ވާހަކަ

ޖޫދް 12

2

ބާރަވަނަ ބައި

ފޯނު ބޭއްވިއިރު އޭނާގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ. އެހާ ފަސޭހައިން އޭނާގެ ރުޅިގަނޑު ވާރިޝް ގެއްލުވާލައިފިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު ވާރިޝްގެ އެކި ހިޔާލުތައް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ގޭޓު ކައިރިއަށް އައިސް މަޑުކޮށްލި ސައިކަލަކަށެވެ. އޭނާއަށް ފެނުނީ ސައިކަލުން ފޭބި އައިމަންއެވެ.

"ދޮންތަބެ މިގަޑީގަ" މަޑުމަޑުން އަންބަރް ބުންޏެވެ. އެކުގައި އަލިޝްބާ ހުރިކަމަށް އޭނާ އިތުރަށް ރެއިލިންގް ގައި ބަނޑު އަޅައިލާފައި ބަލައިލިއެވެ. އެހެންނަމަވެސް ފެނުނު ސޫރައަކުން މޫނުމަތީގައި ފޫހިކަން ވަށާލައިފިއެވެ.

"މި މީހާގަނޑު ގޮވައިގެންތަ ދޮންތަބެ މިއައީ" އޭނާއަށް ޖޫދު ފެނުނީ ސައިކަލު ޕާކުކޮށްފައި އެނބުރިލި ވަގުތުގައެވެ.

"މަންމަ ކައިރީގައި ކުރިންވެސް އަޅުގަނޑު ބުނީމެއްނު އެހާބޮޑަށް އިބާއަށް ކަންތައްތައް މަނާނުކުރާށޭ. އަޅުގަނޑަށްވެސް އިނގޭ ކޮއްކޮގެ ކަންތައް ވަރަށް ބޮޑަށް ގޯސްވެއްޖެކަން. ހުރިހާ ކަމެއް އެއްފަހަރާ ހުއްޓުވަން އުޅެންވެއްޖިއްޔާ މާ ދެރަގޮތެއްވެދާނެ. އިބާ ގެއިން ނިކުމެގެންދާ ހިޔާލުކޮށްފާނެ. އޭރުން މަންމަ އާ ބައްޕައަށް ވާނީ ކިހިނެއް؟ އަޅުގަނޑަށް ވާނީ ކިހިނެއް؟" ރޮވިފައި އިން ސުމައްޔާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން އިނދެ ލޯތްބާއެކު އަލިޝްބާ ވާހަކަދައްކަމުން ދިޔައެވެ.

"މަންމަ ވަރުބަލިވެއްޖެ. އިބާއަށް ވިސްނައިދީ. އެމަންޖެ ގެއްލިގެން ލޯމަތިން ބީވެގެންދާ މަންޒަރު ބަލަން މަންމަގެ ހިތަށް ކެތްނުވާނެ. މިހާރު ފައިވިއްދާފަ އެހުރީ ރިސޯޓަށް ދާން" ސުމައްޔާ ވާހަކަދެއްކިއެވެ. އަދިވެސް އޭނާގެ ދެލޯ ފުރިފައިވީ ތާޒާ ކަރުނަތަކުންނެވެ.

"މިހާރު ކޮބާ ބައްޕަ؟"

ޝަމްސުމެން ބައިގަ ވީ. މިއަދު ހަތަރުދަމު ފޮތް ހިފައިގެން އޮންނާތީ މަންމަ ބުނެލީ އެގެއަށްދާށޭ" ޒަހާ ބުންޏެވެ. ޖޫދު ކޮޓަރިއަށް ވަންއިރު ޒަހާ އިނީ ލޯގަނޑު ކުރިމަތީގައި އެކަނި އިސްތަށިގަނޑުގައި ފުނާ ހާކާށެވެ. "އަބަދު ގޭތޭރޭގައި އެހެން އޮންނާކަށްވެސް ނުވާނެއްނު"

"މަންމަ މިހާރު އަޅުގަނޑަށް އިންނާން ކުއްޖަކު ހޯދައިފިންތަ؟" އެނދުގައި އިށިންނަމުން ޖޫދު އެހިއެވެ.

"ޒަހާ ހިނިއައިއްސާ ޖޫދަށް ބަލައިލިއެވެ. ޑްރެސިންގްޓޭބަލް މަތީގައި ފުނާ ބާއްވާފައި އޭނާ ގޮނޑި ދުއްވަމުން ޖޫދާ ދިމާލަށް އައެވެ. ވަކި ހިސާބަކުން ޖޫދު ގޮނޑީގެ ފުރަގަހުން ހިފަހައްޓައިލިއެވެ. އަމިއްލައަށް ގޮނޑި ދުއްވަން ހަދައިގެން މަންމައަށް ތަކުލީފެއް ލިބިދާނެތީ އެކަމުގެ ބިރަށެވެ.

