ސައްބީސްވަނަ ބައި
އެއީ އަންބަރް ކަމާމެދު އޭނާއަށް ޝައްކު ކުރެވުނެވެ. އަންބަރް ނޫނީ އޭނާ އާ އެގޮތަށް ބައްދަލުކުރާނެ މީހަކު ނެތެވެ. ވީއިރު އަންބަރް މޫނު ބުރުގާ އަޅައިގެން އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަނެއްކާ އަންބަރް އެކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެވާނީ މީހަކަށް ޝައްކެއްވެދާނެތީ އަންބަރް ފޮރުވިގެން އައި ކަމަށެވެ. ކޮންމެ ހާލެއްގައިވެސް އަންބަރް އޭނާއާ ބައްދަލުކުރާނެކަން އޭނާއަށް ޔަގީންވެއެވެ.
"ތިހެން ހުރީމަ ކަމަކުނުދޭ. މިހިސާބު ވަރަށް އަމާން" ކައިރިއަށް ޖެހިލަމުން ވާރިޝް ބުންޏެވެ. އެއާއެކު ނީލަމް އޭނާގެ މޫނުފޮތިކޮޅު އުފުލާލައިފިއެވެ. ވާރިޝްއަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ. ހުރެވުނީ ހުވަފެނެއްގައި ކަމަށް ހީކޮށް އެއް އަތުން އަނެއް އަތުގައި ވިކައިވެސްލައިފިއެވެ. ދެލޮލުގައި އަތް ހާކާފައިވެސް ބެލިއެވެ. އެއީ ހަމަ ނީލަމް ކަން ވާރިޝްއަށް ޔަގީންވިއެވެ.
ދުވަސްތަކަކަށްފަހު ގާތުން ވާރިޝް ފެނުމުން އެންމެ ފުރަތަމަ ނީލަމްއަށް ޖަޒުބާތީ ވެވުނެވެ. ވާރިޝްއާ ގާތަށް އޭނާ ފިިޔަވަޅެއް އެޅިއެވެ. ކައިރީގައި ހުއްޓުމަށްފަހު އޭނާއަށް ވުރެ އިސްކޮޅުން ދިގު ވާރިޝްއަށް މޫނު އުފުލާލާފައި ބަލައިލިއެވެ.
"އަހަރެންނަށް ގަބޫލެއްވެސް ނުކުރެވޭ" ރޮވިފައިވާ އަޑަކުން ނީލަމް ބުންޏެވެ. ވާރިޝް ހަމަ ބަހެއްވެސް ނުބުނެއެވެ.
"ހަމަ އެކައްޗެކޭވެސް ހިތަށް ނާރާތަ؟ އަދިވެސް ހަމަ އެހެންތަ؟ އިސްލާހުނުވަންތަ؟ އަންބަރަކީ މިހާރު މީހެއްގެ އަންބެތް. ތި ވިސްނުން ބަދަލުކޮށްފާނަންތަ؟ އަހަރެން ކައިރިއަށް ދުވަހަކުވެސް ނާންނަންތަ ތިހުންނަނީ. ކުޑަކޮށްވެސް ހަނދާން ނުވަނީތަ؟" ވާރިޝްގެ އަތުގައި ހިފިގޮތަށް ނީލަމްއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނީލަމްގެ ކަރުނަތައް ފެނި ހިނދުކޮޅަކަށް ވާރިޝްގެ މުޅި ނަފުސު ހިމޭންވިއެވެ. އެހެންނަމަވެސް އޭނާ މޫނުމައްޗަށް ބަދަލު ގެނެސްފައި ނީލަމްއާ ދުރަށް ޖެހިއްޖެއެވެ. އަތުގައި އޮތް ޓީޝާޓް ބޮލުން ވައްޓައިލަމުން އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"ކޮންތާކަށް؟ ދެން ނުކެރޭނެ އަހަރެން ދޫކޮށްފައި ދާކަށް" ނީލަމް ހިފެހެއްޓީ ވާރިޝްގެ އަތުގައެވެ.
"އަހަރެން ހޯދަން ނޫޅޭތި. ތި އެންމެންގެ ދިރިއުޅުމުން އަހަރެން ނުކުތްތާ ކޮންދުވަހެއް؟" ނީލަމްގެ އަތް ދުރަށް ފޮޅުވާލަމުން ވާރިޝް ނުކުމެގެން ހިންގައްޖެއެވެ.
