ތޭވީސްވަނަ ބައި
އެންމެފަހުން ނީލަމް ނުކުތީ އޭނާ ބޭނުންވި ކަންތައް ކޮށްގެންނެވެ.
"ވާރިޝް، އަހަރެން ކަލެއާ ބައްދަލުކުރާނަން. ކުށެއް ނެތް ބަޔަކަށް ކަލޭ ދޭން ތިއުޅޭ ލަނޑުން އެމީހުން ސަލާމަތްކުރާނަން" ނީލަމް ހިތާހިތާ ކިޔާލިއެވެ.
އިޝާނަމާދަށްފަހު ނީލަމް އާއި ޒަހާ އެކުގައި ސޯފާގައި މަޑުކޮށްލައިގެން އިނެވެ. އިތުރު މީހަކު ގޭތެރެއިން ފެންނާކަށް ނެތެވެ. ކުރިމަތީގައި ހުޅުވާފައި ހުރި ޓީވީން ޕްރޮގްރާމެއް ގެނެސްދެމުން ދިޔައެވެ.
"އަންބަރް ނިދީތަ؟" ޒަހާ އެހިއެވެ.
"ހިއެއް ނުވޭ" ނީލަމް ބުންޏެވެ. އަންބަރާ ބެހޭގޮތުން ވާހަކަދައްކަން އުޅެފައިވެސް ނީލަމް އެހިޔާލު ދޫކޮށްލިއެވެ. އެކަހަލަ ވާހަކައެއް ދައްކައިގެން ކަންތައްތައް ރަނގަޅު ނުވާނެކަން އޭނާއަށް އެނގެއެވެ.
ބެލްއަޅާލި އަޑު އިވުނީ ކުއްލިއަކަށެވެ. ނީލަމް ތެދުވެގެން ދޮރާ ދިމާލަށް ދިޔައެވެ. ހުޅުވާލި ދޮރުން ބޭރުގައި ތިބި ދެމީހުން ފެނިފައި ނީލަމަށް ފަހަތަށް ފިޔަވަޅެއް އެޅިއްޖެއެވެ. އަނެއް ފަރާތަށް އެނބުރު ގޮތަށް އޭނާ ފޮތިކޮޅުން ދެލޯވެސް ނިވާކުރިއެވެ. އައްމާރުއަށް އެއްވެސް ގޮތަކުން އޭނާ ފާހަގަވާން ނޭދޭއެވެ.
"ކާކުތަ؟" ޒަހާ ބުނެލި އަޑު އިވުނެވެ. ނީލަމް ކަންތައްކުރި ގޮތް ފެނިފައި އައްމާރާ ޔޫނުސް އެކަކު އަނެކަކަށް ބަލައިލިއެވެ. އެއީ ނީލަމް ކަމެއް އެއްވެސް މީހަކަށް ދެނެގަންނާކަށް ނޭނގުނެވެ.
"ވައަލައިކުމުއްސަލާމް" ނީލަމް ބަހެއް ނުކިޔުމުން ޖަވާބު ދިނީ ޒަހާއެވެ.
"ދުރުވޭ އެތެރެއަށް" ޒަހާ ބުންޏެވެ. ނީލަމަށް ބަދަލެއް އައިކަން ޒަހާއަށް ފާހަގަވިއެވެ. އެހެންކަމުން އެތެރެއަށް ވަދެގެން ދިޔަ ނީލަމް ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ޖޫދުވެސް ނުކުތީ ޒަހާ ސަލާމް ބަލައިގަތް އަޑަށެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ދިޔަ ނީލަމަށް އޭނާ ބަލައިލީ ހައިރާންވެފައެވެ.
"އަޅުގަނޑަކަށް އަދި ނޭންގުނު ތިއީ ކޮން ބޭފުޅުންނެއް ކަމެއް" ޒަހާ ބުންޏެވެ. "ދުރުވޭ. އިށީންނަވާ"
އައި ބޭނުން ހާމަކުރަން ނުކެރިފައި އައްމާރު ޔޫނުސްއަށް ބަލައިލިއެވެ.
"އިބާގެ ބޭބެއެއް ދޯ" ޒަހާ ހަނދާންވިއެވެ. އަންބަރާއި ޖޫދާ ކައިވެނި ކުރެވުނު ރޭގައި އޭނާއަށް ޔޫނުސް ވަނީ ފެނިފައެވެ. އެހެންކަމުން ވަރަށް ފަސޭހައިން އޭނާއަށް ޔޫނުސް އަކީ ކާކުކަން އެނގިއްޖެއެވެ.
