ވާހަކަ

ޖޫދް - 15

2

"ދާންވީނުން ފުލުހުންނަށް އަންގަން" ތަނުގެ ހަމަހިމޭންކަން ނަގާލީ އައިމަންއެވެ. އެއްވެސް މީހަކަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ދޮރުހުޅުވާލި އަޑު އިވިއްޖެއެވެ. އެއާއެކު އިށީނދެގެން ތިބި އެންމެން ކޮޅަށް ތެދުވެއްޖެއެވެ. ކުރިމަތީގައި ހާސްކަމެއްގައި ތިބި އާއިލާ މީހުން ފެނުމުން ކުރިއަށް ހިނގައިގަންނަން އަންބަރަށް ނުކެރުނެވެ. އެހެންވެ އެތެރެއަށް ވަންގޮތަށް އޭނާ މަޑުޖެހިގެން ހުއްޓެވެ. އެގޮތުގައިވީ އިރުކޮޅެވެ. ހަރުކޮށް ހިނގާލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ.

ސުމައްޔާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެހިނދު އަލިޝްބާ ސުމައްޔާގެ ކުރި ބެއްދިއެވެ.

"ނޫން މަންމާ. މިގަޑިއަކު ނޫން. އިބާ ހިއެއްނުވޭ ދެން މިރޭ ކޮޓަރިން ނިކުންނާނެ ހެނެއް. އެހެންވީމަ މަންމަ އާ ބައްޕަވެސް މިރޭ ދެން ހަމަޖެހިގެން ނިދާލާ" އަލިޝްބާ ބުންޏެވެ.

"އިބާ ހުރީ ވަރަށް ރޮއެފަ ކަންނޭނގެ. ދެކުނީމެއްނު އެމަންޖެ މޫނުމަތި ހުރިގޮތް" ސުމައްޔާ ބުންޏެވެ.

"މިރޭ މިހިނގާދިޔަ ކަންތަކާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކައިފިއްޔާ ރަނގަޅުވާނީ. ނޫންތަ ބައްޕާ"

"ރަނގަޅު. ލިބާ އެނބުނީ ތެދެއް ސުމޭ. ދަރިފުޅުމެން ދެން ދޭ ގެއަށް"

ކޮޓަރި ތެރެއަށް ފެތުރިފައިވަނީ ފަނޑު އަލިކަމެކެވެ. ޖައްސާފައި ހުރި އޭސީގެ އަޑުގެ ތެރެއަށް މަޑުމަޑު ގިސްލުމެއްގެ އަޑު ފެތުރެމުން ދިޔައެވެ. އިސާހިތަކު އެ އަޑު ގަދަވަމުން ގޮސް އެއްވަރެއްގައި ހިފަހައްޓާލައިފިއެވެ. ކޮޓަރިން ބޭރަށް އަޑު ބޭރުވިޔަ ނުދިނުމަށްޓަކައި ބާލީސް ތެރޭގައި އޭނަ މޫނު ފޮރުވިއެވެ. ހަނދާން ހުންނަން ފެށިއްސުރެ އޭނާ އެވަރަށް ކަމަކާ ދެރަވެގެން ރޮއެފައެއް ނެތެވެ. އެއް އަތުގައި އޮތް ފޯނުން ވާރިޝް އަށް ގުޅާފައި ކޯލު ނުކެނޑި އޮތެވެ. އެއްވެސް މީހަކު ވާހަކަނުދެއްކިޔަސް އަންބަރްގެ ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ.

"ކީއްވެ؟ ކީއްވެ މަޖުބޫރު ތިކުރަނީ؟ އިނގޭތަ ތިއެދެނީ ކިހާވަރެއްގެ ބޮޑު ކަމަކަށްކަން" ފޯނު ކަންފަތުގައި ޖަހާފައި އަންބަރް ބުނެލިއެވެ. އެކޮޅުން ވާރިޝް ބުނި ޖުމްލައެއްގެ ސަބަބުން ކަންނޭނގެއެވެ. ރުޅިއައިސްފައި އަންބަރް ފޯނު ކަނޑާލިއެވެ. ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެގިލާފައި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދެއަތުން ފޮހެލައިފިއެވެ. އަދިވެސް އޭނާ އިނީ ބޭރަށް ދިޔައިރު ލައިގެން ހުރި ހެދުމުގައެވެ.

"އަބަދުވެސް އަހަރެން ކީއްވެތަ ވާރު އެދޭހާ ގޮތަކަށް ކަންކަން ކުރަންވީ؟" އަމިއްލަ ހިތާ އަންބަރް ސުވާލު ކުރިއެވެ. ވާރިޝް އާ ބައްދަލުކޮށް ދެކެވުނު ވާހަކަތައް ހިތަށް އައުމުން އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. ވާރިޝް އެދުނު ފަދައިން ކަންތައްތައް ކުރެވޭނެކަމުގެ ޔަގީންކަމެއް އޭނާގެ ނެތެވެ.