ވާރިޝް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ނީލަމް ބާރަށް ރޮއެގަނެއްޖެއެވެ. އެހިނދުކޮޅު މުޅި ދުނިޔެއަށް އޭނާ ގިނަވެފައި ހުރިކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ހުރި ދިމާލުން ތިރީގައި އޭނާއަށް އިށީނދެވުނީ އުންމީދުގެ އެންމެފަހު ހުޅުކޮޅު ކުރިމަތީގައި ނިވިދިޔަ މަންޒަރު ފެނުމުންނެވެ.
ގެސްޓްހައުސްގެ މަސައްކަތްތައް ނިންމާލާފައި އައްމާރު މިސްރާބު ޖެހީ ޔޫނުސްއާ ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. ރޭގަނޑު ނިދާލަން ނޫން ގޮތަކަށް އޭނާ ގެއަށް ވަންނަން ބޭނުމެއްނުވެއެވެ.
"ކޮބާ ޔޫނުސް؟" ދޮރުހުޅުވައިލިއިރު ކުރިމަތީގައި ހުރީ ދުވަސްވީ އަންހެނެކެވެ.
"އާދޭ އެތެރެއަށް. އައްމާރު ދޯ. ރަޝީދައްތަ ފެނުނީމަ ނުވެސް އެނގުނުތަ؟" ރަޝީދާ ބުންޏެވެ. ހީލާފައި އައްމާރު މިސްރާބުޖެހީ ޔޫނުސްގެ ކޮޓަރިއާ ދިމާލަށެވެ.
"ކޮންވަޑާމެއް" ކޮޓަރިން ޔޫނުސް ނުކުތީ އައްމާރު އެ ކޮޓަރިއާ އަރާ ހަމަވިތަނާއެވެ. އެހެންކަމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. މިފަހަރު އެ ރަށަށް އައިފަހުން އައްމާރު އެގެއަށް އައި ފުރަތަމަ ފަހަރަށް ވީތީއާވެސް އެކުގައެވެ.
"ގެއަށް ދާހިތެއްނެތް" އައްމާރު ބުންޏެވެ. "ހިނގާބަލަ ވާހަކަދައްކާލަން"
"ކޮޓަރީގައެއްނުން. ދެންމެ ދަރި ނިންދަވާލާފައި މި ނުކުތީ. ހިނގާ ބޭރަށް ނުކުމެލަން" ޔޫނުސް ބުންޏެވެ. އައްމާރު ހިނގައިގަތެވެ.
ދަބަހެއް ކޮނޑުގައި އަޅުވައިގެން ނުކުތް ޖޫދު ފެނިފައި ސޯފާގައި އިން ޖިޔާ ފުންމައިގެން ތެދުވިއެވެ. ޖޫދުގެ ކޮނޑުގައި އޮތް ދަބަސް ފެނިފައި ވަގުތުން ޖިޔާއަށް ޖޫދު އެދާ ތަނެއް އެނގިއްޖެއެވެ.
"ދޮންބެ ޖިމަށް ދަނީތަ؟" ޖިޔާ ބުންޏެވެ. ޖޫދު އެދިޔަ ބާރުމިނުގައި ގޮސް ޖިޔާ އަނގަމަތީގައި އަތް އަޅައިފިއެވެ. ޖިޔާ އެހެން ބުނި އަޑު ކޮޓަރީގައި ހުރި އަންބަރަށް އިވޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
"ޝްޝްޝް... އެހާ ބާރަށް ނުކިޔާ ތިހެން" ޖޫދު ބުންޏެވެ. ޖޫދު ހުރިގޮތަށް ޖިޔާވެސް އަނގައިން ހަމަ އެ އަޑު ލައްވާލާފައި ތުންފަތް އޫކޮށްލާފައި އިނގިލި ޖައްސާލިއެވެ. ބަދިގޭގައި އުޅުނު ނީލަމް ބޯދިއްކޮށްލީ ޖިޔާގެ އަޑު އިވިފައެވެ. އެހެންނަމަވެސް ޖިޔާ ބުނި އެއްޗެއް މާބޮޑަށް އޭނާއަށް ފަހުމެއް ނުވިއެވެ.
