ސާރިމް އަށް ހީވީ މޫނުގައި އަތްދަމާފައި ޖެހިހެންނެވެ. އެ ޅެމަކީ ސާރިމް މީހަކު ކައިރީ އާދޭސްކޮށްގެން ލިޔުނު ޅެމެކެވެ. ނޫރާއަށް ޚާއްސަކޮށްގެންނެވެ. އޭރު އެ ޅަ ހިތުގައި އުފެދުނު ޝުޢޫރުތަކެވެ. ލޯބި އޭގެ އިންތިހާއެވެ. އަލިފުޅާއި ހިޔަލައަށްވުރެ ވާ ވަރުގަދަ ލޯތްބެއް ވާނަމޭ ބުނެ ވައުދުވީ އެ ޅެމުންނެވެ. ނޫރާގެ ހިތް ފަތަހަކުރީ އޭގައިހުރި ބަސްތަކުގެ ވަރުގަދަކަމުންނެވެ. ސާރިމް ހިތުގައި ޖެހުނެވެ. އޭނާ އަކީ ރަނގަޅު މީހެކޭ ބުނާ ވަރުގެ މީހެއް ނޫނެވެ. ހަންޖަރަކުން ޒަޚަމް ނުކުރިއަސް އޭނާގެ ސަބަބުން ނޫރާގެ ހިތް ކުދިކުދިވެގެންދާނެކަން ޔަޤީނެވެ.
** **
ގޭތެރޭގައި ކުޅެން ތިބި ދެކުދިންނަށް ބަލަން އިނދެފައި ޝެރީން މޫނު އަނބުރައިލީ ހޫނު ކޮފީތައްޓެއް ގެނެސް ކުރިމަތީގައި ބެހެއްޓުމުންނެވެ. ކުރިމަތީގައި ހުރި ސޯފާގައި އިށީދެލައިން އިން ރަމްލާއަށް އިޝާރަތްކޮށްފައި ދެއްކީ ތަބަށް ތެރޭގައި ހުރި ޖޫސްތައްޓެވެ.
"ދެން ކީއްކުރަން ކޮންމެހެން ރަށަށް ދާންވީކީ؟" ޝެރީން އަހާލިއެވެ. ރަމްލާ މިއަދު އައީ ޝެރީންގެ ހާލު ބަލައިލާށެވެ. ރަމްލާއަށް ޝެރީންގެ ހާލަތު އެނގުނީ ވަރަށްފަހުން ސްކޫލަށް ދިޔަ ދުވަހެއްގައި ފަރީނާގެ ފަރާތުންނެވެ. ނޫރާ ގޮވައިގެން އައިސް ފަރީނާ ހުރުމުން ޝެރީން ނެތީތޯ ސުވާލުކުރެވުނު ހިސާބުންނެވެ. ކަންތައްވެގެންދިޔަލެއް އަވަސްކަމުން ރަމްލާއަށް އެއްވެސް ކަމެއް ނޭނގެއެވެ. އެ ޚަބަރުވީ ރަމްލާ ވަރަށް ފިކުރުބޮޑުވި ހަބަރަކަށެވެ.
ޝެރީންއަށް އައިސްފައިވާ ބަދަލު ފެނުމުން ރަމްލާ ކަންބޮޑުވިއެވެ. އެ ގޮނޑީގައި ޝެރީން ހޭދަކުރަންޖެހޭނީ އަދި ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ. އެކަމަކު އެންމެ ހެޔޮ ގޮތަކީ އުއްމީދު ކަނޑައިނުލުމެވެ.
