"ވަޓް؟" އަންބަރަށް ހީވީ އޭނާގެ އެތެރެހަށީގައި ނުބައި ވިހައެއްގެ އަސަރު ދައުރުވެލިހެންނެވެ. އޭނާއަށް ފުންމައިގެން އެނދުންވެސް ތެދުވެއްޖެއެވެ. އޭނާގެ ދެ ކޮނޑުގައި އަލިޝްބާ ހިފާލަން އުޅުނު ވަގުތު ކުއްލިއަކަށް ފަހަތަށް ޖެހިލައިފިއެވެ.
"އިބާ؟" އަލިޝްބާ ގޮވާލިއެވެ. ޤަބޫލުނުކުރެވިފައި ހުރެ އަންބަރް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.
"ނޫން. ނޫން. އަޅުގަނޑު ކައިވެންޏެއް ނޫޅެން ކުރަން. ނުކުރާނަން. އަމުދުން ތިބުނި މީހާ އާ ނުކުރާނަން" އަންބަރް ކިޔަމުން ދިޔައެވެ.
"ހަމަޖެހިބަލަ. އާދެބަލަ މިތާ އިށީންނަން" ފަހަތަށް ޖެހެމުންދިޔަ އަންބަރް އަތުގައި ހިފައި އެނދާ ގާތަށް ދަމާލާފައި އަލިޝްބާ ބުންޏެވެ. ހިތްހަމަނުޖެހުމެއްގައި ހުއްޓަސް އަންބަރް އަލިޝްބާ އެދުނު ފަދައިން އެނދުގައި އިށީނދެއްޖެއެވެ.
"ވިސްނާލަބަލަ ކޮއްކޯ. ޖޫދަކީ ވަރަށް ރަނގަޅު ކުއްޖެއް. އިބާ މިހާރު ބޮޑުވެފަ ތިހެރީ. ދުވަހަކުވެސް ކުޑައެއް ދެނެއް ނުވާނެ. ތި ކުޑަކުދިންގެ ވިސްނުންތައް ދޫކޮށްލާފައި ތަންކޮޅެއް ހަރުދަނާވާން ވެއްޖެ. ކައިވެންޏެއް ކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެންފެށީމަ ޖޫދުދެކެ ލޯބިވެސްވެވޭނެ"
ޗި. ދުވަހަކުވެސް ނުވެވޭނެ. ނުވެސްވާނަން. އައި ހޭޓް އެމީހާގަނޑު. އެހެންނޫނަސް އަޅުގަނޑު މީހަކާ އިންނާކަށް ނުވިސްނަން. ޕްލީޒް ދޮންތާ ތިކަހަލަ ވާހަކަނުދައްކަބަލަ" އަންބަރް ވާހަކަދެއްކިއެވެ. ފަހު ޖުމްލައާއެކު އާދެހުގެ ބެލުމަކުން އަލިޝްބާއަށް އޭނާ ބަލައިލާފައި އަލިޝްބާގެ ދެއަތުގައި ހިފާލައިފިއެވެ.
"ކޮބާ ހީވޭ. އޭނައަށް ވިސްނައިދޭން އުޅުމެކޭ އެއާޕޯޓެއްގައި އިނދެ އާގު ބޯޓަކަށް އިންތިޒާރުކުރުމޭ ވާނީ އެއްވަރު. އެވެސް ބޭކާރު ކަމެއް. ތިވެސް ބޭކާރު ކަމެއް. މަންމަ ނުބުނަންތަ؟" ދެކުދިންގެ ވާހަކަތައް އަހަން ބޭރުގައި ހުރި ސުމައްޔާއަށް ކެތެއްނުވިއެވެ. އޭނާ އެތެރެއަށް ދެމިގަތީ އެއް އަތުގައި ޚާތިމް ހިފަހައްޓައިގެން ހުއްޓައެވެ.
"މަންމާ،" އަލިޝްބާ ގޮވާލިއެވެ. ސުމައްޔާ ބަލައިލުމާއެކު ލޮލުގެ އިޝާރާތުން އެއްޗެއް ނުބުނުމަށް އެންގިއެވެ.
"އޯވް. އެންމެން އެކައްޗެކޭ ކިޔައިގެން އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުކުރަން ދޯ ތިއުޅެނީ؟" ކުއްލިއަކަށް އެނދުން ތެދުވެފައި އަންބަރް ބުނެލިއެވެ.
އަލިޝްބާ އާއި ސުމައްޔާ އަދި ޙާތިމް އެކަކު އަނެކަކަށް ބަލައިލިއެވެ. މަންމައާއި ބައްޕަގެ ހިތުގައި ޖެހޭނެވަރު އެވަގުތު އަލިޝްބާއަށް އަންދާޒާކޮށްލެވުނެވެ.