"ދޮންބެ ތިއުޅެނީ ތިއަށް ވުރެވެސް ހިކެންތަ؟ ތިއަށް ވުރެ ހިކުނީމަ ކިހިނެއްވާނީ؟ ބިރުންގޮސް ބޮޑުދައިތައަށް ވާނެ ގޮތެއްވެސް ނޭނގޭ" ޖިޔާ ބުންޏެވެ. ޖޫދު ހީލާފައި ޖިޔާގެ ބޮލުގައި ޖަހާލިއެވެ.
"ހުރިހާ މީހުން ޖިމަށް ދަނީ ހިކޭކަށް ނޫނޭ. ފަލަވާންވެސް ދެޔޭ" ޖޫދު ބުންޏެވެ. "މަންމަ ކައިރީގައި ބުނައްޗޭ ދޮންބެ ގޭގަ ނެތް ވާހަކަ" ގޭދޮރުމަތީގައި އިން އައިމަންގެ ފަހަތަށް ޖޫދު އެރުމާއެކު ސައިކަލް ކުރިއަށް ދުއްވާލިއެވެ.
"ޖިޔާ ބޮޑު އަނގައަށް އިނގިއްޖެ އަހަރެން ޖިމަށް ދާން ފަށައިފިކަން" ހީލާފައި ޖޫދު ބުންޏެވެ.
ދެ އެކުވެރިން ދާ މަންޒަރު ބަލަން އަންބަރް ހުއްޓެވެ. އެކަނި ކުޑަދޮރު ކައިރީގައި ހުރިއިރު އޭނާގެ މޫނުމަތިން ހަމހިމޭންކަމެއް ފާޅުވާން ހުއްޓެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތުގައެވެ. މާކުރިންވެސް ވާރިޝްގެ ފޯނު އަންނާނެކަން އޭނާއަށް އެނގެއެވެ.
"އަހަރެން ހިއެއްނުކުރަން އިބާ އެހާ ދޮގުހަދާނެ ކަމަކަށް. އަހަރެންގެ އިހުސާސްތަކާ ތިކުޅެލީ. އަހަރެން ހާދަ އުންމީދެއް ކުރީމޭ އެކަނި އިބާއާ ބައްދަލުވާނެ ކަމަށް. އެކަމަކު... ތިދެމީހުން ރާވައިގެން ކުރި ކަމެއް ދޯ އެއީ" އަންބަރަށް ވާހަކަދައްކާނެ އެންމެ ފުރުސަތެއްވެސް ނުދީ ވާރިޝް ހުރިހާ އެއްޗެއް ކިޔައިގަތެވެ.
"އަހަރެން ކީއްކުރާނީ" އަންބަރަށް ރޮވިއްޖެއެވެ. "ނީލަމް އަހަރެންނަށް ކުރާވަރު ވާރުއަކަށް ނޭނގޭނެ"
"އިބާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އެއްވެސް ގުޅުމެއް އޭނާއާއެކު ބާއްވަން ބޭނުންނުވާކަން" ވާރިޝް ބުންޏެވެ.
އަންބަރް ބަހެއްނުކިޔާ ހުއްޓެވެ. އޭނާއަށް ރޮވެމުންދިޔައެވެ. ވިސްނާނުލާ ވާރިޝް ބަވައިގަތުމުން އޭނާ ހިތުގައިޖެހިއްޖެއެވެ.
"އޯކޭ ދެން" ވާރިޝް ބުންޏެވެ. "ދެން ކޮންއިރަކުން ބައްދަލުވާނީ؟"
"ދެން އަހަރެން ނޫޅެން ވާރު އާ ބައްދަލުކުރާކަށް" އަންބަރް ފޯނު ބޭއްވިއެވެ. ކޮޓަރިއަށް ވަންގޮތަށް އޭނާއަށް އެނދުގައި އިށީނދެވިއްޖެއެވެ. ގިސްލާފައި ރޯންފެށިއްޖެއެވެ. އޭނާއަށް އެވާ ގޮތެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ.
"ހަމަ ތެދެއް މިބުނީ. އަހަރެން ބޯގޮވައިފި" އައްމާރާ ޔޫނުސް ނުކުމެގެން އެ އައި ގޮތަށް އައިސް ވަނީ ކެފޭއަކަށެވެ.
