ނަވާރަވަނަ ބައި
އައްމާރު ޔޫނުސްއަށް ބަލައިލިއެވެ. ހެވެން އުޅޭ ކަހަލަ ގޮތަކަށް އޭނާގެ ތުންފަތް ދެމިލިއެވެ. ތެދެކެވެ. އޭނާ ގެއްލިގެން ހޯދާ މޭގެ އެތިކޮޅު ފެނިދާނެއޭ ހިތް ބުނެލިއެވެ. ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ގޭތެރޭގައި ފިލައި އޮވެގެން ހިތުގެ ހަމަޖެހުން ނުހޯދޭނޭ ހިތް ބުނަން ފެށިއެވެ. އެންމެފަހުން އޭނާ އެއްބަސްވިއެވެ.
ސުމައްޔާއާއި އެކުގައި ބޭރަށްދާން ޖެހުމުން ވާރިޝް ދައްކަން އުޅުނު ވާހަކަތަކަށް އަންބަރަށް ސަމާލުކަން ނުދެވުނެވެ. އެހެންކަމުން އޭނާ ވާރިޝް އާ ބައްދަލުކުރީ އެރޭ ރޭގަނޑުއެވެ. އަލިޝްބާ އާ ބައްދަލުކުރަން ކަމަށް ބުނެ އޭނާ ދިޔައީ ވާރިޝް އާ ބައްދަލުކުރަން ވާރިޝް ކުއްޔަށް ހިފާފައި ހުންނަ ކޮޓަރިއަށެވެ.
"އަހަރެން ޖޮބެއް ހޯދައިފިން" ވާރިޝް ބުންޏެވެ. އަންބަރް އިށީނދެގެން އިނީ ވާރިޝް ނިދާ އެނދުގައެވެ.
"ކޮންތާކުން؟" އަންބަރް އެހިއެވެ. "ވާރު މިރަށުގައި ހުންނަންޏާ ވަރަށް ބަލައިގެން އުޅެއްޗެ. މީހަކަށް ބަސްޓްވިއްޔާ އަހަރެންނަށް ވާރު ގެއްލިދާނެ"
"ހެހެހެ. އަހަރެންނާ އެއްވެސް މީހަކާ ނުކުޅެވޭނެ" ފަހްރުވެރިވެލާފައި ވާރިޝް ބުންޏެވެ.
"ދެން ބުނެބަލަ ކޮންކަހަލަ ޖޮބެއް ހޯދީ" އަންބަރް އެހިއެވެ.
"އޭނަގެ ދެ ފިހާރައިން ބޮޑު މަގުގައި ހުންނަ ފިހާރައިން"
"ވަޓް؟ މޮޔަވީތަ؟" އަންބަރް ކަންބޮޑުވިއެވެ.
"އަދިނުވޭ. އެކަމަކު ކުރަން މިއުޅޭ ކަންތައް ކާމިޔާބު ނުވިއްޔާ މޮޔަވެދާނެ" ފަރުވާކުޑަ ގޮތަކަށް ވާރިޝް ބުންޏެވެ.
"ވާރު، މާދަމާ ރޭ އަހަރެން އެމީހާގެ އަންބަކަށް ވާނެ. ދެރައެއްނުވޭތަ؟ އަހަރެން ހަމަ އިންނަންވީތަ؟ އަދިވެސް ވަގުތު އެބައޮތް" އަންބަރް ބުންޏެވެ. "އަހަރެން ދެން އުޅެންޖެހޭނީ އެ ގޭގައި"
އަންބަރްގެ ވާހަކަތަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ މަގްސަދު ހާސިލުކުރަން މެދުވެރިޔަކަށް އޭނާ ބޭނުންކުރީ މައުސޫމު އަންބަރެވެ. އޭނާގެ ހިތުގައި އަންބަރަށް ކުޑަވެސް އިހުސާސެއް ނެތެވެ.