ފަތިސް ނަމާދަށް ދާން ޖޫދާއި އައިމަންއަށް ނިކުމެވުނީ ދާދި އެކުއެކީގައެވެ. އެހެންކަމުން ދެ ސައިކަލުގައި ވަކިވަކިން ދިޔުމުގެ ބަދަލުގައި ދެކުދިން ދިޔައީ އައިމަންގެ ސައިކަލުގައެވެ. ބަންގި ގޮވިތާ މާގިނައިރު ނުވަނީސް ގޭ ކައިރީގައި ހުރި މިސްކިތަށް އެމީހުންނަށް އެރުނެވެ. ކުރީ ސަފުގައި ޖަމާޢަތުގައި ނަމާދުކޮށްލެވުމުގެ ހިތްހަމަޖެހުން ދެމީހުންނަށް ލިބުނެވެ. މިސްކިތުން ނިކުތްގޮަށް ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

"އިނގޭތަ ރޭގަ އަންބަރް ގެއަށް އައީ އެކެއްވެސް ޖެހިފަހުން" އައިމަން ބުންޏެވެ.

"އަހަރެން ތިކަމާ ވިސްނާ ވިސްނާ މިހާރު ބޮލުގަ ރިހުން ނުފިލާ. ހިތަށް އަރާ އަހަރެން ކިހިނެއްބާއޭ"

"ކޮންމެގޮތެއްވެސް ވާނީ އެކަލާނގެ އިރާދައިގައި އޮތް ގޮތަކަށް. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" އައިމަން ބުންޏެވެ. އިތުރަށް ޖޫދު ބަހެއް ނުކިޔައެވެ. ކޮންމެ ފަހަރަކު އައިމަން އޭނާ އަނގަ ބަންދުކުރަނީ އެފަދަ ކޮންމެވެސް ޖުމްލައަކުންނެވެ.

"ގޮތްދޫނުކުރުމުގެ ބައިވެސް ބޮޑީ" އައިމަން ބުންޏެވެ.

އޮފީހަށް ދާން ތައްޔާރުވެގެން ޖޫދު ނިކުތްއިރު ކާމޭޒު ކައިރީގައި އުޅުނީ ނީލަމް އެކަންޏެވެ. އަތުގައި އޮތް ލެޕްޓޮޕް ދަބަސް ސޯފާމަތީގައި ބާއްވާފައި އޭނާ މިސްރާބުޖެހީ އެދިމާލަށެވެ.

"މިއަންނަނީ ޒަހާއްތަ ގޮވައިގެން" ޖޫދަށް ހިނިތުންވުމެއް ދީފައި ނީލަމް ހިނގައިގަތެވެ.

"ނީލަމް ގޮސް ބަލާބަ ޖީ ރެޑީވެއްޖެތޯ. އަހަރެން އަންނާނަން މަންމަ ގޮވައިގެން" ޖޫދު ބުންޏެވެ.

ކުޑަކުޑަ ހިނދުުކޮޅެއްގެ ތެރޭގައި އާއިލާ ހުރިހާ މެންބަރުން ސައި މޭޒު ކައިރިއަށް ޖަމާވެއްޖެއެވެ.

"އަވަސްކުރޭ ޖީ. ވާރޭ އަންނަން އުޅެނީ ކަންނޭނގެ" ހުޅުވާފައި ހުރި ކުޑަދޮރުގެ ދޮރުފޮތިތައް ވަޔާ ދެފަރާތަށް ހެލެން ފެށުމުން ޖޫދު ބުންޏެވެ.

"މިއަންނަނީ ދަބަސް ހިފައިގެން" ކިރުތަށި ބޯލި ގޮތަށް ތެދުވެގެން ކޮޓަރި އާ ދިމާލަށް ޖިޔާ ހިނގައިގަތެވެ.

"މަންމާ، ކޮބާ ފަހުގެ ހަބަރަކީ" ޖޫދު އެހިއެވެ.

"ސުމައްޔާ ބުނި އިއްޔެގަ ހަބަރެއްވާނަމޭ. އެކަމަކު އަދި އެކަހަލަ ކަމެއްނެތް. މިއަދު މެންދުރުފަހު މަންމަ ގުޅާލާނަން" ޒަހާ ބުންޏެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ޖޫދު ޒަހާއަށް ބަލައިލިއެވެ.

"އެ އަންހެންކުއްޖާ މި ކައިވެންޏާ ދެކޮޅުވިއްޔާ ކިހިނެއް ހަދާނީ" ޖޫދު އެހިއެވެ.

"ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އެ އަންހެންކުއްޖާ ކައިވެންޏަށް ދެކޮޅުހަދާ ކައިވެނި ނުކުރެވިއްޖެނަމަ ވިސްނާ އެވެސް މިކަމުގައި ހެވެއް އޮވެގެން މެދުވެރިގޮތޭ. ދުނިޔެއިން އަންހެނުން ހުސްވީކީ ނޫނެއްނު" ޒަހާ ބުންޏެވެ.

