ވާހަކަ

ޖޫދް - 11

7

އެގާރަވަނަ ބައި

މީހަކާ މެދު ހިތުފިތުނަވެރިކަމެއް އޮންނާނެ ވަރަށް ވުރެ ޖިޔާއަކީ ކުޑަކުއްޖެކެވެ. އަދި ކިރިޔާ ވީ އެންމެ ދިހަ އަހަރެވެ. ހަށިގަނޑުން ބޮޑު އަންހެނެއްހެން ހީވިޔަސް ޖިޔާގެ ސިކުނޑި ޅައެވެ. މިކަމަކީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. ފަހުން ފިޔަވަޅު އަޅަންހުއްޓައި ދުވަހަކުވެސް އަރައިނުގަނެވޭރުގެ ބޮޑު އަނދަވަޅަކަށް އާއިލާ ވެއްޓިދާނެއެވެ. ފުލުހުންނާ ސްކޫލުގެ އިސްވެރިންގެ ސަމާލުކަމަށް މިކަން ގެންނަންޖެހެއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ޖޫދުގެ ސައިކަލުގެ މިސްރާބު ބަދަލުކޮށްލީ ޕޮލިސް ސްޓޭޝަނާ ދިމާލަށެވެ.

*****

ނިދަން ތައްޔާރުވެގެން އެނދާ ހަމައަށް އަލިޝްބާ އަންނަންދެން އައިމަން ހޭލާ އޮތެވެ. އަލިޝްބާ މުހިންމު ވާހަކައެއް ދައްކަން ބޭނުންވެގެން ބުނިފަހުން އޭނާ އިންތިޒާރު އެކުރަނީ އެވާހަކަ އަލިޝްބާ ދައްކާނެ އިރަކަށެވެ. ފެން ޖަގު ހިފައިގެން އަލިޝްބާ ކޮޓަރިއަށް ވަންއިރު އައިމަން އިނީ ލެޕްޓޮޕް ހުޅުވާލައިގެން އެނދުމަތީގައެވެ. އަލިޝްބާ އެނދަށް އެރުމާއެކު އޭނާ ކުރިން އިން މަސައްކަތް ހުއްޓާލުމަށްފަހު އަނބިމީހާއަށް ސަމާލުކަން ދިނެވެ.

"އެންމެން ނިދައިފިތަ؟" އައިމަން އެހިއެވެ.

"މަންމަ ނުނިދާ. ގަމަރުގެ ކޮޓަރިއަށް އެދިޔައީ" އަލިޝްބާ ބުނެލިއެވެ.

"ގަމޫ މިރޭ ރަނގަޅަށް ކެއިތަ؟" އައިމަން އެހިއެވެ.

"މަންމަ އާ އަހަރެން ވަރަށް މަސައްކަތްކޮށްގެން ކުޑަ އެތިކޮޅެއް ކެއި. ހުންނާނީ އަނގަ ހިތިވެފައެއްނު. މިރޭ އަދި ހުން ފިނިކޮށްލީ އެ" އަލިޝްބާ ބުންޏެވެ. ބާލީސްމަތީގައި ބޯ އަޅާލާފައި އޭނާ ބަލައިލީ ފިރިމީހާއަށެވެ.

"ކޮން ވާހަކައެއް ބުނަން އުޅުނީ؟" އައިމަން އެހިއެވެ.

"ޖޫދާ ބެހޭގޮތުން.. ޖޫދުގެ ހުރިހާ ވާހަކައެއް ޒަހާއްތަ މަށަށް ކިޔައިދީފި" އަލިޝްބާ ބުންޏެވެ. އައިމަން ދެބުމަ ގޮށްޖެހުނެވެ. ޖޫދާ ބެހޭގޮތުން އަނބިމީހާ ދައްކަން އުޅެނީ ކޮންވާހަކައެއްބާއޭ ހިތަށް އެރިއެވެ.

"މަންމައަކީ ރަނގަޅު އަންހެނެއް. އަހަރެންނަށް އެއްޗެހި އުނގަންނައިދިން ގޮތަށް އިބާކޮއްކޮއަށް ވެސް އުނގަންނައިދިން" އައިމަންއާ ނަޒަރު ވަކިކޮށްލަމުން އަލިޝްބާ ބުންޏެވެ.

"ތިފެށީ ކޮން ވާހަކައެއް؟" ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު އަލިޝްބާ ބަދަލުކޮށްލުމާއެކު އައިމަން އެހިއެވެ. ޖޫދުގެ ވާހަކައިގެ ތެރެއިން އަލިޝްބާ އަމިއްލަ އާއިލާގެ ވާހަކަ ފެށުމުން ވިސްނަންވީ އެއްޗެއް އައިމަންއަށް ނޭނގުނެވެ.

