ޖޫދު... އޭނައަށް ކިޔަނީ ޖޫދު. އަހަރެން އެއްވެސް މީހަކު ކައިރީގައި އަހަރެން މިވާހަކައެއް ނުދައްކަން" އަސަރާއެކު ނީލަމް ބުނެލިއެވެ. ކަޅިޖަހައިވެސްނުލާ އަލިޝްބާ އިނީ ނީލަމްއަށް ބަލަހައްޓައިގެންނެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެހެން އިންދާ ސިހުނީ ކުއްލިއަކަށް އަލިޝްބާގެ އަތުގައި ފިނިފިނި އަތްތިލައެއް ޖެހުމުންނެވެ. ބަލައިލިއިރު ނީލަމް އިނީ އަލިޝްބާގެ އަތްތިލައިގައި އަތް އަޅައިގެންނެވެ.
"އާނ ލިބާ. އެއީ ޖޫދު. އެއީ އަހަރެންގެ މުޅި ދިރިއުޅުން. އެމީހަކަށްޓަކައި އަހަރެން ދުނިޔޭގައި ހުރި ހަމައެކަނި މީހާ" ނީލަމް އިތުރަށް ބުންޏެވެ. އެވާހަކަތައް އަހަން އަލިޝްބާއަށް ފަސޭހަނުވިއެވެ. އަންބަރާ ޖޫދުގެ ކައިވެނި ހަމަޖައްސުން އަނެއްކާ އޭނާއަށް ހެދުނު ގޯހެއް ނޫންބާއޭ ހިތަށް އެރިއެވެ.
"އެކަމަކު އެއީ ދޮގުވެރިއެއް... މަކަރުވެރިއެއް" ނީލަމް ބުންޏެވެ. އަލިޝްބާ އިސްއުފުލާ ނީލަމް އާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ދުވަހަކުވެސް އަހަރެން ދޫކޮށްނުލަން ވައުދުވި. އެކަމަކު..."
ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެގެން އައި ޙާތިމް ފެނުމާއެކު ސޯފާގައި އިން އަންބަރް ފުންމައިގެން ތެދުވިއެވެ. އަތުގައި ހުރި ބާޒާރު ކޮތަޅުތަކާއެކު ޙާތިމްއަށް ހުރެވުނީ ކިރިޔާއެވެ. އޭނާ އަރިއަޅާލިއެވެ.
"ބައްޕާ...." އަތުގައި އޮތް ރިމޯޓް ސޯފާއަށް ދޫކޮށްލާފައި އޭނާ ޙާތިމް އާ ދިމާލަށް ދުއްވައިގަތެވެ. ބިންމަތީގައި ޖެހުމުގެ ކުރިން ކޮތަޅުތައް ދޫކޮށްލާފައި ޙާތިމް ދޮރުފަތުގައި ހިފަހައްޓާ އޭނާގެ ހަށިގަނޑަށް ސަމާލުވެލިއެވެ.
"މަންމާ،،،" ޙާތިމްގެ އަތުގައި ހިފާލާފައި އަންބަރް ބާރަށް ގޮވާލިއެވެ. ކޮޓަރީގައި މަސައްކަތެއްގައި ހުރި ސުމައްޔާ ދުވެފައި ކޮޓަރިން ނިކުތްއިރު ޙާތިމް ގޮވައިގެން އައިސް ސޯފާގައި ބައިންދައިފިއެވެ.
"ބައްޕަ އެކްސިޑެންޓެއް ވީ ކަންނޭނގެ މަންމާ. ބަދިގޭގަ ހުރި ފަސްޓް އެއިޑް ބޮކްސް ފޮށި ހިފައިގެން އަންނައްޗެ. ދެއަތުގައި ޒަހަމްވެފައި ހުރި ތަންތަން އަންބަރަށް ފެނުނީ މާފަހުންނެވެ. އަވަސް އަރުވާލާފައި ހުރި ސުމައްޔާ އަންބަރް އެދުނު ފަދައިން ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ޙާތިމް ކައިރީގައި ހުއްޓިއްޖެއެވެ.
"އެއީ ތެދެއް. އަހަރެން ބުނަމެއްނު ސައިކަލް ބަލައިގެން ދުއްވާށޭ. އިތުރު ތަނަކަށް އަނިޔާވިތަ؟" ސުމައްޔާ އެހިއެވެ.
"އެކަކު ބަލައިގެން އުޅުނަސް ނުވާނެއްނު. އިނގޭތަ އަހަރެންގެ ސައިކަލުގައި ޖެހުނީ ކާކު ދުއްވާފައި ދިޔަ ސައިކަލެއްކަން" ޙާތިމް ބުންޏެވެ. އަދި ސުމައްޔާ ގެނެސްދިން ފިނި ފެންތަށި ހިފާފައި ކޯވަރެއް ބޯލިއެވެ.