"އޯއެމްޖީ... ދޮންބެ މެރީކުރަނީތަ؟" ދަބަސް ހިފައިގެން މޭޒު ކައިރީގައި ހުއްޓުނު ޖިޔާ ބުންޏެވެ. މޭޒުދޮށުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް އޭނާއަށް އިވިއްޖެއެވެ.

"ކީކޭ ތިކިޔަނީ. ހިނގާ ދާން. ހާދަ ބަރޭ މި ދަބަސް. މިއަށް ހިލަ އަޅައިގެންތަ ތިއައީ" ޖިޔާ އަތުގައި އޮތް ދަބަސް އުފުލައިލަމުން ޖޫދު ބުންޏެވެ. ތަންކޮޅު އޫ ކޮށްލަމުން ޖޫދު ފަހަތުން ޖިޔާ ހިނގައިގަތެވެ. ދެ ދަރިންގެ ހަރަކާތްތަކަށް ބަލަން ޒަހާ އިނީ ހިނިތުންވެލައިގެންނެވެ. އެ އުފާވެރި މާހައުލުގައި މޮޅި ސާލުން ސާލު ލައިގެން މީހަކު އިނެވެ. ނީލަމްއަށް އެމަންޒަރުތަކުން ލިބުނީ ހިތްދަތިކަމެކެވެ. ހަނދާނަނަށް އައީ އޭނާ ފިރިމީހާ އާ އެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ޖޫދު ގެ ނަން އަޑުއިވޭ ކޮންމެ ފަހަރަކު އޭނާ ހިތުގައި ރިއްސާލައެވެ.

ހެނދުނުގެ ނާސްތާއަށް ފަހު އަމިއްލަ ކަމެއްގައި ޙާތިމް ބޭރަށް ދިޔައެވެ. މޭޒު ކައިރިން ދުރަށް ނުގޮސް ސުމައްޔާ އިނީ ފިކުރެއްގައެެވެ. ރޭގައި ކޮޓަރިއަށް ވަންފަހުން އަންބަރްގެ އެއްވެސް ހަބަރެއް ނުވެއެވެ. ފަތިސް ނަމާދަށް ގޮވަން ކޮޓަރިއަށް ދިޔައިރު އެތެރެއިން ހުރީ ތަންޑު އަޅުވާފައެވެ. ގޭތެރެއިން އެއްވެސް މީހަކު އެތެރެއަށް ވަންނަން އަންބަރް ބޭނުންނުވާނަމަ އެގޮތަށް އެތެރެއިން ތަންޑު ނާޅުވާނެކަން ސުމައްޔާއަށް އިނގެއެވެ. ދެ ވިސްނުމެއްގައި އިނދެފައި އަންބަރަށް އެންމެ މީރު ވާނޭހެން ސޮސެޖް ބިސްގަނޑަކާއެކު ހޮޓް މައިލޯ ތައްޓެއް ތައްޔާރުކޮށްލައިގެން އޭނާ އަންބަރްގެ ކޮޓަރި އާ ދިމާލަށް ދިޔައެވެ. ހަގު ދަރިފުޅާ ދެކޮޅަށް ހަނގުރާމަ ކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އަބަދު ރުޅިއައިސްގެން ހަޅޭއްލެވެމުން ކިތަންމެ ޞާލިހު ދަރިއެއް ވިޔަސް ވާނީ ގޯހެވެ. އަމުދުން އަންބަރް ކަހަލަ ވިސްނުން ކިލަނބުވެފައިވާ ދަރިއަކަށް ހަޅޭއްލަވައިގެން ރަނގަޅު ނުކުރެވޭނެކަން ސުމައްޔާއަށް ވިސްނިއްޖެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ލޯތްބާ އޯގާތެރިކަންދީގެން ދަރިފުޅުގެ ފިޔަވަޅުތައް ސީދާކުރާށެވެ. ކައިރީގައި އިނދެގެން ލޯތްބާއެކު ވިސްނައިދޭށެވެ. މައެއްގެ އޯގާތެރި ފިރުމުންތަކަކީ ދަރިއަކަށް މައެއްގެ ހިތުގައި އެދަރިއަކަށް އޮތް ލޯބި އިހުސާސުވާނެ އެއް އަމަލެވެ.