*****

"މިވާހަކައޭ ދައްކަން ބޭނުމީ. ބައްޕަ އެގޮތަށް ކަންތައްކުރީ ކީއްކުރަން؟؟" އަންބަރްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ބޭރުގޭތެރެ ސޯފާގައި އަމިއްލަ މަސައްކަތެއް ކުރަން ހާތިމް އިންއިރު އަންބަރް އިނީ ދެފައި ވަށްކޮށްގެން އަރައި ސޯފާގައެވެ. ސުމައްޔާ ފެންނަން ނެތެވެ.

"ބައްޕަ ތިގޮތަށް ކަންތައްކުރީމަ އަޅުގަނޑުގެ ރައްޓެހިން ކުރިމަތީގައި އަގުވެއްޓޭނީ. ތިގޮތަށް ކަންތައް ކުރަން ނިންމާފައިވާއިރު ކޮންމެހެން އެތަން އަޅުގަނޑަށް ދޭނަމޭ ކިޔާފަ ކޮންވާހަކައެއް ދެއްކީ؟" އަންބަރް ވާހަކަދެއްކިއެވެ. ހާތިމް ހަމަ ބަހެއްވެސް ނުކިޔައި އިނެވެ. އަންބަރްގެ ފަރާތުން އެ ޝަކުވާތައް މާކުރިންވެސް އަޑު އިވޭނެކަން ހާތިމްއަށް އެނގެއެވެ. އެ ސުވާލުތަކަށް ޖަވާބުދިނުން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ނުދެކުނެވެ. ކުރިން އަންބަރަށް ދިން މިނިވަންކަން ވަކި ހައްދެއްގެ ތެރޭގައި ހިފަހައްޓަން އޭނާ ހުރީ ފޫގަޅިޖަހައިގެންނެވެ.

"މިހާރު ކިހިނެއްވި؟" ބޭރުން އައިސް ވަން ސުމައްޔާ އިށީނެވެ. އަންބަރްގެ ހިތްހަމަނުޖެހިފައިވާ މޫނަށް ސުމައްޔާ ބަލައިލިއެވެ.

"އިބާ ޝަކުވާކުރަނީނު" ފަރުވާކުޑަ ގޮތަކަށް ހާތިމް ބުންޏެވެ. މިހުރިހާ އިރު ހާތިމް ބަހެއް ނުކިޔައި އިނދެފައި ސުމައްޔާއަށް ޖަވާބުދިނުމުން އަންބަރް ހައިރާންވެފައި ހާތިމަށް ބަލައިލިއެވެ.

"އެތަނުގައި އަހަރެން ޓިޔުޝަން ކްލާހެއް ހުޅުވަން އުޅޭތީ" ހާތިމް ބުންޏެވެ.

"މައްސަލައަކީ ބައްޕަ ޓިޔުޝަން ކުލާހެއް ހުޅުވަން އުޅޭތީކީ ނޫން. ކުރިން އަޅުގަނޑަށް ސެލޫނެއް ހުޅުވަން އެތަން ދޭނަމޭ ކިޔާފަ ހަމަ ކުއްލިއަކަށް ނިންމުން ބަދަލުކުރީމަ" ތުންދަމައިގެން އިނދެފައި އަންބަރް ބުންޏެވެ. ބައްޕަގެ ނިންމުން ބަދަލުކުރަން މަންމަ އެހީވާނޭ ހިތާ އޭނާ އިނީ ސުމައްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ދުނިޔޭގައި ހުރީވިއްޔާ އިބާގެ ކޮންމެ އެދުމެއް ހާސިލުވެދާނެ. ސެލޫނެއް ހުޅުވައިގެން އަންހެން ކުދިން ފާޑުފާޑުގެ މޭކަޕްތައްކޮށް އިސްތަށިގަނޑު ކޮށައި ހަދަނީ ކީއްކުރަން. އެއީ އާޚިރަތުގައި ތިމާއަށް އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫން. އެއަށްވުރެ މާރަނގަޅުވާނެ ތިމާއަށް އެކަމުން މި ދުނިޔޭގައިވެސް އެ ދުނިޔޭގައިވެސް ފައިދާކުރާނެ ކަމެއް ކޮށްފިއްޔާ. އިބާގެ ބައްޕަ އެ އުޅެނީ އެތަނުގައި ޤުރުއާން ކްލާހެއް ހުޅުވަން. އެކަމުން އިބާއަށްވެސް އަދި އިބާގެ މަންމައާ ބައްޕައަށްވެސް ވާނީ ފައިދާ. ގެއަށް ވަންނާނީ ހަލާލު ލާރި" ސުމައްޔާ ވާހަކަދެއްކިއެވެ. އުންމީދުކުރި ގޮތާ ހިލާފަށް މަންމަގެ ވާހަކަތައް އައުމުން އަންބަރް ކަރުއެލުވައިލިއެވެ.

