"އެމީހުން އަހަރެން ބަދުނާމްކުރަން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ. އަހަރެން ސަފިއްޔާ ވަރިކުރީ ދެ އަތްބަށް އިންނަން ޤަބޫލުނުވެގެން،. އަނިޔާއެއް ނުކުރަން، އެ ހަދަނީ ދޮގު. އޭނާ ކޮން ހެއްކެއް ދެއްކީ." ހުސްނީ އަހާލިއެވެ. ރިޒްމީންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެ ދޮރުން ނިކުން މީހާ ފެނި ހުސްނީ ބަސްހުއްޓުނެވެ.
ކަޅުކުލައިގެ މޫނު ފޮތިކޮޅު ނޫރާ ހިއްލާލާފައި ހުސްނީއަށް ބަލައިލުމުން ފެނުނީ ތަންމިތަނަށް ދެލޯ ބޮޑުކޮށްލައިގެންހުއްޓައެވެ. ހުސްނީ އަމިއްލަ ދިފާޢުގައި ދައްކާނެ ވާހަކަ ހުސްވެ ދޫ ބަންދުވެފައިވާތަން ފެނުމުން ނޫރާގެ ހިތަށް ލިބުނު ހަމަޖެހުން ބުނެދެންވެސް ނޭނގުނެވެ. ލިބުނު ކާމިޔާބީގެ އުފާވެރިކަމާއި އެއްވަރަށް ނޫރާއަށް ހިތްވަރު ލިބިގެން ދިޔައެވެ.
ރިޒްމީން އާއި ބައްދަލުވީ ސަފިއްޔާގެ އެހީތެރިކަމުންނެވެ. ސަފިއްޔާއަށް އޮތީ ހުސްނީ އިންނަން އުޅޭ ކުއްޖާގެ މައުލޫމާތު އެނގިފައެވެ. ހުސްނީގެ ހަޤީޤަތް ފޯނުން ގުޅައިގެން ކިޔައިދެން އުޅެފައި އެ ޚިޔާލު ބަދަލުވީ ރިޒްމީން އަކީ އަޑުއިވުމުގެ ޤާބިލްކަން ނެތް އަންހެންކުއްޖެއްކަން އެނގުމުންނެވެ. ރިޒްމީން ތައްޔާރުކޮށްދެން ގެއަށް ވަން މީހުންނާއި އެކު ނޫރާ އެތެރެއަށް ވަނެވެ. ވަކިން ކޮޓަރި ތެރޭގައި ރިޒްމީން ހުރިހާ ހަޤީޤަތެއް ކިޔައިދެވުނެވެ.
"އަހަރެން ހެއްދެވި ފަރާތް ގަންދީ ބުނަން، އަހަރެން ދެއްކި ވާހަކައިގައި ޒައްރެއްގެ މިންވަރަށްވެސް ދޮގެއް ނުވާނެކަން، ހުސްނީ އާއި ރިޒްމީންގެ ކައިވެނި ނުކުރެވުނަސް އެޔަށްވުރެ ފަހި ރަހްމަތް ރިޒްމީންއަށްޓަކައި ލިޔެވިގެންވާކަން ޤަބޫލުކުރޭ، ﷲ އެއްޗެއް ގެންދަވަނީ އެޔަށްވުރެ ފުރިހަމަ ނިއުމަތެއް މިންވަރުކޮށްދެއްވަވާފައި،" ނޫރާ ބަލައިލީ ރާމިޒާއަށެވެ. އެ މަންމަގެ ދެލޮލުގައިވަނީ ހިތްދަތިކަމެވެ. ބޮޑުވެ ތަސައްވަރު ފުދިފައިވާ އަންހެންދަރިއަކާއި މެދު މައިމީހާގެ ހިތުގައިވާނެ އުއްމީދު ނޫރާއަށް އެނގެއެވެ. ކައިވެންޏަކަށް ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް އެކަން ހުއްޓުމަކަށް އައުމުން މީހުންގެ ފަރާތުން ލިބޭނެ ބަދުނާމްގެ ބަސްތަކެވެ. އޭނާއަށް މި އާދެވުނީ އެންމެ ރަނގަޅު ވަގުތަކު ނޫން ކަންނޭނގެއެވެ. މީގެ ދުވަސްކޮޅެއްކުރިން އެމީހުންނާއި ބައްދަލުވާނެ ގޮތެއް އޮތްނަމަ މާ ރަނގަޅުވީހެވެ. އެހެންނަމަ އެއްވެސް މީހަކަށް ނޭނގި އެކަންތައް ނިމުނީހެވެ.
