ވާހަކަ

ޖޫދް - 05

1

ފަސްވަނަ ބައި

ރަންކިޔުމުގެ ހަފްލާ ނިމިގެން ރޭގަނޑުގެ ކެއުން ކުރިއަށްދިޔަ ވަގުތު އަންބަރްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ހުރިހާ މީހުންނާ އޭނާ ދުރަށްޖެހިލިއެވެ. ބެލްކަންޏަށް ނިކުންނަން ދިޔައީ ފޯނަށް ބަލަން ހުރެއެވެ. ބެލްކަނީގައި ހުރެފައި ގޭތެރެއަށް ވަންނަން އައި ޖޫދާ އަންބަރް މުޑިއެރިއެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ވެއްޓި ވާރިޝްގެ ކޯލު ކެނޑުނެވެ.

"އާރ ޔޫ ބްލައިންޑް" ހިތްހަމަނުޖެހި ދަތްކުނޑި ވިކައިލަމުން އަންބަރް ބުނެލިއެވެ.

ތިރީގައި ވެއްޓިފައި އޮތް ފޯނު ނަގާފައި ފިތަކަށް އޮށްބަން ފެށިއެވެ. އެތެރެއަށް ވަންނަން އައި ޖޫދަށް އަންބަރަށް ބަލައިލެވުނީ ދެލޯ ވަށްކޮށްލާފައެވެ. ފުރަތަމަ ނަޒަރުންވެސް އަންބަރް ދެކެ ޖޫދު ފޫހިވެއްޖެއެވެ.

"ސޮރީ" ޖޫދު ބުނެލިއެވެ. އަންބަރް އިތުރު އެއްޗެއް ނުބުނަނީސް އޭނާ އެތަނުން ދިޔައެވެ.

"މީހާގަނޑު. އަޅެ ފޯނު ވައްޓާލީއޭ" ބެލްކަންޏަށް ނިކުމެ އަލުން ވާރިޝްއަށް ގުޅަމުން އަންބަރް ބުނެލިއެވެ. އޭނާ ވާހަކަދެއްކީ އަމިއްލަ ނަފްސާއެވެ. ތުން އޫ ކޮށްގެން ހުރިއިރު ފަހުން ވާރިޝް ފޯނަށް ޖަވާބުނުދޭތީ ވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. އެހެން ހުރިއިރު ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލައިގެން އިށިން ޖޫދަށް ދެލޯ އެޅިއެވެ.

ހުރިހާ ކަމެއް ނިމި އަލިޝްބާގެ އާއިލާ ގެއަށް ދިޔައެވެ. ޝަމްސު އާ އެކީގައި ބަދިގެއާއި ތަށިތައް ރަމަތަ ކުރުމަށް ގަމަރު ގާތްވެލިއެވެ. އެހިނދު ޝަމްސު ގަމަރު ނިދަން ކޮޓަރިއަށް ފޮނުވިއެވެ. ބަދިގޭގައި އުޅުނީ އޭނާ އެކަންޏެވެ. ބެލްކަނީގައި ކޮފީތައްޓެއް ހިފައިގެން އައިމަން އަދި ޖޫދު ހުއްޓެވެ.

"ބްލޫ ކުލައިގެ ހެދުމުގަ އެއީ ލިބާގެ ކޮއްކޮތަ؟" ވިސްނުމަކަށް ގެއްލިފައި ހުންނަހެން ހުރެ ޖޫދު އެހިއެވެ.

"އާނ. އަދި މަށަކާވެސް އެހާ ރައްޓެއްސެއްނޫން. އަނެއްކާ ކިހިނެއްވީ؟ ހިތްކިއީތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި ޖޫދު އެހިއެވެ.

"ތިކަހަލަ ކަމެއްނުވޭ. އަހަރެން މިތަނުގަ ހުރެފަ ވަންނަން ދިޔަ ގަޑީގަ އެކުއްޖާގެ ގައިގައި ޖެހިފަ އޭނަގެ ފޯނު ވެއްޓުނީ. ހުރީ ވަރަށް ރުޅިއައިސްފަ" ޖޫދު ކިޔައިދިނެވެ. އަންބަރްދެކެ ފޫހިވާ ވާހަކަ ބުނަން ޖޫދަށް ނުކެރުނެވެ. އެއީ އަލިޝްބާގެ ކޮއްކޮއަށް ވީމައެވެ.