"މަންމައާ ބައްޕައަށް މިހާރު ކިހިނެއްވެފަ ތި ހުންނަނީ. އަޅުގަނޑު ކުރާ އެއްވެސް ކަމެއް މިހާރަކު މަންމަމެންނަށް ކަމަކުނުދޭ. ކުއްލިއަކަށް ހާދަ ބަދަލެއް ތިއައީ. ދޮންތަ ހަމަ ދާއިރަށް އަޅުގަނޑު މުޅިން ބާކީވެއްޖެ. މިހާރު އެނގިއްޖެ ބައްޕަގެ ބޮލަށް އެރުނީ މަންމަކަން" އިބާ ބުންޏެވެ. "މަންމަ ދުވަހަކުވެސް އަޅުގަނޑަށް ރަނގަޅަކަށް ނޭދޭނެ" އަންބަރްގެ އެ ޖުމްލައިން ސުމައްޔާ ހިތުގައި ޒަހަމެއް ލެވިއްޖެއެވެ. އަންބަރްގެ މޫނަށް ބަލަން އިންއިރު އޭނާގެ ހިތުގައި ލެވުނު ޒަހަމް އެ ދަރިފުޅަށް ފެންނާނެ ނަމައޭ ހިތަށް އެރިއެވެ.

"ދަރިފުޅުގެ ތި ވިސްނުން ނުބައި. އެ ނިންމުމަކީ ބައްޕަގެ އަމިއްލަ ނިންމުމެއް. އިބާ އުޅޭ އުޅުން ބައްޕައަށް ކަމަކު ނުދޭ. އެހެންވެގެން މިގޮތަށް ކަންތައްކުރީ" ހާތިމް ބުންޏެވެ.

"އެހެންވިއްޔާ އަޅުގަނޑު ބޭނުމީ ގޭގައި ހުރެގެން މަންމައާ ބައްޕަގެ ލެކްޗަރުތައް އަޑުއަހާކަށް ނޫން. މިހެން ކޮންމެ ދުވަހަކު އަބަދު އެކައްޗެއް އަޑުއަހަންވިއްޔާ އަޅުގަނޑު މޮޔަވެދާނެ" ސޯފާއިން ތެދުވެ އަތުގައި އޮތް ކުޝަން ސޯފާ މައްޗަށް ޖަހަމުން އަންބަރް ބުންޏެވެ. މައިންބަފައިންގެ ކުރިމަތީގައި އެއްވެސް އިހުތިރާމެއް ނެތި އަންބަރް އެގޮތަށް ޒުވާބު އެކުރަނީ އަދި ފުރަތަމަ ފަހަރަށެވެ. އަންބަރްގެ ބަދަލުވެފައިވާ މިޒާޖާ މެދު ސުމައްޔާއަށް އިނދެވުނީ ފިކުރު ބޮޑުވެފައި ބަލަހައްޓައިގެންނެވެ.

"ކީއްކުރަން ބޭރުން ވަޒީފާ ހޯދަނީ. ބައްޕަ ދީފާނަމޭ އިބާއަށް ވަޒީފާއެއް. ޤުރުއާން ކުލާސްތައް ފަށަންވާއިރަށް އެތަނުގެ ހުރިހާ އިދާރީ މަސައްކަތެއް ދަރިފުޅު ބަލަހައްޓައިދީ. ކުދިންގެ ފޯމުތައް އެންޓާކޮށް އުމުރުފުރާތައް ބަހައި ހާޒިރީ ތައްޔާރުކޮށްދީ. އަދި ބެލެނިވެރިންނަށް ގުޅައި ކޮންމެ އުމުރުފުރާއެއްގެ ގަޑިތައް ވަކިވަކިން ކޮންމެ ބެލެނިވެރިއަކަށް އަންގައިދިނުމާ އެކުދިންގެ ފީކާޑު ތައްޔާރުކޮށްދީ. ބައްޕަ ދޭނަން ރަނގަޅު މުސާރައެއް" ހާތިމްގެ ވާހަކަތަކުން އަންބަރް އިނީ ރުޅި ފަޅައިގެންދާން ގާތްވެފައެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު ހަމަ ކޮންމެ ވަގުތެއްގައިވެސް ފަޅައިގެންދާނެހެން ހީވެއެވެ.

"ވަރަށް ރަނގަޅު ވަޒީފާއެއް. ކޮބާ އަހަރެންނަށް އޮތް ވަޒީފާ؟" އަންބަރް އިނީ ހިތްހަމަނުޖެހިފައިކަން އެނގޭއިރުވެސް ސުމައްޔާ ނޭނގޭ ކަމަށް ހަދާފައި ވާހަކަދެއްކިއެވެ. ރުޅިވެރި މާހައުލަކުން އުފާވެރި މާހައުލަކަށް ތަން ބަދަލުކުރުމަށް އޭނާ މަސައްކަތްކުރަމުން ދިޔައެވެ. މަންމައާ ބައްޕަގެ ނިންމުމަށް ކުރިމަތީގައި އިން ދަރިފުޅު އާ ބަސް ބުނާނޭ ކަމުގެ އުންމީދުގައެވެ.