އާ ކައިވެނީގެ ރެއަކީ ކޮންމެ އަންހެންކުއްޖަކު ވެސް އިންތިޒާރު ކުރާނެ ރެއެކެވެ. ކައިވެނީގެ ހެދުން އަޅާހިތުން ބައެއް އަންހެންކުދިންނަށް ހަމަ ނިދިވެސް ނުނިދެއެވެ. "ހީވަނީ މާމަ ގަނޑެއްހެން" އޭނާ ހިތާހިތުން ކިޔާލިއެވެ. ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ އެއްގޮތަކަށްވެސް އޭނާއަށް ކަމަކުނުދެއެވެ. ދެފައިިތިލަވެސް ފޮރުވޭ ވަރުގެ ކަޅު ކުލައިގެ ހެދުމެއް އޭނާ ލެއްވީ އަލިޝްބާއެވެ. އެވެސް ގަދަކަމުންނެވެ. ސަބްމެރިން ކާން ދޭނަމޭ ބުނެގެންނެވެ. ބުރުގަ ނޭޅުވީ ހަމަ ކިރިޔާއެވެ. އެންމެފަހުން އަލިޝްބާ ގޮތްދޫކުރީ ކަޅު ކުލައިގެ ތުނި ދޯޕައްޓާއަކުން އަންބަރްގެ ކަރާ ބޯމަތިން ބައެއް ފޮރުވުމުންނެވެ. އިތުރަށް އަލިޝްބާ ގަދަނުދެއްކީ ފަހު ވަގުތުގައިވެސް އަންބަރް ކައިވެންޏާ ދެކޮޅު ހަދާފަނެތީއެވެ. ލޯގަނޑުން ފެންނަން ހުރި ސޫރަ އާ ފޯނު ދިމާކޮށްލާފައި އެނާ ސެލްފީއެއް ނެގިއެވެ. އެއަށްފަހު އެ ފޮޓޯ ވާރިޝްއަށް ފޮނުވިއެވެ. އޭނާ ހިތުން ވާރިޝް ދެރަވާނެ ކަމަށެވެ.
ދޮރުހުޅުވާފައި އެތެރެއަށް ވަން ސުމައްޔާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހަގު ދަރިފުޅު ކައިވެންޏަށް ތައްޔާރުވެގެން ހުރިތަން ފެނުމުން އުފަލުން އޭނާއަށް ޖަޒުބާތީ ވެވިއްޖެއެވެ. އަންބަރާ ކައިރިވެލާފައި ދަރިފުޅު ގައިގައި ލޯތްބާއެކު ބައްދައިލައިފިއެވެ.
"އަދި ވަގުތު އެބައޮތް. ހިނގާބަލަ ގޭތެރެއަށް ނިކުމެލަން" ސުމައްޔާ ބުންޏެވެ.
"ކިހިނެއް ދާނީ. އުރާލައިގެން ގެންދަން ޖެހޭނީ" އަންބަރް ބުންޏެވެ. ސުމައްޔާ ކައިރިއަށް ހިނިއައެވެ.
"ކީއްވެ އުރައިގެން" ސުމައްޔާ އެހިއެވެ. "ބައްޕައަށް ގޮވަންވީތަ އުރާލަން"
"މިއީ ދޮންތަގެ ކަންތައް. މިނޫނަސް ތަންތަނުގަ ހެދުން ހުންނާނެ ދޯ" އަންބަރް ބުންޏެވެ. ހެދުމުގެ ފަސްބައިގައި ހިފާ އުފުލާލި ގޮތަށް އޭނާ ސުމައްޔާގެ ކުރީގައި ހުރެގެން ހިނގައިގަތެވެ.
ބޭރު ގޭތެރޭގައި އިނީ ޙާތިމެވެ. ކުރިމަތީގައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެން އޭނާ އިނީ ހެވިފައެވެ. "ކާފަގެ ރާނީ" އެހިސާބާ އަރާ ހަމަވި އަންބަރް ލެޕްޓޮޕާ ދިމާލަށް ބަލައިލިއެވެ. އެހިނދު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ފާޅުވެލިއެވެ.
"ކާފާ" އަންބަރް ގޮވާލިއެވެ.
ޖޫދު ތައްޔާރުކުރަން އުޅުނީ އައިމަންއެވެ. ކޮޓަރީގައި ދެ އެކުވެރިން ތައްޔާރުވާން އުޅޭތާ ކިތަންމެ އިރެކެވެ. ޖޫދު އިސްތަށިގަނޑު ބެހެއްޓި ގޮތް އައިމަންއަށް ކަމުނުގޮސް ކިތަންމެ ފަހަރަކު އިސްތަށިގަނޑު ހާވާލައިފިއެވެ.
"މިހެން ހުއްޓަސް ހެވެއްނު. އަހަރެން ނޫޅެން އަންބަރަށް ދައްކާކަށް" ލޯގަނޑު ކުރިމަތީގައި ހުރި ޖޫދު ބުންޏެވެ. ދުލުން ކޮންމެ އެއްޗެއް ބޭރުވިއެއް ކަމަކު ޙަޤީޤަތުގައި އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ބުނަން ނޭނގޭ އިހުސާސްތަކެއް އޭނާއަށް ކުރެވެއެވެ.
"މިރޭ ހަމަ ދެއްކެންވީ އޭނައަށް. އޭރުންތާ އެނާގެ ހިތަށްވެސް އަސަރެއް ކުރާނީ" މަޖާ ރާގެއްގައި އައިމަން ބުންޏެެވެ.
