ފުލުހުންނާއި ކަރެކްޝަނުން އައިޖީއެމްއެޗަށް ވަދެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ގެންގޮސްފި އެވެ. އަދީބުގެ ގާތް އެކުވެރިއެއް ކަމަށްވާ ސްޓެޕް އައްޔަ ކުރި ޓުވިޓެއްގައި ބުނެފައިވާ ގޮތުގައި އަދީބު ގެންދިޔައީ މާފުށީ ޖަލަށެވެ.
ފުލުހުން ވެސް ވަނީ ދާދި ދެންމެ އެކަން ކަށަވަރުކޮށްދީފަ އެވެ.
އެ ސަރަހައްދުގައި ހުރި ވަން އޮންލައިންގެ ނޫސްވެރިޔާ ބުނީ އަދީބު ގެންދަން ފުލުހުންގެ ވެހިކަލް ކައިރި ކުރީ އައިޖީއެމްއެޗްގެ ބިއްދޮށުން ކުނި ނެރޭ ސަރަހައްދަށް ކަމަށެވެ.
ކުއްލި ގޮތަކަށް އަދީބު ޖަލަށް ގެންދިޔަ މައްސަލައިގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫގެ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވަނީ މީޑިއާއާ ވާހަކަދައްކަވައިފަ އެވެ.
ޔާމީންގެ ވާހަކައިގައި ވިދާޅުވީ ވަރަށް އަނިޔާވެރިކޮށް ބޭސްފަރުވާގެ ހައްގުން މަހުރޫމުކޮށް ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި އަންގަވައިފައިވާ ގޮތާ ޚިލާފަށް އަދީބު ޖަލަށް ބަދަލުކުރުމުގެ ޒިންމާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އަދީބު ޖަލަށް ގެންދިޔައީ ކަމާ ގުޅޭ ގޮތުން ހުރި ގާނޫނު ތަކާއި ގަވައިދު ތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ރާއްޖޭން ބޭރުގައި ހުންނަވާފަ ހޯމް މިނިސްޓަރު އިމްރާން ރާއްޖެ އެވަޑައިގެންނެވީ މިއަދު. ވަޑައިގެންނެވި ގޮތަށް އެ ދައްކައިލީ އެބޭފުޅާގެ ހުރި ބާރު. މި އަނިޔާވެރިކަމުގެ ހުރިހާ ޒިންމާއެއް ހޯމް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ." ޔާމީން ވިދާޅުވި އެވެ.