ވާހަކަ

ޖޫދު - 13

5

ތޭރަވަނަ ބައި

"ތިކަމުގައި ގޮތެއް ނިންމުމުގެ ކުރިން އަހަރެން އެމަންޖެގެ މައިންބަފައިންނާ ބައްދަލުކުރަން ބޭނުން" ޒަހާ ބުންޏެވެ.

ދޮރުކައިރީގައި ހުރިހާ ވާހަކަތަކެއް އަޑުއަހަން ހުރި ޖޫދު ދެލޯމަރާ ބާރުކޮށްލިއެވެ. އޭނައަށްޓަކައި މަންމަ ހޯދި ބައިވެރިޔާއަކީ އަންބަރް ހެއްޔެވެ؟ އައިމަން ދެއްކި ވާހަކަތައް ހަޤީޤތަކަށް ވާން އުޅެނީ ހެއްޔެވެ؟ ޖޫދުގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.

މަޑުމަޑުން ހިނގާލާފައި ކޮޓަރިއަށް ވަދެގެން ގޮސް ޖޫދަށް އެނދުގައި އިށީނދެވިއްޖެއެވެ. ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލާފައި ހާސްކަމާއެކު ފުން ނޭވާއެއް ލައިފިއެވެ. ދެން ފަހަތުން ގެންގޮސް އެނދުގައި ދެއަތް ވިއްދާލާފައި ހަށިގަނޑު ފަހަތަށް ޖައްސާލިއެވެ. މައްޗަށް މޫނު އުފުލާލިގޮތަށް ދެލޯ މަރާލައިފިއެވެ. އެކޮޓަރި ކައިރިއަށް އޭނާ ދިޔައީ ކޮންމެހެން ޝަމްސު އާ ޒަހާ ދައްކަމުންދިޔަ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައެއް ނޫނެވެ. އެހެންނަމަވެސް އެހުރިހާ ވާހަކަތަކެއް އޭނާއަށް އަޑުއިވިއްޖެއެވެ. އޭނާގެ ދިރިއުޅުމުގެ ބައިވެރިޔާ ކަނޑައެޅިއްޖެއެވެ. ކުރާނެކަމެއް ނެތެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިޔަކާ މެދު ނުބައި ނިންމުމެއް ނުނިންމާނެއެވެ. އެ ކައިވެންޏަށް ނޫނެކޭ ބުނެ މަންމަގެ އެދުމަށް ދެކޮޅުހަދާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ހުރިހާކަމެއް ހެއްދެވިފަރާތާ ވަކީލެވެ.

އަނެއް ދުވަހު ޝަމްސުގެ އެދުމަށް އެގެއަށް ސުމައްޔާ އާއި ހާތިމް އައެވެ. ދެމަފިރިން ސޯފާގައި ތިބިއިރު ކައިރީގައި އަލިޝްބާވެސް އިނެވެ. އިރުކޮޅަކުން ޒަހާ ގޮވައިގެން އެބަޔަށް އައިސް ވަނީ ނީލަމްއެވެ. ވާނުވާއެއް އޭނާއަށް ނޭނގެއެވެ. އެނގެނީ ދެ އާއިލާ މެދުގައި މުހިންމު ނިންމުމެއް ނިންމަން ވާހަކަދެކެވެން އުޅެން އުޅޭ ކަމެވެ. ލޮލުގެ އިޝާރާތުން އަލިޝްބާއަށް ނީލަމް ވެގެން އުޅޭގޮތެއް އެހިއެވެ. އަތުން އިޝާރާތްކޮށްލާފައި އަލިޝްބާ އެންގީ އަދި މަޑުކޮށްލުމަށެވެ. ފަހުން ހުރިހާ ކަމެއް އިނގޭނެ ކަމަށެވެ. ނީލަމް ހިނިތުންވެލާފައި ގޮނޑި ކައިރިކޮށްލީ ޝަމްސު އިން ދިމާލުންނެވެ.

ފުރަތަމަ ނަޒަރުންވެސް ސުމައްޔާގެ މޫނުމަތީގައި ވި ކަންބޮޑުވުން ޒަހާއަށް ފާހަގަވިއެވެ. އޭނާގެ މޫނަށް ނުބަލަން އުޅޭ ފަދަ އަސަރުތަކެއް ސުމައްޔާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރަންޖެހޭ ވަގުތެއްކަން އިނގި ހަޤީޤަތާ ކުރިމަތިލާން ނިންމިއެވެ.

"އަހަރެން މިއީ ޖޫދުގެ މަންމަ" ވާހަކަ ފަށަމުން ޒަހާ ބުންޏެވެ. ސުމައްޔާއާއި ހާތިމް ހީލިއެވެ.

"އަހަރެމެންގެ ދެ ދަރިންގެ ކައިވެންޏެއް ކުރެވެންޏާ ދައްކަންޖެހޭ ވަރަށް ބައިވަރު ވާހަކަތައް ހުންނާނެކަމަށް ބެލެވެނީ. އަހަރެން އަދި ޖޫދު ކައިރީގައި އެއްވެސް ވާހަކައެއް ނުދައްކަން. އަހަރެންނަށް ޔަގީން އަހަރެން ބުނެފިއްޔާ މިގުޅުމަށް ޖޫދު ނޫން ބަހެއް ނުބުނާނެކަން. އެކަމަކު..."