"އެހެންތަ. ދެން އެނގެއެއްނު އަންހެންކުދިންގެ ދިރިއުޅުމުގައި ވަރަށް އަގުބޮޑެތި ދެ އެއްޗެއް ވާނެ. އެއީ އެމީހުން ކޮށްފައި ހުންނަ މޭކަޕާ އަތުގައި އޮންނަ ފޯނު. ހެހެހެ..." އައިމަން ބުނެލިއެވެ.

ހެނދުނު އޮފީހަށް ދަމުން ޖޫދު ދިޔައީ 10 ޖަހާއިރަށް ޖިޔާ ސްކޫލަށް ގެންދަން ބަލައި އަންނާނެ ކަމަށް ބުނެފައެވެ. ތައްޔާރުވެގެން ޖިޔާ ގޮސް ވަނީ ޒަހާގެ ކޮޓަރިއަށެވެ. އޭރުު ދިވެހި ވާހަކަފޮތެއް ހިފައިގެން ޒަހާ އިނީ އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެންނެވެ. ހުދު ޔުނީފޯމުގައި ސްކޫލަށްދާން ތައްޔާރުވެގެން ވަން ޖިޔާ ފެނުމާއެކު ޒަހާ ހީލައިފިއެވެ.

"ދޮންބެ އަދިވެސް ނާދޭތަ؟" ޒަހާ އެހިއެވެ.

"ލައްބަ. މިހާރު ނުވަގަޑި ބައި އެވަނީ" ޒަހާގެ ބޮލާ ދިމާލުން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލަމުން ޖިޔާ ބުންޏެވެ.

"ދޮންބެ އަންނާނެ ބުނާ ގަޑިއަކަށް. އާދެބަލަ މިތާ އިށީންނަން" ޖިޔާއަށް ޒަހާ ބުންޏެވެ. ޖިޔާ އިށީނުމާއެކު ޒަހާ ދެއަތް އުފުލައިލަމުން ޖިޔާގެ ބުރަކަށީގައި ފިރުމައިލިއެވެ.

"ދަރިފުޅާ، އެހާ އަވަސް އަރުވާލައިގެން ޓެސްޓް ނަހަދާތި. މިއަދު އޮތީ ފަހު ޓެސްޓް ދޯ. އަބަދުވެސް ހަނދާން ބަހައްޓާތި ސުވާލު ކަރުދާސް ލިބުނީމަ ރަނގަޅަށް ކިޔަން. އެންމެ ފުރަތަމަ ޖަވާބުދޭނީ ފަސޭހަ ސުވާލުތަކަށް. އުނދަގޫ ސުވާލުތަކާ މެދު ވިސްނަން ގިނަ ވަގުތު ބޭނުންވާނެ. އެހެންވީމަ އެސުވާލުތައް ހަދާނީ އެންމެފަހުން. އެހެންނޫނީ ފުރަތަމަ އުނދަގު ސުވާލުތައް ހަދަން އުޅުނީމަ ލަނޑެއް ލިބިދާނެ" ޒަހާ ޖިޔާއަށް ވިސްނައިދެމުން ދިޔައެވެ.

"އެންްގޭ މަންމާ. މަންމަ އަބަދުވެސް ތިހެން ކިޔަމެއްނު. ޖީ ހަނދާނެއް ނުނެތެއޭ" ޖިޔާ ބުންޏެވެ. އަނެއްކާވެސް އޭނާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ދިހައެއް ޖަހަން ފަނަރަ ވެފައި ހުއްޓާ ފެނުމުން ޖިޔާ ފުންމައިގެން ކޮޅަށް ތެދދުވިއެވެ.

"އަޅެ ދޮންބެ ކޮބާތަ؟ ގުޅަންވީ ކަންނޭނގެ" އަރިމަތީ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގާފައި ޖޫދުގެ ނަންބަރު ފޯނުގައި ޖެހިއެވެ. ކޮޓަރި ދޮރު ހުޅުވުނީވެސް ހަމަ އެވަގުތުއެވެ. ކޮފީ ކުލައިގެ އަތްދިގު ގަމީހާ ކަޅު ފަޓްލޫނާއެކު ދަށަށް ޖަހައިގެން ހުރި ޖޫދުގެ ފަހަތުން ހުއްޓުނު އުމުރުން ދުވަސްވީ އަންހެންމީހާ އަކީ ކާކު ކަމެއް ޒަހާއަށް ނޭނގުނެވެ. އެހެންކަމުން ޖިޔާ އާއި ޒަހާގެ މޫނުމަތިން ޙައިރާންކަމެއް ފާޅުވެލިއެވެ.

