ވާހަކަ

ދިން ނަޒަރުން ކުރުވި ވައުދު - 5

1

ލޯ ހުޅުވާލުމުން ލޮލަށް އެޅުނު ގަދަ އައްޔަށް ބެލުމަށް އުދަނގޫވުމުން އޭނާއަށް އަވަހަށް އެސްފިޔަ ލައްޕާލެވުނެވެ. ކުޑަކޮށް އެސްފިޔަ ތަޅުވާލުމަށްފަހު އަނެއްކާވެސް އޭނާ ލޯހުޅުވާލިއެވެ. ނޭވަޔަށް އުދަނގޫވާ ކަހަލަ ގޮތެއް ވެފައިވާއިރު ހަށިގަނޑަށް ވެރިވެފައިވަނީ ލޮނޑުކަމެކެވެ. ބޮލުގައި ފާޑެއްގެ ރިހުމެއްވެސް އެބަހުއްޓެވެ އޭނާއަށް މިއޮވެވުނު ތަނަކާ މެދު ވިސްނާލެވުނެވެ. އަޖައިބެކެވެ. ހައްތަހާވެސް ހައިރާންވާ ފަދަ ކަންތައްތަކެވެ.

މިއީ ހޮސްޕިޓަލެއްކަން ޔަގީނެވެ. އިމަޖެންސީ ރޫމްކަން އެނގެނީ ހުދުފޮތިތަކުން ނިވާވެފައިވާ އެނދުތަކާއި ހާލު ދެރަ ބަލި މީހުންތަކުންގެ ގަޔަށް ގުޅާފައިވާ އެކި ކަހަލަ ހޮޅިތަކުގެ ހަބަރު ކިޔައިދޭ ތަފާތު މެޝިންތަކުންނެވެ. އިމަޖެންސީ ރޫމުގައި އޭނަ އޮންނަ ވަރަށް ބަލިވީ ކޮން އިރަކު ކިހިނެއްބާވައެވެ.

ގައިމަތީގައި އޮތް ހުދު ފޮތިގަނޑު ގައިން ދުރުކޮށްލަން ކަމަށް ހަރަކާތް ކޮށްލި އަތަށް ތަދެއް ވެއްޖެއެވެ. އަތަށް ގުޅާފައި ހުރި ކެނިއުލާއަށާއި އަތުގެ ބޮޑުވައި އިނގިއްޔަށް އަރުވާފައި ހުރި ތްރޯބްގެ އިތުރަށް ނޭފަތަށް ގުޅާފައި ހުރި އޮކްސިޖަން ހޮޅީގެ އިހުސާސް ކުރެވުމުން ޝިވާން ކަންބޮޑުވެއްޖެއެވެ.

އޭނައަކީ އެއްވެސް އިރެއްގައި ނޭވަޔަށް އުދަގޫ ކުރުމުގެ ބައްޔެއް ނުވަތަ ފުއްޕާމޭގެ އެއްވެސް ބައްޔެއްގައި އުޅުނު މީހެއް ނޫނެވެ. ޕައިލެޓް ކޯހުގެ މެޑިކަލް އިން ވަރަށް ފުރިހަމަ ވަނައަކާ އެކު އޭނާ ފާސްވިއެވެ. ނޭވަޔަށް އުދަނގޫވުން ނުވަތަ އަސްތްމާއަކީ އާއިލީ ވާރުތަވާ ކަހަލަ ބައްޔެކެވެ. އޭނާގެ އާއިލާގެ އެއްވެސް ހިސާބެއްގައި އެބަލީގައި އުޅޭ މީހަކު ނެތެވެ. ހަމަ ގައިމުވެސް އޭނާއަށް އެނގިގެން އެކަހަލަ ކަމެއް އާއިލާ ތެރެއަކު ނެތެވެ. ވީއިރު މިއީ ކިހިނެއް ވީ ކަމެއްބާވައެވެ.

"މިއީ ކޮންކަމެއް... އަހަރެން މިތަނަށް އައީ ކިހިނެއް..."

އޭނާގެ އަތުގައި ހިފަހައްޓައިގެން ފެންކަޅިވެފައި ހުރި އަދީލާ ކުރެން އެއްފަހަރާ އެތައް ސުވާލެއްގެ ޖަވާބު ލިބިގަންނަން އޭނާ ބޭނުންވިއެވެ.

"ދަރިފުޅުގެ ފޯނާ ނުގުޅިގެން ހައިކަލް ދައްތައަށް ގުޅީ..."