"ސޮރީ. ބައްޕައާ އިބާ ގޮތަށް އޭސީގައި އިނދެގެން ކުރާ މަސައްކަތެއް ނޫން ސުމޭއަށް އޮތީ. މަންމަ ކުރަންވީ ކަމަކީ ތަން ސާފުކޮށްފަ ބެހެއްޓުން. ކިޔެވެން ކުރިއަށްދާ ވަގުތުގައި ކުދިން ފާހާނާއަށް ގެންދިޔުން ކަހަލަ ކަންތައްތައް. އެހެންނު ދަރިފުޅު" ސަމާސާ ރާގެއްގައި ހާތިމް އަންބަރަށް ނަޒަރެއް ދިނެވެ. އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައީ އަންބަރްގެ ރުޅިވެރި ދެލޯ ފެނިފައެވެ. އެހެންނަމަވެސް އޭނާއަށް އެތަން ފެނުނު ކަމަކަށް ނެހެދިއެވެ.

"އޯ ގޯޑް ޕްލީޒް. މަންމައާ ބައްޕަ މޮޔަވީތަ؟ އަޅުގަނޑު ނޫޅެން ލޫޒާއެއް ހެން ގޭތެރޭގައި ތިކަހަލަ ކަޓު ކަންތައް ކުރަން އިންނާކަށް" ހިތްހަމަނުޖެހިފައި އަންބަރް ހިނގައިގަތެވެ.

"ފަހުބަސް މިއީ އަހަރެންގެ. އިބާއަށް ބޭރު ތެރެއަށް ވަޒީފާއަކަށް ނުދެވޭނެ" ހާތިމް ބުންޏެވެ. އެހިނދު ކޮޓަރިއަށް ވަންނަން ދިޔަ އަންބަރް ހުއްޓި ފަހަތް ބަލައިލިއެވެ. ރުޅިއައިވަރުން އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"އަޅުގަނޑު ބޭނުމީ ރިސޯޓަކަށް ދާން. ނުދެވެންޏާ ދުވަހަކުވެސް ވަޒީފާއެއް އަދާނުކުރާނަން. މިއީ އަޅުގަނޑުގެ ފަހު ބަސް" ކޮޓަރީ ތަޅުގައި ހިފައިގެން ހުރެ އަންބަރް ބުންޏެވެ.

"އަންބަރް" ގޭތެރޭގައި ހާތިމްގެ އަޑު ގުގުމައިގަތެވެ. ސުމައްޔާ ދިޔައީ ސިހިގެންނެވެ. ދުވަހަކުވެސް އެ ދަރަޖައަށް ހާތިމް ރުޅިއައިސްފައި ހުއްޓައި އޭނާއަށް ފެނިފައެއް ނެތެވެ. ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް މިއަދު ނޫނީ އަންބަރްގެ ފުރިހަމަ ނަމުން ނުގޮވައެވެ. އެކަމުން އެކަނިވެސް ހާތިމްގެ ރުޅިގަނޑު ސުމައްޔާއަށް އަންދާޒާ ކުރެވިއްޖެއެވެ.

"މަންމައާ ބައްޕަ އަޅުގަނޑު ކަރުގައި ހިފައިފަ އެއްފަހަރުން މަރާލާންވީނުން. މާ ރަނގަޅުވާނެ" އަންބަރް ބުންޏެވެ. އޭނާ ކޮޓަރިއަށް ވަންގޮތަށް ބާރަކަށް ދޮރުލެއްޕިއެވެ. އެކަކު އަނެކަކާ ބަހެއް ނުކިޔާ ގޮނޑިއަށް ބިއްޖެހިފައިވާ ދެމީހުން ފަދައިން ހާތިމް އަދި ސުމައްޔާ އިނެވެ.

*****

ކޮފީ މޭޒުދޮށުގައި އިން ޖޫދު ފުން ނޭވާއެއް ދޫކޮށްލާފައި ކުރިމަތީގައި އިން އެކުވެރިޔާއަށް ބަލައިލިއެވެ. އައިމަންގެ ހިޔާލަކަށް އޭނާ ބޭނުންވެފައިވެއެވެ. އޭނާއަށް ނޭނގެނީ ހުދު އައިމަންވެސް އައީ އޭނާ ކައިރީ އެވާހަކަތަކާ ގުޅުވައިގެން ވާހަކަ ދެއްކުމަށް ކަމަށެވެ. އެކަމަކު ޖޫދު އިސްނަގައިގެން އެ ވާހަކަތައް ދެއްކުމުން އޭނާ ބޭނުންވާ ދިމާލަށް ވާހަކަތައް ގެންދަން ފަސޭހަވިއެވެ. ޖޫދު މަގުކޮށައިދީފިއެވެ. ދެން އޮތީ ކުރިއަށް ދިޔުމެވެ.