"ލައްބަ. އަޅުގަނޑަށް ކިޔަނީ ޔޫނުސް. މިއިނީ އައްމާރު" ޔޫނުސް ބުންޏެވެ. ޒަހާ ހީލައިފިއެވެ. ޓީވީގެ އަޑު މަޑުކޮށްލާފައި ޒަހާ މެހެމާނުންނަށް ސަމާލުކަންދިނެވެ. އެދިމާލަށް އައިސްފައި ވެސް ޖޫދު ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. އުނދުން ކައިރީގައި ވިސްނުމަކަށް ގެއްލިފައި ހުރި ނީލަމަށް ބަދިގެއަށް މީހަކު ވަން ކަން އެނގުމާ އެކު އަވަސް އަވަހަށް މޫނުފޮތިކޮޅު ވައްޓާލިއެވެ.
"އަހަރެންނަށް އެނގޭ ކޮންމެސް ކަމެއް ވެއްޖެކަން" ޖޫދު ބުނެލިއެވެ. މޫނުފޮތިކޮޅު އަޅައިގެން ހުރިއިރު ވެސް އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުންދާ ކުލަވަރު ސިއްރުކުރުމަށް ނީލަމް ޖޫދަށް ފުރަގަސްދިނެވެ.
"ދަންނަ ބައެއްތަ؟" ޖޫދު އެހިއެވެ.
"އުނހު. ހަނދާންނެތިފަ މިހުންނަނީ. އެމީހުންނަށް ޖޫސް ގެންދަން ޖެހޭނެ" ނީލަމް ބުންޏެވެ. ފުރިޖު ކައިރީގައި ހުއްޓިފައި ޖޫސް ޕެކެޓް ނެގިއެވެ. ދެ ބިއްލޫރިތަށި ހިފައިގެން އައިސް އެއަށް ޖޫސް އެޅިއެވެ. ހިފައިގެން ދާން ޖެހިލުންވެފައި އޭނާ އިރުކޮޅަކު ހުއްޓެވެ. އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ޖޫދަށް ހުރެވުނެވެ.
"އަހަރެން ގެންގޮސްދާނަން" ދެ ބިއްލޫރިތަށި ހުރި ތަބަކުގައި ހިފަމުން ޖޫދު ބުންޏެވެ. ވަގުތުން ނީލަމް ދެކޮޅު ހެދިއެވެ.
"އިޓްސް އޯކޭ ނީލަމް. އަހަރެން ގެންގޮސްދޭނަން. މިއީ އެވަރުކަމެއް ނޫނެއްނު" ޖޫދު ދުލެއް ނުކުރިއެވެ. ނީލަމް އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާ ތަބަށް ހިފައިގެން ހިނގައިގަނެއްޖެއެވެ.
ފާހާނައިން ނުކުތްގޮތަށް އަންބަރަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. ދުރުންވެސް ފޯނަށް އަރާފައި އިން ފޮޓޯގައި އިން އަލިޝްބާ އޭނާއަށް ފާހަގަވެއްޖެއެވެ. އެންމެފަހުން އެ ކޯލު މިސްވިއިރުވެސް އޭނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދުވާލު އެއްކޮށް އަލިޝްބާގެ ހަބަރެއް ނުވެ ހުރުމުން އޭނާ ހީކޮށްގެން ހުރީ އަލިޝްބާއަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގުނީ ޓެލެގްރާމް އިން އޭނާ އަލިޝްބާ އާ ވާހަކަދެއްކުމުން ވެސް އިނގޭކަމަށް ނެހެދެމުންނެވެ. އަލިޝްބާ ގުޅާކަން އިނގުމުން އޭނާ ހާސްވެއްޖެއެވެ. އެނދުގައި އިށިން ގޮތަށް އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. އަލިޝްބާގެ ހަތަރު ކޯލު މިސްވެފައި އިނެވެ. ކުއްލިއަކަށް އޭނާ ސިހުނީ ފޯނަށް މެސެޖެއް އައި އަޑުންނެވެ. "އަންބަރް، އަހަރެންނަށް އެނގޭ ހަމަ ގަސްދުގައި ފޯނު ނުނަގަންވެގެން ކަން. ފޯނަށް ޖަވާބު ނުދީފިއްޔާ އަހަރެން ކަންތައްކުރާނެ ގޮތް އެނގޭނީ އަހަރެންނަށް" އެ ޖުމްލަތައް އޭނާއަށް ހީވީ ކަންފަތް ދަށުން އިވިލި ހެންނެވެ. އެ ރުޅިވެރިި ރާގުގައި އަލިޝްބާގެ އަޑު އިވުމުން އަންބަރަށް ނިޔަފަތިގަނު ހެފެން ފަށައިފިއެވެ. އަލިޝްބާގެ ފަސްވަނަ ކޯލު އައީ ހަމަ އެވަގުތުއެވެ.