"ދަރިފުޅު އިންތިޒާރު އެބަކުރަންތަ؟ ޖޫދުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ޒަހާ އެހިއެވެ. ޖޫދަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަޤީޤަތުގައި އޭނާ މީހަކާ އިންނަން އިންތިޒާރު ކުރެވޭތީ ކުރި ސުވާލެއް ނޫނެވެ. އައިމަންއާ ދެމެދު ދެކެވުނު ވާހަކައެއްގެ ސަބަބުން އޭނާގެ ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. ޒަހާ އޭނާއަށްޓަކައި ހޯދި އަންހެންކުއްޖާއަކީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްތޯ ބެލުމަށް ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެކަމަކު އެހެން ފާޅުގައި ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. މަންމައަށް ފުރިހަމަ އިތުބާރު ނެތޭ ފަހަރެއްގައިވެސް ޒަހާގެ ހިތަށް އަރާކަށް އޭނާ ބޭނުމެއްނުވެއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ދެން މިވީހާ ދުވަހެއްނުވާނެ" ޒަހާ ބުންޏެވެ. އޭނާގެ ދެލޮލުގައި އުންމީދީ އަލިކަމެއްވިއެވެ.

ގެއަށް ގޮސްފައި އެނބުރި އައިފަހުން އައިމަންއަށް ފެންނަމުން ދިޔައީ ކުރިއަށް ވުރެވެސް މަޑުމައިތިރި މީހެކެވެ. މިއިން ދުވަހަކުވެސް އަލިޝްބާއަށް އެހާ ހިމޭންކަމެއް އައިސްފައި ހުއްޓާ އޭނާ ނުދެކެއެވެ. ނިދަން އަރާފައިވެސް ދުވާލުގެ ބައިތައް އޭނާ ގޭތެރޭގައި ހޭދަކުރި ގޮތްތަކާ ބެހޭގޮތުން އަބަދުވެސް އަލިޝްބާ ވާހަކަދައްކައެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް އަލިޝްބާގެ ފުށުން ނުފެންނާތީ އޭނާ ކަންބޮޑުވިއެވެ. ޖެހިގެން އޮތް އަލިޝްބާއަށް އޭނާއަށް ބަލައިލެވުނެވެ. ފޯނުން ޤުރުއާން އެޕްލިކޭޝަނެއް ހުޅިވައިގެން އެއަށް ބަލަހައްޓައިގެން އަލިޝްބާ އޮތެވެ. އިތުރު ސުވާލެއްނުކޮށް އޭނާ އަލިޝްބާގެ ބޮލުގައި ފިރުމައިލިއެވެ.

ހާތިމްއަށް ދެލޯ ހުޅުވާލެވުނީ ނިދީގައި އޮތްއިރު އޭނާގެ ކަންފަތަށް އުނދަގުވާ ޒާތެއްގެ އަޑެއް އިވޭހެން ހީވެގެންނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން އޭނާއަށް މަންޒަރު ސާފުކޮށް ނުފެނުނެވެ. އެހެންނަމަވެސް އެ އަޑު އޭނާއަށް ދާދިގާތުން އިވެމުން ދިޔައެވެ. ބާލީސްދަށުގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއިރު އޭނާ ދަމުނަމާދަށް އާންމުކޮށް ހޭލާ ގަޑި ޖެހެން ގާތްވެސް ނުވެއެވެ. އެހެނީ ގަޑިތަކުން ދޭއްވެސް ނުޖަހައެވެ. ދެން އޭނާ ބަލައިލީ ގާތުގައި ސުމައްޔާ އޮތް ކަމަށެވެ. ހުސްކޮށް އޮތް އެނދުގައި އޭނާ އަތުން ފިރުމާލާފައި ފުންމައިގެން ތެދުވެއްޖެއެވެ. އިތުރު ވިސްނުމަކާނުލާ އޭނާއަށް އިވެމުންދާ އަޑު ޔަގީންވެއްޖެއެވެ. ތިރިއަށް ދެފައި ބާލައިގެން އެނދުގައި އިށީނެވެ. ސަޖިދައިގައި އޮވެ ރޮމުންދިޔަ އަނބިމީހާއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ ކަރު އެލުވާލައިގެންނެވެ. އެވަގުތު މައިމީހާއާއި ދަރިންގެ ހިތާ ގުޅިލާމެހިފައިވާ މިންވަރު އޭނާއަށް އަންދާޒާ ކުރެވުނެވެ. ދަރިޔަކު މަޔަކު ދޫކޮށްލިޔަސް ދުވަހަކުވެސް މައެއްގެ ހިތުން ދަރިޔަކު ވަކި ނުކުރާނެއެވެ. އެވަރުން އަދި ފުދުނީއެއް ނޫނެވެ. ސަލާމް ދިނުމަށްފަހު ދެއަތް އުފުލާލައިގެން އިނދެ އޭނާ އެތައް އިރަކު ރުޔެވެ.

ހަވީރުގެ ވަގުތަށް ރިކްޒާއާއެކު ހިނގާލަން ނިކުމެ އަންބަރު އުޅުނެވެ. ބަނދަރުމަތީގައި ހުރި ޖޯއްޔެއްގައި އިނދެފައި ދެކުދިން އެކުގައި ހިނގައިގަތީ ރަށުތެރެއަށް ވާގޮތަށެވެ.

