ސައުވީސްވަނަ ބައި
"އިބާ، ވައުދުވޭ. ދުވަހަކުވެސް ވާރިޝްއާ ބައްދަލުނުކުރަން" އަލިޝްބާ ތަކުރާރުކޮށްލިއެވެ. އެންމެފަހުން އަންބަރް ވައުދުވެއްޖެއެވެ. އަލިޝްބާގެ ކުރިމަތީގައި ދެއްކޭނެ އިތުރު ބަހަނާއެއް ނެތިގެންނެވެ. ސުވާލަކީ އެ ވައުދު މަތީގައި އޭނާއަށް ދެމިހުރެވޭނެބާއެވެ؟
ނިދަން އަރާފައި އަންބަރަށް ނިދޭގޮތެއް ނުވިއެވެ. އަލިޝްބާ ދެއްކި ވާހަކަތަކާ މެދު އޭނާއަށް ވިސްނެނީއެވެ. އެއްފަރާތުން އަނެއްފަރާތަށް ފުރޮޅި ފުރޮޅި ގިނައިރުތަކެއް ވަންދެން އޭނާ އޮތެވެ. އެހެން އޮތްއިރު އަލިޝްބާގެ ވާހަކަތައް އޭނާގެ ސިކުނޑިން ކަސިޔާރުވެގެން ގޮސް ޝައިތާނާ އޭނާގެ ސިކުނޑީގެ މައްޗަށް ބާރު ހޯދައިފިއެވެ.
"އަހަރެން އެބަ އުޅެންތަ ގޯސްކޮށް. ނަމާދުވެސް ކުރަން. ބައެއް ފަހަރު ގުރުއާންވެސް ކިޔަވަން. ދެން އަހަރެން ލޯބިނުވާ މީހަކާ އިނީމަ އުނދަގުވާނެ ދޯ އުޅެން" އަންބަރް ހިތަށް އަރަމުން ދިޔައެވެ. އޭނާއަށް އޭނާ ކުށްވެރިއެއް ނުވިއެވެ. ޝައިތާނާގެ ބަހަށް އޭނާ ހެއްލިއްޖެއެވެ. އަލިޝްބާގެ ވާހަކަތައް އެކުގައި އޭނާގެ ސިކުނޑިން ފޮހެވިއްޖެއެވެ.
ޖޫދު ފިހާރައިގައި ތާށިވެގެން ޖިޔާ ގޮވައިގެން ސްކޫލު ކައިިރިއަށް ދިޔައީ ނީލަމްއެވެ. އޭނާ ދިޔައިރު އަންބަރް ގޭގައި ހުއްޓެވެ. ބޭނުންވާ ބައެއް ސާމާނު ގަނެގެން އޭނާ ގެއަށް ވަންއިރު ބަދިގެއިން ތަށި ތަޅުވާ އަޑު އިވެމުން ދިޔައެވެ. ޒަހާ ބަދިގޭގައި ނޫޅޭނެކަން އޭނާއަށް އެނގެއެވެ. ޝައްކެއްގެ މަތީގައި ހުރެ އޭނާ ބަދިގޭ ދޮރަށް އެރިއިރު އޭނާ ހީކުރި ގޮތާ ހިލާފަށް ބަދިގެ ތެރެއިން ފެނުނީ ޒަހާއެވެ.
"ޒަހާއްތަ، ކަމެއް ބޭނުންވީތަ؟" ނީލަމް ބުންޏެވެ. ތަންކޮޅެއް އެތެރޭގައި ހުރި އަންބަރް އޭނާއަށް ފެނުނީ ފަހުންނެވެ. ކައްކާ ވަގުތު ބޭނުންކުރާ އޭޕްރަން އަޅައިގެން އަންބަރް ހުރީ ފުރިޖު ކައިރީގައެވެ.
"މެންދުރު ކައްކަނީ އިބާ އޯ މިއަދު" ޒަހާ ބުންޏެވެ. ނީލަމް އަންބަރަށް ބަލައިލީ ފާޑަކަށެވެ. އެތެރެއަށް ވަދެގެން ގޮސް އޭނާ ހުއްޓުނީ ފުރިޖު ކައިރިން އަންބަރާ ގާތުގައެވެ. މޫނު ފޮތިކޮޅު ހިއްލާލާފައި އަންބަރަށް ތަފާތު ނަޒަރެއް ދިނެވެ. އެއަށްފަހު ފިނި ފެންފުޅިއެއް ހިފައިގެން ގޮސް މޭޒު ކައިރީގައި އިށީނެވެ. ކޮތަޅެއްގައި ހުރި މަމީ ނޫޑްލްސް އުރަތައް ފެނުމުން އަންބަރް ކައްކަން އުޅެނީ ނޫޑްލްސް ކަން ނީލަމްއަށް އެނގުނެވެ.