"ދެން ކިހިނެއް ޖޫދޫ ނިންމީ" އައިމަން އެހިއެވެ.

"މަންމަ ނިންމީ މިފަހަރުވެސް. ދެން ކުރިއަށްދާނީ. އެކަމަކު އޭގެކުރިން އެއީ ކޮންކަހަލަ ކުއްޖެއްތޯވެސް ބަލަންޖެހޭނެއްނު" ޖޫދު ބުންޏެވެ. އައިމަން ހިމޭންވިއެވެ. ޖޫދުގެ ހަޔާތުގެ ބައިވެރިއަކަށް ރަނގަޅު މީހަކު ހޯދުމަށް ޒަހާ ހަވާލުކުރީ އަލިޝްބާއާއެވެ. އަލިޝްބާގެ ނަޒަރުގައި އެފަދަ އަންހެން ކުއްޖަކު އެބަހުއްޓެވެ. ޒަހާއާ ހަމައަށް ގެންދިޔުމުގެ ކުރިން އަލިޝްބާ ވަނީ އޭނާގެ ވިސްނުން ހުރި ގޮތް އައިމަންއަށް ކިޔައިދީފައެވެ. އެއީ ކާކުކަން އެނގުމުން މަނާކުރަން ކިތަންމެ ފަހަރަކުވެސް އައިމަން އުޅުނެވެ. އެހެންނަމަވެސް އަލިޝްބާ އޭނާއަށް ޔަގީންކަން ދިނެވެ. އެއްވެސް ކަމެއް ގޯސްނުވާނެކަން ބުނެދިނެވެ. އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް އިތުބާރު ނުކުރާނެ މިންވަރަށް އޭނާ އަލިޝްބާއަށް އިތުބާރު ކުރެއެވެ. އެހެނީ ހެއްދެވިފަރާތަށް ވަފާތެރި މީހަކު އެހެން އެއްވެސް ކަމަކުން ފައިކައްސާލައިގެން ނުދާނެއެވެ.

"އެންމެ ރަނގަޅު. އަހަރެން ވާހަކައެއް އަހަންތަ؟" އައިމަން ބުންޏެވެ.

"މިސާލަކަށް ޒަހާއްތައަށް ފެނުނީ ވަރަށް ރަނގަޅު ކުއްޖެއް. ޒަހާއްތައަށް ފުރިހަމަ ޔަގީންކަން އޮތް އެކުއްޖާއަކީ އާއިލާއާ ގުޅޭނެ ޖޫދު ދެކެ ލޯބިވާނެ ކުއްޖެއް ކަމުގައި. އެކަމަކު ކުޑަކުޑަ މައްސަލައެއް އުޅޭ" އައިމަން ވާހަކަދެއްކިއެވެ. އޭނާ ޖޫދަށް ހިޔާލެއް ދިނުމުގެ ކުރިން ދުރުދުރުން ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ.

"ކޮން މައްސަލައެއް އުޅެނީ. މަންމަގެ ނަޒަރުގައި ރަނގަޅު ކުއްޖަކީ އަހަރެން ރުހޭނެ ކުއްޖެއް" ޔަގީންކަމާއެކު ޖޫދު ބުންޏެވެ.

"މައްސަލައަކީ އެ ކުއްޖާއަކީ ދީނާ ދުރު ކުއްޖެކޯ. އެކަމަކު ހިތްހެޔޮ ކުއްޖެކޯ. ބައެއްގެ ލޯތްބާ އޯގާތެރިކަން ދީގެން އެކުއްޖާގެ ވިސްނުން ބަދަލުކުރެވިދާނެހެން ޒަހާއްތައަށް ހީވަނީ. ދެން؟ ޖޫދުގެ ޖަވާބަކީ ކޮބާ؟" އައިމަން އެހިއެވެ. އެ ވާހަކަތަކާ މެދު ވިސްނާލަން ޖޫދު އިނެވެ. ދީނާ ދުރު އަންހެނަކަށް ދުވަހަކުވެސް އޭނާގެ ރުހުމެއް ނުލިބޭނެއެވެ. އެފަދަ އަންހެނަކަށް އޭނާ އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަހަލަ އަންހެނަކު ހަޔާތުގެ ބައިވެރިއަކަށް ހަދައިގެން މުޅި ދިރިއުޅުން ބަރުބާދުވުން ނޫން ކަމެއް ނުވާނެއެވެ. ދެލޯ ހުޅުވައިގެން ހުރެ އަލިފާނުގައި ފައި އަޅަން ހެޔޮނުވާނެއެވެ.