"މަންމާ، މިއީ އާމިނަދައްތަ. މޫސަބެގެ އަންހެނުން. ހަފްތާއެއް ފަހުން ރަށަށް ދާން ފުރަންވަންދެން މިގޭގަ ހުންނަން ގެނައީ. އެންމެރަނގަޅުތަ؟" ކުރިއަށް ޖެހިލާފައި ޖޫދު ވާހަކަދެއްކިއެވެ. އާމިނަގެ ތުންފަތްމަތީގައި ވަނީ ހިތްހެޔޮ ހިނިތުންވުމެކެވެ. ލައިގެން ހުރި ކަޅު ކުލައިގެ ހައުސްކޯޓުންވެސް އާމިނަގެ މޫނުމަތިން މާތް ފާޑު ޖަހައެވެ.

"މަންމައަށް އެންމެ ރަނގަޅު" ޒަހާ ބުނެލިއެވެ.

"މަންމާ އާ އާމިނަދައްތަ އާ ވާހަކަދައްކާލާ. މިއަންނަނީ ޖީ ސްކޫލަށް ލާފަ" އާމިނައަށް ހިނިތުންވުމެއް ދިނުމަށްފަހު ޖޫދުގެ ފަހަތުން ޖިޔާ ނިކުތެވެ.

ފާހާނާއިން ނިކުމެގެން އައި އަންބަރް ލައިގެން ހުރީ ވައިލެޓް ކުލައިގެ ޕިޖާމާއެކެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓުމަށްފަހު މޫނާއި ދެއަތް ތިލައިގައިވެސް މޮއިސްޗަރައިޒިން ކްރީމެއް ހާކަމުން އައިސް އެނދަށް އަރައި ދެފައި ވަށްކޮށްގެން އިށީނެވެ. ކުރިމަތީގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިންއިރު ވަކި މީހެއްގެ ފޯނަކަށް އޭނާ އިންތިޒާރުކުރާ ކަހަލައެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލި އަޑު އިވިއްޖެއެވެ. އަންބަރް ދޮރާ ދިމާލަށް ބަލައިލާފައި ދެން ބަލައިލީ ފޯނަށެވެ. ވާރިޝްގެ ކޯލު އަންނަން ފެށި ހަމަ އެވަގުތުއެވެ. މިގަޑީގައި ކޮޓަރިއަށް އައީ ކާކު ހެއްޔެވެ؟

"އިބާ، ދޮންތައަށް އެނގޭ އަދި ނުނިދާނެކަން. ހުޅުވަބަލަ" ބޭރުން އަލިޝްބާގެ އަޑު އިވުނެވެ. ވާރިޝްގެ ފޯނަށް ޖަވާބު ދިނުމެއްނެތި އޭނާ ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހީލައިގެން ހުރި އަލިޝްބާ ފެނި އަންބަރު ދެލޯ ކުޑަކޮށްލިއެވެ. އެހެންރޭތަކުގައި ރޭގަނޑު އެގާރައިގެ ކުރިން ނިދަން އާދަވެފައި ހުރި އަލިޝްބާ ބާރަޖެހިއިރުވެސް ނުނިދާ ހުރުމުން ހައިރާންވިއެވެ. އެއަށް ވުރެ މާބޮޑު ޙައިރާންކަމެއް ލިބުނީ އަލިޝްބާގެ އަތުގައި އެއްބައި ތިރިއަށް އެލިފައި އޮތް ކުއިލްޓް ފެނިފައެވެ.

"ދޮންތަގެ ބޮޑު ރޭ އަންނަންދެން ނިދާނީ އިބާއާއެކު" އަންބަރްގެ ހިތުގައި އުފެދިފައިި ސުވާލަށް ޖަވާބުދެމުން އަލިޝްބާ ބުނެލިއެވެ. އޭނާ ވަދެގެން ގޮސް އެނދު މައްޗަށް ކުއިލްޓް އެއްލިއެވެ. އަންބަރަށް ހުރެވުނީ ހަރަކާތް ހުއްޓިފައި ހުރި ބުދެއްހެން ގަބު ވެފައެވެ. އޭރުވެސް އަތުގައި ފޯނަށް ވާރިޝް ގުުޅަމުން ދިޔައެވެ. އޭނާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.

