ހަތަރުވަނަ ބައި
"މަންމާ ދެރަނުވޭ. އިބާކޮއްކޮގެ ފަރާތުން އަދި ތި ހުރިހާ ކަމެއްވެސް ހައްލުވާނެ. ބަލަންހުރޭ. ހުރިހާ ކަމެއްގެ ޕްރެޝަރ އެއްފަހަރާ ކޮއްކޮގެ ބޮލަށް ކަނޑާލީމަ ކަމަކުނުދާނެ. ފަހަރަކު ކަމެއް ރަނގަޅުކުރަން މަސައްކަތްކުރާނީ" އަލިޝްބާ ބުނެލިއެވެ. އެންމެފަހުން ސުމައްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަލިޝްބާގެ ބަސްތަކަށް އިތުބާރު ކުރުން ނޫން ގޮތެއް އޭނާއަށް ނެތެވެ.
"މިހެން އިނދެވޭކަށް ނެތް. މާދަމާ ލިބާގެ ބޮޑު ދުވަހެއްނު" ގޮނޑިން ތެދުވަމުން ސުމައްޔާ ބުނެލިއެވެ.
އަންބަރް އަދި ރިކްޒާ ވާހަަކަދައްކަން ތިބީ އަންބަރްގެ ކޮޓަރީގައެވެ. ބޭރުން އަންބަރު ގެނައި ކުޑަ ހަދިޔާ ފޮށި އެނދުމަތީގައި ހުޅުވަލާފައި ހުއްޓެވެ. ބަނޑު ދަށަށް ކުޝަނެއް ލައްވާލައިގެން ރިކްޒާ އޮތްއިރު އަންބަރު ހަދިޔާއަކަށް ރިކްޒާއަށް ގެނެސްދިން ފޯނުގެ ކަވަރު ފޯނަށް ލައްވައިދެމުން ދިޔައެވެ. އަދި އޭނާ ރިކްޒާއަށް ހާއްސަކޮށްގެން ގެނައި ރިހިކުލައިގެ އަނގޮޓި ދިއްކޮށްލިއެވެ.
"އޯވް... ތެންކިޔު އިބާ" އެ ހަދިޔާ އާ ރިކްޒާ ވަރަށް ގަޔާވިއެވެ.
"ތީ. ތީ ކާކަށް ގެނައި؟" ފޮށި ތެރޭގައި ހުރި ކުޑަކުޑަ ޕާރުސަލެއް ފެނުމުން ރިކްޒާ އަހާލިއެވެ. އެވަގުތު އަންބަރް ރިކްޒާއަށް ބަލައިލާފައި އަމިއްލަ ތުންފަތުގައި އިނގިލި ހުރަސްކޮށްލިއެވެ. އަދި ކޮޓަރީގެ ދޮރާ ދިމާލަށް ސިއްރުވެރި ނަޒަރެއް ދިނެވެ.
"ޕްލީޒް މަޑުން ވާހަކަދައްކައްޗެ" އަންބަރް މަޑުން ބުނެލިއެވެ.
"މިއީ. އަހަރެންގެ ވާރުއަށް" ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން އަންބަރް ބުނެލިއެވެ.
"ވަޓް؟ އިބާ.... އަަނެއްކާ ފެށީތަ؟" ރިކްޒާ އެހިއެވެ.
"ޝްޝްޝް... މިއީ ވަރަށް ބޮޑު ސިއްރެއް އެނގޭ. އަނެއްކާ މިއުޅެނީ ވާރު އާ އެއްކޮށް ރިލޭޝަންޝިޕެއްގަ" ސިއްރުން އަންބަރް ބުނެލިއެވެ.