"ހިނގާބަ އެއްކަލަ މޯލްއަށް. މަންމަ އެކުވެރިޔަކު ކައިރީގައި ބުނި އަޑުއެހިން އެއްކަލަ ޓީޝާޓްކޮޅު ގަތީ އެތަނުންނޭ" ރިކްޒާ ބުންޏެވެ. ދެކުދިން މިސްރާބުޖެހީ އެދިމާލަށެވެ. ފިހާރައަށް ވަދެ އެތައް ވަގުތެއް ހޭދަކުރުމަށްފަހު އަންބަރަށް ކަމުދިޔަ ކިރިޔާ ބުޑު ނިވާވަރުގެ ޓީޝާޓްކޮޅު ނެގިއެވެ. ރިކްޒާ އަތުގައި ފައިސާ ނެތުމުން އޭނާ ހުރީ ތުންފިއްތާލައިގެންނެވެ. އެހެންނަމަވެސް ރިކްޒާއަށް އެ ޓީޝާޓްކޮޅު އަންބަރް ގަނެދިނެވެ.

"މިފަހަރު އަދި އައިފަހުން މި ފިހާރައަށް ނުވަދެވޭ. އާދެބަލަ ބަލައިލަން" ޖެހިގެން ހުރި ފިހާރައަށް ބަލައިލަމުން އަންބަރް ބުންޏެވެ. ރިކްޒާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އެއީ ޖޫދުގެ ފިހާރައެއްކަން އޭނާއަށް އިނގެއެވެ. އެ ފިހާރައިން އެމީހުންނަށް ތަކެތި ހިލޭ ނުދޭތީ ސީނާ އޮންނަނީ އޭނާއަށް އެތަނަށް ވަނުން މަނާކޮށްފައެވެ.

"މަންމަ މަނާކޮށްފަ އޮންނަނީ ތި ފިހާރައަށް ވަންނަން" އަންބަރް ހިނގައިގަނެފައި ރިކްޒާގެ ހަބަރެއް ނުވުމުން ފަހަތަށް އެނބުރި ބަލައިލިތަނާ ރިކްޒާ ބުންޏެވެ.

"އެއީ؟ ދެން އާދެބަ. މަންމައަކަށް ނޭނގޭނެއްނު" އަންބަރް ބުންޏެވެ. އެހެންނަމަވެސް ރިކްޒާ ވަންނަ ހިޔާލެއް ނުކުރިއެވެ. އެންމެފަހުން ބޭރުގަ ރިކްޒާ ބަހައްޓާފައި އެތެރެއަށް އަންބަރް ވަނެވެ. ބިއްލޫރިގަނޑުން ބޭރުން ފެންނަ ގޮތަށް މަގުމަތީގައި ހިނގާ މީހުންނަށް ދައްކާފައި އިން ލިޕްސްޓިކަށް އޭނާގެ ހިތް ދެވިއްޖެއެވެ. އޭނާ ގެއަށް ދާން ބޭނުންވީ އެ ގަނެގެނެވެ.

ކައުންޓަރުގައި އިން ކުއްޖާއަށް ކުރިމަތީގައި ހުރި ލެޕްޓޮޕުން އެއްޗެއް ކިޔައިދޭން އިން ޖޫދަށް ހަރުގަނޑުތައް ބަލަމުން އައި އަންބަރް ފެނިފައި ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އެހެނީ އެފިހާރައިގައި ކަސްޓަމަރުން ހުސްވާ އިރެއް ނުދެއެވެ.

ލިޕްސްޓިކް ހިފައިން ކައުންޓަރުގެ ކައިރިއަށް ގޮސް ދަބަހުން ޕާސް ނެގިތަނާ ފިރިހެން އަޑަކުން އޭގެ އަގު ބުނެލި އަޑު އިވިއްޖެއެވެ. އަންބަރް ބަލައިލިތަނާ މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ކޮމްޕިޔުޓަރަށް ބަލަހައްޓައިގެން އިން ޖޫދު ފެނި އޭނާ ދަތްކުޑި ވިކައިގަތެވެ.

"ކިހާ ދެރަކަމެއް. ކަލޭ އަހަރެން ވަންނަހާ ފިހާރައަކަށް ވަންނަންޖެހޭތަ؟" އަންބަރް ހަޅޭއްލަވައިގަތެވެ. ވާނުވާ ނޭނގިފައި އިން ޖޫދު އަންބަރް ބަލައިލިއެވެ. އަންބަރްގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވެފައި ވާތަން ފެނި އޭނާ ނަޒަރު ބަދަލުކޮށްލިއެވެ.

"އެކްސްކިއުޒްމީ" ކައުންޓަރުގައި ކޭޝިއަރަކަށް އިން ފިރިހެންކުއްޖާ ބުނެލިއެވެ.

"ޖޫދުބެ އޭނީ ޖޫދުބެ އަމިއްލަ ފިހާރައެއްގަ" ފިރިހެންކުއްޖާ ބުނެލި އަޑު އިވުނެވެ. އަރައިގަތް ރުޅިގަނޑު މަތީގައި ޕާހުން ނެގި ފަސް ސަތޭކަ ރުފިޔާގެ ނޫޓު ކައުންޓަރު މައްޗަށް ޖަހާފައި އަންބަރް ނިކުމެގެން ދިޔައީ ލިޕްސްޓިކް ނުލައެވެ. ކައުންޓަރުގައި އިން ފިރިހެންކުއްޖާ އަންބަރް ފަހަތުން ދާން އުޅުމުން ޖޫދު ހިފެހެއްޓިއެވެ.

"އިއްލެ ކީއްކުރަން އެ އަންހެންކުއްޖާ ފަހަތުން ދަނީ. އެކުއްޖާއަކީ ހަމަޖެހޭ ކުއްޖެއްހެން އަހަރެންނަށް ހިއެއްނުވޭ؟" ޖޫދު ބުންޏެވެ.

"އޭނަގެ ހުރި އެޓިޓިއުޑެއްދޯ. ވަރަށް ފޫހިއްވެއްޖެ" އިލްހާމް ބުންޏެވެ.

"ހެހެހެ... އަޅާނުލާ. އެ އަންހެންކުއްޖާއަށް އަހަރެން ފެންނަނީ އޭނަ އެންމެ ރުޅިއަރާ ޖަނަވާރުގެ ސިފައިގައި ތޯއްޗެ" މަޖާވެފައި ޖޫދު ބުންޏެވެ.

ފިހާރައިން ނިކުތް ގޮތަށް އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ރިކްޒާގެ އަތުގައި ހިފައި ދަމައިގަނެފައި ދާން އަންބަރް ބުންޏެވެ. ރިކްޒާ އަންބަރަށް ބަލައިލީ ހައިރާންވެފައެވެ. އެއްޗެއް ގަތްކަމުގެ އެއްވެސް އިޝާރާތެއް އަންބަރްގެ ފަރާތުން ނުފެނުމުންނެވެ.

"އަހަރެން ހީކުރީ ވަރަށް ސާމާނު ގަނެލައިގެން ކަމަށް އަންނާނީ" ރިކްޒާ ބުންޏެވެ.

"އެއްޗެއް ގަނެވޭވަރު ދޯ. ހާދަ ފޫހިވާ މީހާގަނޑެކޭ" އަންބަރް ބުންޏެވެ.

"ކިހިނެއްވީ؟ މީހަކު ދިމާކުރީތަ؟ ބިޓެއްތަ އަނެއްކާ" ރިކްޒާ އެހިއެވެ. އޭނާގެ އަޑުގައި ސަމާސާކަން އެކުލެވިފައި ވިއެވެ.

"ބިޓެކޭ... އޫއި. އެމީހާ އަހަރެން ފަހަތުން އުޅޭހެން ހީވާތީ" އަންބަރް ބުންޏެވެ.

"ކާކުތަ؟" ރިކްޒާ ބުންޏެވެ.

"ހަނދާންވޭތަ އެއްކަލަ ދުވަހު އަހަރެން ރިކް އާ އެކު ދޮންތަ އާ ބައްދަލުކުރަން ތިގެއަށް ދިޔައިމެއްނު ދުވަހެއް. އެދުވަހު ލިފްޓު ތެރެއިން ދިމާވިއެއްނު މީހެއް. އެއީ ތިގޭގަ އުޅޭ މީހެއްތަ؟" އަންބަރް ވާހަކަދެއްކިއެވެ. ދެލޯ ކުޑަކޮށްލާފައި ރިކްޒާ އެދުވަސް ހަނދާންކުރަން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް އޭނާ އަންބަރަށް ބަލައިލިއެވެ. ޖޫދަކީ އެގޭ ވެރިމީހާ ކަމާ ރަށުގެ ނިސްބަތުން ބަލާނަމަ ފޯރާ މީހެއްކަން ބުނަން އުޅެފައިވެސް އޭނާ އެ ހިޔާލު ދޫކޮށްލިއެވެ. ބަދަލުގައި އޭނާގެ ދުލުން ބޭރުވެގެން ދިޔައީ ޖޫދަށްޓަކައި ހުތުރު ބަސްތަކެކެވެ.

"އެއީ މަންމަގެ ތިމާގެ ކުއްޖެއް. ވަރަށް ގޮތެއްނެތް ބޮޑު ޕާޓޭއެއް އެއީ. އިންނާނެ މީހަކު ނުވެފަ އެ ހުންނަނީ" ރިކްޒާ ވާހަކަދެއްކިއެވެ. އަންބަރްގެ މޫނުމަތީގައި ވަނީ ފޫހިކަމެވެ.

"ހީވިއޭ އަހަރެންނަށް. އެކަމަކު އަބަދު އުޅޭނީ ދޮންތަބެ އާއެކު. އަނެއްކާ ދޮންތަމެންނަށް ނޭނގެނީބާ އެމީހާގެ ގޮތް" އަންބަރް ބުންޏެވެ.