"އިބާ، ހިތްހަމަނުޖެހިފަތަ؟ ދޮންތަ ރޫމަށް ދާންވީތަ؟" އިބާ ހުރިގޮތަށް ބަހެއް ނުކިޔާ ހުރުމުން އަލިޝްބާ ބުންޏެވެ. އެވަގުތު އަތުގައި އޮތް ފޯނު ލައިގެން ހުރި ހަރުވާޅުގެ ޖީބަށް ކޮށްޕާލާފައި ހިނިތުންވެލާފައި އަލިޝްބާއަށް ބަލައިލިއެވެ.

"ނޫނޭ. ހަމަ ވެލްކަމް. އެކަމަކު މިހާއިރު ވަންދެން ދޮންތަ ނުނިދާ ކީއްކުރީ. އަނެއްކާ ޅިޔަނާއެކު މާފޮޅުވަން އޮތީތަ؟" މަޖާވެފައި އަންބަރް ބުނެލިއެވެ. އަދި އެނދަށް އަރާ އިށީނެވެ. ވަގުތުން އަލިޝްބާ މޫނު ހަދާލިއެވެ.

"ކައިވެނީގެ ކުރިން މާނުފޮޅުވަން" އަލިޝްބާ ބުނެލިއެވެ.

"އެއީ ކީއްވެ؟ ދޮންތަމެން ހާދަ ރޮމޭންޓިކެއް ނޫނޭ ދޯ" އަންބަރް ބުންޏެވެ.

"ހެހެހެ.. ކައިވެނީގެ ކުރިން އަންހެނަކާ ފިރިހެނަކާ ދެމެދު އޮންނާނީ ޝައިތާނީ ލޯތްބެއް. ހަގީގީ ލޯބި ފެށޭނީ ކައިވެނީގެ ފަހުން" އަލިޝްބާ ބުނެލިއެވެ. އަންބަރް އަނގައަށް ގޮތެއް ހަދާލިއެވެ. އެވާހަކަ އާ އޭނާ ގަޔާނުވާ ކަހަލައެވެ.

"އެކަމަކު ދެމީހުން ނިންމަންޖެހޭ ކަންކަން ހުންނާނެއްނު. މިސާލަކަށް ޕްލޭންސްތައް ކުރާނެއްނު" އަންބަރް ބުނެލިއެވެ.

"އެކަންތަކުގަ ގުޅާފަ ވާހަކަދައްކާފަ ފޯނު ބާއްވަނީ" އަލިޝްބާ ބުނެލިއެވެ.

ދެބެން އެކުގައި އެނދުގައި އޮށޯވެފައި ގައި މަތީގައި ކުއިލްޓް އެޅިއެވެ. ލައިޓްގެ އަލި ފަނޑުކޮށްލުމަށްފަހު ދެބެން އެކަކު އަނެކަކާ ކުރިމަތިލިއެވެ. އަލިޝްބާގެ ނަޒަރު އަންބަރަށް ހުއްޓިފައިވާކަން އެ ފަނޑު އަލިކަމުގެ ތެރެއިންވެސް އަންބަރަށް އެނގުނެވެ. އެހެންކަމުން އޭނާ ޖެހިލުންވިއެވެ. ހީކުރީ ވާރިޝްގެ ގުޅަމުންދާކަން އޭނާ ސިއްރުކުރާކަން އެނގުނު ކަމަށެވެ. އެހެންނަމަވެސް އެ ކުށްހީ ފިލައިގެން ދިޔައީ އަލިޝްބާގެ އޯގާތެރި އަޑުން އޭނާއަށް ގޮވާލި ހިސާބުންނެވެ.

"ކީކޭ ދޮންތާ" އަންބަރް ބުނެލިއެވެ.

"ދޮންތަ މިރޭ މިކޮޓަރިއަށް ނިދަން މިއައީ އިބާ ކައިރީގައި ވަރަށް ބޮޑު ވާހަކައެއްދައްކަން ވެގެން. ހަތް ދުވަސްފަހުން މެރީކޮށްގެން ދޮންތަ މިގެއިން ދާނެ. ދެން ގޭގަ ތިބޭނީ ހަމައެކަނި ތި ތިންމީހުން. ދޮންތަ ބޭނުންވަނީ ވީހާވެސް ގިނަ ވަގުތު ދޮންތައާއެކު އިބާ ހުންނަން. ދޮންތަ ކުރާ ކޮންމެ މަސައްކަތެއްގަ އިބާ ބައިވެރިވާން. ކަންތައްތައް ދަސްކުރަން މަސައްކަތް ކުރަން. ކާއެއްޗެހި ހެދުން ރޮށި ފިހުން މިއީ އަންހެންކުދިންނަށް އެންގެންޖެހޭ ކަންތައްތައް. އަންހެންކުދިންނަކީ އަބަދު ތިގޮތަށް ގޭތެރޭގައި އެއްވެސް ކަމެއް ނުކޮށް ތިބެންޖެހޭ ބައެއް ނޫން. އަންހެނެއްގެ މާނައަކީ ލަދުވެތިކަމާ ގެވެހިކަން. މާދަމާ އިބާ ވެސް މީހަކާ އިނދެގެން ދާންޖެހޭނެ. އެހެންވީމަ ދޮންތަ ބޭނުމީ މި ހަތްދުވަހުގެ ތެރޭގައި އިބާ ދޮންތައާއެކު ގިނަގިނައިން މަސައްކަތްކުރުން" އަލިޝްބާގެ ވާހަކަތަކަށް ހުއްޓުމެއް އައީ އިބާގެ ފުށުން ފުން ނޭވާއެއްގެ އަޑު އިވުމުންނެވެ. އޭނާ މޫނު ކައިރިކޮށްލާފައި އަންބަރަށް ދެފަހަރު ގޮވާލިއެވެ. ހަބަރެއް ނުވުމުން އަންބަރް ނިދީކަން އަލިޝްބާއަށް އެނގުނެވެ. އަލިޝްބާ ހީލިއެވެ. އޭނާ އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ދުވަހަކުވެސް ގަޔާވާކަން އަންބަރްގެ ފަރާތުން ފެނިފައެއް ނެތެވެ.

"ދޮންތައަށް އެނގޭ އިބާ ފޫހިވީކަން. އެކަމަކު ދޮންތަ އަދިވެސް މިވާހަކަ ދައްކާނަން. ދޮންތަ ބޭނުން އިބާ ދޮންތަ ފަދައިން ހުރިހާ މަސައްކަތެއް ދަސްކުރަން" އަންބަރްގެ ކޮލުގައި ބޮސްދީފައި ލޯތްބާއެކު އަލިޝްބާ ބުނެލިއެވެ. އެއަށްފަހު އޭނާވެސް އަނެއް ފަރާތަށް އެނބުރުމަށްފަހު ނިދާލުމަށް ދެލޯ މަރާލިއެވެ.

އަންބަރް ދެލޯ ހުޅުވާލީ އަލިޝްބާ ނިދީކަން ޔަގީންކޮށްފައެވެ. ފުން ނޭވައެއް ދޫކޮށްލާފައި މަޑުމަޑުން އަނެއްފަރާތަށް އެނބުރި ބާލީސް ދަށުގައި އޮތް ފޯނު ނެގިއެވެ. ވާރިޝްގެ ހަތް ކޯލު މިސްވެފައި އިނެވެ. މަޑުމަޑުން ތެދުވެގެން ފާހާނާއަށް ވަދެފައި ވާރިޝްއަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. އަންބަރްގެ މޫނުމަތީގައި މާޔޫސްކަން ވަށާލިއެވެ.