ކުއްލިއަކަށް ފެނުނީ ސުމައްޔާ ތެދުވެގެން ގޮސް ޒަހާ އިށީނދެގެން އިން ގޮނޑީގެ ދެއަތް ގަނޑުގައި ހިފަހައްޓައިލަމުން ކުރުފައި މައްޗަށް އިށިންތަނެވެ.

"ކޮންމެ މަޔަކީވެސް އެމީހެއްގެ ދަރިންނާ މެދު ވަރަށް ފޮނި އުންމީދުތަކެއް ކުރަމުން އަންނާނެ މީހެއް. އެގޮތުން އަހަރެންވެސް އަހަރެންގެ ތިބި ދެ ދަރިންނާމެދު ވަރަށް ބޮޑެތި އުންމީދުތަކެއް ކުރެވޭ. އަހަރެން މިއަދު ދެރަވޭ އެއްދަރިފުޅު ޞާލިހު ދަރިއަކަށްވިއިރު އަނެއް ދަރިފުޅު..." ސުމައްޔާއަށް ރޮވިއްޖެއެވެ. މަންމަގެ އެ ހަރަކާތައް ފެނި އަލިޝްބާ ދެރަވެއްޖެއެވެ. އޭނާގެ ގާތުގައި ހިތްވަރަކަށް އައިމަން ނެތްނަމަ ސުމައްޔާ އެތަނުން ނެގިތާ ކިތަންމެ އިރެކެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު އޭނާއަށް އިނދެވުނީ ލޯބިވާ މަންމައަށް ބަލަހައްޓައިގެންނެވެ. ހާތިމް އިސްޖަހާލައިގެން އިންއިރު އޭނާގެ ހިތުގެ ހާލު ވަށައިގެންވި ހުރިހާ އެއްޗަކަށް ސިއްރުކުރަން އުޅޭ ކަހަލައެވެ.

"އަންބަރަކީ އަހަރެންގެ ހަގު ދަރިފުޅު. އެދަރިފުޅު އެދިރިއުޅުން އިހްތިޔާޜުކުރީ އަހަރެމެންގެ ދެމަފިރިންގެ ސަބަބުން. އަހަރެމެންނަށް މާބޮޑަށް މިނިވަންކަން ދެވުނީ. ދުވަހެއް ދުވަހަކަށް އެކުއްޖާގެ ދިރިއުޅުން ދަނީ ގޯސްވަމުން. އަހަރެން މިގުޅުމަށް އާއެނކޭ ބުނަންވެސް ލަދުގަނޭ. އަންބަރް ކަހަލަ ކުއްޖަކާ އެމީހެއްގެ ދަރިއެއްގެ ކައިވެނި ކުރުވަން އެއްވެސް މީހަކު ބޭނުމެއްނުވާނެ. އެކަމަކު އަހަރެން ސަލާންޖަހަން..."ދެއަތް ޒަހާ އާ ދިމާލަށް އުފުލައިލަމުން ސުމައްޔާ ބުނެލިއެވެ. ޒަހާއަށް މޭގައި އަތްއަޅައިލެވުނެވެ. ހަޤީޤަތުގައި ސުމައްޔާ އާ ހުރިހާ ވާހަކަތަކެއް ދައްކަން އައީ އޭނާއެވެ. އެކަމަކު ހުރިހާ ވާހަކަތަކެއް ދައްކަނީ ސުމައްޔާއެވެ. އޭނާއަށް މޭގައި އަތްއަޅައިލެވިއްޖެއެވެ. ނިންމަންވީ ކޮންގޮތަކަށް ހެއްޔެވެ؟

"އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ. ވެއްޓެން އުޅޭ އަނދަވަޅުން ދުވަހަކުވެސް އަރައިގަނެވޭނެކަމެއް ނޭނގޭ. އަހަރެންގެ ދަރިފުޅު ވަނީ މަގު ގެއްލިފައި. ގާނޫނީގޮތުން ބޮޑުނުވަނީސް ފިރިހެނަކާއެކު މައިންބަފައިންނަށް ފިލައިގެން ގޮސް އެމީހާ އާ އިނދެއްޖެ. އަހަރެމެންނަށް އެއްވެސް ކަމެއް ނުކުރެވުނު. ހުރިހާ ކަމެއް ހިނގައިދިޔައީ އެހާ އަވަހަށް. އެކަމަކު އެމީހާ ރަނގަޅު ނޫންވީމަ އެނބުރި އައިސް މަޢާފަށްއެދުނު. ހީކުރެވުނު ރަނގަޅުވީއޭ. ހެޔޮވިސްނުން ވިސްނުނީއޭ. އެކަމަކު އެހެނެއްނުވި. އެކުއްޖާ ވަނީ މަގުއޮޅިފައި. އަހަރެމެންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްގެން ނޫނީ އެކުއްޖާ ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ބަދަލުކޮށްދީ. ހެޔޮނުވާނެ" ސުމައްޔާ އަސަރާއެކު ވާހަކަދެއްކިއެވެ. އެވަގުތު ސުމައްޔާގެ ދެކޮނޑުގައި ޒަހާ އަތްޖައްސާލިއެވެ. އޭނާ އަލިޝްބާއަށް ބަލައިލަމުން އިޝާރާތެއް ކޮށްލިއެވެ. އެވަގުތު އަލިޝްބާ އައިސް ސުމައްޔާ ދެކޮނޑުގައި ހިފައި ނެގިއެވެ. ހާތިމް ކައިރީގައި ބައިންދާފައި އޭނާ ސުމައްޔާގެ ކައިރީގައި އިށީނެވެ. ރޮމުންދިޔަ މަންމަގެ ދެލޯ ފޮހެދެމުން އަލިޝްބާ ބަލައިލީ ޒަހާއަށެވެ.

