ވާހަކަ

ޖޫދް - 03

ތިންވަނަ ބައި

"އަން މިފޮށި ހިފައިގެން ދޭ" ހިނގައިގަނެފައި އަންބަރް ހުއްޓި ފަހަތް ބަލައިލިއެވެ. ފޮށިތަކުގެ ތެރޭގައި ހުރި އޭނާގެ ދަނބު ކުލައިގެ ފޮށި ދަމަމުން ގޭތެރެއަށް ވަންނަން އޭނާ ހިނގައިގަތެވެ.

ސުމައްޔާއަކީ ރާއްޖޭ ރައްޔިތެއް ނޫނެވެ. މިސްރުގެ ދެމަފިރިއަކަށް ލިބިފައިވާ ތިން އަންހެންދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ސުމައްޔާއާއި ހާތިމް ދިމާވީ މަދީނާގައި ހާތިމް ތަޢުލީމު އުނގެނުނު ދުވަސްކޮޅުގެ ތެރޭގައެވެ. އެފަހަރު ހާތިމް އެނބުރި ރާއްޖެ އައީ ދެފަރާތުގެ ރުހުމާއެކު ސުމައްޔާއާއި ކައިވެނިކޮށްގެނެވެ. ކުރީގެ ކައިވެންޏަކަށް ހާތިމަށް ލިބިފައި ހުރި އަންހެން ދަރިފުޅު ސުމައްޔާ ބަލައިގަތީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އޭނާ އަމިއްލަ ދަރިއެއް ފަދައިން އުމުރުން ދެމަހުގެ އަލިޝްބާއަށް މައެއްގެ ލޯބި ދިނެވެ. އޭނާ ހިތްހަމަޖެހޭގޮތަށް ދީނަށް އެކުއްޖާ ހޭނުވިއެވެ. ކައިވެންޏަށްފަހު ރާއްޖޭގައި ހަތް އަހަރު އުޅެފައި އެނބުރި މިސްރަށް ދާންޖެހުނީ ސުމައްޔާގެ ބައްޕަ އައްޔޫބު މާބޮޑަށް ބަލިވުމާ ގުޅިގެންނެވެ. އަންބަރަށް ސުމައްޔާ ބަލިވެއިނީ އެދަތުރުގައެވެ. އޭގެފަހުން ދޭތެރެއަކުން ރާއްޖެ އައިސް އުޅުނަސް ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ މިސްރުގައެވެ. އެ މުއްދަތުގެ ތެރޭގައި ހާތިމްގެ ފަރާތުން ސުމައްޔާ ދިވެހި ބަސް އުނގެނުނެވެ. އެކަން އޭނާ ކާމިޔާބުވެސް ކުރިއެވެ. ދިވެހި ބަސް އޭނާއަށް ފެން ފަދައެވެ. ދަރިންނާ ފިރިމީހާ އާ ވާހަކަދައްކަނީ އަބަދުވެސް ދިވެހިބަހުންނެވެ. އެހެންނަމަވެސް މިސްރުގައި އޭނާގެ ބަހުރުވަ ބަދަލުވެއެވެ. އޭނާގެ އާއިލާ މީހުންނަށް ދިވެހި ބަސް ނޭނގޭތީއެވެ.

އާދައިގެ ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔަ ޖޫދު ސައިކަލް މަޑުކޮށްލީ ރަށުގެ މެދުތެރޭގައި ހަދާފައި ހުރި އެންމެ ބޮޑު ފިހާރަ ކުރިމައްޗަށެވެ. އެއްފަރާތުގައި ސައިކަލް ޕާކްކޮށްފައި 'ޒަހާ މޯލް' ގެ ނަމުން ދީފައިވާ ފިހާރައިގެ ތެރެއަށް ވަންނަން ދިޔައިރު ފިހާރައިގެ މައިދޮރުގެ އެއްފަރާތުގައި ބިދޭސީ ފިރިހެނެއް ފިޔާތަކެއް ސާފުކުރަން އިނެވެ. ޖޫދު ފެނުމާއެކު ހެނދުނުގެ ސަލާމްކޮށްލިއެވެ.

"ކޮބަ ބިލުތައް؟" ފިހާރައިގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ބިދޭސީ މީހާއަށް ޖޫދު އެހިއެވެ.

"މޫސްބެ އަތުގަ ދެނީ" ބިދޭސީ މީހާ ބުނެލިއެވެ.