"ސޮރީ ލަވް. ދޮންތަ ކައިރީގައި އޮތީމަ ފޯނު ނުނެގުނީ" ފޯނުގައި މެސެޖެއް ލިޔެ ވާރިޝްއަށް ފޮނުވާލާފައި އޭނާ އައިސް އެނދަށް އެރިއެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަށްވާތީ ޖޫދު ނިންމައިގެން ހުރީ މެންދުރު ކުރީގެ ހުރިހާ ވަގުތެއް ގޭތެރޭގައި ހުރުމަށެވެ. ޖިޔާގެ ޓެސްޓްތައް ނިމި ކުރު ޗުއްޓީއެއް ލިބިފައިވުމުން އޭނާ ގޭތެރޭގެ ހުރިހާ މަސައްކަތަކަށް ތައްޔާރުވިއެވެ. އެހެންނަމަވެސް އޭނާ ބަދިގެއަށް ވަނުން އާމިނަ މަނާކުރިއެވެ. އާމިނަ ބޭނުންވީ ޖިޔާއަށް ހުސްވަގުތު ދޭށެވެ. އެ ކުޑަ ހަށިގަނޑަށް އަރާމެއް ދޭށެވެ. އެކަމާ ޖިޔާ ނުރުހުނަސް އޭނާއަށް ދެކޮޅު ހަދަންވެސް ނުކެރުނެވެ. ޒަހާ ޖިޔާއަށް ވިސްނައިދިނެވެ. އާމިނަ ފުރަންދެން ޖިޔާ ބަސްއަހައިގެން ހުންނާށޭ ބުންޏެވެ.

"ހާދަ މޫޑީވެފަ. އަނެއްކާ ކިހިނެއްވީ؟" ބެލްކަނީގެ ރެއިލިންގް ގައި އަތް އަޅުވާލައިގެން ހުރި ޖިޔާ ފެނުމުން ބަދިގެއަށް ފެންބޯން ވަން ޖޫދު ކައިރިވެލަފައި އެހިއެވެ.

"ފޫހިވެފަ. އާމިނަދައްތަ ނުދިން ޖީ އެއްވެސް ކަމެއް ކުރިޔަ" ޖިޔާ ބުންޏެވެ.

"ހެހެހެ... ޖީގެ ބިރިޔާނީ މިއަދު ދޮންބެ ވަރަށް މިސްވާނެ" ޖިޔާގެ ބޮލުގައި ފިރުމާލަމުން ޖޫދު ބުނެލިއެވެ.

"ދެން ދޮންބޭ.... ހެވޭ މަލާމާތް ނުކުރިޔަސް" އަކުރުތަކަށް ދަމާލާފައި ޖިޔާ ބުންޏެވެ.

"އޯކޭ. ސްކޫލު ހުޅުވެންވާއިރަށް ބޭނުންވާ އެއްޗެހީގެ ލިސްޓް ކުރިން ދޮންބެއަށް ދޭންވާނެ އެނގޭ. އޭރުން މިރަށުން ނުލިބޭ އެއްޗެއް އޮތިއްޔާ މާލެއިން ގެނެވޭނީ" އެތެރެއަށް ވަންނަމުން ޖޫދު ބުނެލިއެވެ.

ކޮޓަރިއަށް ވަންނަން ދަމުން އޭނާ ބަދިގެއަށް ބަލައިލިއރު މޭޒު ކައިރީގައި އިން ގޮނޑީގައި އިން ޒަހާ ފިޔާ ކޮށަން އިންދާ ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފިޒިއޯ ހަދަން ފެށިފަހުން ޒަހާގެ ދެއަތުގައި ވަރު ޖެހިއްޖެއެވެ. ޒަހާ ވަރަށް ހިތްވަރުގަދައެވެ. ފާއިތުވެދިޔަ ދެތިން ދުވަހު އާމިނަ އާ އެކުގައި ގޭތެރޭގެ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ބައިވެރިވާތަން ފެނެއެވެ. ދެރައީ ދެފައިގައި އަދިވެސް އެއްވެސް ކަމެއް ނެތުމެވެ. މިދުނިޔެއިން އޭނާއަށް ފެންނާނެ އެންމެ އުފާވެރި ދުވަހަކީ ދެފައި މައްޗަށް ޒަހާ ކޮޅަށް ހުންނާނެ ދުވަހެވެ. އޭނާ ދުނިޔޭގައި ހުއްޓާ އެދުވަސް ދައްކަވާތޯ ހުއްޓުމެއްނެތި ދުއާ ކުރެއެވެ.

ބަދިގޭ ކަބަޑު މަތީގައި ހުރި އެއްޗެއް އާމިނައަށް ނުނެގިގެން އެ ނަގައިދީފައި ކޮޓަރިއަށް ދިޔަ ވަގުތު ބޭރު ދޮރު ބެލްއަޅާ އަޑު އިވުނެވެ. ބޭރުގޭތެރެ ސޯފާގައި ހުރި ކުޝަންތަކުގެ އުރަ ބަދަލުކުރަން އިން ޒަހާ ދޮރާ ދިމާލަށް ބަލައިލިއެވެ. ކޮޓަރީގައި ޖޫދު ހުކުރަށްދާ އެއްޗެހި އިސްތިރިކުރަން ހުރި ޖިޔާ ބޯދިއްކޮށްލިއިރު ޖޫދު ދޮރާ ހަމަވެއްޖެއެވެ. އެހެންކަމުން އޭނާ އެތެރެއަށް ވަނެވެ.