"ހީވަނީ އަޅުގަނޑު މިގޭގަ ހުރެގެން ބަޔަކަށް އުނދަގުވެގެން އުޅޭހެން. ހިނގައިދާނަން މިގެއިން. އުޅޭނެ ތަނެއް ނެތިގެނެއް ނޫން މިއުޅެނީކީ" އަންބަރް ކިޔަމުން ދިޔައެވެ. ދުލަށް އައުމާއެކު އެބަސްތައް އަންބަރް ދިޔައީ ބޭރުކުރަމުންނެވެ.
"އިބާ، ކީކޭ ތިކިޔަނީ؟ މިތަނުގައި ތިބީ އިބާގެ ދުޝްމިނުންނެއް ނޫނޭ. އިބާއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ގުރުބާންކުރަން ތައްޔަރަށް ތިބި މީހުން މިއީ. ކޮންކަހަލަ ވިސްނުމެއްތަ ތިހުންނަނީ؟ މަންމަމެން ބޭނުމިއްޔާ އިބާއަށް މަޖުބޫރުވެސް ކުރެވޭނެ. އެކަމަކު އެމީހުން އެހެން ނަހަދައެއްނު. މި ކައިވެންޏަކީ އިބާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ކައިވެންޏެއް. ޖަންނަތާ ދިމާލަށް އިބާއަށް އެޅޭނެ ފުރަތަމަ ފިޔަވަޅު" ރުޅި އިސްނުކޮށް އަލިޝްބާ ބެލީ އަންބަރަށް ވިސްނައިދެވޭތޯއެވެ. އެހެންކަމުން ދުރުގައި ހުރި އަންބަރް ކައިރިއަށް ޖެހިލާފައި ދެއަތުން އަންބަރްގެ ކޮނޑުގައި ހިފަހައްޓާލައިފިއެވެ.
"ދެން ހެޔޮ" އަލިޝްބާގެ ދެއަތް ދުރަށް ފޮޅުވައިލަމުން އަންބަރް ބުންޏެވެ. "ދޮންތަވެސް ތިމަސައްކަތްކުރީ ފެންދީފަ އަޅުގަނޑުގެ ކަރު ބުރިކުރަން" ކަރުނަ ފުރިގެން ބަނޑުންވަމުން ދިޔަ ދެލޮލުން އަލިޝްބާއަށް ބަލަހައްޓައިގެން ހުރެ އަންބަރް ބުންޏެވެ. "އެހެންވެގެނެއްނު އެންމެ ފުރަތަމަ އައިސް ލޯބިން އަތުން ލަވާފަ ކާންދިނީ" އަންބަރް ރޯން ފެށިއެވެ.
މެންދުރުފަހު އަލިޝްބާއަށް ސުމައްޔާ ގުޅިއެވެ. އަންބަރް ގެއިން ނިކުމެގެން ކޮންމެސް ތަނަކަށް ދިޔަ ވާހަކަ ބުންޏެވެ. ވާހަކަދެއްކުމުން އަނގައިން ނުބުނި ކަމުގައިވެސް ބުންޏެވެ.
"މަންމައަށް ހީވަނީ ކުރިއަށް ވުރެވެސް ދުރުވެއްޖެހެން" އަސަރާއެކު ސުމައްޔާ ބުންޏެވެ.
"އަޅާނުލާ. އިބާއަށް ޖެހޭނީ މިކައިވެނި ކުރަން. އައިމަން ގެއަށް އައިމަ އަދި ދާނަން ތިގެއަށް. ވާހަކަދައްކާނަން އިބާ އާ" އަލިޝްބާ ބުންޏެވެ. "މަންމަ ދެން ތިވަރަށް ނުވިސްނަބަލަ. ތިގޮތަށް ރޮއެރޮއެފަ އުޅެންވެއްޖިއްޔާ މަންމަ އާ ބައްޕަ މާބޮޑަށް ބަލިވެދާނެ"
ކޮޓަރީގައި އޮތް ރިކްޒާ ކުއްލިއަކަށް ދޮރުހުޅުވާލާފައި ކޮޓަރިން ނިކުތީ މީހަކު ހަޅޭއްލަވައިގަތް އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ގޭތެރޭގެ ދެފަރާތަށް ބަލައިލުމަށްފަހު އޭނާ ދުއްވައިގަތީ ބަދިގެ އާ ދިމާލަށެވެ. އަޑު އައީ އެދިމާލުންނެވެ. އޭރު ކޮންމެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެމުންދިޔައެވެ.
"މަންމާ" ބަދިގޭ ކެބިނެޓް މަތީގައި ކުރުކަކޫ ޖަހައިގެން އިން ސީނާ ފެނި ރިކްޒާ ގޮވާލިއެވެ. ސީނާ އަވަސް އަވަހަށް ރިކޒާއަށް ބަލައިލިއރު އޭނާގެ ދެލޮލުގައި ބިރާއި ސިހުން އެކުލެވިގެން ވިއެވެ.