"އެކަމަކު އިބާގެ މަންމަމެންނަށް އެނގިއްޖިއްޔާ ކިހިނެއް ވާނީ؟" ރިކްޒާ ބުނެލިއެވެ. ވާރިޝް އަކީ އަންބަރްގެ ކުރީގެ ފިރިމީހާ ކަން ރިކްޒާއަށް އެނގެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އާއިލާއަށް ފަޅާއެރުމުން އަންބަރްގެ އާއިލާ މީހުން ވަނީ ވާރިޝް އާ ދެކޮޅަށް އާއިލާ ތެރޭގައި ވާހަކަދައްކާފައެވެ. ހަރުދަނާ ވަޒީފާއެއްގައި ވާރިޝް ނުހުންނާތީއެވެ. ވާރިޝްގެ ބަސްމަގު ހަޑިވެފައި ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާތީއެވެ. އަންބަރާ މެދު އަޅާލުން ކުޑަ ކަމުންނެވެ. މިހުރިހާ ކަމެއް ހުދު އަންބަރަށްވެސް ފާހަގަވިއެވެ. އެހެންނަމަވެސް އޭނާ ވާރިޝް އާ ގުޅުން ކަނޑާނުލިއެވެ. ވާރިޝް ގެ ދިފާއުގައި އާއިލާ އާ ދެކޮޅަށް އޭނާ ތެދުވިއެވެ. ފިލައިގެން ގޮސް ވާރިޝް އާ ކައިވެނި ކުރިއެވެ. އެކަން ވެގެން ދިޔައީ ހާތިމް އާ ސުމައްޔާއަށް ހަޖަމުނުކުރެވޭ ވަރުގެ ކަމަކަށެވެ. މިސްރުގައި ތިބެފައި ދެމަފިރިން އައިރު އަންބަރް ވާރިޝް އާއެކު އެމީހުންގެ އަތްފޯރާ ވަރަށް ވުރެ މާދުރަށް ހިނގައްޖެއެވެ. އެހިތާމައިގައި ސުމައްޔާ ވަރަށް ބަލިވެސްވިއެވެ. މިހުރިހާ ކަމެއް އެންމެގާތުން އަންބަރް ހިއްސާކުރީ ރިކްޒާއާއެވެ. އެ މައްސަލަގައި ރިކްޒާ އާ މެދު ހާތިމް ހިތްހަމަނުޖެހުންވެސް ފާޅުކުރިއެވެ. އެދުވަސްކޮޅު ދެކުދިންގެ ގުޅުން ހީނަރުވެގެންވެސް ދިޔައެވެ.
"ދެޓްސް ވެރީ ރޯންގް އިބާ. ތީތީ ބަސްޓްވިއްޔާ އަނެއްކާ ކިހިނެއްވާނީ؟ ވާރު އަދިވެސް ޖޮބަކަށް ނުދޭ. ކުރީގަ ހުންނަ ގޮތަކަށް ނޫން މިހާރު ހުންނަނީވެސް" ރިކްޒާ ބުނެލިއެވެ.
"ނޫނެކޭ މިހާރު ވާރު ވަރަށް ރަނގަޅު. ޖޮބަކަށްވެސް ދަމޭ ބުނީ. އައި ލަވް ހިމް. މިފަހަރު މެރީކުރާނީ މަންމަމެން އޯކޭވީމަ. އެކަމަކު ކުރީ ފަހަރު މަންމަމެން ވާރު އާ ދެކޮޅަށް ޕޮލިސް ގަ މައްސަލަ ޖެއްސީމަ މަންމަމެންދެކެ ރުޅިއައިސްފަ ހުންނަނީ" އަންބަރް ބުނެލިއެވެ.
"ލެޓްސް ސީ ކިހާވަރަކުން ތިކަން ދާނެތޯ. އަހަރެން ދެން ދަނީ އެނގޭ" އެނދުން ތެދުވެ ލޯގަނޑު ކުރިމަތީގައި ހުރެ ލައިގެން ހުރި ޓީޝާޓްކޮޅު ރީތިކޮށްލަމުން ރިކްޒާ ބުނެލިއެވެ.
ގޭތެރޭގައި ހިފާލާފައިވަނީ ކުކުޅު ރިހައިގެ މީރު ވަހެވެ. އުނދުން ކައިރީގައި ކައްކަން ހުރީ ޝަމްސުއެެވެ. އޭނާގެ ކައިރީގައި ޝަމްސު ކައްކާ ގޮތް ބަލަން ޖިޔާ ހުއްޓެވެ. ޝަމްސުގެ އަނެއްފަރާތުގައި ގޮނޑީގައި ޒަހާވެސް އިނެވެ.
"އެންމެފަހު ކަމަކަށް ލޮނު ހެޔޮވަރުތޯ މިގޮތަށް ބަލައިލާނީ" ދޭފަތުން އަތް ތިލައިގެ މެދަށް ކެކިކެކި ހުރި ތެލިން ރިހަ ތިއްކެއް ވައްޓައިލުމަށްފަހު ދުލު ކުރީގައި ޖައްސައިލަމުން ޝަމްސު ބުނެލިއެވެ. ޖިޔާ ދިޔައީ ޝަމްސުގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިވެ ބަލަމުންނެވެ.
"އޯކޭ ދެން އެނގޭނެ. ދޮންބެ ކާން އަންނަން އުޅޭނެ މިހާރު. ޖީ އަވަހަށް ކާންހަދަންވީ" ޖިޔާ ބުނެލިއެވެ. ބަދިގޭ މޭޒުމަތި ތައްޔާރުކުރަން ޖިޔާ އުޅުނުއިރު އޭނާއަށް އެހީވާން ގަމަރު ހުއްޓެވެ. ޒަހާގެ ގޮނޑި ދަމަމުން ޝަމްސު އައިސް މަޑުކޮށްލީ ބޮޑު ގޭތެރޭގައެވެ.