ދޮރުމަތީގައި ހުރި ސީނާ ޖޫދަށް ބަލައިލީ ދެބުމަ ގޮށްޖަހާލަމުންނެވެ. ޖޫދަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ އޭނާ އެތެރެއަށް ވަނެވެ. ޒަހާއަށް ފެނުނީ ސީނާ އައިސް ކައިރީގައި ހުއްޓުނު ފަހުންނެވެ.

"ތިމާއަށް ރަނގަޅު ދިރިއުޅުމެއް ނުލިބުނުތާ ދަރިންނަށްވެސް ރަނގަޅު ދިރިއުޅުމެއް ލިބެން ނޭދޭ ދޯ" ފުރަތަމަވެސް ސީނާ އަޑުލައިގަތެވެ. ޒަހާއަށް އިނދެވުނީ ކިޔާނެ ބަހެއް ނޭނގި ސީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ސީނާ ޒަހާއަށް އަޑުލައިގަންނަ ކޮންމެފަހަރަކު ޒަހާ ހިތުގައިޖެހެއެވެ. މިފަހަރުވެސް ސީނާއަށް ޒަހާއަށް ބަލައިލެވުނީ ކަރުނުން ފުރިފައިވި ލޮލަކުންނެވެ.

"ދައްތަ ކީކޭ ތިކިޔަނީ؟" މަޑުމައިތިރިކަމާއެކު ޒަހާ އެހިއެވެ.

"ކަލެއަށް ހަމަ އެކައްޗެއްވެސް ނޭނގޭނެ. އިންނާނެ މީހަކު ނުލިބިފައި ހުއްޓާ އަހަރެން ރަނގަޅު ކުއްޖަކު ހޯދައި ދިނީމަވެސް ކުރިއަށްދާކަށް ނޭނގުނު. ކަލޭ ތިގޮނޑީގަ އުމުރު ހުސްވަންދެން އިންނައިރު ކައިރީގައި ބޮޑުވެފައި ހުރި އަންހެންދަރިއެއް ހުރީމަ ދޯ އެހެންމީހުންނަށް ލުއިވާނީ" ސީނާގެ އަޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"އަހަރެން މިދައްކަނީ ޒަހާގެ މިހިރަ ފެންނަ ދަރީގެ ވާހަކަ" ޖޫދަށް އިނގިލި ދިއްކޮށްލަމުން ސީނާ ބުންޏެވެ. އަޑުގަދަކަމުން ބަދިގޭގައި ހުރި އާމިނަވެސް ގޭތެރެއަށް ނިކުތެވެ. ޖިޔާވެސް އައިސް ޒަހާ އިން ގޮނޑީގެ ފަހަތުގައި ހުއްޓިފައި ޒަހާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭނާ ހުރީ ސީނާއަށް ދެލޯ އަޅައިގެންނެވެ.

"އަހަރެން މީހަކާ އިންނަންވީމަ އެނގޭނީ އަހަރެންނަށް. އަހަރެން އިންނަން މީހުން ހޯދައިދޭން ކޮންމެހެން ބޮޑުދައިތައަކަށް ނުޖެހޭނެ" ދުރުގައި ހުރި ޖޫދު ބުންޏެވެ.

"ޖޫދު،" ޒަހާ ގޮވާލުމުން ޖޫދު ބަލައިލިއެވެ. އެހިނދު އިޝާރާތުން ހިމޭންވުމަށް ޒަހާ ޖޫދަށް އެންގިއެވެ. ވަގުތުން ޖޫދު އަނގަ ބަންދުކުރިއެވެ.

"ކަލެ އާ އިންނާނެ މީހަކު ދުވަހަކުވެސް ވާނެތަ؟ މީހާގެ ގައިގައި މަސްކޮޅެއް ހުރީކީ ނޫން. ރަނގަޅު ކުއްޖަކު ހޯދައި ދިނީމަވެސް އެކަމަށް ފާޅުގައި ދެކޮޅުހެދީ. އަޅެ މޮޔައެއްތަ ތީ" ސީނާ ހަޅޭއްލަވަމުން ދިޔައެވެ.