"މިއަދު ހީވޭ ވަރަށް ހޫނު ދުވަހަކަށް ވާނެހެން" ނީލަމް ބުންޏެވެ.
"އާނ. ކައިރި މުސްތަގުބަލެއްގަ ވިއްސާރަ ވާނޭހެނެއް ހިއެއް ނުވޭ" ޒަހާ ނީލަމްގެ ވާހަކައިގައި ބައިވެރިވިއެވެ.
"ޒަހާއްތަ ހިނގާ ބޭސްކާން" ފެން ހުސްކުރި ތަށި މޭޒުމަތީގައި ބަހައްޓާފައި ނީލަމް ބުންޏެވެ.
"އާނ ތިކަންވެސް ކުރަން އެބަޖެހޭ. ނީލަމް މަޑުކުރޭ. ޒަހާއްތަ އަންނާނަން ބޭސްކައިގެން" ގޮނޑި ދުއްވަމުން ޒަހާ ދިޔައެވެ. ހިކަނދި ފަތް އަޅާފައި ހުރި ތަށި ހިފައިގެން ދިޔަ އަންބަރަށް ބަލައިލާފައި ފެންފުޅި ހިފައިގެން ނީލަމް ތެދުވިއެވެ. އަލުން ފެންފުޅި ފުރިޖަށް ލާފައި އޭނާ އެނބުރިލީ އަންބަރާ ދިމާލަށެވެ.
"އަހަރެންނަށް ކަމެއް ކޮށްދޭންވެއްޖެ" އަންބަރް ކައިރީގައި ހުއްޓެމުން ނީލަމް ބުންޏެވެ.
*****
ކައުންޓަރު ކައިރީގައި އިން ޖޫދު ހާސްކަމާއެކު މޫނުގައި އަތް ހިންގާލިއެވެ. ހީވީ އުދާސްތައް ފޮޅާލިހެންނެވެ. އޭނާ ފައިލު ނަގާފައި އެތައް އިރަކު ބެލިއެވެ. އެއަކުން އޭނާއަށް އެއްވެސް މައްސަލައެއް ނުފެނެއެވެ. އިރުކޮޅަކުން ފައިލް ހިފައިގެން އޭނާ ހިނގައިގަތެވެ. ފިހާރަ ތެރެއިން ވަދެވެން ހުންނަ އޮފީސް ބަޔަށް ވަންނަމުން މަސައްކަތެއްގައި ހުރި މޫސައަށް ގޮވާލިއެވެ.
"މޫސަބޭ މިވީ ގޮތެއް ވިސްނާ ވިސްނާ އެއްގޮތަކަށްވެސް ނޭނގުނު" ފައިލް މޭޒުމަތީގައި ބައްވާފައި ޖޫދު ގޮނޑީގައި އިށީންނަމުން ބުންޏެވެ. އޭނާގެ މޫނުމަތިން އަދިވެސް ހާސްކަން ފިލައި ނުދެއެވެ.
"ކިހިނެއްވީ؟ ގެއްލުމެއްވީތަ؟" ޖޫދުގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން އެހިއެވެ.
"މޫސަބެ ބަލާބަ މި ފައިލް" މޭޒުމަތީގައި އޮތް ފައިލަށް އިޝާރަތްކުރަމުން ޖޫދު ބުންޏެވެ. ފައިލް ނަގައިގެން ވަކިވަކިން ހުރިހާ ގަނޑުތަކެއް ކިޔަމުން މޫސަ ދިޔައެވެ.
"ތިއީ އެމީހުންނާއެކު ހެދި އެއްބަސްވުން. މިއަދު މިއީ ޕިކަޕާ ރެސްޓޯރަންޓަށް މުދާ ލިބެންވީ ދުވަސް. އެންމެ ފަހު ވަގުތު އެ ކުންފުނިން ގުޅާފަ އެބުނީ ޕޭމަންޓު ނުލިބޭ ވާހަކަ" ޖޫދު ވާހަކަދެއްކިއެވެ.
"މި މިއޮތީ ދިވެހި ބަހުން ތައްޔާރުކޮށްފަ. މީގެއިން އެބަ އެނގޭ ތާރީހުތަކާ އެއްކޮށް. އެޑްވާންސްގެ ގޮތުގައިވެސް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދިންކަމަށް އެބައިން" މޫސަ ބުންޏެވެ.
"ޗެކްވެސް ޖަމާކުރިން. އައްޔަ ފޮނުވީ. މިއަދު އައްޔަ ފިހާރައަށް ނާދޭ. ގުޅީމަ ފޯނެއްވެސް ނުނަގާ" ޖޫދު ބުންޏެވެ.
"މިއީ ބޮޑު ޖަރީމާއެއް. ފުލުހުންނަށް އަންގަންވީނުން" މޫސަ ބުންޏެވެ.
އެތެރޭގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑުއަހަން ދޮރު ކައިރީގައި ހުރި ވާރިޝް ހީލިއެވެ. ބަޔަކު ނިކުންނަން އުޅޭހެން ހީވުމުން އޭނާ ހަރުގަނޑެއް ކައިރިއަށް ޖެހިލިއެވެ.
"މޫސަބެ ކައުންޓަރުގަ މަޑުކޮށްލަދީ" ދޮރުމަތީގައި ހުރެފައި ޖޫދު ބުންޏެވެ. މޫސަ ހިނގައިތުމުން ޖޫދު ވާރިޝްއަށް ގޮވާލިއެވެ.
"އާދެބަލަ އެތެރެއަށް" އޮފީހަށް ވަންނަމުން ޖޫދު ބުންޏެވެ.
******
މެންދުރު ކައިގެން ނިކުތްގޮތަށް ޔޫނުސް އަތުން ސައިކަލް ނަގައިގެން އައްމާރު މިސްރާބު ޖެހީ ބަނދަރާ ދިމާލަށެވެ. އާއިލާއިން ގުޅާފައި އައްމާރަށް ފޮނުވާ މުހިންމު ލިޔުންތަކެއް ހުރިކަމަށް ބުނުމުން އޭނާ ދިޔައީ އެ ލިޔުންތައް ނަގާށެވެ.
ދިއްލާފައިވާ ގަދަ އަވިން ސަލާމަތްވުމަށްޓަކައި އޭނާ ސައިކަލުގައި މަޑުކޮށްލައިގެން ހުރީ ބަނދަރު ސަރަހައްދުގައި ހުރި މިދިލި ގަހެއްގެ ހިޔަލުގައެވެ. ފަޅުން ލޯންޗު ވަނީ އެގޮތުގައި އޭނާ އިރުކޮޅަކު ހުއްޓައެވެ. ފެރީ ގިމަތައާއި ކައިރިކޮށް މީހުން ފައިބަން ފެށުމުން އައްމާރު ކައިރިކޮށްލިއެވެ. އެ ހިނދު ލޯންޗުން ފައިބަން ތައްޔާރުވި ދެމީހުން ފެނި އައްމާރަށް ލިބުނީ ހައިރާންކަމެކެވެ. ބައްޕަ އަބްދުލްމަތީނާއި މަންމަ ހުދާ ފެނުމުން އޭނާއަށް ހިނިތުންވެވުނެވެ. ހުދާގެ އަތުގައި ހިފައިގެން ހުރި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހަ އަހަރުގެ މިންހާލް ފެނުމުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މަޑުކޮށްލައިގެން އިން ހިސާބުގައި ސައިކަލު ބަހައްޓާފައި އޭނާ ފޭބިއެވެ.
"މީތަ ލޯންޗުން އައި ލިޔުމަކީ" މިންހާލް އުރާލާފައި އައްމާރު ބުންޏެވެ.
"ސަޕްރައިޒްއެއް ދިނީ މިންކޮ ބުނެގެން" މިންހާލް ބުންޏެވެ.
******
ވާހަކަފޮތެއް ހިފައިގެން އެނދުގައި އިން ޒަހާ ފޮތް ލައްޕާލާފައި ލޮލުގައި އޮތް ނަންބަރު އައިނު ނެގިއެވެ. ކައިރީގައި އޮތް ފޯނު ނަގާފައި އޭނާ ގަޑި ބަލައިލިއެވެ. މެންދުރުން އަނބުރާ ތިނެއް ޖަހަން ގާތްވެއްޖެއެވެ. މެންދުރުގެ ކެއުމަށް ޖޫދު ގެއަށް ނާންނާތީ އޭނާ ޖޫދުގެ ފޯނަށް ގުޅިއެވެ. އެހެންނަމަވެސް ޖޫދު ފޯނަށް ޖަވާބެއް ނުދެއެވެ. ހިއްކާފައި ގެނައި ހެދުންތައް ހިފައިގެން ނީލަމް ކޮޓަރިއަށް ވަނީ ވެސް އެވަގުތުގައެވެ.