"ކީކޭ ދޮންތާ" ކަމެއް އިނގުނުކަމަށް ނުހަދާ އަންބަރް ބުންޏެވެ.
"މިހާރުތަ؟ ކީއްކުރަން އެއީ" އަންބަރް ބުންޏެވެ.
"އަޅުގަނޑަށް ޖަވާބެއް ދެވޭނީ ނީލަމްއާ ވާހަކަދައްކާލާފައި" ޒަހާ ބުންޏެވެ.
"ނީލަމް ގޭގައި ނެތީ ތޯ" މިހުރިހާ އިރު އެއްޗެއް ނުބުނެ އިން އައްމާރު އެހިއެވެ.
"އެބައުޅޭ. ދެންމެ ތިދެކުދިން ކުރިމަތިން އެދިޔައީ ނީލަމް" ޒަހާ ބުންޏެވެ. އައްމާރު ހައިރާންވިއެވެ. ދޮރުހުޅުވި އަންހެންކުއްޖާއަށް ކުއްލިއަކަށް އައި ބަދަލު އޭނާއަށް ފާހަގަވެއްޖެއެވެ.
"އެއީ ނީލަމް ތަ؟" އައްމާރު އެހިއެވެ. "އެކަމަކު"
"ނޭނގުނު ދޯ. ވަރަށް ފަހުން އެމަންޖެ މޫނު ބުރުގާ އެޅީ" ޒަހާ ހީލާފައި ބުންޏެވެ.
"އަދިވެސް ނުބުނަމެއް ނޫންތޯ ތިއީ ނީލަމްއާ ކިހާ ގާތް ބޭފުޅެއްކަމެއް" ޒަހާ އެހިއެވެ. އައްމާރު ފަސްޖެހުނެވެ. ނީލަމްއާ ހެދި އާވާރާވެގެން އުޅޭ މީހެކޭ ބުނަން އޭނާއަށް ނުކެރުނެވެ.
"ނީލަމްއަކީ އަޅުގަނޑުގެ ފަހަރިއެއް" އައްމާރު ބުންޏެވެ. މުޅިއަކުން ދޮގެއްވެސް ނޫނެވެ. އެހެންނަމަވެސް އެ ޖަވާބަކީ އޭނާ ދޭން ބޭނުންވި ޖަވާބެއްވެސް ނޫނެވެ.
"އަޅުގަނޑަށް ހީވަނީ ނީލަމް ކަމަކާ ހިތްހަމަނުޖެހުނީމަހެން މަޑުނުކޮށް އެދިޔައީ" ޒަހާ ބުންޏެވެ. ނީލަމަށް ގޮވައި އެތަނަށް ގެންނަން އޭނާ ބޭނުމެއް ނުވިއެވެ. "އަޅުގަނޑު ނީލަމްއާ ވާހަކަދައްކާލާނަން ވީގޮތެއް އޮޅުންފިލުވާނަން. ތަންކޮޅެއް ފަހުން ދުރުވަންވީ ނޫންތޯ؟" ޒަހާ ބުންޏެވެ.
ދޮރުން ނުކުތުމުގެ ކުރިން އައްމާރު ހުއްޓިފައި ނީލަމް ދިޔަ ދިމާލަށް ބަލައިލިއެވެ. ނީލަމް މޫނު ފެނިނުލަނީސް ނުކުންނަން ޖެހުމުން އޭނާގެ ހިތަށް ތަދުވެލައިފިއެވެ.
"މަންމައަކަށް ހިއެއް ނުވޭ ނީލަމްއަކީ ހަމައެކަނި އެސޮރުގެ ފަހަރިއެއް ހެނެއް" މެހްމާނުން ނުކުތުމުން ދޮރުލައްޕާލާފައި އައި ޖޫދު ކައިރީގައި އިށީނުމުން ޒަހާ ބުންޏެވެ.
"އަޅުގަނޑަށްވެސް ހީވޭ. ނީލަމް ހުރީ ފާޑަކަށް. އެހެންވެ އަޅުގަނޑު ޖޫސް ހިފައިގެން އައީ" ޖޫދު ބުންޏެވެ.