އަދީލާއަކީ ޝިވާންގެ ބައްޕަ ފަރާތު ބޮޑުދައިތައެވެ. ހަފުތާއެއްގެ ޗުއްޓީ މިދަތުރަކީ ޝިވާން ޕައިލެޓް ކޯސް ނިންމާފައި ވަޒީފާއަށް ނުކުތުމަށްފަހު ނެގި ފުރަތަމަ ޗުއްޓީ ހޭދަ ކުރަން އައި ދަތުރެކެވެ. އައްޑުއަށް އައީ ކޯހުގައި އުޅުނު އިރު ލިބުނު ރައްޓެހިން އެދޭވަރުން އެމީހުންނާ އެކު މިދުވަސްތައް ވޭތުކުރަން ބޭނުންވާތީއެވެ.

ބައްޕަ ދުނިޔޭގައި ހުންނެވިއިރު މަންމަ އާއި ޝިވާން ގޮވައިގެން އައްޑުއަށް އެތައް ދަތުރަކު ބައްޕަ ދުރުވިއެވެ. އެކަމަކު ބައްޕަ ނިޔާވުމަށްފަހު މި ހިސާބަށް އައުމަށް މަންމަ ކަނޑައެޅިގެން ދެކޮޅެވެ. ކޯހުގައި ގަމުގައި ހުންނަން ޖެހިގެން އައި ފަހަރުވެސް މަންމަ އެތައް އެތައް އިންޒާރެއް ދިނެވެ. އަމުދުން މިފަހަރު ޝިވާނަށް މަންމަ ރުއްސުނީ އެތައް ވައުދަކާއި އަހުދެއް ވެގެނެވެ. އޭގެ ތެރެއިން އެއް ވައުދަކީ ދަންވަންދެން ފަޅުރަށްތަކުތެރޭ ނޫޅޭނެ ކަމަށާއި ކޯއްޓެ ކޯހެރެ ކައްބޯހެރެ ކަންމަތީފަންނު މިސްކިތް ފަންނު، މިއިން އެއްވެސް ތަނަކަށް ރޭގަނޑު ލަސްވާ ފަހުން ނުދާނެ ކަމަށް މަންމައަށް ވީވައުދެވެ.

އެވައުދާ ހިލާފު ވެވުނީއެވެ. އެކަމަކު ރޭގައި އޭނައާ އެކު ހައިކަލް ވެސް ކަންމަތީ ފަންނަށް ބޯވަ އާއި އިހި ނަގަން ދިޔައެވެ. ޝިވާން ހަނދާން ކޮށްލިއެވެ. އާނ... ހަނދާން ވެއްޖެއެވެ. ހައިކަލް ގެއަށް ދާން ބުނުމުން އޭނާ ދެކޮޅު ހެދީއެވެ. އޭނާގެ ގޮތް ދޫނުކުރުމުގެ ސަބަބުން ހައިކަލް އެތަނުގައި އޭނަ އެކަނި ބެހެއްޓުމަށްފަހު ދިޔައީއެވެ.

އެއަންހެން ކުއްޖާ.... އެރީތި ރީތި މީރުވަސްދުވާ އިސްތަށިގަޑުގެ ވެރި ކުއްޖާ ކޮބައިބާވައެވެ. ރޭގައި އޭނައަށް އެދިމާވީ ކޮންކަހަލަ ބަޔަކާ ހެއްޔެވެ. އެމީހުން އޭނާއަށް ކީއްކުރީބާވައެވެ. މިހިސާބަށް މިހާލުގައި އޮއްވާ ގެނައީ ކާކުބާވައެވެ.

"އަހަރެން މިތަނަށް ގެނައީ ކާކު... މި ކެނިއުލާ.... އޮކްސިޖަން... މިއީ... މިއީ.. ކޮ.. ކޮން.. ކޮންކަމެއް..." ޝިވާން އަނެއްކާވެސް އަހާލިއެވެ. ކަންބޮޑުވެ ހާސްވެފައިވާ ވަރުން ޝިވާނަށް ވާހަކަ ދެއްކުނީ އަޅައަޅައި ގަންނަމުންނެވެ.

"ހައިކަލް ގުޅީމަ ދައްތަ ޝިވާގެ ކޮޓަރި ބެލީ... ޝިވާ ނެތް ވާހަކަ ބުނުމުން ހައިކަލް ވަރަށް ކަންބޮޑުވި... އޭރު ފަތިސް ނަމާދުން ފައިބައިގެން މީހުން އުޅޭނީ.. ފަހެއް ޖެހުމަކާ ގާތްވެފައި ހުރީ... ދެން ހައިކަލް ކިޔައިދިނީ ކަންމަތީ ފަންނުން އޭނަ އެނބުރި އައި އިރު ޝިވާ ނާންނަ ވާހަކަ... ވަގުތުން ދައްތަ އަށް އަހާލެވުނީ ރެއަކީ ހޮނިހިރު ވިލޭރެހޭ.." އަދީލާ ކިޔައިދިނެވެ.