"މިކޮޅަށް އައިފަހުން އަހަންނަށް މިޖެހެނީ ދެއަތް އުރާލައިގެން ހުންނަން، އަހަރެންގެ އާމްދަނީ ހުއްޓިއްޖެ، ޝެރީން އާއި ސާރިމް ޒިންމާ ނަގަން ތިއްބަސް އެގޮތް އަހަންނަށް މިހާރު ކަމަކު ނުދޭ، މިހާރު ނޫރާވެސް އިހު ހުރިގޮތެއް ނެތް، އޭނަގެ ދިރިއުޅުން ހަމައަކަށް އެޅިއްޖެ، އެބަލީގެ ގޮތް ކެނޑިއްޖެ، އަމިއްލަ ރަށަށް ދިއުމުން މާ ހިތްހަމަޖެހޭނެ، އެހެން ހުރެ ގެގަނޑު ވީރާނާވެއްޖެއްޔާ ފަހުން ގޮސް ވަންނާނެ ތަނެއްވެސް ނުހުންނާނެ." ޝެރީންގެ މޫނަށް ބަލަން ހުރެ ރަމްލާ ވާހަކަ ދެއްކިއެވެ. ރަމްލާ ތިލަކޮށް ކިޔައިދިނީ ނޫރާ ގެ ކައިވެންޏަށް އައި އެތައް ޒުވާނުންނަކަށް ނޫރާ ނޫނެކޭ ބުނެފައިވާކަމެވެ. ފަހަރެއްގައި އެއީ ކުރީގެ ކައިވެނީގެ ހިތްދަތިކަމުން އަދިވެސް އަރައިނުގަނެވެނީކަމުގައި ވެދާނެއެވެ. ޒުވާން އުމުރުގައި ކައިވެނި ރޫޅި އެކަނިވެރިކަމުގައި ހޭދަކުރާތީ އެކަމާއި ރަމްލާ ހިތާމަކުރެއެވެ.
ރަމްލާ ގެއަށް ދާ ވަހަކަ ބުނުމުން ސާރިމް އެއްބަހެއްނުވިއެވެ. ނޫރާ އާއި އެކު ކުޅެލަން އެކުއްޖާއަށް އެ ލިބުނީ ހާދަ ދުވަހަކަށް ފަހުގައެވެ. އަސުރު ނަމާދުނުކޮށްހުއްޓާ ވަގުތު ފާއިތުވެދާނެކަމުގެ ބިރު ރަމްލާގެ ހިތުގައި އޮތެވެ. ރަމްލާއަށް ގޮވާލާފައި ޝެރީން އެދުނީ މެހެމާނުންގެ ކޮޓަރީގައި ނަމާދުކޮށްލުމަށެވެ. އެކުދިން އަދި ފޫހިނުވާތީ ގެއަށް ދިއުމުގެ ބަދަލުގައި މަޑުކޮށްލަން އެދުނެވެ.
ސާރިމް އޮފީސް ނިންމާފައި އައިސް ގެއަށް ވަނީ އެވަގުތެވެ. ސާރިމް ވަނުމާއި އެކު ނޫރާ އުރާލިއެވެ. ނޫރާ އާއި އެކު ކުޅެން އިން އަނެއް ސާރިމްގެ މޫނަށް އެވަގުތު އެ އައި ބަދަލު ޝެރީންއަށް ފެނުނެވެ. އެކުއްޖާގެ މޫނުމަތިން އުފާވެރިކަން ދިޔައީ ފޮހެވިގެންނެވެ. ނޫރާ އުރާލައިގެން ހުރެ ސާރިމް ދަރިފުޅުގެ ކޮލަށް ބޮސްދީފައި ނޫރާ ތިރިކޮށްލިއެވެ. ސާރިމް ކޮޓަރިއަށް ދަމުން ސައިތައްޔާރުކޮށްދޭށޭ ބުނެލިއެވެ.
ބަދިގެތެރޭގައި ހުރި ސައުދިއްޔާއަށް ގޮވާލާފައި ސާރިމްއަށް ސައިހަދައިދޭށޭ ބުނެފައި ޝެރީން އުޅުނީ ސާރިމްގެ ފަހަތުން ކޮޓަރިއަށް ދާށެވެ. އެތަން ހުރަސްކުރި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކުޅެން އިން ސާރިމްއެވެ. ކުރިމަތީގައި އިނދެ ނޫރާ ވާހަކަ ދައްކާއިރު އެކުއްޖާ އިނީ ބަސްހުއްޓިފައެވެ. ކުޑަކޮށް ފެންކަޅިވެފައެވެ. ކުރިން ފެންނަންހުރި އުފާވެރިކަން ގެއްލިފައެވެ.
"ޝެރީން" އެތެރެއިން ސާރިމްގެ އަޑު އައިސް ކަންފަތުގައި ޖެހުމުން ޝެރީންއަށް އިސްއުފުލައިލެވުނެވެ. ދެއަތުން ފުރޮޅުލީގޮނޑިއަށް ބާރުލާފައި ކުރިއަށް ޖައްސާލެވުނެވެ. ކޮޓަރިއަށް ވަންނަމުން ފަސްއެނބުރި ބަލައިލި ވަގުތު ޝެރީންއަށް ފެނުނީ އަނެއްކާވެސް އޭނާގެ ހިތަށް އުދަނގޫވެގެން ދިޔަ މަންޒަރެކެވެ.