"ދެރަނުވޭ ދަރިފުޅާ، ހިނގާ އެތެރެއަށް." ރާމިޒާގެ އިޝާރާތުން ރިޒްމީންއަށް އިއްވިއެވެ. ރިޒްމީންގެ މޫނުމަތިން މާ ބޮޑު ހިތާމައެއް ނުފެނެއެވެ. އޭނާއަށް މިންވަރުކުރެއްވިގޮތަށް ރުހޭކަން އެނގެއެވެ. ކެއްތެރިކަމާއި ސާބިތުކަން ހުރީ މޫނުމަތިން ފެންނާށެވެ. ރާމިޒާ އާއި އެކު ކޮޓަރިއަށް ވަންނަން އުޅެފައި ރިޒްމީން ހުއްޓުނެވެ. ހުސްނީގެ މޫނަށް ބަލައިލިއެވެ. ރާމިޒާގެ އަތް ދުރުކޮށްލާފައި އޭނާ އައިސް ހުއްޓުނީ ހުސްނީގެ ކުރިމަތީގައެވެ.
އަމިއްލަ ޝުއޫރުތައް ކިޔައިދޭނެ ނަޞީބު ލިބިފައިނުވާ ރިޒްމީންގެ މޫނުމަތިން ފެންނަ އަސަރުތައް މާނަ ކުރަން ނޭނގުނަސް ހުސްނީގެ ހިތް ބުނަމުން ދިޔައީ ރިޒްމީން ކައިވެނި ކުރަން އެދޭނެކަމެވެ. ދެންމެ ސަލްމާން އެބުނީ ރިޒްމީން އެދޭގޮތެއް ނޫނޭ އޭނާގެ ހިތް ބުނެއެވެ. އެއީ އެމީހުން ނިންމި ނިންމުމެވެ. ބައެއްފަހަރު ދަރިންނަށްޖެހެނީ މައިންބަފައިން ނިންމާ ކޮންމެ ނިންމުމަކަށް އާއެނކޭ ބުނާށެވެ.
"ރިޒްމީން. އަހަރެންނަށް އިތުބާރުކުރޭ، އޭނަ އެ ދައްކާ ވާހަކަ އަޑުއަހާނެ ކަމެއް ނެތް، އަހަރެން ރިޒްމީން އާއި ކައިވެނިކުރާނަން." ހުސްނީ ވާހަކަ ދައްކަމުން ދިޔައިރު އަތުގެ އިޝާރާތުން އެ ބަސްތައް ރިޒްމީންއަށް ދޭހަކޮށްދެވޭތޯ މަސައްކަތްކުރިއެވެ. ރިޒްމީން ފަސްއެނބުރި ސަލްމާންގެ މޫނަށް ބަލައިލިއެވެ. މުޅިތަން ހީވަނީ ހަމަހިމޭންކަމުގެ ސާލެއް ލެވިފައިވާހެންނެވެ.
ހުސްނީގެ ހިތް އަވަސްވެގެން ދިޔައެވެ. ސަލްމާން ދެލޯ ބޮޑުކޮށްލައިގެން ހުއްޓަސް އޭނާ ބިރެއް ނުގަނެއެވެ. އޭނާއަށް ހީވަނީ ރިޒްމީން އޭނާގެ އަތުގައި ހިފާނެހެންނެވެ. އެ އުއްމީދާއިއެކު ހުސްނީ އަތް ދިއްކޮށްލިއެވެ. އޭނާގެ ތުންފަތް ހިނިތުންވުމަކުން ފުޅާވެގެން ދިޔައެވެ. ނޫރާގެ މޫނަށް ބަލައިލީ ބޮޑާކަމާއި އެކުގައެވެ.