"ޝިވާގެ ޅިޔަނު އޮތީ ގަދަ ނިދީގަ... ގޮވާފައި ވެގެން އުޅޭ ގޮތް ކިޔައިދީ ނިމުނުތަނާ އަނެއްކާވެސް ފޯން ރިންގް ވާން ފެށީ... ގުޅީ މިތަނުން.. ޝިވާގެ ހާލު ވަރަށް ދެރައޭ ބުނީމަ އަހަރެމެން އަވަހަށް އައީ..." އަދީލާ ކިޔައިދިނެވެ.

"ކާކު އަހަރެން މިތަނަށް ގެނައީ..." ޝިވާން އަހާލިއެވެ.

"އިބްރާހިމްބެ..."

އިބްރާހިމް މަނިކު ނުވަތަ އެންމެންގެ ބަހުން އެންމެން ދަންނަ އާއްމު ނަމުން އިބްރާހިމްބެ އަކީ ފަސްދޮޅަހަކާ ގާތްވަމުން އަންނަ ނުރަ ތުބުޅިއަކާއި މަދު ނުރަ އިސްތަށިކޮޅެއް ބޮލުގައި ހުންނަ އާދައިގެ މެދު މިނެއްގެ އިސްކޮޅެއް ލިބިފައިވާ އެއުމުރުގައި ވެސް ސިއްހަތު ރަނގަޅު ހަށިގަނޑެއްގެ ވެރިއެކެވެ. ވަރަށް ހަގު އުމުރުން ފެށިގެންވެސް އިބްރާހިމްބެއަކީ ވަލުތެރޭގައި ސަރުކާރުގެ ވާރަށް ކަނޑައެޅިފައި ހުންނަ ބިންތައް ބަލަހައްޓައި އެތަންތަނުގެ ސާފުތާހިރުކަމާއި ރުއްގަސްތައް ބަލަހައްޓާ މީހެކެވެ.

އަމިއްލަ ވަޑާންގެއެއްގެ މަސައްކަތް ކުރާ އިބްރާހިމްބެ އަކީ އެގޮތަށް ރޭގަނޑާއި ދުވާލު ވަލުތެރޭ އުޅޭ މީހެއް ކަމުން ވަރަށް ގިނަ ހާދިސާތަކާ ކުރިމަތިވެއެވެ ބައެއް މީހުން ބުނާ ގޮތުގައި އިންސާނުންގެ ނަސްލު ނޫން އެހެން ނަސްލުތަކުގެ ތަފާތު ބައެއް މަހުލޫގުންނާ ވެސް އިބްރާހިމްއާ ދިމާވެއެވެ. އުމުރާއި މަސައްކަތުގެ ދާއިރާގައި މިހޭދަވި ދުވަސްތަކުގެ ތަޖުރިބާގެ ސަބަބުން ދިމާވާ ފާޑުފާޑުގެ ކަންތައްތަކާ ކުރިމަތިލުމަކަށް އިބްރާހިމްބެ ޖެހިލުމެއް ނުވެއެވެ. އުމުރުގެ ބޮޑުބައި އެގޮތަށް އުޅެން ޖެހިފައިވާތީ އިބްރާހިމްބެގެ އެހީ ވަރަށް ގިނަ މީހުން ބޭނުންވެއެވެ.

"އިބްރާހިމްބެ ފަތިސް ނަމާދުން ފައިބައިގެން ވަލަށް ދިޔައީ ކަންމަތީފަންނަށާއި ކޯއްޓެ ބަލާ ޗެކުކޮށްލަން ވެގެންނޯ.. އެހިސާބުގައި ދަނޑުތަކެއްގެ މަސައްކަތް ކުރެވެމުންދާތީ އެތަންތަން ބަލަހައްޓަނީ އިބްރާހިމްބެ..." އަދީލާ ކިޔައިދިނެވެ.

"އިބްރާހިމްބެ ބުނީ ކަންމަތީފަންނުގެ ބޮޑުގަސް ކައިރީ ބަހައްޓާފައި ހުރި ސައިކަލެއް ފެނުނީމަޔޯ އެބެ އަތިރިއަށް ފޭބީ.. އެގަޑީގައި އެތަނަކަށް މީހުން ވަރަށް ނާންނާނެޔޯ..." އަދީލާ އިބްރާހިމްބެ ކިޔައިދިން ގޮތަށް ކިޔައިދިނެވެ.