"ޖީ ނިދާފަތަ؟" ޒަހާ އެހިއެވެ.
"ހޫމް. ފޮތް ހިފައިގެން އޮތް ގޮތަށް ނިދިފަ އޮތީ" ނީލަމް ބުންޏެވެ.
ހެދުންތައް އަލަމާރިއަށް ލާފައި ނިކުންނަން ދިޔަ ނީލަމްއަށް ޒަހާ ގޮވާލިއެވެ. ނީލަމް ބަލައިލާފައި އައިސް ޒަހާ ކައިރީގައި އިށީނދެއްޖެއެވެ.
"ޒަހާއްތަ ހުރީ ނާހަން ކަމަށް" ޒަހާ ބުންޏެވެ. "އެއްކަލަ ރޭ"
"އެއީ އައްމާރު" ނީލަމް ބުންޏެވެ. އިތުރަށް އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"އާނ ބުންޏޭ. އަދި ބުނި ނީލަމްއަކީ އޭނަގެ ފަހަރިއޭ ވެސް" ޒަހާ ބުންޏެވެ.
"ރަނގަޅަށް އެބުނީ. އަޅުގަނޑު އިނީ އޭނަގެ ބޭބެއަކާ" ނީލަމް ބުންޏެވެ.
"އޭނަ މިގެއަށް ނީލަމް ހޯދަން އަންނާނީ އެގުޅުން ދަމަހައްޓަން ބޭނުންވާތީހެން ޒަހާއްތައަށް ހީވަނީ" ޒަހާ ބުންޏެވެ.
"ނޫން. އޭނަ ބޭނުންވަނީ އެހެން ކަމެއް. އަޅުގަނޑު އޭނަ އާ އެއްވެސް ގުޅުމެއް ބާއްވާ ހިތެއް ނުވޭ" ނީލަމް ބުންޏެވެ.
ޒަހާ އިތުރަށް އެވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. އައްމާރުގެ ދެލޮލުން ފެނުނު ބޭގަރާރުކަން އޭނާއަށް ނީލަމް ގެ ދެލޮލުން ނުފެނުނެވެ. އެހެންނަމަވެސް އޭނާ އައްމާރުއާ އަދި އެއްފަހަރު ބައްދަލުކުރަން ބޭނުންވިއެވެ. އައްމާރުގެ ބޭނުމަކީ ކޮބާތޯ ބަލަން ބޭނުންވިއެވެ. ނީލަމްގެ ވީރާނާވެފައިވާ ދިރިއުޅުން އާބާދުވާ ތަން ބަލަން އޭނާއަށް އެދެވެއެވެ. ނީލަމްއާ މެދު އޭނާއަށް ދަރިއެއްގެ ގޮތުގައި ދެކެވެން ފަށައިފިއެވެ.
******
އަންބަރް ފާހާނާއިން ނިކުތްއިރު ސޯފާގައި އިން ޖޫދު ފެނިފައި ހައިރާންވިއެވެ. އެހެންޏާ ނުފެންނަ ގަޑިއެއްގައި ކޮޓަރިން ޖޫދު ފެނުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ބަހެއް ނުކިޔާ އެނދުގައި އިށީނެވެ. ފޯނާ ކުޅެން އިންދެފައި އަނެއްކާވެސް އޭނާ ފަހަތް ބަލައިލިއެވެ. ޖޫދު ހަމަ އެއިން ގޮތަށް ސޯފާގައި ކަރު އެލުވާލައިގެން ދެލޯމެރިފައި އޮތެވެ. "މަރުވެފަތަ އަނެއްކާ" އަންބަރް ހިތަށް އެރިއެވެ. "އަހަރެންނަށް ކޮންކަމެއްތަ؟" ދެވަނަ ސިކުންތުގައި ހިތުގައި އުފެދުނު ސުވާލަށް ޖަވާބުވެސް ދީފިއެވެ.
ކޮޓަރީ ދޮރުގައި ޓަކި ދިން އަޑަށް ޖޫދު ދިޔައީ ސިހިގެންހެވެ. އަންބަރްވެސް ދޮރާ ދިމާލަށް ބަލައިލީ ކުއްލިއަކަށެވެ. އޭނާ ހަމަޖެހިލާފައި ދޮރާ ދިމާލަށް ހިނގައިގަތެވެ. އަންބަރް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.