"މާޝާﷲ. އެ އުމުރުގައި އެހެން ކުދިން ނުދައްނަ ކިތަންމެ މަސައްކަތެއް ޖީ ދަސްކޮށްފި. މީހަކާ އިނދެގެން ފިރިމީހާގެ ގެއަށް ދާއިރު އެމަންޖެއަށް ކުރަން ނޭނގޭނެ މަސައްކަތެއް ނޯންނާނެ" ޒަހާ އާ ޖެހިގެން ހުރި ސޯފާގައި އިށީންނަމުން ޝަމްސު ވާހަކަދެއްކިއެވެ.
"އަހަރެން އުފާކުރަން އަހަރެންގެ ޖިޔާއަކީ އެހާ އަވަހަށް ކަންތައްތައް ދަސްކުރާ ކުއްޖަކަށްވީމަ" ހީލަމުން ޒަހާ ބުނެލިއެވެ.
"މިހާރު މާދަމާރެއަށް ހުރިހާ ކަމެއް ހަމަޖެހުނީތަ؟ އައިމަން އިންނަން އުޅޭ ކުއްޖާ ހެޔޮތަ؟" ޒަހާ އެހިއެވެ.
"އާނ. އެއީ ވަރަށް ހެޔޮ ކުއްޖެއް. ދީނަށް ލޯބިކުރާ މާތް ކުއްޖެއް. އެމަންޖެ ގެއަށް ގެނެވުނީމަ ދެން އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއްލެވޭނީ" ޝަމްސު އޮޅުންފިލުވައިދިނެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަލިޝްބާ އައިސް ކޮޓަރިއަށް ވަނެވެ. ފައިގައި އުނގުޅާ ބޭސްފުޅިއެއް ހިފައިގެން އިރުކޮޅަކުން ނިކުމެގެން އައިސް ހުއްޓުނީ ޓީވީން އަންނަމުންދިޔަ ޕްރޮގްރާމެއް ބަލަން އިން ހާތިމް ކައިރީގައެވެ. އަލިޝްބާ ފެނުމާއެކު ހާތިމް ހިނިތުންވެލައިފިއެވެ. އަދި އޭނާ ކައިރީގައި އޮތް ކުޝަން ދުރަށް ޖައްސާލާފައި އަލިޝްބާ އިށިންނަން ތަން ދެއްކިއެވެ. ހާތިމް ކާންޖެހޭ ބޭސްކާޑެއް ހިފައިގެން ސުމައްޔާ އައިސް ހުއްޓުނީ ހަމަ އެވަގުތެވެ. ހިނިތުންވެލާފައި އަނބިމީހާގެ އަތުގައި ހުރި ފެންތަށީގައި ހާތިމް ހިފިއެވެ. އަދި ސުމައްޔާ ކަނޑާލާފައި ދިން ބޭސްގުޅަ އަނގައަށް ލުމަށްފަހު ފެންފޮދަކާއެކު ދިރުވާލިއެވެ.
"މިހާރު ކޮބާ އިބާ؟" ވަކިން ހުރި ސޯފާގައި އިށީންނަމުން ސުމައްޔާ އެހިއެވެ.
"ދެންމެ އަޅުގަނޑު ވަންއިރު ވާހަކަފޮތެއް ހިފައިގެން އޮތް އެނދުގަ" އަލިޝްބާ ބުންޏެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒު މައްޗަށް ދަމާލާފައި އޮތް ހާތިމްގެ ކަނާއަތު ފައިގެ ކަކުލުން ތިރީގައި އަލިޝްބާ އަތުގައި އޮތް ބޭސްފުޅިން ބޭސްހާކަމުން ދިޔައެވެ. އަލިޝްބާ ބޭސް އުނގުޅަމުން ދިޔައިރު ގެންގުޅުނު އުކުޅުތަކަށް ބަލަހައްޓައިގެން ދެމަފިރިން ތިއްބެވެ. އަދި އެވަގުތު އަލިޝްބާ ތުންތަޅުވަމުން ދިޔައެވެ. ހީވާގޮތުން ދުލުން ހެޔޮ ބަސްތަކެއް އޭނާ އެބަ ކިޔައެވެ.