"ތި ފަޓްލޫނުވެސް ވެއްޓެނީނު. ބެލްޓް އެޅިންތަ؟" އައިމަން އެހިއެވެ.
"ނާޅަން. ނުވެއްޓޭނެ. އެއީ ހީވާގޮތް" ޖޫދު ބުންޏެވެ.
ކައިވެންޏަށް ހާއްސަކޮށް އޭނާ ލައިގެން ހުރީ އޭނާގެ އުފަން ބައްޕަ ކައިވެނި ކުރި ރޭގައި ލައިގެން ހުރި ކަހަލަގެ ކަޅު ކުލައިގެ ކަކުލުން ތިރިއަށް ހުރި އަތްދިގު ކުރުތާއެކެވެ. އެ ހެދުމުގައި އެނާގެ މޫނުމަތިން މާތްގޮތެއް ފާޅުވާން ހުއްޓެވެ. އެއީ ޒަހާ އޭނާ ކައިރީގައި ތައްޔާރުވާން އެދުނު ގޮތެވެ. ހުދު އޭނާވެސް މާކުރިން ދެކުނު ހުވަފެނެކެވެ.
"އާނ މިހާރު ހީވޭ ތަފާތު ހެން" ޖޫދު ތައްޔާރުވެ ނިމުމާއެކު އައިމަން ބުންޏެވެ.
ކޮޓަރިން ނިކުތް ޖޫދު ފެނުމާއެކު ޒަހާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާއަށް ހީވީ ކުރިމަތިން ދަރިންގެ ބައްޕަ ފެނުނު ހެންނެވެ. އޭނާގެ ހަނދާނުގެ ލޯގަނޑަށް އަލަތު ކައިވެނި ކުރެވުނު ރޭ ސިފަވެގެން ދިޔައެވެ. ޖޫދާ އޭނާގެ ބައްޕަ އެއްވެސް ތަފާތެއްނެތޭ ޒަހާ ހިތް ބުނެލިއެވެ. ޖޫދު ނިކުމެގެން އައިސް ޒަހާގެ އުނގުގައި ދެއަތް ބާއްވާލާފައި އިށިންއިރުވެސް ޒަހާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
"ވާއު ދޮންބޭ. ޔޫ ލުކް ހޭންޑްސަމް" މަންޒަރަށް އަޑު ގެނައީ ޖިޔާއެވެ. އެއާއެކު ޒަހާއާއި ޖޫދު އެކުއެކީގައި ހީލައިފިއެވެ.
ކައިވެނީގެ މަޖިލީހަށް ހުރިހާ މީހުން ޖަމާވެއްޖެއެވެ. ކައިރީގައި ޖޫދު އިނުމުން އަންބަރަށް އުނދަގުވަމުން ދިޔައެވެ. އޭނާގެ ހިތުގައި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. އެ ހުރިހާ މީހުންގެ މެދުގައި ނޭވާހާސްވެގެން ވެއްޓެން އުޅޭހެން އޭނާއަށް ހީވާން ފެށިއެވެ. ކައިވެނިކޮށްދޭން އައިސް އިން ގާޒީގެ އަޑުދަށުން ޖޫދުގެ ދުލުން ބޭރުކުރަމުން ދިޔަ ކޮންމެ ލަފްޒަކާއެކު އަންބަރްގެ ހިތުން ކުދި ކިޔަމުން ދިޔައެވެ.
"އަނބި... އަނބި ޤަބޫލުކޮށްފިން" ޖޫދު ބުންޏެވެ. ޖޫދު ފެންނަ ހިސާބުގައި ގޮނޑިގައި އިން ޒަހާ ހިތަށް ވެރިވެގެން ދިޔަ ހަމަޖެހުމާއެކު ހެއްދެވިފަރާތަށް ޙަމްދު އެޅިއެވެ. އެތައް ދުވަހަކުން ފެށިގެން އެނާ ދެކެމުން އައި ހުވަފެނުގައި ޙަޤީޤީ ކުލަ ޖެހިއްޖެއެވެ. ދެން އޮތީ ދެކުދިން ގުޅުން ކުރިއަށްދާ ގޮތަށް ބެލުމެވެ. ޔަގީނުންވެސް ޖޫދަށް އޮތީ ކަޑައްތު ކުރަން އުނދަގޫ ރާސްތާއެކެވެ. އޭނާގެ ދިރިއުޅުމުގައި ކުރިމަތިވީ ވަރުގަދަ އިމްތިހާނެކެވެ. އަންބެއްގެ ސިފައިގައި ލިބުނީ ބަރު ހިލައެއް ކަހަލައެވެ. އެ ހިލަގަނޑު އުފުލަން މަސައްކަތް ކުރަންޖެހޭނީ ޖޫދެވެ.