"ކިހިނެއްވީ؟ ޖިޔާ ބުނި ދަރިފުޅު ވަރަށް ބަލިވެގެން ގެއަށް އައި ވާހަކަ" ކޮޓަރި ދޮރުމަތީގައި އިން ޒަހާ ބުންޏެވެ. ޖޫދު ހީލާފައި ޒަހާގެ ގޮނޑި ދުއްވާފައި ކޮޓަރިއަށް ވެއްދިއެވެ. އޭނާގެ ހާލަތާ މެދު ކަންބޮޑުވެފައިވާ މިންވަރު މައިމީހާގެ ދެލޮލުން ފެނިއްޖެއެވެ.
"ބައްޔެއް ނޫން. ބޮލުގަ ރިއްސަނީ" ޒަހާގެ ގޮނޑި އެނދު ކައިރީގައި ބަހައްޓާފައި ޖޫދު އިށީނީ އެނދުގައެވެ.
"ރިއްސާނެއްނު. ދަރިފުޅު ތިއުޅެނީ މާބުރަކޮށް. މިއަދު މެންދުރު ކާންވެސް އައީކީ ނޫން" ޒަހާ ބުންޏެވެ.
"ނޫނޭ މަންމާ. މިއުޅެނީ ވަރަށް ބޮޑު ގެއްލުމެއް ލިބިގެން" ޖޫދު ބުންޏެވެ. ޒަހާއަށް މޭގައި އަތް އެޅުނެވެ. އަނެއްކާ ކޮންކަހަލަ ގެއްލުމެއް ހެއްޔެވެ؟
"މަންމާ، މަންމަ ކައިރީގަ ބުނީމެއްނު މުދާ ގެންނަން ފަސޭހައަށް ފިހާރައަށް ޕިކަޕެއް ގަންނަ ވާހަކަ" ޖޫދު ކިޔައިދޭން ފެށިއެވެ.
"ދިހަ ލައްކައާ ގާތްކުރާ އަދަދަކަށް ގެއްލުމެއްވެއްޖެ" ޖޫދު ބުންޏެވެ. އަންބަރަށްވެސް ބަލައިލެވުނެވެ. މަޑުމަޑުން ހިނގާލާފައި އައިސް ޖޫދުމެންނާ މާ ދުރު ނޫން ހިސާބެއްގައި ހުއްޓިއްޖެއެވެ.
"ފިހާރައިގައި އުޅޭ އައްޔަ ކުރި ކަމެއް. އޭނަ ވީ ތަނެއް ނޭނގޭ. ފޯނުވެސް ނިއްވާފަ އޮންނަނީ" ޖޫދު ކިޔައިދިނެވެ.
އަންބަރަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ ހީކުރީ އެކަމުގައި ބެދޭނީ ވާރިޝް ކަމަށެވެ. އެކަމަކު ވާރިޝް އެކަމުގައި ނުހިމެނި ހިނގައިދާނެ ހެއްޔެވެ؟
"މިއަދު އެއްކޮށް ޕޮލިސް ސްޓޭޝަނުގަ އުޅެފަ މިއައީ. އޭނަ އެބަ ހޯދާ މިހާރު" ޖޫދު ބުންޏެވެ.
"ދިހަ ލައްކަ އެއީ ހާދަ ބައިވަރޭ" ޒަހާ ބުންޏެވެ.
ޒަހާ ޖޫދަށް ވިސްނައިދިނެވެ. އެވަރުގެ ލަނޑެއް މީހަކަށް ދީފައި އެއްވެސް މީހަކަށް ހިންދެމިލައިގެން ނުހުރެވޭނެ ކަމުގައި ބުންޏެވެ. އެމީހާގެ އަތް ތުރުތުރު އަޅާނެ ކަމުގައި ބުންޏެވެ. ވަގުތު ޖެހުމުން ހެއްދެވި ފަރާތުން އެމީހަކު ބޭޒާރު ކުރާނެ ކަމުގައި ބުންޏެވެ.
"އަހަރެމެންގެ ހައްގު މި ދުނިޔޭގައި ނުލިބުނަސް ހަމަ ޔަގީން ކަށަވަރު އެ ދުނިޔޭގައި ލިބޭނެ"
ރޭގަނޑު ނިދަންވުމާ ހަމައަށް ޖޫދުގެ ބޮލުގެ ރިހުން ނުފިލައެވެ. ކޮޓަރީގައި އުޅުނު އަންބަރް އިރުކޮޅަކާ ނޭނގޭނެހެން ޖޫދަށް ބަލައިލައެވެ. އެންމެފަހުން އޭނާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
******
ނިދަން ތައްޔާރުވަމުން ދިޔަ ޒަހާ ބަލައިލީ ކޮޓަރި ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ދޮރުހުޅުވީ ނީލަމްއެވެ.