"މާތްﷲ އަހަރެމެންނަށް ދެއްވާފައި މިހިރީ ހަމަ ލައްކައަކުން އެކެއް. އަލްހަމްދުލިﷲ" އަލިޝްބާގެ ބޮލުގައި ފިރުމާލަމުން ހާތިމް ބުނެލިއެވެ. ހާތިމަށް ބަލައިލާފައި އަލިޝްބާ ހީލިއެވެ. އަދި އޭނާ ކުރަމުންދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ސުމައްޔާ އިނީ އަލިޝްބާއަށް ބަލަހައްޓައިގެންނެވެ. ހީވާގޮތުން އަލިޝްބާގެ ހަރަކާތްތައް އޭނާ ހިތަށް ނަގަނީއެވެ.
"ބައްޕަ ފަޔަށް އެއްވެސް ވަރަކަށް ލުއިހެން ހީވޭތަ؟" ބޭސް އުނގުޅާ ނިންމާލާފައި އަލިޝްބާ އެހިއެވެ.
"ވަރަށް ބޮޑުތަން ލުއި. ބަލާލަބަ މިހާރު ކިހާ ބޮޑަކަށް ހަރަކާތްކުރެވޭ" ފަޔަށް ހަރަކާތެއް ގެންނަމުން ހާތިމް ބުނެލިއެވެ.
"ބައްޕަ ހުރީ މިކަން ވަރަށް ރަނގަޅަށް ލިބާއަށް ދަސްކޮށްދީފަ. މަންމަމެން ފަހުރުވެރިވޭ ދަރިފުޅާ މެދު. ފާތުމަމެންގޭ ހަބީބާ ވެސް ބުނި ދަރިފުޅު ތެޔޮ އުނގުޅަން ފެށިފަހުން މިހާރު ހިނގޭވަރު ވެއްޖޭ" ސުމައްޔާ ބުނެލިއެވެ.
"އާނ. މިސްރުގަ ކާފަ ހުޅުވައިގެން އުޅުނު ކްލިނިކްގަ އަޅުގަނޑު ކާފަޔާއެކު ކިތައް އަހަރު އުޅުނިން. ހުރިހާކަމެއް ދަސްކޮށްދިނީ ކާފަ. ކާފަ ފަދައިން އަތުގަ ސެޓްފިކެޓެއް ނެތަސް މިކަމުގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެވިއްޖެ" އަލިޝްބާ ހިނިތުންވެލާފައި ވާހަކަދެއްކިއެވެ.
"މަންމައަށް ފެންނަނީ ދެން އަގަށް މީހުންނަށް ތިމަސައްކަތް ކޮށްދޭން. އޭރުން ލިބޭ އެއްޗެއް ލިބާއަށް ރައްކާކުރެވޭނެއްނު" ސުމައްޔާ އޭނާގެ ޚިޔާލުފާޅުކުރިއެވެ.
"ނޫން މަންމާ. އަޅުގަނޑު ވަޒީފާއެއް އަދާކުރަން ބޭނުން. އެކަމަަކު މީހުން އަތުން އުޖޫރައަށް މިކަހަލަ މަސައްކަތެއް ކޮށްދެން ބޭނުމެއްނޫން. އަޅުގަނޑުގެ ފަރާތުން އެހެން މީހަކަށް އާ ދިރުމެއް ލިބެންޏާ އޭގެ އުޖޫރަ މާ ރަނގަޅަށް މާ ފުރިހަމަކޮށް އަޅުގަނޑުގެ ވެރި ރައްބު ދެއްވާނެ" އަލިޝްބަ ބުންޏެވެ. ވަގުުތުން ސުމައްޔާގެ ދެލޯ ފުރިގެން އައެވެ. އެވަރުގެ ދަރިއަކު ހެއްދެވިފަރާތުން އޭނާއަށް ދެއްވި ކަމަށްޓަކައި އޭނާއަށް ހެއްދެވިފަރާތަށް ޙަމްދު ކުރެވުނެވެ. ބައެއްފަހަރު އޭނާ ހިތާމަކުރެއެވެ. އަލިޝްބާ ފަދައިން އަންބަރްގެ އެފަދަ ހަރުދަނާ ވިސްނުމެއް ނެތުމުންނެވެ. އަންބަރް ރަނގަޅު މަގު ދެއްކުމަށް އޭނާ ކުރަމުންދާ އެއްވެސް މަސައްކަތެއް އޭނާއަށް ކާމިޔާބެއް ނުވެއެވެ.