"ކާކުގެ؟" ސުމައްޔާ އެހިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޙާތިމް ބަލައިލީ އޭނާގެ އަތުގައި ބޭސްއަޅަމުން ދިޔަ އަންބަރަށެވެ. އޭނާ އެމީހެއްގެ ނަން އަންބަރަށް އިވޭ ހިސާބުގައި ފާޅުކުރަން ބޭނުންނުވިއެވެ. އަނބިމީހާއަށްް ބަލައިލާފައި ބަސްމޮށުންތެރިކަމަކާ ނުލާ ވާހަކަތަކެއް ދައްކައިފިއެވެ.
"ދެންވެސް ބަލައިގެން ދުއްވައްޗެ ބައްޕާ" ބޭސްއަޅާ ނިންމާފައި ޙާތިމްއަށް ބަލައިލަމުން އަންބަރް ބުންޏެވެ. ޙާތިމް ބޯޖަހައިލިއެވެ. އަންބަރް ވާހަކަދެއްކުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. "ސޮރީ ބައްޕާ" އަންބަރް ޙާތިމްގެ ކޮނޑުގައި ބޯއެޅިއެވެ.
"މިރަށް ނުރައްކާވެއްޖެ" ހާތިމް ބުންޏެވެ.
ނީލަމްގެ ވާހަކަތައް އަލިޝްބާއަށް އިނގުނު ހިނދު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނީލަމްއަށްޓަކައި އޭނާގެ ހިތް ހަމްދަރުދީން ފުއްރިއްޖެއެވެ. އޭނާ ނީލަމް އެއްބަސް ކުރުވިއެވެ. ނީލަމްއަށް ބޭނުންވަނީ މީހުންގެ ލޯތްބާ އަޅާލުމެވެ. އެތައް ހިތްދަތިކަމެއް އެކަނި ތަޙައްމަލްކުރަން ޖެހުމުން އެ އަންހެންކުއްޖާ ވަނީ ބަލިކަށިވެފައެވެ. އަލިޝްބާ އަމިއްލަ ހިތަށް ވައުދުވިއެވެ. ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި އޭނާއަށް ދެކެވުނީ ހަމައެކަނި ނީލަމް އާ މެދުގައެވެ. އޭނާ ހިތްހަމަޖެހޭކަހަލަ އުޅުމެއް ފެނުނު ހަމައެކަނި ކުއްޖާއަކީވެސް ނީލަމްއަށް ވީތީއެވެ. އޭނާ އަމިއްލަ ހިތުން ވައުދެއްވިއެވެ. ނީލަމް ނަފްސާނީ ޑޮކްޓަކަށްދައްކާ ބޭސްފަރުވާ ފެށުމަށެވެ. އެކަމަށްޓަކައި އޭނާގެ އަމިއްލަ އަތުން ނީލަމްއަށް ހަރަދުކުރަން ޖެހުނަސް އެކަންވެސް އޭނާ ކުރާނެއެވެ.
"ހަމަ ތެދެއް. އަހަރެން އޭރުވެސް ހިތަށް އެރި އެކުއްޖާ އެކުރަނީ އާދައިގެ ހިތާމައެއް ނޫނޭ" ނީލަމްގެ ވާހަކަތައް އަލިޝްބާ ޒަހާއަށް ކިޔައިދިނުމުން ޒަހާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ޅަ އުމުރުގައި ނީލަމް އުފުލަމުން އެދާ ވޭނަކީ ކޮންމެ ކޮންމެ އަންހެންކުއްޖަކަށް އުފުލޭނެ ތަކުލީފެއް ނޫނެވެ. ނީލަމްގެ ހިތްވަރުގަދަކަމަށް ޒަހާ ތައުރީފު ކުރިއެވެ.
"ޒަހާއްތަ ބުނީމެއްނު އެމަންޖެގެ ހިތުގައި އޮތް އެއްޗެއް ހޯދޭނީ ހަމައެކަނި ލިބާ އަށޭ" ޒަހާ ބުންޏެވެ.
"އަޅުގަނޑު ބޭނުން ނީލޫ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން" އަލިޝްބާ ބުންޏެވެ.
"އާނ ތިކަން ކުރަން މާލަސްވެސް ވެއްޖެ. ޒަހާއްތައަށް ހިނގާ ހެދޭނަމަ ހުދު ޒަހާއްތަ އަމިއްލައަށް ދާނަން އެމަންޖެ ގޮވައިގެން" ޒަހާ ބުންޏެވެ.
"ތިކަމާ ޒަހާއްތަ ނުވިސްނާ އަޅުގަނޑު މިހުރީނު. އެކަމަކު ޒަހާއްތާ ހަމައެކަނި ޑޮކްޓަރީ ފަރުވާ އެކަންޏެއްނޫން ނީލޫއަށް ބޭނުންވަނީ"
ރީތިވެގެން ކޮޓަރިން ނިކުމެ ފައިވާން ހަރުގަނޑު ކައިރީގައި ބޫޓަށް އެރެން ހުރި ރިކްޒާ ސިހުނީ ދޮރުހުޅުވާލި އަޑަށެވެ. އޭނާއަށް ހުރެވުނީ އެތެރެއަށް ވަން ސީނާއަށް ބަލަހައްޓައިގެންނެވެ. ކޮންމެސް ވަރެއްގެ ވަރުބަލިކަމެއް ސީނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ބަހެއްނުބުނެ ގޮސް ބަދިގެއަށް ވަނުމުން ރިކްޒާ ހައިރާންވިއެވެ.