ކައިވެނީގެ ވަލީމާ އޮތީ އަންހެން އަދި ފިރިހެނުންނަށް ވަކިންނެވެ. އެކަމާވެސް އަންބަރް ހިތްހަމަނުޖެހުނެވެ. ސުމައްޔާ ކައިރީގައި އިށީނދެގެން އިންއިރު އިރުކޮޅަކާ އާ ފުރިލައެވެ.
"ނިދި އައިއްސި" އަންބަރް ބުންޏެވެ. އެ އަޑު އިވުނީ ކައިރީގައި ފޮޓޯނަގަން އުޅުނު އަލިޝްބާއަށެވެ.
"އިބާ، ކިހިނެއް ތިއުޅެނީ؟ ނިދިއައިއްސިއޯ. މިރޭ އިބާ ތިވީ އަންބަކަށް. އަޅެ އުފަލެއްނުވޭތަ؟" އަލިޝްބާ ވާހަކަދެއްކިއެވެ.
"ކޮންމެ ގޮތެއްވިޔަސް އިބާ ތިއީ މިހާރު ޖޫދުގެ ހަލާލު އަނބިމީހާ. މާނައަކީ މިނިވަނެއް ނޫނޭ. ޖޫދު އިބާ މިނިވަނަކަށް ހެދި އިރަކުން ނޫނީ މިނިވަނަކަށް ނުވާނެ"
އަލިޝްބާގެ ވާހަކަތަކުން އަންބަރް ރުޅިއައެވެ. އެހެންނަމަވެސް އެ ރުޅިގަނޑު އޭނާއަށް ބޭރުކޮށްލެވޭކަށް ނެތެވެ. މިނިވަންކަމޭ ބުނުމުން އޭނާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. ހިޔާލަށް ފެނުނީ ކުކުޅު ކޮއްޓެއްގައި އޭނާ ގައިދުވެފައިވީ މަންޒަރެވެ.
"ކޮންތާކަށް؟" ތެދުވެގެން ހިނގައިގަތް އަންބަރްގެ އަތުގައި ހިފައި ހުއްޓުވަމުން ސުމައްޔާ އެހިއެވެ.
"ފޯނެއް އައިސްގެން. މިހެރީ އެތަނުގަ" ރެއިލިން އާ ދިމާލަށް އަތް ދިއްކޮށްލަމުން އަންބަރް ބުންޏެވެ. އޭނާއަށް އެއްވެސް މީހަކު ނުގުޅައެވެ. ބޭނުންވީ ސިކުނޑިއަށް އަރާމެކެވެ. ހަމަޖެހިލައިގެން ވިސްނާލާށެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އައިސް ވަނީ ވާރިޝްގެ ސޫރައެވެ.
"ވާރު ބުނި އަންނާނަމޭ. އަނެއްކާ ކޮބައިބާ؟ ގުޅާލަންވީ ކަންނޭނގެ"
ވާރިޝް ފޯނު ނެގީ ދެތިން ފަހަރު އޭނާ ގުޅި ފަހުންނެވެ. އޭނާ ޝަކުވާ ކުރިއެވެ. ހިތުގައި އުފެދިފައިވާ ހުރިހާ އުދާސްތަކެއް ބޭރުކުރިއެވެ. މީހެއްގެ އަންބެއްގެ މަގާމުގައި ހުރެ އޭނާގެ ދުލުން އެތެއް ފަހަރަކު ހިލޭ ފިރިހެނެއްދެކެ ލޯބިވާކަން ހާމަކޮށްފިއެވެ.
"ބަލާބަލަ މިކޮޅަށް" ވާރިޝް ބުންޏެވެ. އޭނާ އެކި ދިމާ ހޯދާލިއެވެ. ޒަހާ ކައިރީގައި ވާހަކަދައްކަން ތިބި ތިން ފިރިހެން ކުދިން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެތަނުން އެކަކަކީ ވާރިޝްކަން އެނާއަށް އިނގުނީ ވާރިޝް ކޮށްލި އިޝާރާތަކުންނެވެ. އަންބަރް ހިނިއައެވެ. މީހެއްގެ ލޮލުގައި އަޅައިގަނެދާނެ ކަމަށް ވާރިޝް ސިފަ ބަދަލުކޮށްގެން ހުރި ގޮތެވެ. ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ.
"އެންމެންނާ ދުރަށް ދޭބަލަ. އަހަރެން ވާހަކަދައްކާލަން ބޭނުން" އަންބަރް ބުންޏެވެ.