"އަންބަރް،" ނީލަމް ބުންޏެވެ. ޒަހާ ބޯ އަރިކޮށްލާފައި ދޮރާ ދިމާލަށް ބަލައިލީ ނީލަމް އަންބަރްގެ ނަން ބުނި އަޑު އިވިފައެވެ.
"އިބާ، ދަރިފުޅު ވަދޭ އެތެރެއަށް" ޒަހާ ބުންޏެވެ. އިސްޖަހާލައިގެން ހުރި އަންބަރް އެތެރެއަށް ވަނެވެ. "ކަމަކުތަ އަނެއްކާ" ޒަހާ އެހިއެވެ. އެކޮޓަރިއަށް އޭނާ އައި ސަބަބު ހާމަކުރަން އަންބަރް ފަސްޖެހުނެވެ. ދެއަަތް ދެއަތާ މޮޑެން އޭނާއަށް ކޮޓަރި މެދުގައި ހުއްޓިގެން ހުރެވުނީއެވެ.
"އަންބަރް، ކިހިނެއްވީ؟" ނީލަމް އެހިއެވެ.
"މް...މަންމާ..." ކައިވެނިކޮށްގެން އައި ފަހުން އަންބަރްގެ ދުލުން ފުރަތަމަ ފަހަރަށް 'މަންމަ' މި ލަފްޒު އަޑުއިވުމާއެކު ޒަހާއަށް ކުރެވިގެން ދިޔައީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އޭނާއަށް ހިނިތުންވެވުނީ ބޭއިހުތިޔާރުގައެވެ.
"އޭނަ.... އޭނަ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ އުޅެނީ" އަންބަރް އޭނާ އައި ބޭނުން ހާމަކުރިއެވެ.
"ކެއި ގަޑީގަވެސް މަންމަ ބުނިން ބޭސްގުޅަ ކާލާށޭ" ޒަހާ ބުންޏެވެ. "ނީލަމް، ކަބަޑު ތެރޭގައި އޮތް ޕެނަޑޯލް ކާޑު އިބާ އަތަށް ދީބަލަ"
ނީލަމް ތެދުވެގެން ގޮސް އެފަދައިން ކަންތައް ކުރިއެވެ.
"ކިރުތައްޓަކާއެކު ދީފަ ބުނޭ ކާލާށޭ" އަންބަރް ނިކުންނަން ހިނގައިގަތް ތަނާ ޒަހާ ބުންޏެވެ.
ޖޫދާ މެދު އަންބަރް ކަންބޮޑުވިކަން އެނގުމުން ޒަހާ ހިތުގައި އުފާވެރިކަމެއް އުފެދުނެވެ. އޭނާއަށް ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ. މަޑުމަޑުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވުނެވެ.
ކިރުތަށި ހިފައިގެން އަންބަރް ކޮޓަރިއަށް ވަންއިރު ޖޫދު އޮތީ ލޯ މަރާލައިގެންނެވެ. އޭނާއަށް ގޮވަން އަންބަރް ބޭނުމެއް ނުވިއެވެ. ކައިރީގައި ހުރި ކުޑަ މޭޒު މަތީގައި ގެނައި އެއްޗެހި ބަހައްޓާފައި އޭނާ ގޮސް އެނދަށް އެރިއެވެ. ޖޫދު ހޭލާތޯ އިރުކޮޅަކު ބަލަން އިނދެފައި އެއްވެސް ހަބަރެއް ނުވުމުން އޭނާ ލައިޓްގެ އަލި ފަނޑުކޮށްލިއެވެ. އެއަށްފަހު ގައި މަތީގައި ރަޖާ އަޅާލިއެވެ.
އާދައިގެމަތިން ދަމު ނަމާދު ކުރަންވީ ގަޑިއަށް ޖޫދަށް ހޭލެވުނެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި ކިރުތައްޓާއި ޕެނަޑޯލް ކާޑު ފެނުނެވެ. އެއީ އަންބަރްގެ ކަމެއް ބާއޭ ހިތަށް އެރިއެވެ. ގަޑިން ވީއިރެއް ޔަގީންކުރުމަށް ފޯނު ނެގިތަނާ ޒަހާ ފޮނުވާފައި އިން މެސެޖް ފެނިގެން ކިޔާލިއެވެ. އެހިނދު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނިދާފައި އޮތް އަންބަރާ ދިމާލަށް އޭނާއަށް ބަލައިލެވުނެވެ. ބޮލުގެ ރިހުން އެވަގުތަށް މަޑުވެފައި ވިޔަސް ޕެނަޑޯލް ގުޅައަކާއެކު އޭނާ ފިނިވެފައި ހުރި ކިރުތަށި ބޯލިއެވެ. އަނބިމީހާގެ ދެއަތުން އޭނާއަށް ފުރަތަމަ ދިން ހަދިޔާއެއް ކަމަށް ގަބޫލުކުރިއެވެ.
