ކޮވިޑް 19

ޖެކްމާގެ ފަރާތުން އެފްރިކާއަށް ވިހިހާސް ޓެސްޓު ކިޓް، އެއްލައްކަ މާސްކު އަދި އެއްހާސް ސޫޓާއި ފޭސް ޝީލްޑް

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 އެފްރިކާގެ ގައުމުތަކުގައިވެސް ފެތުރެން ފަށާފައިވާއިރު އެންމެ ކޮންޓްރޯލު ކުރުމަށް އުނދަގޫ ވެދާނެ ގައުމުތަކެއްގެ ގޮތުގައި އެ ކޮންޓިނެންޓު ފާހަގަކޮށްފައި ވެއެވެ.

އެފްރިކާގެ ގިނަ ގައުމުތަކުގައި ފަގީރުން ގިނަ ކަމާއި، ސިއްހީ ރަނގަޅު ފަރުވާ އާއި ހިދުމަތްތައް އެހިސާބުތަކަށް ނުލިބޭތީ ދުނިޔޭގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަގުބޫލު އޮންލައިން ވިޔަފާރި ކުންފުނި އަލީބާބާގެ ބާނީ ޖެކް މާ މިވަނީ އަމިއްލަ އިސްނެމުގެ މަތިން އެފްރިކާއަށް އެހީވެވަޑައިގަތުމަށް ނިންމަވާފައެވެ.

ޖެކްގެ ޓުވިޓާގައި ހިއްސާކުރެއްވި ނޫސްބަޔާނަކާއެކު ޖެކް ވިދާޅުވެފައިވަނީ އެފްރިކާއިން އެހެން ގައުމުތަކުން އިބްރަތްލިބި އެއް ފިޔަވަޅު ކުރިއަށް އެޅޭނެ ކަމަށެވެ.

"އެފްރިކާއަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ރިސްކު މަތިން ހަނދާން ނައްތައެއް ނުލެވޭނެ. އެފްރިކާއަށް އައިސްދާނެ ބިރުވެރިކަމަކީ ދުނިޔެއަށްވެސް ބޮޑު ގެއްލުމެއް." ޖެކް މާ ފައުންޑޭޝަންގެ ލެޓާ ހެޑުގައި ނެރުއްވި ނޫސްބަޔާނުގައި އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން ޖެކްމާ ފައުންޑޭޝަނާއި އަލީބާބާ ފައުންޑޭޝަން ގުޅިގެން އެފްރިކާގެ 54 ގައުމަށް 20،000 ޓެސްޓިން ކިޓާއި، އެއްލައްކަ މާސްކާއި އެއްހާސް މެޑިކަލް ޕްރޮޓެކްޓިވް ސޫޓާއި ފޭސް ޝީލްޑް ހަދިޔާ ކުރަން ނިންމައިފިން" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެދެ ފައުންޑޭޝަނުން ގުޅިގެން އޮންލައިންކޮށް ކޮވިޑް19 ގެ ކްލިނިކަލް ޓްރީޓްމަންޓްގެ ޓްރެއިނިންތަކެއް އެފްރިކާގެ މެޑިކަލް އިންސްޓިޓިއުޝަން ތަކަށް ދޭންވެސް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ. 

އެފްރިކާގެ 27 ގައުމަކަށް ކޮވިޑް19 ފެތުރިފައިވާއިރު ގިނަ ގައުމުތަކަކުން ވަނީ ބަލިން ރައްކާތެރިވުމަށް ހަރުދަނާ ދިޔަވަޅުތަކެއް އަޅާފައެވެ. ގިނަ ގައުމުތަކުން ވަނީ ދަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. ބައެއް ގައުމުތައް ވަނީ އެއްކޮށް ބަންދުވެސް ކޮށްފަ އެވެ.

ޖެކް ވަނީ އެމެރިކާއަށް އެހީވުމަށް ވެސް ފަސް ލައްކަ ޓެސްޓިން ކިޓާއި އެއް މިލިޔަން މާސްކު ހަދިޔާ ކޮށްފައެވެ. ފުރަތަމަ ބެޗް ވަނީ އިއްޔެ އެމެރިކާއަށް ފުރުވާލާފައެވެ.