"ނޫނޭ. އޭރުން ކަމަކުނުދާނެ"
"ޕްލީޒް ދޭބަލަ. މި ކަމަކާ ހުރެ އަހަރެން ބޯ ގޮވައިފި. މޭނުބައި ކުރާ ގޮތްވެސް އެބަވޭ"
އެންމެފަހުން އަންބަރް އެދުނު ފަދައިން ވާރިޝް ކަންތައް ކުރިއެވެ. އޭނާ އެއްފަރާތަކަށް ޖެހުނެވެ. ޒަހާ އާ ބަައްދަލުކުރަން އައި އެކުވެރިޔާ އެ ފަޅިން ނިކުމެއްޖެއެވެ. އަންހެނުންތަކުގެ ތެރޭގައި އިތުރަށް އޭނާއަށް ވެސް ނުހުރެވޭނެތީ ނިކުމެ ދޮރާ ދިމާލަށް ހިނގަމުން ދިޔައެވެ.
"ކަނުތަ؟" އައި ނައި ތަނެއް ނޭނގި މީހެއްގެ ގައިގައި ލައިގަތުމާއެކު ވާރިޝް ބުންޏެވެ. އެވަގުތު ނީލަމް އެމީހަކަށް ބަލައިލިއެވެ. އެ އަޑު އޭނާގެ ހިތާ ހަމައަށް ފޯރައިފިއެވެ. ފަހަތް ބަލައިލެވުނީ އެއީ އޭނާ އެދިއެދި ހުރި އިންސާނާ ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ބޯ ތުނބުޅިއަކާ އިސްތަށިނެތް ބޮލެއް ފެނުމުން ނީލަމް އިސްޖަހާލިއެވެ.
ބޯ ތަލަވެފައި ހުރި އެކުއްޖާ ނީލަމްއަށް ބަލައިލުމާއެކު ގަނޑުވިއެވެ. އޭނާ އަވަހަށް އެތަނުން ދުރަށް ދިޔައެވެ. ދުވަހަކުވެސް އެވަރުގެ ޝޮކެއް އޭނާއަށް ނުލިބެއެވެ. ދުވަހަކުވެސް ފެންނަން ބޭނުންނުވާ މީހަކަށް އޭނާ ފެނުނީއެވެ. ސިފައަށް ބަދަލު ގެނެވިފައި ހުރިކަން ނަސީބެވެ. އެހެންނަމަވެސް އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ ދޮރާ ހަމައަށް ގޮސްފައި ވާރިޝް އެނބުރި ބަލައިލިއެވެ. މިހާރު ނީލަމް ފެންނާކަށް ނެތެވެ. "އެކަމަކު މިރަށުގަ" އިތުރަށް ވިސްނަން ހަދައިގެން ބޭޒާރުވެދާނެތީ ވާރިޝް ކުރިއަށް ހިނގައިގަތެވެ.
"ވާރު؟" ފޯނުގައި ހުރި އަންބަރް ގޮވާ އަޑު ވާރިޝްއަށް އިވިއިވި ހުއްޓެވެ. "ކިހިނެއްވީ؟ ކީއްވެ ވާހަކަނުދައްކަނީ؟"
"އިބާ، އަހަރެން ކުއްލިއަކަށް ދާންޖެހިއްޖެ. ފަހުން ގުޅާނަން" ވާރިޝްގެ އަޑުގައިވީ ހާސްކަމެވެ.
"ނޫން. މަޑުކޮށްބަ. މިތަނަށް އަހަރެން ދޫކޮށްލާފަ ނުދޭ" އަންބަރް ބުންޏެވެ.
"ހަނދާން އެބަހުރިތަ އަހަރެމެން ހެދި ޕްލޭން. މިހާރު ތިއޮތީ ކައިވެނިވެސް ކުރެވިފަ. ދެން އޭނަ ބަރުބާދުކޮށްލާ. އެއަށްފަހު އާދޭ އަހަރެން ކައިރިއަށް. ލާރިގަނޑު ހިފައިގެން އަހަރެމެން ދާނީ މި އެންމެންނާ ދުރަށް" ވާރިޝް ވާހަކަދައްކަމުން މަގަށް ނިކުމެ ދުރުދުރުގައި ފިޔަވަޅު އަޅަމުން ހިނގަމުން ދިޔައެވެ.
ވާރިޝްގެ ލޯބި ވާހަކަތައް އިވިފައި އަންބަރްގެ ހިތްހަމަޖެހިއްޖެއެވެ. ކުރިއަށްދާނެ މަގު ފެނި ސާފުވިއެވެ. ވާރިޝް އެދުނުގޮތަށް ކަންކަން ކުރަން އަޒުމުކަނޑައެޅިއެވެ.