"ކޮންމެސް ހިޔާލެއްދީބަލަ. އަހަރެން ކިހިނެއްތަ ހަދާނީ؟" އައްމާރު އެހިއެވެ. ކޮފީތައްޓަށް ބަލަހައްޓައިގެން ޔޫނުސް އިނީ ވިސްނާށެވެ. ކަމަކާ ހެދި ބޯގޮވާފައިވާ މީހަކަށް އެންމެ ރަނގަޅަށް ނުވިސްނޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން މިވަގުތު އޭނާގެ ހިޔާލު އައްމާރަށް މުހިންމެވެ.
"އެމީހުން ކައިރީގައި ރީތިކޮށް ބުނަންވީނުން" ޔޫނުސް ބުންޏެވެ.
"ބުނެވިދާނެ. އެކަމަކު އެއީ ނީލަމް ކަން އެނގޭ ހިސާބުން އަހަރެންގެ ދުވަސް ދިޔައީ. ނީލަމްގެ ކަރުވެސް ކަނޑާލައިފާނެ" އައްމާރު ބުންޏެވެ.
"ކަލޭގެ ލައިފް. ބުނޭ ތިމަންނަގެ ހަޔާތުގެ ބައިވެރިޔާ ތިމަންނަ ހޮވައިފީމޭ" ޔޫނުސް ބުންޏެވެ.
"އިންނާނެ މީހުން ހޯދާކަށް މައިންބަފައިން އުޅޭކަށް ނުޖެހޭ. ޑޮކްޓަރަކަސް ފަރުހިލައިގެން ފައިސާ ހޯދާ މީހަކަސް މަރުވީމަ ހިނގާނީ އެއް ހުކުމެއް" ޔޫނުސް ބުންޏެވެ.
"އަހަރެން ބޭނުން ނީލަމް" އައްމާރު ބުންޏެވެ. "ބޭނުމީ އަވަހަށް އިންނަން"
"ކަލޭ މަ ކައިރީގަ ތިހެން ކިއީމަ ވޭތަ؟ އަދި ކޮބާ އެންމެ ބޮޑު ކަންތައް. ކަލޭ ނީލަމްއާ އިންނަން އުޅޭކަން އަދި އެމަންޖެއަށް ވެސް ނޭނގެ" ޔޫނުސް ބުންޏެވެ.
"މުޅިންވެސް ބޮޑެތި ކަންތައްތައް. މަ މޮޔަވެދާނެ"
އައްމާރު ގެއަށް ދިޔައީ އެތައް އިރެއް ފަހުންނެވެ. ގޭތެރެއަށް ނުވަންނަނީސް ބަނޑުފުރޭ ކަހަލަ މީރު ވަހެއް ނޭފަތުގައި ޖެހިއްޖެއެވެ. ދޮރު ކައިރީގައި ހުރި ފައިވާންތައް ވެސް ގިނައެވެ. ދޮރު ހުޅުވަލުމާއެކު އެންމެ ފުރަތަމަވެސް އައިސް އޭނާގެ އަތުގައި ހިފީ މިންހާލެވެ.
"ދޮންބެ ހޯދަން ވަރަށް ބައިވަރު މީހުން އެބަތިބި" މިންހާލް ބުންޏެވެ. ހައިރާންވެފައި މިންހާލްގެ އަތުގައި ހިފައިގެން އައްމާރު އެތެރެއަށް ވަނެވެ. ސޯފާގައި ތިބި މީހުން ފެނުނެވެ. ބައިވަރު މީހުންނޭ މިންހާލް އެބުނީ އެންމެ ތިން މީހުންނަށެވެ.
"މިއޮށް އައީނު" އައްމާރު ފެނުމާއެކު ހުދާ ބުނެލިއެވެ.
"ދަރިފުުޅު ދޭބަލަ ދޮންބެގެ ދަބަސް ކޮޓަރިއަށް ލާން" ހުދާ އެހެން ބުނުމާއެކު މިންހާލް އައްމާރުގެ ކޮނޑުގައި އޮތް ދަބަސް ހިފައިގެން ހިނގައިގަނެއްޖެއެވެ.