ފަތިސް ނަމާދުން ފައިބައިގެން ކޯއްޓެ އާއި ކަންމަތީފަންނުގެ ސަރަހައްދު ޗެކްކޮށްލުމަށް އިބްރާހިމްބެ ދިޔައީ އެތަނާ ދާދި ކައިރީގައި ތަރުކާރީ ދަނޑުތަކެއްގެ މަސައްކަތްތަކެއް ކުރަން ފަށާފައި ވާތީ އެހިސާބުގަނޑު ތަންކޮޅެއް ރަނގަޅަށް ބަލަހައްޓައި ދިނުމަށް ދަނޑު ހެއްދުމަށް އެހިސާބު ކުއްޔަށް ނަގައިގެން އުޅޭ މީހުންގެ އެދިފައިވާތީއެވެ. އިބްރާހިމްބެގެ ލޮލުގައި ޝިވާންގެ ސައިކަލް އަޅައިގަތީ ކަންމަތީ ފަންނަށް ވަންނައިރު ފެންނަން ހުންނަ ބޮޑު ކިނބިގަސް ކައިރިންނެވެ. އެހާ ފަތިސް ގަޑިއެއްގައި އެހިސާބަށް މީހުން އައުމަކީ ވަރަށް ނުވާ ކަމަކަށް ވާތީ އިބްރާހިމްބެ އެއީ ކީއްކުރަން ކޮންއިރަކު އައިސް އުޅޭ ކޮންބައެއްތޯ ބަލާލަން ބޭނުންވީއެވެ.

އެދިމާލުން ވަދެގެން ދަމުން އިބްރާހިމްބެ ދެފަރާތުން ހޯދަމުން ދިޔައީ އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތުމުން "އޭތް...އޯތް" ކިޔާ ބާރަށް ގޮވަމުންނެވެ.

އެއްވެސް މީހެއްގެ އަޑެއް ހިލަމެއް ނުވުމުން އިބްރާހިމްބެ ގޮނޑުދޮށަށް ފޭބީ ދުވެފައި ކަހަލަ ގޮތަކަށެވެ. މޫނު އަނދިރިކަން ކެޑެމުން ބިމަށް އިރުގެ އަލިކަން މަޑުމަޑުން ވެރިވާން ފަށައިފިއެވެ. ގޮނޑުދޮށަށް ފޭބި އިބްރާހިމްބެގެ ދިމާ ކުރިމައްޗަށް އަނގަވަތައް ވެއްޓިފައި އޮތް ޒުވާނާ ފެނުމުން އިބްރާހިމްބެއަށް ހަޅޭއްލަވައިގަނެވުނެވެ. އަވަސް އަވަހަށް އިބްރާހިމްބެ ޒުވާނާއާ ގާތަށް ގޮސް އުޑަފައިން އިށީނދެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލިއެވެ. "އަސްތަޣްފިރުﷲ..." އިބްރާހިމްބެ އަށް އެއީ ކާކުކަން އެނގުމުން ވަރަށް ހައިރާންވިއެވެ. "ޝިވާންކޮއި މިކަޅު ތިހާ އެކަނިމާއެކަނި މިތަނަށް އައީ ކީއްކުރަންބާ..." ހައިރާންވެފައި އިބްރާހިމްބެ ވިސްނާލިއެވެ. ޝިވާންގެ ވިންދު ޗެކްކޮށް ދެތިން ފަހަރު މޫނުގައި މަޑުމަޑުން އަތުން ތަޅާ ލޯހުޅުވާތޯ ކުރި މަސައްކަތް ނާކާމިޔާބު ވުމުން އަވަހަށް ޖީބުން ފޯން ނަގައި ކާރަކަށް ގުޅިއެވެ.

އެގަޑީގައި އެހިސާބަށް އަންނާނެ ޓެކްސީއެއްވެސް ލިބުނީ ވަރަށް އުދަގުލުންނެވެ. ވެގެން އުޅޭ ގޮތާއި އެތަނުން ފެނިގެން އެއުޅެނީ ކާކުގެ ދަރިއެއް ކަން ބުނެދިނުމުން ވަރަށް ބާރު އަވަސް ސްޕީޑެއްގައި އެހިސާބަށް ޓެކްސީއެއް އަޔެވެ. ޑްރައިވަރުގެ އެހީގައި ކާރުގެ ފަހަތު ޝީޓަށް ޝިވާން ލުމަށްފަހު ޝިވާންގެ ޖީންސްގެ ޖީބުން ނެގި ތަޅުދަޑިން ސައިކަލް ސްޓާޓްކޮށްގެން ކާރުގެ ފަހަތުން އިބްރާހިމްބެ ދިޔައީ ސައިކަލުގައެވެ.

