އަށާވީސްވަނަ ބައި
"ނޭނގެ މަންމާ. ހަމަ ރޮވެނީ. އެއްވެސް ކަމަކާ ނުލާ ވެސް ރޮވެނީ" އަންބަރް ބުންޏެވެ. "އަބަދު ދެރަވެފައި ހުންނަނީ. ހިތަށް ހިތްހަމަޖެހުމެއް ނުލިބޭ"
އަންބަރް ރޯ މަންޒަރު ފެނި ޒަހާގެ ހިތަށް ތަދުވެލިއެވެ. އަންބަރްގެ ދެލޯ ކައިރި ފޮހެދީފައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި އަންބަރްގެ ނިތުގައި ބޮސްދީފިއެވެ.
"ހިތުގައި ޝަކުވާތަކެއް ހުރެގެން ނޫނީ ތިހެން އަބަދު ނުއެއް ރޮވޭނެ" ޒަހާ ބުންޏެވެ. ޖޫދު އިބާއަށް ރަނގަޅުތަ؟"
އަންބަރް ބޯޖަހާލިއެވެ. ޖޫދާ ގުޅިގެން އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާއަށް ޖޫދު ނުބައި ކަމެއް ދައްކާފައެއް ނެތެވެ.
"މަންމަ ބުނެފާނަން ތިކަމަށް ވަރަށް ރަނގަޅު ފަރުވާއެއް" ޒަހާ ބުންޏެވެ. އަންބަރް ޒަހާއަށް ބަލައިލިއެވެ.
ޖޫދު ކޮޓަރިއަށް ވަދެފައި ފެނުނު މަންޒަރަކުން ހައިރާންވިއެވެ. އަންބަރް ހުރީ މުސައްލަ މަތީގައެވެ. އެވަގުތު އަންބަރް އެކުރަނީ ކޮން ނަމާދެއްބާއޭ ހިތަށް އެރިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ޖޫދު ސޯފާގައި އިށީނދެފައި ފޯނާ ކުޅެން ފެށިއެވެ. ކޮޓަރީގައި އިތުރު މީހަކު ހުރިހެން ހީވުމުން އަންބަރަށް ކުރިއަށް ނުގެންދެވުނެވެ. އަވަސް އަރުވާލެއްވިއްޖެއެވެ. ސަލާމްދީފައި މުސައްލަ އޮޅާލާފައި އެ އޮންނަ ތަނުގައި ބާއްވާފައި ނުކުމެއްޖެއެވެ.
ޒަހާ ފޮނުވާފައި އިން މެސެޖް ޖޫދު އެތައް ފަހަރަކު ކިޔައިފިއެވެ. އަންބަރް ދެރަވެ ރޯންޖެހޭވަރުގެ ކަމެއް އޭނާއަށް ނުވިސްނުނެވެ. އަންބަރްގެ މިނިވަންކަމަށް އޭނާ ހުރަހެއް ނާޅައެވެ. ނަފްސާނީގޮތުންވެސް އަދި ޖިސްމާނީ ގޮތުންވެސް އަނިޔާއެއް ނުކުރެއެވެ. އަންބަރް އުޅެނީ ހިތްހަމަނުޖެހިއޭ ވެސް މިހާރު ނުބުނެވޭނެއެވެ. އޭނާ އަންބަރަށް އުނދަގުލެއް ނުކުރެއެވެ. މަޖުބޫރެއް ނުކުރެއެވެ. ވީއިރު އަންބަރް އެކުރަނީ ކޮން ހިތާމައެއް ހެއްޔެވެ؟ ފިރިއެއްގެ ހައިއްސިއްޔަތުން އެކަމެއް ހޯދަން ޖޫދު ބޭނުންވިއެވެ. އޭނާ ނިންމީ ރަނގަޅު ވަގުތަކުން އަންބަރާ ވާހަކަދައްކާށެވެ.
އަލިޝްބާ ކޮޓަރީގައި އުޅެނިކޮށް ގަމަރު ވަދެއްޖެއެވެ. ބެޑްޝީޓް ރީތިކުރަން އުޅުނު އަލިޝްބާ ގަމަރަށް ބަލައިލިއެވެ. އަދި ހީލައިފިއެވެ.
"ގަމޫ ކަމަކުތަ؟" އަލިޝްބާ އެހިއެވެ.
"އިބާދައްތަ އެބަހުރި ބޭރުގަ" ގަމަރު ބުންޏެވެ.
"އެހެންތަ. ދޮންބެދައްތަ އެބަދަން" އަލިޝްބާ ބުންޏެވެ.