"ތިކައިވެންޏާ އަހަރެން ދެކޮޅެއްނޫން. އަހަރެން ރުހި ޤަބޫލު. އެކަމަކު ކައިވެނިކުރާނީ އަހަރެމެންނެއްނެއް ނޫން. ދުވަހަކުވެސް އަހަރެން ޖޫދަށް ކަމަކަށް މަޖުބޫރެއް ނުކުރަން. ތިކަމަށް ގޮތް ނިންމާނީ އެކުއްޖާ. އަހަރެމެން އެއްވެސް ގަދަކަމެއް ދައްކައިގެންނުވާނެ" ޒަހާ ބުންޏެވެ.

"މަންމާ، ޒަހާއްތަ އެނބުނީ ވަރަށް ރަނގަޅު ވާހަކައެއް. މިދައްކަނީ ކައިވެންޏެއްގެ ވާހަކަ. އެ ކައިވެނި މަތީގައި ދެމިތިބޭނީ އެދެކުދިން. އެހެންވީމާ އެކަކު އަނެކަކުގެ ނިންމުމަށް އަޅުގަނޑުމެން އިހުތިރާމް ކުރަންޖެހޭނެ" އަލިޝްބާ ބުންޏެވެ.

"އިބާ ގަބޫލެއްނުވާނެ" އަލިޝްބާއަށް ބަލައިލަމުން ސުމައްޔާ ބުންޏެވެ.

"ޖޫޑު ޤަބޫލުވިއްޔާ ކޮއްކޮ ޖެހޭނީ މި ކައިވެނިކުރަން" އަލިޝްބާ ބުންޏެވެ.

"އަންބަރްގެ ނުގަބޫލުގަ މި ކައިވެނި ކުރެވިއްޖެނަމަ ހަލާކުވެގެންދާނީ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން. މިހާތަނަށްވެސް އެދަރިފުޅަކީ ދިރިއުޅުމުގައި މާބޮޑު އުފަލެއް ލިބިފައިވާ ކުއްޖެއްނޫން. އާ ބަސް ބުނަން ވަރަށް ޖެހިލުންވޭ. އެހެންނަމަވެސް އެކަލާނގެ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ. މިރޭގެ ވަގުތެއްގައި އަހަރެން ޖަވާބެއް ލިބާ މެދުވެރުކޮށް ދޭނަން. އެހާތަނަށް އެ މަންޖެ ނިންމާގޮތެއްވެސް އެނގޭނެއްނު" ޒަހާ ބުންޏެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު ޖޫދު ހިމޭންވެފައި އިންކަން ޒަހާއަށް ފާހަގަވިއެވެ. އެވާހަކަތައް ދައްކަން އެއީ އެންމެ ރަނގަޅު ވަގުތު ނޫންކަން އޭނާއަށް އިނގެއެވެ. އެހެންކަމުން އޭނާ ފަހަށް މަޑުކޮށްލިއެވެ. އަންބަރް ފަދަ އަންހެންކުއްޖެއްގެ ވާހަކަ ޖޫދު ފަދަ ކިޔަމަންތެރި ދަރިއެއްގެ ކުރިމަތީގައި ދައްކަން ޖެހުމުން އޭނާގެ ހިތަށް ވަނީ ނުތަނަވަސްކަމެއް ލިބިފައެވެ.

"މިއަދު ދޮންބެ ހާދަ މައިތިރިއޭ" ޖިޔާ ބުންޏެވެ.

"ދަރިފުޅު ކައިރީގައި މަންމަ ބުނަމެއްނު އަނގައަށް ކާއެއްޗެހި އަޅައިގެން އިނދެ ވާހަކަނުދައްކާށޭ. ވާހަކަދައްކާނީ އަނގަ ހުސްވީމަ" ޒަހާ ބުންޏެވެ.

"ކުޑަކޮށް ބޮލުގައި ރިއްސާތީ" ޖޫދު ބުންޏެވެ.

"ވަރަށް ބޮޑަށްތަ؟" ޒަހާ އެހިއެވެ. ޖޫދު ދެފަރާތަށް ބޯހޫރާލިއެވެ.

"ފިހާރައިގެ ހުރިހާ ކަމެއް ރަނގަޅުތަ؟" ޒަހާ އެހިއެވެ.