ހޮސްޕިޓަލަށް ގެންދިއުމާ އެކު ޑޮކްޓަރު ޝިވާން އިމަޖެންސީ ރޫމަށް ގެންގޮސް އޮކްސިޖަން ގުޅައި ކެނިއުލާ ގުޅައި ޝިވާންގެ ގަޔަށް ދެ އިނަޖެކްޝަންވެސް ޖެހުމަށްފަހު ވީ ކިހިނެއްތޯ ސުވާލު ކޮށްލިއެވެ. އޭރު އިބްރާހިމްބެ އަދީލާއަށް ގުޅާފައި ވެގެން އުޅޭ ގޮތް ބުނުމުން ތެޅެމުން ފޮޅެމުން އަދީލާ އަތުވެއްޖެއެވެ. އެކަކަށްވެސް ޝިވާނަށް ވީގޮތެއް ނޭނގެއެވެ. ޝިވާން ގެނާ އިރު އޮކްސިޖަން ދަށްވެގެން ގޮސް ހުރީ ހަތްދިހައަށް ވެއްޓިފައެވެ. ދިމާވި ކަމެއްގެ ސަބަބުން ޝިވާންގެ ނޭވާ ހާސްވެ ފުއްޕާމެއަށް ބުރަވެގެން ދިއުމުގެ އިތުރަށް ހިރަފުހުން ފުއްޕާމެއަށް އަސަރުކޮށްފައިވާކަމަށްވެސް ޑޮކްޓަރު ބުނުއްވިއެވެ.

"އެކަމަކު ޝިވާ ރޯގާ ޖެހިގެނެއް ނޫން އުޅުނީ... ވަރަށް ފިޓްކޮށް ހުރީވެސް..." ޑޮކްޓަރު ދެއްކެވި ވާހަކައަށް އަދީލާ ހައިރާންވެފައި ބުންޏެވެ. ޑޮކްޓަރު އިރުޝާދު ދެއްވީ ކުރިއަށް އޮތް ސައުވީސް ގަޑިއިރު މޮނިޓަރިންގައި ޝިވާން ބޭއްވުމަށެވެ. އަސްތްމާއަކީ އުމުރުގެ ކޮންމެ ހިސާބަކުންވެސް ޖެހިދާނެ ބައްޔެއްކަމަށް ވާތީ އޮކްސިޖަން މެއިންޓެއިން ކުރޭތޯ ބަލަން ބޭނުންވާތީ ކަމަށްވެސް ޑޮކްޓަރު ބުނުއްވިއެވެ.

އަދީލާ ކަންތައް ހިނގައިދިޔަ ގޮތުގެ ވާހަކަ ޝިވާނަށް ކިޔައިދިނެވެ. "ހައިކަލް ހުރީ ގަމުގަ.. މިތާ އުޅެފަ އެދިޔައީ.. ޝިވާގެ ހަބަރު އަންގާށޯ ކިޔާފަ ދިޔައީ.."

ޝިވާނަށް މާނޭވާއެއް ލެވުނެވެ. ބޮޑުދައިތަ ދެއްކި އެހުރިހާ ވާހަކަތަކުން ޝިވާންގެ ސިކުނޑީގައި ހަރުލީ އެންމެ ޖުމްލައެކެވެ. "ވަގުތުން އަހާލެވުނީ މިއީ ހޮނިހިރުވިލޭރޭ ހޭ..."

"ދަރިފުޅާ...މަންމައަށް ވައުދުވޭ... ހޮނިހިރުވިލޭރޭ ލަސްވަންދެން ބޭރުގައި ނޫޅޭނެކަމަށް ވައުދުވޭ.. ހާއްސަކޮށް ކޯއްޓެއަށް ކޯހެރެއަށް ކައްބޯހެރެއަށް... ކަންމަތީ ފަންނަށް ރޭގަނޑު.. ހުކުރުދުވަހު މެންދުރު ކަހަލަ ގަޑިތަކުގައި ގޮސްގެންނުވާނެ... ހަފުތާގެ ހޮނިހިރު ވިލޭރޭ އަމުދުން ގޮސްގެންނުވާނެ... މަންމަގެ ބަސް ހަނދާން ބަހައްޓާތި..."

"މިރަށު... މިއަތޮޅު މީހުން ކިޔައި އުޅޭ ހޮނިހިރު ވިލޭރޭ ރަނިން ފެންގަނޑު އަލިވެފައި އޮންނަތަން ފެނެޔޯ... އެތަނުން ރީތި ޕަރީން ފެނެޔޯލަ..." އެއީ ހައިކަލް ބުނި ވާހަކައެކެވެ. އެވާހަކައަށް ޝިވާން މަލާމާތްކޮށް ހަޖޫޖެހިއެވެ.