ކޮޓަރީގެ ތަޅު ސުމައްޔާ އަނބުރާލީ ހުޅުވާފައި ހުންނާނެ ކަމަކަށް ނޫނެވެ. އެހެންނަމަވެސް ފަސޭހައިން ދޮރު ހުޅުވިގެން ދިޔުމާއެކު އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެތެރެއަށް ވަދެފައި ބަލައިލިއިރު އޭނާއަށް އެނދުގައި ނިދާފައި އޮތް އަންބަރް ފެނިއްޖެއެވެ. ގައިމަތީގައި އަޅާފައިވާ ރަޖާގަނޑުގެ ތެރެއިން ފެންނަން އޮތީ ހަމައެކަނި އަންބަރްގެ މޫނެވެ. ފާރުގައި ހުރި ސުވިޗު ޖައްސާލުމާއެކު މުޅި ކޮޓަރި ތެރެއަށް ހުދު އަލިކަމެއް ފެތުރިގެން ދިޔައެވެ. ނިދީގެ ފޮނި މީރުކަން އިހުސާސް ކުރަމުންދިޔަ އަންބަރުގެ ނިދި ހަލާކުކޮށްލަން ޖެހުމުން ސުމައްޔާގެ ހިތަށް އުނދަގުވިއެވެ. އެހެންނަމަވެސް ގަޑިން ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. އަންހެން ދަރިއަކު ގިނައިރުކޮށްފައި ނިދައި ހޭލުމަކީ އޭނާ ތަރުހީބުދޭ ކަމެއް ނޫނެވެ. އަންބަރްގެ އުޅުން އިސްލާހު ކުރުމަށް އޭނާ ހިތު އަޅައިގެން ހުރި ކަންކަން ކުރުމަށް ފަށައިގަންނަ ފުރަތަމަ ދުވަހަށްވާތީ އޭނާ ބޭނުންވީ އަންބަރްގެ ނިދި ހަލާކުކޮށްފައިވެސް އޭނާ ތަންމަތިން ނަގުވާށެވެ.

ފުން ނިދީގެ ތެރޭގައި އޮތް އަންބަރަށް ހޭލެވުނީ އޭނާގެ މޫނުގައި މީހަކު ބީހޭހެން ހީވުމުންނެވެ. ދެލޯ ހުޅުވާފައި ބަލައިލިތަނާ ކޮޓަރީގައި ފެތުރިފައިވާ ހުދު އަލި އެނާގެ ލޮލަށް އުނދަގު ކުރިއެވެ. އެހެންކަމުން ކައިރީގައި އިން ސުމައްޔާ ފުރަތަމަ އޭނާއަށް ނުފެނުނެވެ. ކަންނެތްކަމާއެކު ތެދުވެ ހެޑްބޯޑުގައި ލެގިލާފައި ރަނގަޅަށް ދެލޯ ހުޅުވާލިއިރު ކުރިމަތީގައި އިނީ ހީލައިގެން އިން މަންމަ ފެނިފައި އަންބަރްގެ މޫޑު ގޯސްވާން އުޅުނެވެ. އެހެންނަމަވެސް ހައިރާންކަން ލިބުނީ ސުމައްޔާގެ އަތުގައި ހުރި ތަބަކުގައި ހުރި ކާއެއްޗެހި ފެނިފައެވެ. އެ ހަދާފައި ހުރިގޮތުން އޭނާގެ ބަނޑަށް ހޫނު އަރައިގެން ދިޔައެވެ. އެތަކެތީގެ ރަހަ ބަލަން އޭނާ ހިތްއެދުނެވެ. އެހެންނަމަވެސް ގޮތުގައި ހިފަހައްޓަން އާދަވެފައި ހުރުމުން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

"ތި އެއްޗެހި ހިފައިގެން ތިއައީ އަޅުގަނޑު މެރީކުރަން ރުހޭނެ ކަމަށްތަ؟" މޫނު އަނބުރާލައިގެން އިނދެ އަންބަރް ބުންޏެވެ.

"ނޫން. އިތުރަށް އިބާ އާ ދެކޮޅަށް ވާހަކަދައްކަން މަންމަ ބޭނުމެއްނޫން. މަންމަ މިއައީ އަމާންދިން ވާހަކަ ބުނަންވެގެން" ސުމައްޔާ ބުންޏެވެ. އަންބަރް ހައިރާންވެފައި ސުމައްޔާގެ މޫނަށް ބަލައިލިއެވެ. މަންމަ ދެރަވެފައި އިންވަރު ފެނިފައި އަންބަރްގެ ހިތަށް ތަދުވެލިއެވެ. އިސްޖަހާލައިގެން އިން ސުމައްޔާގެ އަތުގައި އަންބަރް ހިފަހައްޓާލިއެވެ. އިސްއުފުލާލާފައި އަންބަރްގެ މޫނަށް ސުމައްޔާ ބަލައިލިއެވެ.

"މަންމަ ތިހެން ތިބުނީ މާ ލަހުން" އަންބަރް ބުންޏެވެ. އޭނާގެ އަޑުގައި މިހާރު އެއްވެސް ރުޅިވެރިކަމެއް ހިތްހަމަނުޖެހުމެއް ނެތެވެ. ސުމައްޔާގެ ހިތް މަޑު ކަފަކޮޅަކަށްވިއިރު އަންބަރްވެސް އިނީ ހަމަ އެފަދައިންނެވެ. ދެމައިންގެ މެދުގައި އުފެދުނު ކޯޅުންގަނޑު ނިމުމަކަށް އައިސްފައިވާ ކަހަލައެވެ.