ހުސްނީގެ މޫނުގެ އެއްފަރާތަށް އިހްސާސްވީ ރިޒްމީންގެ އަތްތިލައިގެ ހޫނުކަމެވެ. އެއަށްފަހު ކަންފަތް ފަޅައިގެންދާވަރަށް އިވުނީ ހަޅެއްލަވައިގެން އަޑެވެ. ބަސްބުނުމުގެ ކުޅަދާނަކަން ނެތުމުން އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލީ އެފަދަގޮތަކަށެވެ. ރިޒްމީންގެ ހިތްކުދިކުދިވެފައިވާކަން ދެލޮލަށް ގިނަވި ކަރުނަތައް ހެކިދެއެވެ. އޭނާ އަތުން އިޝާރަތްކުރީ ހުސްނީއަށް އެގެއިން ނިކުންނާށެވެ. އަނެއްކާވެސް ހަޅެއްލަވައިގަތެވެ. މިވަގުތު އެ މައުސޫމް އަންހެންކުއްޖާގެ ހިތުގައި ހާދަހާ ގިނަ ޝަކުވާއެއް ވާނެއެވެ.
ދުވެފައި ގޮސް ރާމިޒާގެ ކަރުގައި ބައްދާލިއެވެ. މިފަހަރު ރުއިމުގެ އަޑު ހުއްޓެވެ. އެމަންޒަރު ބަލަން ހުރި ސަލްމާންގެ ދެލޮލުން ކަރުނަ ހިލުނެވެ. އެއީ އޭނާގެ ދެލޮލުގެ ނޫރެވެ. ރިޒްމީން ދެކެ އޭނާ ނުލާހިކު ލޯބިވެއެވެ. އެހެން ދަރިންނަށްވުރެވެސް އިތުރަށެވެ. ރިޒްމީން ބޮޑުވީ އެމީހުންގެ ފަރާތުން ހިތްދަތިކަމެއް ނުލިބިއެވެ. އެއްވެސް ކަމެއްގެ ޝަކުވާނުކޮށެވެ. މިއަދު އެދަރިފުޅު އަޑުން އަޑު ނަގައި ރޮނީ ހާދަ ހިތުގައި ޖެހުނީމައެވެ.
ވަގު ބުޅަލެއް ފައްސާލާހެން އެގެއިން ހުސްނީ ނެރެލެވުނެވެ. އެންމެންގެ ކުރިމަތީ ހުސްނީގެ ގަދަރާއި އަގު ވެއްޓުނެވެ. އޭނާގެ ހަޤީޤީ ސިފަ ހާމަވިއެވެ.