"މާ ރަނގަޅުވާނެ މަސްކޮޅެއް ނެތް މީހުންގެ ލިސްޓަށް ބޮޑުދައިތަގެ ރިކްޒާގެ ނަން ލީމާ. ދޮންބެއަށް ވުރެ މާ ހިކި" ޖިޔާއަށް އަނގަ މަޑުންލައިގެން ނުހުރެވުނެވެ. ޖިޔާގެ އަނގަ ބަންދުކުރެވޭތޯ ޒަހާ މަސައްކަތް ކުރިޔަސް އޭނާއަށް އެކަން ކާމިޔާބު ނުވިއެވެ. ޖޫދާ ޚިލާފަށް ރުޅިއައިއްޔާ ޖިޔާ ހިފެހެއްޓުމަކީ އުނދަގު ކަމެކެވެ.

"ތިމާއަށް ވުރެ ބޮޑެތި މީހުން ދައްކާ ވާހަކައަށް އަނގަ ނުބާނާ ހުރޭ" ސީނާ ޖިޔާއަށް ބުނެލިއެވެ.

"ބާނާނަން. ޖީ ގެ ދޮންބެ އާ ދިމާލަށް ފާޑުފާޑުގެ އެއްޗެހި ކިޔަންދެކަށް ޖީ އެއް ނުހުންނާނަން. އެންމެންނަށްވެސް ރަނގަޅުވާނީ ބޮޑުދައިތަ މިތަނުން ދިޔައިއްޔާ" ޖިޔާ ބުންޏެވެ. ޖޫދު އައިސް ޖިޔާގެ ކައިރީގައި ހުއްޓިފައި ޖިޔާގެ އަނގަ މަތީގައި އަތް އަޅައިފިއެވެ. ހަމަ އެހިނދު ޖޫދުގެ އަތް އަނގަ މަތިން ނައްޓުވާފައި އަނެއްކާ ޖިޔާ ވާހަކަދައްކަން ފެށިއެވެ.

"ހަމަ ތެދެއް މިބުނީ. ދެން ދޮންބެ އާ އެއްޗެއް ބުނިއްޔާ އާބިދު ގެންގުޅޭ ބުޅާ ބާއްވާނީ ތި ބައި ދޮރުމަތީގަ" ޖިޔާ ބުންޏެވެ. ސީނާ ބުޅާ ދެކެ ބިރުގަންނަކަން ޖިޔާއަށް އެނގުނީ މީގެ ދެ ރެއެއް ކުރިން ގޭދޮރުމަތީގައި އޮތް ބުޅަލެއްދެކެ ބިރުން ސީނާ ދުވިތަން ފެނުމުންނެވެ. ހިތްހަމަނުޖެހިފައި ހުއްޓަސް ކޮއްކޮގެ އެ ޖުމްލަ އިން ޖޫދަށް ހެވުނެވެ.

"ބުނަން. އަހަރެންގެ އަތުން ގޯހެއް ނަހަދަނީސް މި ހަޔާތްކުޑަ ކުއްޖަ މައިތިރިކުރޭ" ރުޅިއައިސް ރަތްވެފައި ހުރި ސީނަށް ޖޫދަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެއަށްފަހު ގެއިން ނިކުމެގެން ހިނގައްޖެއެވެ. އެވަގުތު ފަހަތުގައި ހުރި ޖިޔާގެ އަތުގައި ހިފައިގެން ގެނެސް ޒަހާގެ ކުރިމަތީގައި ބައިންދައިފިއެވެ.

"މަންމަ ތަރުހީބުދޭ ކަމެއްނޫން ތިއީ. ދަރިފުޅު ތިއީ ކުއްޑަކުއްޖެއް. ޖީއަށް މަންމަ ދަސްކޮށްނުދެންތަ މީހުންނަށް އިހުތިރާކު ކުރަން" ޒަހާ އިނީ ހިތްހަމަނުޖެހިފައެވެ. ޖިޔާ އިސްއޮބާލައިގެން ހުރީ ކުށްވެރިއެއް ފަދައިންނެވެ.

"ސޮރީ މަންމާ" ޖިޔާ ބުނެލިއެވެ. ޒަހާ ޖިޔާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