"މަންމައަކަށް ނުވިސްނުނު" ސުމައްޔާ ބުންޏެވެ.

"މަންމަ އާ ބައްޕަ އަދި ދޮންތަ ބޭނުންވަނީ އަޅުގަނޑު މެރީކުރާކަށްނު. އަޅުގަނޑު އެއްބަސް" އަންބަރް ބުންޏެވެ. ސުމައްޔާގެ ތުންފަތަށް ހިނިތުންވުމެއް ހަމަ އެހިނދުގައި ވެރިވެއްޖެއެވެ. އެކަމަށް އެދިއެދި އިންވަރުން އެއީ އަނެއްކާ އޭނާއަށް އިވުނު ގޮތް ބާއޭ ހިތަށް އެރިއެވެ.

"އަދިއެއްފަހަރު ބުނެބަލަ. މަންމައަށް އިވުނު ގޮތްތަ؟" ސުމައްޔާ ބުންޏެވެ.

"މިބުނީ މެރީކުރާނަމޭ" އަންބަރް ބުންޏެވެ. ސުމައްޔާގެ ހިނިތުންވުން އޭނާގެ ދެލޮލާ ހަމައަށް ފޯރިއެވެ. އަންބަރްގެ މޫނުގެ ދެފަރާތުގައި ހިފާލާފައި ކައިރިއަށް ގެނެސް މޫނުގައި ބޮސްދިނެވެ. ވަގުތުގެ ބޭނުން ހިފައި އަންބަރްގެ އެ ނިންމުމުގެ ފަހަތުގައި އޭނާގެ އެއްވެސް މަޖުބޫރީއެއް ނެތްކަމުގައި އަންގަން ބޭނުންވިއެވެ.

"ތިގޮތަށް ތި ނިންމީ އިބާގެ އާއިލާގެ މީހުންގެ މަޖުބޫރު ކުރީމާތަ؟ ނޫނީ އަމިއްލަ އިޚްތިޔާރުގަތަ؟ އެހެންވިއްޔާ މަންމަ ބުނަން ބޭނުން މިކައިވެންޏަށް މިހާރު އިބާއަކަށް މަންމައާ ބައްޕަ ވެސް އަދި ދޮންތަގެ ވެސް މަޖުބޫރެއްނެތޭ" އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ. ސުމައްޔާގެ ކޮނޑުގައި ބޯއަޅާލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ.

"އާއިލާ އެއްވެސް މީހެއްގެ މަޖުބޫރުކޮށްގެނެއް ނޫން. އެހެންނޫނަސް އިބާއަކީ އާއިލާ ބުނާގޮތް ހަދާކަށް އެހާ ރަނގަޅު ކުއްޖެއްނޫން" އަންބަރް ބުންޏެވެ. ލޮލުން ވެއްޓުނު އުފާވެރިކަން ރަމްޒުކޮށްދޭ ކަރުނަތިއްކާއެކު ސުމައްޔާއަށް ހެވިއްޖެއެވެ.

ތުރުތުރު އަޅަމުން ދިޔަ ދެއަތުން މަރުވެފައިވާ މަސްގަނޑުގައި އަތްޖައްސާލާފައި އެހާ އަވަހަށް ދޫކޮށްލައިފިއެވެ. ހީވީ ގަނޑުފެން ގަނޑެއްގައި އަތްލެވުނު ހެންނެވެ. ދެލޮލުން ކަރުނަ އޮހިގަތީ އެއްވެސް އިންޒާރަކާ ނުލައެވެ. އުނގުމަތީގައި އޮތް މަރުވެފައިވާ މަސްގަނޑުގައި ދެ ފިރިހެނުން ހިފިއިރުވެސް އިނދެވުނީ ބަލަހައްޓައިގެންނެވެ. އޭނާ އޮތީ މަރުވެފައިކަން އިނގުނު ހިސާބުން ފެށިގެން އަންހެންކުއްޖާގެ ހުރިހާ ހިއްސުތަކެއް މަސައްކަތްކުރުން ހުއްޓާލި ކަހަލައެވެ. ދޮރާ ދިމާލަށް ދުއްވައިގަނެވުނީ ކުއްލިއަކަށެވެ. އޭރު މައްޔިތާ އެމްބިޔުލާންސަށް އަރުވައިފިއެވެ. މޮޔައެއް ފަދައިން ހަޅޭއްލަވައިގަނެވުނުތަނާ މަގުމައްޗަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ދެ އަންހެނަކު ގައިގައި ހިފަހައްޓައިފިއެވެ. މޫނުމައްޗަށް އަނދިރިކަން ވެރިވެގަނެގެން ދިޔުމާއެކު އަރިއަޅާލިއެވެ. އެ ދެ އަންހެނުން ހިފެހެއްޓިކަން އިނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ. އެހެންނަމަވެސް އެ ހަނދާންތައް އުނދަގުކުރަމުން ދިޔައެވެ. ހުވަފެނުން ހޭލަން މަސައްކަތް ކުރި ނަމަވެސް ސިކުނޑި އެއްބާރުލުން ނުދިނެވެ. ސުމައްޔާ ދިން އުފާވެރި ހަބަރު ސުމައްޔާއަށް ދިނުމަށްފަހު ނީލަމް އާ އެ ވާހަކަ ހިއްސާކުރަން އައި އަލިޝްބާގެ މޫނުމަތީގައިވި ހިތްހަމަޖެހުން ފިލައިގެން ދިޔައީ އެނދުގައި އޮތް ނީލަމްއަށް ވަމުން ދިޔަ ގޮތް ފެނުމުންނެވެ.