"މަންމަ ތަ އަޑުގަދަކުރީ. ކިހިނެއްވީ؟ ކީއްވެ ތިތަނުގަ ތިއިނީ" ރިކްޒާ ހުރިހާ ސުވާލެއް ކުރިއެވެ.
"ކަލެއަށް ބޭރަށް ނިކުމެވިއްޖެ ދޯ ކޮޓަރިން" ރީތިކޮށް ބަހެއް ބުނަން ސީނާއަށް ނޭނގޭ ކަހަލައެވެ. "ދެންވެސް ބަލަން ނުހުރެ ދޭބަލަ އެހެރެ ކުޑަދޮރު ލައްޕަން" ހަރުކަށި ކަމާއެކު ސީނާ ބުންޏެވެ. ސީނާއަށް ބަލަމުން ކަހަލަ ގޮތަކަށް ރިކްޒާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. އެވަގުތު ޖެހިގެން ހުރި ގޭގެ ބެލްކަނީގައި އޮތް ފުށްގަނޑެއް ފަދަ ހުދު ބުޅާ ފެނި އޭނާގެ ހިތުގައި ލޯބި އުތުރި އަައިގަތެވެ. "ވޯއު... ބިއުޓިފުލް" އޭތި އޮތީ ކަޅިޖަހާނުލާ ރިކްޒާއަށް ބަލަހައްޓައިގެންނެވެ. އެސޮރު ބަލަހައްޓައިގެން އޮތުމުން އަންނާށޭ ބުނާ ކަހަލަ ގޮތަކަށް ދެއަތް ދިއްކޮށްލިއެވެ. އެމަންޒަރު ސީނާއަށް ފެނުމުން ދެކޮޅު ހޯދާލާފައި އަތުޖެހޭ ހިސާބުގައި އޮތް ސަމްސަލެއް ރިކްޒާ އާ ދިމާލަށް އެއްލިއެވެ. ނަސީބަކުން ސަމްސާ ޖެހުނީ ކުޑަދޮރުގެ ތަޅުގައެވެ. އިވިގެން ދިޔަ އަޑާއެކު ރިކްޒާ ދިޔައީ ސިއްސައިގެންނެވެ.
"ހަމަ ތެދެއް މިބުނީ. އެ ބުޅާގަނޑު މިގެއަށް ވައްދައިފިއްޔާ ކަލޭ މިގެއިން ބޭރުކުރާނަން" ރިކްޒާ ބަލައިލުމާއެކު ސީނާ ބުންޏެވެ. ރިކްޒާ ހިނިއައެވެ. ކުޑަކުޑަ ބުޅަލެއް ދެކެ މަންމަ ބިރުގަތްވަރު ހިތަށް އަރާފައި އޭނާއަށް މަޖާވިއެވެ. މަންމަ ބިރުގަންނުވަން އެކުވެރިޔަކު އަތުން ބުޅަލެއް ގެންނަންވީއޭ ހިތަށް އެރިއެވެ.
"ދެން މަންމަވެސް އުޅޭ ގޮތެއް. މަންމަ ތިއޮށް ބޮޑުމީހާ ކުޑަކުޑަ ބުޅަލެއް ދެކެ ބިރުންނޭ ތިއުޅެނީ" ކުޑަދޮރު ލައްޕާފައި ބަދިގެއިން ނިކުންނަމުން ރިކްޒާ ބުންޏެވެ.
"ތިއެއް އިނގުނިސް މިހެންލާފަ ކުރަތްޕެއް ހުރަސް ކުރިނަމަ"
ގޭޓުން އެތެރެއަށް ވަންއިރު އަންބަރް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ކުރިއަށް ވުރެ ބޮޑަށް ވާރޭ ބޯކޮށްފިއެވެ. އަތުގައި އޮތް ދަބަސް ބޯމަތީގައި ބާއްވައިގެން އޭނާ އައިސް ލިފްޓަށް އެރިއެވެ. އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް ފެންތައް ފޮޅަމުން ދަނިކޮށް ކޮންމެސް މީހަކު ލިފްޓަށް އެރިކަން އިނގުނެވެ. އެމީހަކުވެސް ހުރީ އަންބަރް ފަދައިން ތެމިފައެވެ. ދެކުދިންގެ ނަޒަރު ބައްދަލުވުމާއެކު އަންބަރްގެ މޫނުމަތި ރުޅިން ފޯވިއެވެ. އަތުގައި އޮތް ދަބަހަށް ބާރުކޮށްލެވުނެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ގޮތުން ކަތުރު ކަށިގަނޑަށް ތަދުވިއެވެ. އޭނާގެ ދެލޮލުގެ ތެރޭގައި އަނދަމުންދިޔަ ރުޅިވެރިކަން ފެނި ޖޫދަށް އިސްއޮބާލެވުނެވެ.