ދޮރެއް ލެއްޕުނު އަޑަށް ފަހަތް ބަލައިލީ ޒަހާ އާއި ޖޫދު އެއްކޮށެވެ. ދެމީހުންވެސް ހީކުރީ ޖިޔާ ކޮޓަރިން ނުކުތް ކަމަށެވެ. އެހެންނަމަވެސް ނުކުމެގެން އައި އަންބަރް ފެނިފައި ޒަހާ އާއި ޖޫދު އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލައިފިއެވެ.
"ދޮންތަ ވަރަށް އަވަހަށް އައިސްބަލާށޭ ބުނެގެން" އަންބަރް ވާހަކަދެއްކީ ޒަހާއާ އެވެ.
"އަވަހަށް ދޭ" ޒަހާ ބުންޏެވެ. "ޖޫދު ދަރިފުޅު ދޭ އެބަޔަށް އިބާ ލައިދޭން" ޒަހާ ބުންޏެވެ.
ޖޫދު ފަހަތުން އަންބަރް ނުކުތެވެ. ދެކުދިން އެކީގައި ލިފްޓަށް އެރިއިރުވެސް ޖޫދަށް ފާހަގަވީ އަންބަރް ހިމޭނުން ހުންނަ ކަމެވެ. އޭނާއާ ދިމާލަށް އެއްޗެއް ނުބުނާތީ އޭނާއަށް އަންބަރްގެ ރުޅިގަނޑު މިސްވަމުން ދިޔައެވެ. ކުރިން އެއްޗެއް ބުނެލަން ހިތަށްވެސް އަރައިފިއެވެ. އަންބަރްގެ އަޑުއަހައި ނުލާ އެބަޔަށް ވައްދަން އޭނާ ބޭނުމެއްނުވިއެވެ.
"ހާދަ އެހެން ކަހަލަ ވަހެކޭ މިދުވަނީ. ކަމަނާ ފެންވެރިންތަ؟" ވިސްނާފަ އޭނާ ބުނީވެސް އަންބަރް ރުޅި އަންނާނެ ކަހަލަ އެއްޗެކެވެ. ޖޫދުގެ މޫނުމަތީގައި ހައިރާންކަން ވަށާލީ އަންބަރްގެ އެއްވެސް ހަބަރެއް ނުވުމުންނެވެ. ކައިރީގައި ހުރެގެން މީހަކު ކިޔާ އެއްޗަކާ މެދު ވިސްނާ ވަރަށް ވުރެ އޭނާގެ ހާލަތު ގޯހެވެ. އަލިޝްބާ ކައިރީގައި ހަދާނެ ދޮގަކާ މެދު އޭނާ އެދަނީ ވިސްނަމުންނެވެ. އަލިޝްބާ އޭނާގެ ފޯނު ޗެކުކުރަން އުޅެފާނެތީ އޭނާ އެދަނީ ވާރިޝްގެ ހުރިހާ މެސެޖްތަކާ ކޯލް ލޮގްވެސް ޑިލީޓްކޮށްގެންނެވެ.
"ހާދަ ހެޔޮ މީހެކޭ ދޯ އެއީ" ޔޫނުސްގެ ސައިކަލު ފަހަތުގައި އިން އައްމާރު ބުންޏެވެ. އެގެއިން ނުކުމެގެން ސައިކަލުގައި ދެ އެކުވެރިިން މިސްރާބުޖެހީ ކެފޭއަކާ ދިމާލަށެވެ.
"އެގޭގަ ނީލަމް ހުންނަނީ ކީއްވެބާ. ކުއްޔަށް ކަންނޭނގެ ދޯ. އެކަމަކު ޖޮބެއްގައި އުޅޭހެނެއެއް ހިއެއްނުވޭ" އައްމާރު ވާހަކަދެއްކިއެވެ.
"އަހަރެން ހީކުރި ވަރަށް ވުރެ ކަލޭ ފިނޑި އިނގޭ" ޔޫނުސް ބުންޏެވެ. "އަހަރެން ނަމަ ބުނާނަން ނީލަމް ދެކެ ލޯބިވެޔޭ. އިންނަން ބޭނުންވެގެނޭ ހޯދަން އައީ" ޔޫނުސް ބުންޏެވެ.
"ތިދެން ގަޓު މީހެއްނު. ތިއެއްނޫނޭ. ނީލަމް ކީއްވެބާ މޫނު އެޅީ" އައްމާރު ބުންޏެވެ.
