އަލީބާބާގެ ބާނީ އަދި ބިލިއަނަރު ޖެކް މާ ގެ އެހީ ޔޫރަޕުގެ ހޮސްޕިޓަލުތަކަށް ފޯރުކޮށްދޭން ނިންމައި އެކަން އިއުލާނު ކުރައްވައިފިއެވެ.
ދާދި ދެންމެ ޖެކް މާ ކުރެެއްވި ޓުވީޓުގައި ވިދާޅުވީ ޖެކް މާ ފައުންޑޭޝަނާއި އަލީބާބާ ފައުންޑޭޝަން ގުޅިގެން ވީއެންމެ އަވަހަކަށް، ކޮވިޑް19 އިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ފޮނުއްވާނެ ކަމަށެވެ. އޭގެ ތެރޭގައި 800 ވެންޓިލޭޓަރާއި 300000 ޕްރޮޓެކްޓިވް ގައުން ސެޓާއި 300000 ފޭސް ޝީލްޑްސް ހިމެނެއެވެ. މި ތަކެތި ފޮނުވަނީ ޔޫރަޕުގެ ހޮސްޕިޓަލުތަކަށް ކަމަށް ޖެކްގެ ޓުވީޓުގައި ވެއެވެ.
ޖެކް މާ ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކަށް އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އެމެރިކާ، އެފްރިކާ އަދި ސައުތު އޭޝިއާ ހިމެނޭ ގޮތަށް ދިވެހި ރާއްޖެއަށް ވެސް އެހީ ފޯރުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޖެކް ވެދެއްވާ އެހީތަކަށް ދުނިޔޭގެ އެކި ގައުމުތަކުގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް ޖެކް އަކީ ޗައިނާ ބޭފުޅެއްކަމުން ޗައިނާއިންވެސް ވަނީ ޖެކްގެ ކުރައްވަމުން ގެންދަވާ މަސައްކަތަށް ފަހުރުވެރިވާ ކަމަށް ބުނެ ޓުވީޓު ކޮށްފައެވެ.