"ކަލެއަށް މިއޮށްބޮޑު ދުނިޔެއިން އަހަރެން ނޫން އެހެން އަންހެނެއް ނުފެނުނީތަ؟" އެންމެފަހުން އަންބަރްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޖޫދަށް ތުނބުޅީގައި އަތްހިންގައިލެވުނީ ދެލޯ ކުޑަކޮށްލަމުންނެވެ.
"އަދި ފާޑަކަށް އެބަ ބަލައެއްނު. ހީވަނީ ވަޅަކުން އަރައިގެން ހުރި މީހެއްހެން" އަންބަރް ބުންޏެވެ. ލިފްޓުގެ ދެވަނަ ބަޔަށް ހުއްޓުމާއެކު ޖޫދަށް ދެލޯ އަޅާފައި އަންބަރް ލިފްޓުން ނިކުތެވެ.
"އޭތް. ސޮރީ... އަންބަރް" ފުރަތަމަ ފަހަރަށް އަންބަރަށް ޖޫދު ގޮވާލިއެވެ. ފަސްއެނބުރި އަންބަރް ބަލައިލިއެވެ. އެހެންނަމަވެސް އޭނާގެ ދެލޮލުގައިވި ނަފްރަތު ހަމަ އެގޮތުގައެވެ. އެ ދެލޮލުން ފާޅުވަމުން ދިޔަ އަލިފާނުން ޖޫދު ފިއްސާލަން އުޅުނު ކަހަލައެވެ.
"ކައިވެންޏަށް ދެކޮޅު ހެދުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އެކަމަކު ތިޔަ ކަމަނައަށް އެބައޮތް" ޖޫދު ބުންޏެވެ. އަންބަރަށް ހީވީ ކަންފަތްމަތީގައި މީހަކު ބާރު އެތަފަހަރެއް އެޅި ހެންނެވެ. އޭނާއަށް ހަމަ ވިސްނުން ލިބި އެއްޗެއް ބުނެވެން ވާއިރަށް ލިފްޓް ލެއްޕިއްޖެއެވެ. ރުޅިއައިވަރުން މުށިތަކުގެ މަތީގައި އެއް ފައިން ބާރަށް ޖަހައި އޮށްބާލުމަށްފަހު އޭނާ ހިނގައިގަތެވެ.
"ސީރިޔަސްލީ އިބާ. ތިގޭ މީހުން ހާދަ ފޭކޭ ދޯ. އަހަރެންގެ މަންމައަކީ ވެސް ސްޓްރިކްޓް މީހެއް. އެކަމަކު ދުވަހަކުވެސް ތިހާ ކަޓު ކަމެއް އަހަރެން ލައްވާ ނުކުރުވާނެ" ފޮނިވެފައި އިން ރިކްޒާ ބުންޏެވެ. ރިކްޒާގެ އެ ޖުމްލައިން އަންބަރްގެ ހިތުގައި އޭނާގެ އާއިލާ އާ މެދު އޮތް ރުޅިވެރިކަމާ ފޫހިކަން އިތުރުވިއެވެ.
"ދެން އިބާ ކުރާނީތަ؟ އެހެންނޫނަސް އަޅެ އޭނަ ނޫން މީހަކު ނަމަތާ. ރީތިވެސް މީހެއްނޫން. ހިކި އިލޮށްޓެއްހެން ހުންނަ މީހެއް. ކިރިޔާ ވައިކޮޅެއް ޖެހިލާއިރަށް ޖައްވަށް އަރައިގެންދާނެ. ހެހެހެ..." ރިކްޒާއަށް މަޖާވިއެވެ.
"އަހަރެން ކުރާނެތަ؟ އަހަރެން މިއީ ދޮންތައެއް ނޫން. އަހަރެން މީހަކާ އިންނަންޏާ އިންނާނީ ހަމައެކަނި ވާރު އާ. ވާރު ޤަބޫލުވެއްޖިއްޔާ އަހަރެން މިހިރީ އަނެއްކާވެސް ވާރު އާ އެކު ފިލައިގެންދާން ތައްޔާރަށް" އަންބަރް ބުންޏެވެ. އޭނާގެ ސިކުނޑީގައި ވަނީ ގެއިން ފިލައިގެންދާ ވިސްނުމެވެ. އޭނާއަށް މީހަކު އެހީވެއްޖެނަމަ އޭނާ އެނބުރި ގެއަށް ދާން ބޭނުމެއް ނުވާނެއެވެ.
"ރިކް، އަހަރެންނަށް ދެ ދުވަސް ވަރު ވަންދެން މިގޭގަ މަޑުކުރެވިދާނެތަ؟ ޕްރޮމިސް. އަހަރެން މިކޮޓަރިން ނުނިކުމެ ހުރެދާނަން. ގެއަށް ދާކަށް ބޭނުމެއްނޫން" ރިކްޒާގެ އަތުގައި ހިފައިލަމުން އަންބަރް ބުންޏެވެ.