"މަންމާ" އޭނާ ސީނާ ފަހަތުން ބަދިގެއަށް ގޮސް ސީނާއަށް ގޮވާލިއެވެ.
"ކިހިނެއްވީ؟ އަހަރެން ނެތް ގަޑި ބަލާފައި ކޮންތާކަށް ހެދިލައިގެން ތިދަނީ؟" އައިސްއަލަމާރިން ފިނި ފެންފުޅިއެއް ހިފައިގެން އައިސް ގޮނޑިއެއްގައި އިށިން ސީނާ ބުންޏެވެ.
"މަންމަ ކައިރިއަށް. ދޫމާއްތަ ގުޅާފައި ބުނި މަންމަ ފެއިންޓްވެގެނޭ. މަރުކަޒަށް ދާންވެގެން މިދަނީ" ރިކްޒާ ބުންޏެވެ.
"އަދި އެމީހުން ގުޅާފައި ކަލޭ ކައިރީގައިވެސް އެހެން ކިޔައިފި ދޯ" ހިތްހަމަނުޖެހިފައި ސީނާ ބުންޏެވެ. ރިކްޒާއަށް އިނދެވުނީ ސީނާއަށް ބަލަހައްޓައިގެންނެވެ. ޙަޤީޤަތުގައިވެސް އޭނާ ނިކުތީ ސީނާ ހޭނެތިގެން މަރުކަޒަށް ގެންދާ ވާހަކަ އެކުވެރި ދޫމާ ގުޅާފައި ބުނުމުންނެވެ.
"އަހަރެން މަރުވެގެން ސަހަރާއަށް ގެންދިޔަސް ކަލޭ ދާނީ ހަމަ ތިހާ ހެދިލައިގެންތަ؟ ތުންފަތުގައި ހަމަ ތިހާ ކުލަ ގަދަކޮށްލައިގެންތަ ދާނީ" ސީނާ ބުންޏެވެ. ރިކްޒާ އަނގަ ހަދާލިއެވެ.
"ދެން ބުނެބަލަ. ކީއްވެތަ ދޫމާއްތަ އެހެން ބުނީ" ރިކްޒާ އެހިއެވެ.
"އެގޭ ދިޔާނާގެ ދަރިފުޅު މިއަދު ރާއްޖެއިން ބޭރުން އައިސްގެން އުޅޭ ވާހަކަ ބުނީމަ އެސޮރު ދެކިލަން އެގެއަށް ވަދެލީ" ސީނާ ކިޔައިދެމުން ދިޔައެވެ.
"އެއްވައްތަރުގެ ދެމީހުން ކުއްލިއަކަށް ކުރިމަތިން ފެނުނީމަ އަހަރެން ހާސްވީ. ބިރުގަތީ. އެހެންވެ ވެއްޓުނީ. އަހަރެން މަރުކަޒަށް ގެންދާވަރެއް ނުވޭ" ސީނާ ވާހަކަދެއްކިއެވެ.
"އެއްވައްތަރުގެ ދެމީހުންނޭ" ރިކްޒާ ބުންޏެވެ
"އާނ. ދިޔާނާގެ ތިބެނީ އެއްމާބަނޑު ދެބެންނޭ. އަހަރެންނަށް މިއަދު އިނގުނީ" ރިކްޒާއަށް ހެވިއްޖެއެވެ. އަނގަ މަތީގައި އަތްއަޅާ ބާރުކޮށްލީ އޭނާގެ އަޑު ބޭރުވެދާނެތީއެވެ.
ހުރިހާ މީހުން ނިދާ މަގުތަކުގައި މީހުންގެ ފިޔަވަޅުތައް އޮބުމާއެކު ވަކި ވަގުތެއްގެ އިންތިޒާރުގައި އޮތް އަންބަރް ކޮޅަށް ތެދުވެއްޖެއެވެ. ކޮޓަރީގެ އަލި ގަދަކޮށްލާފައި ބާލީސްދަށުގައި އޮތް ފޯނު ނަގައިފިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނިކުމެއްޖެއެވެ. މައިދޮރާ ހަމައަށް ދިޔަތާ މާގިނައިރު ނުވަނީސް އޭނާ އެނބުރި ކޮޓަރި އާ ދިމާލަށް އައެވެ. އެހެންނަމަވެސް މިފަހަރު އޭނާ އެކަންޏެއް ނޫނެވެ. އަންބަރްގެ ފަހަތުން ވާރިޝް ކޮޓަރިއަށް ވަނުމާއެކު ދޮރުލެއްޕިއްޖެއެވެ.