"އޭތް... ނީލޫ... ކިހިނެއްތިވަނީ؟" ދެފަރާތުން އެނދުގެ ބެޑްޝީޓް އަތަށް ބޮނޑިކޮށްގެން ދެފަރާތަށް ބޯ ހޫރަމުން ދިޔަ ނީލަމްއަށް ދެލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. އޮވެވުނީ އެނދުގައިކަން އިނގުމުން އޭނާ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. ހުވަފެނެއްކަން ހަނދާންވެފައި ދެކަކޫ ކުރުކޮށްލާފައި ބޯއެޅިއެވެ. ކުރިމަތީގައި އިން އަލިޝްބާއަށް ފާއިތުވި މަދު ވަގުތުކޮޅުގެ ތެރޭގައި އޭނާ އުޅެވުނު ގޮތް ފެނުނުކަން އިނގުމުން މާބޮޑަށް ލަދުގަތެވެ. އެހެންކަމުން އަލިޝްބާއަށް ނަޒަރު ހަމަކޮށް ބަލައިލަން އޭނާއަށް ނުކެރުނެވެ.

"ނީލޫ...، ބިރުވެރި ހުވަފެނެއް ފެނުނީތަ؟" ނީލަމްގެ އަތުގައި ފިރުމައިލަމުން އަލިޝްބާ އެހިއެވެ.

"އަހަރެން ވަރުބަލިވެއްޖެ ލިބާ. ވަރުބަލިވެއްޖެ. ހަނދާނުން ފޮހެލަން ވަރަށް މަސައްކަތް އެބަކުރަން. ދުވަހެއް ދުވަހަކަށް ހަނދާން ގަދަވަމުން ދަނީ. އަހަރެން ދެން ކިހިނެއް ހަދާނީ؟ ތަކުރާރުކޮށް އެއް ހުވަފެނެއް ފެންނަތާ މިހާރު އަހަރު ވަނީ" ކަކޫމަތިން ބޯހިއްލާލާފައި ނީލަމް ވާހަކަދެއްކިއެވެ. އެހިސާބުން ކަންތައްތައް ވަރަށް ސީރިޔަސްކަން އަލިޝްބާއަށް އިނގުނެވެ. އެހެން މީހުންގެ އެހީތެރިކަން ނީލަމްއަށް ބޭނުންވެއޭ އޭނާގެ ހިތް ބުނެލި ކަހަލައެވެ. އަލިޝްބާގެ މަގަތުގައި އިނދެފައި ތެދުވެގެން ގޮސް ހުޅުވާފައި ހުރި ކޮޓަރީގެ ދޮރު ލައްޕާލައިފިއެވެ. އޭނާ އައިސް ކުރިން އިށީނދެގެން އިންތަނުގައި އިށީނދެފައި ވަރަށް ފުން ނަޒަރަކުން އަލިޝްބާއަށް ބަލައިލިއެވެ.

"ކިހިނެއްވީ އަނެއްކާ"

އެނދުމަތީގައި ހުރި ހެދުންތައް ފަތްޖަހަން އިން ޒަހާ ބަލައިލީ ކޮޓަރި ދޮރުހުޅުވާލާފައި ވަން ޖޫދު ވާހަކަދެއްކި އަޑަށެވެ. ސްކޫލު ނިމުނު ގަޑިއަށް ޖިޔާ ބަލައިގޮސް ހުއްޓާ ޒަހާ ގުޅާފައި ވަރަށް އަވަހަށް ގެއަށް އައުމަށް އެދުމުން ޖޫދު ހީކުރީ ގޭތެރޭގައި ވަރަށް ބޮޑު ކަމެއް ހިނގީ ކަމަށެވެ. އެހެންނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށްހީއެއްކަން އިނގުނީ ޒަހާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނިފައެވެ.

"ޖިޔާ ކޮބާ؟" ޒަހާ އެހިއެވެ.

"ކޮޓަރިއަށް ހިނގައްޖެ. ފެންވަރައި ނަމާދުކޮށް ހަދައިގެން ކާން ނިކުންނާނަމޭ ބުނި. މަންމަ އެހާ އަވަހަށް އަންނަން ބުނީ ކިހިނެއްވެގެން" އެނދުގައި އިށީންނަމުން ޖޫދު އެހިއެވެ.