"ހަނދު މަހުގެ ފުރިހަމަ ހަނދު ހުންނަ ރޭތަކުގައި އެހިސާބަށް ދާކަށް ނުވާނެޔޯ... އަމުދުން ހޮނިހިރުވިލޭރެއަކަށް އެއިން ރެއެއް ވެއްޖެއްޔާ އެހިސާބު ވަރަށް ނާމާން ވެޔޯ..." ހައިކަލް އެރޭ އިހި ނަގަން ދިއުމުގެ ކުރިން އެވާހަކަ ބުނުމުން އެކަމާ ޝިވާން އެތައް އިރެއް ވަންދެން ހުނެވެ.

މިއެންމެން ހޮނިހިރުވިލޭރެއަށް ސަމާލު އެވަނީ ކީއްވެގެން ބާވައެވެ. ޝިވާން ބާލީހުގައި ލެގިލަމުން ވިސްނާލިއެވެ.

"ދައްތަ އަންނާނަން ކޮންމެހެންވެސް ޝިވާއަށް ރަނގަޅު ކާއެއްޗެއް ދޭންޖެހޭނެއޭ ޑޮކްޓަރު އޮތީ ބުނުއްވާފައި... ކަމެއް ގޯސްވެއްޖެއްޔާ ދައްތައަށް ގުޅާލާ... ދައްތަ ދާނީވެސް ނަރުސް ކުދިން ގާތުވެސް ބުނެފައި... ކެންޓީނަށް ވަދެފައި މިއަންނަނީ... ކޯޗެއް ރަނގަޅުވާނީ.." އަދީލާ ޝިވާންކުރެން އަހާލިއެވެ.

"ކޮންމެ އެއްޗެއް ގެނަޔަސް އޯކޭވާނެ..."

އަދީލާ ދިއުމުން ޝިވާން ބާލީހުގައި ލެގިލަމުން ލޯ މަރާލިއެވެ. މަޑުމަޑުން ރޭގެ ހަނދާންތައް އާވާން ފެށިއެވެ. އެރީތި މޫނު... ތޫނު ކަޅުކަންގަދަ ކަޅިރަވަ... ހިތް ޒަހަމްކޮށްލާ އެނަޒަރު.. އެއީ ކޮންރަށެއްގެ ކާކުބާވައެވެ. އެފަދަ ދަންވަރެއްގައި އެހިސާބުގައި އެއްވެސް ބިރެއް ނެތި މީހުން ދިރިއުޅޭ ހިސާބާ އެހާ ދުރުގައި އެއަންހެންކުއްޖާ އުޅުނީ ކީއްކުރަންބާވައެވެ. އޭނާއާ އެހާވަރުގެ ގާތްކަމެއް އުފައްދާފައި އެކުއްޖާ ފިލައިގެން ދިޔައީ ކޮންތާކަށްބާވައެވެ. ރޭގައި އޭނާއަށް އެއިވުނީ ކޮންހާ އަޑުތަކެއް ބާވައެވެ. އެބަޔަކު އެދެއްކީ ކޮން ވާހަކަތަކެއް ހެއްޔެވެ. ވިސްނާވިސްނާވެސް ޝިވާނަކަށް އެކައްޗެއްވެސް ފަހުމެއް ނުވިއެވެ.

"ހެލޯވ..." ހަމަ ވަރަށް ގާތުން ދަންނަ އަޑެއް އިވިގެން ޝިވާން ލޯ ހުޅުވާލިއެވެ.

"ވިޓަމިންސް އިންޖެކްޝަނެއް ޖަހަން... އޯކޭތަ..." ހިތްހެޔޮ ހިނިތުންވެލުމަކާ އެކު ނަރުސް ކުއްޖާ އޭނާއަށް ބަލާލަމުން ބުނެލިއެވެ. ޝިވާނަށް ހީވީ އެއްފަހަރާ އެތައް ރީތި ރާގެއް ވަޔަލިންއަކުން އޭނާގެ ކަންފަތްދޮށުގައި ކުޅެލިހެނެވެ.

"ރޭގައި އެއްވެސް ކަމެއް ވި ކަމަށްވެސް ނަހަދާ ހުރިގޮތް ހާދަ މޮޅޭ.. އެހެންވީމަ.... މީ ނަރުހެއްތާ.. ކިހާ މޮޅު އިއްތިފާގެއް... އިބްރާހިމްބެއަށް ލައްކައިންލައްކައިން ޝުކުރު.. އަހަރެން މިތަނަށް ގެނެސްދިނީތީ...." ޝިވާން ހިތާހިތާ ކިޔާލިއެވެ.

