ކޮވިޑް 19

ރާއްޖެ އާއި ސަރަހައްދީ ގައުމުތަކަށް ކޮވިޑަށް ފަރުވާކުރުމަށް ބޭނުންވާ ގިނަ ސާމާނުތަކެއް އަލީބާބާގެ ބާނީ ހަދިޔާކުރަނީ

މިންހާ ފާއިޒް ރަޝާދު

2

ރާއްޖެ އާއި ސަރައްހައްދީ ގައުމުތަކަށް އަމާޒުކޮށް ކޮވިޑަށް އެހީވުމަށް ގިނަ ސާމާނުތަކެއް ފޮނުވަން އަލީބާބާގެ ބާނީ، ޖެކް މާ ނިންމައިފި އެވެ.

އެކަން ހާމަކުރީ އަލީބާބާގެ ފައުންޑާ އަދި ބިލިޔަނަރު ޖެކް މާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ.

ޖެކްގެ ޓުވީޓުގައި ވަނީ އިމަޖެންސީ ސަޕްލައި އޭޝިއާގެ ބައެއް ގައުމުތަކަށް ހަދިޔާކުރައްވަން ނިންމެވި ކަމަށެވެ. އޭގެ ތެރޭގައި 1.8 މިލިޔަން މާސްކު، ދެލައްކަ ދިހަހާސް ޓެސްޓު ކިޓްސް، 36000 ޕްރޮޓެކްޓިވް ސޫޓްސް އަދި ވެންޓިލޭޓަރާއި ތާމޯމީޓަރު ހިމެނެއެވެ. 

ޖެކްގެ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، ދިވެހި ރާއްޖެ، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

އެހާ އަވަހަށް އެސާމާނުތައް ޑެލިވަރީ ކުރުން ފަސޭހަ ނުވެދާނެ ކަމަށާއި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ޖެކްގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ޖެކް ވަނީ އެމެރިކާއަށް އެހީވުމަށް ވެސް ފަސް ލައްކަ ޓެސްޓިން ކިޓާއި އެއް މިލިޔަން މާސްކު ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފުރަތަމަ ބެޗް ވަނީ މިހާރު ފޮނުއްވާފައެވެ.

އެފްރިކާގެ 54 ގައުމަށް 20،000 ޓެސްޓިން ކިޓާއި، އެއްލައްކަ މާސްކާއި އެއް ހާސް މެޑިކަލް ޕްރޮޓެކްޓިވް ސޫޓާއި ފޭސް ޝީލްޑް ހަދިޔާ ކުރައްވަންވެސް ޖެކް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