ވާހަކަ

ޖޫދް - 10

1

ދިހަވަނަ ބައި

އެންމެން ނިދާ ގޭތެރެ ހިމޭންވުމާއެކު އެނދުގައި އޮތް އަންބަރް ތެދުވެއްޖެއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން އައިސް ކޮޓަރި ދޮރުހުޅުވާލާފައި ނިކުމެ ސުމައްޔާއާއި ޙާތިމްގެ ކޮޓަރީ ތަޅުގައި ހިފާލިއެވެ. ކޮޓަރި ތަޅުލާފައި ހުރުމުން އެމީހުން ނިދައިފިކަން އޭނާއަށް ޔަގީންވިއެވެ. މޭގައި ފިރުމައިލަމުން ހަމަޖެހުމުގެ ނޭވައެއްލާފައި އަލުން ކޮޓަރިއަށް ވަނެވެ. އެއަށްފަހު އޭނާ ހައްދާފައި އޮތް މައިދޮރުގެ ތަޅުދަނޑި ހިފައިގެން މައި ދޮރާ ދިމާލަށް ހިނގައިގަތެވެ.

ތަޅު ހުޅުވާލުމަށްފަހު ފަހު ފަހަރަށް އެނބުރި ކޮޓަރިތަކާ ދިމާލަށް ބަލައިލިއެވެ. ކަނު އަނދިރިކަމުގެ ތެރެއިން މީހެއްގެ ލޮލަށް އިނގިލި ހަރާލިޔަސް ނޭނގޭނެޔޭ ބުނާ ބަހުގެ ފައިދާ އެންމެ ރަނގަޅަށް އަންބަރް ހިފިއެވެ. ކުޑަކުޑަކޮށް ހުޅުވާލި ދޮރުން ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ފިރިހެންކުއްޖާ އެތެރެއަށް ވެއްދިއެވެ. އެކުއްޖާގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ އެހާ ސިއްރުންނެވެ. ކޮޓަރީގެ ދޮރުލައްޕާލާފައި ލައިޓް ޖައްސާލިއެވެ. ކޮޓަރި މެދުގައި ހުރި ވާރިޝް އަންބަރަށް ބަލައިލާފައި ހީލިއެވެ. އޭނާ ދެއަތް ހުޅުވާލުމާއެކު އަންބަރް ގޮސް ވަނީ ވާރިޝްގެ ދެއަތުގެ ތެރެއަށެވެ. އޭނާ އެތައް އިރަކު އެހެން ހުއްޓެވެ.

"ފަތިސްވުމުގެ ކުރިން ނިކުންނަންޖެހޭނެ" ސިއްރުން އަންބަރް ބުންޏެވެ.

"އާނ. އެހާއިރު ލޯންޗު އޮންނާނީ. އޭގެކުރިން ބަނދަރަށް ނިކުންނަންޖެހޭނެ" ވާރިޝް ބުނެލިއެވެ. ވާރިޝް އަތުގައި ހިފައިގެން އަންބަރް ގޮސް އިށީނީ އެނދުގައެވެ. ވާރިޝްއަށް އޭނާއަށް ރަނގަޅަށް ބަލައިލެވުނީ ދެނެވެ. ތުނިތުނިކޮށް ވަށައިގެން ހުރި ތުނބުޅި މަތިމަސް އަދި ބޮލުގެ އިސްތަށިގަނޑުގައި ވަނީ ރަންކުލައެއް ޖައްސާފައެވެ. ކަޅަށް ވުރެ ބޮޑަށް ދޮންކަމެއް ލިބިފައިވާ ހަންގަނޑާ އޭނާގެ ބޮލުގައި ހުރި ކުލަ ގުޅޭ ކަމުގައި އަންބަރްގެ ހިތް ބުނެލިއެވެ. ލައިގެން ހުރި ރަތްކުލައިގެ ޓީޝާޓްގެ އަތްކުރި ފާޅުވާން ހުރި ހިސާބުން ފެށިގެން ދެއަތުގައި ހުރި އިސްތަށިތަކުގައިވެސް ވަނީ ހަމަ އެކުލަ ޖައްސާފައެވެ. އެއް ކަންފަތުގައި މުންޖެއް އިންއިރު ދެއަތުގެ އިނގިލިތައް ފަޅުފިލުވާފައިވަނީ ރިހި ކުލައިގެ އަނގޮޓިތަކުންނެވެ.

"ހާދަ ވަރަކަށް ތިބަލަނީ" އަންބަރް ބަލަހައްޓައިގެން ހުރުމުން ވާރިޝް ބުނެލިއެވެ.