"އޭނާއަށް އިނގޭ ކަލޭގެ އުނދަގު ޖެހޭނެކަން. އޭނަ ހޯދަން ކަލޭ އުޅޭނެކަން. މަގަކުން ފެނުނަސް ކަލެއަށް އޭނާ ނޭނގޭނެވަރު ކޮށްފައި އެހުރީ" ބާރު ހިނިގަނޑަކާ އެކު ޔޫނުސް ބުންޏެވެ.
ބެލް އެޅުމުން ދޮރު ހުޅުވީ އަލިޝްބާއެވެ. އަންބަރް ކައިރީގައި ޖޫދު ހުރުމުން އަލިޝްބާ ހީލިއެވެ.
"އަހަރެން އިބާ ގޮވައިގެން ގެއަށް ދާނަން" އަލިޝްބާ ބުންޏެވެ.
"ކޮބާ އައިމަން؟ މިހާރު ރަނގަޅުތަ؟" ދިޔުމުގެ ކުރިން އައިމަންގެ ހާލު އެނގެން ޖޫދު ބޭނުންވިއެވެ.
"އާނ. އަލްހަމްދުލިއްލާހި. އޮފީހުން ގުޅީމަ ހިނގައްޖެ" ހީލަމުން އަލިޝްބާ ބުންޏެވެ.
"އަހަރެންގެ ދޮންކަމަނަ މިރޭ ނުކައި އެހުރީ. ލިބާ ބަލައްޗެ އޭނަ ކާއެއްޗެއް ދެވޭތޯ" ދިޔުމުގެ ކުރިން ޖޫދު ބުންޏެވެ. އަންބަރް ޖޫދާ ދިމާލަށް އެއްޗެއް ބުނަން އުޅެފައިވެސް ހިމޭންވިއެވެ.
"ވާއު ދޮންތަ. މިކޮޓަރި ހާދަ ރީއްޗޭ" އަންބަރް ބުންޏެވެ. އަލިޝްބާ ބަހެއް ނުކިޔާ ހުރުމުން އޭނާ ބޭނުންވީ ހަމަޖެހޭކަން މޫނުމަތިން ދައްކާށެވެ.
"މިތާ އިށީނދެބަލަ" އެނދުގައި އިށީނދެފައި އަލިޝްބާ ބުންޏެވެ. އަންބަރް އިށީނެވެ.
"ދޮންތަ ހިއެއް ނުކުރަން އިބާ ތިހާ ގޯސްވާނެ ކަމަކަށް" އަލިޝްބާ ބުންޏެވެ.
"ކިހިނެއްވީ؟ އަޅުގަނޑު ނުކުރަން ގޯސްކަމެއް" އަންބަރް ބުންޏެވެ.
"ކިހާ ދުވަހެއްވެއްޖެ" އަލިޝްބާ އެހިއެވެ.
"ކޮންކަމަކަށް؟ ދޮންތަ ކީކޭ ތިކިޔަނީ؟" އަންބަރް ބުންޏެވެ.
"މިކިޔާ އެއްޗެއް ހަމަ ރަނގަޅަށް އަންބަރަށް އިނގޭނެ. ބުނޭ. ވާރިޝްއާ ރައްޓެހިވެގެން އުޅޭތާ ކިހާ ދުވަހެއްވެއްޖެ" އަލިޝްބާ އެހިއެވެ. މިފަހަރު އޭނާގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ.
"މީހަކު އަހަރެން ކައިރީގައި ވާހަކައެއް ދައްކައިގެނެއް ނޫން މިއުޅެނީ. އަހަރެން އަމިއްލަ ދެލޮލަށް ފެނިގެން" އަލިޝްބާ ވާހަކަދެއްކިއެވެ. އަންބަރަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އަލިޝްބާ ކުރިމަތީގައި އޭނާ ފަޅާއަރައިފިކަން ގަބޫލުކޮށްފިއެވެ.
"ސޮރީ ދޮންތާ. ވާރުއަކާ ގުޅުމެއް ނެތް. އޭނަ ވާހަކައެއް ދައްކަން ބޭނުމޭ ބުނީމަ ދިޔައީ. އަޅުގަނޑު މިއައީ ބުނެފައި މީހަކާ އިން ވާހަކަވެސް. ބުނިން ދެން ގުޅައިގެން ނުވާނޭ. ވާރު މިރަށަށް އައީ އަޅުގަނޑު ހޯދާށޭ ބުނީ. ބުނީ މިހާރު ތިމަންނަ ރަނގަޅު ވެއްޖޭ. ގޯސްކޮށް ނޫޅެމޭ" އަންބަރް ވާހަކަތަކެއް އުފަންކޮށްފިއެވެ. މީހަކަށް ޝައްކެއްވެސް ނުވާނޭ މިންވަރަށް އޭނާގެ ވާހަކަތައް ފަވާލިއެވެ. މޫނު މައްޗަށްވެސް ބަދަލު ގެނައެވެ.
