ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައީޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސާވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. އަލީ އަބްދުﷲ ލަތީފާއި އެ ހޮސްޕިޓަލުގެ އެއިރުގެ ސީއީއޯ އިބްރާހިމް ސަލީމްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
ލަތީފަކީ ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރެވެ.
"އަދި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލް އެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ އަބްދުﷲ ލަތީފް އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިން ގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ. އަދި ޑރ. އަލީ އަބްދުﷲ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ ފޮނުވާފައެވެ." އޭސީސީން ބުންޏެވެ.
އޭސީސީން ވަނީ އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދި ފޮނުވައިފައެވެ.
ސަލީމް، ލަތީފް އަދި މިލްޒާގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހެޅީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލައިގައި، ލަތީފާއި މިލްޒާއާ ގުޅުންހުރި ކަމަށް ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާ މެދު ފިޔަވަޅެއް އަޅަންޖެހޭ ނަމަ، އެ ފިޔަވަޅެއް އެޅުމަށްފަހު، އެކަން އެ ކޮމިޝަނަށް ހިއްސާ ކުރަން އަންގާފައިވާނެ ކަމަށް ވެސް ބުންޏެވެ.