ކޮވިޑާ ގުޅިގެން އެހީގެ ގޮތުގައި ލިބުނު އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާއަށް ވީގޮތެއް އެނގެން ނެތް ކަމަށާއި އޮޑިޓަށްފަހު އެ ވައްކަންތަކުގެ ތަފްސީލު އެނގިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ "ހަފުތާ 52" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކޮވިޑާ ގުޅިގެން ބޭރުގެ ގައުމުތަކުންނާއި ބޭރުގެ ބޭންކުތަކުން އަދި ބޭރުގެ އެކި ޖަމާއަތްތަކުން އެތައް ފައިސާއެއް ރާއްޖެއަށް ދީފައިވާ ކަމަށާއި ރާއްޖެއަށް އެހީގެ ގޮތުގައި 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ.
"މިއީ ދެ ލައްކައެއްހާ، ތިން ލައްކައެއްހާ އާބާދީއެއްގެ ރައްޔިތުންނަށްޓަކައި ކޮވިޑު އައީމާ، ދުނިޔޭގެ އެކުވެރި ދައުލަތްތަކުން ހިލޭ ދީފައި ހުރި ފައިސާ. ކޮވިޑު މެނޭޖުކުރަން. 8.7 ބިލިއަން ރުފިޔާ ލިބިފަހުރި އިރު، އެބޭފުޅުން ހައްދަވާފަ ހުރި އެކްސްޕެންޑިޗާ ރިޕޯޓުތަކުން، ކޮވިޑަށް ކުރެވުނު ހަރަދުތައް ކަމަށް ބުނާ އަދަދަކީ 4.2 ބިލިއަން. ސުވާލަކީ ކޮބާހޭ ކޮވިޑަށް ލިބުނު އަނެއް ހަތަރު ބިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފައިސާ ގޮސްފައި ހުރީ ސިޔާސީ އަދި އާންމު މީހަކަށްވިޔަސް، އެކަންކަން ނުބެލޭ ކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެ ބަޔަކާ ދޭތެރޭ ގެއްލިގެންދާތަން މާޒީގައި ފެނިފައިވާ ކަމަށާއި މި ސަރުކާރުން ސިޔާސީ މަގުސަދެއްގައި މީހަކު ހައްޔަރު ނުކުރި ނަމަވެސް، ދައުލަތުން ވައްކަން ކޮށްފައި ހުރި ނަމަ، އެކަން ބެލެން ޖެހޭނެ ކަމަށެވެ.
"ކޮވިޑުގެ ހާލަތުގައި ހިލޭ ލިބުނު އެތައް އެހީތަކަކާއި ކޮވިޑުގެ ނަމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިންގާފަ ހުރީ. ކޮވިޑާ ބެހޭ ވަރަށް ބޮޑު އޮޑިޓެއް ވެސް މިހާރު ހަދަން ތައްޔާރުވަމުން އަންނަ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ. އިރާދަކުރެއްވިއްޔާ އެކަން ނިމުނީމަ އަޅުގަނޑުމެންނަށް އެނގިގެންދާނެ ކިހާވަރެއްގެ ހިޔާނާތް ތަކެއްތޯ މީގަ ވެފައި މިހުރީ،" ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި އިރު، އެ މަނިކުފާނާ ބައްދަލުކުރީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށާއި އެއީ ނުރައްކާތެރި ދަރަނީގެ ހާލަތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ދަރާފައިވުން ކަމަށެވެ. އަދި އޭރު ކާޑާއި ތެޔޮ ގަތުމަށް އެއް މަސްދުވަހުގެ ފައިސާ ރިޒާވްގައި ހުރި އިރު، 200 އެތައް މިލިއަން ޑޮލަރެއް ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ވެސް ހުރީ ތިން މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.