ހުވައިނާ އޭނާގެ އަތުގައި އޮތް އިންޖެކްޝަން ތައްޔާރުކޮށްލުމަށްފަހު ޝިވާންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ކެނިއުލާގެ މަތި ނަގަމުން ޝިވާނަށް ބަލާލިއެވެ.

"ވަރަށް ތަދުވިދޯ..." އިންޖެކަޝަން ހުސްކުރަމުން ހުވައިނާ އަހާލިއެވެ. އެއީ ހިތަށް ފިނިކަމެއް ގެނުވާ އަޑެކެވެ.

"ތިބުނީ... ތީ ވިޓަމިން އިންޖެކްޝަނެއްނު... ތިއަކުން ތަދެއް ނުވާނެއެއްނު.."

"އާނނ....މިއިން ތަދެއް ނުވާނެ.. ހުނާ މިއެހީ ރޭގެ ވާހަކަ.. އަސްލު މިތަނަށް މިއައީ ޝިވާ ގާތު މައާފަށް އެދެން.. އެހުރިހާ ކަމެއްވީ ހުނާއާ ހެދި... ޝިވާ ތިހާ ބަލިވާން ޖެހުނީވެސް ހަމަ ހުނާއާ ހެދި..." ހުވައިނާ ހުރީ ހަގީގަތުގައިވެސް ވަރަށް ދެރަވެފައެވެ.

ޝިވާނަކީ ގަދަރުވެރި އާއިލާއެއްގެ ދަރިއަކަށްވުމުގެ އިތުރަށް އިއްޒަތްތެރި ވަޒީފާއެއް އަދާކުރާ ޒުވާނަކަށްވީތީ އިމަޖެންސީ ރޫމްގައި ޝިވާން އޮތް އެނދުހުރީ އެންމެ ކަނުގައެވެ. އަދި ބޮޑުދައިތަ ދިޔައީ ވަށައިގެން ހުރި ފަރުދާ ދަމައި ޝިވާންގެ އެނދު ނިވާކޮށްދީފައެވެ. އެހެންކަމުން ހުވައިނާވެސް އެތެރެއަށް ވަދެ ފަރުދާ ދެމުމުގެ ސަބަބުން ބޭރުން އަންނަ އެއްވެސް މީހަކަށް ޝިވާންގެ އެނދެއްވެސް ނުފެންނާނެއެވެ.

"އެކަހަލަ އެއްޗިހި ބުނާކަށް ނުވާނެ... ހުނާ ބްލޭމް ނަގަންޖެހޭ އެއްވެސް ކަމެއްނުވޭ..." ޝިވާން ހުވައިނާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

"ތިހާ ރީތި ކުއްޖަކު އެފަދަ ދަން ގަޑިއެއްގައި ފެނުމުން ކޮންމެ މީހަކުވެސް ހޭބުއްދި ފިލާނެ.. އެކަމުގައި ހުނާ ކުށްވެރިވާންވީ ކީއްވެ.."

"އެކަމަކު ޝިވާގެ މަންމައެއް ހުނާގެ ބައްޕައެއް މިކަމަކާ އެއްބަހެއް ނުވާނެ.." ހުވައިނާ ދެރަވެފައި ބުނެލިއެވެ.

"އަހަރެން ހުނާ ގޮވައިގެން ފިލާނީ.. އެގޮތް ރަނގަޅެއްނު.. އޭރުން ހިތްހަމަނުޖެހުނު އެންމެން ޖެހޭނީ އޯކޭވާން.. އެކަމަކު ބުނަން.. ޝިވާގެ މަންމަ ޝިވާ ބޭނުން އެއްވެސް ކަމަކަށް ހުރަހެއް ނާޅާނެ..."

"ހުނާއަކީ ކޮންމެ ކޮންމެ މީހެއް ނޫނޭ.. މަންމަ އެކަންޏެއް ނޫން.. ޝިވާވެސް އަހަރެންދެކެ އަސްލު ރުޅި އަންނާނެ..." ހުވައިނާ މައުނައިން ފުރިގެންވާ ލޮލަކުން ޝިވާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ޝިވާނަށް ހީވީ ފުންމިން ނޭނގޭ ފެންގަނޑަކަށް ބަލާލެވުނު ހެނެވެ. ހުވައިނާގެ ފެހިނޫކުލައަކަށްދާ ކަޅިރަވައިގެ ޖާދޫ ކިތަންމެހާވެސް ބާރުގަދައެވެ.