"އުފާވޭތަ؟ ވާރު ބޭނުންވާގޮތަށް ހުރިހާކަމެއް މިވަނީ؟" އެނދުގައި އިށީނދެފައި އަންބަރް ބުންޏެވެ. އޭނާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. ވާރިޝްގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.
"ރުޅިއައިސްފަތަ؟ އަހަރެން ފެނުނީމަވެސް އުފަލެއް ނުވޭތަ؟ ބައްދައިވެސް ނުލާނަންތަ؟" ކައިރީގައި ވާރިޝް އިށީނުމާއެކު އަންބަރް ދުރަށް ޖެހިލައިފިއެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟ ތެދަށް ޖަވާބުދެއްޗެ" އަންބަރް ބުންޏެވެ. ވާރިޝް ބޯޖަހާލާފައި ތުނިކޮށް ފަޅާފައިވާ އޭނާގެ ތުނބުޅީގައި އަތްހިންގާލިއެވެ.
"ކީއްވެތަ އަބަދުވެސް އަހަރެން ގުރުބާންވާންވީ. ވާރު އަހަރެންދެކެ މިހާރު ލޯބިނުވަނީދޯ. ލޯބިވާނަމަ އެއްވެސް މީހަކު ބޭނުންވާނެތަ ތިމާ ލޯބިވާ މީހަކު އެހެން މީހަކާ މެރީކުރާތަން ބަލަން" އަންބަރް ބުންޏެވެ. ވާރިޝް ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.
"އެކަމުގައި ފައިދާއެއް އޮތިއްޔޭ ބުނެފިއްޔާ" ވާރިޝް ބުންޏެވެ. "ސީރިޔަސްލީ. އެހެންނޫނީ އިބާ އެހެން މީހެއްގެ ހައްގަކަށް ވާން ލާހިކެއްނޫން" ފަހަތުން އަތް ގެންގޮސް އަންބަރްގެ އުނގަނޑުގައި އަތްއަޅުވައިލަމުން ވާރިޝް ބުންޏެވެ.
"އަހަރެންނަށް އަހާލެވިދާނެތަ ވާރުގެ ޕްލޭނަކީ ކޮބާތޯ" އަންބަރް އެހިއެވެ.
"ބުނާނަމޭ ބުނާނަމޭ ކެތްކުރޭ. އެންމެކުރިން އަހަރެން ބޭނުމީ..." އަންބަރްގެ ދަތްދޮޅީގައި ހިފާލާފައި އޭނާ އާ ވީކޮޅަށް އަނބުރައިލަމުން ވާރިޝް ބުންޏެވެ. ވާރިޝްގެ ދެލޮލަށް ކަޅި ހުއްޓުމާއެކު އަންބަރަށް އިތުރަށް ރުޅިން ނުހުރެވުނެވެ. ވާރިޝް ކުރަންއުޅުނު ވިޔާނުދާ ކަންތަކަށް އޭނާ އެއްބާރުލުން ދީފިއެވެ.
އަނެއް ދުވަހުގެ ރޭގަނޑެވެ. އިޝާނަމާދުކޮށްގެން ޙާތިމް ގެއަށް އައިސް ވަންއިރު ތައްޔާރުވެގެން ސޯފާގައި އިން އަންބަރް ފެނި އޭނާ ހިތްހަމަޖެހުނެވެ. ހަގު ދަރިފުޅުގެ ބަދަލުވަމުންދާ ދިރިއުޅުން ފެނި އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. ފޯނާ ކުޅެން އިނދެފައި ޙާތިމް ފެނިފައި އަންބަރް ހީލައިފިއެވެ.
"މަންމަ އަދި ނުނިމޭ ދޯ" ސޯފާގައި އިށީންނަމުން ޙާތިމް އެހިއެވެ. އަންބަރް ހީލާފައި ބޯޖަހާލައިފިއެވެ. އަށެއްގެ ހަބަރު އަޅުވައިގެން އިރުކޮޅަކު އިނދެފައި ޙާތިމް އަނެއްކާވެސް އަންބަރަށް ބަލައިލިއެވެ.
"އިބާ ނަމާދުކުރިންތަ؟" ޙާތިމް އެހިއެވެ. ވަގުތުން އަންބަރް ބޯޖަހާލައިފިއެވެ. ސުމައްޔާ ކޮޓަރިން ނިކުމެގެން އައީވެސް ހަމަ އެވަގުތުގައެވެ.
"ހިނގާ ދާން. ލިބާ މިހާރު ގުޅައިވެސްފި" ސުމައްޔާ ބުންޏެވެ. ކުރީގައި ތިބެ ސުމައްޔާއާއި ޙާތިމް ނިކުތްއިރު ފަހަތުން އިބާ އައީ ހިތްހަމަނުޖެހިފައި ހުރެއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު އެކަމަށް ހެކިދެއެވެ.