"މަންމާ، އަޅުގަނޑު މި ނިމުނީ. ވަރަށް ފަތިހާ ހޭލަންޖެހޭނެ. މާދަމާ މުދާ ބަލާ މޫސަބެ ދާނެ. އެހެންވެ ދާންޖެހޭނެ އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް" ޖޫދު ބުންޏެވެ.

ޖެހިގެން އޮތީ ހުކުރު ދުވަހަށް ވާތީ ޖިޔާ ނިދުން ލަސްކޮށްލިއެވެ. ގިނަ ވަގުތު އޭނާ ހޭދަކުރީ ޒަހާގެ ކޮޓަރީގައެވެ. ކުއްލިއަކަށް ޒަހާ ކިޔަން އިން ވާހަކަފޮތް ދުރުކޮށްލާފައި ނިދަން ތައްޔާރުވެގެން ގޮދަޑި މަތީގައި އޮތް ނީލަމް އަށް ގޮވާލިއެވެ.

"ޒަހާއްތަ ވުޟޫކޮށްލަން ބޭނުން" ނީލަމް ބަލައިލުމާއެކު ޒަހާ ބުންޏެވެ. އެނދުގައި އޮތް ޖިޔާ ޒަހާއަށް ބަލައިލިއެވެ.

"މަންމަ މިގަޑީގަ ކޮން ނަމާދެއްކުރަން؟" ޖިޔާ އެހިއެވެ.

"އެއީ ވަރަށް ބޮޑު ކަމަކު ދަރިފުޅާ. ދެން ދޭ އަވަހަށް ނިދަން. މިހާރު އެގާރަ ޖަހައި ބޮޑުވެއްޖެ" ޒަހާ ބުންޏެވެ. ޖިޔާ ތެދުވެގެން ކޮޓަރިއަށް ދިޔައެވެ.

"ނީލަމްއަށް ހީވޭތަ މިއީ ރަނގަޅު ކަމަކަށް ވާނެހެން" ވުޟޫކޮށްގެން ނިކުމެ ނަމާދު ދޮޅި އަޅަމުން ޒަހާ ބުންޏެވެ.

"ކީކޭ އަޅުގަނޑު ބުނާނީ؟" ނީލަމް ބުންޏެވެ. އޭނާގެ ހިޔާލަކަށް އެކައިވެންޏާމެދު ޒަހާ އެދުނީ ކީއްވެހެއްޔެވެ؟ ވަގުތުން ނީލަމްގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ.

" ކޮންމެ ބޮޑުކަމެއް ނިންމުމުގެ ކުރިން އަހަރެމެން ޖެހޭނެ އިސްތިޚާރާ ނަމާދުކުރަން. މިއަށްވުރެ ބޮޑު ކަމެއް އަހަރެންގެ ދިރިއުޅުމަކަށް ދުވަހަކުވެސް ކުރިމައްޗެއްނުވޭ. ހިތަށް އަރާ ޖޫދު ބުނާނީ ކީކޭބާއޭ" ޒަހާ ބުންޏެވެ.

ޒަހާ ނަމާދުކޮށް ނިމެންދެން ނީލަމް އެނދުގައި އިށީނދެގެން އިނެވެ. އޭނާގެ ދެލޯ ފުރިފައިވީ ތާޒާ ކަރުނަތަކުންނެވެ. ކޯތާފަތް މަތިން ތިރިއަށް ފައިބައިގެންދިޔަ ކަރުނަތިކި އެއް އަތުން ފޮހެލާފައި ހަމަޖެހެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ޖޫދަކީ އޭނާގެ ހަޔާތުގައި މުހިންމު މީހެކެވެ. ޖޫދު އޭނާއަށް އިނގުނީ އެގެއަށް އައި ފަހުންނެވެ. އެ ނަން އަޑުއިވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ކުރާ އަސަރާ ރިހޭ ރިހުން ދެނެވޮޑިގެންވަނީ ހަމަ އެކަނި އެ އިލާހެވެ. އޭނާގެ ހިތުގައި އަޅާ ވޭނާ ކުރާ ހިތާމަ އެއްވެސް މީހަކަށް ނޭނގޭނެއެވެ.

"އާނ. އަހަރެންނަށް ޖޫދު މުހިންމު. އަހަރެންނަށް ޖޫދު ކަމުދިޔައީ އޭނާއަށް ކިޔަނީ ޖޫދުކަން އިނގުނު ހިސާބުން" ހިތާހިތުން ނީލަމް ވާހަކަދެއްކިއެވެ.

"އެކަމަކު ބިމުގައި ހުރެ އަހަރެން އުޑުގައިވާ ތަރިތަކުގައި އަތްލާކަށް މަސައްކަތެއް ނުކުރާނަން. ނުކުރާނަން" ނީލަމް އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.

"ދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެއް"

"ތިބުނީ ރަނގަޅަށް. މިތަނަކީ އިމްތިހާން ހޯލެއް. އަހަރެމެން އެންމެން މިތިބީ ޓެސްޓް ހެދުމުގައި. މި އިމްތިހާނުން ފާސްވާނީ ކޮންބައެއް ކަމާ ފެއިލްވާނީ ކޮންބައެއްކަން ދެނެވޮޑިގެންވާނީ ހަމަ އެކަލާނގެ" ކައިރީގައި އިން އަނބިމީހާގެ ދެއަތުގައި ހިފަހައްޓާލައިގެން އިނދެ ހާތިމް ވާހަކަދެއްކިއެވެ. އަދިވެސް ސުމައްޔާގެ ދެލޮލުން ކަރުނަ ހުހެއް ނުވެއެވެ.

"ޖޫދުގެ މަންމަ ނިންމިގޮތެއް ބުނަން ގުޅަންވާއިރަށް އަހަރެމެން ޖެހޭނެ އަންބަރް ކައިރީގައި މިވާހަކަދައްކަން" ހާތިމް ބުންޏެވެ.

"ނޫން. މިރެއަކު ނޫން. މާދަމާ އެވާހަކަދައްކާނީ. ލިބާ ބުންޏެއްނު ހެނދުނާ އޭނަ އަންނާނަމޭ. ހުރިހާ މީހުންވެގެނޭ އެވާހަކަ ދައްކާނީ" ސުމައްޔާ ބުންޏެވެ.

"މަދާމަ މިގޭތެރޭގައި ތިންވަނަ ބޮޑު ހަނގުރާމަ ފެށޭނެ. ކޮންމެސް އެއްބަޔަކަށް ކާމިޔާބު ލިބޭނެ" ހާތިމް ބުންޏެވެ.

"އަހަރެންނަށް މަރުވާނެ ފަދައިން ޔަގީން އަންބަރް މިކަމަށް އިންކާރު ކުރާނެކަން" ޒަހާ ބުންޏެވެ. އޭނާ އެހެން ބުނީ އަސަރާއެކުގައެވެ. އެހިނދު ހާތިމް ޒަހާގެ ކޮނޑުގައި ހިފައި ކައިރިކޮށްލުމަށްފަހު ފިރުމާލިއެވެ.

އެނދުގައި އިން ޖޫދު ކަޅިޖަހައިނުލާ ކުރިމަތީގައި އިން ޒަހާއަށް ބަލަހައްޓައިގެން އިނެވެ. ޒަހާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން އޭނާ އިނެވެ.

"މަންމަ ކޮންވާހަކައެއްތަ؟" ޖޫދު އެހިއެވެ. އޭނާ އެއްޗެއް އިނގޭކަމަށް ހަދަން ބޭނުމެއްނުވިއެވެ.

"ދަރިފުޅު ގޮތް ނިންމާނީ. ދަރިފުޅު ނިންމި ކޮންމެ ގޮތަކަށް މަންމަ ރުހޭނަން" ޒަހާ ބުންޏެވެ. ޖޫދުގެ ހިތް ތެޅިގަތެވެ. ކުރިންވެސް އެވަގުތު އަންނާނެކަން އޭނާއަށް އިނގެއެވެ.

"ހެހެހެ... މިހާރު އިނގިއްޖެ އަޅުގަނޑު އިންނާނެ ކުއްޖަކު މަންމަ ކަނޑައަޅައިފިކަން" ހީލަމުން ޖޫދު ބުންޏެވެ.

"އެކުއްޖާއަށް ކިޔަނީ އަންބަރް. ލިބާގެ އެއްބަފާ ކޮއްކޮ" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ޒަހާ ބުންޏެވެ. ޖޫދުގެ މޫނަށް މާބޮޑު ބަދަލެއް ނައެވެ. އެކަމަކު އެ ނަން އަޑު އިވުމުން އޭނާއަށް އުނދަގޫ ގޮތެއް ވިއެވެ. ދުވަހަކުވެސް މީހެއްގެ ދަރިއަކަށް އެކަހަލަ ނަމެއް ކިޔާ އަޑެއް އޭނާ ނާހައެވެ.

"އެހެންތަ. މަންމައަށް ޔަގީންތަ އަންބަރް މި ގުޅުމާ ގަބޫލުވާނެކަން" ޖޫދު އެހިއެވެ.

"އެ މަންޖެ ނިންމާ ނިންމުމެއް އެނގިދާނެތާ. މަންމަ ކަންބޮޑުވަނީ ދަރިފުޅާމެދު. އެއީ އެހާ ރަނގަޅު ދިރިއުޅުމެއް އުޅޭ ކުއްޖެއްނޫން. ދަރިފުޅަށް ޝަމްސުމެން ބައިން ފެނިފަ ހުންނާނީ. މަންމަ އިތުރު ތަފްސީލަކަށް ދާން ނުޖެހޭނެ" ޒަހާ ބުންޏެވެ.

"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. ހަމަ ކުރިއަށް ގެންދަންވީ" ޖޫދު ބުންޏެވެ. ޒަހާއަށް ލިބުނު އުފާވެރިކަމަށް ވުރެ ބޮޑަށް ލިބުނީ ހައިރާންކަމެކެވެ. އެހާ ފަސޭހައިން ޖޫދު ޤަބޫލުވާނެކަމަކަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ.