ޖޫދު އެތެރެއަށް ވަންއިރު ފިހާތެރޭގައި ކޮންމެވެސް ވަރަކަށް ކަސްޓަމަރުން ތިއްބެވެ. ކޭޝިޔަރަކަށް އިން އަންހެންކުއްޖާވެސް ޖޫދުއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ގޮނޑިން ތެދުވެލިއެވެ. ޖޫދުގެ މިސްރާބުހުރީ ފިހާރަ ތެރެއިން ދެވަނަ ބުރިއަށް އަރަން ހުރި ސިޑިއަށެވެ. ކައުންޓަރުގައި އިން މޫސާފުޅު ހިނިތުންވުމަކާއެކު ތެދުވެގެން އައިސް ޖޫދު އާ ސަލާމްކޮށްފިއެވެ.

"މޫސަބެ ކިހިނެއްތަ؟" ޖޫދު އެހިއެވެ.

"އަލްހަމްދުﷲ. ރަނގަޅު. އެމަންޖެ ކިހިނެއް؟ މޫސަބެ ވަރަށް ޝަކުވާކުރަން ބޭނުން ތިކުދިން ގުޅާނުލާތީ" ޖޫދު އާ ވާހަކަދައްކަމުން ފަހަތުން މޫސާފުޅު ދިޔައެވެ. ތިންވަނަ ބުރިއަށް އަރައިގެން ގޮސް މަޑުކޮށްލީ އެބައިގައި ހުންނަ ޖޫދުގެ ކުޑަ އޮފީސް ތެރޭގައެވެ.

"މޫސަބެ ތިކޮށްދިނީ ވަރަށް ބޮޑުކަމެއް. ބަދަލުގަ މޫސަބެ ބުނި ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށް މިހުރީ" ބޮޑު ގޮނޑީގައި އިށީނުމަށްފަހު ޖޫދު ވާހަކަދެއްކިއެވެ.

"އެއީ އެވަރުގެ ކަމެއްނޫން" މޫސާފުޅު ބުނެލިއެވެ.

"މޫސަބެ ބޭނުން ކޮންމެކަމަކަށް އެދިބަލަ. މުސާރަ ބޮޑުކޮށްދޭންވީތަ؟" ޖޫދު އެހިއެވެ.

"ޔާރައްބީ. ތިކަހަލަ ކަމަކަށް މޫސަބެ ނޭދޭނަން. މިތަނުގައި މޫސަބެ ކުރާ މަސައްކަތާ ބަލާފައި ލިބޭ އުޖޫރައަކީ އެކަމަށް އެންމެ އެކަށީގެންވާ މިންވަރު ކަމުގައި މޫސަބެ ގަބޫލުކުރަނީ. އެހެންވީމަ މިވާހަކަނުދައްކަމާ. އަސްލު މޫސަބެގެ އަންހެނުންވެސް ގޭތެރޭގަ އެހެން އެކަނި އިންނާތީ ކަންބޮޑުވޭ. ތިގޭގަ ދުވާލުގެ ވަގުތު އޭނަ ހުރީވިއްޔާ މޫސަބެ އޭނަ އާ މެދު ވިސްނާކަށް ނުޖެހޭނެއްނު. މުސަބެ މަސައްކަތް ނިންމާފަ ދާނެ އިރެއް ވަންދެން އިންނާނެއްނު" މޫސަ ވާހަކަދެއްކިއެވެ.

"ކޮންއިރަކުން މޫސަބެ އަންހެނުން ރަށަށް ފުރަނީ؟" ޖޫދު އެހިއެވެ.

"ޓެސްޓްތައް ހަދައި ނިމުނީމަ ދެން ފުރަންވީ" މޫސަ ބުންޏެވެ.

"މޫސަބޭ. އެބަޖެހޭ ގޭތެރޭގަ ބަހައްޓާނެ އަންހެންކުއްޖަކު ހޯދަން. ރަނގަޅު މުސާރައެއްވެސް ދޭނަމޭ. މިހާރު ޖީ އުޅޭގޮތުން ވަރަށް ދެރަވޭ. މިދުވަސްވަރަކީ އެކުއްޖާ ރަނގަޅަށް ކިޔަވައިގެން ބޮޑުވާންވީ ދުވަސްކޮޅު. އެކަމަކު ހާދަ ބުރަކޮށޭ އެ އުޅެނީ" ޖޫދު ވާހަކަދެއްކިއެވެ. އޭނާގެ ހިތުގައި ޖިޔާ އާ މެދު ރަހުމާ ހަމްދަރުދީ ވިއެވެ.

"މޫސަބެ އުޅެދޭނަން ތިކަމާ. ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. އެމަންޖެއަށް މޫސަބެގެ ސަލާން ވަރަށް ގިނައިން ބުނެދޭތި އިނގޭ" މޫސަ ބުނެލިއެވެ.