"މީގެން ކޮން ޓީޝާރޓެއް؟" ސާރިމް ދެއަތުން ދެ ޓީޝާޓު ހިފައިގެން ހުރެ އަހާލިއެވެ. ކުލަ ފިޔަވައި ދެ ޓީޝާޓުގައި އެއްވެސް ފަރަގެއް ނެތެވެ. އެއީ ގޭގައި އުޅޭއިރު ލާ ޓީޝާޓެވެ.
"ބްލެކު" ޝެރީން ބުނެލިއެވެ. އެކުލަ ޝެރީންއަށް ރީތިވެގެންނެއް ނޫނެވެ. ދެން އޮތް ދަނބު ކުލައަށް ބަލާފައި ސާރިމް ހިތްހަމަޖެހޭނީ ކަޅުކުލަ އާއި މެދުއެވެ.
"ކިހިނެއްވީ؟" ސާރިމް ގެ އަޑަށް އަނެއްކާވެސް ޝެރީން ސިހުނެވެ. އޭނާއަށް ފާޑަކަށް އިނދެވުނުކަން ނަގައިގަނެވުމުން ނުތަވަސްވެގެން ދިޔައެވެ. ސާރިމް ހިތަށް އަރާނެ އެއްޗަކާއި މެދު ވިސްނާލެވުނެވެ.
"ނަތިން" ޝެރީންގެ ތުންފަތަށް ގަދަކަމުން ހިނިތުންވުން ގެނެވޭތޯ ބެލިއެވެ. ސާރިމް ހިނިތުންވެލާފައި ގޮސް އަލަމާރީގައި އެޅުވީ ކަޅުކުލައިގެ ޓީޝާރޓެވެ. ދަނބު ކުލައަކީ ޝެރީންއަށް އެންމެ ކަމުދާ ކުލައެވެ. އެކަން ސާރިމްއަށް ހަނދާންވުމާއި އެކު އޭނާއަށް އެ ޓީޝާޓުދެކެ ގަޔާވެވިއްޖެއެވެ. އޮފީހުން އައި ގަމީސް ގަޔާއި ވަކިކޮށްލާފައި ފާޚާނާއަށް ވަންނަމުން ބަލައިލިއިރު ޝެރީން އިނީ ކަންބޮޑުވެފައިކަން އޭނާއަށް ފާހަގަވިއެވެ.
ފާޚާނާގެ ދޮރު ލެއްޕުނު އަޑަށް ޝެރީންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއާއި އެކު އޭނާގެ ހިނިތުންވުން ފިލައި ދިޔައެވެ. އޭނާގެ ސިކުނޑީގައި ތަސްވީރުވެލީ ދެންމެ ފެނުނު މަންޒަރެވެ. ނޫރާ ކުޅެން ގެންގުޅޭ ފެމިލީ ސެޓް ސާރިމްއަށް ދިނުމުން އޭގެން ބައްޕަ ރަމްޒުކޮށްދޭ ބުދު ނަގައި ސާރިމް ދުރުގައި ބޭއްވި ތަނެވެ.
މިވަގުތު އެކުއްޖާގެ ހިތުގައި ހުންނާނީ ކޮން ކަހަލަ އިހްސާސެއް ކަމެއް ނޭނގެއެވެ. އެކަމަކު ހިތުގައި ރިހުންތަކެއް ހުރިކަން މާޔޫސްވެފައިވާ މޫނުން ރަމްޒުކޮށްދެއެވެ. ޝެރީން ހިތުގައި ޖެހުނެވެ. ފުރަތަމަ ފަހަރަށް އޭނާ ވިސްނައިލީ ސާރިމްގެ ދިރިއުޅުން ހުންނާނެ ގޮތަކާއި މެދުގައެވެ. ނެތް އެއްޗެއްގެ އުނިކަން އިހްސާސްނުވެ ނުދާނެއެވެ. އޭގެ ބަދަލުގައި ވަށައިގެން ކިތަންމެ ބައިވަރު އުފަލެއްވިއަސް އެ އުނިކަން ފޫބެދޭނެހެއްޔެވެ؟
** **
ނޫރާއަށް ހޭލެވުނީ މޫނަށް ހޫނު ނޭވާއެއް އެޅިގެންނެވެ. ލޯ ހުޅުވާލުމުން ފެނުނީ ސާރިމް އައިސް ކައިރީގައި އޮށޯންތަނެވެ. ރަމްލާ އާއި އެކު މެންދުރު ބޭރަށް ދިޔަގޮތަށް ނާންނާތީ ފޫހިވެގެން އޮއްވާ އޭނާއަށް ނިދުނީއެވެ. ނޫރާ ލޯ ހުޅުވާލުމުން ސާރިމް އިހުނަށްވުރެ ބޮޑަށް ބޮޑިވެލާފައި އޭނާގެ ބަނޑުދޮށަށް ވަނެވެ.
