އެއްވަނަ ބައި
ގޭތެރެއަށް ވަދެގެން އައިސް ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަސް ބާއްވަން ސޯފާ ކައިރިއަށް ޖެހިލާފައި މަޑުޖެހިލީ ސޯފާގައި އޮތް އަންހެންކުއްޖާ ފެނިފައެވެ. ބަހެއް ނުކިޔާ އޭނާ މިސްރާބުޖެހީ ކޮޓަރި އާ ދިމާލަށެވެ. އިރުކޮޅެއް ނުވަނީސް އޭނާ ނިކުމެގެން އައިސް ޖެހިގެން ހުރި ކޮޓަރި އާ ދިމާލަށް މިސްރާބު ޖެހިއެވެ. އާދައިގެމަތިން ގެއަށް ވަންނަގޮތަށް އޭނާ ހެދުން ބަދަލުކުރަނީ ލޯބިވާ މަންމަ ޒަހާއާ ބައްދަލުކޮށްފައެވެ. އެހެންކަމުން އޭނާ ގޮސް ހިފީ ޒަހާގެ ކޮޓަރީ ތަޅުގައެވެ. އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު އެތެރެއަށް ބަލައިލިއެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު އެނދު ހުހަށް ހުރުމުން އޭނާ ދެބުމަ ގޮށްޖެހުނެވެ. ފާހާނާ އާ ދިމާލަށް ބަލައިލީ އެތެރެއިން ފެންއަޑު އިވޭތީއެވެ. އަލުން ކޮޓަރި ދޮރުލައްޕާފައި އައިސް އޭނާ ހުއްޓުނީ ސިޓިންރޫމުގައެވެ. ދެބެންގެދެދަރި އުމުރުން އަށާރަ އަހަރުގެ ރިކްޒާ ސޯފާގައި ފޮތެއް ހިފައިގެން އޮތެވެ. ޖޫދު ފެނުމުން އޭނާގެ މާބޮޑު ސަމާލުކަމެއް ޖޫދަށް ނުލިބުނެވެ.
"ރިކޫ! ކޮބާ ބޮޑުދައިތަ؟" ޖޫދު އެހިއެވެ.
"މަންމަގެ ވަޒީފާ އަދާކޮށެއްނު އުޅޭނީ" ފަރުވާކުޑަ ގޮތަކަށް ރިކްޒާ ބުނެލިއެވެ. އެވަގުތު ޖޫދަށް ވިސްނުނެވެ. އޭނާގެ މަންމަ ގޮވައިގެން ފާހާނާއިގައި އެ އުޅެނީ ބޮޑުދައިތައެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި އަންހެން ކޮއްކޮ އުމުރުން އެންމެ ނުވަ އަހަރުގެ ޖިޔާގެ ކޮޓަރި ކައިރީގައެވެ. އޭނާ ދޮރު ހުޅުވާލިއިރު ޖިޔާ ފާހާނައިން ނިކުންނަނީއެވެ. ޖޫދު ފެނުމުން ފުޅާ ހިނިތުންވުމެއް ޖިޔާގެ ތުންފަތަށް ވެރިވިއެވެ. ޖިޔާއަކީ އުމުރާ ބަލާފައި ހަށިގަނޑު ބޮޑުކޮށް ހުންނަ ކުއްޖެކެކެވެ. ބަލާ ބެލުމަށް ހީވާނީ ބާރަ ތޭރަ އަހަރުގެ ކުއްޖެއް ހެނެވެ. އެހެންނަމަވެސް ހިތްހެޔޮ އާއިލާ ދެކެ ނިހާޔަތަށް ލޯބިވާ ކުއްޖެކެވެ. މުރާލިވެފައި ކިޔަވަން މޮޅު ކުއްޖެކެވެ.
"ދޮންބެ މިއަދު ހާދަ އަވަހަކަށް ގެއަށް އައި ދުވަހެއް" ޖިޔާ ބުނެލިއެވެ. ޖޫދު ގޮސް އިށީނީ ޖިޔާގެ އެނދުގައެވެ. އެ ކުޑަ ކޮޓަރި ތެރެއަށް އޭނާގެ ނަޒަރު ހިންގައިލިއެވެ. ތަރުތީބު ކުރެވިފައިވާ ކޮޓަރި ތެރެއިން އޭނާގެ ނޭފަތުގައި ހިފާލާފައި ހުރީ މީރު މީރު ވަހެކެވެ. ފޮތްދަބަހާ ޖިޔާ ގެންގުޅޭ އެހެނިހެން ފޮތްތައް ފާރު ކައިރީގައި ހުރި ލިޔާ މޭޒުމަތީގައި މަތީގައި ހުއްޓެވެ. އަލަމާރި އާ އިންވެގެން ހުރި ކަބަޑުގައި ހުދު ޔުނީފޯމު އަޅުވާލާފައި ހުއްޓެވެ. ހީވާގޮތުން ޖިޔާ ޔުނީފޯމް އިސްތިރިކުރީ ދާދި ދެންމެއަކުއެވެ. އެނދު ކައިރީގައި ކަރަންޓަށް ގުޅާފައި ހުރި އަޔަންބޯޑު އެކަމަށް ހެކިދެއެވެ.
"ދޮންބެ މިއަދު ބޮލުގައި ރިއްސާތީ އޮފީހުގަ ނީނދެވިގެން މިއައީ" ޖޫދު ބުނެލިއެވެ. އެވަގުތު ޖިޔާ އައިސް އެނދަށް އެރިއެވެ. އެނދުމަތިން ހަތަރު މުށްގަނޑު ޖަހަމުން އައިސް އޭނާ މަޑުކޮށްލީ ޖޫދުގެ ފުރަގަހުގައެވެ. ދެން އޭނާގެ ދެއަތްތިލަ މަޑުމަޑުން ޖޫދުގެ ނިތުގެ ދެފަރާތުން ޖައްސާލަފައި މަސާޖުކޮށްދޭން ފެށިއެވެ. ކޮއްކޮގެ އެ އަމަލުން ޖޫދުގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ކުރިމަތިން ދެފަރާތަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ކޮޅުން ވެއްޓެމުންދިޔަ ފެންތިކިތައް ޖޫދުގެ އަތުގައި ޖެހި ހިނދެމުން ދިޔައެވެ. އެކަމަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"ޖީއަށް އިނގޭ. ދޮންބެ އަދިވެސް ތި ވިސްނަނީ އެކަމާއެއްނު. މަންމަވެސް ދޮންބެ ކައިރީގައި ބުންޏެއްނު އެކަމާ އެވަރަށް ނުވިސްނާށޭ" ޖިޔާ ވާހަކަދެއްކިއެވެ.
"ދޮންބެ އެކަމަކާ ނުވިސްނަމޭ. މިހާރަކަށް އައިސް ހަމަ ބޮލުގެ ރިހުން ނުފިލަނީ" ޖޫދު ބުންޏެވެ.
"ތިހެދީ އޭ ދޮގު. މަންމަ ބުނަނީ ހަމަ ތެދެއް. މަންމަ ދޮންބެއަށް ދަސްކޮށްނުދެނީ ހަމައެކަނި ދޮގުހަދަން. އެހެންވެ ދޮންބެއަކަށް ނޭނގޭ ދޮގުހަދާކަށް. ޖީ ބުނެފާނަން ވަރަށް ފަސޭހައިން ދޮގު ހަދަން އެނގޭނެ ގޮތެއް" ޝަކުވާގެ ރާގެއްގައި ޖިޔާ ވާހަކަދެއްކިއެވެ. ދެލޯ މެރިފައި އިން ޖޫދުގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޖިޔާ އާ މަންމަގެ ވާހަކަދެއްކުމުގެ ރާގު ހުންނަނީ އެއްގޮތަކަށޭ ހިތަށް އެރިއެވެ.
"އޯކޭ އެކަމާ އަދިވެސް ކުޑަކޮށް ވިސްނޭ" ޖިޔާ ނުހުއްޓާނޭކަން އިނގުމުން ޖޫދު ބުނެލިއެވެ "ކުޑަކޮށެއްނޫން. ހަމަ ބޮޑުކޮށް ވިސްނާ" ޖިޔާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"އޯކޭ މައި ލަވް. ހަމަ ބޮޑުކޮށް ވިސްނޭ. އެންމެ ރަނގަޅެއްނު. އާދެބާ މިތަނުގަ އިށިންނަން" ޖޫދު ބުނެލިއެވެ. އަދި ޖިޔާގެ އަތުގައި ހިފައި ގެނެސް ކައިރީގައި ބޭންދިއެވެ.