"އަހަރެންގެ ކައިވެންޏަށް އެދެން އަންނައިރު ވާރުގެ ތި ސިފަ އެއްކޮށް ބަދަލުކުރަންޖެހޭނެ. މަންމަމެން ވަރަށް ރުޅިއަންނާނެ. ކުރިއަށްވުރެ ވެސް ބޮޑަށް ރުޅި އަންނާނެ" އަންބަރް ބުންޏެވެ. ވާރިޝް ހީލައިފިއެވެ. އެ ހީލުމުގެ ފަހަތުގައި ލޯތްބެއްވާކަމަށް ނިންމީ އަންބަރްގެ ހިތެވެ. އެހެންނަމަވެސް އެހީލުން ދުނިޔެ މާނަކުރީ އެހެން ގޮތެކެވެ. އަންބަރްގެ މައުސޫމު ހިތަށް ނުވިސްނެއެވެ. ވާރިޝްގެ ލޯބީގެ ދަލުގައި ދެވަނަ ފަހަރަށް ޖެހި އޭނާ ވަނީ ހައްޔަރުވެފައެވެ.

"އަހަރެން މިނެގީ ބޮޑު ރިސްކެއް. ހަމައެކަނި ވާރުއަށްޓަކައި. އޮފެއް ލިބުނީމަ އަންނަންވާނެ އެނގޭ" ވާރިޝްގެ ކޮނޑުގައި ބޯއަޅަމުން އަންބަރް ބުނެލިއެވެ.

"އައިއްޔާ ވައްދާނަންތަ؟" ވާރިޝް އެހިއެވެ.

"ކޮންމެގޮތެއް ހަދާފަވެސް ވައްދާނަން. ރިކްއަށް އަހަރެންނަށް ހެލްޕެއް ނުވެދެވުނު. އަހަރެން ވާރު އާ ބައްދަލުނުކުރެވޭ ގޮތް އެއްވެސް މީހަކަށް ނެހެދޭނެ" އަންބަރް ބުންޏެވެ. ވާރިޝްގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔަ ތަފާތު ހިނިތުންވުން އަންބަރަށް ވަންހަނާވިއެވެ.

"ދެން މިހެން ތިބެނީތަ؟ އާދެބަލަ އޮށޯންނަން. ލައިޓް ނިއްވާލާ" އަންބަރްގެ ބުރަކަށީގައި ފިރުމަމުން ދިޔަ ވާރިޝް ބުންޏެވެ.

***

ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލި ވަގުތު އެއީ ގެއިން ސީނާ ނިކުތް ވަގުތެވެ. ޖޫދުގެ ސަމާލުކަން ސީނާއަށް ނުދިނެވެ. ސީނާގެ އަނގަ ހެލޭނެކަން މާކުރިންވެސް އޭނާއަށް އެނގޭ ކަހަލައެވެ. ސައިކަލު ފަހަތުން ފޭބި ޖިޔާ ސީނާއަށް ދެލޯ އަޅާލިއެވެ. ކޮނޑުގައި އޮތް ދަބަހުން ނެގި ކިއްލި ގޮށި އަނގައަށް އަޅާލަމުން ދެލޯ ވަށްކޮށްފައި އޭނާ ބަލައިލީ ގެއަށް ވަންނަން އައި ޖިޔާއަށެވެ. ކޮއްކޮގެ ހިމާޔަތަށްޓަކައި ޖޫދު ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ.

"އާނ މިދަނީ އޭ. ލަހެއްނުވާނެ" ފޯނު ކަންފަތުގައި ޖަހަމުން ސީނާ ބުންޏެވެ. އޭނާ ހުރީ ކަސްރަތުކުރަން ދާން ތައްޔާރު ވެގެންނެވެ.

"ލަދެއްވެސް ނުގަނޭތަ ބޮޑު އަންހެނަކަށް ވީމަވެސް ފިރިހެނުންގެ ސައިކަލު ފަހަތަށް އަރަން" ޖިޔާ އަރައި ހަމަވުމާއެކު ސީނާ އަޑުލައިގަތެވެ. އެވަގުތު މަގުމަތިން ދިޔަ ދެތިން މީހަކު ފަސްއެނބުރި ސީނާގެ އަޑަށް ބަލައިލިއެވެ. ސީނާއަށް އެއްޗެއް ބުނުމުގެ ކުރިން ޖިޔާ ފަސްއެނބުރި ޖޫދަށް ބަލައިލިއެވެ. އެހިނދު ޖޫދު އިޝާރާތުން ޖިޔާއަށް އެއްޗެއް ނުބުނުމަށް އެންގިއެވެ.

"މީނަވެސް އަދި އެބަ ދުއްވައެއްނު ބޮޑު އަންހެނެއް ގޮވައިގެން. ލަދެއްނުގަނޭދޯ" ޖިޔާ ބަހެއް ނުކިޔުމުން މިފަހަރު ސީނާގެ ބަހުގެ ހަމަލާތައް އަމާޒުވީ ޖޫދަށެވެ. ޖިޔާ ހުއްޓުނެވެ. ސީނާއަށް ޖަވާބުދޭހިތުން އޭނާގެ ދޫ ހިރުވަންފެށީ އެއް މިއެއް ބަލާފައެއް ނޫނެވެ. ޖޫދު އެއްޗެއް ނުބުނާނެކަން އޭނާއަށް އެނގެއެވެ. ގެއަށް ވަނުމުގެ ބަދަލުގައި ޖިޔާ ހުއްޓުނީ ސީނާ ކުރިމަތީގައެވެ.