ސިޓިންރޫމުގައި ޝަމްސުއާ ވާހަކަދައްކަން އިން އަންބަރު ފެނި ކޮޓަރިން ނުކުމެގެން އައި އަލިޝްބާ ހީލައިފިއެވެ.
"މަންމަ މިއަހަނީ އިބާ ކައިރީގައި ހުރިހާ ކަމެއް ރަނގަޅުހޭ" ޝަމްސު ބުންޏެވެ. "އެހެންޏާ ބަލާބަލަ އެމަންޖެގެ މޫނުމަތި. ހީވަނީ ވަރަށް ބަލިވެ އުޅޭހެން"
އަލިޝްބާ ފެނުމާއެކު އަންބަރް ތެދުވެގެން ގޮސް އަލިޝްބާގެ ގައިގައި ބައްދާލައިފިއެވެ. އެމަންޒަރު ފެނުމުން ޝަމްސު ހީލިއެވެ.
އަންބަރް ގޮވައިގެން އަލިޝްބާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި އަންބަރް ބައިންދާފައި އޭނާ ވެސް އަންބަރް ކައިރީގައި އިށީނެވެ.
"ހުރިހާ ކަމެއް ރަނގަޅުތަ؟" އަލިޝްބާ އެހިއެވެ. އަންބަރް ގަދަކަމުން ހީލާފައި ބޯޖަހާލިއެވެ.
"ދެން ކޮންވައްތަރަކަށް ތި އިންނަނީ" އަލިޝްބާ އެހިއެވެ. "އަނެއްކާ ޖޫދާއެކު ފައިޓަކަށް އެރީތަ؟" މަޖާ ރާގެއްގައި އަލިޝްބާ އެހިއެވެ.
"ތިކަހަލަ ކަމެއް ނުވޭ. ނިދި އައިއްސަ އިނީމަ ދޮންތައަށް ތިހެން ހީވަނީ" އަންބަރް ބުންޏެވެ. އަލިޝްބާ ހީލާފައި އަންބަރްގެ އިސްތަށިގަނޑު ރީތިކޮށްލައިފިއެވެ.
"އަދިވެސް އިބާ ނޫޅެންތަ މި އިސްތަށިގަނޑު ފޮރުވާކަށް" އަލިޝްބާ އެހިއެވެ. އަންބަރް އެއްޗެއް ނުބުންޏެވެ.
"މިއައީ ދޮންތަ ކައިރީގައި ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން" އަންބަރް ބުންޏެވެ. އަލިޝްބާ ޝައުގުވެރިކަން ފާޅުކުރިއެވެ.
"ކުރިން ގޭގައި އުޅުނުއިރު ދޮންތަ ދަމެއްނު ބައެއް ގޭގެއަށް ބަލި މީހުންގެ ގައިގައި ބޭސްއުނގުޅަން. ބައްޕަގެ ފައި ވެސް ރަނގަޅު ކުރީމެއްނު" އަންބަރް ބުންޏެވެ.
"މީހަކާ އިނދެގެން އައި ފަހުން ދޮންތަ މަސައްކަތް ކުރަނީ ފިރިމީހާގެ އާއިލާގެ ކަންކަމަށް އިސްކަމެއްދެވޭތޯ. މިއީވެސް މިހާރު ދޮންތަގެ ފެމެލީއެއްނު" އަލިޝްބާ ބުންޏެވެ.
"ދެން ތިބުނީ އެކަން އެއްކޮށް ހުއްޓާލީއޭތަ؟" އަންބަރް އެހިއެވެ.
"އުނހު. ކިހިނެއްވީ؟ އިބާގެ ފަޔަށް ތަދުވަނީތަ؟" އަލިޝްބާ އެހިއެވެ.
"ނޫން. އެގޭ މަންމަ ފައި ރަނގަޅު ކުރަންވެގެން" އިސްޖަހާލަމުން އަންބަރް ބުންޏެވެ. އަލިޝްބާއަށް ހިނިތުންވެވުނެވެ. ޖޫދުގެ އާއިލާއާ މެދު އަންބަރް ވިސްނާކަން އެނގުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
"އިބާ ކޮންއިރަކު އެމީހުންނާ މެދު"
"ޕްލީޒް ދޮންތާ. މަންމަގެ ފައި ރަނގަޅުކޮށްދީ" އަލިޝްބާ ޖުމްލަ ފުރިހަމަ ކުރުމަށް އަންބަރް ހުރަސް އެޅިއެވެ. "މަންމަ އަމިއްލަ ފައި މައްޗަށް ކޮޅަށް ހުންނަ މަންޒަރު ދެކެން އަޅުގަނޑު ބޭނުން. އެއީ ވަރަށް ހެޔޮ މަންމައެއް. ވަރަށް ރަނގަޅު ވާހަކަތައްވެސް ކިޔައިދޭ" އަންބަރް ވާހަކަދެއްކިއެވެ.