"ކަލޭގެ ގައިގައި ތި ނުބައި ސިފަ ފޮހެނުލެވޭހާ ހިނދު މި ބިމުގެ އެއްވެސް އަންހެންދަރިއަކާއި ކައިވެނިކުރަން ހިތަށްވެސް ނާރުވާތި، އަންހެނުންނަކީ ބަލިކަށިބައެއް، އޯގާތެރިކަމާއި އަޅާލުން ބޭނުންވޭ، އެމީހުންނާއި މެދު ރައްކާތެރިވުމަށް އަމުރުކުރައްވާފައިވޭ، ކައިވެންޏަކީ ބޭނުންވީމައި ކުރާ ކުޅިވަރެއް ނޫން، އޭގައި އެތައް ބައިވަރު ހައްޤުތަކެއްވޭ، އެއީ ބޮލުގައި އެޅޭ ޒިންމާތަކެއް، އަދި އަދާނުކުރެވިއްޖެނަމަ ފާފަވެރިވާކަމެއް، އުމުރު ދެބައި ވީއިރުވެސް ތިން ހަތަރު ކައިވެނި ކުރިއަސް އެވަރު ވިސްނިފައި ނެތްނަމަ އަދި ކަލޭ އަލުން ދާންވީ މައިމީހާގެ އުނގަށް، " ސަލްމާންގެ ބަސްތައް ހަރުކަށިވިއަސް އޭގައިވީ ނަޞޭހަތެވެ. އޭނާގެ ގައިގައި ހަޤީޤަތާއި ކުރިމަތިލާނެ ހިތްވަރު އެބަހުއްޓެވެ. މުދަލާއި ފައިސާއަށް ހެއްލޭ މީހަކު ކަމުގައި އޭނާ ނުވެއެވެ. އަދި މީހުންގެ މަލާމާތާއި ބަދުބަސް އިވޭނެކަމަށްޓަކައި ހަޤީޤަތް ވަންހަނާކުރާނެ މީހެއްކަމުގައިވެސް ނުވެއެވެ. ކައިވެނި ނުކުރެވޭނެކަން ސަލްމާން އިއުލާންކުރިއެވެ. އެއްވެތިބި މީހުންގެ ކައިރިން މަޢާފަށް އެދުނެވެ. ދެން އޭނާ އެނބުރުނީ ރިޒްމީން އާއި ދިމާލަށެވެ. އެއީ އޭނާއަށް ހެދުނު ގޯހެކޭ ބުނެލިއެވެ. ހުސްނީ އަކީ ކިހާވަރެއްގެ މީހެއްތޯ ބެލުމަކީ އޭނާގެ ޒިންމާއެކެވެ. ވަލީ އަކީ ދުލުން ބުނެވޭ ބަހެއް ނޫނެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ އަމާނާތެއް އަނެއްމީހާގެ އަތްމައްޗަށް ދޫކޮށްލުމަކީވެސް އެކަމާއި މެދު ސުވާލު ކުރެވޭނެކަމެކެވެ. އެއީވެސް ޒިންމާއެކެވެ.
** **
ނަސްރު ބައްދަލުކުރަން ބުނެގެން ސާރިމް ދިއުމުން ނަސްރު ދެއްކީ އޭނާ ރަށަށް ދާ ވާހަކައެވެ. އޭރު މާލެ އައިގޮތަށް މަސައްކަތެއްވެސް ނުކޮށް މިހާ ދުވަހު ހުރީ ކީއްވެތޯ ސާރިމް އަހާލިއެވެ. ނަސްރުގެ މޫނުމަތިން މޮޅިވެރިކަން ފެންނަން ހުއްޓެވެ. އޭނާ ދިރިއުޅުމުގެ ކަންތައް ސާރިމް އަށް ކިޔައިނުދެވިވާކަން އެނގެއެވެ. ނަސްރު ކިޔައިދިނީ އޭނާގެ ކައިވެނި ރޫޅުނެ ގޮތެވެ. އަނބިމީހާގެ ވަފާތެރިކަން ނެތް ކަން އެނގުމުން ނަސްރު އަންހެނުން ދޫކޮށްލިއެވެ. ދުވަސްކޮޅަކަށް އެ މާހައުލު ބަދަލުކޮށްލަން ބޭނުންވެ މާލެ އައިސް އުޅެނިކޮށް ދިމާވީ ރަމްލާ އެވެ. ރަށުގައި އުޅޭއިރު ވާހަކަ ނުދެއްކިއަސް ރަމްލާ ފެނުނީ ތަފާތުކޮށެވެ. ހިތްހެޔޮކަމާއި އެކު ވާހަކަ ދެއްކިއެވެ. އެގެއަށް ގެންދިޔައެވެ. ނޫރާގެ ވާހަކަ ކިޔައިދިނެވެ.