"ކިހިނެއްވީ؟" ނޫރާ އަހާލިއެވެ. އޭނާގެ ބަނޑުގައި މޫނު ޖައްސާލިގޮތަށް ސާރިމް އޮތީ ހިމޭންވެފައެވެ. ދެވަނަ ފަހަރަށް އަހައިގެންވެސް ސާރިމްގެ ފަރާތުން ޖަވާބެއް ނައެވެ.
ސާރިމްގެ ހުރިހާ އިހްސާސެއް ކިޔައިދޭހާ އެދެމައިންގެ ގުޅުން އަދިވެސް ރަނގަޅެއް ނުވެއެވެ. ނޫރާ އޭނާގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ބަލައެވެ. ސާރިމް އާއި އެކު ވަގުތު ހޭދަކުރެއެވެ. ދިރުމެއްނެތް އޭނާގެ ދިރިއުޅުންމަތިން ފޫހިނުވެ ހުރި ހަމައެކަނި ސަބަބަކީ އޭނާގެ ދަރިފުޅެވެ.
"ސާރިމް" ރަމްލާ އެކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. ސާރިމްގެ ހަށިގަނޑު ހަރުއަރުވާލިއެވެ. ދެއަތުން ނޫރާގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. ނޫރާ ބަލައިލުމުން ފެނުނީ ރަމްލާ ގެނެސް ބެހެއްޓި ފޮށިގަނޑެވެ.
"މި އެއްލާލީމައި އެންމެ ރީތިކޮށް އޮތް ބުދު މިއޮތީ ހަލާކުވެފައި." ރަމްލާ ފަސްއެނބުރި ބަލައިލިއެވެ. އެކަމަކު ސާރިމް އޮތީ ކުރިންވެސް އޮތް ގޮތަށެވެ. އެހެންވެ ނޫރާއަކަށްވެސް ހަށިގަނޑު ހިއްލައެއް ނުލެވުނެވެ.
"ތި ބަހައްޓާ، ފަހުން ސާރިމްއަށް އޭގެ އެއްޗެއް ގަނެދޭނި، ބެހެއްޓުނުލެއް ބާރުކަމުން ކަންނޭނގެ އެ ހަލާކުވީ، އެހެންވެތަ ތި ރޮނީ ސާރިމް؟ އެއީ އެވަރުގެ ކަމެއް ނޫނޭ،" ނޫރާގެ އިނގިލިތަކުން ސާރިމްގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ރަމްލާ ނިކުމެގެން ދިއުމުން ނޫރާ އަނެއްކާވެސް ސާރިމް އާއި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ސާރިމްއަށް ކުޅޭ އެއްޗެއް ލިބެނީ މަދު ފަހަރަކުއެވެ. އެހެންކަމުން ލިބޭ ކޮންމެ އެއްޗަކަށް ސާރިމް ނިކަން އަހައްމިއްޔަތުކަން ދެއެވެ. ފޮރުވައިގެން ގެންގުޅެއެވެ. ސާރިމް ދެރަވީ އޭނާއަށް ވަރަށް މުހިއްމު އެއްޗަކަށްވީމައި ކަމަށްވެދާނެއެވެ.
ދުވަހުގެ އިރު އޮއްސުނުއިރު ސާރިމްއަށް އޮތީ ނިދިފައެވެ. ނޫރާ ކަންބޮޑުވެފައިހުރީ އެހެން ރޮއި ރޮއި އޮވެ ނިދުނުއިރުވެސް ސާރިމްގެ ދުލުން އެއްވެސް ބަހެއް ނުބުނީމައެވެ. އަމިއްލަ ޝުއޫރުތައް ހާމަކުރަން ނޭނގޭހާ ބަލިކަށިކުއްޖެއްކަމުގައި އެ ދަރިފުޅު ވުމަށް އޭނާ ނޭދެއެވެ. އެކޮޓަރިން ނިކުމެވެގެން ހުރި ބެލްކަނީގައި ހުއްޓާ ރަމްލާ އައެވެ. ނޫރާ ކައިރީ މިގަޑީގައި ސާރިމް ނިންދުވީ ކީއްވެތޯ އަހާލިއެވެ.