ކަންފަތާ ފޯނު ދުރުކޮށްލާފައި އެ މާހައުލަށް އޭނާ ނަޒަރެއް ދިނެވެ. ކޮންމެ މީހެއްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އަޖައިބެކެވެ. މީހަކު މީހަކާ އިނީމަ މިހާ އުފާވާންޖެހޭ ހެއްޔެވެ؟ ހީވަނީ އާ ކުކުޅެއް ރަން ބިހެއް އަޅައިގެން އުޅެނީ ހެންނެވެ.
"އިބާދައްތާ. ހިނގާ ފޮޓޯނަގަން" ޖިޔާ އައިސް އަންބަރްގެ އަތުގައި ހިފައިފިއެވެ. އެ ހިސާބުން އަންބަރަށް މަޖުބޫރު ވީ މީހުންތަކުގެ ތެރެއަށް ވަންނާށެވެ.
"ޖޫދު، ކަލޭގެ ހަޔާތަށް އިބާ ތޫފާން ލައިގަނެއްޖެ. ބަރުބާދުވާން ތައްޔާރުވޭ" ޖިޔާގެ އަތުގައި ހިފައިގެން މަޑުމަޑުން ހިނގާފައި ދިޔަ އަންބަރްގެ ހިތުގައި ވިއެވެ.
ކައިވެނީގެ ހުރިހާ ކަމެއް ނިމި ގޭތެރޭގައި ޖޫދުގެ އާއިލާ އެކަނިވިއެވެ. ސޯފާގައި އިން އަންބަރްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ނުދަންނަ ބައެއްގެ ކުރިމަތީގައި އޭނާއަށް ބީރައްޓެހިކަން އިހުސާސުވަމުން ދިޔައެވެ. އިސްއުފުލާލަންވެސް އޭނާއަށް ނުކެރުނެވެ. އޭނާ އާ ދިމާލަށް ހުރި ގޮނޑީގައި ޖޫދު އިނެވެ. ޖޫދުގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަންބަރާ ވަކިނުވެއެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި އެތައް ފިކުރުތަކަމެއް އެނބުރެމުން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އަންބަރަކީ އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ އެ އަމާނާތަށް ރައްކާތެރިވާން ޖެހޭނެއެވެ. އަންބަރާއެކު ދިރިއުޅުން ކުރިމަތިލާން އޭނާ އެތައް ތަކުލީފެއް އުފުލަން ޖެހޭނެއެވެ. ކަޑައްތުކުރަންޖެހޭ ހަރުފަތްތަކުގެ ކޮޅު ލޮލަށް ނުފެންނަހާ ދުރެވެ. އެންމެ ހިނދުކޮޅަކަށްވެސް އެކަން އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. އެ ހުރިހާ އުނދަގުތަކާއެކު އަނބިމީހާގެ ފައިތިލަ ރަނގަޅު މަގުގައި ސާބިތުކުރުމަށް އޭނާ ހުރީ ތައްޔާރަށެވެ.
ކޮޓަރިން ނިކުމެގެން އައި ނީލަމް ޒަހާގެ ގޮނޑި މަޑުޖައްސާލީ އަންބަރް އިން ގޮނޑީގެ ކައިރިއަށެވެ. ސިހިފައި އަންބަރް ބަލައިލިއެވެ. ހިނިތުންވެފައި އެނާގެ މޫނަށް ބަލަހައްޓައިގެން އިން ޒަހާގެ ތުންފަތްމަތީގައިވި ހިތްހެޔޮކަން ފެނި އަންބަރަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. ތުންފަަތަށް ހިނިތުންވުމެއް އޭނާ ވެރިކުރުވީ ގަދަކަމުންނެވެ.
"މަންމަ ކީކޭ ކިޔާނީ؟ އިބާ ތަ؟" ލޯތްބާއެކު ޒަހާ އަހާލިއެވެ. ޒަހާގެ އަޑުގައިވާ އޯގާތެރިކަމާ މަޑުމައިތިރިކަން އަންބަރްގެ ހިތް މަޑު ކަފަކޮޅަކަށް ހަދައިފިއެވެ. ޒަހާއަށް ހަރުކަށިކަން ދައްކަން އުޅުނަސް އޭނައަށް އެކަން ނުވިއެވެ. އޭނާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
"މިއީ މަންމަގެ ޖޫދު ކައިވެނިކޮށްގެން މިގެއަށް ގެންނަ އަންހެންކުއްޖަކަށް ޓަކައި މީގެ އަހަރުތަކެއް ކުރިން މަންމަ ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގަ ހައްދައިގެން ގެނައި ދެ ގަނޑު އުޅާ. ބަލައިބެލުމަށް މި ރިހި ކުލައިގަ ފެނުނަސް މިއީ ހުދު ރަނުގެ އެންމެ އަގުބޮޑު ވައްތަރު" އުނގުތެރޭގައި އޮތް ރަތްކުލައިގެ މަހްމާ ޖެހި ކުޑަ ފޮށްޓެއް ހުޅުވައިލަމުން ޒަހާ ވާހަކަދެއްކިއެވެ.