"އާދެބަލަ އިށީންނަން" ހުދާ ބުންޏެވެ. "މަންމަ ހާދަ ވަރަކަށް ގުޅީމޭ"
މެހެމާނުން ތިބި ގޮނޑިތަކުގެ ތެރެއިން ހުދާއާ އެއް އުމުރެއްގެ އަންހެނެއްގެ ކައިރީގައި ހުރި ގޮނޑީގައި އިން ޒުވާން އަންހެންކުއްޖާ އޭނާއަށް ފެނުނީ ގޮނޑީގައި އިށީން ފަހުންނެވެ. އެ އަންހެންކުއްޖާގެ ނަޒަރުން އޭނާއަށް އުނދަގުވިއެވެ. އެ ބެލުން އެއްގޮތަކަށްވެސް އޭނާއަށް ކަމަކުނުދިޔައެވެ. ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
"މިއީ އަހަރެންގެ ދަރިފުޅު އައްމާރު. އަހަރެންގެ ވިޔަފާރީގެ ވެރިފަރާތް" ފަހުރުވެރިކަމާއެކު މަތީން ބުންޏެވެ.
"ދަރިފުޅަށް އިނގޭތަ މީނީ ކޮންކުއްޖެއްކަން" ހުދާ އެހިއެވެ. އައްމާރު ދެކޮނޑު އަރުވާލިއެވެ.
"މިއީ އޭ ހާނީ އަކީ" ހުދާ ބުންޏެވެ.
އައްމާރު ހީލިއެވެ. އެހެންނަމަވެސް ހާނީއަށް ބަލާލާފައެއް ނޫނެވެ. އޭނާ ހިނިތުންވުމެއް ދިނީ ހާނީގެ މަންމަ ދީނާއަށާއި ބައްޕަ ފައްތާހަށެވެ.
"ތިދެކުދިން ތިއީ ނަސީބުގަދަ ދެކުދިން. ބައްޕަމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކަން ނިންމަން" މަތީނު ބުންޏެވެ. އައްމާރަށް އެތަނުގައި އިންނަންވެސް އުނދަގުވިއެވެ. ކުރިމަތީގައި އިނދެގެން ހާނީ ދައްކަމުން ދިޔަ ތުއިކަން ފެނި އިތުރަށް އޭނާ ފޫހިވިއެވެ.
"މިއަންނަނީ ކޮޓަރިއަށް ވަދެލާފައި" އައްމާރް ތެދުވެގެން ހިނގައިގަތެވެ. ވަގުތުން ހާނީގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އައްމާރުގެ އެ އަޅާލުންކުޑަ ކަން ފެނި މަތީނުވެސް އިނީ ހިތްހަމަނުޖެހިފައެވެ. މެހެމާނުންނަށް ފުރަގަސްދީފައި އެގޮތަށް އައްމާރު ދިޔުމުން މަތީނަށް އެއްގޮތަކަށްވެސް ކަމަކުނުދިޔައެވެ.
"މިރަށަށް އައިފަހުން ވަރަށް ބުރަކޮށް އެ އުޅެނީ. އެބަ އަންނަން ބަލާލާފަ" މެހެމާނުންނަށް ހިނިތުންވުމެއް ދީފައި ހުދާ ހިނގައިގަތެވެ. އައްމާރު ކަންތައް ކުރި ގޮތުން އޭނަވެސް ހުރީ ހިތްހަމަނުޖެހިފައެވެ. މީގެކުރިން އައްމާރުގެ ފުށުން ނުފެންނަ ކަމެއް ފެނުމުން ހުދާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.
ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިގެން އިން އައްމާރަށް ބަލައިލެވުނީ ކޮޓަރިއަށް މީހަކު ވަން އަޑު އިވިފައެވެ. ކައިރިއަށް އައި ހުދާއަށް އޭނަ ދިނީ ފަރުވާކުޑަ ނަޒަރެކެވެ.
"ކިހިނެއްވީތަ؟" ކައިރީގައި އިށީނދެފައި ހުދާ އެހިއެވެ.
"ދަރިފުޅު މިއަދު ބަލީތަ؟" އައްމާރުގެ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ހުދާ ބުންޏެވެ.
"މަންމާ، އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔާ ހޮވަން އަޅުގަނޑާ ހަވާލުކުރަންވީނުން. ދިރިއުޅެންޖެހެނީ އަޅުގަނޑަކަށްނު. އެހެންވީމަ އަޅުގަނޑެއްނު މީހަކުވެސް ހޯދަންޖެހޭނީ" އައްމާރު ބުންޏެވެ. ހުދާއަށް އިނދެވުނީ އައްމާރަށް ބަލަހައްޓައިގެންނެވެ.