"ދޮންތަ މަސައްކަތްކުރާނަން" އަލިޝްބާ ބުންޏެވެ.
އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން އެއްވަރަކަށް ތަޅުވަން އިން ސީނާ އިރުކޮޅަކާ ބަދިގޭގައި އުޅުނު ރިކްޒާއަށް ބަލައިލައެވެ. ކުރިމަތީގައި ޓީވީ ހުޅުވާފައި ހުއްޓަސް ގިނަ ފަހަރަށް އޭނާގެ ސަމާލުކަން ދެވިފައިވަނީ އުނދުން ކައިރީގައި ހުރި ރިކްޒާއަށެވެ. ހަތްމަހުގެ ބަނޑާއެކު ރިކްޒާގެ ކޮންމެ ހަރަކާތަކަށް އޭނާ ދިޔައީ ފާރަވެރިވަމުންނެވެ.
ކައިވެނިން ބޭރުން ރިކްޒާ ބަލިވެ އިންކަން ސީނާއަށް އެނގުނީ ރިކްޒާ މާބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދައްކާފައި ހެދި ޓެސްޓަތަކުންނެވެ. އެދުވަހު އޭނާ ރިކްޒާ މަރާނުލީ ކިރިޔާއެވެ. އެއީ ކާކު ދަރިއެއްތޯ އެތައް ފަހަރަކު އޭނާ އަހައިފިއެވެ. އެހެންނަމަވެސް ރިކްޒާގެ ލޮލުން އެންމެ ކަރުނައެއްވެސް ވައްޓާނުލާތާ ދަރިފުޅުގެ ބައްޕަގެ ނަމެއްވެސް ނުބުންޏެވެ. އެކުވެރިން ކުރިމަތީގައި ވާން އޮތް ބަދުނާމުގެ ބޮޑުމިން ހިތަށް އަރާފައި އޭނާ ގެއިން ނުކުތުން ހުއްޓާލިއެވެ. ރައްޓެއްސަކު ގުޅާލިޔަސް ކޮންމެސް ބަހަނާއެއް ދައްކާފައި އޭނާ ރެކިގަނެއެވެ. ރިކްޒާވެސް ގެއިން ބޭރަށްނުކުތުން އޮންނަނީ އެއްކޮށް މަނާކޮށްފައެވެ. ބަނޑަށް ހަތް މަސް ވީއިރު ޑޮކްޓަރަށް ދެއްކީ ބަނޑު ނުކުތުމުގެ ކުރިންނެވެ. ރިކްޒާގެ ބަނޑު ބޮޑުވަމުން އައީ ވަރަށް އަވަހަށެވެ. ހަތްމަހުގައިވެސް ހީވަނީ ވިހަން އުޅޭހެންނެވެ. އެހާލުގައި ރިކްޒާއަށް އަމިއްލަ ކަންކަން ނުކުރެވޭތީ ސީނާ އެހީވެދެއެވެ. އެހެންނަމަވެސް އޭނާ ރިކްޒާއާ ވާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން ރިކްޒާގެ ހިތް މަރުވާ އެއްޗެއް ބުނެލައެވެ.
ކައިރީގައި އޮތް ފޯނު ނަގާފައި އޭނާ ނަންބަރަށް ގުޅިއެވެ.
"އަދިވެސް ހަމަނުޖެހޭތަ؟ އެމަންޖެ މިހާރު އޭނީ ވިހަން ކައިރިވެފަ" ސީނާ ބުންޏެވެ.
"މިކަމުގެ ބަދަލު ކަލޭ ބޭނުންވަނީ އަހަރެންގެ ހަށިގަނޑުން ކަމަށް ވަންޏާ މައްސަލައެއް ނެތޭ. އަހަރެން ބޭނުމީ މި ބަދުނާމުން ސަލާމަތްވާން" ސީނާ ބުންޏެވެ.
"އެއް އަހަރު. އަހަރު ދުވަސް މާލޭގައި އުޅެލާފައި އަހަރެން އޭނާ ގޮވައިގެން މިރަށަށް އަންނާނަން. އޭރުން މިރަށު މީހުންނަކަށް ނޭނގޭނެ އެއީ އޭނާއަށް ކައިވެނިން ބޭރުން ލިބުނު ދަރިއެއް ކަމެއް" ސީނާ ވާހަކަދެއްކިއެވެ.
"ހަމަ ތެދެއްތަ؟ މާދަމާ ރޭ ނޫން އަނެއްރޭ ފުރަން ތައްޔާރުވާންވީ ދޯ" ސީނާ ބުންޏެވެ.
ގެއަށް ވަންގޮތަށް ލައިގެން ހުރި ގަމީހުގެ ދަށަށް ޖަހާފައި ހުރި ބައި ނައްޓުވާލަމުން ޖޫދު ސޯފާއަށް ވެއްޓިގަތެވެ. ބަދިގެއަށް ފެންބޯން ދާންވެގެން ނުކުތް އަންބަރަށް އެ މަންޒަރު ފެނުނެވެ. އެދިމާ ބަލަހައްޓައިގެން ހުރެފައި އޭނާ ހިނގައިގަތްތަނާ ކޮޓަރިން ޒަހާ ނުކުމެއްޖެއެވެ.
"ޖޫދުތަ؟" ސޯފާގައި އިން މީހަކު ފެނި ޒަހާ އެހިއެވެ. ސޯފާގެ ފަހަތު ބައިގައި ބޯއެލުވާލައިގެން އޮތް ޖޫދަށް ބަލައިލާފައި ޒަހާ ދެން ބަލައިލީ އަންބަރަށެވެ.
"އިބާ އާދޭ ފިނި އެއްޗެއް ހިފައިގެން އަންނަން" ޒަހާ އެހެން ބުނެފައި ގޮނޑި ދަމަމުން ޖޫދާ ދިމާލަށް ދިޔައެވެ. ފުރިޖު ހުޅުވާފައި ފިނި ފެންފުޅިއެއް ނަގަން އުޅެނިކޮށް އަންބަރްގެ ލޮލުގައި އަޅައިގަތީ އެތެރޭގައި ހުރި އަނބު ޖޫސް ޕެކެޓެވެ. ފިނި ފެނުގެ ބަދަލުގައި އޭނާ ތައްޓަށް އެޅީ ޖޫހެވެ. ތަބަކަށް ބިއްލޫރިތަށި ލައިގެން އޭނާ ހިނގައިގަތެވެ.
"ބޯގޮވައިފި މަންމާ" ޖޫދު ބުންޏެވެ. އެ އަޑު އެވަގުތު އައިސް ހުއްޓުނު އަންބަރަށް އިވުނެވެ. ޒަހާ އަންބަރަށް ބަލައިލާފައި ޖޫސްތަށި ޖޫދަށް ދިނުމަށް އިޝާރާތްކޮށްލިއެވެ.
"ޝުކުރިއްޔާ" ތަށީގައި ހިފާފައި ޖޫދު ބުންޏެވެ. އަންބަރް ދުރަށް ޖެހިލިއެވެ.
"ކިހިނެކޭވީ" ޒަހާ އެހިއެވެ.
"އަދިވެސް ތަހުގީގަށް ކުރިއެރުމެއް ނުލިބޭ. އައްޔަ ވީތަނެއްވެސް ނޭނގޭ. އޭނާގެ އާއިލާއާ ސުވާލުކުރުމަށް އެގެއަށް ފުލުހުން ދިޔުމުން އެގޭ މީހުން ރުޅި އައީ އަޅުގަނޑުދެކެ" ޖޫސްތަށިން ކޯވަރެއް ބޯލާފައި ޖޫދު ފުން ނޭވާއެއް ލިއެވެ.
"އައްޔަ ބައްޕަ ބުނަނީ އަޅުގަނޑުމެންނަށް ވިޔަފާރިކުރަން ނޭނގިގެން ލިބުނު ދެރައެކޯ. އެއްވެސް ދީލަތިކަމެއް ތެދުވެރިކަމެއް ނެތް ބައެކޯ. ދެރަވެސް ވޭ. އައްޔަގެ އަންހެނުންވެސް ވިހައިގެން އޮތީ" ޖޫދު ވާހަކަދެއްކިއެވެ. އެވާހަކަތައް އިވޭ ހިސާބުގައި އަންބަރް މަޑުކޮށްލައިގެން ހުއްޓެވެ.