"ޖީއަށް ހީވަނީ ޖިމްތަކަށް ނުގޮސް އަލުން ކިޔަވަން ސްކޫލަކަށް ދާންވީހެން ބޮޑުދައިތަ. އާނ އެހެންޏަ. އެއީ ޖީގެ އެއްބަނޑު އެއްބަފާ ބޭބެ އޭ. އެވަރުވެސް ނޭނގޭތަ. ޖީމެން ފެނުނީމަ ހަމަ އަނގަ ތޮރުފަނީދޯ" ޖިޔާ ބުންޏެވެ. ގޭ ދޮރުމަތި ވިޔަސް ހުރެވުނީ މަގުމަތީގައި ކަމަށްވުމުން ޖިޔާ ވާހަކަދެއްކީ މަޑުންނެވެ. ޖިޔާ ބުނި ބަސްތަކަށް އެވަގުތު ދޭނެ ޖަވާބެއް ސީނާގެ ވިސްނުމަކަށް ނައެވެ. ދެލޯއަޅާފައި އޭނާ ހިނގައިގަތެވެ. އެވަގުތު ޖިޔާ ސީނާއަށް ގޮވާލިއެވެ.

"ބޮޑުދައިތަ ލަދެއްނުގަނޭތަ ތި އުމުރުގަ ތިކަހަލަ އެއްޗިހި ލައިގެން މަގުމައްޗަށް ނިކުންނަން. ދެން ނުވެސް ގުޅޭ. ވަރަށް ހަޑި. އެހެންނޫނަސް ތިކުލައިގެ އެއްޗެހި ލީމަ ބުޅާ ދުވާނެ. ތިކުލައަކީ ބުޅާ އެންމެ ލައިކްވާ ކުލަ" ޖިޔާ ބުންޏެވެ. ގެއަށް ވަނުމުގެ ކުރިން ޖިޔާ ސައިކަލު މަތީގައި އިން ޖޫދަށް ބަލައިލިއެވެ. ޖޫދު އިނީ ހިނިއައިއްސަކަން ޖިޔާއަށް އެނގުނެވެ. އެހެންކަމުން އަނގަމަތީގައި އަތްއަޅަމުން ޖިޔާވެސް ހީލިއެވެ.

ޖޫދު ސައިކަލު ކުރިއަށް ދުއްވާލީ ޖިޔާ ގޭތެރެއަށް ވަނުމުންނެވެ. ކުރިއަށް ހިނގަމުން ދިޔަ ސީނާ ވަކި ހިސާބަކުން ހުއްޓުނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާ ހިނގާފައި ދިޔަ ފަޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިމަތީގައި އޮތް ބުޅަލަކަށެވެ. ބަނޑުޖަހައިގެން އޮތް އިރު އެސޮރު ހީވަނީ ރުޅި އައިސް ފުފިފައި އޮތްހެންނެވެ. އެއީ އެހިސާބު ކުދިންތަކެއް ގެންގުޅޭ ބުޅަލެއްކަން އޭނާ ހަނދާންވިއެވެ. މަސްފަލަ އެބުޅާ އޮތްގޮތުން ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް އޭނާއަށް ނުކެރުނެވެ. ލައިގެން ހުރި ޓީޝާޓުކޮޅަށް ބަލައިލާފައި އަލުން ގެއާ ދިމާލަށް ހިނގައިގަތެވެ. ޖިޔާ ބުނެލި ބަސްތައް އޭނާ ހަނދާނުގައި އެބަހުއްޓެވެ.

***

ޒަހާގެ ކެއުމުގެ ކަންތައްތައް ނިންމާފައި ނީލަމް ބަދިގެއަށް ނިކުމެ މޭޒު މައްޗަށް ޖޫދަށް ކާން އެރުވިއެވެ. އެއަށްފަހު ފޯނު ހިފައިގެން އައިސް ޖޫދަށް ގުޅިއެވެ. ގެއަށް ކާން ނާދެވޭނެ ވާހަކަ ބުނުމުން އޭނާ އަލުން ތަށިތައް ނެގިއެވެ. ބަނޑުހައިވެފައި ހުއްޓަސް އޭނާ ކާން ބޭނުންނުވިއެވެ. ހުރިހާ ތަނެއް ސާފުކޮށްފައި އޭނާ ޖިޔާގެ ކޮޓަރި ހުޅުވާލާފައި ބަލައިލިއެވެ. ފޮތް ހިފައިގެން އެނދުގައި އޮތް ޖިޔާއަށް އޮތީ ނިދިފައެވެ.