ފާހާނާއިން ނުކުތްގޮތަށް ޖޫދު ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ލޮލުގެ ކުޑަކޮޅުން އެނދުގައި ދެފައި ވަށްކޮށްގެން އިން އަންބަރަށް ބަލައިލިއެވެ. އިރުކޮޅަކާ ފޯނު ކަންފަތުގައި ޖަހާފައި ދުރުކޮށްލައެވެ. މޫނުމަތިން އެހާ ހަމަޖެހިފައި އިން ހެނެއް ހިއެއް ނުވެއެވެ. އިރުކޮޅަކަށްފަހު އަނެއްކާވެސް އޭނާ ބަލައިލީ އަންބަރް ފޯނުން މީހަކާ ވާހަކަދައްކާ އަޑު އިވިފައެވެ.
"ދޮންތަ ލެޕްގެ އެއްވެސް ބޭނުމެއް މިހާރު ނުކުރަންތަ؟" ފޯނުގައި އިން އަންބަރް ބުންޏެވެ. ގައިގައި ލޯޝަން ހާކަން ހުއްޓަސް ޖޫދުގެ އެއް ކަންފަތް ވަނީ އަންބަރް ދައްކަމުން ދިޔަ ވާހަކަތަކަށް ދެވިފައެވެ.
"އަޅުގަނޑު ގޭގައި އިންނަންވީމަ ވަރަށް ފޫހިވާތީ. ދާންވީތަ ބަލާ" އަންބަރް ބުންޏެވެ. ފޯނު ބޭއްވިއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. އަންބަރް ތެދުވެގެން ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސްފައި އޭނާ ހުއްޓުނެވެ. ހުއްޓުނު ގޮތުން ޖޫދު ކައިރީގައި އެއްޗެއް އަހަން އުޅުނުހެން ހީވިއެވެ. އެހެންނަމަވެސް އަނގައިން ބުނުމެއްނެތި އޭނާ ހިނގައިގަތެވެ.
އަލިޝްބާ ދޮރުހުޅުވާލުމުންވެސް އެތެރެއަށް ނުވަދެ ދޮރުން ބޭރުގައި އަންބަރް މަޑުކޮށްލައިގެން ހުރީ ކޮޓަރި ތެރެއިން އައިމަން ފެންނަން ހުރުމުންނެވެ. އައިމަންއާ ވާހަކަދައްކާ އަންބަރް ނޫޅެއެވެ. އެހެންނަމަވެސް އަލިޝްބާއަށް އޭނާ ކުރާ ގަދަރު އައިމަންއަށް ވެސް ކުރެއެވެ.
"ދަނީ އިނގޭ. ނުނިދައްޗޭ. ވަރަށް އަވަހަށް އަންނާނަން" ދޮރުކައިރީގައި ހުރި އަލިޝްބާގެ ނިތުގައި ބޮސްދެމުން އައިމަން ބުންޏެވެ. މުޅި ދުނިޔެއިން ވެސް އަންބަރަށް ފެނުނު އެންމެ ހިތްގައިމު މަންޒަރު ކަމުގައި އެމަންޒަރު ވިއެވެ. އޭނާއަށް ހީލެވުނީ އަލިޝްބާގެ ތުންފަތްމަތީގައިވި އުފާވެރިކަން ފެނިފައެވެ.
"އަވަހަށް ވަދޭ. ދޮންތަބެ އެތެރޭގައި ހުރީމަކަން އެނގޭ ނުވަދެ ތިހުންނަނީ" އަންބަރާ އަރާ ހަމަވެފައި އައިމަން ބުންޏެވެ.
އެނދުގައި އިން އަންބަރްގެ އަތަށް ލެޕްޓޮޕް ދީފައި އަލިޝްބާ އިށީނީ އަންބަރާ ޖެހިގެންނެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު އަންބަރްގެ މޫނަށް ބަލައިލިއެވެ. އެހެންޏާ ނުފެންނަ މަޑުމައިތިރިކަމަކާ ހިމޭންކަމެއް އަންބަރްގެ ފުށުން އޭނާއަށް ފާހަގަވިއެވެ. އަންބަރްގެ ދަތްދޮޅީގައި ހިފާލާފައި އަލިޝްބާ އުފުލާލިއެވެ.
"ކޮންކަމަކާ ތިވިސްނަނީ" އަލިޝްބާ އެހިއެވެ.
"ނުވިސްނަން" އަންބަރް ބުންޏެވެ.
"އެހެންނުވާނެ. އިބާ ދޮންތައަށް ނޯޅޭނެ" އަލިޝްބާ ބުންޏެވެ.