"މަންމައަށް ވިސްނައިދޭނަން އެއީ އަދި ރަނގަޅު ކުއްޖެއް ނޫން ކަމަށް. އަހަރެން ބޭނުމެއް ނޫން" އެތައް އިރަކު ވިސްނަން އިނދެފައި ޖޫދު ބުންޏެވެ. އައިމަން ލުއިލުއިކޮށް ހީލިއެވެ. ޖޫދުގެ ފަރާތުން އަންނާނެ ޖަވާބަކީ އެއީކަން މާކުރިންވެސް އޭނާއަށް އެނގެއެވެ. ހެވުނީ އެހެންވެއެވެ.

"ނޫންތަ؟ އެއީކީ ނޫންތަ ރަނގަޅު ގޮތަކީ" ޖޫދު އެހިއެވެ. ބޭނުންވީ އެ މައްސަލައިގައި އައިމަންގެ ހިޔާލަކީ ކޮބައިތޯ ބަލާށެވެ.

"ނޫން. އަހަރެން ނަމަ ތިހެނެއް ނޫން ކަންތައް ކުރާނީ؟" ކޮފީތަށިން ކޯވަރެއް ބޯލަމުން އައިމަން ބުންޏެވެ.

"ދެން؟ ތިބުނީ ރަނގަޅުގޮތަކީ ތިބުނާ އަންހެން ކުއްޖާއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގޭއިރުވެސް އަހަރެން އެކަމާ ރުހޭށޭތަ؟ ނޯ ވޭ. އައިމަންވެސް ތިހެން ތިބުނަނީ މިއަދު ހަޔާތުގެ ބައިވެރިޔަކަށް ޖަވާހިރުކޮޅެއް ކަހަލަ ކުއްޖަކު ލިބިފައި ހުރީމަ" ޖޫދު ވާހަކަދެއްކިއެވެ.

"އަހަރެމެން މި ދުނިޔެއަށް ފޮނުއްވީ ކީއްކުރަން؟ އެކަލާނގެއަށް އަޅުކަންކުރަން. އެކަލާނގެ އެންގެވި ގޮތާއި މާތްރަސޫލާ ދެއްކެވި މަގުން ކުރިއަށްދާން. އެކަލާނގެއަށް ކުރެވޭ އަޅުކަމަކީ ހަމައެކަނި ފަސްވަގުތު ނަމާދުކޮށް ރޯދަ ހިފައި ހައްޖު ކުރުމެއް ނޫން. އަހަރެމެންގެ ކަނާއަތު ފަތް ބަރުކުރަން އަދި ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި. އެތައް ގޮތަކުން އަހަރެމެންނަށް ޕޮއިންޓް އިތުރުކުރެވިދާނެ. މިސާލަކަށް މިބުނާ ކަހަލަ އަންހެން ކުއްޖަކު ދިރިއުޅުމަށް ގެނެސް އެކުއްޖާއަށް ރަނގަޅު މަގު ދައްކައިދީ އެކުއްޖާގެ މުޅި ދިރިއުޅުން ބަދަލުކުރުމަކީ ކިހާ މޮޅުކަމެއް. ފިރިއަކަށް ކުރެވޭނެ ކިހައި ބޮޑު ހެޔޮކަމެއް އެއީ."

"އޯކޭ އޯކޭ..." ޖޫދު ހީލިއެވެ. "އަދި ނޭނގެއެއްނު ތިކަހަލަ ކުއްޖެއްކަމަށް މަށަށް ލިބޭނީ. އެހެންނޫނަސް ތިބުނާ ކަހަލަ ކުދިން އަހަރެންނަށް މިރަށުން ވަރަށް ނުފެނޭ" ޖޫދު ބުންޏެވެ. މާނަވީ ގޮތަކަށް ޖޫދަށް ބަލައިލާފައި އައިމަން ހީލިއެވެ.

*****

"އެއްވެސް ކަމެއް ގޯހެއް ނުވާނެ. އިންޝާﷲ" ފޯނު ކަންފަތުގައި ޖަހައިގެން ގޭތެރެއަށް ވަން އައިމަން ފެނުމާއެކު ސޯފާގައި އިން ޝަމްސު ކޮޅަށް ތެދުވެއްޖެއެވެ. އޭނާ ހުރީ އައިމަންއަށް ގުޅައިގެންނެވެ. ފޯނު ކަންފަތާ ވަކިކޮށް ޖީބަށް ކޮށްޕާލާފައި އައިމަން އައިސް ހިފީ ޝަމްސުގެ ދެކޮނޑުގައެވެ. އޭނާގެ މޫނުމަތީގައިވީ ހާސްކަމެވެ. ޝަމްސުގެ ފޯނު ކޯލު އޭނާއަށް ލިބުނީ ޖޫދާއެކު ކޮފީ ނިންމާފައި ވަޒީފާއަށް ދިޔަ މަގުމަތީގައެވެ.