ކޮޓަރިއަށް ވަންގޮތަށް ނީލަމް ގޮސް ހުއްޓުނީ އޭނާގެ އެއްޗެހި އަޅާފައި ހުރި އަލަމާރި ކައިރީގައެވެ. ފަތްޖަހާފައި ހުރި ހެދުންތަކުގެ ދަށުން އޭނާ ނެގީ ބޮޑު ފޮޓޯ ފްރޭމެކެވެ. އޭގެއަށް ނަޒަރު ހުއްޓުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދެލޯ ކައިރި ފޮހެމުން ގޮސް އޭނާ އިށީނީ އެނދުގައެވެ. ފޮޓޯގައި ތިބީ އުފާވެރި އާއިލާއެކެވެ. މަންމައަކާ ބައްޕައެއްގެ އިތުރުން ޒުވާން ފިރިހެން ކުއްޖެއް ހުއްޓެވެ. ދެން ހުރީ ނީލަމްއެވެ. އެހުރިހާ މީހުންގެ ތެރެއިން ނީލަމް އިނގިލިތަކުން ފިރުމާލީ ލޯބިވާ މަންމަގެ މޫނުގައެވެ. އެއީ އޭނާގެ ހުރިހާވެސް އުންމީދު ކަމުގައި ވިއެވެ. އެހެންނަމަވެސް އެންމެފަހު ނޭވާ އޭނާގެ އުނގު ތެރޭގައި އޮވެފައި ދޫކޮށްލާފައި ނިމުމެއްނެތް ދުނިޔެއަށް ދަތުރުކުރީ އޭނާގެ މުޅި ރޫހު ހިފައިގެންނެވެ. ކެހިވެރިކަމުން ފުރިފައިވާ މި ދުނިޔެއަށް އެކަނި އޭނާ ދޫކޮށްލާފައެވެ. މަންމަގެ ހިތާމައަކީ ފިރިއެއްގެ ގޮތުގައި ދެކެވުނު މީހާއެވެ. ދެން ކޮއްކޮއެވެ. އެއިން އެއްވެސް މީހަކު މަންމަ އެއީ މުހިންމު މީހެއް ކަމުގައި ނުދެކުނެވެ. މަންމައަށް ގަދަރެއް އިހުތިރާމެއް ނުކުރިއެވެ. މަންމަގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހީއެވެ. އެހިތާމަތައް ބަރުދާސްތުކުރަން މަންމަގެ ހިތާ ސިކުނޑި ނުކުޅެދުނީއެވެ. ނީލަމްގެ ހިތުގައިވާ ޝަކުވާތަކާއެކު ދެލޮލުގައި ފުރެމުން ދިޔަ ކަރުނަތައް އޮށްސާލައިފިއެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ޝަކުވާތަކާ ވޭންތައް ގިނަވެގެން ގޮސް ބޮޑު ބައްޔަކަށް ނުވިއްޔާ ރަނގަޅެވެ. މީހަކަށް ހިއްސާނުކޮށް ހުރިހާ ވާހަކަތަކެއް އެތެރޭގައި ފޮރުވާލައިގެން ހުންނަން ހާދަ އުނދަގުލެވެ. ހިތަށް ލިބެނީ އިތުރު ތަކްލީފެކެވެ. އިތުބާރުކުރެވޭ އޯގާތެރި ރަހްމަތްތެރިއަކަށް ހުދު އޭނާއަށް ވެސް އެދެވެއެވެ. ޒަމާންތަކަކަށްފަހު އެފަދަ ރައްޓިއްސެއް އޭނާއަށް ލިބިއްޖެއެވެ. އަލިޝްބާއަށް އޭނާއަށް އިތުބާރު ކުރެވިދާނެކަމަށް ހިތާ ސިކުނޑު އެއްބަސް ވެއްޖެއެވެ.

***

ރޭގަނޑު ފިހާރަ ބަންދުކޮށްފައި އައިގޮތަށް ޖޫދު ވަނީ ބަދިގެއަށެވެ. ފުރިޖު ކައިރީގައި ހުއްޓިފައި ފިނި ފެންފުޅިއެއް ނެގިއެވެ. ތުންޖެހި ގޮތަށް އޭނާ ހަމަ ނޭވާވެސް ލެވުނީ ފެން ފުޅި ހުސްކޮށްލެވުނީމައެވެ. އުނދުން ކައިރީގައި ކާއެއްޗިއްސަށް ހޫނުކުރަން ހުރި ނީލަމް އޭނާގެ ލޮލުގައި އަޅައިގަތީ މާފަހުންނެވެ. ފަހުން ލަދުވެސްގަތެވެ.

"ޖޫސްތައްޓެއް ގިރައިދެންތަ؟" ނީލަމް ބުނެލިއެވެ. އޭނާއަށް ހީވީ ޖޫދު ވަރަށް ބޮޑަށް ކަރުހިއްކައިގަނެފައި ހުރި ހެންނެވެ.