"ގެއަށް މަދު އެއްޗެހި އެބަހުރި. މިއަދު ލިސްޓު ހަވާލުކޮށްލާނަން. ފާރޫކް ނޫނީ ލަލިތު އާ ހަވާލުކޮށްފަ ގެއަށް ފޮނުވާލައްޗޭ" ޖޫދު ބުނެލިއެވެ.

ކޮޓަރިން ނިކުތް ރިކްޒާ މަޑު ހިނގުމެއްގައި ގޮސް ހުއްޓުނީ ސީނާގެ ކޮޓަރި ދޮރުމަތީގައެވެ. މަޑުމަޑުން ދޮރުފަތް ހުޅުވާލިއިރު ލޯގަނޑު ކުރިމަތީގައި ސީނާ ތައްޔާރުވާން ހުއްޓެވެ. ރިކްޒާ އަތުގައި އޮފް ފޯނުން ގަޑި ބަލައިލިއެވެ. ރޭގަނޑު އެގާރަ ޖަހަން ގާތްވެއްޖެއެވެ.

"ކިހިނެއްވެފަ ބަލަހައްޓައިގެން ތިހުންނަނީ؟ ކީކޭ ކިޔަން ތިއައީ؟" ބުރުގާ ރަނގަޅު ކުރަން ހުރި ސީނާ ބުނެލިއެވެ.

"އެއްޗެއް ބޭނުންވެގެން" އެތެރެއަށް ވަދެގެން ގޮސް އެނދުގައި އިށީންނަމުން ރިކްޒާ ބުނެލިއެވެ.

"ހޫނ ލާރިއެއް ހޯދަން ތިއައީ ދޯ. ރިކްޒާ ހީކުރަނީ މަމީ ލާރިޖަހާ މެޝިނެއް ކަމަށްތަ؟" މޫނުގައި ފުށް މާގަނޑު ހާކަމުން ސީނާ ބުނެލިއެވެ.

"ދެން އަހަރެން ބުނާނީ ވަކި ކާކު ކައިރީ" ރިކްޒާ ރުންކުރުވިއެވެ.

"ކަލޭގެ ބަފާ އެހެރީ ބޮޑު ސިންގާ ރިސޯޓަކު. އޭނާ ކައިރީ ގުޅާފައި ރުފިޔާދޭށޭ ކިޔަންވީނުން. މިބައިގެ ބާކީ ހުރި ހަމައެކަނި ކޮޓަރި ކުއްޔަށްދީގެން ލިބޭ ހަ ހާސް ރުފިޔާ ހަމައެކަނި މަށަށް ލިބެނީ. އޭގެއިން މިގޭ ކެއްކުމާ ބިލުތައް މިދައްކަނީ. ތަނެއް ދިންއިރު އެ ޒަހާއަކަށް ވެސް ނޭނގުނު ތިން ކޮޓަރީގެ ތަނެއް ދޭން. ނުވިތާކަށް ކަލޭގެ ބޭނުމަށްވެސް ހަރަދުކުރަން މިޖެހެނީ އެ ލާރިން. ތިހެން ހަމަ ލާރި ހޯދަން އަންނައިރު އެއްޗެއް ހިތަށް ނާރާތަ؟" ސީނާ ހަޅޭއްލަވަމުން ގޮސް ލައިގެން ހުރި ޖިންސުގެ ފައިކުރި އޮޅަން ފެށިއެވެ. މިފަދަ ޒަމާނެއްގައި ރަށަކުން ވިޔަސް ބޯހިޔާކޮށްލާނެ ތަނެއް ލިބުނީތީ އެކަމަށް ޝުކުރުއަދާކުރަން ސީނާގެ ހިތަށް ނޭރިއެވެ.

"މަންމަ ހާދަ ބޭނުމޭ ދޯ އަހަރެން ބައްޕަ ކައިރިއަށް ފޮނުވަން. އަހަރެން ހިނގައިދާނަމޭ އެއްކޮށް. ނޫޅެން މިތާ މަންމައަށް އުނދަގުކުރަން ހުންނާކަށް" ރިކްޒާ ތެދުވެގެން ހިނގައިގަތެވެ.

"އަން. ކޮންމެހެން އަހަރެންނާ ޖަދަލުކުރަން ހަދާނެ ކަމެއް ނެތް" ރިކްޒާ ހިނގައިގަތުމާއެކު ސީނާ ބުނނެލިއެވެ. ފަހަތަށް އެނބުރުނު ގޮތަށް ރިކްޒާ ގޮސް ސީނާ ދިއްކޮށްގެން ހުރި ސަތޭކައިގެ ނޫޓުގައި ހިފައިފިއެވެ.

"ތެންކިޔު މަންމާ" ރިކްޒާ ބުނެލިއެވެ. ސީނާ ޖަވާބެއްނުދިނެވެ.