"ދޮންތަބެ ދޮންތަދެކެ ހާދަ ލޯބިވެޔޭ ދޯ" އަންބަރް އެހިއެވެ.
"ހޫމް. ދޮންތަވެސް. އެއީ މިދުނިޔެމަތިން ހެއްދެވިފަރާތުން ދޮންތައަށް ދެއްވި އަގުބޮޑު ނިއުމަތެއް" އަލިޝްބާ ބުންޏެވެ.
"އެމީހަކު ލޯބިވާ މީހަކު ލިބޭނީ ހާދަ ރަނގަޅު މީހުންނަށޭ ދޯ" އަންބަރް ބުންޏެވެ. އޭނާއަށް ރޮވިއްޖެއެވެ. ވާރިޝް މަތިން ހަނދާންވެއްޖެއެވެ.
"އިބާ، ކައިވެނީގެ ކުރިން ލޯބިނުވިޔަސް ފަހުން ލޯބިވެވޭނެ. ހެއްދެވިފަރާތަށް ދުއާ ކުރުމުން ތިމާއަށް ނުވެސް އެނގި ހުރިހާ ކަމެއް ބަދަލުވާނެ. ދޮންތަ ބުނީތީ އިބާގެ ލައިފަށް އެންމެ ޗާންސެއް ދީފައި ނަތީޖާ ބަލާބަލަ" އަލިޝްބާ ބުންޏެވެ.
"މިބަޔަށް އަންނަމުން ޖޫދު ކައިރީގައި އެހިންތަ؟" އަލިޝްބާ އެހިއެވެ. އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ.
"އިބާ، ހަނދާންކުރައްޗޭ. ގެއިން ބޭރަށް އަނބިމީހާއަށް އެންމެ ފިޔަވަޅެއްވެސް އެޅޭނީ ފިރިމީހާގެ ހުއްދަ ލިބިގެން" އަލިޝްބާ ބުންޏެވެ.
"އޭނައަށް އިނގޭނެ އަޅުގަނޑު މިގެއަށް އައިކަން. ފޯނުން ވާހަކަދެއްކިއިރު އަޑުއިވޭ ހިސާބުގައި ހުރީ" އަންބަރް ބުންޏެވެ.
"އިބާ ނާހަމެއްނު"
އަންބަރަށް ހޭލެވުނީ ނިދާނިދާ ފޫހިވެގެންނެވެ. ކުޑަދޮރުން ދުވާލުގެ އަލިކަން ކޮޓަރި ތެރެއަށް ފެތުރިފައި ހުރުމުން އިރުއަރައިފިކަން އަންބަރަށް އެނގުނެވެ. ބާލިސް ކައިރީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއިރު ނުވައެއް ޖަހަނީއެވެ. އަންބަރް ކަންބޮޑުވިއެވެ. ކައިވެނިކޮށްގެން އައިފަހުން ގިނައިރު ނިދިއްޖެކަން އޭނާ ހަނދާންވިއެވެ. ޖޫދު އޮންނަ ތަނާ ނަޒަރު ހިންގާލިއިރު އެތަން އޮތީ ހުސްކޮށެވެ. އެހެން ދުވަސްދުވަހު ރުޅިއައިސްގެން ފަޅައިގެންދާވަރު ވަންދެން ނަމާދަށް ގޮވާނެއެވެ. ގަދަ ނިދީގައި އޮތުމުން ޖޫދު ގޮވީމަ ހޭނުލެވުނީ ހެއްޔެވެ؟ ނޫނީ އަހަރެންނަށް ނަމާދު ޗުއްޓީކަން ޖޫދަށް އެނގުނީ ހެއްޔެވެ؟ ނުވަތަ ގަސްދުގައި ނުގޮވާ ދިޔައީ ހެއްޔެވެ؟
ބޭކާރު ވިސްނުންތަކުން ދުރުވުމަށް އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ. އެނދުން ފައިބަން އުޅެނިކޮށް ދޮރުހުޅުވުނު ތަން ފެނިއްޖެއެވެ. ހުޅުވުނު ދޮރުން ބޭރުގައި ގޮނޑީގައި އިން ޒަހާ އޭނާއަށް ފެނުނެވެ. ގޮނޑި ފަހަތުގައި ހުރި ނީލަމް ޒަހާގެ ގޮނޑި ބެހެއްޓީ އަންބަރް ކައިރީގައެވެ. އެނދު ކައިރީގައި ހުރި ފައިވާނަށް ފައި ކޮށްޕާލިގޮތަށް އޭނާއަށް އިނދެވުނީ ޒަހާއަށް ބަލަހައްޓައިގެންނެވެ.