"ނަސީބެއް. ދަރިފުޅު ގޭ ކައިރީގައި ހުއްޓަ ދޯ މަންމައަށް ގުޅުނީ"

"ކެފޭއިން ހަމަ ނިކުތްތަނާ. މިހާރު ކޮބާ ލިބާ؟ ވަރަށް ރުއިތަ؟" އައިމަން އެހިއެވެ.

"އެމަންޖެ މޫނަށް ބަލައިލާފަ މަންމައަށް އެނގޭ ރޮއެފަކަން ހުރީ. ދެންވެސް ދޭބަލަ" ޝަމްސު ބުންޏެވެ.

ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އައިމަން ދޮރު ހުޅުވާލިއިރު އަސުރު ނަމާދުކޮށް ނިމިގެން އަލިޝްބާ އުޅުނީ މުސައްލަ ނަގައެވެ. ފިރިމީހާގެ މޫނަށް އަލިޝްބާ ބަލައިލިއިރު އެ މޫނުމަތިން ކަންބޮޑުވުމެއް އައިމަންއަށް ފެނުނެވެ.

"ކަމެއް ގޯސްވީތަ؟ ކީއްވެ މަށަށް ނުގުޅީ" މުސައްލަ ބާއްވާފައި އަލިޝްބާ އައިސް އައިމަންގެ ކުރިމަތީގައި ހުއްޓުމާއެކު އައިމަން ބުންޏެވެ.

"ނަމާދުކޮށްގެން ގުޅަން އުޅުނީ. މަންމަ ހުރީ ވަރަށް ދެރަވެފަ. އަހަރެންނަށް ގުޅާފަ ރަނގަޅަށް ވާހަކަވެސް ނުދެއްކުނު. އަހަރެން ގެއަށް ދިޔަސް އެންމެ ރަނގަޅުތަ؟" އަލިޝްބާ ބުންޏެވެ. އައިމަން ދޫކޮށްލީ ފުން ނޭވައެކެވެ. ލޯތްބާއެކު އަލިޝްބާގެ ދެކޮނޑުގައި ހިފާލައިގެން އައިސް އެނދުގައި ބޭންދިއެވެ.

"ތިއީ އަހާ ކަހަލަ ސުވާލެއް ނޫނެއްނު. ލިބާ އަމިއްލަ މައިންބަފައިން ކައިރިއަށް ދާން ދުވަހަކުވެސް އަހަރެން މަނާކޮށްފާނެތަ؟ ތައްޔާރުވޭ. އަހަރެން ލިބާ ގެންގޮސްދޭނަން" އައިމަން ބުންޏެވެ. މަޑުމަޑުން އަލިޝްބާ ތެދުވެގެން ހިނގައިގަތެވެ. ހެދުން ބަދަލުކޮށް ނިމިގެން އަލިޝްބާ ނިކުންނަން ދިޔަ ވަގުތު އައިމަން ހިފީ އަލިޝްބާގެ އަތުގައެވެ.

"ދެރަނުވޭ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެމެންގެ ވެރި ރައްބު ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ. ލިބާ ތިހެން ދެރަވެފައި ހުރެ މަންމައާ ބައްދަލުކުރީމަ މަންމަ މާ ދެރަވާނެ" އައިމަން ބުންޏެވެ. އޭނާ ލޯތްބާއެކު އަލިޝްބާގެ ލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފޮހެދިނެވެ. އޯގާތެރި އަތަކުން އަނބިމީހާގެ ބޮލުގައި ފިރުމާލާފައި މޭގައި ޖައްސާލިއެވެ.

*****

ގޭތެރެއަށް ވަންގޮތަށް ކޮނޑުގައި އޮތް ދަބަސް ސޯފާ މަތީގައި ބާއްވާފައި އަލިޝްބާ ދިޔައީ ސުމައްޔާގެ ކޮޓަރިއާ ދިމާލަށެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މުޅި ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ދޮރު ހުޅުވާލިއިރު ދިމާ ކުރިމަތީގައި މުސައްލަ މަތީގައި އިން ސުމައްޔާ ރޮނީއެވެ. އޭނާގެ ދެއަތް އުފުލާލެވިފައިވަނީ ހެއްދެވި ފަރާތަށް މަދަދަށް އެދިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކާއެކު އޭނާ ހުޅުވިފައިވާ ދެތުންފަތަށް ލޮޅުމެއް އަރައެވެ. ދުލުން ބަހެއް ނުބުނި ކަމުގައި ވިޔަސް އޭނާ ހިތުގައިވާ ހުރިހާ އެދުމެއް ކަރުނައިގެ ސިފައިގައި އެކަލާނގެ ހަޟްރަތަށް ދަތުރުކުރަމުން ދިޔައެވެ. ސުމައްޔާގެ ކުރިމަތިން ނުދާންވެގެން އެއްފަރާތުން ގޮސް އަލިޝްބާ އިށީނީ އެނދުގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސުމައްޔާގެ މޫނެވެ. ބޯކިރުކޮޅެއް ފަދަ ހުދު ކުލައިގެ ދޮޅީގެ ތެރެއިން ފާޅުވާން ހުރި ސުމައްޔާގެ ދޮން މޫނުމަތި ވަނީ ކަރުނައިގެ ސަބަބުން މިލާފައެވެ. އޭނާގެ ދެލޮލުން ޖަވާހިރުތަކެއް ފަދައިން ކަރުނަތައް ވިދާ ބަބުޅަމުން ދިޔައެވެ. އެ ހާލުގައި ލޯބިވާ މަންމަ އިންތަން ފެނުމުން އަލިޝްބާގެ ހިތުގައި ރިހުމެއް އުފެދުނެވެ.