"ކިހިނެއް އެނގޭނީ؟"

ހަވީރުގެ ވަގުތަށް މަގުތަކަށްވެރިވި އަރާމު ފިނީގެ އުފާ ހޯދުމަށް ޒަހާ ގޮވައިގެން ޖިޔާ ބޭރަށް ނިކުމެލިއެވެ. އަތިރިމައްޗަށް ދާހިތުން ޒަހާ އެދެމުންދާތާ ދެތިން ދުވަހެއް ވެއްޖެއެވެ. އެންމެފަހުން ޖިޔާ އާ ގަމަރު ޒަހާ ގޮވައިގެން ބޭރަށް ނިކުމެލިއެވެ. ގޭތެރޭގައި ނީލަމް އެކަނިވިއެވެ. އަސުރު ނަމާދުކޮށް ހަވީރުގެ ޒިކުރުތައް ކިޔަން ނީލަމް ނިކުތީ ބެލްކަންޏަށެވެ. ޖޯލިފަތީގައި ބުރަކަށި ދަމާލާފައި އޭނާގެ ނަޒަރު ހުއްޓާލީ ހާމައަށް ފެންނަން އޮތް އުޑަށެވެ. ކުރިމަތީގައި ހުރި ގޮނޑިއަށް ދެފައި އަރުވާލައިގެން އޮތްއިރު ތަނަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. އިރުގަނޑެއްގެ ހަމަހިމޭންކަމަށްފަހު ނީލަމްގެ ދެލޮލުގެ އަރިމަތިން ކަރުނައިގެ ރޮނގެއް ފައިބައިގެން ދިޔައެވެ. އޭނާ ތެދުވެ ހިންދެމިލިތަނާ ފަހަތުން މީހެއްގެ ހިލަމެއްވެ ބަލައިލިއެވެ. ޖޫދު ކަމަށް ހީކުރިޔަސް ފަހަތުގައި ހުރި އަލިޝްބާ ފެނުމުން ހަމަޖެހުމުގެ ނޭވައެއްލިއެވެ.

"ބަލީތަ؟" ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން އަލިޝްބާ އެހިއެވެ.

"ނޫން. ހަމަ މަޑުކޮށްލައިގެން އޮތީ. ޒަހާއްތަމެން ބޭރަށް ނިކުމެވެއްޖެ. ލިބާ ކިހިނެއް؟" ނީލަމް އެހިއެވެ.

"އަލްހަމްދުލިﷲ. ކިހިނެއްވެފަ ތިއޮންނަނީ" އަލިޝްބާ އެހިއެވެ. ނީލަމް އަލިޝްބާއަށް ބަލައިލާފައި ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެން ބުނަންތަ ވާހަކައެއް ނީލަމް. ދިރިއުޅުމުގައި ދިމާވާ އެއްވެސް ކަމަކުން އުންމީދު ކަނޑާލާކަށްނުވާނެ ކޮންމެ އިންސާނަކީވެސް ދިރއުޅުމުގައި ތަފާތު ގިނަ އަޑިގުޑަންތައް ތަޙަމްއަލް ކުރަމުންދާނެ މީހެއް. އެއްވެސް މީހެއްގެ ދިރިއުޅުން އެމީހަކު ބޭނުންވާ ގޮތަކަށް ކުރިއަކަށްނުދާނެ. ދުނިޔެއަކީ އެކަހަލަ ތަނެއް" އަލިޝްބާ ވާހަކަދެއްކިއެވެ. އެވާހަކަތަކުން އިތުރަށް ނީލަމްގެ ހިތް މާޔޫސްވިއެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.

"އަހަރެންނަށް އިނގޭ ތިކަން. އަބަދުވެސް ލިބާ އަހަރެންނަށް ތިކަހަލަ ވާހަކަތައް ބުނެދެމެއްނު" ނީލަމް ބުންޏެވެ.

"ހިތުގައިވާ އެއްޗެއް ތިމާއަށް އިތުބާރުކުރެވޭ މީހަކަށް ހިއްސާކުރުމަކީ ހިތަށް ލުއިވާނޭ ކަމެއް. އަހަރެން މިހިރީ ނީލަމްގެ އެންމެ ގާތް އެކުވެރިޔާއަށް ވާން ތައްޔާރަށް. ނީލަމްއަށް އަހަރެންނަށް އިތުބާރު ކުރެވިދާނެ. ހަމަ ޔަގީނުންވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ނީލަމް ބަލައިގަނެފިން. އަލިޝްބާ ބުންޏެވެ. އެވަގުތު ނީލަމް އެނބުރި އަލިޝްބާއަށް ބަލައިލިއެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން ކަކުލުގައި ދެއަތް އަޅުވާލައިގެން އިން އަލިޝްބާގެ އަތްމަތީގައި ނީލަމް އަތް ބޭއްވިއެވެ. ނީލަމްއަށް ބަލައިލަމުން އޯގާތެރި ހިނިތުންވުމެއް އަލިޝްބާ ބަދަލުކޮށްލީ ނީލަމްގެ ހިތްވަރަކަށް ތިމަންނަ ވަނޭ ބުނާ ފަދައިންނެވެ.

"އަހަރެން.... އަހަރެން ބިރުގަންނަނީ" ނީލަމް ބުންޏެވެ.