ސޯފާގައި އިން ސީނާ ހީވަނީ ރޫޅިދާނެހެންނެވެ. އަތުގައި އޮތް ފޯނު ސޯފާމައްޗަށް ހޫރާލައިފިއެވެ. ހަރުކޮށް ހިނގާފައި ގޮސް ހުއްޓުނީ ސިޓިންރޫމުން ނިކުމެވޭ ބެލްކަނީގައެވެ. އަނދިރިކަމުގެ ތެރެއަށް ގޭގެއިން ނިކުމެފައިވާ އަލި ނޫން އެހެން އައްޔެއް ނެތެވެ. އެހެންކަަމުން އެހެންރޭތަކާ ބަލާފައި މަގުމަތި ފަޅުކަމަށް ދައްކައެވެ. ފަންޏެއް ހިރޭ އަޑެއްވެސް ނީވެއެވެ. ރުޅިއައިސް ރަތްވެފައި ހުރި ސީނާ އަނެއްކާވެސް ހަރުކޮށް ހިނގާފައި އައިސް އޭނާ ސޯފާ މައްޗަށް އެއްލާލި ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. ރޭގަނޑު އެގާރަޖަހައި ބޮޑު ވެއްޖެއެވެ. ފޯނު ނަގާފައި ރިކްޒާގެ އޭނާ ދަންނަ ހުރިހާ އެކުވެރިންނަށް ގުޅިއެވެ. އެއިން އެއްވެސް މީހަކު ފޯނަށް ޖަވާބު ނުދިނެވެ. އެންމެފަހުން ހަދާނެގޮތެއް ނޭނގިފައި ސީނާ އިނީ ރުޅިގަނޑު އެތެރެއަށް ހިފަހައްޓާލައިގެންނެވެ. އެންމެ ރުޅި އަންނަމުން ދިޔައީ އެނާ ނިދާ ގަޑި ފަހަނައަޅާ ދާތީއެވެ. ކޮންމެގޮތެއް ވިޔަސް ރިކްޒާ ގެއަށް ނާންނަނީސް އޭނާއަށް ނިދޭކަށް ނެތެވެ. އެހެން އިންދާ ގަޑިން ބާރަޖަހަން ފަސްމިނިޓަށް ވެފައި ހުއްޓާ މައިދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ބަލަހައްޓައިގެން ހުރި ސީނާ ފެނި ރިކްޒާގެ ދެފައިގައި ތުރުތުރު އަޅައިގަތެވެ. ކޮނޑުގައި ހުރަހަށް އަޅުވާފައި އޮތް ދަބަހުގައި ދެއަތުން ހިފައި ބާރުކޮށްލިއެވެ. ހިންދިރުވާލާފައި އޭނާ ކޮޓަރި އާ ދިމާލަށް ދާން ފިޔަވަޅެއް އެޅިއެވެ.
"އޭތް. ކަލޭ ކޮންތާކު އުޅެފަ މިގަޑީގަ ތިއައީ؟" ރުޅިއައިސް ރަތްވެފައި ހުރި ސީނާ ރިކްޒާގެ އަތުގައި ހިފައި ކުއްލިއަކަށް އަނބުރާލިއެވެ. ތަދުވެގެން ރިކްޒާއަށް އަނގައިން އަޑެއް ލައްވައިލެވުނެވެ.
"ރައްޓެހިކުއްޖަކާއެކު އެމީހުންގެ ގޭގަ ހުރެފަ މިއައީ. ފިލްމެއް ބަލަން އިނީމަ ގަޑިން ވީއިރެއް ނޭނގުނީ" ޖެހިލުންވެފައި ހުރި ރިކްޒާ ބުނެލިއެވެ. އަދި ބާރަށް ހިފި އޭނާގެ އަތުގައި އަނެއް އަތުން ފިރުމަމުން ދިޔައެވެ.
"މީގެފަހުން ކަލޭ މިގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅައިގެންނުވާނެ. ތިވައްތަރަށް ތެޅެމުންގޮސް ބޮނޑިއެއް ބޮވިއްޖިއްޔާ އަހަރެން ލަދުގަންނާނީ" ސީނާ ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ އަނގައާއި އެއްވަރަށް ދެއަތްވެސް ހެލެމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ރިކްޒާގެ ގައިގައި ބޮނޑިއެއް އަޅާފާނެހެންނެވެ.
"އަޅެ މަންމާ، ދެން އެހެނެއްނުވާނޭ" ރިކްޒާ ބުންޏެވެ.
"ކޮން މަންމައެއް ކިޔާކަށްތަ؟ ހަމަ މިހާރު ކޮޓަރިއަށް ދޭ. ކަލޭގެ ސަބަބުން އަހަރެންނަށް ހަމަ ނިދި ނުނިދުނު. ކަލޭ ތިފާޑަށް އުޅެން ބޭނުންވަންޏާ ހަމަ މިހާރު ދޭ ކަލޭގެ ބަފާ ކައިރިއަށް" ފަހު ބަސް އިއްވާފައި ދުރުދުރުގައި ފިޔަވަޅު އަޅަމުން ސީނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ދޮރުލެއްޕުނު އަޑުފަށްގަނޑާއެކު ރިކްޒާއަށް އޭނާގެ ކަންފަތް މަތީގައި ދެއަތް އެޅުނެވެ.
