ޚަބަރު

ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް އަލުން އަދީބު ޖަލަށް ގެންދިޔަ މައްސަލަ މަޖިލީހަށް ހުށަހަޅަނީ

މަރިޔަމް ޝަހުދާ

1

ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް އަލުން އަދީބު ޖަލަށް ގެންދިޔަ މައްސަލަ މަޖިލީހަށް ހުށަހަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަދި އެމްޓީޑީގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޓީޑީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވިި ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ގޭބަންދަށް ދޫކޮށްފައިވަނިކޮށް އަލުން އަދީބު ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށް އެޗްއާރުސީއެމްއިން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަލުން މަޖިލިސް ހުޅުވުމާއެކު މި މައްސަލަ އިތުރަށް ބެލުމަށް މަޖިލީހަށް ހުށަހަޅާނެކަމަށް ޔާމިން ވިދާޅުވިއެވެ. މިއީ އެންޓި ޓޯޗާ އެކްޓްއާ ހިލާފް ކަމެއް ކަމަށްވެސް ޔާމިން ވިދާޅުވި އެވެ.

"އެންޓި ޓޯޗާރ އެކްޓްގައި ވަރަށް ސާފުކޮށް ބުނެފައި އޮންނަ ވާހަކައެއް މީ ދިވެހިރާއްޖޭގައި އެއްވެސް ޖަލެއްގައި އެއްވެސް ކުށްވެރިއަކާ މެދު ބޭސްފަރުވާގެ ކަންކަތައްތަކުގައި އަމަލު ކުރެވިގެންދާއިރު ޑޮކްޓަރުގެ އިރުޝާދާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކަށް ބަލާއިރުވެސް، ގާނޫނަށް ބަލާއިރުވެސް އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް އަލުން ޖަލަށް ގެންދިއުމީ ވަރަށް ގޯސްކޮށް ހިނގައިފައިވާ ކަމެއް ކަމަށްވެސް ޔާމިން ވިދާޅުވިއެވެ. އަދި އެމްޓީޑީގެ ފަރާތުން މިކަމަށް މަޑުން ނުތިބޭނެ ކަމަށާއި މިކަން މަޖިލީހަށް ވައްދައިގެން ބަލާނެކަމަށްވެސް ޔާމިން ވިދާޅުވިއެވެ.

ގޭބަންދުގައި ހުންނަވަނިކޮށް މީގެ ހަފްތާއެއް ކުރިން އަދީބު އަނބުރާ ޖަލަށް ބަދަލު ކުރި މައްސަލަ ބެލުމަށްފަހު އެޗްއާރުސީއެމް އިން ވަނީ އަންގާރަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދީބު ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާ ހިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