"ކޮންކަމަކާ" އަލިޝްބާ އެހިއެވެ.

"އަހަރެން ލޯބިވާ މީހުންގެ ތެރެއިން ދެން އެންމެ އަވަހަށް މަރުވާނީ ކާކު ކަމެއް ނޭނގޭތީ" ނީލަމް ބުންޏެވެ. އަލިޝްބާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް އިވޭ ހިސާބުގައި މީހަކު އެފަދަ ވާހަކައެއް އެބުނީ ފުރަތަމަ ފަހަރަށެވެ.

ގޭތެރެއަށް ވަންގޮތަށް އާދައިގެމަތިން ޖޫދު މިސްރާބުޖެހީ ބަދިގެއަށެވެ. ޒަހާ ގޭގައި ނެތްކަން އިނގޭއިރު އޭނާ އެކޮޓަރިއަށް ދާން ހިޔާލެއް ނުކުރިއެވެ. އެހެންކަމުން އޭނާ މިސްރާބު ހުރީ ބަދިގެއަށެވެ. ބަނޑުހައިވެފައި ހުރުމުން އޭނާ ހުރީ ކޮފީތައްޓެއް ބޭނުންވެފައެވެ. އެވަރުގެ ކުޑަ ކަމަކާ އޭނާ ނީލަމްއަށް ގޮވަން ބޭނުމެއްނުވިއެވެ. ބަދިގެއަށް ވަންނަން ގޮސްފައި ބެލްކަނިން ބަޔަކު ވާހަކަދައްކާ އަޑު އިވޭތީ އޭނާ އެދިމާލަށް ހިނގައިގަތެވެ.

"އަހަރެންގެ އުފަން ބައްޕަ އަހަރެން ކުޑައިރު ނިޔާވެއްޖެ. ކޮއްކޮ އާ މަންމައާއެކު ވަރަށް އުފާވެރި ހަޔާތެއް ވެއަތުކުރަމުން އަންނަނިކޮށް އަހަރެންނަށް ދިމާވީ ވަރަށް ހިތާމަވެރި ގޮތެއް. މަންމަ ވަރަށް ބަލިވެއްޖެ. ކުއްލިއަކަށް ދިމާވި ހިތްދަތިކަމެއް މަންމައަށް ބަރުދާސްތު ނުކުރެވުނު. އެންމެފަހުން މަންމަވެސް އަހަރެންގެ ދެއަތް މަތީގައި ދިޔައީ. ކޮއްކޮވެސް ގެއްލިއްޖެ. ދުނިޔޭގައި ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގޭ. އޭގެފަހުން އުފާވެރި ހަޔާތަކަށް އެދި އަހަރެން މީހަކާ އިނީ. އޭނަވެސް....އޭނަވެސް....." ނީލަމްއަށް ރޮވިއްޖެއެވެ.

ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ޖޫދު އެހިސާބުން ގެއްލުނެވެ. ދެމީހަކު ދައްކާ ވާހަކަ ސިއްރުން އަޑުއެހުމަކީ ހެދުނު ގޯހެއްކަން އިނުސާސްވެ އެ ފާފަ ފުއްސެއްވުމަށް އެދި ދުޢާކޮށްލިއެވެ. އެހެންނަމަވެސް ހިތަށް ލިބުނު ވޭން ކުޑައެއް ނުކުރެވުނެވެ. ނީލަމްގެ ވޭނީ ދިރިއުޅުން އޭނާ އިނގި ސާފުވުމުން އޭނާގެ ހިތުގައި ނީލަމްއާމެދު ހަމްދަރުދީ އުފެދުނެވެ. އޭނާ ނީލަމްއަށް އެހީވާން ބޭނުންވިއެވެ.

"ކޮންމެ މީހެއްގެ ހަޔާތުގައިވެސް މަންމައަކީ އެމީހަކާ ބައްދަލުވާނެ އެންމެ ފުރިހަމަ އިންސާނާއެވެ. އެއީ ވަސްމީރު ފިނިފެންލަމެކެވެ. ތިބާ ތުއްތު ކުއްޖެއްކަމުގައި ވީއިރު އެތައް ރެއެއްގެ ނިދި ތިބާއަށްޓަކައި ގުރުބާންކުރި ލާމަސީލު ނަމޫނާއެކެވެ. ތިބާ ދުނިޔެއަށް ނާންނަނީސް ތިބާގެ ލޯބިވާން ފަށައެވެ. ނުވަމަހާ ނުވަދުވަހު އަމިއްލަ ލެއިން ކާންދީގެން ތިބާ ދުނިޔެއަށް ގެނައުމަށްޓަކައި އެތައް ތަކުލީފެއް އުފުލައެވެ. ތިބާ ދުނިޔެއަށް އައުމަށްފަހު މަންމަގެ ޒިންމާތައް ފިލައިގެން ދިޔައީއެއް ނޫނެވެ. މުޅި އުމުރަށް ތިބާގެ ޒިންމާ އެކަމަނާގެ ހިތާ ސިކުނޑީގައި ރައްކާކުރެއެވެ. ހަނދާންކުރާށެވެ! އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްގެ ތެރެއިން ތިބާ އުފަލުގައި ހުންނަ ތަން ދެކެން ބޭނުންވާ ހަމައެކަނި އިންސާނަކީ މަންމައެވެ. މަންމަ ދުނިޔޭގައި ހުރި ނަމަ އަލްހަމްދުލިﷲ އޭ ބުނެލާށެވެ. ދުނިޔޭގައި ނެތްނަމަ މަންމައަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ" ނޫސް ހިފައިގެން ސޯފާގައި އިން ހާތިމް ބަލައިލީ ކުއްލިއަކަށް ޓީވީ އިން އިވެމުންދިޔަ ދަރުސްގެ އަޑު ކެނޑުމުންނެވެ

"ވަޓް ރަބިޝް؟" އުނގުގައި އޮތް ކުޝަން ސޯފާމައްޗަށް އެއްލާފައި އަންބަރް ހިނގައިގަތެވެ.

"އަންބަރް ޤަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ އެއީ" ހާތިމް ބުންޏެވެ. އަދި ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ނަގާފައި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބޭއްވިއެވެ.

"އޭގަ އެބުނާ ކަހަލަ މައިން އުޅޭތަ؟ ހަމަ ޔަގީނުންވެސް އަޅުގަނޑުގެ މަންމައަކީ އޭގެ އިދިކޮޅު. އެއީ ދަރިން ތަފާތުކުރާ އަލިއްލަ އެދުމުން ފޯވެފައި ހުރި މައެއް" ހަށަމަށް އަތްނަގަމުން އަންބަރް ބުންޏެވެ. އޭނާގެ މޫނުމަތީގައި ވީ ފޫހިކަމެވެ.

"އަންބަރް،" ހާތިމް ގޮވާލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ބައްޕަގެ ބާރު އަޑާއެކު އަންބަރް ހިމޭންވިއެވެ.

"މަންމަ އާ ގުޅުވައިގެން ތިކަހަލަ ބޭއަދަބީ ބަސްތައް ބުނަން ހެޔޮވާނީ ކިހިނެއް؟ ތިދެކުދިންނަށްޓަކައި އެ އަންހެނާ ނުކުރަނީ ކޮންކަމެއް؟ އަންބަރްގެ ސަބަބުން މިހާރުވެސް އެ އަންހެނާގެ ދެލޮލުން ކިހާ ކަރުނައެއް ބާލައިފި؟ ތި ހިތަށް އެއްޗެއް އެއްޗެއް ނުފެނުނަސް ގައިމުން ދެލޯ އަދި ތިހުރީ ސަލާމަތުން ދޯ" ހާތިމް ވާހަކަދެއްކިއެވެ.

"ބައްޕަވެސް މިހާރު އަޅުގަނޑާ ދިމާލަށް ހިތުހުރިހާ އެއްޗެއް ތިކިޔަނީ. ތިއިން އެއްވެސް މީހަކު އަޅުގަނޑާމެދު ކަންތައް ކުރަނީ ރަނގަޅަކަށް ނޫން" އަންބަރް ބުންޏެވެ.

"އަންބަރާމެދު އަހަރެމެން ރަނގަޅަށް ކަންތައްކުރި ކަމަށްވާނީ ހައެއްކަ ފިރިހެނުންނާ އަންބަރް ހަވާލުކުރީމަތަ؟ ތިކޮޓަރިއަށް ޒިނޭގެ ކޮޓަރިއެއްގެ ނަމުން ނަން ދިނީމަތަ؟ ހާތިމް ރުޅިން އަރައިގެން ގޮސް އަތުގައި އޮތް ނޫސް ސޯފާމައްޗަށް ޖަހާފައި ފުންމައިގެން ތެދުވެއްޖެއެވެ. އަންބަރަށް ފުރަގަސްދީފައި އޭނާ ހިނގައިގަތެވެ. ދެލޮލުން ކަރުނަތައް އޮހޮރިގަތީ ކޮޓަރިއަށް ވަންފަހުންނެވެ.

އަލިޝްބާ އެދޭ އެދުމެއް އައިމަންގެ ކުރިމަތީގައި ފާޅުކުރިއެވެ. އެކަމަށް ވަގުތުން އައިމަން އާބަސް ބުންޏެވެ. އަނބިމީހާގެ އެއްވެސް އެދުމަކަށް ދެކޮޅަށް އެއްޗެއް ބުނަން އޭނާ ބޭނުމެއް ނުވެއެވެ.

"ކޮންއިރަކުން އިބާ ގެންނާނީ؟" އައިމަން އެހިއެވެ.

"މިއަދު އެހެންނޫނީ މާދަމާ. އަދި މަންމަ ކައިރީގައި ބުނަންވެސް ވާނެއްނު" އަލިޝްބާ ބުންޏެވެ.

"އަހަރެން މަންމަ ކައިރީގައި ބުނެފާނަން. އެކަމާ ލިބާ ހާސްނުވޭ" އަލިޝްބާގެ އަތަށް ފިތާލަމުން އައިމަން ބުންޏެވެ.