"ޔަގީންތަ ތިހެދީ ތެދުކަން" އަލިޝްބާ އެހިއެވެ. އަދިވެސް އޭނާއަށް އަންބަރްގެ މޫނަށް ބަލަހައްޓައިގެން އިނީ ޝައްކުގެ ނަޒަރަކުންނެވެ.
"އާއެނކޭ. އެހެންނޫނީ ދުވާލުގެ ވަގުތެއްގައި އަޅުގަނޑު ކީއްކުރަން އެކަހަލަ ތަނަކަށް ގޮސް ވާރުއާ ބައްދަލުކުރަނީ. އެހާ ސިއްރުން އުޅޭނަމަ ބައްދަލުކުރާނީވެސް ސިއްރުން ދޯ" އަންބަރް ބުންޏެވެ. މިފަހަރު އަލިޝްބާއަށް ގަބޫލުކުރެވިއްޖެއެވެ.
"އެހެންވިއްޔާ ތެދު ތެދަށް ޖަވާބުދޭތި. ޖޫދު އާއި ކޮއްކޮގެ ގުޅުން ކިހިނެއް؟ މިބުނި އެއްޗެއް އިބާއަށް ވިސްނޭނެ ކަމަށް ދޮންތަ ގަބޫލުކުރަނީ" އަލިޝްބާ ވާހަކަދެއްކިއެވެ.
"ދޮންތާ، އަޅުގަނޑަށް އެމީހާ ކަމަކުނުދޭ. ލޯތްބެއްވެސްނުވޭ. އެކުގައި އުޅޭހިތެއްނުވޭ" އަންބަރް ބުންޏެވެ.
"ދެން ކީއްކުރަން އިނީ. ކީއްކުރަން ބުނީ ތިމަންނަ ކައިވެނި ކުރާނަމޭ. ބުނަން އިބާ. އަދިވެސް އަހަރެންނަށް އިބާއަށް އިތުބާރެއް ނުކުރެވޭ. އިބާ ބޭރުގައި އަޅާ ކޮންމެ ފިޔަވަޅަކާ އެކު އަހަރެންގެ ނަޒަރު ދަތުކުރާނެ. އަދި ބުނެފިއެއްނު ލޯތްބެއް ނުވެއޭ. އެކުގައި އުޅެންފެށީމަ ލޯބިވެވޭނީ. ޖޫދަކީ ނުލާހިކު ރަނގަޅު ކުއްޖެއް. އިބާއަށް ކާންދޭށޭ އޭނަ ބުނާނީ އިބާއާ މެދު ކިހާ ވަރަކަށް ވިސްނާތީ" އަލިޝްބާ ވާހަކަދައްކަމުން ދިޔައެވެ.
"ތިމާއަށް އަޅާލައި ލޯބިވާ ތެދުވެރި ފިރިއެއް ލިބުނީމަ ދެން ހަމަ ރީތިކޮށް އުޅެންވީނު. އިބާ މިހާރު ކިތަންމެ ބޭނުންވިޔަސް ކުޑަކުއްޖަކަށް ނުވެވޭނެ. އޭތި ބޭނުމެއްނޫނޭ މީތި މާ ރީއްޗޭ ކިޔައިގެން އުޅޭ ވަރަށް ވުރެ އިބާ މިހާރު ބޮޑޭ. ރަނގަޅު ގޮތް ނުވިސްނެނީއެއް ނޫން. އިބާ ހަމަ ނުލަފައީ. އަހަރެން ހިތަށް އަރާ ކާކު ދަސްކޮށްދިން އުޅުމެއްބާއޭ" އަލިޝްބާ އެހުރިހާ ވާހަކައެއް ދެއްކިއިރު އަންބަރް އިސްއޮއްބާލައިގެން އިނެވެ.
އަންބަރް ރޮނީކަން އަލިޝްބާއަށް އެނގުނީ އަންބަރްގެ ލޮލުން ކަރުނައެއް ވެއްޓުނު ތަން ފެނިފައެވެ. އެހިނދު އަލިޝްބާ ދެރަވެއްޖެއެވެ. އޭނާއަށް މާގިނައިން ބެވިއްޖެކަން އިހުސާސް ވެއްޖެއެވެ. އޭނާ ތެދުވެގެން އައިސް އަންބަރް ކައިރީގައި އިށީނެވެ. ދެއަތުން އަންބަރްގެ މޫނުގައި ހިފާފައި އުފުލާލައިފިއެވެ. އަންބަރްގެ ހުދު ކުލައިގެ ބޮޑު ދެލޮލުގެ ތެރޭގައި ބަބުޅަމުން ދިޔަ ކަރުނަތައް ފެނި އަލިޝްބާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.
