ވާހަކަ

ވާހަކަ: ދިން ނަޒަރުން ކުރުވި ވައުދު - 02

ސާފު ހުދު ކުލައިގެ ސިއްހަތު ރަނގަޅު ރީތި ބުޅަލެކެވެ. ފެހި ކުލައިގެ ދެލޯ ހުއްޓިފައި ހުރީ ސީދާ ޝިވާންގެ ލޮލަށެވެ. "ކަލޯ ބިރުގަތީތަ؟" ސައިކަލުން ފައިބައިގެން ގޮސް ޝިހާން ބުޅަލާ ދިމާލަށް ގުދުވެލިއެވެ.

"މިއާއޮ" އެ އަޑު އިވުނުހެން ހީވީ ވަރަށް ދުރުންނެވެ. އެއީ އެ ބުޅަލުގެ ގޮވުން ކަމަށް ވިޔަސް ޝިޔާނަށްވެސް އަދި ރާފިއުއަށްވެސް އިހުސާސްވީ އެ އަޑު އިވުނީ މާ ދުރުން ހެންނެވެ.

"ކަލޯ މި ފަޅު ހިސާބުގައި އެކަނި މާ އެކަނި ތިއުޅެނީޔޯ؟" ޝީވާންގެ ގާތް ރައްޓެއްސަކާ މުހާތަބު ކުރާ ކަހަލަ ރާގެއްގައި ބުޅަލާ ސުވާލުކުރިއެވެ.

"އޭހ ޝިވާ، ރޭގަނޑު ތިހެން ފެންނަ ބުޅާ ކަހަލަ އެއްޗިއްސާ ކުޅެ ވާހަކަ ދައްކާކަށް ނުވާނެ. އާދޭ ދާން" ރާފިއު އިނީ ހަގީގަތުގައިވެސް ބިރުގެންފައެވެ. ވަށައިގެން ވަނީ ކަޅު އަނދިރިކަމެވެ. ސައިކަލުގެ އިންޖީނުން އިވޭ އަޑު ނޫން އަޑެއް ނީވޭ ނަމަ އެއީ ގަސްތަކާއި ރުކުގެ ފަތްތައް ވަޔާ ހެލޭ އަޑެވެ. މުޅި ހިސާބުގައިވެސް ހުރީ ހަމައެކަނި އަލިކަމަކީ ނިވާނުލައި ހުރި ސައިކަލުގެ އައްޔެވެ.

"އަސްތާ ރާފިއު. މި އޮތީ މުޅިން ގޯސްވެފައެއްނު" ބުޅަލުގެ ކަނދުރާއާއި ދިމާލުން ޒަހަމުވެ ލޭ ކޮށިފައިވާ ތަން ފެނިފައި ޝިޔާން ކަންބޮޑުވެއްޖެއެވެ.

"ކަލޯ ބިޓަކާ ހެދި ތަޅައިގަތީދޯ" ޝިވާން ބުޅަލުގެ ބޮލުގައި ފިރުމާލަން ކަމަށް އަތްދިއްކޮށްލިއެވެ.

"މިއާއޮ" އެއްވެސް ވަރަކަށް ވިއްސާރައިގެ އަސަރެއްވެސް ނެތި އޮތް ރޭގަނޑެއް ނަމަވެސް ހަމަ ކުއްލިއަކަށް ވަރުގަދައަށް ވިދާލައިފިއެވެ. ބުޅަލުގެ ބޮލުގައި ޝީވާންގެ އިނގިލިތަކުގެ ކުރި ޖެހުނުކަން އޭނާއަށް އެނގުނެވެ. އެކަމަކު...

ވިދާލި ވިދުވަރުގެ އަލި ލޮލަށް އެޅުމާއެކު އޭނާއަށް ލޯމަރައިލެވުނީ ބޭއިހުތިޔާރުގައެވެ. ސިއްސައިގެން ދާ ކަހަލަ ގޮތެއް ވުމުން ބުޅަލުގެ ބޮލުގައި ފިރުމަން ދިއްކުރި އަތް ދަމައިގަނެވުނެވެ. ދެވަނަ ހިނދުކޮޅުގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ޝިވާން ލޯ ހުޅުވާލީ އަނެއްކާވެސް ބުޅަލުގެ ބޮލުގައި ފިރުމާލަން އަތް ދިއްކޮށްލަމުންނެވެ.