"އަޅޭ ސޮރީ އިބާ. މަންމަ އަހަރެން ރޮލާ ކާނެ. އަހަރެން ކިހިނެއް އިބާ ބަހައްޓާނީ. އެކަމަކު އަހަރެން އިބާއަށް ވަރަށް ސަޕޯޓްކުރާނަން ތިކަން ކުރަން. ވާރިޝްއަށް ގުޅައިގެން ދޭ. ގެސްޓްހައުސްތައްވެސް އެހެރީނު" ރިކްޒާ ވާހަކަދެއްކިއެވެ.
"އަހަރެން ކިހާ ވަރަކަށް ވާރުއަށް ގުޅަންވީ. ނުނަގައޭ ފޯނު"
"އަދި ގުޅާބަލަ" ނީލަމް އެހެން ބުނިއިރު އަލިޝްބާގެ ދެލޮލުން ބޮޑު ކަރުނަ ގުޅައެއް ވެއްޓިއްޖެއެވެ. ދެކުދިން ވާހަކަދައްކަން ތިބީ ޖޫދުމެން ބައިގެ ބެލްކަނީގައެވެ. ވަގުތުގެ ގޮތުން ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ.
"އަހަރެން ހިއެއް ނުކުރަން އަހަރެން ގުޅީމަ އިބާ ފޯނު ނުނަގާ ހުރެދާނެ ކަމަކަށް. ވަރަށް ދެރަވެއްޖެ" އަލިޝްބާ ބުންޏެވެ. އަތުގައި އޮތް ފޯނުން އަދިވެސް އޭނާ ދިޔައީ އަންބަރަށް ގުޅަމުންނެވެ. އަނެއްކޮޅުން އަންބަރްގެ ހަބަރެއް ނުވާތީ ސުމައްޔާއާއި ޙާތިމްވެސް އިރުކޮޅަކާ ގުޅައެވެ. ހަދާނެގޮތެއް، މައިންބަފައިންނަށް ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނެވެ. ވާހަކަދެއްކުމުގެ ތެރެއިން އަލިޝްބާ އަތުގައި އޮތް ފޯނުން ގުޅަމުން ދިޔައިރު ފެންނަން އިން އަންބަރްގެ ފޮޓޯ ނީލަމްގެ ލޮލުގައި އަޅައިގަތެވެ. އެ ސޫރައަކީ އޭނާއަށް ބީރައްޓެހި ސޫރައެއް ނޫނޭ ހިތް ބުނެލިއެވެ.
"އެއީތަ އިބާ އަކީ؟" ނާހަން އިނދެފައިވެސް ނީލަމް އެހިއެވެ. އެންމެ ފުރަތަމަ ގޭތެރެއިން އެ ނަން އަޑު އިވުނު ދުވަހުވެސް އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ އެއީ އެ އަންހެންކުއްޖާ ހެއްޔެވެ؟
"މިއީ އަހަރެންގެ ކޮއްކޮ. ނީލުއަށް އަހަރެން ކައިވެނި ކުރެވުނު ދުވަހު ފެނިފަ ހުންނާނީ" ފޯނުން އަންބަރްގެ ފޮޓޮއެއް ދައްކައިލަމުން އަލިޝްބާ ބުންޏެވެ. ނީލަމް އެ ފޮޓޮއަށް ބަލައިލިއެވެ. ނީލަމް މޫނުން ތަފާތު ކުލަވަރެއް ފާޅުވެލިއެވެ. އެއީ ހަމަ އެ އަންހެންކުއްޖާއެވެ. އޭނާގެ އުފާވެރި ހަޔާތަށް އެޅިގެން ދިޔަ ހިޔަންޏެވެ. އޭނާ ހަނދާންވިއެވެ. އަލިޝްބާ ކައިވެނި ކުރި ދުވަހު އެ ސޫރަ ފެނުނު ހަނދާނެވެ. އެއްވެސް ކަމަކަށް މާބޮޑު ޝައުގުވެރިކަމެއް އޭރުގައި ނުހުންނާތީ އޭނާ ކައިވެނީގެ މާހައުލުގައި ބައިވެރިނުވެ ވަގުތު ހޭދަކުރީ ޖޫދުގެ ބައިގައެވެ. އެކަމަކު އަނެއްކާވެސް މާޒީ އިއާދަވާން އުޅޭހެން އޭނާއަށް ހީވާން ފަށައިފިއެވެ. އަނެއްކާވެސް އަންބަރް އަންނަން އުޅެނީ އެނާ އަމިއްލަ އާއިލާ ފަދައިން ލޯބިވާ ބައެއްގެ ތެރެއަށެެވެ. މިފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކަވެސް އެތައް ގުޅުމެއް ކެނޑިގެންދާނީ ހެއްޔެވެ؟ ކުއްލިއަކަށް އޭނާގެ ސިކުނޑީގައި ތަމްސީލުވެގެން ދިޔައީ މާޒީގެ ތެރެއިން ދުވަހެކެވެ.