ޖޫދު ދިރިއުޅޭ އެޕާޓްމަންޓަށް ވަދެފައި އަންބަރަށް ހުރިހާ ދިމާލަކަށް ލޯ ހިނގައިލެވުނެވެ. ލިބާ އުޅޭ ބަޔަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސްކަން އޭނާއަށް ފާހަގަވިއެވެ. ސިޓިންގރޫމުން ނިކުމެވޭ ހުރި ބޮޑު ބެލްކަނި ފެނިފައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހުރިހާ ދިމާލަކުން އޭނާއަށް ފެންނަމުން ދިޔައީ ހައިބަތެވެ. ފަރާތް ފަރާތް ހޯދަމުން ދަނިކޮށް އޭނާއަށް ސިހުމެއް ލިބުނީ ސުމައްޔާ ގޮވައިލުމުންނެވެ. އަންބަރް ބަލައިލުމާއެކު ސުމައްޔާ އިޝާރާތުން އިށީންނަންވީ ތަން ދައްކައިފިއެވެ. އަންބަރްގެ ހުރިހާ ހަރަކާތަތްކަށް ބަލަހައްޓައިގެން ޒަހާ އިނެވެ. އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ވިއެވެ. ފުރަތަމަ ނަޒަރުންވެސް އޭނާއަށް ފާހަގަވީ އަންބަރްގެ މައުސޫމުކަމެވެ. އޭނާގެ ޖިޔާއާއި އެއް އިސްކޮޅެކެވެ. އޭނާގެ ހިތަށް ސިފަވަމުން ދިޔައީ ޖިޔާއެވެ.
"އިބާދައްތަ ކިހިނެއްތަ؟" ޒަހާ ކައިރީގައި އިން ޖިޔާގެ އަނގަ ފެޅިއެވެ. ސިހިފައި ޖިޔާއަށް ބަލައިލިގޮތަށް އަންބަރް ހީލަމުން އޭނާ ރަނގަޅުކަމުގައި ބުނެލިއެވެ.
"އޯ އިބާ.... އައިމް ސޯ ހެޕީ" ގޭތެރެއަށް ވަދެގެން އައި އަލިޝްބާއަށް އަންބަރް ނޫން އެހެން އެއްވެސް މީހެއް ނުފެންނަ ކަހަލައެވެ. އޭނާ އަރައި ހަމަވާންވާއިރަށް ކޮޅަށް ތެދުވެގެން ގޮސް އަލިޝްބާގެ ގައިގައި ބައްދައިގަނެފިއެވެ. އަންބަރްގެ ބޮލުގައި ބޮސްދީފައި އޭނާ ބަލައިލީ އަންބަރް އަޅައިގެން ހުރި ހެދުމެވެ. އޭނާ ބުނި ބުނުމަކަށް ވިޔަސް އަންބަރް ދިގު ހެދުމެއް ލައިގެން ހުރުމުން ހިތްހަމަޖެހުނެވެ. ފަހަރަކު މީހަކު އަލިޝްބާ އަންބަރަށް ތަޢާރަފްކޮށްދެމުން ދިޔައެވެ. ޒަހާ އަކީ ނުކުޅެދޭ މީހެއްކަން އިނގުނު ހިސާބުން އަންބަރް ހިތް ނުތަނަވަސްވިއެވެ. އޭނާއަށް ޒަހާގެ ހުރިހާ މަސައްކަތެއް ކުރަންނުޖެހޭނެ ބާއޭ ހިތަށް އެރިއެވެ.
އެ އާއިލާ އެގެއަށް ވަންއިރުން ފެށިގެން އެމީހުން ކުރިމައްޗަށް ނީލަމް ނާރައެވެ. ބަދިގެ ފަރާތުގައި އޭނާ ދިޔައީ ކާން ތައްޔާރުކުރަމުންނެވެ. އެހެންނަމަވެސް ވަރަށް ފުން ނަޒަރަކުން އޭނާ އަންބަރަށް ބަލައިލިއެވެ. އޭރާ މިހާރާ އަންބަރްގެ އެއްވެސް ތަފާތެއް ނެތެވެ. ތަފާތުވެފައިވީ ހާލަތެވެ.