ނޫރާ އާއި ކައިވެނިކުރަން ނަސްރު ގަސްތުކުރާކަން އެނގުމުން ރަމްލާ އެކަމާއި އުފާވިއެވެ. އަދި ރުހޭކަމުގައި ބުންޏެވެ. އޭނާ މަޑުކުރި ސަބަބަކީ އެއީއެވެ. ތިންމަސް ދުވަސްވީއިރު އޭނާއަށް ނުލިބުނީ ނޫރާގެ ރުހުމެވެ. އެންމެ ފުރަތަމަ ދުވަހު ނަސްރު ފެނިގެން އެ ފެނުނު ރުޅީވެރިކަން މިއަދާއި ހަމަޔަށްވެސް ގެންގުޅެއެވެ.
"މުޅިން މާޔޫސްވެއްޖެ، އަލުން ރަށަށް ގޮސް އެހެން ދިރިއުޅުމެއް ފަށާނި." ނަސްރު ބުނެލިއެވެ. ސާރިމް ހައިރާންވިއެވެ. ނޫރާގެ ރުހުން ނުލިބުނު ސަބަބަކާއި މެދު ވިސްނާފައެވެ.
"އޭނަ މިހާރު ހުންނާނީ މިނިވަންވެފައި. ދެން ކީއްވެ އެއްބަސްނުވީ؟" ސާރިމް އަހާލިއެވެ. ނަސްރު ކަމުނުދަނީ ކީއްވެކަމެއް ނޭނގެއެވެ. ނޫރާ ގެންގުޅެވޭނެވަރުގެ ގާބިލްކަން ނަސްރުގެ ހުންނާނެއެވެ. ސާރިމްއަށް އަބަދުވެސް ފެންނަ ނަސްރަކީ ހުރިހާ މަސައްކަތެއް ދަންނަ ފިރިހެނެކެވެ. އެކަހަލަ ފިރިހެނުން މަދުވެސް ވާނެއެވެ.
"އޭނަ އަދިވެސް ހުރީ ސާރިމްގެ އިންތިޒާރުގައި." ނަސްރު ބުނެލިއެވެ. އެ ވާހަކަ ސާރިމްއަށް ޤަބޫލުކުރެވެއެވެ. ނޫރާ އަދިވެސް އޭނާ ބޭނުންވެދާނެއެވެ. އެކަމަކު ބައެއްފަހަރު ލިބެން ނެތް ނިއުމަތެއް ދޫކޮށްލުމަކީ އެމީހަކު މައްޗަށް ލިޔެވިގެންވާ ހެޔޮކަމެކެވެ.
"ދުވަސްކޮޅަކުން އޭނައަށް ވިސްނޭނެ،" ސާރިމް ބުނެލިއެވެ. އޭނާ އުއްމީދުކުރަނީ ނޫރާ އޭނާ މަތިން އަދި ހަނދާންނައްތާލާނެ ދުވަހަކަށެވެ.
"ސާރިމްއަށްވެސް." ނަސްރު ތެދުވަމުން އެބުނި އެއްޗަކާއި މެދު ސާރިމް އަޖައިބުވިއެވެ. އޭނާއަށް ނުވިސްނިގެން މިއުޅެނީ ކޮންކަމެއްހެއްޔެވެ؟ ސާރިމް އެދެނީ ނަސްރުއަށް އޭނާ ހިތްއެދޭ މީހަކު ލިބުމެވެ. އަދި ނޫރާއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުނެވެ.
"އެންމެ ފަހުން މަށޭ މި ގޯސްވީ." ސަމާސާ ރާގެއްގައި ސާރިމް ބުނެލިއެވެ. އޭނާވެސް ތެދުވެ ތަޅުދަނޑި އާއި ފޯނު ޖީބަށް ލިއެވެ. ބިލަށް ކެނޑި ބާކީ ފައިސާކޮޅު އެގޮތަށް ބަހައްޓާފައި ދާން ހިނގައިގަތެވެ.