އެރޭ ރޭގަނޑު އަލިޝްބާއާއި އައިމަން ސުމައްޔާ އަދި ހާތިމް އާ ބައްދަލުކުރިއެވެ. އިޝާނަމާދަށް ފަހު އެހުރިހާ މީހުން ބައްދަލުކުރީ ސުމައްޔާގެ ދެމަފިރިންގެ ކޮޓަރީގައެވެ.

"މިހާރު ކޮބާ އިބާ؟" އަލިޝްބާ އެހިއެވެ. އެނދުގައި އިން ސުމައްޔާ އަދި ހާތިމްގެ މެދުގައި އަލިޝްބާ އިންއިރު އައިމަން އިނީ ވަކިން ހުރި ގޮނޑިއެއްގައެވެ.

"އެޒުވާބުގަނޑަށްފަހު ކޮޓަރިއަށް ވަންގޮތަށް ނުނިކުމޭ. މަންމަ ނުގޮވަން ކާކަށްވެސް. ބަނޑުހައިވިއްޔާ ނިކުންނާނެއްނު" ސުމައްޔާ ބުންޏެވެ. އަޑުގައި ހަރުކަށިކަމެއްވިޔަސް ސުމައްޔާގެ މޫނުމަތިން ވަށާލާފައިވި މޮޅިވެރިކަން އަލިޝްބާއަށް ސިއްރެއް ނުވިއެވެ. ހަރުކަށިކަމުގެ ފަހަތުގައި ފޮރުވިފައިވި ރިހުން އަލިޝްބާއަށް އިހުސާސްވިއެވެ.

"މަންމާ، ބައްޕާ. އަޅުގަނޑު ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން" އަލިޝްބާ ބުންޏެވެ. ހާތިމް އާ ސުމައްޔާ އެކުއެކީ އަލިޝްބާގެ މޫނަށް ބަލައިލިއެވެ.

"އިބާގެ ކައިވެނި ކުރުވަންވީނުން"

"ކައިވެންޏޭ. އެވެސް އަލިޝްބާގެ ކޮއްކޮ. އެކުދިން ކައިވެނިކުރި ރޭގައި ބުރުގާ ނާޅައި ހުރި ކުއްޖާ ދޯ އެއީ" ޒަހާ ވާހަކަދެއްކީ އޭނާގެ ކުރިމަތީގައި އިން ޝަމްސުއާއެވެ.

"ކޮބާ މައްސަލައަކީ؟ ޖޫދުގެ ކައިވެނިކުރުވަން އަހަރެމެން ބޭނުންވަނީ. ޖޫދަކީ ވަރަށް އަހްލާގް ރަނގަޅު މަޑުމައިތިރިކުއްޖެއް. މާޝާﷲ. އެސޮރުގެ އޯގާތެރިކަމާ ލޯބީގެ ބާރުން އަންބަރް ފަދަ ކުއްޖަކަށް އުފާވެރި މުސްތަގުބަލެއް ލިބުނިއްޔާ ކިހާ ރަނގަޅު. އުފާވެރި މުސްތަގުބަލެކޭ މީހުން ކިޔަނީ ހަމައެކަނި މުއްސަނދި ދިރިއުޅުމެއް އުޅޭ މީހުންނަކަށް ނޫން. އަންބަރް ފަދަ މަގު ގެއްލިފައިވާ ކުއްޖަކަށް ޖޫދުގެ ސަބަބުން ހިދާޔަތު ދައްކަވައިފިނަމަ އެވީ ކޮންފަދަ ރަނގަޅު ކަމެއް" ޝަމްސުގެ ވާހަކަތައް އަހާފައި ޒަހާ ވިސްނާލަން އިރުކޮޅަކު އިނެވެ. އެވާހަކަތައް އޭނާއަށް ގޯސް ނުކުރެވުނެވެ. އަންބަރަކީ ބުރުސޫރަ ރީތި ކުއްޖެއްކަން އޭނާއަށް އިނގެއެވެ. އެހެންވިޔަސް މީހާއަށް ލިބިފައިވާ ރީތިކަމަކީ މީހަކާ އިނުމުގައި ކޮންމެހެން ބަލަންޖެހޭ ކަންކަމުގައި ޝާމިލްވާކަމެއް ނޫނެވެ. އެއީ ޒަހާގެ ވިސްނުމެވެ.

"ތިކަމުގައި ގޮތެއް ނިންމުމުގެ ކުރިން އަހަރެން އެމަންޖެގެ މައިންބަފައިންނާ ބައްދަލުކުރަން ބޭނުން" ޒަހާ ބުންޏެވެ.

ދޮރުކައިރީގައި ހުރިހާ ވާހަކަތަކެއް އަޑުއަހަން ހުރި ޖޫދު ދެލޯމަރާ ބާރުކޮށްލިއެވެ. އޭނައަށްޓަކައި މަންމަ ހޯދި ބައިވެރިޔާއަކީ އަންބަރް ހެއްޔެވެ؟ އައިމަން ދެއްކި ވާހަކަތައް ހަޤީޤަތަކަށް ވާން އުޅެނީ ހެއްޔެވެ؟ ޖޫދުގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