ރީކޯ މޫސާ މަނިކް

ފައިސާ ޖަމާކުރީ އަސްވާޑު، އެއީ ޓީވީ ޗެނަލެއް ހަދަން ހިންގި މުއާމަލާތެއް: މޫސަ

ޝަހީދާ އަބްދުﷲ ސައީދު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފައިވާ ރިޕޯޓުގައި އޭނާގެ އެކައުންޓަށް ވަދެފައިވާ ކަމަށް ބަޔާންކޮށްފައިވާ އެއް ލައްކަ ޑޮލަރު ޖަމާ ކުރީ އިބްރާހީމް ވަހީދު (އަސްވާޑް) ކަމަށާއި އެއީ އަސްވާޑާއި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އަލަށް ޓީވީ ޗެނަލެއް ހަދަން ބޭނުންވެގެން ހިންގެވި މުއާމަލާތެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓުގައި، އެސްއޯއެފުން އޭނާގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާވި ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގައި، އެކަން ހިނގާފައިވާ ގޮތް ބަޔާންކޮށް އޭސީސީއަށް އިއްޔެ ފޮނުއްވެވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި މޫސަ ވަނީ އަސްވާޑާއި ޔާމީން ރަޝީދުގެ އަލަށް ހަދާ ޓީވީ ޗެނަލަކަށް ބޭނުންވާ އިކުޕްމަންޓްތައް ސިންގަޕޫރުން ގަންނަން ބޭނުންވެ ސިންގަޕޫރަށް ފުރަންޖެހިއްޖެ ކަމަށާއި، ސިންގަޕޫރުގައި އެކައުންޓެއް ނެތުމުން ފައިސާ ޓްރާންސްފާކޮށް ފިހާރަތަކުން އިކުއިޕްމަންޓްތައް ގަނެވޭނެ ގޮތެއް ނެތްކަމަށް މޫސައާއި ބައްދަލުކޮށް އަސްވާޑު ބުނުމުން މޫސަގެ ބީއެމްއެލް އެކައުންޓް ނަންބަރު އަސްވާޑަށް ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

މޫސަގެ ސިޓީގައި ބުނެފައި ވަނީ، މޫސަގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން ސިންގަޕޫރުން އެއަދަދަށް އެމީހުންނަށް ފައިސާ ދޭނެ ކަމަށް ބުނުމުން 08 މާޗު 2015ގައި އަސްވާޑު މޫސަގެ އެކައުންޓަށް އެއްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކޮށްފައި ވަނީ އިންޓަނެޓު ބޭންކު މެދުވެރިކޮށް ކަމަށް ވާތީ، އެ ފައިސާ ޖަމާކުރީ އަސްވާޑުގެ އަމިއްލަ އެކައުންޓުން ކަމަށް ނިންމަވައިގެން ހުންނެވީ ކަމަށް ވެސް މޫސަގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

''އަދި 8 މާޗް 2015ގެ ތާރީހުގައި އަޅުގަނޑުގެ އެޗް އެސް ބީ ސީ ސިންގަޕޫރު އެކައުންޓުގެ 4 ޗެކު: (ނަންބަރ: 019804، 019805، 019806 އަދި 019807) އަޅުގަނޑު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ހަވާލުކުރުމުން އޭނާ ވަނީ އެފައިސާ ނަގައިފައެވެ. މިއީ ރައްޓެހި ކުދީން ކަމަށް ވެފައި މިކުދީންނަށް ސިންގަޕޫރަށް އަވަހަށް އެފައިސާ ފޮނުވޭނެ ގޮތެއް ނެތުމުން އެހީތެރިވުމުގެ ގޮތުން އަޅުގަނޑު ކޮށްދިން ކަމެކެވެ."

މޫސަ ވަނީ ދައުލަތުގެ މުއައްސަސާއެއްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ މައްސަލައެއް އޭސީސީއިން މިފަދަ ބޮޑު ކޮރަޕްޝަންގެ އަމަލެއް ތަހުގީގުކޮށް ނިންމައި ރިޕޯޓުގައި ހިމަނާއިރު އެ މައްސަލައާއި ގުޅޭގޮތުން އޭނާއާ ސުވާލުނުކޮށް އެ ރިޕޯޓު އާންމުކޮށްފައި ވުމުގެ ސަބަބުން ގާނޫނު އަސާސީން ލިބިދޭ އެތައް ހައްގެއް ގެއްލި އަމިއްލަ ދިރިއުޅުމާއި ވިޔަފާރިއަށް އަސަރު ކުރާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރި 15 އަހަރުތެރޭ ދުވަހަކުވެސް މިފަދަ ލަދުވެތިކަމަކާ ކުރިމަތި ނުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"ނަމަވެސް ދުވަހަކުވެސް އެއްވެސް ތުހުމަތެއްގަ ތަހުގީގީ އެއްވެސް އިދާރާއަކަށް އަޅުގަނޑު ހާޒިރުކޮށް މިފަދަކަމެއްގައި ސުވާލުކޮށް ބަޔާން ނަގާފައެއް ނުވާނެއެވެ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ތިޔަފަދަ ބޭފުޅުން މިއަށްވުރެ ޒިންމާދާރުކޮށް ކަންކަން ކުރުމަކީ ތިޔަބޭފުޅުންނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ."