ދެވަނަ ބައި
"މަންމަގެ އެއްވެސް ކަމެއް އަޅުގަނޑަށް ބުރައަކަށް ނުވޭ. މަންމަގެ ކަމެއްކުރަން ދެން ބޮޑުދައިތަވެސް މިގެއަށް ގެންނާކަށް ބޭނުމެއްނޫން. އަޅުގަނޑު ކޮންމެސްގޮތެއް ވިސްނާނަން" ހިފައިގެން އިން ޒަހާގެ އަތުގައި ބޮސްދީފައި ޖޫދު ބުނެލިއެވެ.
ޖޫދާއި ޖިޔާއަކީ ޒަހާއަށް ލިބު ތިން ދަރީންގެ ތެރެއިން ހަމައެކަނި ދުނިޔޭގައި ތިބި ދެކުދިންނެވެ. އޭނާގެ އުމުރުން ދެ އަހަރުގައި މައިންބަފައިންގެ ލޯބިން މަހުރޫމު ވެއްޖެއެވެ. ފަހުން އޭނާ ބޮޑުކުރީ ބޮޑުދައިތައެވެ. އުމުރުން ސާދަ އަހަރަށް އެޅިތަނާ ބޮޑުދައިތަވެސް ހުމެއް އައިސްފައި ނިޔާވެއްޖެއެވެ. ގޭތެރޭގައި އޭނާ ބޮޑުދައިތަގެ ހުރި ހަމައެކަނި ދަރިފުޅު ސީނާ އާ އެކު އެކަނިވިއެވެ. އުންމީދުކޮށްގެން ހުރީ ސީނާގެ ފަރާތުން އަޅާލުމާ އޯގާތެރިކަން ލިބޭނެ ކަމަށެވެ. ނަމަވެސް ސީނާ އޭނާއަށް ނަފްރަތު ކުރިއެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހުނީ ޒަހާއަށެވެ. ސީނާ ގޭތެރެއަށް ވައްދާ ފިރިހެނުންގެ ކެއިން ބުއިމުގެ ކަންތައްތައްވެސް ކުރަންޖެހުނީ ޒަހާއެވެ. އެންމެފަހުން ސީނާ ކައިރިއަށް އަންނަ ފިރިހެނުންގެ ތެރެއިން ފިރިހެނަކު ސީނާއަށް އިތުރަށް ފައިސާތަކެއް ދީގެން ޒަހާ ނިދަން އޮށްވާ އެކޮޓަރިއަށް ވަނެވެ. ނިދި މަޑު މީހަކަށް ޒަހާ ވީތީ އެމީހާއަށް އޭނާގެ އެދުން ހާސިލެއް ނުކުރެވުނެވެ. މޭޒުމަތީގައި އޮތް އާދައިގެ ކުޑަ ކަތުރެއް ނަގައި ޒަހާ އެމީހާއަށް ބިރުދެއްކިއެވެ. އެންމެފަހުން އެމީހާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
އިރުއެރުމާއެކު ޒަހާ އޭނާގެ ފޮށި ހިފައިގެން ގެއިން ނިކުތެވެ. ސީނާގެ އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ނުދިނެވެ. އޭނާ ހަމައެކަނި ބުނީ ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ އޭނާގެ އަބުރާ އިއްޒަތް އޭނާއަށް މުހިންމު ކަމުގައެވެ. އެންމެފަހު ނޭވާ އާ ހަމައަށް ވެސް އޭނާގެ އަބުރު ރައްކާތެރިކަން މަސައްކަތްކުރާނެ ކަމުގައެވެ. އޭނާ ގެއިން ނިކުތީ ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ނަސީބު އަތުގައި ހިފީ މަގުމަތީގައި އުމުރުން ދުވަސްވީ ދެމަފިރިންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހިސާބުންނެވެ. ބޮޑު ގެއަކާ ފައިސާ ދެމަފިރިން އަތުގައި ހުއްޓެވެ. ލޯބޯކޮށިވެފައި ތިބި ދެމަފިރިންނަށް އޯގާތެރިވާނެ ދަރިއަކު ނެތިގެން އެހީ ހޯދަން މަގުމައްޗަށް ނިކުންނަން މަޖުބޫރުވީއެވެ. އެދެމަފިރިންނަކީ އަމިއްލަ މައިންބަފައިން ފަދައިން އޭނާ ހިދުމަތްކޮށްދިނެވެ. އެދެމަފިރިން މަރުވެގެން ދަމުން އޭނާއަށް ދުނިޔޭގައި އުޅެވޭނޭ މަގު ދައްކައިދިނެވެ. ބޮޑު ގެއެއް ޒަހާއަށް ހިބައިން މިލްކު ކޮށްދިނެވެ. އެހިސާބުން އަމިއްލަ އެދުމުން ފޯވެފައިވާ ސީނާ ޒަހާ ފަހަތުން މުގޯލި އަޅަންފެށިއެވެ.
ޒަހާގެ ހިތުގައި އެންމެ ފުރަތަމަ ލޯބީގެ ވިންދެއްޖަހާލީ މާރާމާރީއެއްގެ މައްސަލައިގައި ރަށަށް ފޮނުވާލާފައި ހުރި ޖާވިދާ ދިމާވި ހިސާބުންނެވެ. ޖާވިދަކީ މަސައްކަތްތެރި ހަތަރެސްފައި ހެލޭ ޒުވާނެކެވެ. ރަށުތެރޭގައި އޭނާ ނުކުރާ މަސައްކަތެއް ނޯވެއެވެ. ރަށުގައި އުޅޭ މަދު މީހެއް ނޫނީ އޭނާއަށް ނަފްރަތެއް ނުކުރެއެވެ. ޖާވިދަށް ނަފްރަތުކުރާ މީހުންގެ ތެރޭގައި އެންމެ ކުރީގައި ހުރި މީހަކީ ސީނާއެވެ. ޒަހާއާއި ޖާވިދުގެ ގުޅުމަށް އެންމެ ފުރަތަމަ ފާޑުކިއި މީހަކީވެސް ސީނާއެވެ. ވަގުތުން ޖާވިދާ ގުޅުން ކަނޑާލުމަށް އެންގިއެވެ. އެހެންނަމަވެސް ޒަހާ އެކަމަށް ސަމާލުކަމެއް ނުދީ ދެއަންބަށް ޖާވިދާ ކައިވެނި ކުރިއެވެ. ދެމަފިރިން ދިރިއުޅެމުން ދިޔަ ގެ މަރާމާތު ކުރީ ޖާވިދުގެ މަސައްކަތުންނެވެ. ފަސްއަހަރު ދުވަހުގެ ތެރޭގައި ގެ ހަތަރު ބުރިއަށް ހިއްލާލިއެވެ. ޒަހާއަށްޓަކައި އޭނާ ގުރުބާންވިއެވެ. ފުރަތަމަ ދަރިފުޅު ޖޫދު ލިބުނުތަނާ ޖާވިދު ހުކުމުން ސަލާމަތްވެގެން މާލެ ދިޔައެވެ. އެހެންނަމަވެސް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އެނބުރި ޒަހާ ކައިރިއަށް އައެވެ. ދުވަހަކުވެސް ޒަހާ ދޫކޮށްލާފައި ނުދާން އޭނާ ވައުދުވިއެވެ. މެދަށް ލިބުނު އަންހެންދަރިފުޅު ވިހެއި އިރުވެސް އޮތީ މަރުވެފައެވެ. އޭނާއަށް ޖިޔާ ލިބުނީ އެ ހިތާމައިގައި ދުވަސްތައް ގުނަމުން ދަނިކޮށެވެ. އެހެންނަމަވެސް ތަގުދީރުގެ ރޭވުން އޮތީ އެހެން ގޮތަކަށެވެ. އޭނާ އާ ދަރިންގެ ހައްގުގައި ޖާވިދު މަސައްކަތް ކުރަމުން ދަނިކޮށް ކުއްލި މަރެއްގައި ޖާވިދު މަރުވެގެން ދިޔައީއެވެ. ދެ ދަރިންނާއެކު ޒަހާ ދުނިޔެއަށް އެކަނި ކޮށްލާފައެވެ. ދަރިންނަށްޓަކައި ރަށުގައި ވަޒީފާ އަދާކޮށްގެން ޒަހާ ދިރިއުޅެމުން ދިޔައެވެ. އޭނާ ރަށުގައި ކުޑަ ވިޔަފާރިއެއް ފެށީ ޖާވިދު އެއްކޮށްދީފައި ހުރި ފައިސާއިންނެވެ. ހަލާލު ގޮތުގައި ކުރަމުން ދިޔަ މަސައްކަތުން އޭނާއަށް ހެއްދެވިފަރާތުން ގިނަގިނައިން ދެއްވިއެވެ. އޭނާގެ މަސައްކަތުގައި ރޯދި ބަރަކާތް ލެއްވިއެވެ. އެގޮތުގައި ޖޫދުގެ ތަޢުލީމީ ހަޔާތް ނިމެންދެން އޭނާ ހޭދަކުރިއެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައި އޭނާ ފުރޮޅުލީ ގޮނޑިއެއްގެ އެހީތެރިކަން ހޯދަންޖެހުނީ ހުރިހާ ވިޔަފާރިއެއް ލޯބިވާ ދަރިފުޅާ ހަވާލުކޮށްފައެވެ. އޭނާ އުންމީދު ކުރި ފަދައިން ޖޫދުވީ ތަޢުލީމީ ޒިންމާދާރު ހަރުދަނާ ޒުވާނަކަށެވެ. ރަހިމުގެ ގުޅުން ކަނޑަން ބޭނުންނުވާތީ އޭނާ ހަތަރު ބުރީގެ އެ އިމާރާތުން ތިންވަނަ ބުރި ދިނީ ސީނާއަށެވެ. ދުނިޔެ ދޫކޮށްފައި ދާއިރު ތިމާގެ މީހެއްގެ ގޮތުގައި ދުނިޔޭގައި ފެންނަން ހުރި ހަމައެކަނި މީހާއަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައެވެ. ސީނާ އޭނާއަށް ކުރާ ނަފްރަތަކަށް ކިޔާ އެއްޗިއްސަށް ބެލުމެއް ނެތިއެވެ.
***
ޖޫދު ކޮޓަރިއަށް އައިސް ވަނީ ޒަހާއަށް ނިދުމުންނެވެ. ވަރުބަލިކަމާއެކު އެނދު މައްޗަށް ވެއްޓުމާއެކު އޭނާގެ ނަޒަރު ހުއްޓުނީ ސީލިންގަށެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އެކަނިވުމާއެކު ވިސްނުންތަކާ ފިކުރުތަކެއްގެ ކަނޑަކަށް އޭނާ ޣަރަގުވެއްޖެއެވެ. އިސާހިތަކު އޭނާގެ ސިކުނޑި ތެރޭގައި މީގެ ގަޑިއިރުތަކެއް ކުރިން ޚާނީ ރަހްމަތްތެރިން އެއްކޮށްގެން ދެއްކި ވާހަކަތައް ރޯލުވާން ފަށައިފިއެވެ.
"ދުނިޔޭގައި ހުރި އެންމެ މޮޅު ޔުނިވަސިޓީން ކިޔަވައިގެން އައިސް ޑޮކްޓަރަކަށް ވެގެން އަމިއްލަ ހުވަފެންތަކުގަ ކުލަޖައްސަން ފުރުސަތު ލިބިފައި އޮށްވަ ތިއުޅެނީ ތޭރިތަކެއްގެ ނިވަލަށް ވަންނަން" ޚާނީގެ އެކުވެރި މާޔާ ބުނެލިއެވެ. އެމީހުންނާ ޖެގިގެން އިން މޭޒުގައި ކޮފީތައްޓެއް އެކަނި ހިފައިގެން އިން ޒުވާނާއަކީ ޖޫދު ކަމެއް ނޭނގެއެވެ. ޖޫދު އެތަނަށް ވަނީ އޮފީހުން ގެއަށް ދިޔަ މަގުމަތީގައި ކޮފީތައްޓެއް ބޯލުމަށެވެ. ޚާނީ އޭނާގެ ރަހްމަތްތެރިންނައެކު ޖޫދަށް ފެނުނީ މާ ފަހުންނެވެ.
"އެވަރު ކަމެއްތަ؟ ހަމައެކަނި ނަމެއްގަ އިންނާނީ. ބޭނުންވަނީ ބައްޕަ ބުނި ބުނުން ބޮލާލާ ނުޖަހާ ދަރިއަކަށްވާން. ބޭބެމެންނަށް ވުރެ ކުރީގައި ހުންނަން. މިހާރުވެސް ދެ ބޭބެ މެރީކޮށްގެން އެ އުޅެނީ ބައްޕަ މާ ރުހޭ މީހަކާ ނޫން. އެހެންވީމަ ބައްޕަ ދެއްކި މީހަކާ އަހަރެން އިނީމަ އަހަރެންގެ އަގު އަރާނެއްނު" ޚާނީ ވާހަކަދެއްކިއެވެ. އެއަށްފަހު މަލާމާތުގެ ރާގެއްގައި ހީލި އަޑު އިވުނެވެ. އެވާހަކަތައް އިވުނު ހިނދު ޖޫދުގެ ހިތަށް ތަދުވެލިއެވެ. މޭގައި އަތްހިންގައިލެވުނީ ތޫނު ތަދެއް މެއަށް އިހުސާސް ކުރެވިގެންނެވެ.
"އެކަމަކުވެސް ދޯ. ޖޫދު އޯ.... އޯއެމްޖީ... ވަޓް އަ ވިއާރޑް ނޭމް... އެއީ މީހަކު އިންވަރުގެ މީހެއްތަ؟ އަންހެންކުއްޖަކު ފޯލްވާނެ އެއްވެސް ސިފައެއް އެބަހުރިތަ އޭނަގެ. ހަމައެކަނި އަތުގަ ފައިސާ ހުރިކަން. ޚާނީ ތިއުޅެނީ އަތުގައި ފައިސާ ހުސްވެގެނެއް ނޫނެއްނު. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅު" މިފަހަރު ވާހަކަދެއްކީ ޚާނީގެ ދެވަނަ އެކުވެރިޔާ ރިހޫއެވެ.
"ރިލޭކްސް ގާރލްސް. އަހަރެން ނޫޅެމޭ އެހާވަރަކުން. އަހަރެން އޭނާއަށް ފޯލެއް ނުވެއޭ. ދުވަހަކުވެސް ނުވާނެ. ދިގު ކަމުން ހީވަނީ ރާ ރުކެއްހެން. ބޮޑަށް ވައްތަރީ ޖިރާފަކާ. މޫނުގައި ހުސް ބިހި. ޔަގީން އޭނައަށް ހެޔޮވަރުގެ ޖީންސެއްވެސް ނުލިބޭނެކަން. އުނގަނޑުގަ އެއްޗެއް ހަރެއްނުލާނެ. އަހަރެން ކިހިނެއް ދިރިއުޅޭނީ އެކަހަލަ މީހަކާއެކު.... ހެހެހެ....." ޚާނީގެ ދުލުން ނިކުތް ބަސްތައް ރުވާފައި ފޮނުވާލި ތީރެއްހެން ގޮސް ވަނީ ޖޫދު ގެ ހިތަށެވެ. ހިންދިރުވާލަންވެސް އޭނާއަށް ވީ ދަތި ކަމަކަށެވެ. ދެލޯ މަރައި ބާރުކޮށްލެވުނީ ހިތުތެރޭގައި އެ ބަސްތައް ފޮރުވާލަމުންނެވެ. ކޮފީތަށި އިތުރަށް އެންމެ އެތި ފޮދެއްވެސް ނުދިރުނެވެ. އެތަނުގައި އިންނަންވެސް އޭނައަށް ދަތި ކަމަކަށް ވިއެވެ. ޚާނީއަށް ރައްދު ދިނުމަށް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެންމެފަހުން އިންތަނުން ތެދުވެގެން އޭނާ ހިނގައިގަތީ ބައެއްގެ ކުރިމަތީގައި އަންހެންކުއްޖަކާ ދެބަސްވާން ބޭނުންނުވީމައެވެ. އޭނާގެ ހިތުގައި އަންހެނުންނަށް ގަދަރެއް ދެވިފައި ވީތީއެވެ. އެހެނީ އޭނާ މަންމަ ކިޔަނީވެސް އަންހެނަކަށެވެ. އަދި އޭނާގެ ހުރި ހަމައެކަނި ކޮއްކޮއަކީވެސް އަންހެނަކަށް ވީތީއެވެ. އިސްލާމްދީނުގައި އަންހެން ކަނބަލުންނަށް ދެއްވާފައިވާ މަތިވެރިކަން އޭނާ ހަނދާނެއް ނުނެތެއެވެ.
ޚިޔާލީ ދުނިޔެއިން ޖޫދަށް ނިކުމެވުނީ މޭމަތީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިއިރު ގުޅަނީ ފިހާރައިންނެވެ. ކަންނެތްވެފައި އޮތްވަރުން އޭނާ ފޯނަށް ޖަވާބުދިނުމުގެ ކުރިން ކެނޑިއްޖެއެވެ. ދެލޯ މަރާލައިގެން އޮތްއިރު އޭނަ އެދެމުން ދިޔައީ އެންމެ ގާތް އެކުވެރިޔާ އައިމަން ރަށަށް އައުމަށެވެ. ހިތުގައި ހުރިހާ ކަމެއް ފޮރުވައިގެން ހުންނަން އޭނާއަށް އުނދަގުލެވެ. އެކުވެރިޔާ އާ ހުރިހާ ކަމެއް ހިއްސާކުރެވުމުން އޭނާގެ ހިތަށް ލުޔެއް ލިބޭނެއެވެ.
***
އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް ޖޫދުގެ މިސްރާބު ހުރީ ބަދިގެއަށެވެ. ގޮނޑި ދުރުކޮށްލާފައި އަތުގައި އޮތް ލެޕްޓޮޕް ދަބަސް ގޮނޑިމަތީގައި ބަހައްޓާފައި އޭނާ މިސްރާބުޖެހީ ޒަހާގެ ކޮޓަރިއަށެވެ. އޭރު މޭޒު މަތީގައި ހެނދުނުގެ ސައި ތައްޔާރުކޮށްފައި ހުއްޓެވެ.
ޖޫދު ކޮޓަރިއަށް ވަންއިރު ޖިޔާ އުޅުނީ ޒަހާގެ އިސްތަށިގަނޑުގައި ފުނާ އަޅުވައެވެ. ޖޫދު ފެނުމާއެކު ޒަހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ޖީއްކޮ ދޭ ގޮނޑި ހިފައިގެން މޭޒު ކައިރިއަށް" ޖޫދު ބުނެލިއެވެ. އެނދު ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ފަތްޖަހާލައިގެން ޖިޔާ ނިކުތެވެ. މޭޒު ކައިރީގައި ގޮނޑި ފަތުރާލާފައި ހިންދެމިލި ވަގުތު ފެނުނީ ޒަހާ އަތްމައްޗަށް ލައިގެން ކޮޓަރިން ނިކުތް ޖޫދުއެވެ. ޒަހާ ގޮނޑީގައި ބައިންދާފައި މޭޒާ ކައިރިކޮށްލުމަށްފަހު ޖެހިގެން ހުރި ގޮނޑި ދަމާލާފައި ޖޫދު އިށީނެވެ.
"ދޮންބެ ހިކިކޮށް ހުއްޓަސް ހާދަ ސްޓްރޯންގޭ ދޯ" މަޖާވެފައި ޖިޔާ ބުންޏެވެ. ޖޫދު ހަމައެކަނި ހީލުމަކުން ފުއްދާލިއެވެ. ޒަހާވެސް ހީލިއެވެ.
"މަންމަ ކޯޗެއް ކާނީ" ޖިޔާ އެހިއެވެ.
"މިތަނުން ކޮންމެ އެއްޗެއް ދިނަސް ކާނަން" ހިނިތުންވެލައިގެން އިން ޒަހާ ބުނެލިއެވެ. އޭނާ މޭޒުމައްޗަށް ނަޒަރު ހިންގައިލިއެވެ. އެގޮތްމިގޮތަށް ފިހެފައިވާ ރޮށި ހުއްޓެވެ. ކުޅި ރިހާކުރާ ހިކިމަހު މަސްހުނި ހުއްޓެވެ. ކަޅުސައި ހުއްޓެވެ. ޕާންވެސް ހުއްޓެވެ. ދެ ތައްޓަށް ބިސްގަނޑެއް ލާފައި އޮތެވެ. އައިސްއަލަމާރިން ފިނި ފެންފުޅިއެއް ނަގާފައި ހުއްޓެވެ.
"މަންމަގެ ދަރިފުޅުތަ މި ހުރިހާ އެއްޗެއް ހެދީ" ޒަހާ އެހިއެވެ. ޖިޔާ ވަގުތުން ބޯޖަހައިލިއެވެ. ޖޫދު ތައްޓަށް މަސްހުނިކޮޅެއް އެޅިތަން ފެނުމުން ޖިޔާ ކަންބޮޑުވިއެވެ.
"ދޮންބެ، އިހަށް މަޑުކޮށްބަލަ" އަނގަ އާ ދިމާލަށް ގެންދިޔަ ރޮށިކޮޅު މަޑުޖައްސާލަފައި ޖޫދު ޖިޔާއަށް ބަލައިލިއެވެ.
"ހުނިގާނަން ނޭނގޭތީ މަސްހުނި ހެދީ ހުނި ނާޅާ. ދޮންބެ ކައިރީގައި ހުނި ޕެކެޓެއް ގެނެސްދޭށޭ ބުނީމަވެސް ހަނދާން ނައްތާލީ" ދެރަވެފައި އިން ޖިޔާ ބުނެލިއެވެ. އަތުގައި އޮތް ރޮށިކޮޅަށް ބަލައިލުމަށްފަހު ޖޫދުގެ ނަޒަރު ދެން ހުއްޓުނީ މަސްހުނި ތައްޓަށެވެ. ދެން އޭނާ ހީލައިފިއެވެ. ފަތިހާ ތެދުވެގެން ކޮއްކޮ ކޮށްފަ އެހުރީ އެ އުމުރުގެ ކުއްޖަކަށް ކުރަން ފަސޭހަކަމެއް ނޫނޭ ހިތް ބުނެލިއެވެ. ހުނިނާޅާ ހުއްޓަސް ލޮނު ނުލާ ހުއްޓަސް އެ އެއްޗެއް އޭނާގެ ގޮހޮރުގައި ޖައްސާނަމޭ ހިތް ބުނެލިއެވެ.
"ކޮންމެހެން ހުނި އަޅާކަށް ނުޖެހެއޭ. ހުނިނާޅާ ކެއިމަ އެ ކެވުނީ ހެލްދީކޮށް" ޖޫދު ބުނެލިއެވެ.
"އެހެންވީމަ މަންމަވެސް ކާނީ މަސްހުންޏާ ރޮއްޓާ" ޒަހާ ބުނެލިއެވެ. ހީލާފައި ޖިޔާ އައިސް ޒަހާގެ ތައްޓަށް މަސްހުނި އަޅާފައި ރޮށި އަޅައިދިނެވެ. އުނގުތެރޭގައި އޮތް ކަނާއަތް ލަސްލަހުން އުފުލައިލުމަށްފަހު އޭނާ މަސައްކަތްކުރީ އަމިއްލަ އަތުން ކެވޭތޯއެވެ.
"ޖީ އެގްޒާމް އޮތީ ކިހާއިރަކު؟" އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ޖޫދު އެހިއެވެ.
"ދިހައެއް ޖަހާއިރަށް ދާންޖެހެނެ" ޖިޔާ ބުނެލިއެވެ.
"އެގަޑިއަށް ހަނދާންކޮށް ދޮންބެ ގެއަށް އަންނައްޗޭ. އެހެންނޫނީ ގޭގަ މަންމަ އެކަނިވާނެ" ޖިޔާ ބުނެލިއެވެ. އަދި ތަށި ކައިރީގައި ހުރި ކަޅުސައިތަށިން ކޯވަރެއް ބޯލިއެވެ.
"އެކަމާ ޖީ އަޅާނުލާ" ޖޫދު ބުނެލިއެވެ.
"ދަރިފުޅު ކައިރީގައި މަންމަ ބުނަމެއްނު އަދި ދަރިފުޅު ބޮޑެއްނުވެއޭ. ހަށިގަނޑު ތިހެން ބޮޑުކޮށް ހުއްޓަސް އަދި ކިރިޔާ ނުވަ އަހަރު ވީ. ދަރިފުޅު ތިއީ ކިޔަވާ ކުއްޖެއް. ބޮޑުކުދިން ބުޔަސް ދަރިފުޅު ކަޅުސައި ބޮއެގެން ނުވާނެ. މިގޭގަ ކިރު ނެތީތަ؟ ދަރިފުޅު މޫސަ ކައިރީގައި ބުނެގެން މަދުވާ އެއްޗެހި ގެއަށް ވައްދަބަލަ" ޒަހާ ވާހަކަދެއްކިއެވެ.
"ރޭގަ ހުސްވެފަ ހުރީ ކިރުދަޅު. އެހެންވެ. ސޮރީ މަންމާ. ދެން ނުބޯނަން" ވަގުތުން ޖިޔާ ބުނެލިއެވެ.
**
އެއަރޕޯޓުން ނިކުތް ގޮތަށް ސުމައްޔާ އޭނާގެ ފިރިމީހާ ހޯދާލިއެވެ. ޓްރޮލީ ދަމަމުން އެދިމާލަށް އަންނަމުންދިޔަ ހާތިމް ފެނުނެވެ.
"ކޮބާ އެމަންޖެ؟" ދެފަރާތް ހޯދައި ބަލައިލަމުން ހާތިމް ބުންޏެވެ. ސުމައްޔާ ދެކޮޅު ހޯދާލިއެވެ. ތަންކޮޅެއް ދުރުގައި ސެލްފީ ނަގަން ހުރި ހަގު ދަރިފުޅު ފެނުމާއެކު ސުމައްޔާ އެދިމާލަށް އިޝާރާތްކޮށްލިއެވެ.
"އެކޮޅުގަ އަހަރެއްހާ ދުވަހު މަޑުކޮށްފައި އައިރުވެސް އެ ޅަ ގޮތެއް ނުކެނޑޭ ދޯ" އަނބިމީހާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ހާތިމް ބުންޏެވެ.
"ކެނޑޭނެތަ؟ ހާތިމްގެ ދަރިއެއްނު. ހާދަ ވަރަކުންނޭ ހިފަހައްޓަނީ" ސުމައްޔާ ބުނެލިއެވެ. ހާތިމް ހީލިއެވެ.
"ދަރިފުޅާ، އަންބަރް!" ސުމައްޔާ ގޮވާލިއެވެ. އެވަގުތު ހުރަހަށް އަޅުވާފައި އޮތް ކުޑަ އަތްދަބަސް ތެރެއަށް ފޯނު ކޮށްޕާލާފައި އަންބަރް އައިސް ހުއްޓިއްޖެއެވެ. ހާތިމް ފެނުމާއެކު އަންބަރްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަންބަރްގެ އުނގަނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ހަމައެކަނި އެއްފަރާތުން ދެ ދަތި ޖަހައި ހައްޔަރުކޮށްލާފައެވެ.
"އޯ ބައްޕާ. އައި މިސްޑް ޔޫ ސޯ މަޗް" ހާތިމްގެ ކަރުގައި ދެއަތް އަޅުވައިލަމުން އަންބަރް ބުނެލިއެވެ.
"ދެން ހިނގާ ދާން. މަންމަ ބުނަމެއްނު އިބާ އަކީ ކުޑަވާން އުޅުނަސް މިހާރު ކުޑަކުއްޖެއްނޫނޭ" އަންބަރުގެ އަތުގައި ހިފައި ހާތިމާ ދުރުކުރަމުން ސުމައްޔާ ބުނެލިއެވެ.
"އެއްކަލަ މަންމަ. ބައްޕައަށް އެނގޭތަ. އަބަދު ކިޔާނެ އެހެން" ތުންގަނޑު އޫ ކޮށްލަމުން އަންބަރު ބުނެލިއެވެ.
"މަންމަ އެނބުނީ ދޮގެއް ނޫނޭ. ދަރިފުޅު މިހާރު ބޮޑުވެއްޖެ. ބޮޑުވެގެން ދޯ މީހަކާ އިންނާނީ" ހާތިމް ބުނެލިއެވެ.
"އެއްކަލަ މޫޑުއޮފް ވާ ވާހަކަ ފެށީ. އެވެސް މިތަނުގަ. ގެއަށް ދާން ހިނގާ. ވަރަށް ބަނޑުހައިވެއްޖެ" އަންބަރް ބުނެލިއެވެ.
"ހިނގާ އަވަހަށް" ހާތިމް ބުނެލިއެވެ.
ދޮރާށި ހުޅުވާލުމާއެކު އެތެރޭގައި ހުރި އަލިޝްބާ ދުވެފައި ގޮސް އަންބަރްގެ ގައިގައި ބައްދައިގަތެވެ. ލޯބިވާ ހުރި ހަމައެކަނި އަންހެން ކޮއްކޮގެ މޫނުގައި ބޮސްދީފިއެވެ. އެއީ އަބަދުވެސް އަލިޝްބާގެ އާދައެވެ. އުމުރުން ބާވީސް އަހަރުވިއިރު އޭނާއަށް އަދިވެސް އަންބަރް ބޮޑެއް ނުވެއެވެ. ދެމީހުން އެއްތަންވެއްޖިއްޔާ އަބަދުވެސް ތިބޭނީ އެކަކު އަނެކަކު ގައިގައި ބައްދާލަ ބައްދާލައެވެ.
"އޯ ދޮންތާ! ދެން ނުދާނަން އެކޮޅަކަށް. ދެން ހުންނާނީ މިރަށުގަ. ދޮން ކައިރީގަ" އަންބަރް ކިޔަމުން ދިޔައެވެ. ދެ ދަރިންގެ ހަރަކާތްތައް ބަލަމުން ހާތިމް ގޮސް އިށީނީ ގޭތެރެއަށް ވަންނަން އޮންނަ ހިމަ ދިގު މަގުގެ އެއްފަރާތުގައި ހުރި ޖޯލިފަތީގައެވެ.
"މަންމާ!" ސުމައްޔާ ފެނުމާއެކު އަލިޝްބާގެ ދެލޮލަށް ވެރިވީ ތަފާތު ކުލަވަރެކެވެ. އުމުރުން ނަވާވީސް އަހަރުގެ އަލިޝްބާއަކީ ސުމައްޔާގެ މުޅި ދިރިއުޅުމެވެ. އޭނާގެ އުންމީދެވެ.
"ދަރިފުޅު. އުފަލުންތަ ތިހެރީ" އަލިޝްބާގެ ގައިގައި ބައްދައިލަމުން ސުމައްޔާ ބުނެލިއެވެ.
"ވަރަށް ވަރަށް. އަދި މިހާރު މާ އުފާވެއްޖެ މަންމަ އާ އަހަރެންގެ ކުޑަ ކޮކީ ފެނުމުން" ހުދު ދަތްތައް ފެންނަ ވަރަށް ހީލަމުން އަލިޝްބާ ބުނެލިއެވެ.
"އަޅެ ދޮންތާ، ތި ބޮޑު ހެދުމަށް އެރި ހުންނަން އުނދަގުލެއް ނުވޭތަ؟" އަލިޝްބާއަށް ބަލައިލަމުން އަންބަރް ބުނެލިއެވެ. އަލިޝްބާ ލޯތްބާއެކު ބަލައިލީ އަންބަރަށެވެ. އޭނާގެ ކޮއްކޮ އެފަދަ ނިވާކަން ބޮޑު ހެދުމަށް އަބަދުވެސް ޖޯކުޖަހާކަން އޭނާއަށް އެނގެއެވެ. އަންބަރް އެހެން ބުނާ ކޮންމެ ފަހަރަކު އޭނާ ލޯތްބާއެކު އަންބަރަށް ވިސްނާދެއެވެ.
"އަހަރެމެންނަކީ މުސްލިމް އުޚްތުން. އަހަރެމެން ވާނީ މުސްލިމުން އުޅެންވާ ގޮތަށް އުޅެން. އަންހެނުންނަކީ އަބަދުވެސް ފޮރުވިގެން ތިބެންޖެހޭ ބައެއް" އަންބަރްގެ މޫނުގައި ފިރުމާލަމުން އަލިޝްބާ ބުނެލިއެވެ.
"އަނެއްކާ ދޮންތަވެސް. ހިނގާ ކާން ދާން. ކޯޗެއް ހެދީ" އަންބަރް މައުލޫ ބަދަލުކޮށްލިއެވެ. އިސްލާމް ދީނުގެ ވާހަކަތަކަށް އޭނާގެ މާބޮޑު ޝައުގުވެރިކަމެއް ނުހުރެއެވެ. އޭނާ ބޭނުންވަނީ މިނިވަންކަމާއެކު ދިރިއުޅުން މަޖަލުގައި ހޭދަކުރާށެވެ. އެއްވެސް މީހަކު އެއްވެސް ކަމަކަށް އޭނާއަށް މަޖުބޫރު ކުރަން އޭނާ ނޭދޭއެވެ.
"ކޮންމެ އެއްޗެއް ހަދާފައި ހުއްޓަސް ކާން އަންނަންޖެހޭނީ ލައިގެން ތިހުރި ހެދުން ބަދަލުކޮށްގެން ފެންވަރާ ނަމާދުކޮށްގެން" ސުމައްޔާ އަމުރުކޮށްލިއެވެ. އަންބަރް އަނގަ ހަދާލިއެވެ.
"އަވަހަށް ދޭ. ހުންނާނެ އިބާއަށް އެންމެ މީރު ރިހާކުރާ ބަތާ ތެތްލި ފަތް. ލޮނު މިރުސްވެސް ފުނޑާފަ ހުންނާނީ" އަލިޝްބާ ބުނެލިއެވެ.
"އަން މިފޮށި ހިފައިގެން ދޭ" ހިނގައިގަނެފައި އަންބަރް ހުއްޓި ފަހަތް ބަލައިލިއެވެ. ފޮށިތަކުގެ ތެރޭގައި ހުރި އޭނާގެ ދަނބު ކުލައިގެ ފޮށި ދަމަމުން ގޭތެރެއަށް ވަންނަން އޭނާ ހިނގައިގަތެވެ.
(ނުނިމޭ)