"އަދި ހުއްދައެއް ބޭނުން. އަހަރެންގެ ބެސްޓްފްރެންޑް މިކޮޅަށް އައިސްފި. މާދަމާ އެގެއަށް ޕާޓީއަކަށް ދިޔަސް އެންމެ ރަނގަޅުތަ؟" ރިކްޒާ އެހިއެވެ.

"މަށަށް ހެޔޮ ދިޔަސް. އެކަމަކު ބުނަންތަ. ރޭގަނޑު އަށެއް ޖެހުމުގެ ކުރިން ގެއަށް ވަންނާތި" ދަބަސް ކޮނޑުގައި އަޅުވާލައިގެން ސީނާ އެޕާޓްމަންޓުން ނިކުންނަން ދިޔައެވެ.

"މަންމަ މިގަޑީގަ ކޮންތާކަށް ތިދަނީ؟" ކޮޓަރިއަށް ވަދެވަދެ ހުރި ރިކްޒާ އެހިއެވެ.

"އަހަރެން މިދަނީ މަރިއްޔާމެން ގެއަށް. އެގެއަށް އަލަށް ގެނަސްފައި ހުރި ފޮތިތައް ބަލާލަންވެގެން. އަހަރެން ނަޔަސް ކަލޭ ދޮރު ތަޅުލައިގެން ނިދަން އަރާ" ސީނާ އޭނާގެ ރުންކުރު ރާގުގައި ބުނެލިއެވެ.

ގޭ ދޮރު މައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ޖިޔާ ސައިކަލުން ފޭބިއެވެ. ޖޫދު ވޮލެޓުން ހުޅުވާލާފައި ދިއްކޮށްލި ފައިސާ ހިފައިގެން ގެއާ ދިމާލަށް ދިޔަ ޖިޔާއަށް ޖޫދު ގޮވާލިއެވެ.

"މާދަމާ ކޮން ޓެސްޓެއް އޮތީ؟" ޖިޔާ ބަލައިލުމާއެކު ޖޫދު އެހިއެވެ.

"އިންގލިޝް" ޖިޔާ ބުންޏެވެ.

"ދޮންބެގެ ހެލްޕް ބޭނުންވާނެ ދޯ. ބަލާނަން އަވަށް އާދެވޭތޯ" އެހެން ބުނެފައި ޖޫދު ސައިކަލް ކުރިއަށް ދުއްވާލިއެވެ.

ލިފްޓު ހަލާކުވެފައި ހުރުމުން ހަތަރުވަނަ ބުރިއަށް ސިޑިން އަރަން ޖެހުމުން ޖިޔާ ކަންނެތްވިއެވެ. ދެއަތުން ކޮނޑުގައި އޮތް ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެން މަޑުމަޑުން އަރަމުން ދަނިކޮށް ދެވަނަ ބައިގެ ސިޑިގޮޅި އާ ހަމައިން އޭނާއަށް މީހަކު ގޮވާލައިފިއެވެ. ބަލައިލި ހިނދުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އިމާރާތުގެ ދެވަނަ ފަންގިފިލާ ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައި ހުންނަ ޝަމްސު ޖިޔާގެ ގައިގައި ބައްދާލިއެވެ. ޝަމްސުއަކީ ޖިޔާގެ މަންމަގެ އުމުރު މީހެކެވެ. ޝަމްސު ދެ ދަރިންނާއެކު އެގެއަށް ބަދަލުވިއިރު ޖިޔާ ވަރަށް ކުޑައެވެ. ދެމަސްދުވަހުގެ މުއްދަތަކަށް އެމީހުން މާލޭގައި ތިބެފައި އެ އައީ ޝަމްސުގެ މަންމަ މާބޮޑަށް ބަލިވެގެންނެވެ.

"ޝަމްސްދައްތަމެން ކޮންއިރަކު އައީ؟" ޖިޔާ އެހިއެވެ. އޭނާ ގޮސް ހުއްޓުނީ އެޕާޓްމަންޓް ދޮރުމަތީގައެވެ.

"މިއަދު. ކޮބާ މަންމަ؟ ޝަމްސުދައްތަ ގޭތެރެ ހަމަޔަކަށް އަޅުވާލާފައި ދާނަން އިނގޭ މަންމަ ކައިރިއަށް" ޖިޔާގެ ބޮލުގައި ފިރުމާލަމުން ޝަމްސު ބުނެލިއެވެ.

"އޯކޭ. ކޮބާ ގަމަރު؟" ޖިޔާ އެހިއެވެ.

