ނުވަވަނަ ބައި
"ވަޓް...؟" ޖޫދަށް ހީވީ އޭނާގެ މޫނުމަތީގައި ނުފެންނަ އަތުން މީހަކު ބާރު އެތިފަހަރެއް އަޅުވާލިހެންނެވެ. މީހަކު ސަމާސާއަކަށްވެސް އެފަދަ ކަމެއް ކުރަން ކޮއްކޮގެ އުމުރަކީ ކޮބާ ހެއްޔެވެ؟ ޖޫދަށް ހީވީ އޭނާގެ އެތެރެހަށީގައި ދައުރުވަމުން ދިޔަ ލެއަށްވެސް ހޫނުކަމެއް އައި ހެންނެވެ. އެއީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައި ވިޔަސް އެމީހަކު އޭނާ ހޯދާނެއެވެ.
*****
ފަތިސް ނަމާދުކޮށްގެން އަލިޝްބާ ކޮޓަރިން ނިކުތީ ހެނދުނުގެ ޒިކުރުތައް ކިޔަމުންނެވެ. ކައިވެނި ކުރިތާ ދެވަނަ ދުވަހުން ފެށިގެން ފިރިމީހާގެ އެދުމަށް މޫނު ބުރުގާ އެޅުމަށްފަހު އޭނާ ހަމައެކަނި މޫނު ނާޅާ ކޮޓަރިން ނިކުންނަނީ މަދު ފަހަރެއްގައެވެ. ފިރިމީހާގެ ބައްޕަގެ ކުރިމަތީގައި މޫނު އަޅަން ނުޖެހުނަސް ލަދުގަންނަ ވަރުން ގިނަ ފަހަރަށް ހުންނަނީ މޫނު ނިވާކޮށްގެންނެވެ. އެހެންނަމަވެސް މިއަދު އޭނާ ކޮޓަރިން ނިކުތީ މޫނު ނާޅައެވެ. އޭނާ ބެލްކަންޏަށް ނިކުތްއިރު ދުނިޔެ މައްޗަށް ރަނގަޅަށް އަލި ނުވެއެވެ. އަނދިރިކަން ވެރިވެފައިވާ މަގުމަތިން މީހަކު ފެންނަން ނެތެވެ. ދުރުދުރުން މިސްކިތާ ދިމާލަށް ދިޔަ ފިރިހެނެއް އޭނާއަށް ފެނުނެވެ. ގޭތެރެވެސް ވަނީ ހަމަހިމޭންކޮށެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ ޒިކުރުތައް ކިޔައި ނިންމާލާފައި އޭނާ ވަނީ ބަދިގެއަށެވެ. ކޮންމެ ގޮތެއްވިޔަސް ގަމަރު ސްކޫލަށް ދާންވާއިރަށް ހެނދުނުގެ ސައި މޭޒު މައްޗަށް އަރުވަން ޖެހޭނެއެވެ. އައިމަންއަށް ވުރެ ވެސް ކުރިން ގެއިން ނިކުންނަނީ ގަމަރެވެ. އަލިޝްބާ އަތުގައި އޮތް ފޯނު ކާ މޭޒު މަތީގައި ބާއްވާފައި އޭނާ އަވަސްވެލީ ފުށް މޮޑޭށެވެ. އޭގެ ކުރިން މައްސުނި މޮޑޭ އެއްޗެހި ފިނި ފިލުވަން އައިސް އަލަމާރިން ނަގާފައި ބެހެއްޓިއެވެ.
ގަމަރު ތައްޔާރުވެގެން މޭޒު ކައިރިއަށް އައިރު ޝަމްސުގެ އިތުރުން އައިމަންވެސް މޭޒު ކައިރީގައި ހުއްޓެވެ. ޒިންކު ކައިރީގައި އަލިޝްބާ ހުއްޓެވެ.
"ގަމޫ، ވަރަށް އަވަސްކޮށްލާތި. ވިއްސާރަ ވާން އުޅޭހެން ހީވަނީ. ކޮއްކޮ ލާފައި އައިސް ދޮންބެއަށް އޮފީހަށް ދާން ތައްޔާރުވެވޭނީ" އައިމަން ބުންޏެވެ.
"އޯކޭވާނެ ދޮންބެ ނުދިޔަސް. އަޅުގަނޑު ދާނަން ޖިޔާ އާއެކު" ޝަމްސު ނޮޅާފައި ދިއްކޮށްލި ބިސް ކަމުން ގަމަރު ބުންޏެވެ.