"ބަޔަކު އެހެން ކިޔަސް އަޅާނުލާ. އެންމެ މީހަކު އަދި އެހެން ބުންޏަސް އެކަމާ އެހާބޮޑަށް ނުވިސްނާ. އަހަރެމެން ކުރާ ވިޔަފާރިއަކީ ކޮންކަހަލަ ވިޔަފާރިއެއްކަން ދެނެވޮޑިގެންވަނީ އެހެން ފަރާތަކުން" ޒަހާ ވާހަކަދެއްކިއެވެ.
"ތެދުވެރި އަމާނާތްތެރި ވިޔަފާރިވެރިޔާ ގިޔާމަތް ދުވަހުން ވާހުށީ ނަބިއްޔުންނާއި ސިއްދީގުންނާއި ޝަހީދުންނާ އެކުގަ"
ނީލަމް ކޮޓަރީގައި އިނީ ނުކުންނަން ބޭނުންނުވެފައެވެ. އަލިޝްބާ އައިސްވަނީ އޭނާ އެހެން އިންދައެވެ. އެނދުގައި އިށީނދެގެން ނީލަމް އިން ގޮތުން އަލިޝްބާއަށް ހެވުނެވެ. ނީލަމް އެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ.
"ދެން ހިނގާ. އެމީހުން އެބަތިބި ބޭރުގަ. ޒަހާއްތަވެސް އެބައިން" އަލިޝްބާ ބުންޏެވެ.
"ލިބާ ކީއްކުރަން އޭނާއަށް ގަޑި ދިނީ" ނީލަމް ބުންޏެވެ.
"މީހަކު ދައްކާ ވާހަކައެއް އަޑުއަހައިގެން ގައިން ބައެއް އުނިވާނެތަ؟ އޭނަ ކިޔާ އެއްޗެއް އަޑުއަހަން އެތާ އިނުމަކުން ކޮބާ މައްސަލައެއް" އަލިޝްބާ ބުންޏެވެ.
"އާނަ ދައްކަން އުޅޭ ވާހަކައެއް ނޭހިޔަސް މަށަށް އެނގޭ ކީކޭ ކިޔަންކަން އެ އުޅެނީ" ނީލަމް ބުންޏެވެ.
"އެކަމަކުވެސް ހިނގާ" ނީލަމްގެ އަތުގައި ހިފައި ކުޑަކޮށް ދަމާލަމުން އަލިޝްބާ ބުންޏެވެ.
"ނުކެރޭނެ. ޖޫދުވެސް އިންނާނެ އެތަނުގަ" ނީލަމް ބުންޏެވެ.
"އަމައްޔާތް. ޖޫދު މިގޭގަވެސް އުޅޭ" އަލިޝްބާ ބުންޏެވެ. "ދެން ހިނގާ. ޒަހާއްތަ އާ މަށާ ތިބޭނީ"
އެންމެފަހުން ނީލަމް ދިޔައީ އަލިޝްބާ ކުރުނުކޮށްގެނެވެ. ސޯފާގައި އައްމާރާ ޔޫނުސް ތިބިއިރު ކުރިމަތީގައި ހުރި ސޯފާގައި އަލިޝްބާ އަދި ނީލަމް އިނެވެ. ޒަހާ އިނީ އޭނާއަށް ހާއްސަ ގޮނޑީގައި ވަކިންނެވެ.
"ޔޫނުސްބެ ރަނގަޅުތަ؟" އަލިޝްބާ އެހިއެވެ. ހީލާފައި ޔޫނުސް ބޯޖަހާލިއެވެ.
މެހެމާނުންނަށް ތަބަކެއްގައި ފިނި އެއްޗެއް ހިފައިގެން އައި އަންބަރް ފެނި އަލިޝްބާއަށް ހިނިތުންވެވުނެވެ. ކޮއްކޮއަށް އެހާ ބޮޑު ބަދަލެއް އައީތީ އޭނާ އުފާކުރިއެވެ. ދިރިއުޅެން ދަސްކުރާތަން މަޑުމަޑުން އަންބަރްގެ ފުށުން ފެންނަން ފަށައިފިއެވެ.
އެންމެ ފަހަރަކުވެސް ނީލަމް އައްމާރަށް ބަލައިނުލައެވެ. އެހެންނަމަވެސް އައްމާރު އިނީ ކަޅިޖަހާނުލައި ނީލަމްއަށް ބަލަހައްޓައިގެންނެވެ. އެ މަންޒަރު ޒަހާއަށް އަދި އަލިޝްބާއަށް ފެނުނެވެ.
"ކޮންކަމަކު އޭ ތަ ބުނީ؟" ޒަހާ އެހިއެވެ. ނީލަމްގެ މޫނުން އައްމާރު ނަޒަރު ވަކިކޮށްލީ އެވަގުތުއެވެ.
