ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޗައިނާގެ އަލިބާބާގެ މެނޭޖަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
އެކުންފުނީގެ މެނޭޖަރުގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުކޮށް އެތަނުގެ އަންހެން މުވައްޒަފަކު ވަނީ މައްސަލަ ޖައްސައިފައެވެ.
އަލިބާބާގެ ސިޓީ ރީޓޭލް ޔުނިޓުގެ މެނޭޖަރުގެ މައްޗަށް ޖިންސީ ތުހުމަތު ކުރި މައްސަލައިގައި އޭނާ ވަގުތުން ވަކިކޮށް ކުރިއަށް އޮތްތަނުގައިވެސް އެކުންފުނީގެ އެއްވެސް ވަޒީފާއަކަށް ނުވައްދާނެ ކަމުގެ ޔަގީންކަން އަލިބާބާ އިން ވަނީ ދީފައެވެ.
މިކަމާ ގުޅޭ ގޮތުން ރޮއިޓާސް އިން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދެމުން މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އަލިބާބާ ގްރޫޕުން ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއްކަމުގައި ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ. މިމައްސަލަ މިހާރުވަނީ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިފައެވެ.
އަލީބާބާގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ވަނީ އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ 11 ސަފުހާގެ ބަޔާނެއް އެކުންފުނީގެ އިންޓްރާނެޓުގައި ހިމަނައިފައެވެ.
މިމައްސަލައިގައި ކުންފުނީގެ ފަރާތުން ފިޔަވަޅު އަޅާފައިވާއިރު މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކުންފުނިން އެންމެ އިސްކަންދޭ ކަން ކަމުގައި ކުންފުނީން ނެރުނު މެމޯގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރީޓޭލް ޔުނިޓްގެ ރައީސް އަދި ހިއުމަން ރިސޯސްގެ ހެޑް މިކަމާ ގުޅިގެން އިސްތިއުފާ ދީފައިވާ ކަމަށާއި އަލިބާބާގެ ޗީފް ޕީޕަލް އޮފިސަރަށް ވެސް ވަނީ އިންޒާރު ދީފައެވެ.
ސުޕަވައިޒަރެއް އަދި ކަސްޓަމަރެއްގެ ފަރާތުން ނަމަވެސް، ޖިންސީ ގޯނާއަކަށް މަގުފަހިވާ އެއްވެސް ކަމަކަށް އިންކާރުކުރުމުގެ ބާރު ކޮންމެ ޖިންސެއްގެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމުގައި އަލީބާބާއިން އާއްމުކުރި މެމޯގައި ވަނީ ބުނެފައެވެ. އޭގެ އިތުރުންވެސް މިއީ އަލީބާބާގެ ހުރިހާ މުވައްޒަފުންނަށްވެސް ލަދެއް ކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމުގައި އެ މެމޯގައިވަނީ ފާހަގަކޮށްފައެވެ.