"ހީވަނީ ފެންވަރަނީ ކަންނޭނގެ. ދަތުރުމަތީގައި ވަރަށް ހޮޑުލި. އެހެންވެ ފެންވަރައިން ނިކުމެ އޮވެދާނެ ނިދިފަވެސް" ޝަމްސު ބުނެލިއެވެ. ގަމަރަކީ ޝަމްސުގެ ހަގު ދަރިފުޅެވެ. ޖިޔާ އާއި ގާތްގަނޑަކަށް އެއްއުމުރުގެ ކުއްޖެކެވެ. ޖިޔާއާއި އެއް ކުލާހެއްގައި އުޅޭތީ އެދެކުދިންވެފައި ވަނީ ވަރަށް ގާތް ދެ އެކުވެރިންނަށެވެ.

"އަނހަ. މިހިރީ ކޮން ކުއްޖެއް؟" ޖިޔާ ފަހަތަށް ބަލައިލީ އިވުނު ފިރިހެން އަޑަކުންނެވެ. އޭރު ގެނައި ފޮށިގަނޑު އެޕާޓްމަންޓް ދޮރުން އެތެރެއަށް ވައްދައިލަމުން އައިމަން ހިންދެމިލައިފިއެވެ.

"އައިމަންބެ ތަ؟ ނުވެސް އެނގުނު" އައިމަނަށް ބަލައިލާފައި ޖިޔާ ބުނެލިއެވެ.

"ހެހެހެ... ކާކަށް އެނގޭނީ. މާބޮޑަށް ވިއްޔާ ތުނބުޅި ދިގުކޮށްފަ އެހުރީ. ދޯ ޖިޔާ" ހީލަމުން ޝަމްސު ބުނެލިއެވެ.

"ސަޅިއޭ މިހާރު އައިމަންބެ" ޖީޔާ ހީލަމުން ބުނެލިއެވެ. އައިމަން ހީލާފައި ޖިޔާގެ ބޮލުގައި ފިރުމާލިއެވެ.

"ދޮންބެ އަންނާނެ އިރުކޮޅަކުން. އައިމަންބެމެން އައި ކަމެއް ނޭނގޭނެ. ސަޕްރައިޒެއް ދޭނީ ދޯ" މަޖާވެފައި ޖިޔާ ބުނެލިއެވެ.

އައިމަނަކީ ޝަމްސުގެ ދޮށީ ދަރިފުޅެވެ. ޖޫދަށް ވުރެ ތިން އަހަރު ދޮށްޓެވެ. އެހެންނަމަވެސް އައިމަނާއި ޖޫދު ވެފައިވަނީ ކުޑައިރުގެ ދެ އެކުވެރިންނަށެވެ. ގަމަރު ފަދައިން ޖިޔާއާއި މެދު އައިމަން ދެކެނީވެސް ކޮއްކޮއެއް ފަދައިންނެވެ. ޖޫދުވެސް ހަމަ އެފަދައެވެ. ދެ އާއިލާ އެހައި ގުޅިގެން އުޅޭތީ އެކަމާ އަބަދު ހޮޑުލަވާފައި ހުންނަނީ ސީނާއެވެ. އެއް ލިފްޓު ހިއްސާކުރަން ޖެހުނަސް ދުވަހަކުވެސް ސީނާ އިސްވެ ޝަމްސު އާ ވާހަކަދައްކާފައެއް ނެތެވެ. ޒަހާ އާއި ޝަމްސުގެ އާއިލާ ގާތްގުޅުމެއް އޮންނާތީ ސީނާ ހުންނަނީ އަބަދުވެސް މޭކަރާ ގޮތް ވެފައެވެ.

ޖޫދަށް ގެއަށް އާދެވުނީ ހަވީރު ވާން އުޅެނިކޮށެވެ. ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އެހެންނަމަވެސް އޭނާގެ ނޭފަތުގައި މީރު ވަހެއް ޖެހުމާއެކު ހީވީ މޭ ފުރިގެން އައި ހެންނެވެ. ވަގުތުން އޭނާ ޖިޔާގެ ނަން ކިޔާލައިފިއެވެ. ބަދިގެ އާ ދިމާލަށް ދިޔައީ ވަސް އަންނަނީ އެދިމާލުން ކަން އެނގޭތީއެވެ.

"ޕޭން ކޭކް... އޯވް... ރެސިޕީ ބަލައިގެން. ގަދައޭ ޖީ" އައިސްއަލަމާރި ކައިރިއަށް ހުއްޓި ފިނި ފެން ފުޅިއެއް ނަގަމުން ޖޫދު ބުނެލިއެވެ.