"އުނހު. މީގެފަހުން ހުރިހާ ވަގުތަކު ގެއިން މީހަކު ދާނެ ގަމޫ އާއެކު" އައިމަން ބުންޏެވެ. ދޮވެގެން އައި ބިއްލޫރި ތައްޓަށް ފެން އަޅަން ހުރި އަލިޝްބާ ހައިރާންކަމާއެކު އައިމަންގެ މޫނަށް ބަލައިލިއެވެ. ސްކޫލު އެގެއާ އެހާ ދުރެއްވެސް ނޫނެވެ. މީގެ ކުރިންވެސް ގަމަރާ ޖިޔާ އާއެކު އެކަނި ސްކޫލަށް ގޮސްފައި އެބަހުއްޓެވެ.
"ރޭގަ ވަރަށް ދަންވި ފަހުން ޖޫދު ގުޅި" ޝަމްސުއަށް ބަލައިލަމުން އައިމަން ވާހަކަދެއްކިއެވެ. ޖީޔާ ދެއްކި ވާހަކަތައް އޭނާއަށް ޖޫދު ކިޔައިދިން ގޮތަށް ޝަމްސުއަށް ކިޔައިދިނެވެ.
"އެއީ ތެދެއް މަންމާ. އަޅުގަނޑުމެންނަށް ނޭނގޭ އެއީ ކާކު ކަމެއް" ގަމަރު ބުންޏެވެ.
"ޔާ ﷲ. އަނގައިން ކިރުވަސް ނުކެނޑޭ ތުއްތު ކުދިންތަކެއް އެއީ. ކާކު ކުރި ނުލަފާ ކަމެއް އެއީ" ޝަމްސު ބުނެލިއެވެ.
"މިހާރުގެ ކުދިން އަސްލު ހަލާކުވަނީ އެހެންވެގެނޭ މަންމާ. މިޒަމާނު ކުއްޖަކު އެކަނި މަގުމައްޗަށް ދޫކޮށްލަން ނުވާނެ. އަމުދުން އަންހެންކުއްޖަކު" އަލިޝްބާ ބުނެލިއެވެ.
"ހަމަ ރަނގަޅަށް ތިބުނީ. ތިކަން ކުރި މީހަކު ޖިޔާއަށް އެދިނީ އިންޒާރެއް. އިތުރަށް ސަމާލުވާންވެއްޖެ" ޝަމްސު ބުންޏެވެ.
"ޖީއަށް ވީ ވަރަށް މަޖާގޮތެއް އެގަޑީގަ. އެކަމަކު ސްކޫލުތެރޭގަ އެއްވެސް ކުއްޖަކު ޖީ އާ ދިމާކޮށެއް ނަހަދާ" ގަމަރު ބުންޏެވެ.
ސައި މޭޒު ދޮށުގައި ހޭދަވެގެން ދިޔަ ބާކީ ވަގުތުގައި ޝަމްސު ގަމަރަށް ވިސްނައިދިނެވެ. ކުރިންވެސް އޭނާ ވަނީ އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމަކީ ކޮބައިކަން ގަމަރަށް ބުނެދީފައެވެ. ކުޑަ ދަރިފުޅަށް އިތުރަށް އޭނާ ހަނދާންކޮށްދިނެވެ. އެ އުމުރުގެ ކުދިންނަކީ ކަމަކަށް ޝައުގުވެރިކަމެއް ހިތުގައި އުފެދުމަށްފަހު އެހެން ކަމެއް ފެނުމުން އެކަމެއްގެ މަތިން ހަނދާންނެތޭ ކުދިންނެވެ. އެހެންކަމުން އަބަދު ހަނދާންކޮށްދިނުމަކީ އެވަރުގެ ކުދިންނަށް މަންފާ ކުރާނެ ކަމެއްކަން އޭނާއަށް އެނގެއެވެ.
*****
ރާއްޖެ އައިސް ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި ހާތިމް އިތުރު މަސައްކަތެއް ފެށިއެވެ. ގެއާ އިންވެގެން އޮތް ހުސް ބިމުގައި އޭނާ ގުރުއާން ކްލާހެއް ހުޅުވިއެވެ. އެ މަސައްކަތުގައި އުޅެފައި އޭނާ ގެއަށް ވަންއިރު ސުމައްޔާ ސޯފާގައި އިނެވެ. ހާތިމް ފެނުމުން ބަދިގެއަށް ދާން އުޅުނީ ފިނި ޖޫސްތައްޓެއް ބަލައެވެ. އެހެންނަމަވެސް ހާތިމް ބުނުމުން އަލުން ސޯފާގައި އިށީނެވެ. އަންބަރް ފެންނާކަށް ނެތެވެ.