******
ވާރިޝްއަށް ގުޅާލާނެ ވަގުތަކަށް އެދިއެދި ހުރި އަންބަރަށް އެވަގުތު ފަހިވެގެން ދިޔައީ ޖެހިގެން އައި ދުވަހު ހަވީރުގެ ވަގުތުގައި ޒަހާ ގޮވައިގެން ނީލަމް ބޭރަށް ނިކުތުމުންނެވެ. އެކުގައި ދާން އޭނާ ކައިރީގައި ބުނުމުން އޭނާ ބަހަނާއަކަށް ދެއްކީ ބަނޑުގައި ރިއްސާކަމެވެ. އެންމެފަހުން އަންބަރް ކައިރީގައި ޖިޔާ ބައިންދާފައި އިނީ ބަލިވެ އުޅެނިކޮށް އަންބަރް އެކަނި ގޭގައި ބައިންދަން ބޭނުންނުވާތީއެވެ.
ކުޑަކުދިންގެ ޕްރޮގްރާމެއް ބަލަން ގެއްލިފައި އިން ޖިޔާއަށް ބަލަމުން ފޯނު ހިފައިގެން އަންބަރް ނިކުތީ ބެލްކަންޏަށެވެ. ފޯނުގައި 'ދަލޭކަ ދައިތަ' ޖަހާފައި ސޭވްކޮށްފައި އިން ނަންބަރަކަށް އަންބަރު ގުޅިއެވެ.
"ވާރު، ނުގުޅާތާ ކިތަންމެ ދުވަހެއް ވިޔަސް އަހަރެންނަށް ގުޅާނުލާނެ" ވާރިޝް ފޯނު ނެގުމާއެކު އަންބަރް ޝަކުވާ ކުރިއެވެ.
"ވަޓް؟ އެއީ ވާރު ކުރި ކަމެއްތަ؟" އަންބަރް އެހިއެވެ.
"ފުރަތަމަ ކާމިޔާބީއެއް ބުނާއިރު އިނގޭތަ އަހަރެން ބިރުގަންނަ ވަރެއް" އަންބަރް ބުންޏެވެ.
"ނޫން. ނުދެވޭނެ. މިދުވަސްކޮޅު ރަނގަޅުވާނީ ބައްދަލުނުކޮށްފިއްޔާ. އަހަރެންނަށް ފާރަލާން ވަރަށް ބައިވަރު ލޯތަކެއް އެބަހުރި. މުޅި ރަށުގައި ސީސީޓީވީ ހަރުކޮށްފަ ހުރީ" އަންބަރް ބުންޏެވެ. ވާރިޝް ބަހެއް ނުކިއެވެ. ހިތްހަމަނުޖެހުނީ ކަންނޭނގެއެވެ.
"ވާރުގެ ނީލަމްވެސް ހީވަނީ އަހަރެން ރޮލާ ކާލަން އުޅޭހެން" އަންބަރް ބުންޏެވެ. "ހުވާ މިބުނީ އަހަރެން މޮޔަވެއްޖެ މިގެއަށް އައި ފަހުން. މިއީ ވާރުގެ ކަންތައް"
******
އައްމާރުގެ އާއިލާ ކުޑަ ދުވަސްކޮޅަކަށް ރަށަށް އައުމާ ގުޅިގެން އެ އާއިލާ ތިބެން ގެއެއް ހަމަޖައްސައިދިނީ ޔޫނުސްގެ އާއިލާގެ ފަރާތުންނެވެ. ޔޫނުސްގެ އެއްބަނޑު އެއްބަފާ ބޭބެ ކައިވެންޏަށްފަހު ދިރިއުޅެން ތައްޔާރުކޮށްފައި ހުރި ގެ އެ އާއިލާ ތިބެން ދިނެވެ. ގެސްޓްހައުސްގައި ތިބޭގޮތަށް ރާވައިގެން އަޔަސް ހުދާ ބޭނުންވީ ގޭތެރެއިން ކާއެއްޗެހި ރޯފިލުވައިގެން ކާށެވެ.
