އެމްޓީޑީ

އެމްޓީޑީގެ މުއައްސިސް އާސިފް، އިމްރާނަށް ސިޔާސީ ބަހުސަކަށް ޗެލެންޖް ކޮށްފި

މަރިޔަމް ޝަހުދާ

1

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މުއައްސިސް އިސްމާއިލް އާސިފް، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ސިޔާސީ ބަހުސަކަށް ޗެލެންޖް ކޮށްފި އެވެ.

އެމްޓީޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް އިމްރާނަށް ޗެލެންޖްކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައިގައެވެ. އަދީބު ގޭބަންދުން ޖަލަށް ގެންދެވުނީ ގާނޫނާ ހިލާފަށްކަން ތަކުރާރުކޮށް އާސިފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާސިފް ވިދާޅުވިގޮތުގައި އަދީބުގެ ބަލި ހާލަތު ހުރި ގޮތާމެދު އެއްވެސް މީހަކަށް އޮޅުވައެއް ނުލެވޭނެއެވެ. ބައެއް ސިޔާސީ ލީޑަރުން ބަލިވެގެން ރާއްޖެއިން ބޭރަށް ދިއުމަށް ފަހު ކަންތައްތައް ހައްލުވީ ނަމަވެސް އަދީބުގެ ހާލަތަކީ އެއީ ނޫންކަމަށް އާސިފް ވިދާޅުވިއެވެ. އެއީ ރާއްޖެއިން އަދީބުގެ ބަލި ހާލަތު ބަލަމުން އެކަމަށް ވެވުނު ވަރަކުން ފަރުވާދިނުމުގެ މަސައްކަތް ކުރާތީ ކަމަށް އާސިފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ވުރެ ކުރިއަށް އެމްޓީޑީ ޖެހިދާނެތީ އަދާލަތު ޕާޓީން ޖެހިލުން ވަނީތޯ އާސިފް ސުވާލު ކުރެއްވިއެވެ. ހަމަ އެހެންމެ އެމްޓީޑީއަށް ގިނަ ޒުވާނުން އަންނާތީ އެކަމާ އަދާލަތު ޕާޓީން ކަންބޮޑުވަނީތޯވެސް އާސިފް އެ ޕާޓީއާ އަމާޒުކޮށް ސުވާލުކުރެއްވިއެވެ. އެއާއެކު ސިޔާސީ ދާއިރާގައި އެމްޓީޑީއާއެކު ބަހުސަކަށް އައުމަށް އާސިފް މިނިސްޓަރ އިމްރާނަށް ޗެލެންޖު ކުރިއެވެ.

އާސިފް ވަނީ އަދީބުގެ ބައްޔެއް ނެތް ކަމަކަށް ނުބުނެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އަދީބު އަނބުރާ ޖަލަށް ގެންދިއުމުގައި މިނިސްޓަރ އިމްރާން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށްވެސް އާސިފް ވިދާޅުވިއެވެ. އަދި އެމްޓީޑީގެ މެމްބަރުންނަށް ކުށެއް ކުރެވިއްޖެ ނަމަ މައާފަށް އެދެން ކެރޭނެ ކަމަށާއި މިނިސްޓަރ އިމްރާނަށް ކުރެވުނު ކަމަށް މައާފަށް އެދެން ކެރޭނެތޯ އާސިފް ސުވާލު އުފެއްދެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