"ކައިވެނިކުރާނެ ދުވަހަކާ މެދު ކުޑަކޮށް ވާހަކަދައްކާލަން ކަމަށް" ޒަހާ ބުންޏެވެ.

"އޭނަ އެއްބަސްވީތަ؟" މަޑުމަޑުން ޖޫދު އެހިއެވެ. ޒަހާ ބޯޖަހާލިއެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ޖޫދަށް ނޭނގުނެވެ. ޔަގީނުންވެސް ހައިރާންކަމުގެ ކުލަވަރެއް އޭނާގެ މޫނުމަތިން ފާޅުވެލައިފިއެވެ. ޤަބޫލުކުރަންވެސް އޭނާއަށް ދަތިވިއެވެ. ހުޅަނގު ފަރާތުން އިރުއަރައިފިއޭ މީހަކު ބުންޏަސް އެއަށް ވުރެ ޤަބޫލުކުރަން އޭނާއަށް ފަސޭހަވީހެވެ.

"އަސްލުވެސްތަ؟" ޒަހާގެ ވާހަކަތަކަށް ޖަވާބެއް އޭނާއަށް ދެވުނީ އެތައް އިރެއް ފާއިތުވެގެން ދިޔަ ފަހުންނެވެ. އޭނާ ކައިރިއަށް ހިނިވެސް އައެވެ.

އެގޭ މީހުން ބުނި އަންބަރް ގޮވައިގެން އަންނާނަމޭ ވާހަކަދައްކާލަން. ދަރިފުޅުވެސް ވާނެ އިނގޭ ގޭގަ މަޑުކުރަން އެގަޑީގަ" ޒަހާ ބުންޏެވެ.

އުއްޑުން އެނދުގައި އޮތް ޖޫދަށް އަދިވެސް ޤަބޫލުކުރަން ދަތިވަނީއެވެ. މޮޔައެއްހެން ބައެއް ފަހަރު އޭނާއަށް ހެވެއެވެ. އަންބަރް އެހާ އަވަހަށް ބަލި ޤަބޫލުކުރީތީއެވެ. ހަމަ ހަގީގަތުގައިވެސް އަންބަރް ޤަބޫލުވެދާނެހެން އޭނާއަށް ހީނުވަނީއެވެ.

ކުރިމަތީގައި ކާން އިން އަންބަރަށް ބަލަހައްޓައިގެން ޙާތިމް އިނެވެ. އޭނާއަށް ފާހަގަކުރެވުނީ އެތައް އިރެއް ވީއިރުވެސް އަންބަރް އިސްއުފުލާ އޭނާއަށް ބަލައިލުނުލާ ކަމެވެ. މައިންބަފައިން އެދުނު ގޮތަށް ކައިވެންޏަށް އެއްބަސް ވިއިރު ކުރެވުނު ކަންތަކާ ބުނެވުނު ބަސްތަކުގެ އިތުރުން އަމަލުތައް ބެހެއްޓުނު ގޮތާމެދު މަޢާފަށް ނޭދޭތީ އެކަމާވެސް ޙާތިމް އިނީ ހިތުގައި ޖެހިފައެވެ. އެ ނިންމުމަކީ އެއްގޮތަކަށްވެސް އަންބަރްގެ ރުހުމުގައި ނިންމި ނިންމުމެއް ނޫން ކަމުގައި އެނާގެ ހިތް ބުނަމުން ދިޔައެވެ.

"ހާދަ މަދުން ތިކެއީ. އަދި ގެންނަންތަ؟" ތައްޓަށް ޖޫސް އަޅައިގެން އައިރު އަންބަރްގެ ތަށި ހުސްވެފައި ހުއްޓާ ފެނުމުން ސުމައްޔާ އެހިއެވެ.

"ނޫން. ނުކާނަން" އަންބަރް ބުންޏެވެ.

"ދަރިފުޅު ރަނގަޅުތަ؟" ކުރިއާ ބަލާފައި އަންބަރްގެ ކިބައިން ސުމައްޔާއަށް ފާހަގަވީ މަޑުމައިތިރި ކަމެކެވެ. އެގޮތް އެއްގޮތަކަށްވެސް އަންބަރަކާ ނުގުޅެއެވެ. އެހެންކަމުން ކަންބޮޑުވެފައި ސުމައްޔާއަށް ބަލައިލެވުނީ ޙާތިމްގެ މޫނަށެވެ.

"ހަވީރު ދޮންތަ ބުނި އަންނާނަމޭ" ސުމައްޔާ ބުންޏެވެ.

"މިދަނީ ކޮޓަރިއަށް މަންމާ" އަންބަރް ބުންޏެވެ.