"އިބާ...އިބާ ކޮބާ؟ މަންމަ ދެރަވެގެން އެ އުޅެނީ އަނެއްކާ އިބާގެ ސަބަބުންބާ؟ ބައްޕަވެސް މިގަޑީގައި ވާނީ މިސްކިތުގަ" އަލިޝްބާ ހިތާހިތުން ވާހަކަދައްކަމުން ދިޔައެވެ.

*****

"ކިހިނެއްވީ؟ ކިހިނެއްވެގެން މާ ހާސްވެގެން ތިއުޅެނީ؟" އެނދުގައި އޮތް އަންބަރް އޮތީ ފޯނުން ވާރިޝްއަށް ގުޅައިގެންނެވެ.

"ވާރުވެސް އަހަރެންނަށް މަކަރު ހަދަނީތަ؟" އަންބަރް އެހިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ރަމްޒުކޮށްދެނީ ފޫހިކަމާ ރުޅިވެރިކަމެވެ.

"ވާރު ދޮގުހަދަން ނޫޅޭ. އަހަރެންނަށް އެނގޭ އަދި ރިސޯޓަށް ދާން ނުފުރާކަން. ރިކް ބުނި މިއަދު ސްކޫލު ކައިރިން ވާރު ފެނުނު ވާހަކަ" އަންބަރް ބުންޏެވެ.

"ލޯންޗު ހަލާކުވީއޭ. ކޮންމެ ގޮތެއްވިޔަސް އަހަރެން ކައިރީގައި ބުނެލަން ވާނެއްނު. މިރޭ އަންނާތި އެނގޭ. އަހަރެން ފަހުން ގުޅާފަ އަންނަންވީ ގަޑި ބުނާނަން" އަންބަރް ބުންޏެވެ.

"ނޫން. އެއްވެސް ފަހެއް ނޯންނާނެ. އަހަރެންނަށް މިހާރު ހާދަ ހީވެޔޭ ވާރު އަހަރެންނާ ދުރަށްދާން އުޅެޔޭ" ތުންކޮޅު އޫކޮށްލަމުން އަންބަރް ބުންޏެވެ.

"އޯވް.... އަހަރެން މާ ލޯބިވޭ. ޝަކުވާ ކުރެވެނީ ލޯބިވާވަރުން. ދެން ނުކުރާނަން. އަންނާނަން ދޯ. އައިސްގެން ދެމީހުން ވާހަކަދައްކައިގެން އެކީގައި ވަގުތު ހޭދަކޮށްގެން ދޯ ގުޅުން ކުރިއަށް ގެންދެވޭނީ" އަންބަރް ވާހަކަދެއްކިއެވެ. ފޯނުން ވާހަކަދައްކަމުން ގޮސް އޭނާ ހުއްޓުނީ ބެލްކަނީގައެވެ.

ފޯނު ބޭއްވިއިރު އޭނާގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ. އެހާ ފަސޭހައިން އޭނާގެ ރުޅިގަނޑު ވާރިޝް ގެއްލުވާލައިފިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު ވާރިޝްގެ އެކި ހިޔާލުތައް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ގޭޓު ކައިރިއަށް އައިސް މަޑުކޮށްލި ސައިކަލަކަށެވެ. އޭނާއަށް ފެނުނީ ސައިކަލުން ފޭބި އައިމަންއެވެ.

"ދޮންތަބެ މިގަޑީގަ" މަޑުމަޑުން އަންބަރް ބުންޏެވެ. އެކުގައި އަލިޝްބާ ހުރިކަމަށް އޭނާ އިތުރަށް ރެއިލިންގައި ބަނޑު އަޅާލާފައި ބަލައިލިއެވެ. އެހެންނަމަވެސް ފެނުނު ސޫރައަކުން މޫނުމަތީގައި ފޫހިކަން ވަށާލައިފިއެވެ.

"މި މީހާގަނޑު ގޮވައިގެންތަ ދޮންތަބެ މިއައީ" އޭނާއަށް ޖޫދު ފެނުނީ ސައިކަލު ޕާކުކޮށްފައި އެނބުރިލި ވަގުތުގައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