"ޔަޤީންތަ؟" ޒަހާ އެހިއެވެ. ޖޫދު ބޯޖަހާލިއެވެ.

އެރޭ ބާކީ ވަގުތުތައް ޖޫދު ހޭދަކުރީ ވިސްނާ ފިކުރު ކުރުމުގައެވެ. އެ ކައިވެނި ކުރާނެކަމުގެ ޔަގީންކަން އޭނާ ޒަހާއަށް ދީފިއެވެ. އޭނާއަށް ޔަގީންކަމެއް ނެތީ އެކައިވެނި ކުރެވޭނެ ކަމުގެއެވެ. ޔަގީނުންވެސް އަންބަރް ކަރު ބުރިކޮށްލިޔަސް އެކައިވެނި ނުކުރާނެކަން އޭނާއަށް ކަށަވަރެވެ. މިހާރުވެސް އެއްވެސް ސަބަބަކާ ނުލާ އަންބަރް އޭނާއަށް ނަފްރަތު ކުރެއެވެ. އޭނާ ފެންނަން ހުރިއްޔާ އަންބަރަށް ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ވީއިރު މުޅި ދިރިއުޅުން އޭނާއާއެކު އަންބަރް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ އެނދުމަތީގައި އުއްޑުން އޮތް ޖޫދަށް ހެވުނެވެ.

"މޮޔަ އަންހެންކުއްޖެއް" އޭނާއަށް ބުނެވުނެވެ.

ހެނދުނު ސައިހަދާފައި އަލިޝްބާ ގެއިން ނިކުތެވެ. އޭރު ގޭ ދޮރުމަތީގައި ސައިކަލު މަތީގައި އިން އައިމަން އާ ވާހަކަދައްކަން ޖޫދު ހުއްޓެވެ. އަލިޝްބާ ފެނުމާއެކު ހީލައިފިއެވެ.

"އަހަރެން ލިބާ އާ ހަވާލުކުރަން ވަރަށް މުހިންމު އެއްޗެއް އެބައޮތް" އަލިޝްބާއަށް ޖޫދު ބުންޏެވެ.

"ކޯޗެއް؟" އަލިޝްބާ އެހިއެވެ. ޖޫދު ވޮލެޓް ނަގާފައި އޭގެއިން ނެގީ ފަސް ސަތޭކައިގެ ނޫޓެކެވެ. އޭނާ އެ ހާވާލުކުރީ އަލިޝްބާއާއެވެ.

"މިއީ؟" އޭގައި ހިފަމުން އަލިޝްބާ ބުންޏެވެ. އައިމަންވެސް ޖޫދަށް ބަލައިލީ ސުވާލު އުފެދިފައެވެ.

"ތިއީ ލިބާގެ ކޮއްކޮގެ އެއްޗެއް. ތީގެ ޙައްޤުވެރިޔާއަށް ހަވާލުކޮށްދީ. މީހެއްގެ ޙައްޤެއް އަހަރެން އަތުގައި އޮށްވާ އަހަރެން މަރުވެގެން ހިނގައިދާނެ. އޭރުން އަހަރެންނަށް ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ" ހީލަމުން ޖޫދު ބުންޏެވެ.

"ކިހިނެއްވީ ކަމެއް؟ އިބާ ކޮންތާކުން މިހާ ބައިވަރު ފައިސާ ހޯދީ" އެސުވާލު ވީ އަލިޝްބާގެ ހިތުގައެވެ. ޖޫދު ކުޑަކުޑަކޮށް އެ ހާދިސާ ކިޔައިދިނެވެ.

"އެހެންވެގެނޭ އަހަރެން ބުނަނީ އެހެން ފިރިހެން ކުދިންނާ ޖޫދު ތަފާތޭ" ކުރިއަށް ސައިކަލް ދުއްވާލުމާއެކު އަލިޝްބާ ބުންޏެވެ.

ގޭތެރެއަށް އަލިޝްބާ ވަދެގެން އައިރު ސޯފާގައި ސުމައްޔާއާއި ހާތިމް އިނެވެ.

"ސައިބޮއެގެންތަ ތިއައީ؟" އަލިޝްބާގެ އަތުގައި ހިފަމުން ސުމައްޔާ އެހިއެވެ.

"ނުބޮން. މިއަދު މަންމަ އާ ބައްޕައާއެކު ސައިބޯން ބޭނުމީ" އަލިޝްބާ ބުންޏެވެ.

ތިންމައިން އެއްކޮށް ސައިމޭޒި ދަށަށް ދިޔައެވެ. ސައިބޯން ފެށުމުގެ ކުރިން އަލިޝްބާ އަންބަރް ކޮބައިތޯ އެހިއެވެ.

"މިއަދު ނުނިކުމޭ. ފަތިސް ނަމާދަށް ގޮވަން މަންމަ އެކޮޓަރިއަށް ވަނިން. ހޭލި. ނަމާދުކުރިކަމެއް ނޭނގޭ" ސުމައްޔާ ބުންޏެވެ.

"ބައްޕާ، މިއިން ދުވަހެއްގައި އިބާއަށް އެއްވެސް ކަމެއް ކުރަން ރުފިޔާ ދިނިންތަ؟" އަލިޝްބާ އެހިއެވެ.