"ކުޅޭ އެތި ހަލާކުވެގެން އެކަމާއި ރޯން އޮވެފައި ނިދީ، މަންމަ ކޮންތާކުން ގަނެދިން އެއްޗެއް؟ އަލުން އޭގެ އެއްޗެއް ގަނެދެން ހިނގާ، އޭރުން ހޭލާއިރު ހުންނާނީ ހަމަޖެހިފައި،" ނޫރާ ބުނެލިއެވެ. ރަމްލާ ބަލައިލީ ނިދިފައި އޮތް ސާރިމްއަށެވެ. ސާރިމް އަކީ ދަހިވެތިކަން ހިތުގައި އޮންނަ ކުއްޖެއް ނޫނެވެ. ކުޅޭ އެއްޗެއް ހަލާކުވެގެން އެވަރު ކަމަކާއި ސާރިމް ނުރޯނެއެވެ.
ސާރިމް ދެރަވީ ކޮން ކަމަކާއިކަން ރަމްލާއަށް އެނގެއެވެ. އޭނާ އަސުރުކޮށްލައިގެން ނިކުތުމާއި އެކު ސާރިމް އައިސް ގެއަށް ދާން ބުންޏެވެ. ޝެރީން ފެންނަން ނެތުމުން ރަމްލާ މަޑުކޮށްލިއެވެ. އަދި ޝެރީން ނިކުތުމުން ގެއަށް ދާން ވެއްޖެކަމުގައި ބުނެލިއެވެ. އެވަގުތު ނޫރާ ގެނެސް ސާރިމްގެ އަތަށް އެ ހަދިޔާ ފޮށި ދިނެވެ. އެވަގުތު ލުއި ހިނިތުންވުމެއް ސާރިމްގެ މޫނުން ފެނުނެވެ. ފޮށީގެ މަތި ހުޅުވާފައި ސާރިމް ނެގީ އޭގެން އެންމެ އެއްޗެކެވެ. އެ ފޮށި އަނބުރާ ނޫރާގެ އަތަށް ދިނުމުން ނޫރާ އިންކާރުކުރިއެވެ. މުޅި ފޮއްޓާއި އޭގައި ހުރި ހުރިހާ ކުޅޭ ބުދުތައް ސާރިމްއަށް ކަމުގައި ބުނެލިއެވެ.
"ސާރިމް ބުނީމެއްނު ފެމެލީއެއް ނެތޭ، އެހެންވެ މި ދިނީ، އައި ހެވް މައި ފެމިލީ." ނޫރާ ގޮސް ޝެރީންގެ ކައިރީ ހުއްޓުނެވެ. އެވަގުތު އެބުނި ޖުމްލައިން ސިހުން ލިބިފައި ޝެރީން އިނެވެ. ރަމްލާވެސް ހުރީ ބަސްހުއްޓިފައެވެ. އެދެކުދިންގެ ޅަ ސިކުނޑިން އެ ވިސްނާ ވިސްނުން އެދެމީހުންނަށް ނަގައިގަނެވުނެވެ. މަންމަ އާއި ބައްޕަ ނެތުމުގެ ފަޅުކަމާއި އެ އުނިކަމުގެ ޝަކުވާ އެކުއްޖާ އަބަދުވެސް ކުރިއެވެ. އެ ޝުއޫރު ހަމައެކަނި ހުރި ރަހްމަތްތެރިޔާގެ ކުރިމަތީގައިވެސް ކިޔާފައިވާކަން މިއަދު ސާބިތުވެއްޖެއެވެ. ހިތުގައި ޖެހުނުވަރުން ރަމްލާއަށް އިސްއުފުލައި ޝެރީންގެ މޫނަށް ބަލާލަންވެސް ނުކެރުނެވެ. އޭގައި އޭނާ އަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ހާލުގައި ވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ސާރިމްގެ އަތުގައި ހިފާ ހިނގައިގަންނަން އުޅުމުން ސާރިމް ހުއްޓުނެވެ. އޭގެން ބައްޕައަށްވީ ބުދު ނަގައި ތިރިއަށް އެއްލާލިއެވެ. އޭގެ ބޮލާއި ހަށިގަނޑު ވަކިވެގެން ދިޔައެވެ. އެވަގުތު ނޫރާ ދުވެފައި އައިސް އެ ބުދު ނެގިއެވެ.