"ނުހުރެވޭނެ. އަހަރެންގެ އަތުން ދޫކޮށްލާ. އަހަރެން މިގޭގަ ހުރިއްޔާ އެގޭމީހުން އިބާ ހޯދަމުން މިހިސާބަށް އަންނާނެ. ފުލުހުންވެސް ގެންނާނެ. އަހަރެންނަށް މިވަގުތު މުހިންމީ އިބާ"
"ދަންނަންތަ؟" ފޮޓޮއަށް ބަލަން ގެއްލިފައި އިންދާ އަލިޝްބާ އަހައިލިއެވެ. ނީލަމްއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ހަމަ އެވަގުތުގައެވެ. އަލިޝްބާ ބުނި އެއްޗެއް ސާފުނުވި ނަމަވެސް އޭނާ ދެފަރާތަށް ބޯ ހޫރާލައިފިއެވެ.
ހަމަ އެރޭ ދިހައެއް ޖަހަން އުޅެނިކޮށް އަލިޝްބާ ސުމައްޔާއަށް ގުޅިއެވެ. އަންބަރްގެ އެއްވެސް ހަބަރެއް ނުވާކަމަށް ބުންޏެވެ.
"އެކަމަކު މަންމަ މާބޮޑަށް ފިކުރު ނުކުރައްޗޭ" އޭނާ އެވާހަކަދެއްކީ އަންބަރް ފެނޭތޯ ރަށުތެރެ ބަލަން ނިކުމެ ގޭ ދޮރާށި ކައިރީގައި ހުރެފައެވެ. އޭނާ މަޑުކޮށްލައިގެން ހުރީ އައިމަން އަންނަނީ އޭ ބުނުމުންނެވެ. އެހެން ހުރިއިރުވެސް އަލިކަމަށް ވުރެ ބޮޑަށް އަނދިރިކަން ފެތުރިފައިވާ މަގުގެ ދެފަރާތަށް އޭނާގެ ދެލޮލުގެ ކަޅި ދަތުރުކުރަމުން ދިޔައެވެ.
ކުއްލިއަކަށް ސައިކަލެއް އައިސް އޭނާގެ ކުރިމައްޗަށް މަޑުކޮށްލައިފިއެވެ. ސައިކަލުގައި އައިމަން އިންއިރު ފަހަތުގައި ޖޫދު އިނެވެ.
"ޖޫދު ބުނެފި އަންބަރް ފެނުނު ވާހަކަ" ސައިކަލުގެ ލައިޓް އޮފްކޮށް އިންޖީނު ނިއްވާލަމުން އައިމަން ބުންޏެވެ.
"ކޮންތާކުން؟ ކިހާއިރަކު؟" އަލިޝްބާ އެހިއެވެ.
"ހަވީރު. މިގޭތެރެއިން. ލިފްޓުން. އަހަރެމެން ދެމީހުންނަށް އެއްކޮށް ލިފްޓަށް އެރުނީ. ހުރީވެސް ކޮންމެސް ވަރަކަށް ތެމިފަ. އަހަރެން ހީކުރީ އޭނާ އައީ ލިބާ އާ ބައްދަލުކުރަން ކަމަށް" ޖޫދު ވާހަކަދެއްކިއެވެ. ލިފްޓު ތެރޭގައި ދެމީހުން ދެމެދުގައި ދެކެވުނު ވާހަކަތައް އޭނާ ކިޔައިނުދެއެވެ. ހަމަ އެގޮތަށް ރުޅިއައިސްގެން އަންބަރް ގެއިން ނިކުމެގެން އެ އުޅެނީ ކައިވެނީގެ ވާހަކަތައް އިވުނު ހިސާބުން ކަމެއް އެމީހުން ޖޫދު ކައިރީގައި ނުބުނެއެވެ.
"މިގެއަށޭ. ގައިމުން އަހަރެން ކައިރިއަށް ނާދޭ. ފޯނަށް ގުޅުނަސް ނުއެއްނަގާ. ރިކްޒާ. ރިކްޒާ އުޅެނީ މަތީގަ ތަ؟" ކުއްލިއަކަށް އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް އަލިޝްބާ އެހިއެވެ.
"ވެދާނެ. އަހަރެން އެއްދުވަހު ދެކުނިން ރިކްޒާ އާއެކު އައިތަން" ޖޫދު ބުންޏެވެ.