"ދަރިފުޅު ދޭބަލަ ދޮންބެ ގޮވައިގެން އަންނަން. މިހާރުވެސް ލަސްވެއްޖެ" ކައިރީގައި އިން ޖިޔާއަށް ޒަހާ ބުންޏެވެ. ޖިޔާ ތެދުވިތަނާ ޖޫދު އަންނަތަން ފެނިއްޖެއެވެ. އޭނާ ކައިރީގައި އައިމަން ހުއްޓެވެ. ޖޫދު އިށީންނަން ޒަހާ ދެއްކީ އަންބަރް ކުރިމަތީގައި ހުރި ގޮނޑިއެވެ. އުނގުތެރޭގައި އޮތް ދެއަތްތިލަ މޮޑެމުންދިޔަ އަންބަރް އިނީ ޖޫދަށް ބަލައިލަންވެސް ބޭނުންނުވެފައެވެ. އެ މޫނު ފެނިއްޖެނަމަ އޭނާއަށް ގެއިން ބޭރަށް ނިކުމެގެން ދެވިދާނެއެވެ. އަންބަރަށް ބަލާކަށް ޖޫދުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ހިތްހެޔޮކަމާއެކު އޭނާ ޙާތިމް އާ ސަލާމްކުރިއެވެ. ސުމައްޔާގެ ހާލު އޮޅުންފިލުވިއެވެ. އޭނާ ކުރާ މަސައްކަތާ ގުޅިގެން ބުނެދިނެވެ. އެހުރިހާއިރުވެސް އޭނާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިނުދެއެވެ. ހުރިހާ މީހުންގެ ތުންފަތުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަންބަރް ފިޔަވައެވެ. އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ނެތްއިރު އެންމެންގެ ތެރޭގައި ހިތްނުތަނަވަސްކަމެއް ދައްކަން ބޭނުންނުވިއެވެ.
"ކޮންދުވަހެއް ދެން ކަނޑައަޅާނީ" ޙާތިމް ބުންޏެވެ. ތާރީހެއް ކަނޑައަޅަން ޖޫދު ދޫކޮށްލީ އެ އާއިލާއަށެވެ. އެކަމާ ޒަހާވެސް އެއްބަސްވިއެވެ.
"ތާރީހެއް ކަނޑައެޅުމުގެ ކުރިން ހުރިހާ މީހުންގެ ހާޒިރުގައި އަޅުގަނޑު އަންބަރާ ސުވާލެއްކޮށްލަން ބޭނުން" ޖޫދު ބުންޏެވެ.
"ކިހާ ދެރަކަމެއްތަ؟ ކަލޭ އަހަރެންނާ ކޮން ވާހަކައެއް ދައްކާކަށްތަ؟" އަންބަރް ހިތާހިތުން ޖޫދަށް އަޑުލިއެވެ. އޭނާ ޖޫދަށް ނަޒަރެއް ދިނީ ކައިރީގައި އިން އަލިޝްބާ އޭނާގެ އަތުގައި ހިފައިލުމުންނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ.
"އަހަރެން ކުރަން ބޭނުންވާ ސުވާލަކީ ކައިވެންޏާ އަންބަރް ގަބޫލުވީ އެއްވެސް މީހަކު މަޖުބޫރުކޮށްގެންތޯ" ޖޫދު އެހިއެވެ. އަންބަރަށް އޭނާގެ ނަޒަރު ހުއްޓުނީ ކުޑަ ހިނދުކޮޅަކަށެވެ.
"ނޫން... ނޫން. އަމިއްލައަށް" އަންބަރް ބުންޏެވެ. އަންބަރްގެ އަޑުގައިވި މަޑުމައިތިރިކަން ފާހަގަވެފައި ޖޫދު ހައިރާންވިއެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. އިންސާނަކު އެހައި އަވަހަށް ބަދަލުވެދާނެ ހެއްޔެވެ؟ މިއީ އަނެއްކާ އެ އަންހެންކުއްޖާ ދައްކާ މޮޅު އެކްޓެއް ހެއްޔެވެ؟
"އަންބަރް ބޭނުމިއްޔާ ތާރީޚެއް ކަނޑައެޅުމުގެ ކުރިން މި ކައިވެންޏާ މެދު ގޮތެއް ނިންމިދާނެ. އަހަރެން އަދިވެސް އަންބަރަށް ފުރުސަތެއް މިދެނީ" ޖޫދު ބުންޏެވެ. "ކަލޭ އަހަރެންނަށް ކޮން ފުރުސަތެއްދޭކަށް. އޯ ގޯޑް. އަހަރެން ނޫޅެމޭ ކަލެއަކާ ވާހަކަދައްކާކަށް. ކަލޭ މިއެންމެންގެ ތެރޭގައި ބުނެބަލަ ތިމަންނަ ކައިވެންޏެއް ކުރަން ބޭނުމެއްނޫނޭ. އަހަރެންގެ ބޮލަށް ހުރިހާކަމެއް ނުޖަހަލަބަލަ" ހިތާހިތުން އަންބަރް ވާހަކަދައްކަމުން ދިޔައެވެ. އެ ސުވާލުގެ ޖަވާބު އަންބަރް ނުދިނުމުން ޖޫދު ނިންމީ އަންބަރްގެ ޖަވާބަކީ އޭނާ ކައިވެނި ކުރަން ބޭނުންވާކަމެވެ.