"އަޅުގަނޑު މިދަނީ ބަދިގެއަށް" އަތުގައި ހުރި ޖޫސްތަށި ޒަހާ އަތަށް ދީފައި ނީލަމް ހިނގައިގަނެއްޖެއެވެ.
"ޖޫދު އޮފީހަށް ދަމުން މަންމަ ކައިރީގައި ބުނި ހީވަނީ މިއަދު އިބާ ބަލިހެންނޭ. އެހެންވެ މަންމަ މިއައީ ލުނބޯ ފަނިތައްޓެއް ހިފައިގެން. ގައިގަ ވަރުޖެހޭނެ" އަންބަރް އަތަށް ޒަހާ ފަނިތަށި ދިނެވެ. އޭނާ ހައިރާންވިއެވެ. އޭނާ ބަނޑުގައި ރިއްސާކަން ޖޫދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަޖައިބެކެވެ.
"ފެންވަރާލައިގެން ނުކުމެ އަރާމުކޮށްލަން އޮވޭ އިނގޭ. މަންމަ މިދަނީ ފެންވަރަން" އަންބަރްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޒަހާ ބުންޏެވެ.
އަތުގައި ހުރި ޖޫސްތަށި އަރިމަތީ ކަބަޑުމަތީގައި ބަހައްޓާފައި އަންބަރް ބަލައިލީ ފޯނަށެވެ. ވާރިޝްގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފާއިތުވެގެން ދިޔައީއެވެ. އަންބަރްގެ ހިތުގައި ޝަކުވާ އުފެދުނެވެ. ވާރިޝް ވާ ލޯތްބަކީ އެއީ ހެއްޔެވެ؟ އެނދުގެ އަނެއްފަރާތުގައި އޮތް އާދައިގެ ވަރަށް ވުރެ ބޮޑު ކޮތަޅެއް އަންބަރްގެ ލޮލުގައި އަޅައިގަތެވެ. ފޯނު ބާއްވާފައި އޭނާ އެކޮތަޅު ނެގިއެވެ. ނިދުމުގެ ކުރިން އެތަނުގައި އިތުރު އެއްޗެއް ނެތްކަން ޔަގީނެވެ. ކޮތަޅުގެ އެތެރެ އޭނާ ބަލައިލިއެވެ. އޮތީ ރިހި ކުލައިގެ ޕާރުސްލެކެވެ. އަންބަރް އުނގު ތެރެއަށް އެ ލައިގެން އިނދެ ކަނޑާފައި ބެލިއެވެ. އެންމެފަހުގެ ލެޕްޓޮޕަކާ އޭގެއަށް ބޭނުންވާނެ އެހެނިހެން ސާމާނެވެ. އަންބަރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ ޖޫދު ގެ ކަމެއްކަން އޭނާއަށް އެނގުނެވެ.
އެނާގެ ދެލޮލުން ކަރުނަ އޮހިގަތީ ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ކުޑަކުއްޖެއް ފަދައިން ހިތުގައި ޖެހިފައި އޭނާއަށް ރޮވެން ފަށައިފިއެވެ. ފަހަކަށް އައިސް އެނާއަށް ކަމަކާނުލާ ވެސް އަބަދު ރޮވެނީއެވެ.
"އަހަރެންނަށް މިރޮވެނީ ކީއްވެތަ؟" އަމިއްލަ ނަފުސަށް އަންބަރް ބުންޏެވެ.
އަންބަރަށް އެބަ ރޮވެއެވެ. އެނގެނީ ހިތުގައި ފުނި ޖެހިފައި ޝަކުވާތަކާ ކެކުޅުންތައް ހުރި ކަމެވެ. ނޭނގެނީ އޭނާއަށް ރޮވެނީ ޖޫދުގެ ކެތްތެރިކަމާ އޯގާތެރިކަން އިހުސާސްވެފައި ކަމެއް ނުވަތަ ވާރިޝްގެ އެއްވެސް ހަބަރެއް ނުވާތީ އެކަމާ ދެރަވެގެން ކަމެވެ.
(ނުނިމޭ)