"ދެން ބުނެބަލަ.. ހުނާއަކީ ހަމަ މިރަށު ކުއްޖެއްތަ.. ކީއްވެ ނަރުހަކަށް ވީ... ތިކަހަލަ ރީތި ކުދިން އަދާކުރަން ކަމުދާނީ ކެބިންކްރޫ ކަހަލަ ވަޒީފާ..."

"ހުނާއަށް ކެރޭނެ.. ޝިވާއާ ބައްދަލުވާން.. ކޮންމެ ކަހަލަ ޔުނިފޯމެއްވެސް ލާން..." ހުވައިނާ ދިން ޖަވާބުން ޝިވާނަށް ހެވުނެވެ. ވަރަށް މައުސޫމު މޮޔަ އަންހެން ކުއްޖެކެވެ.

"އަސްތާ... އެއިވެނީޝިވާގެ ދައްތަމެންގެ އަޑު... އިހަށް ހުނާ ދިޔައީ އިނގޭ... ވަރަށް އަވަހަށް ޝިވާއާ ބައްދަލުވާނަން..."

ޝިވާންގެ ބާރުގަދަ އަތްތިލައިގެ ތެރެއިން ހުވައިނާ އޭނާގެ އަތްތިލަ ދަމައިގަތީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ޝިވާނަށް އެއްވެސް އެއްޗެކޭ ބުނެވުމުގެ ކުރީގައި ހުވައިނާ ފޮތިގަނޑު ހިއްލާލާފައި ނުކުމެގެން ބާރުބާރަށް ހިނގައްޖެއެވެ. ހަދާނެ ގޮތެއް ނޭނގި އަނގަ ހުޅުވިފައި ފާޑަކަށް އިންދާ ފޮތިގަނޑު ކުޑަކޮށް ދުރުކޮށްލާފައި އެތެރެއަށް ވަނީ އަދީލާއެވެ.

"ދައްތަ ހީކުރީ ޝިވާއަށް އޮންނާނީ ނިދިފަ ކަމަށް...." އަދީލާ ގެނައި ކޮތަޅު ކަބަޑްމަތީ ބަހައްޓަމުން ބުނެލިއެވެ.

"ކީއްވެ މާފާޑަކަށް ހިންޏެއް އައިއްސަ ތިއޮތީ.." ޝިވާންގެ ތުންފަތްމަތީ ހުރި ހުވަފެނީ ހިނިތުންވުން ފެނިފައި އަދީލާ އަހާލިއެވެ.

"މިތާނގައި ކިތަންމެ ދުވަހަކުވެސް އޮވެވިދާނެ.. އެކަހަލަ ހާއްސަ ކުދިންގެ ހިދުމަތް ލިބެންޏާ.. ހަމަ އުފަލުން މިތާ އޮވެވިދާނެ..."

"ކާކުގެ ވާހަކައެއް ތިދައްކަނީ.. ކޮން ހިދުމަތެއްގެ ވާހަކަ.." އަދީލާ ހައިރާންވެފައި އަހާލިއެވެ.

"މިތަނުން ނުކުމެގެން އެދިޔަ ނަރުސް ކުއްޖާގެ ވާހަކަ މިބުނީ..."

"ކޮންތާކުންނޭ.. މިތަނުން ނުކުތީ ކާކު.. ކޮންއިރަކު... ނަރުހެކޭ... އެކަމަކު ތަން ބިޒީވެފައި މިވަގުތު ޝިފްޓް ބަދަލުވާގަޑިކަމުން ޝިވާ ގާތަށް ނާދެވުނު ވާހަކަ ދައްތަ ގާތު ކައުންޓަރުގައި އިން ނަރުސް ކުއްޖާ ބުނި.." އަދީލާ ކިޔައިދިނެވެ. "ދައްތަ ކައުންޓަރު ކައިރީ ހުރިއިރު މިތަން ނުލާހިކު ރީއްޗަށް ފެނޭ.. މިތާކަށް އެއްވެސް މީހަކު ނުވަދޭ.... ނުވެސް ނުކުމޭ.."

ޝިވާނަށް ހީވީ އޭނާގެ ބޮލުގައި ބާރަށް މީހަކު އެތިފަހަރެއް ޖެހި ހެނެވެ. ދައްތަ އެބުނީ ތެދަކަށް ވަންޏާ... އެއީ ކާކުހެއްޔެވެ.... އޭނާއާ ދާދި ގާތުގައި އިނދެފައި އޭނާގެ ގަޔަށް އިންޖެކްޝަނެއްވެސް ޖަހާފައި އެދިޔައީ ކާކު ހެއްޔެވެ. އަނެއްކާ އެއީ ކޮންކަހަލަ އިންޖެކްޝަނެއްބާވައެވެ. މާތްކަލާކޯއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