"ހަނދުބޮޑުވާ މޫސުމަށް މޮޔަވެފަ އެހެރީ. މަންމައަށް ބޭނުން ގަޑިއަކު ބޭރަށް ދެވޭނެ. އަހަރެންނަށް ދެވިގެން ނުވާނެ. ވަރަށް ފޫހިވޭ" އަމިއްލަ ނަފްސާ ވާހަކަދައްކަމުން ރިކްޒާ ބުނެލިއެވެ. އަނގަ ހަދާލާފައި އޭނާ ގޮސް ވަނީ ބަދިގެއަށެވެ. ނިދުމުގެ ކުރިން ވެފައި ހުރި ބަނޑުހައިކަން ފިލުވާލަން އޭނާ ހުރީ ބޭނުންވެފައެވެ.
ލޯގަނޑު ކުރިމަތީގައި ހުރި އަލިޝްބާއަށް ބަލައިލެވުނީ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައިގެ ފަހަތުން ފެނުނު އަންބަރަށެވެ. ޕިނަކުން ބުރުގާ ހަރުކޮށްލަމުން އަލިޝްބާ އެނބުރި އަންބަރަށް ބަލައިލިއެވެ. އަންބަރް ލައިގެން ހުރި ހެދުން ފައިގެ ކަށިމައްޗާ ހަމައަށް ހުއްޓެވެ. މަޑު ނޫކުލައިގެ އެ ހެދުން އަންބަރުގެ ހިމަ ހަށިގަނޑާ ނުހަނު ގުޅެއެވެ. ހާއްސަކޮށް އެއްކޮށް މައްޗަށް ނަގާ އައްސާލާފައި އޮތް އިސްތަށިގަނޑު އަންބަރްގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އަލިޝްބާއަށް ހިތާހިތުން ދުޢާކޮށްލެވުނެވެ. އެސްފީނާ ތަކުންނާ ޝައިތާނީ ލޯތަކުން ކޮއްކޮ ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ.
"އައްދެ. ހާދަ މޫޑީވެފަ. އިބާ އަކާ ނުވެސް ގުޅޭ" އަންބަރްގެ ދެއަތުގައި ހިފައިލަމުން އަލިޝްބާ ބުނެލިއެވެ. އަދިވެސް އަންބަރް ހުރީ މޫނު ހަދައިގެންނެވެ.
"ދެން.. ކިހިނެއްވީތަ އަޅެ؟ ތިހެން ހުރީމަ މިއޮށް ރީތި ހެދުމުގެ ރީތިކަން އެބަ ގެއްލޭ" އަންބަރްގެ ދަތްދޮޅީކޮޅުގައި ހިފައި އުފުލައިލަމުން އަލިޝްބާ ބުނެލިއެވެ.
"ދޮންތައަށް މިހެދުން ރީތިތަ؟ އިބާ މިއުޅެނީ ހީލާހިއްވެސް ނުވެގެން. މަންމަ ބުނީ މިހެދުން ނުލައިފިއްޔާ މިރޭ އިބާ ގޭގައި ހުންނަންޖެހޭނީ އެކަންޏޯ" އަންބަރް ބުނެލިއެވެ. ކޮއްކޮގެ މައުސޫމުކަން ފެނި އަލިޝްބާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
"މާޝާﷲ. އަހަރެންގެ އިބާ ހާދަ ރީއްޗޭ. އެތަނުގައި ތިބޭ މީހުންނަށް ހީވާނީ މިރޭ ކުރިއަށްދާނީ އިބާއަށް ހާއްސަ ހަފްލާއެކޭ" އަލިޝްބާ ބުނެލިއެވެ.
"އެކަމަކު. މިހެދުމާ ހުރެ ކިހިނެއް ހިނގާނީވެސް. ވެއްޓިވެސްދާނެ" އަންބަރް ބުނެލިއެވެ.
"ތީ ހަމަ އިބާއަށް ހީވާގޮތް. ނުވެއްޓޭނެ. ދުވަހަކުވެސް ދޮންތަ ވެއްޓުނުތަ؟ އެހެންނޫނަސް ތިހެން ދިގުކޮށް ހެދުން އެޅީމަ އިބާ އާ މާ ގުޅޭ. މިހާރު ހީވޭ ކުރިއަށް ވުރެ ބޮޑުހެންވެސް" ހީލަމުން އަލިޝްބާ ބުނެލިއެވެ.