"އަ..އަޅުގަނޑު ނީލަމް އާ އިންނަން ބޭނުން" ވަހަކަ ދުރުން ފަށަން އައްމާރު ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ހާމަކުރީ އޭނާ އައި ބޭނުމެވެ.
"ނީލަމް. މި އެންމެން ކުރިމަތީގައި އަހަރެން ނީލަމްގެ ކައިވެންޏަށް މިއެދެނީ. އަހަރެން އައީ ނީލަމްއާ ވާހަކަދައްކާލަން. އަހަރެން ނީލަމް ކަމުދިޔައީ މިއަދުއެއް ނޫން. އެކަން އެންމެ ބޮޑަށް އެނގޭނީވެސް ނީލަމްއަށް" އައްމާރު ވާހަކަދެއްކިއެވެ. ނީލަމް ބަހެއް ނުކިޔައެވެ. އެހެންނަމަވެސް އޭނާގެ ނޭވާ އަވަސްވެއްޖެއެވެ.
"ނީލަމް، އަހަރެންނަށް ކޮންމެވެސް ޖަވާބެއްދީ" ދެއަތްތިލަ މޮޑެން އިން ނީލަމްގެ އަތުގައި އަލިޝްބާ ހިފާލިއެވެ. އަލިޝްބާގެ އެ އަމަލުން ނީލަމް ކައިރީގައި އައްމާރަށް ކޮންމެސް ޖަވާބެއްދޭށޭ ބުނާ ކަހަލައެވެ.
"އަހަރެން ބޭނުމެއްނޫން. އައްމާރު ކީއްވެގެންތަ ތިހެން ތިއުޅެނީ؟ ހަނދާންނެތުނީތަ އަހަރެންނަކީ އައްމާރުގެ ފަހަރި ކަން" ނީލަމް ބުންޏެވެ. އޭނާގެ އަޑުގައިވީ ޝަކުވާއެވެ.
"އަހަރެންގެ ބޭބެގެ އަންބެއްގެ މަގާމުގައި މިއަދު ނީލަމް އިންނަމަ އަހަރެން މިގޮތަށް ކައިވެންޏަަކަށް ނޭދޭނަން. އެކަމަކު މިހާރު ޖައިލަމްބެ ދުނިޔޭގައި ނެތް. ހުރިހާ ގޮތަކުން ބެލިނަމަވެސް ނީލަމްއަކީ މިިނިވަނެއް. އަހަރެންނާ ނީލަމްގެ ކައިވެނި ހެޔޮނުވާންވީ އެއްވެސް ސަބަބެއް ނެތް" އައްމާރު ބުންޏެވެ.
"އެކަމަކުވެސް ހެޔޮ. އަހަރެން ބޭނުމެއްނޫން" ނީލަމް ބުންޏެވެ. ރޮވިފައި އިނދެ އޭނާ ދެކަކުލުގައި ބޯއަޅައިފިއެވެ. ނީލަމް ރޯކަން އެނގުމުން އައްމާރު ހިމޭންވިއެވެ. ނީލަމް ކައިވެންޏާ ދެކޮޅު ހެދުމުން އޭނާ ދެރަވެސްވެއްޖެއެވެ.
"ނީލަމް ހަމަޖެހިލީމަ އަޅުަގނޑުމެން ވާހަކަދައްކާނަން. އެއަށްފަހު އައްމާރުގެ ތި ހުށަހެޅުމަށް ނީލަމް ޖަވާބުދޭނެ" ޒަހާ ބުންޏެވެ.
ގަޑިން ބާރަޖަހަން ފަސް މިނިޓް ހުއްޓެވެ. ޖޫދު ނިދަން ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު އަންބަރް އެނދުގައި އޮތެވެ. އުއްޑުން މައްޗަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު ދެއަތްތިލަ ގުޅުވާލައިގެން ގެނެސް ބަނޑުމަތީގައި ބާއްވާފައި އޮތެވެ. އަންބަރަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ޖޫދު ހިނގައިގަތެވެ. އަންބަރް ފިކުރެއްގައި އޮތްކަން އޭނާއަށް ޔަގީނެވެ. އެހެންޏާ ނިދަން އަރާ ވަގުތަކީ އަންބަރްގެ ފޯރި އެންމެ ގަދަވާ ވަގުތެވެ. ފޯނު އަތުން ދޫކޮށްނުލާނެއެވެ. އެހެންނަމަވެސް މިހާރު ފޯނު އޮތީ ގަޔާ ދުރުގައި ބާއްވާފައެވެ. ވެރިމީހާގެ ފަޅުކަން ފޯނުވެސް އިހުސާސްކުރާ ކަހަލައެވެ.
