރަވޭ. އެކަމަކު ކީއްކުރާނީ. ފަރީހާއަށްޓަކައި މިދުނިޔެ އަމާންތަނަކަށް ނުވީމަ މިހާރު އޭނަ އެވަނީ އަމާން ހަމަހިމޭން ދުނިޔެއަކަށް ދަތުރުކޮށްފަ" ސުމައްޔާ ބުންޏެވެ.
"ކޮން ފިރިހެން ކުއްޖެއްގެ ވާހަކަ އެބުނީ. ފަރީހާ އެންމެ ބޮޑަށް ބަލިވީ އެސޮރު ގެއިން ފިލައިގެން ދިޔައިމަ ޔޯ" ހާތިމް ބުންޏެވެ.
"ބުންޏެއްނު އެއީ ފަރީހާ ފަހުން އިން މީހާ އިނދެގެން އެމީހާގެ ގެއަށް ގެންދިޔައިރު ވެސް އެގޭގަ ހުރި ކުޑަ ކުއްޖެކޭ. ވާފިރު ބުންޏެއްނު އެއީ އެމީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖެކޭ. އެކުއްޖާ ދަރިއެއް ފަދައިން ގެންގުޅެ ކިޔަވައިދީ މީހަކަށް ހެދީ ފަރީހާގެ މަސައްކަތުންނޭ. ދިރިއުޅޭނެ ގޮތް ހޯދައި ދީފަ އެމީހާ މައްސަލައެއްގައި ރަށަށް އަރުވާލީމަ ގޮސް އެހެން މީހަކާ އިނދެލީ. މަކަރުވެރިންވެސް ގިނައީ. ދެވަނަ އަނބީގެވެސް ދަރިން ނެތްކަމެއް ނޭނގޭ" ސުމައްޔާ ވާހަކަދެއްކިއެވެ.
"ވާފިރު ބުންޏެއްނު ފަރީހާ ދެވަނައަށް އިންމީހާއަށް ދަރިއަކު ލިބުނޭ. އެހެންވީމާ އެވާނީ ލިބާގެ އެއްބަނޑު ދައްތައަކަށްނު" ހާތިމް ސުމައްޔާގެ މޫނަށް ބަލައިލިއެވެ. އެހިނދު ސުމައްޔާ ބޯޖަހާލިއެވެ.
"ސުބްހާނަﷲ. މިއީ ބޮޑު އޮޅުންބޮޅުންގަނޑެއް. މި އޮޅުންތައް ފިލުވަން އެބަޖެހޭ. ފަރީހާގެ ވާހަކަތައް އިވިފައި އަހަރެންގެ ސިކުނޑިއަށް ބާރުވެއްޖެ" ވާފިރު ބުންޏެވެ. ދެއަތުން އޭނާއަށް ބޮލުގައި ހިފަހައްޓާލެވިއްޖެއެވެ.
"ދެން މިވާހަކަނުދައްކަމާ. މާލެ ދެވުނީމަ ކައިރީގައި ލިބާ ބައިންދައިގެން ފަރީހާގެ ވާހަކަ ކިޔައިދޭނީ. ދެން މިރޭ ހިނގާ ނިދަން. ﷲ އިރާދަކުރެއްވިއްޔާ މާދަމާ ވަނީ އުފާވެރިކަމުން ފުރިގެންވީ ދުވަހަކަށް"
ދެފަރާތަށް ފުރޮޅިފުރޮޅި އޮތް ނީލަމްއަށް ނިދޭ ގޮތެއް ނުވިއެވެ. ބޯދަށުގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއިރު އެކެއް ޖަހައި ބޮޑު ވެއްޖެއެވެ. ރަތްކުލައިގެ ފަނޑު އަލިކަމެއް ފެތުރިފައިވާ ކޮޓަރި ތެރެއިން އެއްވެސް އަޑެއް ނީވެއެވެ. ގޮދަޑިމަތިން ތެދުވެ ބޯހިއްލާލާފައި އެނދަށް ބަލައިލިއިރު ޒަހާ އޮތި ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ. ތެދުވެގެން އެކޮޓަރިން ނުކުމެގެން އައިސް އޭނާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ފާރުގައި ހުރި ލައިޓް ޖައްސާލާފައި އަލަމާރި ކައިރީގައި ހުއްޓުނެވެ. އަލަމާރި ތެރެއިން އެނާ ނެގީ ކުޑަ ފޮށްޓެކެވެ. އެ ހިފައިގެން އައިސް އެނދުމަތީގައި ބަހައްޓާފައި އޭނާ އެނދަށް އަރައި އަރާމު ގޮތަކަށް އިށީނދެލިއެވެ. އެއަށްފަހު އެކިކުލަކުލައިގެ ކުދިކުދިމާތަކެއް ޖަހާފައިވާ އެފޮށީގެ މަތިގަނޑުގައި އަތް ހިންގާލިއެވެ. އޭނާގެ ތުންފަތަށް ފަނޑު ހިިނިތުންވުމެއް ވެރިވިއެވެ. އެއީ އޭނާގެ ފަނަރަ ވަނަ އުފަންދުވަހު ހަދިޔާއަކަށް ލޯބިވާ މަންމަގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާ އެފޮށިގަނޑު ގެންގުޅެނީ ނުލާހިކު ލޯބިން ރައްކާތެރިކަމާއެކުގައެވެ.
ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފޮށިގަނޑުގެ މަތިގަނޑު ނަގާފައި އެއްފަރާތުގައި ބޭއްވިއެވެ. ފޮށިގަނޑުގެ ތެރޭގައި ހުރި އެއްޗެހިތަކުގެ ތެރެއިން އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ފުޅިމަދުން ތައްޔާރުކޮށްފައި އޮތް އުފަންދުވަހުގެ ކާޑެއްގައެވެ. އެ ނަގާފައި ބަލައިލިއިރު ކާޑުގެ އަނެއް ފުށުގައި އިން ފޮޓޮއެއް ފެނުނެވެ. އޭގެ ތިރީގައިވާ ލިޔުންކޮޅު ކިޔާލުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. "އައި ލަވް ޔޫ މައި ކެޓް" ދެލޮލުން ވެއްޓުނު ކަރުނަތިއްކާއެކު ފޮޓޯގައި އިން ވާރިޝްގެ މޫނުގައި އޭނާ ފިރުމާލިއެވެ.
(ނުނިމޭ)