ތިން މީހުން ހިނގާފައި ގޮސް އެރީ ލިފްޓަށެވެ. ތިންވަނަ ބުރިއަށް ފިތާލުމަށްފަހު އެކަކު އަނެކަކަށް ތިން މީހުން ނަޒަރު ބަދަލުކޮށްލިއެވެ. ލިފްޓު ހުއްޓުމާއެކު ފެންނަން ހުރި ދޮރާ ދިމާލަށް އަލިޝްބާ އާ އައިމަން ހިނގައިގަތެވެ. ޖޫދު ލަސްފިޔަވަޅުތަކެއް އަޅާފައި އެންމެ ފަހުން ހުއްޓިއްޖެއެވެ. ދޮރުހުޅުވޭ ހިސާބުން އޭނާއަށް ސީނާގެ ރުޅިވެރި ބަސްތައް އަމާޒުވާނެއެވެ. އެހެންކަމުން އޭނާ ކުރިއަށް ނުދިޔައެވެ.
"ކީއްކުރާ ބައެއް. ކަލޭމެން ކޯޗެއް ހޯދަން މިބަޔަށް ތިއައީ؟" ދޮރުމަތީގައި ހުރި އަލިޝްބާ އާ އައިމަންއަށް ބަލައިލަމުން ސީނާ ބުންޏެވެ. ސިޓިންގރޫމުން ޓީވީގެ އަޑު އިވެމުން ދިޔައެވެ.
"ރިކް...ރިކްޒާ އެބަ އުޅުއްވާތޯ" އަލިޝްބާ އެހިއެވެ.
"އޭނަ ހޯދަނީ ކީއްކުރަން؟" ސީނާ ބުންޏެވެ. ދުރުގައި މަޑުކޮށްލައިގެން ހުރި ޖޫދު ސީނާއަށް ފެނުނީ އަލިޝްބާ އާ އައިމަންގެ ދޭތެރެއިންނެވެ.
"ކަލޭ ފޮނުވި ބައެއް ދޯ މިއީ. ކޯޗެއް ހޯދަން. އެހެރަ ފެންނަ ފިރިހެނާ ބުނެގެން ކަލޭމެން ތިއައީ ޖާސޫސު ކުރަން ދޯ" ސީނާ ހަޅޭއްލަވައިގަތެވެ. ނޭނގޭކަމަށް ހަދާފައި ޖީބުން ނެގި ފޯނު ޖޫދު ކަންފަތުގައި ޖެހިއެވެ.
"އަހަރެމެން މިއައީ އަހަރެމެންގެ ކޮއްކޮ ހޯދަން. ހަވީރު މިބައިން ރިކްޒާ އާ ބައްދަލުކުރިކަމަށް މައުލޫމާތު ލިބޭ. ގެއަށް ނާންނާތީ. ރިކްޒާ އާ ވާހަކަދެއްކުމުގެ ފުރުސަތު ނުދީފިއްޔާ ޖެހޭނީ މިތަނަށް ފުލުހުން ގެންނަން" އައިމަން ވާހަކަދެއްކީ ސީނާއަކީ ކޮންކަހަލަ މީހެއްކަން އިނގޭތީ އޭނާ ބިރުގަންނުވާ އުސޫލުންނެވެ.
"ފުލުހުންނަށް ވަކި ކީއްކުރެވޭނީ. ފުލުހުންނެއް ނޫނޭ މިތަން ތާހިރުކޮށް ބަލަހައްޓަނީ. ފުލުހުންނެއް ނޫނޭ އަހަރެމެންނަށް ކާންދެނީ. ފުލުހުންނަކަށް ނޫނޭ އަހަރެންނާ އަހަރެންގެ ދަރި ބައްދަލުކުރަންވީ ކާކު ކަމާ ނުކުރަންވީ ކާކާ ކަން އިނގެންވީ. އަދި ބުނެފިއެއްނު ފުލުހުން ގެންނާނަމޭ. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ކޮން އުނދަގުލެއްތަ ތިކުރަނީ؟ އަހަރެންނަށް އިނގޭ އެހެރަ އިންނާނެ މީހަކު ނުވެފަ ހުރި ފިރިހެނާ ބުނެގެން ކަލޭމެން ރާވައިގެން އަހަރެންނަށް ޖެއްސުންކުރަން ކުރާކަމެއްކަން ތިއީ؟" ސީނާގެ އަޑު އަލިޝްބާ ހީކުރި ވަރަށް ވުރެ ބާރެވެ. ސީނާ ކިޔާލި އެއްޗިހިން އޭނާ ހުރީ ހައިރާންެފައެވެ. ހަޔާތުގައިވެސް އެކަހަލަ މީހަކާ އޭނާ އަދި ދިމާނުވެއެވެ. ޖޫދަށް ނިސްބަތްކޮށް ދުލުން ބޭރުކުރި ޖުމްލަތަކުން އަލިޝްބާ ސީނާދެކެ ފޫހިވިއެވެ. ސީނާއަކީ ޖޫދުގެ ބޮޑުދައިތަކަން އައިމަންގެ ފަރާތުން ކޮންމެވެސް ވަރަކަށް އޭނާއަށް ވަނީ އިނގިފައެވެ.