ހެނދުނުގެ ސަޔަށްފަހު އައްމާރުގެ އާއިލާ ގޯތީގައި ހިޔާކޮށްފައި ހުރި ތަނުގައި މަޑުކޮށްލައިގެން ތިއްބެވެ. ބޯޅައެއް ހިފައިގެން ކުޅުމުގައި މިންހާލް އުޅުނުއިރު މުޅި ތަން އެއްވަސްވެފައިވަނީ ވަށައިގެން ހައްދާފައިވާ މާ ގަސްތަކުންނެވެ. ގޯތީގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް އެންމެ ފުރަތަމަވެސް ފެންނާނީ ހިތަށް ހިތްހަމަޖެހުން ގެނުވާ ކަހަލަ ގަހެކެވެ. އެ ގެއާ މެދު ހުދާ އެހާ ހިތްމަހަމަޖެހުނީވެސް އެއީ ތިމާވެއްޓާ ރައްޓެހި ގެއަކަށް ވުމުންނެވެ.
"މި ދަތުރަކީ ވަރަށް މުހިންމު ދަތުރެއް އަސްލު" ކަޅު ކޮފީ ތައްޓެއް ހިފައިގެން އިން މަތީނު ބުންޏެވެ. "މަދަމާ ބައްޕަގެ ވަރަށް ގާތް ރައްޓެއްސަކު އަންނާނެ. އެމީހުން ތިބޭނީ އެހެން ގެއެއްގަ"
"ކޮންބައެއް.؟" އައްމާރު ބުންޏެވެ. ހުދާއާއި މަތީނު ކޮފީ ބޯން ތިއްބަސް އެވަގުތުވެސް އައްމާރު އިނީ ލެޕްޓޮޕް ހިފައިގެންނެވެ. އޭނާ ހުރި ރަށަށް މައިންބަފައިން އައުމުން ލިބެންވީ ހަގީގީ ހިތްހަމަޖެހުން މިފަހަރު ނުލިބުނެވެ. އެމީހުން ރަށަށް އައި ދުވަސްކޮޅު އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. "ބައްޕަމެން ކޮންއިރަކުން މާލެ ދާނީ؟" އައްމާރު އެހިއެވެ.
"އަދި އައިތާ މިއުޅެނީ 24 ގަޑިއިރު ނުވެގެން. އެހާ އަވަހަށް ނުގޮޮސްގެންތަ ތިއުޅެނީ" ހުދާ އެހިއެވެ.
"އެހެން މިއެހީ މާލްގެ ސްކޫލު ދުވަސްވަރުވީމަ. އަދި އެކޮޅު ވިޔަފާރި އަލަށް ހަވާލުވި މެނޭޖަރާ ހަވާލުކޮށްފައި މިކޮޅަށް އައިމަ" އައްމަރު ބުންޏެވެ.
"ބައްޕަމެން ބުނީމެއްނު މިދަތުރަކީ މުހިންމު ދަތުރެކޭ. މި އާއިލާއަށް މެންބަރަކު އިތުރުވާން އުޅެނީ" ހީލުމަކާއެކު މަތީނު ބުންޏެވެ. ކުރަން އިން މަސައްކަތް ހުއްޓާލާފައި އައްމާރު މަތީނަށް ބަލައިލިއެވެ. އޭނާގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލިހެން ހީވީ އޭނާއަށް ބަލަހައްޓައިގެން ތިބި މައިންބަފައިންގެ ތުންފަތްމަތިން ފާޅުވި މައުނަވީ ހިނިތުންވުން ފެނިފައެވެ.
"ބައްޕަ ކީކޭ ތިކިޔަނީ؟" އެއްވެސް އެއްޗެއް ވިސްނުނު ކަމަށް ނަހަދައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލަމުން އައްމާރު ބުންޏެވެ. "އަޅުގަނޑަކަށް ނޭނގެ. އަނެއްކާ މަންމަ ބަނޑުބޮޑުވީތަ؟"
ހުދާ އައްމާރުގެ އަތްމަތީގައި ޖެހިއެވެ. ހުދާގެ އެ އަމަލުން މަތީނަށް ހެވިއްޖެއެވެ. "މިއުމުރުގަ ދަރިން ނުހޯދިގެން ވިއްޔާ މިއުޅެނީ"
"ދަރިފުޅު ދަންނަންތަ މިރަށު ހޮސްޕިޓަލުގަ ހުންނަ ޑޮކްޓަރު. އޭނާއަށް ކިޔާނީ ޚާނީ" މަތީނުގެ ދެލޮލުން ވިދުވަރެއް ފާޅުވެލިއެވެ.
(ނުނިމޭ)