"މަންމަ ހިއެއް ނުކުރަން ޖޫދު ކައިވެނި ކުރާނީ ތިހާ ލޯބި ކުއްޖަކާ ކަމެއް. ނަސީބަކުން މީގެއަށް އެއްވެސް އުނި އިތުރެއް ގެންނަން މަންމައަށް ނުޖެހުނު. އިބާގެ އަތަށް މި ހެޔޮވަރުވާނެ. ދައްކަބަލަ" ޒަހާ ބުންޏެވެ.
އަންބަރްގެ އުނގުތެރޭގައި އޮތް އަތުގައި ޒަހާ ހިފިއެވެ. އެ އަތް އުފުލާލާފައި ދެ އުޅާގަނޑު ދެއަތުގައި އެޅުވިއެވެ.
"މި ނުނަގާތި އިނގޭ ދަރިފުޅާ. މީގެ ހައްގުވެރިޔަކީ މިހާރުން ފެށިގެން އިބާ. ޖޫދާ ދެކުދިން ވަކިވެގެން ދިޔަސް މަންމަ ބޭނުންވަނީ މި ދަރިފުޅުގެ އަތުގަ ބާއްވަން" ޒަހާ ވާހަކަދެއްކިއެވެ.
ހަމަ އެކައްޗެކޭވެސް ނުބުނާނަންތަ؟" ޒަހާ އެހިއެވެ. "މިގެއަކީ މިހާރު އިބާގެވެސް ގެއޭ"
"ޖް....ޖިޔާ ކޮބާ؟" ބުނާނެ އެއްޗެއް އަންބަރަށް ނޭނގުނެވެ. އެހެންކަމުން އޭނާ ބުނީ ޖިޔާ އާ ބެހޭގޮތުންނެވެ. އެގެއިން ހަމަޖެހިގެން އޭނާއަށް ވާހަކަދައްކާލެވޭ ކުއްޖަކަށް ހުރީ ހަމައެކަނި ޖިޔާއެވެ. ޖިޔާގެ މަޖާ އަނގަތެޅުމާ މައުސޫމުކަން އަންބަރްގެ ހިތް ފަތަހަކޮށްފިއެވެ.
"އާނ. އުޅުނު ތިކުދިން ހޭލާ ތިބިހާއިރަކު ހޭލާ ހުންނަން. އެކަމަކު ކޮޓަރިއަށް ވަންނައިރަށް ކެނޑިއްޖެ" ހީލުމަކާއެކު ޒަހާ ބުންޏެވެ.
ޒަހާގެ ގޮނޑީގެ ފަހަތުގައި ހުރި ނީލަމްގެ ނަޒަރު އެއްފަހަރު އަންބަރަށް އަނެއްފަހަރު ޖޫދަށް ހުއްޓެމުން ދިޔައެވެ. ޖޫދު ގިނައިން އިންނަނީ އަންބަރަށް ބަލަހައްޓައިގެންކަން ނީލަމަށް ފާހަަގަވިއެވެ. ޖޫދާ މެދު އަންބަރް ފަރުވާކުޑަކަން އެވަގުތުވެސް އޭނާ ފަހުމްވިއެވެ. އެހެންނޫނީ ތިމާގެ ހަލާލު ފިރިމީހާއަށް އެންމެފަހަރަކު ނަމަވެސް އަންބަރް ބަލައިލާނެއެވެ.
"ޖޫދު. ވަގުތު ބަދަލުވެއްޖެ. މިހާރު ތިއީ މީހެއްގެ ފިރިއެއް. މީހެއްގެ ފިރިއަކަށް އަހަރެން އިންތިޒާރު ނުކުރާނަން. އެކަމަކު އަދިވެސް ތި ނަން އިވުނީމަ އުނދަގުވޭ" ނީލަމް ހިތާހިތުން ކިޔާލިއެވެ.
އެނދުމަތީގައި ހުރި ސާމާނުތައް ފެނުމާއެކު އަންބަރްގެ ދެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. އޭނާ ބޭނުންވާ ކުލައިން ހުރިހާ އެއްޗެއް ހުއްޓެވެ. އަންބަރްގެ ފަހަތުގައި ހުރި ޖޫދު އެއްފަރާތުން އަންބަރްގެ ގައިގައި ނުޖެހި ގޮސް ހުއްޓުނީ ދުރުގައެވެ. އަންބަރްގެ މޫނު ފެނި އޭނާގެ ހިތަށް ލުއިކަމެއް އިހުސާސްވިއެވެ.