"އެހެންވީމަ ފެށޭ ހަފްތާގައި ރަންކިޔުމުގެ ހަފްޟާ ބާއްވަން ފެންނަނީ" ޙާތިމް ވާހަކަދެއްކީ ޒަހާއާއެވެ. ޒަހާ ޖަވާބަކަށް އެދޭ ފަދައިން ބަލައިލީ ޖޫދުގެ މޫނަށެވެ. ޖޫދު ބޯޖަހައިލުމާއެކު ރަންކިޔާނެ ތާރީހާ ކައިވެނީގެ ތާރީހް ކަނޑައެޅިގެން ދިޔައެވެ. ޒަހާ ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އަންހެންކުއްޖާއަކީ ކޮންމެކަހަލަ ކުއްޖެއް ކަމުގައި ވީނަމަވެސް އޭނާގެ ދަރިފުޅުގެ ކައިވެނީގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށްލިއެވެ.
"އެހެންވީމަ މިހާރުން ފެށިންގެން ޖީ ޖެހޭނީ ދޮންބެދައްތަ ކިޔަންތަ؟" ޖިޔާ ބުންޏެވެ. ޖޫދު ދެލޯ ބޮޑުކޮށްލާފައި ޖިޔާއަށް ބަލައިލުމުން އަނގަމަތީގައި އަތްއަޅާފައި ޖިޔާ ހީލައިފިއެވެ.
"މިތާ މަތީގަ އުޅޭނެ ޖީމެންގެ ތިމާގެ މީހެއް. އިބާދައްތަ ޖެހޭނީ އޭނައަށް ފިލައިގެން އުޅެން. އެއީ ވަރަށް..."
"ދަރިފުޅު" ޒަހާ ޖިޔާއަށް ގޮވައިލިއެވެ.
"އަ...އަޅުގަނޑު އެއްޗެއް ބުނަން ބޭނުން" ކެއުމަށް އިންސާފުކުރަން ދާން ޒަހާ ބުނި ވަގުތު އަންބަރް ބުނެލިއެވެ. އެވަގުތު ހުރިހާ މީހުންގެ ސަމާލުކަން އަންބަރަށް ހުއްޓުނެވެ. އޭނާގެ ދުލުން ބޭރުވާނެ އެއްޗެއް ނޭނގޭތީ ޙާތިމް އާ ސުމައްޔާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
"އަޅުގަނޑު ބޭނުމެއްނޫން ޕާޓީ ބާއްވާކަށް. ވަރަށް އާދައިގެ ގޮތެއް ބޭނުމީ" އަންބަރްގެ އެ ޖުމްލައިން މިފަހަރު ހައިރާންކަމެއް ލިބުނީ އަލިޝްބާއަށެވެ. ކައިވެނީގެ ކަންތައްތައް ވަރަށް ބޮޑަށް ބޭއްވުމަކީ އަބަދުވެސް އަންބަރް ދެކޭ ހުވަފެނެކެވެ. ފުރަތަމަ ކައިވެނި ހާލަތުގެ ގޮތުން ފާޑަކަށް ކުރެވިގެން ދިޔަސް އޭނާ ބޭނުންވީ ދެވަނަ ކައިވެނި ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެ ފަދަ ގޮތަކަށް ކުރާށެވެ. އެކަމަކު މިހާރު އަންބަރްގެ ވާހަކަތައް ތަފާތެވެ. ކޮއްކޮ އާ މެދު ނުބައިކޮށް ނުވިސްނަން އަލިޝްބާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
"އަޅުގަނޑުވެސް ބޭނުމީ އެގޮތް. ދެފަރާތުގެ އާއިލާއަށް ކުޑަ ވަލީމާއެއް ދޭނީ" ޖޫދު ބުންޏެވެ.
ޖޫދުގެ ކައިވެނި ހަމަޖެހުނުކަން ސީނާއަށް އިނގުނީ ރިކްޒާގެ ފަރާތުންނެވެ. ވަގުތުން އޭނާގެ މޫޑު ގޯސްވިއެވެ. ދުވަހަކުވެސް ޖޫދުގެ ހަޔާތަށް އަންހެނަކު ނާދޭތޯ އޭނާ ބަދު ދުއާ ކުރެއެވެ. ރިކްޒާގެ ފަރާތުން އެ އަންހެންކުއްޖާއަކީ އަންބަރް ކަން އިނގުމުން ސީނާގެ ތަބީޢަތު މާ ގޯސްވިއެވެ. އަންބަރް ފަދަ ބުރުސޫރަ ރީތި އަންހެންކު އެއްގޮތަކަށްވެސް ޖޫދަށް ހައްގެއް ނުވާނޭ ބުނެލިއެވެ. ކާން އިން ބަތްތަށިން އެންމެ އެތިކޮޅެއްވެސް އޭނާގެ އަރުން އެތެރެ ނުވިއެވެ. "ތިބުނާ އަންހެންކުއްޖާގެ ދެލޮލަށް މިރުސް އެޅިފަތަ ހުރީ" ސީނާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"ތިއެއް ނޭނގެ. މަންމާ، އަހަރެން ބޭނުން އެރޭ ވަރަށް ރީތި ހެދުމެއް ލާން" ރިކްޒާ ބުންޏެވެ. ސީނާ ރިކްޒާ އާ ދިމާލަށް އައީ ފުންމައިގެނެވެ. އަތުންޖަހާ ކާ މޭޒުމަތީގައި ހުރި ތަށިތައްވެސް ބުރުވާލައިފިއެވެ. ހީވީ ނަގޫ ވައިރޯޅިއެއް ގޭތެރެއަށް އެރިހެންނެވެ. ރިކްޒާ ދިޔައީ ސިއްސައިގެންނެވެ.