ހާތިމް ހަނދާނަށް އައެވެ. ރައްޓިހި ކުއްޖަކަށް ލިބުނު ކާމިޔާބީއެއް ފާހަގަކުރުމަށް ހަދިޔާއެއް ދޭން ބޭނުންވާތީ ފައިސާއަށް އޭނާ ކައިރީގައި އަންބަރް އެދުނެވެ. އޭރު ގޭތެރޭގައި އަންބަރްގެ ކޯޅުންގަނޑު ނުފެށެއެވެ.

"އެއްދުވަހު ބައްޕަ ދިނިން އެއްހާސް ރުފިޔާ. މިހާރު އެބުނާ އެކުވެރިޔާއަށް ހަދިޔާ ދީފާނެ" ޙާތިމް ބުންޏެވެ. އަލިޝްބާ ކޮނޑުގައި އޮތް ދަބަސް ނަގާފައި އޭގެތެރެއިން އެ ފައިސާ ނެގިއެވެ. އަދި ހާތިމް އާ ހަވާލުކުރިއެވެ. ޖޫދު ކިޔައިދިން ގޮތަށް އޭނާ އެ ފައިސާތަކުގެ ހަގީގަތް ކިޔައިދިނެވެ.

"އޭނަ ކީއްވެބާ ޖޫދު ދެކެ އެހާ ރުޅިއަންނަނީ" ހާތިމް އެހިއެވެ.

"ބައްޕައަށް އެނގެއެއްނު އިބާގެ ގޮތް. ދެން އެކަމާ ނުވިސްނާ. ސައިބޮއެގެން ހިނގާ އެކޮޓަރިއަށް ދާން" އަލިޝްބާ ބުންޏެވެ.

އަންބަރަށް ވީ ކާއެއްޗެހި ތަބަށް ހުރީ އަލިޝްބާގެ އަތްމަތީގައެވެ. ކުރީގައި ހުރީ އަލިޝްބާއެވެ. ސުމައްޔާއާއި ހާތިމް ހުރީ ފަހަތުގައެވެ. ދެމަފިރިންގެ ހިތުގައިވީ ނުތަނަވަސްކަމެވެ. އެއްފަހަރު ޓަކިޖަހާލާފައި އަލިޝްބާ އެއްއަތުން ތަޅު އަނބުރާލިއެވެ.

"ވަދެވޭތަ؟" ދޮރު ހުޅުވާލަމުން އަލިޝްބާ އެހިއެވެ. އެނދުމަތީގައި ކަންފަތަށް ހެޑްސެޓް ގުޅައިގެން އޮތް އަންބަރް ފުންމައިގެން ތެދުވިއެވެ. އަލިޝްބާ ފެނުމުން އެހެންޏާ އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން ނުފެނުނެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ ކަންފަތުން ހެޑްސެޓް ވަކިކޮށްލާފައި ދެފައި ވަށްކޮގެން އެނދުގައި އިށީނެވެ.

"ދޮންތަގެ ބޭބީސިސް ކިހިނެއްތަ؟" ކާއެއްޗެހި ތަބަށް އަރިމަތީ މޭޒުމަތީގައި ބަހައްޓާފައި އަންބަރް ކައިރީގައި އިށީންނަމުން އަލިޝްބާ އެހިއެވެ. އަލިޝްބާ ބުނަންދެން ސުމައްޔާއާއި ހާތިމް ހުރީ ދެކުދިން ދައްކާ ވާހަކަތައް އިވޭ ހިސާބުގައި ކޮޓަރިން ބޭރުގައި މަޑުކޮށްލައިގެންނެވެ.

"ރަނގަޅު" އަންބަރް ބުންޏެވެ. އޭނާ އަލިޝްބާ އާ ނަޒަރު ދިމާނުކުރެއެވެ.

"ބަލީތަ؟" އަލިޝްބާ އެހިއެވެ. އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ.

"ދޮންތަ އައިމަ އުފަލެއްނުވި ދޯ. ދެރަވެއްޖެ" އަލިޝްބާ ބުންޏެވެ. އަންބަރް ބަހެއްނުކިޔާ އިނެވެ. ކުއްލިއަކަށް އަލިޝްބާ އިންތަނުން ތެދުވެފައި ތަންތަން ހޯދަން ފެށިއެވެ. ބާލީސްތައް އުފުލާފައިވެސް ބެލިއެވެ. ކުއިލްޓް ނަގާފައި ބެލިއެވެ. ކަބަޑުތަކާ އަލަމާރިވެސް ބެލިއެވެ. ކޮޓަރި މެދުގައި ހުއްޓި ދެއުކުޅުގައި އަތްވިދެލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ.

"އަޅެ ކޮބާތަ؟" އަލިޝްބާ ބުންޏެވެ. ދެން ގޮސް ފާހާނާ ދޮރުހުޅުވާފައި ބަލައިލިއެވެ. އަލިޝްބާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަންބަރް އިނެވެ.