"މި ފެމެލީގެ ހީރޯ" އެ ބުދު އަނެއްކާވެސް ސާރިމްއަށް ދިއްކޮށްލަމުން ނޫރާ ހިނިތުންވެލިއެވެ. ސާރިމް އޭގައި ހިފާކަށް ނޫޅުނެވެ. އެހެންވެ އެ ބުދުގައި ހިފީ ރަމްލާއެވެ. ނޫރާގެ ބޮލުގައި ފިރުމާލާފައި ރަމްލާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ގެއަށް އާދެވުމުން ސާރިމް ހީކުރީ އެ ބުދު ރަމްލާ އެއްލާލާނެކަމަށެވެ. އެކަމަކު އަލުން އެ ފޮށިގަނޑުގެ ތެރެއަށް ލީތަން ފެނި ހިތްހަމަނުޖެހުނީއެވެ.
ރަމްލާ ކިޔައިދިނީ ސާރިމް ހިތްހަމަނުޖެހުނު ސަބަބެވެ. އޭގެ ހައްލަކީ އާ ކުޅޭ އެއްޗެއް ނޫންކަން ނޫރާއަށް ވިސްނުނެވެ. ނަމަވެސް އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ އެއްފަހަރު ވިސްނާނުލައި ކުރި ކަމެއްގެ ސަބަބުން ޖެހުނު ލައްގަނޑެއް ދެން ފިލުވައެއް ނުލެވޭނެއެވެ. ސާރިމް އުފަންވީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައެވެ. ޝަރުއީ ކައިވެންޏަކާއި ނުލައެވެ. އުމުރު ދުވަހު ހިތާމަކުރިއަސް އެއީ ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ.
"ސާރިމްއަށްޓަކައިވެސް ނޫރާ ކައިވެނިކުރޭ، އާދޭސްކޮށްފައި މިބުނީ، އޭރުން އެކުއްޖާ ބައްޕަ އޭ ކިޔައި ގޮވާލާނެ މީހަކު ހުންނާނެ." ރަމްލާ އަޑު ކުރަކިވެގެން ދިޔައެވެ. ނޫރާ އިޚްތިޔާރުކުރީ ހިމޭންކަމެވެ. އޭނާ މޫނު އަނބުރާލައިގެން ހުރީ މަގުމައްޗާއި ދިމާލަށެވެ. މަންމަ އެކުރި އާދޭހަށް އިޖާބަ ދޭވަރަށްވުރެ އޭނާގެ ނަޞީބު ދެރައެވެ. ކައިވެންޏަށް އެދި އެތައް ބަޔަކު އަޔަސް އޭނާގެ ހިތެއް އެއްބަހެއް ނުވެއެވެ.
"ތި ގޮތްދޫނުކުރުން ދޫކުރޭ، ނޫރާ ލޯބިވާ މީހަކު ނުލިބުނަސް ނޫރާ ދެކެ ލޯބިވާ މީހަކާއި އެކު އުޅެވޭނެ، ދަރިފުޅާ، އެއްވެސް މީހަކަށް އެމީހަކު ބޭނުން ހުރިހާ އެއްޗެއް ނުލިބޭ، ބައެއް ފަހަރު އެމީހަކަށް މިންވަރުކުރެއްވިގޮތަށް ރުހެންވެސް ޖެހޭ، ނޫރާ ހިތާމަކުރާތަން މަންމަ ދެކެން، ދަންވަރު ނުނިދި އޮންނަކަންވެސް އެނގޭ، ތިހުރިހާ ހިތާމައަކަށްވެސް ހައްލު ލިބޭނެ." ރަމްލާ މިއަދު އަނެއްކާވެސް ނުދައްކަން އަޒުމް ކަނޑައަޅައިގެންހުރި ވާހަކަ ފެށީ ސާރިމްގެ މޫނުމަތިން ފެނުނު ހިތާމަފެނިފައެވެ. ނޫރާގެ ފަރާތުން ޖަވާބެއް އާދޭތޯ ހުރެފައި ރަމްލާ ހިނގައިގަތީ ދެލޯ ފޮހެމުންނެވެ. މި ދުވަސް މި ދެއްކެވީ އޭނާގެ ހަރުކަށިކަމާއި ނުބައިކަމުންކަމަށްވެދާނެއެވެ. އާމިރު ދެކެ ބިރުން ރަމްލާވެސް ގަދަފައި ވިއްދީ ސާރިމް އާއި ނޫރާ ދުރުކުރާށެވެ.
** *
"ޝެރީން. ވައި ސޯ ކާމް؟" ޝެރީންގެ ކޯތާފަތުގައި ސާރިމްގެ އަތް ބީއްސާލިއެވެ. ޝެރީން އަށް ފުންކަނޑެއްގެ ތެރެއިން ނިކުމެވުނު ފަދައެވެ. އޭނާގެ ކުރިމަތީ ދެކަކޫ ޖަހައިގެން އިން ސާރިމްއަށް ބަލައިލެވުނެވެ. އޭނާގެ ސިކުނޑިވަނީ ބަރުވެފައެވެ. ފިކުރުތަކުން މިންޖު ނުވެވިފައެވެ. އެ ޚިޔާލުތައް އެއްފަރާތް ކޮށްލެވޭނެ މަގެއް ނުފެނެއެވެ. އަދި އެއްވެސް ހައްލެއްވެސް ނުފެނެއެވެ.
"އައި ޝުޑް ހޭވް ނޮޓް ޑަން އިޓް؟" ޝެރީން މަޑުމަޑުން ބުނެލިއެވެ. އޭނާގެ ހިތް މޭ ފަޅާފައި ނިކުންނަން އުޅޭ ކަހަލައެވެ. އެވާހަކަ ދައްކަން އޭނާ ބިރުވެސް ގަނެއެވެ. އެކަމަކު އޭނާ ޖެހޭނީ އެވާހަކަ ދައްކާށެވެ. ވިސްނި ވަރަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ.
"އަހަރެން ބުނީމެއްނު އަމިއްލައަށް ބްލޭމް ނުކުރާށޭ، އިބްލީހުގެ ޝިކާރައަކަށްވެ އެންމެ މާތް މީހުންނަށްވެސް ގޯސްހެދޭ، ކުށްކުރެވޭނެ އެންމެންނަށްވެސް،" ސާރިމް ތެދުވެ ޝެރީން ނަގައި އަތްދަނޑިމައްޗަށް ލިއެވެ. އޭނާ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ޝެރީން ހޮސްޕިޓަލުގައި އޮތްއިރުވެސް އެފަދަ ޝަކުވާ ކުރެއެވެ. ސާރިމްއަށް ބުރަވެދާނެތީ ކަންބޮޑުވެގެން އުޅެއެވެ. އެހުރިހާ ފަހަރަކު ސާރިމް ވިސްނައިދެނީ ޝެރީންގެ ޚިދުމަތުގައި ހުންނަންޖެހުމުން ލިބޭ އުފާވެރިކަމުގެ ވާހަކައެވެ.
"އަހަރެން އަމިއްލަ ނަފްސު ކުށްވެރި ނުކުރާނީ އެންމެ ޝަރުތަކަށް." ކޮޓަރި ތެރެއަށް ވަދެވުމާއި އެކު ޝެރީން ބުނެލިއެވެ. ސާރިމް ހީލާފައި ޝެރީން ގެންގޮސް އެނދުގައި ބޭއްވިއެވެ. ދެން އޭނާގެ އަތުން ޝެރީންގެ ނޭފަތުގައި ހިފާލިއެވެ. އެވަރުންވެސް ޝެރީންގެ މޫނުމައްޗަށް އުފާވެރިކަމެއް ނައެވެ. ޝެރީންގެ ކައިރީ އުންޑުން އޮށޯންނަމުން ސާރިމް އޭނާގެ ޖަވާބު ދިނެވެ.
"އެއްވެސް އުޒުރަކާއި ނުލައި ޤަބޫލު." ޝެރީންގެ ސިކުނޑީގައި ހިނގާ ކަންތަކުގެ ޚަބަރު އެނގޭ ނަމަ ސާރިމް އެހެން ނުބުނީހެވެ. އަދިވެސް ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން ޝެރީންއަށް ހީވެއެވެ. އޭނާ ދެލޯ މަރާލިއެވެ. އެއަށްފަހު އެ ޝަރުތު ހާމަކުރިއެވެ.
(ނުނިމޭ)