"މިހާރު އޯކޭ. ފެންފުޅި ބޯލީމަ ބަނޑު ފުރިއްޖެ" ހީލަމުން ޖޫދު ބުންޏެވެ. އޭނާ ހިނގައިގަތީ ޒަހާގެ ކޮޓަރި އާ ދިމާލަށެވެ. ކެބިނެޓް މަތީގައި ޖޫދު ބެހެއްޓި ހުސްފެންފުޅި ހިފައިގެން ނީލަމް ނިކުމެ ހުއްޓުނީ ބަދިގެ ދޮރުމަތީގައެވެ. އޭނާ އަލުން އެތެރެއަށް ވަނީ ޖޫދު ޒަހާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުންނެވެ.

ޖޫދު ފެނުމާއެކު އެނދުގައި އޮތް ޒަހާ ތެދުވަން އުޅުނެވެ. އެވަގުތު ޖޫދު ކައިރިވެލާފައި މަންމައަށް އެހީވެދިނެވެ. ޒަހާއަށް އެއްވެސް ތަކުލީފެއް ނުލިބޭނޭހެން ފަހަތަށް ބާލީސް ލައްވާލާފައި ބޭންދިއެވެ.

"އަދި ތިއާދެވުނީތަ؟" ޒަހާ އެހިއެވެ.

"ލައްބަ. މިރޭ މުދާ ގެނައި ރޭ ވީމަ ކާންވެސް ނާދެވުނީ. މަންމަ ބުނީމަ ފިހާރަ ބަންދުކޮށްފަ މަޑެއްނުވެ މިއައީ" ޖޫދު ބުންޏެވެ. އެވަގުތު އެއީ ޒަހާގެ ހޫނުފެންތަށި ހިފައިގެން ނީލަމް އައިސް ވަން ވަގުތެވެ. އަރިމަތީ ކަބަޑުމަތީގައި ފެންތަށި ބަހައްޓާފައި ނީލަމް ހިނގައިގަތުމުން ޒަހާ ގޮވާލިއެވެ. ޖޫދަށް ކޮފީތައްޓެއް ގެނެސްދިނުމަށް އޭނާ އެދުނެވެ.

"މަންމަ ކޮންވާހަކައެއް ބުނަން އުޅުނީ؟" ޖޫދު އެހިއެވެ.

"އެއީ ވަރަށް ބޮޑު ވާހަކައެއް ދަރިފުޅާ" ޒަހާ ބުނެލިއެވެ. "ދަރިފުޅުގެ ދިރިއުޅުމާ ގުޅިފައިވާ ވާހަކައެއް" އިށީނދެގެން އިން ޖޫދުގެ އަތުގައި ފިރުމަމުން ޒަހާ ވާހަކަދެއްކިއެވެ. ޖޫދު އިނީ ކަޅިޖަހާނުލާ ޒަހާއަށް ބަލަހައްޓައިގެންނެވެ.

"މަންމަ މީނީ ނުކުޅެދޭ ހާލުގައިކަން ހަމަ ޔަގީން. ދަރިފުޅު ތިއީ ހަތަރެސްފައި ހެލޭ ޒިންމާދާރު ޒުވާނެއް. ދަރިފުޅުގެ ހަޔާތް އުޖާލާކޮށްދޭނެ ވަފާތެރި ބައިވެރިއެއް ލިބޭނެކަން މަންމައަށް ޔަގީން. މަންމަ އަބަދުވެސް ދަރިފުޅަށްޓަކައި ދުއާކުރަން" ޒަހާ ވާހަކަދައްކަމުން ދިޔައެވެ. އެހިސާބުން ކޮފީތަށި ހިފައިގެން ނިލަމް އައިސް ވަނެވެ. އޭނާ އެތަނުގައި ދައްކާ ވާހަކައަހަން ބޭނުންވިޔަސް މަޑުކުރަން ނުކެރުނެވެ.

"މަންމަ ކީކޭ ކިޔަން ތިއުޅެނީ؟ ބުނެބަލަ" ޖޫދު ބުންޏެވެ.

"އަނެއްކާވެސް ދަރިފުޅަށް އަންހެންކުއްޖަކު ހޯދުމުގެ މަސައްކަތް މަންމަ ފަށައިފިން. މަންމަގެ ދެފައި ހަރަކާތް ނުކުރިޔަސް އެހެން ހުރިހާ ގުނަވަނެއް ރަނގަޅު" ޒަހާ ވާހަކަދެއްކިއެވެ. "ދަރިފުޅު މިކަމާ ރުހެންތަ؟ ނޫނީ ނުރުހެންތަ؟ ނުރުހެންޏާ މަންމަ މިކަން ކުރިއަށް ނުގެންދާނަން" ޒަހާ ބުންޏެވެ.

ޖޫދު ޒަހާ އާ ވީކޮޅާށް އެނބުރިފައި ޒަހާގެ ދެއަތްތިލައިގައި ހިފަހައްޓާލިއެވެ. އެއަށްފަހު އެދެއަތްތިލަ ގެނެސް އޭނާގެ ނިތުގައި ޖައްސާލާފައި އޯގާތެރި ބެލުމަކުން ލޯބިވާ މަންމަގެ މޫނަށް ބަލައިލިއެވެ.

"އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ދެރައެއް ލިބޭކަށް ނޭދޭނެ. މަންމަ ތިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި" ޖޫދު ބުންޏެވެ. ޒަހާގެ ތުންފަތަށް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ.

އެހުރިހާ ވާހަކަތަކެއް އިވޭ ހިސާބުގައި ނީލަމް ހުއްޓެވެ. އޭނާގެ ދެލޯ ފުރިގެން އައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެވާހަކަތަކުން އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ހިތުގައިވާ ހުރިހާ އެއްޗެއް ދުލާ ހަމައަށް އަންނާނެ ނަމައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ބައެއްފަހަރު އިންސާނުން އެހާ ނިކަމެތި ވަނީ ކީއްވެގެން ހެއްޔެވެ؟ މަރުވެފައިވާ މައްޔިތެއް ފަދައިން ކޮޓަރި އާ ދިމާލަށް ހިގާފައި ފިޔަ ނީލަމް ދެކޯތާފަތް ހުރަސްކޮށް ކަރުނަ ތިއްކަކަށްފަހު ކަރުނަ ތިއްކެއް ފައިބަމުން ދިޔައެވެ.

"އަހަރެންނަށް އެލޯބިވެސް ލިބުން ނެތީތަ؟" ދޮރުގެ ތަޅުގައި ހިފާލާފައި އަމިއްލަ ހިތާ ޝަކުވާކޮށްލަމުން ނީލަމް ބުންޏެވެ.

***

ބަދިގެ ތެރޭގައި ރޮށި ފިހެން ހުރެފައި ސުމައްޔާ ބޭރު ގޭތެރެއަށް އިރުކޮޅަކާ ބަލައިލައެވެ. ދޭތެރެއަކުން ކެބިނެޓް މަތީގައި އޮތް އޭނާގެ ފޯނުން ގަޑިންވީ އިރެއްވެސް ބަލައިލައެވެ. ރޮށި ފިހެ ނިންމާފައި އެހެން ކަމެއްގައި އުޅެނިކޮށް ކޮޓަރިއެއްގެ ދޮރު ހުޅުވާލި އަޑު އިވިއްޖެއެވެ. ތަރުކާރީ ކޮށަން އިނދެފައި އޭނާގެ ދެލޯ ކޮޓަރި އާ ދިމާލަށް ދަތުރުކޮށްލައިފިއެވެ. ނިދާ ހެދުމުގައި އަންބަރް ނިކުމެގެން އައިސް ބަދިގޭ ދޮރަށް އަރައިފިއެވެ. އަދިވެސް ހުރީ ނިދާ ހެދުމުގައެވެ. އެ ހެދުމުގައި އައުރަ ހާމަވާން ހުރުމުން ސުމައްޔާ ހިތްހަމަނުޖެހުނެވެ. ވަގުތުގެ ގޮތުން ގޭތެރޭގައި މައިމީހާ އެކަނި ހުރި ކަމުގައި ވިޔަސް ގެއަށް މެހްމާނަކު ހަމަ ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެއެވެ. އަމިއްލަ ބަފައަށް އިހުތިރާމް އަދާކުރަންނުޖެހޭ ހެއްޔެވެ؟ ސުމައްޔާ ވަގުތުން އަންބަރް ކޮޓަރިއަށް ފޮނުވިއެވެ. ހެދުން ބަދަލުކޮށްގެން އަންނަން އެންގިއެވެ.

"މިއަދު ހޭލައިގެން ތިއައީ ނުވައެއްގެ ފަހުން. މާދަމާ އަށެއްގަ ކުރިން އިބާ ބަދިގެއިން ފެންނަން މަންމަ ބޭނުން" ސުމައްޔާ ބުނެލިއެވެ. އަންބަރް މޫނު ހަދާލިއެވެ. އެހާ ހެނދުނާ ގަޔަށް އުނދަގު ހެދުމެއް ލައިގެން އަންނަން ޖެހުމުން އޭނާގެ މޫޑު ހަރާބުވެފައިވިއެވެ.

"ފަތިސް ނަމާދު ކުރިންތަ؟" ސުމައްޔާ އެހިއެވެ.

"ކުރިން. ދެން މަންމަ އެވަރަށް ސުވާލު ނުކޮށްބަލަ މިގަޑީގަ" އަންބަރް ބުންޏެވެ. ހަގީގަތުގައި އެސުވާލުތައް އަހަން އޭނާ ބޭނުންނުވީއެވެ. ފަހަކަށް އައިސް ސުމައްޔާ އާ މެދު އޭނާގެ ހިތުގައި ވަނީ ޝަކުވާއެވެ. މައެއްގެ މަގާމުގައި ހުރެ އޭނާގެ މިނިވަންކަމަށް މަންމަ ހުރަސް އަޅަނީހެން އޭނާއަށް ހީވިއެވެ.