"ކޮބާ އަންބަރް؟" އަނބިމީހާ ކައިރީގައި އިށީނދެފައި ހާތިމް އެހިއެވެ.
"ކޮޓަރީގަ" ސުމައްޔާ ބުންޏެވެ.
"ރޭގައި ފަހުން ކައިފަ ދޯ ހުރީ" ހާތިމް އެހިއެވެ.
ސުމައްޔާ ބޯޖަހައިލިއެވެ. ފަތިހު ހޭލާފައި އެންމެ ފުރަތަމަވެސް އޭނާ ބެލީ އަންބަރަށް ނަގާފައި ހުރި ކާއެއްޗެހި ހުސްކޮށްފައި ހުރިތޯއެވެ.
"އަހަރެން ވާހަކައެއް ބުނަންތަ ހާތިމް" ސުމައްޔާ ބުންޏެވެ. އެންމެފަހުން ހާތިމް އިންތިޒާރުކުރި ވަގުތުކޮޅު ޖެހުނީއެވެ. އޭނާ ސުމައްޔާއާ އެއްވެސް ސުވާލެއްނުކޮށް ހުރީ އަމިއްލައަށް ފެނިގެން އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރާ ވާހަކަތައް ދައްކާތޯއެވެ. އެންމެފަހުން ސުމައްޔާ ޝަކުވާތައް ބޭރުކުރަން ތައްޔާރުވެއްޖެއެވެ. ހާތިމް ހީލާފައި އަނބިމީހާގެ އަތުގައި ހިފާލާފައި ފިތާލިއެވެ. އަނބިމީހާގެ އަތުގައި ހިފައިގެން ނިކުމެ އޭނާ ގޮސް ވަނީ ބަގީޗާ ގަސްތަކުގެ ތެރެއަށެވެ. ގުދުރަތީ ސާފު ވައި ލިބޭ އެތަނުން ދުވާ މީރުވަސް ނޭފަތުގައި ޖެހުނަސް މީހާގެ ސިކުނޑި ތާޒާ ކުރުވާނެއެވެ. އަނބިމީހާގެ އަތުގައި ހިފައިގެން ގޮސް ހާތިމް ވަނީ ބަގީޗާ ތެރެއިން ވަދެވެން ހުރި އުނދޯލި ގެއަށެވެ. ވަށައިގެން ހާމައަށް އޮތް އުނދޯލި ގޭގައި އިށީނުމަށްފަހު އަނބިމީހާގެ މޫނު މައްޗަށް ހާތިމް ބަލައިލިއެވެ. ކަޅު ކުލައިގެ ބުރުގާ ތެރެއިން ފާޅުވާން ހުރި އަނބިމީހާގެ މޫނުން އޭނާއަށް ފެނުނީ މާޔޫސީ ކުލަވަރެވެ. އެހެންކަމުން އޭނާ އޯގާތެރިކަމާއެކު ސުމައްޔާގެ ބޮލުގައި ފިރުމާލިއެވެ.
"އަވަހަށް ކިޔައިދީ" ހާތިމް ބުންޏެވެ.
"އަންބަރަކީ އަހަރެން ދަރިއެއް ދެއްވުމަށް އެދި އެކަލާނގެއަށް ހާދަ ވަރަކަށް ދުއާއެއް ކޮށްގެން ދެއްވި ދަރިއެކޭ. އަހަރެން އެ ދަރިފުޅަށް ލޯބިދެވުނީ މާގިނައިން ކަންނޭނގެ. އަންބަރް ހާދަ އަހްލާގު ދަށޭ. އިސްލާމްދީނުގެ އެއްވެސް އަސަރެއް އޭނާގެ ނެތް. އެއް ނަމާދު ކޮށްފިއްޔާ އަނެއް ނަމާދު ނުކުރޭ. ގުރުއާނެއް ނުކިޔަވާ. އަހަރެންނަށް ނޭނގެ ބުނާކަށް ރަމަޟާންމަހު އޭނަ ރަނގަޅަށް ރޯދަ ހިފައޭ ބުނަންވެސް. އާނ މިހެން ބުނާނެއްނު. ނަމާދު ނުކޮށް ކުރެވޭ އަޅުކަމެއް އޮވޭތަ؟ އަހަރެން އޭނާއަށް ހުރިހާ އެއްޗެއް ބުނެދިނިން. އާހިރަތް ދުވަހަކީ ދޮގެއް ނޫންކަން ބުނެދިނިން. އެދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމަކީ ނަމާދުކަން އެތައް ދުވަހަކު ބުނެދިނިން. އެކަމަކު އެއިން އެއްވެސް އަސަރެއް އެ ދަރިއަށް ނުކުރޭ. އަހަރެން ބިރުގަނޭ. ސުވަރުގެއަށް ދާއިރު އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު މަދުވާން އަހަރެން ބޭނުމެއް ނޫން. އެއިން ކުއްޖެއްގެ ގައިގައި އަލިފާން ކަންޏެއް ޖެހެންވެސް އަހަރެން ނޭދެން. އަންބަރަކީ މިހާރު ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫން. ނިކަން ބަލާބަލަ ލިބާ. އަހަރެން އަތަށް އެ ދަރިފުޅު އެރީ އުމުރުން އެންމެ ދެ މަހުގަ. އެ ދަރިފުޅުވެސް ތަރުބިއްޔަތު ކުރީ އަހަރެންގެ މި ދެ އަތުން. މިއަދު އެދަރި އުޅޭ އުޅުން ފެނިފަ އުފަލުން އަހަރެންގެ ދެލޯ ފުރޭ. ކީއްވެތަ އިބާ އެހެންވާންވީ؟ އަހަރެން ދިން ތަރުބިއްޔަތުގައި ކޮންކަމެއް އުނިވީ؟" ފިރިމީހާގެ ކޮނޑުގައި ބޯ އެޅިގޮތަށް ސުމައްޔާއަށް ރޮވިއްޖެއެވެ. އޭނާގެ އަޑު ކެނޑިގެން ގޮސް ފަހުން އެންމެ ބަހެއްވެސް ނުނިކުތެވެ. ވިސްނުމަކަށް ގެއްލިފައި އިންހެން އަނބިމީހާގެ އަތުގައި ފިރުމަން ހާތިމް އިނެވެ. ސުމައްޔާ ދެއްކި ވާހަކަތަކާ މެދު އޭނާ ވިސްނަމުން ދިޔައެވެ.
"އެއީ އަހަރެމެންގެ ކުށް. އެކަމުގައި ޒިންމާވާން ޖެހޭނީ އަހަރެމެން. އަންހެން ދަރިއަކަށް މާބޮޑަށް މިނިވަންކަން ދެވުނީމަ ފަހުން ހިތާމަކުރަން ޖެހޭނެ. އެދުވަސް އައިސް މިޖެހުނީ. ދެން އޮތީ ހިތްވަރާއެކު އެދަރިފުޅު އިސްލާމްދީނަށް ހާނުވަން މަސައްކަތްކުރުން. އެންމެފަހު ނޭވާއާ ހަމައަށް މަސައްކަތްކުރުން. ﷲ ތައާލާ އަހަރެމެން ދެމަފިރިން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ" ހާތިމް ވާހަކަދެއްކިއެވެ.
"ފަތިސް ނަމާދަށް ނަގާފައި ރަނގަޅަށް އަހަރެންނަށް އެ ކޮޓަރިން ނުނިކުމެވެނީސް އަލުން ރަޖާ އަޅައިގެން ނިދާނެ. ގުރުއާނުގެ ކަލިމައެއް ކިޔާލި ދުވަހެއް ހަނދާނެއްވެސް ނެތް. ރަނގަޅަށް ހަތިމުގެ ތިރީ ސޫރަތްތައް ކިޔަން ނޭނގޭ. ބުރުގާ އަޅާށޭ ކިޔާކިޔާ އަޑެއް ނޭހި. ލަވަޔާ މިޔުޒިކާ އަޑުނާހާށޭ އެތައް ފަހަރަކު ބުނެވިއްޖެ. އަހަރެން ވަރުބަލިވެއްޖެ. އަހަރެން ބޭނުމީ އޭނާ އަމިއްލައަށް މަސައްކަތްތައް ވެސް ކުރަން. ނަމެއްގަ އަންހެން ދަރިއަކު ބޮޑުކޮށްފަ ބަހައްޓަނީ ކީއްކުރަން. ފިލައިގެން ގޮސް އިން މީހާއަށް ދަރިއަކު ނުވިހޭކަން އެއީ ރަނގަޅަށް ވީކަމެއް ކަންނޭނގެ. އެހެން ނޫނީ އެދަރިއަށް ލިބޭނީ ކޮންކަހަލަ މުސްތަގުބަލެއް؟" ސުމައްޔާ ދެއްކި ވާހަކަތައް އަހަން އިން ހާތިމް ހިމޭނުން އިނެވެ. އެވާހަކަތަކުން އޭނާއަށްވެސް އިބުރަތެއް ލިބިއްޖެއެވެ. ބަފަޔަކަށްވެ ހުރެ އަންހެން ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އޭނާ ފެއިލްވެއްޖެއޭ ހިތް ބުނެލިއެވެ. ސުމައްޔާ ބުނި ފަދައިން ލޯބި ދީގެން އިތުރަށް އަންބަރްގެ ދިރިއުޅުން ހަލާކުކުރަން އޭނާ ދެނެއް ބޭނުމެއް ނުވާނެއެވެ. އެންމެފަހުން ހިތަށް އަރައި ފައިބަމުން ދިޔަ އެއްޗެހިން އޭނާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ދެތުންފަތް ފިއްތާލަމުން އޭނާ އަނބިމީހާގެ ބޮލުގައި ބޮސްދިނެވެ.
*****
އައިމަން އައިސް ވަނީ އަލިޝްބާ ޓީވީ ބަލަން އިންދައެވެ. އައިމަން ފެނުމާއެކު އޭނާ ހީލައިފިއެވެ. ރީތި ހިނިތުންވުމަކުން ފިރިމީހާގެ ދުވަސް އުޖާލާކޮށްދީފިއެވެ.
"މިއަންނަނީ ފެންވަރައިގެން. ސައި ހަދާލާ" އަލިޝްބާގެ މޫނުގައި ފިރުމާލާފައި އައިމަން ބުންޏެވެ. އަލިޝްބާ ގޮސް ވަނީ ބަދިގެއަށެވެ. ގޭތެރެއިން އިތުރު މީހަކު ފެންނަން ނެތެވެ. އޭނާގެ ދެ އަތުން ތައްޔާރުކުރި ކުޅި ބޯކިބަލާއި ކަޓްލަހުން ފިރިމީހާއަށް ސައި ހަދާފައި މޭޒު ކައިރީގައި މަޑުކޮށްލައިގެން އިނެވެ. އެގޮތުގައި މާގިނަ ވަގުތަކު އޭނާ އިންނަން ނުޖެހުނެވެ. އައިމަންގެ ހަށިގަނޑުން ދުވާ މީރު ވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު ހީވީ މުޅި ދުނިޔެ އަތަށް މިލްކުވެގެން ދިޔަހެންނެވެ. އެވަހުން އޭނާގެ މޭ ފުރިގެން އައެވެ.
"ކޮބާ މަންމަމެން؟" ގޮނޑީގައި އިށީނދެފައި އައިމަން އެހިއެވެ.
"ގަމޫ ގުރުއާން މުބާރާތުގައި ބައިވެރިވެގެން ހެދުން ފަހަން ފޮތި ގަންނަން ދިޔައީ" އައިމަންއާ ސައިތަށި ކައިރިކޮށްދެމުން އަލިޝްބާ ބުންޏެވެ.
"ލިބާ ސައިބުއީތަ؟" އައިމަން އެހިއެވެ.
"އުނހު. އެކަމަކު ބަނޑު ފުރިއްޖެ" އަލިޝްބާ ބުންޏެވެ. އޭނާ އިށީނދެގެން އިނީ އައިމަންއާ ޖެހިގެން އިން ގޮނޑީގައެވެ.
"ހާދަ ހެއްވައޭ. ސައި ބުއީކީ ނޫން. އެކަމަކު ބަނޑު ފުރިއްޖެ" އައިމަން ބުނެލިއެވެ.
"އައިމަން އައި ގަޑީގަ ދުވި ވަހުން" ލަދުރަކި ހީލުމެއް ތުންފަތަށް ވެރިކޮށްލަމުން އަލިޝްބާ ބުންޏެވެ. އެވަގުތު އައިމަން އަލިޝްބާގެ މޫނަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަލިޝްބާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލާފައި ނިތުގައި ބޮސްދީފިއެވެ.
"ދެން އެހެންވީމަ ކޮން އިރަކުން ބުނާނީ؟" އައިމަން އެހިއެވެ.
"ކޯޗެއް؟" އަލިޝްބާ އެހިއެވެ.
"ލިބާއަށް އެނގޭނެ މިބުނީ ކޯޗެއްގެ ވާހަކަކަން" އައިމަން ބުންޏެވެ.
"އޯވް.. ހެހެހެ.. އަހަރެންގެ ފިރިމީހާއަކީ އަހަރެންގެ ހުރިހާވެސް މީހަކީ. އަބަދުވެސް އެންމެ އިސްވާނީ ފިރިމީހާ. ﷲ އަށްޓަކައި ފިރިކަލުން ދެކެ ވަރަށް ލޯބިވެއްޖައިން" އައިމަންގެ މޫނަށް ބަލައިލަމުން އަލިޝްބާ ބުންޏެވެ. ކައިވެނީގެ ފުރަތަމަ ރޭގައި އައިމަން ބުނެލި ޖުމްލަ އަލިޝްބާ ތަކުރާރުކޮށްލިއެވެ. އެހިނދު އައިމަން ކާން އިން ބޯކިބަކޮޅު ތަށި ތެރެއަށް ދޫކޮށްލާފައި އަލިޝްބާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އަލިޝްބާގެ މޫނަށް އޭނާ ބަލަހައްޓައިގެން އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
"މިއަދު އަހަރެން ހާދަ އުފަލެއްވެއްޖެއޭ. ހަމަ ހުވައި މިބުނީ ހީވީ ފިނިފިނި ރޯޅިއެއް އަހަރެން ހިތު ތެރޭގައި ދައުރުވެލިހެން. އަހަރެން މާލޯބިވޭ" އަލިޝްބާއާ ހަތަރުކަޅި ހަމަކުރަމުން އައިމަން ބުންޏެވެ. އެހިނދު ތުންފަތަށް ހިނިތުންވުމެއް ގެނުވަމުން އަލިޝްބާގެ އެސްފިޔަތައް ތިރިކޮށްލިއެވެ.
"އަހަރެން ހުއްދައަކަށް އެދެން ބޭނުން" އަލިޝްބާ ބުންޏެވެ.
"ލިބާއަށް އަހަރެން އެއްވެސް ކަމެއް މަނައެއް ނުކުރަން" އައިމަން ބުންޏެވެ.
"ޒަހާއްތަމެން ބައިގަ އުޅޭ ނީލަމްއާ އެކީގައި އަހަރެން ހިނގާލަން ނިކުމެލަންވެގެން" އަލިޝްބާ ބުންޏެވެ. އައިމަން އެ ހުއްދަ އަލިޝްބާއަށް ދިނެވެ.
*****
ފޯނުގައި ހުރެ ދެކޮޅަށް ހިނގަމުންދިޔަ އަންބަރްގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. އިރުކޮޅަކުން އެނދުގައި އައިސް އިށީނދެފައި ދެފައި ތަޅުވަން އިނެވެ. ދުވާލުގެ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ އެ ކޮޓަރި ތެރޭގައެވެ.
"ރިކް. ރިކްއަށް އަހަރެންނަށް މިކަން ކޮށްދެވޭނީ" އިރުކޮޅަކުން އެނދު މައްޗަށް ދެފައި ވަށްކޮށްގެން އަރައި އިނދެ ފޯނު ނަގާފައި ރިކްޒާގެ ނަންބަރަށް ގުޅާލިއެވެ. ކޮޓަރި ދޮރުހުޅުވާލީވެސް ހަމަ އެވަގުތުގައެވެ. ކޮޓަރިއަށް ވަން ސުމައްޔާއާއި ހާތިމް ފެނިފައި އަންބަރް ހިމޭންވިއެވެ. ސުމައްޔާ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއިރު ކޮޓަރި ތެރެއަށް އެއްވެސް ތަރުތީބެއް ނެތި އެއްޗެހި އުކާފައި ހުއްޓެވެ. އަންބަރް ލާން ގެންގުޅޭ އަންނައުނުތަކާ ކިޔަން ގެންގުޅޭ ފޮތްތަކެވެ. ހުސްކޮށްފައި ހުރި ސްޕާރީ އުރަތަކާ ކައިފައި ހުރި އެޕޯލޯ އުރަތަކެވެ. ސުމައްޔާ ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން ހިތަށް އަރައި ގެވެހި އުޅުމަށް އިބާއަށް ލިބޭނީ ކޮންދުވަހަކުން ބާއޭ" އެތެރެއަށް ވަންނަމުން ސުމައްޔާ ބުންޏެވެ.
"މިހާރު ނަމާދު ކުރީތަ؟" ހާތިމް އެހިއެވެ.
"އާނ ކޮށްފިން" އަންބަރް ބުންޏެވެ. އަންބަރް އެބުނީ ދޮގެއް ކަމެއް ނުވަތަ ތެދެއް ކަމެއް ދެނެގަންނަން ހާތިމަށް ނޭނގުނެވެ. އެނގޭ އެއްޗަކީ އެއީ ދޮގެކޭ ބުނެ އަންބަރާ ދިމާލަށް ހަޅޭއްލަވަން އޭނާ ބޭނުން ނުވާ ކަމެވެ.
"މަންމަ މިހާރު ހާދަ ތަފާތޭ. އަޅުގަނޑުގެ އެއްވެސް ކަމެއް ނުކޮށްދޭ. މަންމަގެ ރަން ދަރިފުޅު ގެއިން ދިޔައީމަ އަޅުގަނޑު ބާކީވެއްޖެ" އަންބަރް ބުންޏެވެ. ހާތިމް ބަލައިލީ ސުމައްޔާގެ މޫނަށެވެ. މޫނުމަތިން ފާޅު ނުކުރިޔަސް އަންބަރްގެ އެ ޖުމްލައިން ސުމައްޔާގެ ހިތުގައި ޖެހިއްޖެއެވެ. އޭނާ މަޑުމަޑުން ހިނގާފައި އައިސް އަންބަރްގެ އެއްފަރާތުން އިށީނެވެ. ކޮންމެފަހަރަކު ބޮޑުވެފައި ހުރި ދަރިއަކަށް ހަޅޭއްލަވައިގެން އެއްކަމެއްވެސް ހައްލު ނުވާނޭކަން އޭނާއަށް އެނގެއެވެ.
"އިބާ މިހާރު ބޮޑުވެއްޖެ. ދެން ދުވަހަކުވެސް އިބާ ކުޑައެއް ނުވާނެ. ތި ކުޑަކުދިން އުޅޭ އުޅުން ދޫކޮށްލާފަ ނިކަން އަންހެން ކުއްޖަކަށް ވެބަލަ. މަންމަ އަބަދުވެސް ބުނަމެއްނު އަންހެނެއް އަންހެނަކަށް ވާނީ އެ އަންހެނާގެ ބުރުސޫރަ ރީތިވެގެނެއް ނޫނޭ. އެ އަންހެނެއް އުޅޭ އުޅުމުންނާ އަމަލުތަކުން އެއީ ރީތި އަންހެނެއްކަން އެނގޭނީ. ތިގޮތަށް ނިޔަފަތި ދިގުކޮށް އިސްތަށިގަނޑުގައި ކުލަޖެއްސީމަ އިބާއަށް ހީވަނީ ވަރަށް ގިނަ ފިރިހެނުންނަށް ތިމާ ވަރަށް ކަމުދާނެއޭ. މަސައްކަތްކުރަންވީ މީހުންގެ ލޯބި ހޯދާކަށް ނޫން. ﷲ ތައާލާގެ ރުއްސެވުން ހޯދަން. ﷲ ތައާލާގެ ރުއްސެވުމާ ފުއްސެވުން ލިބުނީމަ އެ އޮތީ މީހުންގެ ލޯބިވެސް ލިބިފަ. މިއީ ކުރިންވެސް މަންމަ ދަރިފުޅަށް ކިޔައިދިން އެއްޗެހި" އަންބަރްގެ ބުރަކަށީގައި ފިރުމަމުން ސުމައްޔާ ވާހަކަދައްކަމުން ދިޔައެވެ. އަންބަރްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.
"އެހެންވީމަ މީގެފަހުން މަންމަ އިބާގެ އެއްވެސް މަސައްކަތެއް ނުކުރާނަން. އަމިއްލައަށް މަސައްކަތްކުރަން ޖެހޭނީ" ސުމައްޔާ ބުންޏެވެ. ސުމައްޔާ އަދި ހާތިމް އަންބަރްގެ ކޮޓަރިން ނިކުތީ އަންބަރް އެކަންކަމާ ވިސްނާނެ ކަމަށް ޔަގީންކޮށްފައެވެ. ދެމަފިރިންގެ ހިތުގައި އެކަމަށް އުންމީދެއް ވިއެވެ.
*****
ރީތިވެގެން ކޮޓަރިން ނިކުމެފައި ނީލަމް ހިނގައިގަތީ ޒަހާގެ ކޮޓަރިއަށެވެ. އޭނާ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ދެމީހަކު ވާހަކަދައްކާ އަޑު އިވިފައެވެ. ބެލްކަންޏާ ދިމާލަށް ބަލައިލިއިރު އެތަނުގައި ޒަހާގެ އިތުރުން ޖޫދު ހުއްޓެވެ. ޖޫދު ހުރީ އޮފީހުން އައި ގޮތަށް ހެދުން ބަދަލުނުކޮށެވެ. ބޭރަށް ދިޔުމުގެ ހުއްދައަށް އެދެން ނުކެރިފައި ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިގެން ނީލަމް ހުއްޓެވެ. އެންމެފަހުން ވާހަކަދައްކަމުން ދިޔަ ޖޫދު ފަހަތަށް އެނބުރިލި ވަގުތު އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރި ނީލަމް ފެނިއްޖެއެވެ.
"ނީލަމް، ކިހިނެއްވެފަ މިތަނުގަ. ކަމަކުތަ؟" ޖޫދު އެހިއެވެ. ޒަހާވެސް ފަހަތް ބަލައިލީ ޖޫދު ވާހަކަދެއްކި އަޑަށެވެ. ޒަހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނީލަމް ތައްޔާރުވެފައި ހުރި ގޮތުން ބޭރަށް ނިކުމެލަން ބޭނުންވެފައި ހުރިކަން ޒަހާއަށް އެނގުނެވެ. މާކުރިން އަލިޝްބާ ވަނީ ޒަހާ ކައިރީގައި ނީލަމް ގޮވައިގެން ނިކުމެލުމުގެ ހުއްދަ ހޯދައިފައެވެ.
"އެންމެ ރަނގަޅޭ ދިޔަޔަސް. ނީލަމް ކައިރީގައި ޒަހާއްތަ ބުނީމެއްނު ކަމެއް ބޭނުމިއްޔާ ބުނަން ތިހާ ފަސްނުޖެހޭށޭ" ޒަހާ ބުންޏެވެ.
"އިރުއޮއްސުމުގެ ކުރިން އަންނާނަން. ސައި ހުންނާނީ ތައްޔާރުވެފަ" ނީލަމް ބުންޏެވެ.
"ނީލަމް ބޭނުން އިރަކުން އާދޭ. މިގޭ އެއްވެސް މީހަކު ޝަކުވާއެއް ނުކުރާނެ. މިގޭގަ އުޅެނީ ނީލަމްއާ ދުރުބައެއް ނޫނޭ" ޖޫދު ބުންޏެވެ. ހިނިތުންވެލާފައި ނީލަމް ނިކުންނަން އެނބުރިލިއެވެ. ހަގީގަތުގައިވެސް ގޭގައި ތިބީ ދުރުބައެއް ނޫނޭ ހިތް ބުނެލިއެވެ.
"އެމަންޖެ ވާހަކަދައްކައި ނޫޅޭތީ މަންމަ ބުނީއޭ ލިބާ ކައިރީގަ އެމަންޖެ ގޮވައިގެން ބޭރަށް ނިކުމެލަން" ނީލަމް ދޮރުން ނިކުތްކަން އެނގުމުން ޒަހާ ބުނެލިއެވެ.
"ރަނގަޅު ކަމެއް މަންމަ ތިކުރީ. އަޅުގަނޑުވެސް ހިތަށް އަރާ ތިހެން. ހާދަ މަޑުމަޑުންނޭ ދޯ ހުންނަނީ. ނީލަމްގެ މައުލޫމާތު އަޅުގަނޑަށް ދިން މީހާވެސް ބުންޏޭ ވަރަށް މަޑުމައިތިރު ކުއްޖެކޭ" ރެއިލިންގައި އަތް އަޅުވާލާފައި މަގުމައްޗަށް ނަޒަރު ހުއްޓާލަމުން ޖޫދު ވާހަކަދެއްކިއެވެ.
"އެއް އުމުރުގެ ކުއްޖެއް ވީމަ ވާހަކަދައްކައި ހަދަން ފަސޭހަވެސް ވާނެއްނު" ޒަހާ ބުންޏެވެ.
"ދެން ހިނގާ ސައިބޯން" ޒަހާގެ ގޮނޑީގެ އަތްގަނޑުގައި ހިފަމުން ޖޫދު ބުންޏެވެ.
*****
އެންމެން ނިދައި ގޭތެރެ ހިމޭންވުމާއެކު އެނދުގައި އޮތް އަންބަރް ތެދުވެއްޖެއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން އައިސް ކޮޓަރި ދޮރުހުޅުވާލާފައި ނިކުމެ ސުމައްޔާއާއި ހާތިމްގެ ކޮޓަރީ ތަޅުގައި ހިފައިލިއެވެ. ކޮޓަރި ތަޅުލާފައި ހުރުމުން އެމީހުން ނިދައިފިކަން އޭނާއަށް ޔަގީންވިއެވެ. މޭގައި ފިރުމައިލަމުން ހަމަޖެހުމުގެ ނޭވައެއްލާފައި އަލުން ކޮޓަރިއަށް ވަނެވެ. އެއަށްފަހު އޭނާ ހައްދާފައި އޮތް މައިދޮރުގެ ތަޅުދަނޑި ހިފައިގެން މައި ދޮރާ ދިމާލަށް ހިނގައިގަތެވެ.
(ނުނިމޭ)