"ދޮންތަ މިހުރިހާ ވާހަކައެއް މިދެއްކީ ކޮއްކޮއަށް ރަނގަޅަކަށް. ކޮއްކޮދެކެ ލޯބިވާވަރުން. އެކުގައި ޖަންނަތުން ބައްދަލުވާހިތުން" އަލިޝްބާ ބުންޏެވެ. މިފަހަރު އޭނާގެ އަޑުގައި މަޑުމައިތިރިކަން ވިއެވެ.
"ދޮންތަ ބޭނުންވަނީ އިބާވެސް ދޮންތަ ފަދައިން ވާން. ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރާ ފިރިމީހާދެކެ ލޯބިވާ އެންމެ ގާތް އެކުވެރިޔާ ކަމުގައި ފިރިމީހާ ހެދުން. ދެމަފިރިން އެއްކޮށް އާހިރަތަށް މަސައްކަތްކުރުން. އެކުގައި ނަމާދުކޮށްލައި ގުރުއާން ކިޔަވާލުން. ކިހާ އުފާވެރި. މިދުނިޔޭގައި މިހާރު ކޮންމެ ގޮތަކަށްވެސް އުޅެވިދާނެ. މިއީ ވަގުތީ ތަނެއް. އަހަރެމެންގެ ދާއިމީ ގޮވަތި އޮތީ. މިދުނިޔޭގައި އަހަރެމެން އުޅުނު ގޮތާ މެދު ސުވާލުކުރެވޭނެ. އެދުވަހަކުން ﷲ ތައާލާގެ ކުރިފުޅުމަތީގައި ދައްކާނީ ކޮން މޫނެއް. ވިސްނާލަބަލަ މަރާ މެދު. މަރު އައިސް ޖެހޭނީ ކޮން ވަގުތަކު ކަމެއް ނޭނގޭ. ފާފައެއްގެ ތެރޭގައި ތިމާ ބަނދެވިފައި ވަނިކޮށް މަރު އައިސްފިނަމަ ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ. ތިމާގެ ރީތިކަމާއި ގެންގުޅުނު ރީތި އެއްޗިއްސާއި ލޯބިވާ މީހުންނާއި ހުރިހާ އެއްޗެއް ދޫކޮށްލާފަ ދާންޖެހޭނީ. މާދަމާ އިސްލާހުވާން އަޒުމެއްގައި ތިބި ކިތަންމެ ބައެއް އެފުރުސަތު ނުލިބި ބިމު އަޑީގައި ނިދާފައި އެބަތިބި. ކޮއްކޯ. އަންހެނާގެ ރީތިކަން ފިރިމީހާގެ ކުރިމަތީގައި ނޫން ގޮތަކަށް ފާޅުކުރަން ހެޔޮނުވާނެ. އިސްތަށިގަނޑަކީވެސް އަންހެނާގެ އައުރައެއް. އެވެސް ނިވާކުރަންޖެހޭ. އިބާގެ މި ރީތި ދިގުދިގު އިސްތަށިގަނޑު ހިލޭ ފިރިހެނުންނަށް ފެންނާނެހެން އޮތީމަ ހާދަ ބަޔެއްގެ އެސްފީނާ ޖެހޭނޭ" ލޯތްބާއެކު އަލިޝްބާ ދައްކަމުން ދިޔަ ވާހަކަތައް އަހަން އަންބަރް ކަޅިޖަހައިވެސް ނުލާ އިނެވެ.
"ދޮންތަ ކުޑަކުޑަ ވާހަކައެއް ބުނަންތަ؟" އަންބަރް ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ.