"އެނގޭތަ ޝަމްސުދައްތަމެން އަތުވެއްޖެ. މީ ގަމަރު ޖީއަށް ހަދިޔާއަކަށް ގެނައި ފޮތް" ކެބިނެޓް މަތީގައި އޮތް ކައްކާ ފޮތް ޖޫދަށް ދައްކައިލަމުން ޖިޔާ ބުންޏެވެ.

"ދޮންބެއަށް އެނގިއްޖެ. ހީވީ އެބައިގަ ތަންކޮޅެއް އަޑުގަދަހެން" ޖޫދު ބުނެލިއެވެ.

"ދޮންބެ ޗޭންޖްކޮށްލައިގެން އާދޭ. ޖީ ސައި ތައްޔާރުކޮށްލާނަން" ޖިޔާ ބުނެލިއެވެ.

ކޮޓަރިއަށް ދަމުން ޖޫދު ޒަހާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ޒަހާ ސަލާމްދީފައި ފަހަތް ބަލައިލިއިރު ޖޫދު އިނީ އެނދުގައެވެ. ދަރިފުޅު ފެނުމާއެކު ޒަހާގެ ހީލިއެވެ. އަމިއްލައަށް ނަމާދު ބުރުގާ ބޮލުން ވަކިކޮށްލާފައި ތިރީގައި އޮތް މުސައްލަ މައްޗަށް ވައްޓާލިއެވެ. އަދި ހިތްވަރާއެކު ފަޔަށް ލައްވާފައި އިން އިސްޓާކީނުވެސް ދަމައިގަތެވެ. އެވަގުތު ޖޫދު ކުރިއަށް ޖެހިލާފައި ޒަހާގެ ގޮނޑި ދަމާލާފައި ގެނެސް ބޮޑު އެނދު ކައިރީގައި ބެހެއްޓިއެވެ. އަދި ޒަހާ ނަމާދަށް އެރި އެއްޗެހި ރީތިކޮށް ފަތްޖަހާލާފައި މުސައްލަ އޮޅާލިއެވެ. އެއަށްފަހު ގެންގޮސް ކަބަޑުމަތީގައި ބެހެއްޓިއެވެ.

"ދަރިފުޅު ނަމާދުކުރިންތަ؟" ޒަހާ އެހިއެވެ.

"އަދި ނުކުރަން. ނިންމާފަ އައި ގޮތަށް ގެއަށް މިއައީ" ޖޫދު ބުންޏެވެ.

"އެހެންވިއްޔާ ދޭ ނަމާދުކުރަން. އެހެންކަމަކަށް އިސްކަންދޭންވާނީ ނަމާދަށް ފަހު. އެއީ ތިމާގެ މަންމަ ކަމުގައި ވިޔަސް" ޒަހާ ބުނެލިއެވެ. ބޯޖަހާލާފައި ޖޫދު ނިކުމެގެން ދިޔަ ދިމާލަށް ބަލަން ހުރެފައި ޒަހާ އަރިމަތީ މޭޒުމަތީގައި އޮތް ޒިކުރު ފޮތް ނަގައިގެން ކިޔަން ފެށިއެވެ. ކޮޓަރީގައި އެކަނި އިންނަ ވަގުތުތަކުގައި އޭނާ އަމިއްލައަށް އެކި ކަންތައް ކޮށްލެވޭތޯ ބަލައެވެ. އެއްވެސް ޑޮކްޓަރެއް އޭނާއަށް ނުހިނގޭނޭ ނުބުނެއެވެ. އެހެންކަމުން އަބަދުވެސް ދެފައި މައްޗަށް ކޮޅަށް ހުރެވޭނޭ ދުވަހަކަށް އޭނާ އިންތިޒާރު ކުރެއެވެ. އޭނާގެ ދެއަތުން ދެ ދަރިންނަށް ހިދުމަތްކޮށްދޭން އޭނާ އިންތިހާއަށް އެދެއެވެ.

ކުޑަދޮރު ހުޅުވާލައިގެން ގޭ ބިއްދޮށުގައި އޮތް ގަސްތަކާ ދިމާލަށް ބަލަހައްޓައިގެން ފޯނުގައި ހުރި އަންބަރަށް ކުއްލި ސިހުމެއް ލިބުނީ ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލި އަޑު އިވިގެންނެވެ. ކަންފަތާ ފޯނު ދުރުކޮށްލެވުނީ ކުއްލިއަކަށެވެ.

"ދޮންތަ ތަ؟" ކޮޓަރިއަށް ވަދެގެން އައި އަލިޝްބާ ފެނުމުން އަންބަރް ބުނެލިއެވެ.