"ޝިވާ...އެ...އެ...ބުޅާ..." ރާފިއުގެ އަޑު ތުރުތުރުއަޅައެވެ. މަންޒަރު ރީއްޗަށް ފެނުނީ ރާފިއުއަށެވެ. "އޭތް ހިނގާ އަވަހަށް ދާން." ރާފިއު ބިރުގެންފައިވާ އަޑަކުން ހަޅޭއްލަވައިގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.

"އޭނ. ކޮބާ؟" ޝިވާނަށްވެސް ލިބުނީ ހައިރާންކަމެކެވެ.

"އެސޮރު ބިރުން ދުވެ ފިލީ ތޯއްޗެއް" ސައިކަލަށް އަރަމުން ޝިވާން ބުނެލިއެވެ.

"އާނ. ހިނގާބަލަ ދާން" ރާފިއުގެ އަޑުގައި އަދިވެސް ހުރީ ހާސްވުމާއި ބިރުގަތުމުގެ އަސަރެވެ. "ސައިކަލް އަނބުރާލައި، މާލެ ގޮސް އެއްޗެއް ގަންނާނީ" ރާފިއު އިތުރަށް ހިތަދޫއަށް ދާކަށް ބޭނުމެއް ނުވިއެވެ.

"އައްދެ ކޮން ކަމަކާ ތި ތުރުތުރު އަޅަނީ؟ ނުވަދިހަ އަހަރުގެ މުސްކުޅިއެއްހެން ގުޑުގުޑު އަޅަނީޔޯ؟" ޝިވާން ސައިކަލް ދުއްވާލުމުގެ ކުރިން ރާފިއުގެ ކުލަފަނޑު ވެފައިވާ މޫނަށް ބަލައިލިއެވެ. "ސާބަހޭ، ބިރުގަންނަ ވަރުގެ ކަމެއް ދިމާވީއެއްވެސް ނޫން. ފިނޑިވިޔަސް ތީ ފުކެއް ބޮޑުވަރު" ޝިވާން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކަންވެސް ބޭނުން ނުވި ކަހަލައެވެ. ފޫހި ގޮތެއް މޫނަށް ހަދައިލަމުން އޭނާ ސައިކަލު އަނބުރާލިއެވެ.

ގަމާ ހަމައަށް ދެވުނުއިރުވެސް ދެމީހުންގެ މެދަށް އޮތީ ހިމޭންކަމެއް ވެރިވެފައެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުމެއް ނެތި ސައިކަލުން ފައިބައިގެން ދެމީހުން އެއާޕޯޓުގެ ތެރެއަށް ވަދެގެން ދިޔައީ އެކަކު އަނެކަކަށް ބަލައިވެސް ނުލައެވެ.

ޝިވާންގެ މިޒާޖު ރަނގަޅަށް ދަންނަ ރާފިއުއަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ އެކައްޗެއްވެސް ނުބުނެ ދިމާވި ކަންތައްގަނޑު ހަނދާން ނެތެން ދެން ހިމޭނުން ހުރުންކަން އެނގޭތީ އެގޮތް ހިޔާރު ކުރި ނަމަވެސް މިރޭގެ ހާދިސާ ހަގީގަތުގައިވެސް އޭނާ ހާސްކުރުވައިފިއެވެ.

"ޝިވާގެ މަންމައަށް މިވާހަކަ ކިޔައިދޭން ޖެހޭނެ. އެއީ ރަނގަޅުކަމެއް ނޫންކަން ޔަގީން. މަންމަ ދައްކާފައި ހުރި ވާހަކަތައް މިހާރު ގަބޫލުކުރަން މަޖުބޫރުވީ." ރޭގެ ދަތުރަށް ތައްޔާރުވާން ހުރިއިރުވެސް ރާފިއުގެ ސިކުނޑިން އެ ހިޔާލުތަކެއް ނުފިލައެވެ. ހިތާހިތުން އޭނާއަށް އެކަމާ ބެހޭގޮތުން ދެން ހަދަންވީ ގޮތަކާ މެދު އެތައް ވާހަކައެއް ދެއްކުނެވެ. އެންމެ ފަހުން ޖީބުން ފޯން ނަގައިގެން ނަންބަރުތަކަކަށް ޑައިލްކޮށްލީ އިތުރަށް ހާސްވެ ކަންބޮޑުވާން ބޭނުން ނުވާތީއެވެ. ހަމައެހެންމެ މިއީ ޝިވާންގެ މަންމައަށް ކޮންމެހެންވެސް އަންގަންޖެހޭ ވާހަކައެއްކަން އޭނާއަށް އެނގޭތީވެސް މެއެވެ.

"ފަރީލައްތާ، ބިރުން އުޅުނު ކަންތައް ވެއްޖެ."

ފޯނުން ރާފިއު ވާހަކަ ދެއްކީ ޝިވާންގެ މަންމަ ފަރީލާއާއެވެ. ފާހާނާގައި ހުރި ޝިވާން ނުކުތުމުގެ ކުރިން އޭނާ ބޭނުންވީ އެ ކޯލު ނިންމާލުމަށް ކަމަށް ވާތީ އަވަސް އަވަހަކަށް ވިއްސަކަށް މިނެޓު ކުރިން ދިމާވި ކަންތަކުގެ ވާހަކަ ފަރީލާއަށް ކިޔައިދިނެވެ.

"މަގޭ ލޮލުން ދުށީމޭ ދައްތާ، އެއީ ބުޅަލެއް ނޫން. ޝިވާންގެ އަތް ޖެހުމާއެކު ވިދާލީ. ހީވީ ދެލޯ އަނދިރިކޮށްލިހެން. ވިދުވަރުގެ އަލިކަމުގެ ތެރެއަށް އަރައިގެން ދިޔައީ އެއީ ބުޅަލެއް ނޫން. އަހަރެން ހަމަ ރަނގަޅަށްވެސް ދުށިން." ރާފިއުއަށް ރޮވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

"ދައްތާ، ދައްތަ ބުނީ ތެދެއް. މިހާރު މަވެސް ގަބޫލުކޮށްފިން. ދެން. ދެން ކިހިނެއް ހަދާނީ....."

ނުހަނު ރީތި ތަނަވަސް ކޮޓަރި ތެރޭގައިވާ ކޮންމެ އެއްޗެއްވެސް ބުނެދެނީ ގޭގެ ވެރިޔާގެ މުއްސަނދިކަމާއި ފޯރުންތެރި ކަމުގެ އިތުރުން ތަހުޒީބު ފިކުރާއި ޒަމާނީ ވިސްނުމާއެކު ތަރައްގީވެފައިވާ ހިޔާލުތަކެއްގެ ވެރިއެއްގެ ވާހަކައެވެ. އިންތިހާއަށް ރީތި ނިދާ ކޮޓަރި ފަޅު ފިލުވާލެވިފައިވަނީ ސާމަރާ ދޫނި ސިފަކޮށްދޭ ނިދާ އެނދަކުންނެވެ. ހުވަފެނީ އާލަމެއް އިހުސާސްކޮށްދޭ ހިތްގައިމު ކޮޓަރީގެ މަޑު ދޫލަ މަތީގައި ދެކޮޅަށް ފިޔަވަޅު އަޅަމުން ދިޔަ ފަރީލާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމާ ހާސްކަމެވެ. އެއާ ކޮންޑިޝަންގެ އިތުރަށް ފުލްކޮށްފައިވާ ފަންކާގެ ފިޔަތަކުން ޖެހެމުންދާ ވަޔާއި ގަނޑުކުރުވާ ފިނީގެ އެއްވެސް އަސަރެއް އޭނާއަށް ނުކުރާ ކަހަލައެވެ. އެ ފިނީގައިވެސް އޭނާގެ ނިތްކުރިން ދަލުގެ އަސަރު ފެންނަން ހުއްޓެވެ.

އަތުގައި އޮތް ފޯނަށް ފަރީލާ ބަލައިލިއެވެ. ދާދި ދެންމެއަކު އޭނާގެ މޭގެ އެތިކޮޅާ ބެހޭގޮތުން އެ އިވުނު ވާހަކަ އޭނާ ރަނގަޅަށްވެސް ހާސްކުރުވައިފިއެވެ.