ޖޫދު ނިދައިފިކަން ޔަގީންވުމާއެކު އަންބަރް ތެދުވެ ބާލީހުގައި ލެގިނލިއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން އެއްވެސް އަޑެއް ނީވެއެވެ. ކައިރީގައި އޮތް ފޯނު ނަގާފައި އަންބަރް ގަޑި ބަލައިލިއެވެ. އެކެއްޖަހައި ބޮޑުވެއްޖެއެވެ. ދެން އޭނާ ނެގީ ފޯނެވެ. މެސެޖް ބައި ހުޅުވާލާފައި ވާރިޝް އެންމެފަހުން ފޯނުވާލި މެސެޖް އޭނާ ކިޔާލިއެވެ. ވާރިޝް ދީފަ އޮތް ވަގުތު ފަހަނައަޅައި ހިނގައްޖެއެވެ. ފޯނަށް ބަލަހައްޓައިގެން އިނދެފައި ދެން އޭނާ ބަލައިލީ ނިދާފައި އޮތް ޖޫދަށެވެ.
"އަހަރެން މިހުރީ އައިސް" ވާރިޝްގެ މެސެޖެއް އައީ އަންބަރް ފޯނަށް ބަލަހައްޓައިގެން އިންދައެވެ. އަންބަރް ފުން ނޭވައެއް ދޫކޮށްލިއެވެ. ދެލޯމަރާ ބާރުކޮށްލާފައި ހަމަޖެހިލިގޮތުން އަމިއްލަ ނަފުސަށް ހަމަޖެހުމަށް ބުނި ކަހަލައެވެ.
ދެފިކުރެއްގައި އިނދެފައި އަންބަރް ތެދުވެގެން ހިނގައިގަތެވެ. ޖޫދަށް ބަލަހައްޓައިގެން ހުރެފައި މަޑުމަޑުން ކޮޓަރީ ދޮރު ހުޅުވާލައިފިއެވެ. އެހާ މަޑުން ދޮރުލައްޕާލާފައި އޭނާ މައިދޮރާ ދިމާލަށް ދިޔައެވެ. މުޅި ގޭތެރެއަށް ވަނީ ފަނޑު އަލިކަމެއް ވެރިވެފައެވެ. މީހެއްގެ މޫނު ވަކިނުވާހާ އަނދިރިއެއް ނޫނެވެ.
ދޮރުން ބޭރަށް އަންބަރް ނުކުތުމާއެކު ތައްޔާރަށް ހުރި ވާރިޝް އަންބަރްގެ ދެއަތުގައި ހިފާ ފާރަށް ތަތްކޮށްލައިފިއެވެ. ދެލޯ ބޮޑުކޮށްފައި އަންބަރް ވާރިޝްއަށް ބަލައިލިއެވެ. އޭނާ ވާރިޝްގެ އަތުން ދެމިގަތެވެ. ދުރުގައި ހުއްޓުމަށްފަހު ހަށަން ބަނދެލައިފިއެވެ. ވާރިޝްއަށް ލިބުނީ ހައިރާންކަމެކެވެ.
"ކީއްކުރަން ބައްދަލުކުރަން އުޅުނީ" އަންބަރް އެހިއެވެ.
"އިބާ މިހާރު ތަފާތޭ. އަހަރެން އަތްލީމަ މިހާރު އުފަލެއްނުވޭތަ؟" ވާރިޝް އަންބަރާ ގާތަށް ޖެހިލިއެވެ.
"ވާރު. އަވަސްކުރޭ. މިފަދަ ވަގުތެއްގައި މިތަނުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫން. ގަޑި އެބަ ހިނގާ" ވާރިޝް ކައިރިވާން ފެށުމުން ދުރަށް ޖެހެމުން ގޮސް އަނެއްކާވެސް އަންބަރް ހުއްޓުނީ ދޮރުމަތީގައެވެ. އެއް އަތުން ދޮރުގެ ތަޅުގައި ހިފާލައިގެން ހުރީ އެތެރެއަށް ވަނުމަށެވެ.
"މިއުޅެނީ އެވާހަކަ ބުނަންވެގެން. އިހަށް އާދެބަލަ ބައްދާލަން" ދެއަތް ހުޅުވާލަމުން ވާރިޝް ބުންޏެވެ.