"ކާކު ކަމަށް ހީކުރީ. ކާކާ މާ ސިއްރުން ތިވާހަކަ ދައްކަނީ" އަލިޝްބާ އެހެން ބުނުމާއެކު އަންބަރް ފަހަތަށް ނިވާކޮށްގެން ހުރި އަތްނެރެ ހިނިތުންވެލައިފިއެވެ. އަދި އަލިޝްބާއަށް ނުފެންނާނޭ ހެން ފޯނުގެ ރަތް ފިތުގައި އިނގިލި ޖެއްސިއެވެ.

"އެއީ ރައްޓިއްސެއް" މޫނު މައްޗަށް ވެރި ހާސްކަން ފިލުވައިލަމުން އަންބަރް ބުނެލިއެވެ. އަދި އެނދުގައި އިށީނުމަށްފަހު އެނދުގައި އޮތް އޭނާގެ އެންމެ ގަޔާވާ ހިތެއްގެ ބައްޓަމަށް އޮތް ކުޝަން ނަގާ މޭގައި ޖައްސާލިއެވެ.

"އޯލްރައިޓް. ކޮއްކޮގެ ހާދަ ރައްޓެހިން ގިނައޭ ދޯ. މިހާރުވެސް ސިޓިންރޫމުގަ އެބަހުރި ކޮއްކޮ ހޯދަން އައިސް ހުރި ކުއްޖެއް. އެއްވެސް ކުއްޖަކަށް ގަޑި ކިއިންތަ؟" އަލިޝްބާ ބުނެލިއެވެ. އެހިނދު ކަމެއް މަތިން ހަނދާންވެފައި އަންބަރް އެނދުން ތެދުވީ ފުންމައިގެންނެވެ.

"އޯވް... އެއީ ރިޒް. ހަނދާނެއްވެސް ނެތް. ދޮންތަ އޭނަ ގޮވައިގެން އައި ނަމަ" ދެފަރާތު ކޮނޑުމަތިން ކުރިމައްޗަށް އައިސްފައި އޮތް އިސްތަށިގަނޑުގެ ބައި ފަހަތަށް އެއްލަމުން އަންބަރް ބުނެލިއެވެ.

"އެއީ ކޮންމެ ކުއްޖަކަށް ވިޔަސް އެކުއްޖާއަށް ސައި ދީފަ ގެއަށް ފޮނުވާތި އެނގޭ. ދޮންތަމެން މިއުޅެނީ ސައިހަދައިގެން" ކޮޓަރިން ނިކުންނަމުން އަލިޝްބާ ބުނެލިއެވެ.

ކޮޓަރިން ނިކުމެގެން ދުވެފައި އައި އަންބަރް ސޯފާގައި އިން ރިކްޒާގެ ގައިގައި އޮޅުލައިގަތެވެ. އެ މަންޒަރު ބަދިގެއިން ނިކުތް ސުމައްޔާއަށް ފެނުމުން ހިނިތުންވެލައިފިއެވެ.

"އެކުއްޖާ މިހާރު ހާދަ ހިކިއްޖޭ ދޯ" މޭޒު ކައިރީގައި ކޭކުގައި އައިސިން އަޅަން ހުރި އަލިޝްބާއަށް ސުމައްޔާ ބުނެލިއެވެ.

"އާނ. މަންމަ ހަނދާން އެބަހުރި ދޯ އިބާގެ އެ ރަހްމަތްތެރިޔާ" އަލިޝްބާ ބުނެލިއެވެ.

"ހަނދާން ހުންނާނެއްނު. މިރަށުން ފުރަން ދިޔައިރު އެމަންޖެ ފުރުވަން ދިޔަ ވިއްޔާ އެކުއްޖާ. ކޮންމެސް ރިޒާއެއް ރިކާއެއް ކަންނޭނގެ" އަލިޝްބާގެ ހަރަކާތްތައް ބަލަން ގޮނޑީގަ އިން ސުމައްޔާ ބުނެލިއެވެ.

"ހެހެހެ... ރިޒޫ" އަލިޝްބާ ހީލާފައި ސުމައްޔާއަށް ރަނގަޅުކޮށްދިނެވެ.

"ނިމުނީތަ؟ ނިމުނިއްޔާ އިހަށް މިތަނުގައި މަޑުކޮށްލަބަ. މަންމަ ވާހަކައެއް ބުނަންވެގެން" އަލިޝްބާ ދުރަށް ހިނގައިގަތުމުން ސުމައްޔާ ބުނެލިއެވެ. ކޭކު ހިފައިގެން ގޮސް އައިސް އަލަމާރިއަށް ލާފައި އަލިޝްބާ އިށީނީ ސުމައްޔާއާއި ޖެހިގެން ހުރި ގޮނޑީގައެވެ.

"ކިހިނެއްވީ މަންމާ؟" އަލިޝްބާ އެހިއެވެ.