ޝިވާނަކީ ފަރީލާގެ ހިތާއި ފުރާނައިގެ ހަމަޖެހުމެވެ. އިންތިހާއަށް ލޯބިވާ ފިރިމީހާގެ ދިރިހުރި ހަމައެކަނި ހަނދާނަކީ ޝިވާނެވެ. އޭނާގެ ރީތި ކަމާއި ޒުވާންކަން އެމީހަކަށްޓަކައި ހުސްކުރެވިފައިވާ ލޮބުވެތި މަރުހޫމު ފިރިމީހާގެ ލޯބީގެ ނިޝާނަކީ އޭނާގެ މުޅި ދުނިޔެއެވެ. އެއްވެސް ކަމަކުން ޝިވާނަށް އުނިވެދާނެތީ އޭނާ އަބަދުވެސް ފާރަވެ ސަމާލުވެއެވެ. ރާއްޖޭގައި ނަން ހިނގާ މަޝްހޫރު ފޯރުންތެރި އާއިލާއަކަށް ނިސްބަތްވުމުގެ އިތުރުން ސާޖިދުގެ އަނތްބަކަށް ވުމުން ހައިބަތު އިތުރުވެ ފަރީލާ ވެގެންދިޔައީ ޝާހީ ހާންދާނެއްގެ ވާރިސް ހޯދައިދިން ފަހުރުވެރި ޅީ ދަރިއަކަށެވެ. ސާޖިދު ނިޔާވިއިރު ފަރީލާއަކީ ޒުވާން އަންހެނެކެވެ. ޝިވާންގެ އުމުރުން އޮތީ ބާވީހަކަށް އަހަރަށް އަޅާފައި ކަމަށްވިޔަސް ފަރީލާގެ ރީތި ކަމާއި ޝާއްބަކަން ކުރިއަށްވުރެ މާ ފުރިހަމައެވެ. ދެވަނަ ކައިވެންޏެއް ކުރުމަށް އެއްވެސް ހުރަހެއް ފަރީލާއަކަށް ނެތެވެ. ޒުވާން ދަރިފުޅުވެސް އެދުނީ މަންމަގެ އުމުރު އެގޮތުގައި ނަގައިނުލުމަށެވެ. އެކަމަކު ފަރީލާއަކަށް ސާޖިދު ފަދަ ދެވަނައެއް ނެތެވެ. އިތުރު ކައިވެންޏެއް ކުރުމުގެ ބަދަލުގައި ފަރީލާ ހިޔާރު ކުރީ ސާޖިދުގެ ހަނދާނުގައި އެ ލޯބީގައި އުމުރުގެ ބާކީ އޮތް ދުވަސްތައް ދަރިފުޅުގެ މުސްތަގުބަލު އުޖާލާކޮށް އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލަކާއި މޮޅެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ހޭދަކުރުމަށެވެ.

"ފަރީލާއްތަ، ބިރުން އުޅުނު ކަންތައް ވެއްޖެ" ފާރިއުގެ ބަސްތައް ފަރީލާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

"އޭނާ އެނބުރި އައީ، ދެން ކިހިނެއް ހަދާނީ؟ ޔާ ﷲ.."

ފަރީލާގެ ހިތް ހީވީ ފިތުނުހެންނެވެ. ލޯމަރާ ބާރުކޮށްލުމާއެކު ތުންފަތުގައި ދަތް އަޅައިލެވުނެވެ. އެސްފިޔަތައް ތެންމަމުން އޭނާގެ ކޯތާފަތް މަތިން ތިރިއަށް ފޭބި ކަރުނަތިކި އިނގިލިން ފޮހެލަމުން ހިންދިއުރުވައިލިއެވެ.

"އެހެނެއް ނުވާނެ. އެހެންވިޔަކަ ނުދޭނަން. މަގޭ ދަރިފުޅު އެ ޝައިތާނާއަކަށް ނުގެންދެވޭނެ. އަޅުވެތި ނުކުރެވޭނެ. އަދި މަރެއް ނުވެއޭ" ލޯ ހުޅުވާލުމާއެކު ފަރީލާ އެއް އަތުގެ އިނގިލިތަކުގެ ތެރެއަށް އަނެއް އަތުގެ އިނގިލިތައް މަހާލިއެވެ. އަޒުމުގައި އޭނާ ހަރުދަނާ ވެލިއެވެ. މައިވަންތަ ކަމުގެ އިހުސާސް އޭނާގެ ހިތް ގަދަފަދަ ކޮށްލިއެވެ.

(ނުނިމޭ)