"ހޫމް ދެންހެވޭ. ދޮންތާ. ޔޫ ލުކް ބިއުޓިފުލް" އަންބަރް ބުނެލިއެވެ.
"ސޭ މާޝާﷲ ޑާލިންގް" އަލުން ލޯގަނޑާ ދިމާލަށް އެނބުރި ބުރުގާ ރީތިކުރަމުން އަލިޝްބާ ބުނެލިއެވެ. ޑްރސިންގ ޓޭބަލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން އަންބަރް އަލިޝްބާއަށް ބަލައިލިއެވެ. އަލިޝްބާއަކީ ހުސް ކަޅަށް ހާއްސަ އަބާޔާ ލައި އުޅޭ ކުއްޖަކަށް ވިޔަސް އެހެން ދުވަސްތަކާ މިރޭ ތަފާތެވެ. ކުރިއަށް އޮތީ އޭނާގެ ރަންކިޔުމުގެ ހަފްލާއެވެ. ހަފްލާއަށް އޭނާ ތައްޔާރުވީ އަމިއްލައަށެވެ. މޫނުމަތީގައި މޭކަޕެއް ނެތްއިރުވެސް ގުދުރަތުން އޭނާއަށް ދެއްވާފައިވަނީ ތަފާތު ރީތިކަމެކެވެ. މޫނުމަތި ހުންނަނީ އަބަދުވެސް އަލިކޮށެވެ. ތަފާތު އުޖާލާ ކަމެކެވެ. އޭނާ ފެނުމާއެކު މީހުންނަށް އެންމެ ފުރަތަމަ ފެންނާނީ އޭނާގެ ހިނިތުންވުމެވެ. މަޑުމައިތިރި ހިތްހެޔޮކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ހުޅުވާލާފައި ހުރި ދޮރުން އެތެރެއަށް ވަން އާއިލާ ފެނި ސޯފާގައި އިން ޝަމްސު ތެދުވިއެވެ. އަޅައިގެން ހުރި ބުރުގާ ރަނގަޅަ ކުރަމުން ކުރިއަށް ގޮސް އޭނާ ސުމައްޔާ އާ ސަލާމްކޮށްލާފައި ހިނިތުންވެލިއެވެ. ސުމައްޔާގެ ވައަތް ފަރާތުގައި ހިނިތުންވެލައިގެން ހުރި އަލިޝްބާގެ ގައިގައި ބައްދާލާފައި ހާލު އަހައިލިއެވެ. ރަކި ހިނިތުންވުމަކާއެކު އަލިޝްބާ އޭނާ ރަނގަޅު ކަމުގައި ބުނެލިއެވެ. އަދި ޝަމްސުގެ އާއިލާގެ ހާލު އޮޅުންފިލުވިއެވެ.
"ކޮބާތޯ އަނަސް؟" ގޭތެރެ ހޯދައިލަމުން ހާތިމް ބުނެލިއެވެ.
"އަނަސްއަށް ނާދެވުނު މިރޭގެ ހަފްލާއަށް. އެކަމަކު ބުނި ދެކުދިންގެ ކައިވެނި ކުރެވޭ ދުވަހަށް އަންނާނެ ވާހަކަ. ވަރަށް ދެރަވެފަ ހުރީ" ޝަމްސު ވާހަކަދެއްކިއެވެ.
"އާނ ތެޔޮ ބޯޓެއްގައި ކަނޑުމަތީގައި މަސައްކަތްކުރާއިރު އެހެންވެސް ވާނެތާ" ހާތިމް ބުނެލިއެވެ.
"އާދޭ އިށީންނަން އަވަހަށް" ޝަމްސު ބުނެލިއެވެ.
"މިއީ އަޅުގަނޑުމެންގެ ހަގު ދަރިފުޅު އަންބަރް. އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގަ ހުރެފަ ލިބާގެ ކައިވެންޏަށް އެ އައީ" ސުމައްޔާ ގާތުގައި އިން އަންބަރް ޝަމްސުގެ އާއިލާއަށް ތަޢާރަފްކޮށްދިނެވެ. ފޫހިވެފައި އިނދެފައިވެސް އަންބަރް ހިނިތުންވެލިއެވެ. އެގެއިން ފެންނަމުން ދިޔަ އެއްވެސް މީހެއް އޭނާއަށް ކަމަކުނުދެއެވެ. ޝަމްސުގެ އިތުރުން ގަމަރު ލައިގެން ހުރި ދިގު ހެދުންތައް ފެނިފައި އޭނާ އިނީ ބޯއަނބުރާ ގޮތް ވެފައެވެ.