"މަންމައަކާއި ބައްޕައެއްގެ ކިޔަމަންތެރި ދަރިއަކު ހުރިއްޔާ އެހެން މީހުން ބުނާނެ އެއީ ނިއުމަތެކޭ. ދަރިއަކު ލިބުނަސް ބުނާނެ އެއީވެސް ނިއުމަތެކޭ. ކާމިޔާބެއް ލިބުނަސް މަތީ މަގާމެއް ލިބުނަސް އެމީހުން ބުނާނެ ނިއުމަތެކޭ. ރަނގަޅު އެއީ މުޅިންވެސް ނިއުމަތް. އެއީ ހެއްދެވިފަރާތުން ދެއްވާ ނިއުމަތް. އެކަމަކު ހަމައެކަނި އެ ކަންކަމަށް ނިއުމަތޭ ނުކިޔާނެ. އިބާ ދެންމެ ތި ލީ ނޭވައަކީވެސް ނިއުމަތެއް. ހިތުގައިޖަހާ ކޮންމެ ވިންދަކީވެސް ނިއުމަތެއް. އަތުން އެއްޗެއް ބީވެދިޔުމަކީވެސް ނިއުމަތެއް. ފިތުނަ ފަސާދައިން ހަލާކުވެފައިވާ މިކަހަލަ ދުނިޔެއަކަށް މުސްލިމެއްގެ ގޮތުގައި ކޮއްކޮ އުފަންވުމަކީ ކިހާ ބޮޑު ނިއުމަތެއް. މިއިން އެއްވެސް އެއްޗެއް ކޮއްކޮގެ ހިތަށް އެރިތަ؟ އެންމެ ފަހަރަކުވެސް ﷲ ތައާލާއަށް ހަމްދު ކޮށްލިންތަ؟ ހުޝޫއަތްތެރިކަމާ އެކު ސަޖިދައެއް ޖެހިންތަ؟ އެކަލާނގެ މަތިން ހަނދުމަވިތަ؟ ތިމަންނަ މިދުނިޔެއަށް އައީ ކިހިނެއްބާއޭ ހިތަށް އެރިތަ؟ އެހުރިހާ ކަމަކަށްފަހު ވެސް އެކަލާނގެ ކޮއްކޮ އެއްވެސް މީހެއްގެ ކުރިމަތީގައި ފަލީހަތްނުކުރައްވާ. އޭގެ ބަދަލުގައި އެކަލާނގެ ވަނީ މިދުނިޔޭގައި އެތައް އެއްޗެއް އަހަރެމެންނަށް ހިދުމަތްތެރިކޮށް ދެއްވައިފަ. އެއިން ކޮންމެ ނިއުމަތަކީ އެއްވެސް ބަދަލަކާނުލައި އެކަލާނގެ އޯގާވަންތަކަމުން އަހަރެމެންނަށް ދެއްވި ނިއުމަތް" އަލިޝްބާގެ ވާހަކަތައް ހުއްޓާލަން ޖެހުނީ އޭނާގެ އަތްމަތީގައި އަންބަރް އަތް އެޅުމުންނެވެ. އަލިޝްބާގެ ވާހަކަތަކުން އޭނާގެ ހިތަށް އެނގުންވެލައިފިއެވެ. ފުރަތަމަ ފަހަރަށް އޭނާއަކީ މުސްލިމެކޭ ހިތަށް އަރައިފިއެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދުވެލައިފިއެވެ. އެހެންކަމުން އިތުރަށް އެވާހަކަތައް އަހަން އޭނާ ބޭނުމެއްނުވިއެވެ.
"ކޮއްކޮ ދެން ވާރިޝް އާ ބައްދަލުނުކުރާނެ ކަމަށް ވައުދުވޭ. ދޮންތައަށް ފެނުނު ކަހަލަ މަންޒަރެއް މަންމަ ނޫނީ ބައްޕައަށް ފެނުނުނަމަ ކިިހިނެއްވާނީ. އެމީހުން ރާއްޖޭގައި ނެތްކަން ހަމަ ނަސީބު. އެހެންނޫނީ މިރަށު ތެރެއިން ވާރިޝް އެމީހުންނަށް ނުފެނިއެއް ނުދާނެ" އަލިޝްބާ ވާހަކަދެއްކިއެވެ. ވައުދުވާށޭ ބުނެ އަލިޝްބާ ދިއްކޮށްލި އަތްތިލައަށް ބަލަހައްޓައިގެން އަންބަރަށް އިނދެވުނީ ދެ ވިސްނުމެއްގައެވެ.
"އިބާ، ވައުދުވޭ. ދުވަހަކުވެސް ވާރިޝްއާ ބައްދަލުނުކުރަން" އަލިޝްބާ ތަކުރާރުކޮށްލިއެވެ. އެންމެފަހުން އަންބަރް ވައުދުވެއްޖެއެވެ. އަލިޝްބާގެ ކުރިމަތީގައި ދެއްކޭނެ އިތުރު ބަހަނާއެއް ނެތިގެންނެވެ. ސުވާލަކީ އެ ވައުދު މަތީގައި އޭނާއަށް ދެމިހުރެވޭނެބާއެވެ؟
(ނުނިމޭ)