"ފުލުހުންނަށް ކުރެވެނީ ކޮންކަމެއް ކަމާ ނުކުރެވެނީ ކޮންކަމެއް ކަން މިފަހަރު އިނގޭނެ. ބަލާނަން ކާކުތޯ ކުޑަގޮޅީގަ މިފަހަރު އޮންނަނީ. ބަލާނަން ބިޑި އެޅުވީމަ ކާކުގެ އަތަށް ތޯ ތަދުވަނީ؟" ޖީބުގައި އޮތް ފޯނު ނަގާފައި އައިމަން ފޯނާ ކުޅެން ފެށިއެވެ.
ހިންދިރުވާލާފައި ސީނާއަށް ހުރެވުނީ އައިމަންއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިިޔައެވެ. އިރުކޮަޅަކުން ނިކަން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފިއެވެ.
"ރިކްޒާ ދޯ. އެބައޮތް ކޮޓަރީގަ. އާދޭ އެތެރެއަށް. ދައްތަ ސަމާސާކޮށްލީ އޭ" ބޮަޑަށް ދޮރުހުޅުވާލާފައި ސީނާ ބުންޏެވެ. ކުއްލިއަކަށް ސީނާއަށް އެއައި ބަދަލުން ތިންމީހުންނަށްވެސް ހެވުނެވެ.
"ހަމަ ތެދެއް މިބުނީ. ހަވީރު އައިސް ކުޑަކޮށް ވާހަކަދައްކާލާފަ ތަނަކަށް ދާންވެގެނޭ ކިޔާފަ ދިޔައީ. ވާރޭ ވެހޭތީ މިގެއިން ކުޑައެއްވެސް ހިފައިގެން ދިޔައީ. އެފަހުން އަހަރެންނަށް ނުގުޅާ" ކޮޓަރި ދޮރުމަތީގައި ހުރި ރިކްޒާ ބުންޏެވެ. އައިމަން އާ އަލިޝްބާ އެކަކު އަނެކަކަށް ބަލައިލާފައި ސީނާ އާ ރިކްޒާއަށް ޝުކުރުއަދާކުރިއެވެ. އެގޭތެރޭގައި އަންބަރް ފޮރުވައިގެން އުޅެނީއޭ ބުނެ ބަޔަކަށް އިނގިލި ދިއްކުރަން ދެމަފިރިން ބޭނުމެއް ނުވިއެވެ. އަލިޝްބާގެ މޫނުގައި ވަށާލާފައިވަނީ މާޔޫސީގެ ކުލަވަރެވެ.
"ހިނގާ ރަށުތެރެ ކުޑަކޮށް ދުއްވާލަން" އަނބިމީހާގެ ކޮނޑުގައި ހިފައި ކައިރިކޮށްލަމުން އައިމަން ބުންޏެވެ.
"ބޯހަރު އަންހެންކުއްޖެއް. އަހަރެން ކިހިނެއް އޭނާ އާ އިނދެގެން އުޅޭނީ" އަލިޝްބާ އާ އައިމަން ލިފްޓަށް އެރި މަންޒަރު ބަލަން ހުރެފައި ޖޫދު އަމިއްލަ ނަފްސަށް ބުނެލިއެވެ.
ގަޑިން ދަންވަރު އެކެއް ޖަހައި ބޮޑުވެއްޖެއެވެ. ސޯފާގައި ސުމައްޔާއާއި ޙާތިމްގެ އިތުުން އަލިޝްބާ އަދި އައިމަން އިނެވެ. އެއިން އެއްވެސް މީހެއްގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އެއްވެސް މީހަކު އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. މައިންބަފައިން ފިކުރުގެ ކަނޑަކަށް ގެނބެމުން ދަނިކޮށް ގޭގައި އޮވެ ނިދަން އަލިޝްބާ ބޭނުންނުވީއެވެ. އަންބަރްގެ ހަބަރެއް ވަންދެން އޭނާ ބޭނުންވީ ގޭގައި މަޑުކުރާށެވެ.
"ދާންވީނުން ފުލުހުންނަށް އަންގަން" ތަނުގެ ހަމަހިމޭންކަން ނަގާލީ އައިމަންއެވެ. އެއްވެސް މީހަކަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ދޮރުހުޅުވާލި އަޑު އިވިއްޖެއެވެ. އެއާއެކު އިށީނދެގެން ތިބި އެންމެން ކޮޅަށް ތެދުވެއްޖެއެވެ. ކުރިމަތީގައި ހާސްކަމެއްގައި ތިބި އާއިލާ މީހުން ފެނުމުން ކުރިއަށް ހިނގައިގަންނަން އަންބަރަށް ނުކެރުނެވެ. އެހެންވެ އެތެރެއަށް ވަންގޮތަށް އޭނާ މަޑުޖެހިގެން ހުއްޓެވެ. އެގޮތުގައިވީ އިރުކޮޅެވެ. ހަރުކޮށް ހިނގާލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ.