ހަވަނަ ބައި
"މަންމަ ތަރުހީބުދޭ ކަމެއްނޫން ތިއީ. ދަރިފުޅު ތިއީ ކުޑަކުއްޖެއް. ޖީއަށް މަންމަ ދަސްކޮށްނުދެންތަ މީހުންނަށް އިހުތިރާމު ކުރަން" ޒަހާ އިނީ ހިތްހަމަނުޖެހިފައެވެ. ޖިޔާ އިސްއޮބާލައިގެން ހުރީ ކުށްވެރިއެއް ފަދައިންނެވެ.
"ސޮރީ މަންމާ" ޖިޔާ ބުނެލިއެވެ. ޒަހާ، ޖިޔާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.
ފޯވަހި ކުރިމައްޗަށް މަޑުކޮށްލި ސައިކަލުން ފޭބި އަންބަރް ކުރިމަތީގައި ހުރި ބޮޑު އިމާރާތަށް ބަލައިލިއެވެ. ލޮލުގައި އަޅާފައި އޮތް އަވި އައިނު ނަގާފައި ސައިކަލު މަތީގައި އިން އަލިޝްބާއަށް ބަލައިލިއިރު އަލިޝްބާގެ ނަަޒަރުވެސް ހުއްޓިފައިވަނީ ހަމަ އެ އިމާރާތަށެވެ.
"މީތަ އިބާގެ ފްރެންޑް އުޅޭ ގެއަކީ" އަލިޝްބާ އެހިއެވެ.
"އާނ. މިއީ ދޮންތަގެ އިންލޯސް އުޅޭ ގެ ދޯ. މިގޭ ތިންވަނަ ފްލޯގަ ރިކް އުޅެނީ" އަންބަރް ބުނެލިއެވެ.
"އެހެންތަ. އެހެންވިއްޔާ އިބާ ދޭ. ހައެއް ޖަހާއިރު ދޮންތަ އަންނާނަން އިބާ ބަލާ" އަލިޝްބާ ބުނެލިއެވެ.
"އުނހު. އަށެއް ޖަހާއިރަށް އާދޭ" އަންބަރް ބުނެލިއެވެ.
"ނޫން. އެވަރު މާލަސް. ތިއުޅެނީ މަޣްރިބް ނަމާދު ނުކުރަންވެގެން. އިބާ ބުނާގޮތް ދޮންތަ ހަދާނީ ދޮންތަ ބަސްވެސް އިބާ ގަބޫލުކުރީމަ" އަލިޝްބާ ބުނެލިއެވެ. ފަހުން އަންބަރް ދެކޮޅަށް އެއްޗެއް ނުބުނެއެވެ. ފޫހިވެފައި ހުރެ ބޯޖަހައިލިއެވެ. އަލިޝްބާ ސައިކަލުގައި ނައްޓާލީ އަންބަރް އެގޭ ދޮރާށިން އެތެރެއަށް ވަނީމައެވެ.
ތިންފަހަރު ދޮރުގައި ޓަކި ޖަހައިގެންވެސް އެތެރެއިން ހަބަރެއް ނުވިއެވެ. އެހެންކަމުން އަންބަރް ތަޅުގައި ހިފާފައި އެތެރެއަށް ހުޅުވާލިއެވެ. އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ސޯފާގައި އިން މެދުއުމުރުގެ އަންހެނެއް ފެނިއްޖެއެވެ. ހިތތްތެޅިލީ އެ އަންހެން މީހާގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވި ތަން ފެނުމުންނެވެ.
"ގޭގެއަށް ވަންނައިރު ސަލާމް ގޮވާލުމެއްވެސް ނެތީތަ؟ ދޮރުގައި ބެލްއެއް ހަރުކޮށްފައި ހުންނާނެ. ނުފެނޭތަ؟" ސީނާގެ ހަރުކަށި ބަސްތަކުން އަންބަރްގެ ހިތުގައި ޖެހިލުންވުމެއް އުފެދުނެވެ. އަނެއްކާ އެއި ކާކު ހެއްޔެވެ؟ ރިކްގެ މަންމަ ހެއްޔެވެ؟ މޫނުމަތިން ވައްތަރު ގޮތެއް އެބަހުއްޓެވެ.
"އަ...އަޅުގަނޑު"
"ކޮން އަޅުގަނޑެއް؟ ކާކުތަ ތީ؟ ކީއްކުރަން؟" ސީނާ އެހިއެވެ. އޭރު ސީނާގެ ދާދި ގާތުގައި އިން ފިރިހެން މީހާވެސް އިނީ އަންބަރަށް ބަލަހައްޓައިގެންނެވެ. ހީވާގޮތުން ސީނާ އެހާ ރުޅި އައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަލްމާން އިންދައި ނުދަންނަ މީހަކު ގެއަށް އައުމުންނެވެ.
"ރް...ރިކް އެބައުޅޭތޯ" ހިންދިރުވާލާފައި އަންބަރް އެހިއެވެ.
"ހޫން. ރިކްޒާގެ އެކުވެރިއެއް ދޯ. އެބައުޅޭ އެތެރޭގަ. ދޭބަލަ" ސީނާ ބުންޏެވެ. ސީނާ އެނބުރި ސަލްމާނާ ވާހަކަދައްކަން ފެށުމުން އަންބަރް އެތެރެއަށް ވަދެގެން ގޮސް ކައިރި ކައިރީގައި ހުރި ދެކޮޓަރި ކުރިމަތިވާހެން ހުއްޓުނެވެ. އެތަނުން ރިކްޒާ ވީ ކޮން ކޮޓަރިއެއްގައި ކަމެއް އޭނާއަށް ނޭނގެއެވެ. އެނބުރި ސީނާއަށް ބަލާލަފައިވެސް ވާހަކަދައްކަން ނުކެރުނެވެ. އެހެން ހުންނަތާ އިރުގަނޑެއްވީ ތަނާ ސީނާއަށް ބަލައިލިއެވެ.
"މި..މިތަނުން"
"ފުރަތަމަ ތިހިރަ ކޮޓަރީގައި އޭނަ ވީ" ސީނާ އޭނާގެ ހަރުކަށި ރާގުގައި ބުނެލިއެވެ.
އަންބަރް ފެނުމާއެކު އެނދުގައި އޮތް ރިކްޒާ ފުންމައިގެން ތެދުވިއެވެ. ލައިގެން އޮތް ކުުރު ޓީޝާޓްކޮޅު ދެކޮނޑުގައި ހިފައި ފަހަތަށް ދަމާލާފައި އޭނާ އަންބަރަށް ހިނިތުންވެލިއެވެ.
"ބިރުން ހަލާކުވެއްޖެ. ރިކްގެ މަންމަ ވާހަކަދައްކާ ގޮތްތަ އެއީ. ނޫނީ އަހަރެން އައިމަ ހިތްހަމަނުޖެހުނީތަ؟" އެނދުގައި އިށީނދެ އެއްފައި މައްޗަށް އަނެއް ފައި އަރުވަމުން އަންބަރް ވާހަކަދެއްކިއެވެ.
"މަންމަގެ ވައްތަރު އެއީ. ބައެއްފަހަރު އަހަރެން ހިތަށް އަރާ މަންމައަށް ވުރެ އަހަރެން ނުލަފާ ވެދާނަމޭވެސް. އަހަރެންނަށް އެއްވެސް ތަނަކަށް ނިކުންނަން ހުއްދައެއް ނެތް" މޫނުމައްޗަށް ފޫހިކަން ގެނުވަމުން ރިކްޒާ ވާހަކަދެއްކިއެވެ.
"އެއި ކީއްވެ؟ ކީއްވެ އެއްވެސް މިނިވަންކަމެއް ރިކްއަށް ނެތީ. ގައިމުން އެތަނުގަ އިން ރިކްގެ ބައްޕަވެސް. އެއްވެސް އެއްޗެއް ނުބުނޭ" އަންބަރް ވާހަކަދެއްކިއެވެ. ރިކްޒާ ފެށީ ހޭށޭވެ. ބަނޑުގައި އަތް އަޅައިގެން އިނދެ ދެލޮލުން ފެން އަންނަންދެން އޭނާ ހުނެވެ. އަންބަރް އިނީ ހައިރާންވެފައި ރިކްޒާއަށް ބަލަހައްޓައިގެންނެވެ.
"އަހަރެންނަށް ޖޯކެއް ކިޔުނީތަ؟" ހުނުންގަނޑު ކޮންޓްރޯލު ކުރަން ރިކްޒާ މަސައްކަތް ކުރަމުން ދަނިކޮށް އަންބަރް ބުނެލިއެވެ.
"ހިނި އަންނާނެއްނު. ތިބުނީ ވިއްޔާ އަހަރެންގެ ބައްޕައޭ. މަންމައާ ބައްޕަ ޑިވޯސްވިތާ ކޮން ދުވަހެއް. ބައްޕަ ދުވަހަކުވެސް މިގެއަކަށް ނާންނާނެ" ހެމުން ހެމުން ރިކްޒާ ބުންޏެވެ.
"ދެން އެއީ ކާކު؟" އަންބަރް ބުނެލިއެވެ.
"އެއި މަންމަގެ ބޯއީފްރެންޑް. އަހަރެން ވަރަށް ފޫހިވާ މީހެއް. އުޅެނީ މަންމައާ ރައްޓެހިވެގެން. އެކަމަކު އަހަރެން ފެނުނީމަ ހީވާނީ އަހަރެން ދިރުވާލަން އުޅޭހެން. ވަރަށް ފޫހިވޭ" ރިކްޒާ ބުންޏެވެ.
"އޯހް... ނުލަފާ ވައްތަރު ޖަހާ މީހެއް ދޯ. ތިއެއް ނޫނޭ. އަހަރެން ރިކްގެ ހެލްޕް ބޭނުންވާނެ. އެކަމަކު..." އަންބަރް ވާހަކަދެއްކިއެވެ.
"ސޮރީ އިބާ. ކުރީ ރެއަކު އަހަރެން ވިޝާލާއެކު ތަންކޮޅެއް ގިނައިރުވީމަ މަންމަ ނެއްޓީ. އަހަރެން ވަރަށް އަވަހަށް މަންމަގެ ބޮލަށް އެރިގެން ބަލާނަން ރުއްސޭތޯ. އިބާ މާގިނައިރު އިންނަންޏާ އެހާ ރަނގަޅެއް ނުވާނެ. އަވަހަށް ގެއަށް ދޭ. އަހަރެމެންނަށް ފޯނުންވެސް ވާހަކަދެއްކޭނެއްނު" ރިކްޒާ ވާހަކަދެއްކިއެވެ.
******
ފާހާނާއިން ނިކުތްގޮތަށް ތުވާލި ހަރުގައި އަޅުވާފައި ޖޫދު ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ފޯނުން ގަޑި ބަލައިލާފައި އަވަސް އަވަހަށް ތައްޔާރުވާން ފެށިއެވެ. އަޅި ކުލައިގެ ޓީޝާޓެއްގެ ދަށުން ކަކުލަށް ވުރެ ތިރިއަށް ހުރި ކަޅު ކުލައިގެ ސޯޓެއް ލިއެެވެ. އިސްތަށިގަނޑު އަތުން ރީތިކޮށްލާފައި މުޅި ގަޔަށް ބޮޑީސްޕްރޭ ބުރުވާލިއެވެ. ފޯނު ޖީބަށް ލައިގެން ކޮޓަރިން ނިކުތްތަނާ އެރުނީ ޖިޔާގެ ކުރިމައްޗަށެވެ. އޭރު ސޯފާގައި އާމިނަ އާއި ޒަހާ އިނެވެ.
"ދޮންބެ ހާދަ ރީތިވެގެން. ކޮންތާކަށް؟" ޖިޔާ އެހިއެވެ.
"ދޮންބެ އަންނާނަން ވަރަށް އަވަހަށް" ޖިޔާގެ ކޮނޑުގައި ޖަހާލާފައި ޖޫދު ހިނގައިގަތެވެ. އޭނާ ގެއިން ނިކުތުމުގެ ކުރިން ގޮސް ހުއްޓުނީ ޒަހާ ކައިރީގައެވެ.
"މަންމާ، މާދަމާ އާމިނަދައްތަ ރަށަށް ދާން ފުރާނެ. އެހެންވެ އައިމަންއާ ދެމީހުން ވެގެން ގޭގަ ހުންނާނެ ކުއްޖަކު ހޯދައިފިން. އޭރުން ޖީ އެކަނި ގޭގަ މަސައްކަތް ކުރާކަށް ނުޖެހޭނެއްނު" ޖޫދު ބުނެލިއެވެ. ޒަހާ ބޯޖަހާލުމުން ޖޫދު ހިނގައިގަތެވެ.
އައިމަންގެ ސައިކަލް ފަހަތުގައި އިން ޖޫދު ބަނދަރަށް ބާލާފައި އައިމަން ކުރިއަށް ދުއްވާލީ ތަނަކަށް ވަދެލާފަ އަންނާނެ ކަމަށް ބުނެފައެވެ. އަތޮޅުތެރޭގައި ދަތުރުކުރާ ފެރީ ކައިރިކުރަން އަދި ވަގުތު އެބައޮތެވެ. އެހެންކަމުން އޭނާ ބެންޗެއްގައި މަޑުކޮށްލައިގެން އިނެވެ. އެހެން އިންދައި ކުއްލިއަކަށް އޭނާ ސިހުނީ ދާދި ކައިރިން އަންހެން ކުއްޖެއްގެ ދޮން ފައިތިލަ ފެނުމުންނެވެ. އިސްއުފުލައި ބަލައިލިއިރު ކުރިމަތީގައި ހުރީ ޚާނީއެވެ. އޭނާ މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ. އަލުން ނަޒަރު ހުއްޓާލީ އަތުގައި އޮތް ފޯނަށެވެ. އެގޮތް ޚާނީއަށް ކަމަކުނުދިޔައެވެ. އޭނާ ފެނުމުން އެއްވެސް ފިރިހެނަކު އިސްއޮބާލައިގެން ނުވާނެއެވެ. އޭނާއަށް ތައުރީފުކުރަން ޖެހޭނެއެވެ.
"އަދިވެސް އަހަރެން އޯކޭ ޖޫދު އަލުން މެރީކުރާނަމޭ ބުންޏަސް. އެގޮތަށް ޖޫދު ބުނީމަ ބައްޕަ ވަރަށް ރުޅި އައި" ޖޫދު ކައިރީގައި އިށީނދެފައި ޚާނީ ބުންޏެވެ. ކައިރީގައި މީހަކު އިންކަމަކަށްވެސް ޖޫދު ނަހަދައެވެ. އޭނާ ދިޔައީ ފޯނުން މީހަކަށް މެސެޖުކުރަމުންނެވެ.
"ޖޫދު،" ޖޫދު ފުންމައިގެން ތެދުވީ ޚާނީ އޭނާގެ އަތުގައި ހިފުމުންނެވެ.
"މޮޔަވީތަ؟ ކަމަނާގެ ރީތިކަމުގެ މަޅީގައި ކިތަންމެ ފިރިހެނެއް ޖެހުނަސް އަހަރެން ޖެހޭނެއޭ ހީނުކުރައްޗޭ. ތީ މި ރަށު ހޮސްޕިޓަލުގައި ހުރި ހަމައެކަނި ޑޮކްޓަރު. އެހެންވީމަ ފެންނަހާ މީހެއްގެ ގަޔަށް ބޮލަށް ނާރައި ތިމާގެ އަގު ހިފަހައްޓަން މަސައްކަތް ކުރޭ. އެހެން ނޫނީ ދާދި އަވަހަށް ރަށުތެރެއަށް ކަމަނާ ބޭޒާރުވެދާނެ. ކަމަނާއަށް އަހަރެންގެ ހިތުން ޒައްރެއްގެ މިންވަރަށްވެސް ޝައުގުވެރިކަމެއް ނެތް" ޖޫދު ތެދުވެގެން ހިނގައިގަތީ ފަޅާ ގާތްކުރަމުންދިޔަ ފެރީއާ ދިމާލަށެވެ. އެ މަންޒަރު ޚާނީއަށް ކަމަކުނުދިޔައެވެ. ކޮންމެ ފިރިހެނަކު ހުންނަނީ އޭނާގެ ފަރާތުން އިޝާރާތަކަށް ބަލަބަލައެވެ. ޖޫދަށް އެގޮތަށް އޭނާއަށް ނޫނެކޭ ބުނެވިގެން ނުވާނެއެވެ. އޭނާ ފެނިފައި އެހެން ފިރިހެނުންނަށް ވާގޮތް ޖޫދަށް ނުވުމުން ޚާނީ ރުޅިއައެވެ. އިރުކޮޅަކުން ޚާނީ ކައިރީގައި އޭނާގެ އެކުވެރިއަކު އައިސް އިށީނދެއްޖެއެވެ.
"ރަނގަޅަށް އެވީ. އަހަރެން ކުރިންވެސް ބުނީމެއްނު ޚާނީއަކާ އޭނައެއް ނުގުޅެއޭ. ދެން ކީއްވެ ތިއުޅެނީ" މާޔާ ވާހަކަދެއްކިއެވެ.
"މިއީ ބައްޕަގެ ކަންތައް. ބައްޕަ އެނގިއްޖެ އެއްކަލަ ދުވަހު ރެސްޓޯރަންޓްގަ އަހަރެމެން ދެއްކި ވާހަކަތައް. ބައްޕަ ކައިރީގައި އެގޭ މީހެއް ބުނެފި ފަހުން ޖޫދު މި ކައިވެނި ރިޖެކްޓްކޮށްލީ އެހެންވެކަން. އެކަމާ ބައްޕަ އަހަރެންނާ ވާހަކަނުދައްކާ މިހާރު. އެހެންވީމަ މީނަ ހައްދައިގެން ވިޔަސް ބައްޕަ އޯކޭ ކުރަން އަހަރެން އުޅުނީ" ނިޔަފަތި ހަފަން އިން ޚާނީ ބުނެލިއެވެ.
"ކަމޯން ޚާނީ. ތި ޖޫދު ތިއީ ކާކުތަ؟ ޚާނީއަށް މާ ސްމާޓް މާ ގުޑްލުކިން މީހަކު ޑިޒާވް ވަނީ. ހިނގާ ދާން. ބައްޕައަކަށް މާގިނަ ދުވަހު ދަރިއަކާ ރުޅިވެގެން ނުހުރެވޭނެ" ޚާނީ އަތުގައި ހިފައި ހިނގައިގަންނަމުން މާޔާ ބުނެލިއެވެ. ޚާނީ އިނީ ފޫހިވެފައެވެ. އޭނާގެ ރޭވުން ނާކާމިޔާބުވީތީއެވެ. އޭނާ ހީކުރިހާ ފަސޭހައިން ޖޫދުގެ ބޯ ކައި ނުލެވުނެވެ.
ސިޓިން ރޫމު އެއްފަރާތުން އަނެއްފަރާތަށް އަމިއްލައަށް ގޮނޑި ދުއްވޭތޯ މަސައްކަތް ކުރަމުންދިޔަ ޒަހާ ބަލައިލީ އޭނާއާ ދާދި ކައިރީގައި އެހީވާން ހުރި އާމިނައަށެވެ. އެއްފަރާތުގައި އާމިނަގެ ފޮށި ތައްޔާރުކޮށްފައި ހުއްޓެވެ. ގޭތެރެއިން ޖިޔާ ފެންނަން ނެތެވެ.
"ތިގޮތަށް ދުވާލަކު ވިއްސަކަށް މިނިޓް ވަންދެން މަސައްކަތް ކޮށްލާތި" އާމިނަ ބުންޏެވެ.
"ދެން ހިނގާ ސޯފާ ކައިރިއަށް. މި އަންނަނީ ފެން ތައްޓެއް ހިފައިގެން" އަމިއްލައަށް ގޮނޑި ދުއްވަން ކުރެވުނު މަސައްކަތުން ޒަހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި އިނުމުން ނިތްމަތިން ކުދިކުދި ދާތިކިތައް ބަބުޅަމުން ދިޔައެވެ.
"އާމިނައްތަ އެހާ އަވަހަށް ފުރާތީ ދެރަވެފަ މީނީ. ވަރަށް ހިތްހެޔޮކުރާތި" އާމިނަ ގެނެސްދިން ފެންތަށީގައި ހިފަމުން ޒަހާ ބުނެލިއެވެ.
"ދާން ޖެހޭނެތާ، އެކޮޅުގަ ހުންނަނީ މާބަނޑު ދަރިއެއް. އެކުއްޖާ ބަލިވީމަ ކައިރީގަ ހުންނަން ޖެހޭނެއްނު" އާމިނަ ބުންޏެވެ.
މައި ދޮރުގެ ތަޅު ހުޅުވުނު އަޑަށް އެ ދިމާލަށް ބަލައިލީ ޒަހާއާއި އާމިނަ އެކުގައެވެ. އިރުކޮޅަކުން ކަޅު ކުލައިގެ ފޮށްޓެއް ދަމަމުން ވަނީ ޖޫދެވެ. ޒަހާ ބޯއަރިކޮށްލައިގެން ބަލައިލީ ޖޫދުގެ ފަހަތުން ވަން އަންހެން ކުއްޖާއަށެވެ. އިސްކޮޅުން ދިގު ހިމަތޮޅި އަންހެން ކުއްޖެކެވެ. ލައިގެން ހުރީ ކަޅު ކުލައިގެ ހަރުވާޅު ހެދުމެކެވެ. ބޮލުގައި ކަން ބުރުގާއެއް އޮތެވެ. އާވެފައި ހުރެ އެކުއްޖާ ގޭތެރޭގެ އެކި ދިމާ ބަލަމުން ދިޔައެވެ.
"އާދޭ އެތެރެއަށް" ޖޫދު ބުނެލިއެވެ. އެ އަންހެން ކުއްޖާ ޖޫދު ފަހަތުން ހިނގާފައި ގޮސް ސޯފާތައް ކައިރީގައި ހުއްޓުނެވެ.
"އިށީނދޭ" ޒަހާގެ މަޑުމައިތިރި އަޑާއި މޫނުމަތީގައިވި ހިނިތުންވުން ފެނި އަންހެން ކުއްޖާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.
"މަންމާ، މިއީ ނީލަމް. ނީލަމް ދެން ހުންނާނީ މިގޭގަ" ޖޫދު ބުނެލިއެވެ.
"މާޝާﷲ ވަރަށް ރީތި ނަމެއް. ޖޫދު ކިޔައިދިނިންތަ ގޭތެރޭގެ ހުރިހާ ވާހަކަތަކެއް" ޒަހާ ވާހަކަދެއްކިއެވެ.
"ލައްބަ. ޖޫދު ކިޔައިދިން. އަޅުގަނޑު މަސައްކަތްކުރާނަން އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް" ނީލަމް ވާހަކަދެއްކިއެވެ.
"އެހެންވީމަ ޖޫދު ދަރިފުޅު ނީލަމް އާމިނަދައްތަ ހުންނަ ކޮޓަރިއަށް ގެންދޭ، މީގެފަހުން އެ ކޮޓަރިއަކީ ނީލަމްގެ ކޮޓަރި" ޒަހާ ވާހަކަދެއްކިއެވެ. ވަގުތުން ޖޫދު ނީލަމްގެ ފޮށި ދަމަމުން ހިނގައިގަތެވެ.
"މަޑުކޮށްބަލަ. މިއަދު ނީލަމް އަރާމުކޮށްލާ އެނގޭ. ދަތުރު ވަރުބަލިވެފައެއްނު ހުންނާނީ" ނީލަމް ހިނގައިގަތް ތަނާ ޒަހާ ބުނެލިއެވެ.
******
ގޭތެރެއަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. ސިޓިން ރޫމު މެދުގައި ހުރި ސޯފާގެ މެދުގައި ހުރި މޭޒު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްލައިފައެވެ. ބަދިގެ ހިމެނޭ ސަރަހައްދުގައި ހުރި ކާމޭޒުމަތި ވަނީ ތަފާތު ވައްތަރުގެ ކާއެއްޗެހިތަކުން އެއްވަސް ކުރުވައިފައެވެ. ގޭތެރޭގެ އެއްކޮޅުން އަނެއްކޮޅަށް ޝަމްސު ދުވަމުން ދިޔައެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. މީހަކު ބެލް އަޅަން ފެށުމުން ބަދިގޭގައި ހުރި ޝަމްސު އެ ދިމާލަށް ބަލައިލިއެވެ.
"ގަމަރު... ދަރިފުޅު ދޮރު ހުޅުވަބަލަ" ޒިންކު ކައިރީގައި ހުރުމުން ޝަމްސުއަށް ދޮރުހުޅުވަން ދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ބަލައިލީ ކޮޓަރި ދޮރުމަތީގައި ފިހިގަނޑު ހިފައިގެން ހުރި ގަމަރަށެވެ. އުނދުން ކައިރީގައި ޝަމްސުއަށް އެހީވާން ނީލަމްވެސް ހުއްޓެވެ. އޭނާ އެބަޔަށް ފޮނުވީ ޒަހާއެވެ. އެބައިގެ ފިރިހެން ކުއްޖާ ކައިވެނި ކުރަން އުޅޭކަން ނީލަމްއަށް އެނގުނީ ޒަހާ ބުނުމުންނެވެ.
"ބައްޕަ. މަންމާ، ބައްޕަ އައީ" ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި އަނަސް ފެނުމުން ގަމަރު ގޮވައިލިއެވެ. ހިނިތުންވެފައި ޝަމްސު ބަލައިލިއިރު ގަމަރު ހުރީ އަނަސްގެ އަތުތެރޭގައެވެ. ދެމަސް ދުވަހަށްފަހު އާއިލާ ކައިރިއަށް އާދެވުމުން އަނަސްގެ ތުންފަތް މަތީގައިވީ އާދަޔާ ޚިލާފު ހިނިތުންވުމެކެވެ. އައިމަން ފަދައިން އަނަސްގެ ތުނބުޅި ހުރީ ބޯކޮށެވެ. އަތްކުރު ރޮނގު ދެމި ގަމީހަކާއެކު ކަކުލުން ތިރިއަށް ހުރި ސޯޓެއްގައި ހުރިއިރު އައިމަންއަށް ވުރެ އިސްކޮޅުން ކުރެވެ. އައިމަންއާ ޚިލާފަށް ހަށިގަނޑު ފަލައެވެ. މޫނުމަތިން އައިމަންގެ ސިފަ ފާޅުވެއެވެ.
"މިރެއަށްވެސް ނާދެވޭނެ ކަމަށް ހީކުރީ" ފިރިމީހާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ޝަމްސު އައިސް ދިއްކޮށްލީ ފިނި ފެންތައްޓެކެވެ. ގޮހޮރުގައި އެ ފެންތަށި ޖެހުމުން ޔަގީނުންވެސް އަނަސްގެ ވަރުބަލިވެފައިވާ ސިކުނޑިއަށް ތާޒާކަމެއް ލިބޭނެއެވެ.
"އަހަރެން ނައިހެއް ނުހުންނާނެއްނު. ކިހާ އިރަކު އެމީހުން އަންނަނީ؟" ސޯފާއާ ދިމާލަށް ދަމުން އަނަސް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ދަބަސް އަނބިމީހާ އަތަށް ދިއްކޮށްލިއެވެ.
"މާގިނަ އިރެއް ނެތް. އަވަހަށް ތައްޔާރުވާން ދޭ" ދަބަސް ހިފައިގެން ހިނގައިގަންނަމުން ޝަމްސު ބުންޏެވެ. އެހެންނަމަވެސް ކޮޓަރިއަށް ތައްޔާރުވާން ދިއުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ އައިމަންގެ ކޮޓަރިއާ ދިމާލަށެވެ. ފިރިހެން ދަރިފުޅާ ބައްދަލުނުކޮށް އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެ މަންޒަރުތައް ބަލަހައްޓައިގެން ފާރުގައި ލެނގިލައިގެން ހުރި ނީލަމް ފެނުމުން ބަދިގެއަށް ވަންނަން އައި ޝަމްސު ހުއްޓުނެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނީލަމްގެ ކޯތާފަތް ހުރަސްކޮށް ތިރިއަށް ރޮނގެއްހެން ދެމިގެންދިޔަ ކަރުނަތިކި ފެނުމުންނެވެ. އެހާ އަވަސް އަވަހަށް މޫނު ފޮހެލާފައި ނީލަމް އެތެރެއަށް ވަނެވެ. އެ މަންޒަރުތައް ފެނުމުން ޝަމްސުގެ ހިތުގައި ސުވާލު އުފެދުނެވެ.
******
އަލިޝްބާއާއި އައިމަންގެ ކައިވެނީގެ މަންޒަރުތަކުގެ ފޮޓޯ އަންބަރްގެ އަތުގައި އޮތް ކެމެރާގައި ރައްކާކުރަމުން ދިޔައެވެ. އަލިޝްބާގެ އެދުމަކަށް އަންބަރް ލައިގެން ހުރި ކަޅު ކުލައިގެ މިޑީގައި އޭނާ ވަރަށް ޗާލެވެ. އެހެންނަމަވެސް އިސްތަށިގަނޑާއި ދެފައިތިލައިގެ އިތުރުން ހެދުން ގަޔަށް ހިފާފައި ހުރުމުން ގޮނޑީގައި އިން ޒަހާ ކައިރީގައި އިން ޖޫދަށް ކަމުނުދިޔައެވެ. ޖޫދު ދެކޭގޮތުގައި އަންބަރަކީ ކޮންމެ މާބުރަކަށް ހެޔޮވަރުގެ މަލެކެވެ. އެ މަލުގައި ނުބީހޭ މާބުރެއް މަދުވާނެއެވެ. އަލިޝްބާގެ އެކަހަލަ އަންހެން ކޮއްކޮއެއް ހުރިކަން އެނގުނު ހިސާބުން އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. އެ އާއިލާއާއި އަންބަރް އެއްގޮތަކަށްވެސް ނުގުޅެއެވެ. އެ ހުރިހާ މީހުންގެ ތެރެއިން އޭނާއަށް ބަލައިލެވުނީ ގަމަރު ކައިރީގައި ގަމަރާ އެއްކުލައިން ހެދުން ލައިގެން ހުރި އޭނާގެ ކޮއްކޮއަށެވެ. ބުރުގާގެ ތެރެއިން ފެންނަން ހުރީ ޖިޔާގެ ދޮންދޮން މޫނުކޮޅު އެކަންޏެވެ. އޭނާ ދެކޭގޮތުގައި އަންހެން ކުދިން ތިބެން ޖެހޭނީ އެހެންނެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައި އިނަސް ޒަހާ ދެ ދަރިންނަށް ދީފައިވާ ތަރުބިއްޔަތަށް ޖޫދު ޝުކުރުކުރިއެވެ.
އެންމެންތަކުގެ ތެރެއިން ފޮޓޯ ނަގަން ހުރި އަންބަރްގެ ނަޒަރު ޖޫދާ އަމާޒުވުމާއެކު ޖޫދަށް ދެލޯ އަޅާލައިފިއެވެ. ވަގުތުން ޖޫދުގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލައިފިއެވެ. އަންބަރް ގޮސް ހުއްޓުނީ ސުމައްޔާގެ ނިވަލުގައެވެ. އެގެއިން އޭނާ އެންމެ ފޫހިވާ މީހަކަށް ޖޫދު ވެއްޖެއެވެ.
ކައިވެނީގެ ހަފްލާ ނިމި ދެފަރާތުގެ އާއިލާ ގޭތެރޭގައި އެކަނި ވެއްޖެއެވެ. ސޯފާގައި އިން އަލިޝްބާގެ މޫނަށް ފިރިއެއްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އައިމަން ބަލައިލިއެވެ. އޭނާ ކުރިއަށް އަތް ދިއްކޮށްލުމާއެކު އެ އަތުގެ ތެރެއަށް އަލިޝްބާގެ އަތްތިލަ ލިއެވެ. ޖީބުން ނެގި ރިހި ކުލައިގެ އަނގޮޓި އަލިޝްބާގެ ވައަތުގެ ކަށި އިނގިލީގައި އެޅުވިއެވެ.
"ވާއު ދޮންތާ. ދޮންތަބެ އިޒް ސޯ ރޮމޭންޓިކް" އެ މަންޒަރު ބަލަން ހުރި އަންބަރަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. އަލިޝްބާ ކޮށްލި އިޝާރާތަކާއެކު އަންބަރަށް އެހެން ނުކިޔުމަށް ބުނެލިއެވެ. އަންބަރް ހީލާފައި ދެތުންފަތް ލައްޕާލިއެވެ.
"މިއަދު ޖޫދު ހާދަ ތަފާތޭ ދޯ" އައިމަން އެހެން ބުނުމުން އެ ދިމާލަށް އަލިޝްބާ ބަލައިލިއެވެ. އަންބަރްވެސް ލަސްލަހުން އެދިމާ ބަލައިލިއެވެ.
"އެގޮތަށް އެހާ ސްމާޓްކޮށް ހުންނައިރު ކިހާ ތަފާތު. މިރޭ ހީވޭ ކުޑަކޮށް ފަލަހެންވެސް" އައިމަން ބުނެލިއެވެ.
ތެދެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީސް ކުޑަކޮށް މައްޗަށް އޮޅާލާފައި ހުރިއިރު އޭނާ ރީއްޗެވެ. ނޫކުލައިގެ ޖީންސުގައި ހުރިއިރު އެހާ ތުނި ނޫން ބޮލުގެ އިސްތަށިތައް ހުރީ އަތުން ކުޑަކޮށް މައްޗަށް ހިއްލާލައިފައެވެ. އަލިކަޅެއް ލިބިފައިވާ ޖޫދުގެ އެންމެ އަޅައިގަންނަ ސިފައަކީ އޭނާ ހީލުމުން ކޮޅަށް އެޅޭ އަޑިކޮޅެވެ. ހިނދުކޮޅަކަށް އަންބަރަށް ޖޫދަށް ނަޒަރު ހުއްޓާލައިގެން ހުރެފައި އަނގަ ހަދާލާފައި އަލިޝްބާއަށް ސަމާލުކަން ދީފިއެވެ.
(ނުނިމޭ)