އޭނާ ހިނގައިގަތުމާއެކު ޙާތިމް ލޮލުގައި އޮތް އައިނު ނަގާފައި ދެލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަތިކި އެއް އިނގިލިން ފޮހެލިއެވެ. އެމަންޒަރު ސުމައްޔާއަށް ފެނުމުން ތެދުވެގެން ގޮސް ޙާތިމް ކައިރީގައި ހުއްޓުނެވެ.

"އެއްގޮތަކަށްވެސް އަހަރެންނަކާ އަންބަރް ވާހަކައެއް ނުދައްކާ. އަހަރެންގެ ކުށަކީ ކޮބާ؟" ޙާތިމް ބުންޏެވެ. ފިރިމީހާ ހިތުގައި ޖެހިފައި އިންކަން އިނގުމުން ސުމައްޔާގެ ހިތުގައި ރިއްސާލިއެވެ. ބަހެއްނުކިޔާ ޙާތިމްގެ އިސްތަށިގަނޑުގައި ފިރުމަން އިނދެފައި ތެދުވެގެން އަންބަރްގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

"ވަރަށް ލޯބިވޭ. އަހަރެންނަށް އިނގޭ އަހަރެންނަށް ދެން އޭނަ ނުލިބޭނެކަން. އެ ހަޤީޤަތް އިނގޭއިރުވެސް އަހަރެންގެ ހިތުން ނުފިލާ. އަދި އަމުދުން ނުވެސްފިލާނެ" ރޮއެރޮއެފައި ނީލަމް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން އަލިޝްބާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނާ މެދުކުނޑުމެއްނެތި ނީލަމްގެ އަތުގައި ފިރުމަމުން ދިޔައެވެ.

"ކާކުތަ؟ ކާކުގެ ވާހަކަތިދައްކަނީ؟" އަލިޝްބާ އެހިއެވެ. ކަރުނަތައް ފުރި ބަންޑުންވަމުން ދިޔަ ދެލޮލުން ނީލަމް އަލިޝްބާއަށް ބަލައިލިއެވެ. އެދެލޮލުން އަލިޝްބާއަށް ފެނުނީ ނިމުމެއްނެތް ވޭނާ ކެކުޅުމެވެ. ނީލަމްގެ ދެލޮލުން އެތައް ވާހަކަތަކެއް ދައްކައިފިއެވެ. އެ އަންހެންކުއްޖާ އެކަނި އުފުލަމުން އެދާ ތަކުލީފުތައް ލުއިކޮށްދިނުމަށް އަލިޝްބާ އިނީ އިންތިހާއަށް ބޭނުންވެފައެވެ.

"އަހަރެންގެ މިވާހަކަތައް ކާކު އަހާނީ؟ ކާކަށް ކިޔައިދޭނީ؟ އަހަރެންނަކީ އެކަނިވެރިއެއް" ނީލަމް ކިޔަމުން ދިޔައެވެ.

"ތިހެން ނުބުނޭ މާތްﷲ މިދުނިޔެއަށް ފޮނުވާފައިވާ އެއްވެސް މަޚުލޫޤަކީ އެކަނިވެރިއެއް ނޫން. ދުނިޔޭގައި ގާތްތިމާގެ މީހަކު ނެތަސް އެމީހަކާއެކު އަބަދުވެސް އެކަލާނގެ ވާނެ. ކީރިތި ޤުރުއާނުގައި އެކަލާނގެ އަންގަވާފައިވޭ އެއްވެސް އަޅަކަށް އެ އަޅަކަށް ނުއުފުއްލެވޭ ވަރުގެ ތަކުލީފެއް ތިމަންރަސްކަލާނގެ ނުޖައްސަވަމޭ. ނީލުގެ ތިހުރިހާ ހިތާމަތަކާ ޝަކުވާތައް ހަތް އުޑު މަތިން އެކަލާނގެ ބައްލަވާވޮޑިގެންވޭ. ވަގުތު ޖެހުމާއެކު ތި ހުރިހާ ކަމަކަށް ނިމުން އަންނާނެ. އަހަރެމެންނަށް އޮތީ ކެތްތެރިވުން" ނީލަމްގެ ކަރުނަތައް ފޮހެދެމުން އަލިޝްބާ ވާހަކަދެއްކިއެވެ.

"ދެން ބުނެބަލަ ނީލުއަށް ތިވަރުގެ ހިތާމައެއް ދިނީ ކާކު؟ ބުނީމަ އަހަރެންނަށް ވެވުނު އެހީއެއްވެދޭނަން. ވައުދެއްމިވީ" އަލިޝްބާ ބުންޏެވެ. އަލިޝްބާއަށް ނީލަމް ބަލައިލުމާއެކު އަނެއްކާވެސް ނީލަމްގެ ކޯތާފަތް ތެންމާލީ ދެލޮލުން އޮހިގަތް ތާޒާ ކަރުނަތަކުންނެވެ.

"ޖޫދު.... އެއީ ޖޫދު. އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ" ނީލަމް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