"ކޯޗެއް ދޮންތާ؟" އަންބަރް އެހިއެވެ. އެވަގުތު އަލިޝްބާ އައިސް ކުރިން އިންތަނުގައި އިށީނެވެ.

"ދޮންތަގެ ލޯބިވާ ކޮއްކޮ. ގެއްލިގެން މިއުޅެނީ. ދުށިންތަ އެއްވެސް ތަނަކުން" އަލިޝްބާ އެހިއެވެ. ނުހޭން އިންދާވެސް އަންބަރަށް ހެވިއްޖެއެވެ. އޭނާ އަލިޝްބާގެ ގައިގައި ބައްދައިލިއެވެ. އަންބަރްގެ ހަށިގަނޑުގައި ދެއަތުން ވަށާލާފައި ބޮލުގައި އަލިޝްބާ ބޮސްދިނެވެ. ކޮއްކޮ ކައިރީގައި ދައްކަން އައި ވާހަކަތައް ހަނދާންވެފައި އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

"އައި މިސްޑް ޔޫ ސޯ މަޗް ދޮންތާ" އަންބަރް ބުންޏެވެ. ގަޔާ ދުރުކޮށްލާފައި އަލިޝްބާ އަންބަރްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ދޮންތަ މާބޮޑާށް ހަނދާންވޭ" އަލިޝްބާ ބުންޏެވެ. އޭނާ ކާއެއްޗެހި ތަބަށް ނަގާފައި އަތުން ލަވާފައި އަންބަރަށް ކާންދޭން ފެށިއެވެ. އެހިނދުކޮޅު ދެކުދިން ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ބަނޑަށް އިނގޭ ވަރަށް ކެވުމުން އަންބަރް މަނާވެގަތެވެ.

"މިއަދު ކޮންކަމެއް އޮތީ؟" އަލިޝްބާ އެހިއެވެ.

"އަޅުގަނޑަށް ކޮންކަމެއް އޮންނާނީ؟ ދޮންތައަށް އިނގޭތަ މަންމަ އާ ބައްޕަ އަޅުގަނޑާމެދު ކަންތައް ކުރަނީ ވަރަށް ގޯސްކޮށް. ކުރިން ވީ ލޯބި މިހާރަކު ނުވޭ" އަންބަރް ވާހަކަދެއްކިއެވެ. ހިނިތުންވެލައިގެން އަންބަރްގެ ހިތުގައިވި ހުރިހާ ޝަކުވާތަކެއް އަޑުއަހަން އަލިޝްބާ އިނެވެ.

"ތިގޮތަށް ނުވިސްނާ ކޮއްކޯ. އިބާ ހަނދާން ނުހެރެދާނެ. އިބާ ވިހައިގެން މަންމަ ވަރަށް ބަލިވި. ޑޮކްޓަރުން ބުނީ މަންމަ އާ އިބާ އާ ދޭތެރެން އެއް ފުރާނަ ސަލާމަތްކުރެވެން އޮތް ވާހަކަ. މަންމަ އެދުނީ އިބާ ސަލާމަތްކުރުމަށް. އަބަދަށްޓަކައި މަންމަ ދެލޯމަރާފައި އިބާއަށް ދިރުމެއްދޭން ބޭނުންވީ. އެކަމަކު ﷲ ގެ ތަނަވަސް ރަހުމަތުން އިބާ ދުނިޔެއަށް އައުމަށްފަހު މަންމަ ހާލު ދެރަވެފައިވެސް ސަލާމަތްވި. މަންމަ ކިހިނެއް އިބާދެކެ ރުޅިއަންނާނީ. އިބާ ތިހެން އުޅޭތީ މަންމަވެސް ބައްޕަވެސް އެހުންނަނީ ވަރަށް ދެރަވެފަ" އަލިޝްބާ ވާހަކަދެއްކިއެވެ. އަންބަރް ބަހެއްނުކިޔާ އިނެވެ.

"ކޮއްކޮއަށްޓަކައި، ކޮއްކޮގެ މުސްތަގުބަލަށްޓަކައި މަންމަ އާ ބައްޕަ އަދި ދޮންތަ ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން" ތަންވަޅު ބަލާފައި އަލިޝްބާ ބުނެލިއެވެ. ހައިރާންކަމާއެކު އަންބަރް އަލިޝްބާއަށް ބަލައިލިއެވެ.

"އިބާ އަބަދުވެސް ބޭނުމެއްނު ދޮންތަ ފެންނަ ހިސާބުގަ ހުންނަން" އަލިޝްބާ ބުންޏެވެ. އަންބަރް ބޯޖަހައިލިއެވެ.

"އިބާ މެރީ ކުރަންވީނުން" އަލިޝްބާ ބުންޏެވެ. ވަގުތުން އަންބަރްގެ ދެބުމަ ގޮށްޖެހުނެވެ.

"އިބާގެ ކައިވެނި ހަމަޖެހިއްޖެ. ދޮންތަމެން އުޅޭ ބައިގެ މަތީގައި އުޅޭ ކުއްޖަކާ. އިނގެއެއްނު ދޮންތަބެގެ ބެސްޓްފްރެންޑް. އޭނައަށް ކިޔަނީ ޖޫދު" އަލިޝްބާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