"މިހާރަކު ނޫން. ފަހުން" އަންބަރް ބުންޏެވެ. ފަރުވާކުޑަ ގޮތަކަށް އަންބަރް ދުރަށް ބަލައިލިއެވެ.
"ދެން ބުނޭ. އެހެންނޫނީ އަހަރެން މިވަންނަނީ" އަންބަރް ބުންޏެވެ.
"މަޑުކުރޭ. އިހަށް އަހަރެން މިކުރާ ސުވާލަށް ޖަވާބުދީ. ތި ދެމީހުން މިހާރު ރަނގަޅުވީތަ. ޖޫދާއެކު މޫވްއޮން ކުރީތަ؟ އަނެއްކާ އިބާގެ ވިސްނުން؟
"އަހަރެމެން މިއުޅެނީ އޭނަގެ ވާހަކަދައްކާކަށް ނޫން. ވާރު ބޭނުންވާ ކަމެއް ބުނޭ. ކޮބާ ދޭން ބުނި އުފާވެރި ހަބަރު؟" އަންބަރް ބުންޏެވެ.
"ހިނގާ މެރީކުރަން" ވާރިޝް ބުންޏެވެ. އަންބަރަށް ގަބޫލުނުކުރެވިފައި ވާރިޝްއަށް ބަލައިލެވުނެވެ. އޭނާގެ ދެލޮލުން ވިދުވަރެއް ފާޅުވެލިއެވެ.
"އިނގޭ އިބާ އަހަރެންނާ މެރީކުރަން ބޭނުންވާނެކަން. އެކަން އަހަރެން ކުރާނަން. އެކަމަކު އަދި އަހަރެއްހާ ދުވަސް ފަހުން. އޭރުން އަހަރެމެން ވާނީ ރާއްޖޭގައި ނެތް ވަރުގެ މުއްސަނދި ބަޔަކަށް. މެރީކޮށްގެން އަހަރެމެން ދާނީ އޮސްޓްރޭލިޔާ އެމެރިކާ ނިއުޒީލެންޑް ކަހަލަ ތަނަކަށް. އިބާ ކުރަންވީ ކަމަކީ ތިގެއިން ޖޫދުގެ ފިހާރައިގެ ލިޔުންތައް ހޯދަންވީ. އޭރުން ހުރިހާ ކަމެއް ނިމުނީ" ވާރިޝް ބުންޏެވެ.
އަންބަރް ހިތުގައިޖެހުނެވެ. ފުރަތަމަ އޭނާ ހީކުރީ ހަގީގަތުގައިވެސް ވާރިޝް އެނާއާ އިންނަން ބޭނުންވެގެން ކައިވެންޏަށް އެދުނީ ކަމަށެވެ. އެކަމަކު އެކަން އެދިޔައީ ހުވަފެނަކަށް ވެގެންނެވެ. ވާރިޝް އެދުނީ އަބަދުވެސް އޭނާ އެދޭ ކަންތަކަށެވެ. ވައްކަން ކުރަންވީއެވެ. މުޅި ދުނިޔެ ފުރޭ ވަރަށް ވާރިޝްއަށް ފައިސާ ލިބުނަސް ކައިވެންޏެއް ކުރަން ވިސްނާނީ އަބަދުވެސް އަހަރެއްހާ ދުވަސް ފަހުންނެވެ.
"ކިހިނެއްވީ ތިބަލަނީ؟ އެވެސް އަހަރެމެންގެ ޕްލޭންގެ ބައެކޭ" ވާރިޝް ބުންޏެވެ. އަންބަރް ޖަވާބެއް ނުދިނެވެ. އެކަން ކުރާނަމެކޭވެސް ނުކުރާނަމެކޭވެސް ނުބުނެއެވެ. ކުއްލިއަކަށް އެތެރެއަށް ވަދެފައި ދޮރުލެއްޕިއެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އިށީންގޮތަށް އަންބަރަށް ރޮވިއްޖެއެވެ. ފޯނު އެނދުމައްޗަށް ހޫރާލާފައި ވާރިޝްގެ އޭނާގެ އަތުގައި ހިފި ތަންތަން ފޮޅަން ފެށިއެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. ދެފައި ކުރުކޮށްގެން އެނދުގައި އޮށޯތްގޮތަށް އޭނާ ދެލޯ މަރައި ބާރުކޮށްލިއެވެ. އެއް އަރިއަކަށް އޮތްއިރު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ކަންފަތް ކައިރިން ނުކުމެފައި ހުރި އިސްތަށިތަކުގެ ތެރެއަށް ހިނދެމުން ދިޔައެވެ.
(ނުނިމޭ)