"މިއީ ކޮންކުއްޖެއް؟ ރަނގަޅުތަ؟" ޝަމްސު ކައިރީގައި ކޮޅަށް ހުރި ގަމަރުގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން ބުނެލިއެވެ. ގަމަަރުގެ ތުންފަތުގައި ވީ ރަކި ހިނިތުންވުމެކެވެ. މިއީ އޭނާ އަލިޝްބާ އާ ބައްދަލުވި ދެވަނަ ފަހަރު ވިޔަސް ކުރިން ވާހަކަދައްކަން އަދިވެސް ނުކެރެއެވެ. އެހެންނަމަވެސް ވާހަކަދައްކަން ފަށައިފިނަމަ އޭނާގެ އަނގަ ހުއްޓައެއް ނުލާނެއެވެ. މީހަކު ޖެހޭނީ އެތަނަކުން އަވަހަށް އޭނާ ދުރަށް ގެންދާށެވެ. އުމުރާ ބަލާފައި ހަށިގަނޑު ހުންނަލެއް ކުޑައެވެ. ހުދު ދޮނެއް ލިބިފައިވާ ލޯބި ކުއްޖެކެވެ.
"ގަމަރް ރަނގަޅޭ ދޯ ދަރިފުޅު" ޝަމްސު ބުނެލިއެވެ.
"ލައްބަ. އެކަމަކު އަޅުގަނޑު މިއަދު މީނީ ވަރަށް ދެރަވެފަ. ދޮންބެގެ ސްޕެޝަލް އިވެންޓްގަ އަޅުގަނޑުގެ ބެސްޓްފްރެންޑަށް ބައިވެރިނުވެވޭތީ" ގަމަރްގެ އަނގަ ހެލެން ފެށިއެވެ.
"އެހެންތަ؟ އެއީ އަނެއްކާ ކޮން ކުއްޖެއް؟ ދޮންބެދައްތަ ބޭނުން ގަމްގެ ބެސްޓްފްރެންޑާ މީޓްކޮށްލަން" އަލިޝްބާ ބުނެލިއެވެ.
"ގޭގަވީ. ޖީ ގެ މަންމަ ވަރަށް ބަލިވާނެ. އެގޭގަ ޖީގެ މަންމަ ކައިރީގައި މަޑުކުރާނެ މީހަކު ނެތީމަ ނާދެވިފަ ހުރީ. އެކަމަކު ޖޫބެ އެބައުޅޭ މިގޭގަ. ދޮންބެގެ ކޮޓަރީގަ" ގަމަރް ވާހަކަދެއްކިއެވެ. ހުރިހާ މީހުން ހެވިފައި ގަމަރަށް ބަލަހައްޓައިގެން އިނެވެ. ފޫހިވެފައި އިން އަންބަރްގެ ތުންފަތުގައިވެސް ވީ ހިނިތުންވުމެކެވެ.
"އެއޮށް ނިކުތީ ދޮންބެ" ކޮޓަރިން ނިކުތް އައިމަން ފެނުމުން ގަމަރް އެދިމާލަށް އިނގިލި ދިއްކޮށްލާފައި ބުނެލިއެވެ. އައިމަން ފެނުމާއެކު އަލިޝްބާ އިސްތިރިކޮށްލައިފިއެވެ. އިސްއުފުލާ އަދިވެސް އައިމަންއަށް ބަލާކަށް އޭނާއަށް ނުކެރެއެވެ. އެހެނީ އެދެކުދިންގެ ކައިވެންޏަކީ ދެފަރާތުގެ މައިންބަފައިން ރޭވި ކައިވެންޏެކެވެ.
ރަންކިޔުމުގެ ހަފްލާ ނިމިގެން ރޭގަނޑުގެ ކެއުން ކުރިއަށްދިޔަ ވަގުތު އަންބަރްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ހުރިހާ މީހުންނާ އޭނާ ދުރަށްޖެހިލިއެވެ. ބެލްކަންޏަށް ނިކުންނަން ދިޔައީ ފޯނަށް ބަލަން ހުރެއެވެ. ބެލްކަނީގައި ހުރެފައި ގޭތެރެއަށް ވަންނަން އައި ޖޫދާ އަންބަރް މުޑިއެރިއެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ވެއްޓި ވާރިޝްގެ ކޯލު ކެނޑުނެވެ.
"އާރ ޔޫ ބްލައިންޑް" ހިތްހަމަނުޖެހި ދަތްކުނޑި ވިކައިލަމުން އަންބަރް ބުނެލިއެވެ.
(ނުނިމޭ)