އެމްޕީ ޔާމީން ރަޝީދު

ވެލިދޫ ދާއިރާ ދޫކޮށް ޔާމީން ރަޝީދު މަޑުއްވަރީ ދާއިރާއަށް

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަން ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ނިންމަވައިފިއެވެ.

ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޓީޑީން ޓިކެޓް ދީފިނަމަ މަޑުއްވަރީ ދާއިރާ ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ގޮތް ނިންމާނީ އެމްޓީޑީން ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވެފައިވަނީ މަޑުއްވަރީ ރައްޔިތުންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދަވާ ކަމަށާއި އެދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

ޔާމީން މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަން ނިންމެވިއިރު އޭނާ ކުރިން ހުންނެވި ޕީޕީއެމުން ވަނީ ޕްރައިމަރީއަކާ ނުލައި ވެލިދޫ ދާއިރާގެ ޓިކެޓް ދީފައެވެ.

ނަމަވެސް އޭގެ ފަހުން ޕީޕީއެމުން ވަކިވެވަޑައިގެން، ޔާމީން ވަނީ އެމްޓީޑީއަށް ސޮއިކުރައްވައިފައެވެ.