"ކަމުދޭތަ؟" ހުރެވުނީ ކޮންތަނަކުން ކަން އަންބަރަށް އިހުސާސްވީ ޖޫދުގެ އަޑު އިވުނު ހިސާބުންނެވެ. ޖޫދަށް ބަލައިލިގޮތަށް ދެލޯ އަޅާފައި ގޮސް އޭނާ އެނދުގައި އިށީނެވެ. އޭނާ ރަނަށް ކިޔާފައި ހުރި ހުރިހާ އެއްޗެހި އަތަށް ނެގިއެވެ. އޭނާ އާ އެއް އިސްކޮޅެއްގެ ޓެޑީބެއާ ނަގާފައި އޭގައި ބައްދާލައިފިއެވެ. އެވަގުތު ޖޫދަށް އަންބަރް ފެނުނީ ޖިޔާއަށް ވުރެވެސް ޅަކޮށެވެ.
އަންބަރަށް ބަލަހައްޓައިގެން ހުރެ ޖޫދު ވަނީ ތުވާލި ހިފައިގެން ފާހާނާއަށެވެ.
"ޒަހާއްތަ ނިދާލާ އިނގޭ. އަޅުގަނޑު މިދަނީ ޓެރަސްގަ ހުރި ތަށިތައް ހިފައިގެން އަންނަން" ނީލަމް ބުންޏެވެ.
ނީލަމް ޓެރަސްއަށް އެރިއިރު ހުރީ ޙާތިމް އެކަންޏެވެ.
"ޙާތިމްބެ އެކަނިތަ؟" ނީލަމް އެހިއެވެ. އަންހެންފަޅި އާއި ފިރިހެންފަޅި ވަކިކުރަން ޖަހާފައިވާ ފޮތިތައް ނައްޓަން ހުރި ޙާތިމް ނީލަމްއަށް ބަލައިލިއެވެ.
"ނޫނޭ. އެއޮށް އައީނު ޔޫނުސް. އެއީ ޙާތިމްބެ ގޯތި ކުދިން" ފަހަތް ބަލައިލާފައި ނީލަމް އޭނާ ކުރަން އައި މަސައްކަތަށް އަވަސްވެލިއެވެ.
"އެއީ އެމަންޖެ އަކީ" ކައިރީގައި ހުރި އައްމާރުގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން ޔޫނުސް ބުންޏެވެ. ފަރުވާކުޑަ ގޮތަކަށް އެދިމާލަށް އައްމާރު ބަލައިލިއެވެ. ތަށިތައް އަތުރާފައިވާ މޭޒު ކައިރީގައި ނީލަމް ހުރީ ފުރަގަހަށެވެ.
"ދޭބަލަ. ގޮސް ވާހަކަދައްކާލަބަލަ" ޔޫނުސް ބުންޏެވެ. "އަހަރެން ގޮވާލަންތަ؟" ޔޫނުސް އުޅެންފެށި ގޮތުން އައްމާރު ކައިރިއަށް ހިނިއައެވެ. "އަހަރެންނަށް މިރޭ އެކުއްޖާގެ ނަންވެސް އިނގިއްޖެ"
"ނޫނޭ" އެންމެފަހުން ޔޫނުސްގެ ބަސް ގަބޫލުކޮށްގެން ނީލަމާ ދިމާލަށް އައްމާރު ހިނގައިގަތެވެ. ޔޫނުސް ކިޔަން ފަށައިފި އެއްޗެއް ނުހުއްޓާނެކަން އޭނާއަށް އިނގެއެވެ.
ތަށިތައް ނަގަން ހުރި ނީލަމް އެނބުރި ބަލައިލީ ކައިރީގައި މީހަކު ހުއްޓުނުހެން ހީވެގެންނެވެ.
ކައިރީގައި ހުރި އައްމާރުގެ ނަޒަރު އޭނާއަށް ހުއްޓުމާއެކު އަތުގައި އޮތް ތަށި ދޫނުވީ ކިރިޔާއެވެ. އެތަނުން އައްމާރު ފެނިދާނެ ކަމަށް ދުވަހަކުވެސް އޭނާ ހީކޮށްފައެއް ނެތެވެ. އެއީ ދުވަހަކުވެސް އޭނާ ބައްދަލުކުރަން ބޭނުންވި އިންސާނެއް ނޫނެވެ. އޭނާގެ ހަޔާތުން ގެއްލުވާލާފައިވާ މީހެކެވެ.
"ނި ން ނި" އައްމާރަށް ލިބުނު ކުއްލި ސިހުން އަދިވެސް ފިލައިގެން ނުދެއެވެ.
(ނުނިމޭ)