"ބައެއް ފަހަރު އަހަރެމެންނަށް ނުވިސްނެނީ، ތަޤްދީރުގައި ލިޔެވިފައިވާ ދެމީހަކު ދުރުނުކުރެވޭނެކަން، ކަން ހިނގާނީ އިރާދާގައި ވާގޮތަށް، " ނަސްރު ފެށީ މަގުމައްޗަށް ނިކުމެފައެވެ. މިރޭ ނަސްރުއަށް އައިސްފައިވާ ބަދަލާއި މެދު ސާރިމް ހިނި އައެވެ. މާޔޫސްވީވަރުން މޮޅު ޝާއިރަކަށް އޭނާ މިވަނީ ބަދަލުވެފައެވެ. މިދައްކާ މާނަ ފުން ބަސްތަކުގެ މުރާދު ސާރިމްގެ ބަލި ސިކުނޑިއަކަށް ނާދެއެވެ.
"އިރާދާއިގައި އޮތީ ނަސްރުއަށް ނޫރާ ލިބުންކަމުގައި ވެދާނެ." ސާރިމް ހިނި އައިސް ބުނެލިއެވެ. މޫނުމަތިން ސީރިއަސްކަން ނުދެއްކިއަސް ސާރިމްގެ ހިތުގެ އެއްކަނުގައި ކެކިނަގަނީ ނޫރާ އާއި ގުޅުން ހުރި ޚިޔާލުތަކެވެ. އަދިވެސް ނޫރާ އޭނާ ދެކެ ވާ ލޯބި ބަދަލު ނާންނާތީ އެކަމާއި އަޖައިބުވެއްޖެއެވެ.
"އެހެން ނަމަ ނޫރާއަށް ސާރިމް އާއި ގުޅުން ހުރި އެއްވެސް ހަނދާނެއް ނާންނާނެ، އެގޭތަ އެންމެ ފަހުން ނޫރާ ބުނީ ކީކޭކަން،" ނަސްރު އަހާލިއެވެ. ސާރިމްއަށް ހިންދިރުވާލެވުނެވެ. އޭނާ ދުލުން ނޭހިއަސް ނޫރާ ބުނީ ކީކޭތޯ އެނގެން ބޭނުންވިއެވެ. ނަސްރު ދެޖީބަށް އަތްޖަހާލާފައި ބުނީ ސާރިމް ވިސްނުމަށްވެސް ގެނައި ކަމެއްގެ ވާހަކައެއް ނޫނެވެ.
"އޭނާ ދެއްކީ ސާރިމް އާއި އެކު އޭނާ ގޮސް ހަރުގެއަށް ވަންރޭ ސާރިމް ކިޔައިދިން ޅެމުގެ ވާހަކަ،" ނަސްރު ބުނެލިއެވެ.
ސާރިމް އަށް ހީވީ މޫނުގައި އަތްދަމާފައި ޖެހިހެންނެވެ. އެ ޅެމަކީ ސާރިމް މީހަކު ކައިރީ އާދޭސްކޮށްގެން ލިޔުއްވި ޅެމެކެވެ. ނޫރާއަށް ޚާއްސަކޮށްގެންނެވެ. އޭރު އެ ޅަ ހިތުގައި އުފެދުނު ޝުޢޫރުތަކެވެ. ލޯބި އޭގެ އިންތިހާއެވެ. އަލިފުޅާއި ހިޔަލައަށްވުރެ ވާ ވަރުގަދަ ލޯތްބެއް ވާނަމޭ ބުނެ ވައުދުވީ އެ ޅެމުންނެވެ. ނޫރާގެ ހިތް ފަތަހަކުރީ އޭގައިހުރި ބަސްތަކުގެ ވަރުގަދަކަމުންނެވެ. ސާރިމް ހިތުގައި ޖެހުނެވެ. އޭނާ އަކީ ރަނގަޅު މީހެކޭ ބުނާ ވަރުގެ މީހެއް ނޫނެވެ. ހަންޖަރަކުން ޒަޚަމް ނުކުރިއަސް އޭނާގެ ސަބަބުން ނޫރާގެ ހިތް ކުދިކުދިވެގެންދާނެކަން ޔަޤީނެވެ.
(ނުނިމޭ)