"ކޮންތަކަށްދާން ރީތި ހެދުން ލައިގެން. ހަނދާންކުރާތި އެގެއަށް ގޮސްފައި އައިސް މިގެއަށް ވަދެފިއްޔާ ދެފައި ބިންދާލާނަން" ސީނާ ބުންޏެވެ. އެހެން ބުނެފައި އަތްވެސް ނުދޮވެ ކޮޓަރި އާ ދިމާލަށް ސީނާ ދިޔުމުން ރިކްޒާ ހިންދިރުވާލިއެވެ.
"ބިރުން ހަލާކުވެއްޖެ. މަންމަ ހީވީ ގަޔަށް އަރައިގަންނަ ކުކުޅެއްހެން ވިއްޔަ" މޭގައި އަތް އަޅައިލަމުން ރިކްޒާ ބުނެލިއެވެ.
ޖެހިގެން އައި ދުވަހު އަލިޝްބާ އަންބަރާ ބައްދަލުކުރަން ދިޔައެވެ. އަންބަރް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނުމުންނެވެ. އޭނާ ގެއަށް ދިޔައީ ރޭގަނޑުގެ ވަގުތެއްގައެވެ. ގޭ ކައިރިއަށް އަލިޝްބާ ބާލާފައި އައިމަން ދިޔައީ ގެއަށް ދާންވުމުން ގުޅާށޭ ބުނެފައެވެ.
ގޭތެރެއިން އަލިޝްބާއަށް މަރުހަބާ ކިއީ ސުމައްޔާއެވެ. ރޭގަނޑުގެ ކެއުމަށްފަހު އޭނާ އިނީ ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލާށެވެ. އަލިޝްބާ ފެނުމުން އޭނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
"ބައްޕަ ނިދީތަ؟" އެތެރެއަށް ވަދެ ސޯފާގައި އަތްދަބަސް ބާއްވަމުން އަލިޝްބާ ބުންޏެވެ. އަދި އޭނާގެ މޫނުފޮތިކޮޅު މައްޗަށް ހިއްލާލާފައި އަތުގައި އޮތް ޓިޝޫކޮޅު މޫނުގައި ޖައްސާލިއެވެ.
"ބައްޕަ ފާހާނާއިގަ. އިބާ ވެއްޖެ ކޮޓަރީގަ" ސުމައްޔާ ބުންޏެވެ.
"މަންމާ، އިބާގެ އުޅުން ހީވޭތަ ކުޑަކޮށްވެސް ރަނގަޅުހެން" ސުމައްޔާގެ ފައިމަތީގައި އަތް ބާއްވައިލަމުން އަލިޝްބާ އެހިއެވެ.
"ކޮންމެފަހަރުވެސް އަހާލީމަ ބުނޭ ނަމާދުކޮށްފީމޭ. ކުރަނިކޮށް އަދި ނުފެނޭ. ގެއިން ބޭރަށް ނުނިކުމޭ އެއްވެސް ވަރަކަށް. ކުރިއަށް ވުރެ ބޮޑަށް ބަދިގެފަރާތުންވެސް ފެނޭ" ސުމައްޔާ ވާހަކަދެއްކިއެވެ. އަލިޝްބާ ހީލިއެވެ.
"ކުރިއަށް އޮތްތަނުގައި ވާނީ ރަނގަޅު. އިބާއަށް އުޅެން އިނގުނިއްޔާ އޭނާއަށް ވުރެ އުފަލުގައި އުޅޭނެ އެއްވެސް އަންހެނަކު ނުހުންނާނެ. އެގޭ މީހުން ހާދަ ރަނގަޅޭ މަންމާ. އިބާއަށް ވަދެވެން އެ އުޅެނީ ދުނިޔެމަތީގެ ސުވަރުގެއެއް ކަހަލަ ތަނަކަށް" އަލިޝްބާ ވާހަކަދެއްކިއެވެ. "ހިތަށް އަރައި އެގެއަށް ދިޔުމަށްފަހު އިބާގެ އުޅުން ހުންނާނީ ކޮންގޮތަކަށްބާއޭ"
އަލިޝްބާ ފެނުމާއެކު ކުއްލިއަކަށް އަންބަރްގެ ކަންފަތާ ފޯނު ދުރުކޮށްލައިފިއެވެ. އޭނާގެ ދެލޮލުން ސިހުން ފެނި އަލިޝްބާގެ ނަޒަރު ތަފާތުވިއެވެ. ދެބުމަ ގޮށްޖެހިގެން ދިޔައިރު ހިތުގައި ސުވާލު އުފެދުނެވެ.
(ނުނިމޭ)