"ދަރިފުޅު ބޭނުންނުވޭތަ ބޮޑު ޕާޓީއެއް ބާއްވަން. އަދިވެސް މަންމައާއި ބައްޕަ މިހުރީ ދަރިފުޅަށްޓަކައި ހަރަދުކުރަން ތައްޔާރަށް" ސުމައްޔާ ބުނެލިއެވެ.

"މަންމާ، އަޅުގަނޑު ބުނީމެއްނު. ކައިވެނީގެ ވަލީމާ ދިނުމަކީ ސުންނަތެއް. ކޮންމެހެން ބޮޑެތި ހަރަދުކޮށްގެން ޕާޓީ ބާއްވައިގެން އަގުބޮޑެތި ހެދުން ލާކަށް ނުޖެހެއޭ. އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ދެއްކުންތެރިކަމެއް. ކިތަންމެ މަޑުމޮޅި ހިތެއްގެ މީހަކަސް ބޮޑު ޕާޓީއަކަށް ތައްޔާރުވަންޏާ ދެއްކުންތެރިކަމެއް ނުހިމެނިއެއް ނުހުންނާނެ. ދެއްކުންތެރިކަމުގެ ކިތަންމެ ކުޑަ މިންވަރެއްވެސް ހިމެނޭނެކަން ޔަގީން. އެހެންވީމަ މާ ރަނގަޅެއްނު ވިސްނައިގެން ހުރެ ނޭނގި ހުރެވެސް ފާފައަކަށް އަރައިނުގަނެވުނިއްޔާ" އަލިޝްބާ ވާހަކަދެއްކިއެވެ. ސުމައްޔާގެ ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުމުގައި އަލިޝްބާގެ އަތުގައި ފިރުމާލެވިއްޖެއެވެ. އުފަލުން އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އޭނާއަށް އިތްފަތްތެރި އަންހެންކުއްޖަކު ބޮޑު ކުރެވިއްޖެ ކަމުގެ އުފާވެރިކަން އިހުސާސް ކުރެވިއްޖެއެވެ.

"މަންމަ ހިތަށް އަރާ މަންމަގެ ދެން ހުރި ދަރިފުޅުވެސް ލިބާ ފަދައިން ވާނެ ނަމައޭ" ޖަޒުބަތުގައި ޖެހިފައި އިން ސުމައްޔާ ބުނެލިއެވެ.

"މަންމާ އިބާގެ ސިކުނޑި އަދި ޅައީ. ވަގުތު ޖެހުނީމަ އިބާއަށް އަދި ވިސްނޭނެ. އެ ވާރިޝް އާ ހެދިގެން މޮޔަވެގެން އެންމެފަހުން ފިލައިގެން ގޮސް ކައިވެނި ކުރީ ކޮއްކޮގެ މޮޔަކަމުން. ވާރިޝް ރަނގަޅު މީހެއް ނޫންވީމަ އެހެރީނު ދުރުވެގެން. ހުރިހާކަމެއްވެސް ވަގުތާއެކު ރަނގަޅު ވާނެ" އަލިޝްބާ ލޯތްބާއެކު ވާހަކަދެއްކިއެވެ.

"މަންމަ ބޭނުން އިބާ އެ އަޅާ ހެދުންތައް ބަދަލުކުރުވަން. ނަމާދުކުރުވަން. ހާއްސަކޮށް އެ ރީތި އިސްތަށިގަނޑު ފޮރުވަން" ސުމައްޔާ އަސަރާއެކު ބުނެލިއެވެ.

"މަންމާ ދެރަނުވޭ. އިބާކޮއްކޮގެ ފަރާތުން އަދި ތި ހުރިހާ ކަމެއްވެސް ހައްލުވާނެ. ބަލަންހުރޭ. ހުރިހާ ކަމެއްގެ ޕްރެޝަރ އެއްފަހަރާ ކޮއްކޮގެ ބޮލަށް ކަނޑާލީމަ ކަމަކުނުދާނެ. ފަހަރަކު ކަމެއް ރަނގަޅުކުރަން މަސައްކަތްކުރާނީ" އަލިޝްބާ ބުނެލިއެވެ. އެންމެފަހުން ސުމައްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަލިޝްބާގެ ބަސްތަކަށް އިތުބާރު ކުރުން ނޫން ގޮތެއް އޭނާއަށް ނެތެވެ.

"މިހެން އިނދެވޭކަށް ނެތް. މާދަމާ ލިބާގެ ބޮޑު ދުވަހެއްނު" ގޮނޑިން ތެދުވަމުން ސުމައްޔަ ބުނެލިއެވެ.

(ނުނިމޭ)