"އަމިއްލައަށް ކޮފީ ގިރައިބަލަ" ސުމައްޔާ ބުންޏެވެ. މޭޒު ކައިރީގައި އަންބަރް އިނީ އޭނާ ކޮފީ ގިރައިދެން ދެކަށްހެން ސުމައްޔާއަށް ހީވިއެވެ. އެހެންކަމުން އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އަންބަރްގެ ކުރިމަތިން ދުރަށްދާށެވެ. އޭނާ ދެއަތް ދޮވެލާފައި ފުރިޖު މަތީގައި ހުރި ޓިޝޫ ފޮށިގަނޑުން ޓިޝޫއެއް ހިފައިގެން ނިކުމެއްޖެއެވެ. ކޮޓަރި ކައިރީގައި ހުރެ ސިއްރުން އޭނާ އަންބަރްގެ ހަރަކާތްތަކަށް ބެލިއެވެ. ގާތްގަނޑަކަށް ދެ މިނިޓް ވަރު ފާއިތުވެ ދަންދެން އަންބަރް މޭޒު ކައިރީގައި އިނދެފައި ތެދުވިއެވެ. މޭޒުމަތީގައި ހުރި ފުރުޓް ވަށިގަނޑުން ދޮންކެޔޮ ވަކެއް ނޮޅާލައިގެން ކާލައިފިއެވެ. އުނދުން ކައިރިއަށް ގޮސް ދެ ބިހުގެ ބިސްގަނޑެއް އެޅިއެވެ. ފުރިޖުން ނެގި އަނބު ޖޫސް ޕެކެޓެއް މައްޗަށް ހިއްލާލާފައި އަނގައަށް އެޅިއެވެ. އެމަންޒަރުތަކުން ސުމައްޔާގެ ހިތަށް ތަދުވިއެވެ. އޭނާ އެގޮތަށް އަމަލުނުކުރިނަމަ އަންބަރްގެ ދެއަތުން އެވަރުވެސް ނުކުރީހެވެ.

***

ޖޫދު ބަލައި އަންނަންދެން ސްކޫލުން ބޭރުގައި ހުރި ނިކަ ގަހުގެ ހިޔަލުގައި ޖިޔާ މަޑުކޮށްލައިގެން ހުއްޓެވެ. ބަލިކޮށް އުޅޭތީ ގަމަރު ސްކޫލަށް ނާންނަ ދުވަހެކެވެ. ވައިރޯޅިއެއްގެ ހިލަމެއް ނުވާތީ ހޫނުގަދައެވެ. ބޯއަނބުރައި ގަނެގެން ޖިޔާ ދެކޮޅަށް ހިނގަން ފެށިއެވެ. އެވަގުތު އެސަރަހައްދުން ދިޔަ ސައިކަލެއް ޖިޔާ އާ ދާދި ކައިރީގައި މަޑުކޮށްލިއެވެ. ޖިޔާ ނުދަންނަ ފިރިހެނެއް އިނުމުން ފަސްޖެހުނެވެ. އެމީހަކާ ދުރަށްޖެހެން އުޅެނިކޮށް ވާހަކަދެއްކުމުން ޖިޔާ ބަލައިލިއެވެ.

"އާދޭ ގެއަށް ގެންގޮސްދޭނަން. ފޯވަހި ދޯ ގެއަށް ކިޔަނީ" އެމީހާ ބުންޏެވެ. ޖިޔާ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ. ޖިޔާ ޖަވާބެއް ނުދިނެވެ. ނުވެސްދަންނަ މީހަކާ ވާހަކަދައްކައިގެން ގުޅުމެއް އުފައްދަން އޭނާ ޖެހިލުންވިއެވެ. އިރުކޮޅަކުން އެމީހާ އާ ދުރަށް ޖެހިލާފައި ދަބަސް ތެރޭގައި އޮތް ފޯނު ނެގިއެވެ. ޖޫދުގެ ނަންބަރު ޖެހިތަނާ ސައިކަލުގައި އިން މީހާ ކައިރިވެލިއެވެ.

"ގޭ މީހުން ބުނެގެން އަހަރެން މިއައީ ޖިޔާ ބަލާ" އެމީހާ ބުންޏެވެ. އަވި އައިނަކުން ދެލޯ ފޮރުވައިގެން ހުރި އެމީހާގެ ދެލޮލުން ދޮގު ތެދު ދެނެގަނެވޭ ގޮތެއްވެސް ނުވިއެވެ. މަތިމަސް ހުރިގޮތުން މަތީ ތުންފަތް ގެއްލިފައޭ ވެސް ބުނެވިދާނެއެވެ. ލައިގެން ހުރީ އަތްދިގު ޓީޝާޓެކެވެ. އެމީހާގެ ބޮލުގެ އިސްތަށިގަނޑާއި އެހެން ތަންތަނުގައި ޖައްސާފައި ހުރި ކުލަ އެއްވެސް ވަރަކަށް ޖިޔާ ކަމުނުދިޔައެވެ. އޭނާ ހުރީ މޭނުބައިކޮށްފައެވެ. އެއަށް ވުރެ ބޮޑަށް ޖިޔާގެ ޅަ ހިތުގައި އެމީހާއާ މެދު ނުބައި ޝައްކުތަކެއް އުފެދިއްޖެއެވެ.

"ހަލޯ. ދޮންބެ. އޯކޭ" ޖިޔާ ފޯނު ކަންފަތުގައި ޖެހިއެވެ. ވާހަކަދެއްކިއިރު އޭނާގެ ނަޒަރު ސީދާވެފައި ހުރީ ކުރިމަތީގައި އިން މީހާގެ ދެލޮލަށެވެ.

"ގާޑުބޭބޭ. މިރަށު ޕޮލިސް ސްޓޭޝަން ނަންބަރު އެނގޭތަ" ގޭޓުކައިރީގައި ގާޑަކަށް އިން މީހާއަށް ގޮވާލަމުން ޖިޔާ އެހިއެވެ. ހަމަ އެވަގުތެވެ. ސައިކަލުގައި އިން މީހާ ކުރިއަށް ދުއްވާލައިފިއެވެ. އެއީ ނުލަފާ މީހެއްކަން ޖިޔާއަށް ޔަގީންވީ އެހިސާބުންނެވެ. މޭގައި އަތްއެޅުނީ ހިތުގައި އުފެދިފައިވި ހާސްކަން ފިލައިގެން ދިޔުމުންނެވެ. ދުރުން ޖޫދު ފެނުމާއެކު ޖިޔާ އެދިމާލަށް ދުއްވައިގަނެއްޖެއެވެ. ގޭޓާ ހަމައަށް ނާންނަނީސް ޖިޔާ ފެނުމުން ޖޫދު ހިނިއައެވެ.

"ސޮރީ. ދޮންބެ މިއަދު މާބޮޑާށް ލަސްވެއްޖެ. ބަދަލުގައި ޕިއްޒާ ހިފައިގެން ދޯ ގެއަށް ދާނީ" ޖޫދު ބުންޏެވެ. ޖިޔާގެ ދެލޯ ފުރުނީ ތާޒާ ކަރުނަތަކުންނެވެ.

"ނުލަފާ މީހަކު އައީ. ބުނީ ގޭ މީހުން ބުނެގެން ޖީ ބަލައޭ މިއައީ. ދޮންބެއަށް ނުގުޅުނުނަމަ ވާނެ ގޮތެއްވެސް ނޭނގޭ" ޖިޔާއަށް ރޮވިއްޖެއެވެ.

"އެމަންޖެ ޕޮލިސް އިމާރާތުގެ ފޯނު ނަންބަރުވެސް ހޯދި" ޖިޔާގެ ވާހަކަތަކުން ހާސްކަންވެރިވިފައިވި ޖޫދުގެ ހިތަށް ސެކިޔުރިޓީ ގާޑުގެ ވާހަކަތަކުން މާބޮޑަށް ހާސްކަން ވެރިވެއްޖެއެވެ. އޭނާ ފުންނޭވާތަކެއް ލާންފެށިއެވެ. ޖިޔާ ގެނެސް ކައިރިކޮށްލާފައި ދެލޯ ކައިރި ފޮހެދިނެވެ. ޖިޔާ ހިތްހަމަޖައްސައިދީފައި ފަހަތަށް އަރާ އިށީންނަން ބުނެލިއެވެ. މަޑުދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔައިރު ހިނގާދިޔަ ކަންތަކާމެދު އެތައް ގޮތަކަށް އޭނާ ވިސްނިއެވެ. ސްކޫލުން ބޭރުގައި ޖިޔާއަށް އެއްވެސް ރައްކާތެރިކަމެއް ނެތްއިރު ސްކޫލުން އެތެރޭގައިވެސް އޭނާއަށް ރައްކާތެރިކަމެއް އޮތް ކަމަކަށް ޖޫދަށް ޔަގީންކަމެއް ނެތެވެ. މީހަކާމެދު ހިތުފިތުނަވެރިކަމެއް އޮންނާނެ ވަރަށް ވުރެ ޖިޔާއަކީ ކުޑަކުއްޖެކެވެ. އަދި ކިރިޔާ ވީ އެންމެ ދިހަ އަހަރެވެ. ހަށިގަނޑުން ބޮޑު އަންހެނެއްހެން ހީވިޔަސް ޖިޔާގެ ސިކުނޑި ޅައެވެ. މިކަމަކީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. ފަހުން ފިޔަވަޅު އަޅަންހުއްޓާ ދުވަހަކުވެސް އަރައިނުގަނެވޭރުގެ ބޮޑު އަނދަވަޅަކަށް އާއިލާ ވެއްޓިދާނެއެވެ. ފުލުހުންނާ ސްކޫލުގެ އިސްވެރިންގެ ސަމާލުކަމަށް މިކަން ގެންނަންޖެހެއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ޖޫދުގެ ސައިކަލުގެ މިސްރާބު ބަދަލުކޮށްލީ ޕޮލިސް ސްޓޭޝަނާ ދިމާލަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