"އެންމެ ފުރަތަމަ ގޮސް ތި އިސްތަށިގަނޑު ފެން ހިއްކަބަލަ" ޖޫދު ބުނެލިއެވެ. ޖިޔާ ތެދުވެގެން ގޮސް އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން އައިސް އެނދުގައި އިށީނެވެ.
"މިއަދު ބޮޑުދައިތަ ކައިރީގައި ޖީއްކޮ ބުނީތަ މަންމަ ފެންވަރުވަދޭން" ޖޫދު އެހިއެވެ.
"ބުނަން މަޖުބޫރުވީ. މަންމަ ރޯގާޖެހި ހުމާ އޮތީމަ އެހެން ދުވަސް ދުވަހަށް ވުރެ މިއަދު މާބޮޑަށް ވީކް. އެހެންވެ މަންމަ ތެދުނުކުރެވިގެން އެބަޔަށް ގޮސް ބުނީ" ޖިޔާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އެ ނިންމުމާ ހުދު އޭނާވެސް ހިތްހަމަޖެހިފައި ހުރިހެނެއް ހިއެއް ނުވެއެވެ.
"ވަގުތުން ބޮޑުދައިތަ އެއްބަސްވިތަ؟ މިބުނީ އެއްޗެކޭ ކިއިތަ؟" ޖޫދު އެހިއެވެ.
"ދޮންބެއަށް ހީވޭތަ؟ ޖީ ލޮލަށް ފެނުމާއެކު ރަވަފޮތި ތެޅެން ފަށައިފި. ތިމަންނަ މިއަދު މިއުޅެނީ ބޮލެއްގަ ރިއްސާތީ އޭ ކިޔާފަ ނިންމައިލިއިރު މީހާ ހުރީ އަލުން ރާވާންޖެހޭ ހިސާބުގަ. އެކަމަކު ފަހުން ބުނެފި އެބަދަމޭ" ޖިޔާ ކިޔައިދިނެވެ.
"އިތުރު އެއްޗެކޭ ނުކިޔާތަ؟" ޖޫދު އެހިއެވެ.
"ދޮންބެ ސާފުކުރަން ބޭނުންވަނީ ކޮންކަމެއްތަ؟ ދޮންބެ އާ ކިއިތޯ ބަލަންތަ ބޭނުންވަނީ؟ ހީވޭތަ ނުކިޔާ ހުންނާނެހެން. ދޮންބެ އުމުރު ހުސްވަންދެން އިންނާނެ މީހަކު ނުލިބިފަ އެހެން ހުންނާނީޔޯ. އިންނާނެ މީހަކު ހޯދަން ނުވެސްއުޅޭޔޯ. އަންހެންކުއްޖަކު ގަޔާވާ ގޮތަށް އުޅެން ނޭނގެޔޯ... ބްލާ....ބްލާ...." ޖިޔާ ކިޔައިގަތެވެ. ވަގުތުން ޖޫދުގެ މޫނުމަތި މިލައިފިއެވެ. އެހެންނަމަވެސް ކައިރީގައި އިން ކޮއްކޮއަށްޓަކައި އަވަސް އަވަހަށް ހިނިތުންވެލިއެވެ.
"ދެން ޖީއަކަށް ނުހުރެވޭނެއްނު ދޮންބެ އާ ކިއީމަ އެއްޗެއް ނުބުނެއެއް. ޖީ ބުނެފިން ބޮޑުދައިތަ ނާންނަންޏާ ހެވޭ ނަޔަސް. އެހެންކިޔާފަ ނިކުންނަން އައިތަނާ ކޮޓަރިން ނިކުތް އެ ރިކްޒާވެސް އަނގަޔާ ދުލުގެ ކަސްރަތުކުރަން ފަށައިފި... ވަރަށް ފޫހިވޭ" ޖިޔާ ތުންއަނބުރައިލިއެވެ. ޖޫދަށް ހެވުނެވެ.
"ރިކްޒާއެއް ނޫން. ރިކްދޮންތަ. ޖީއަށް ވުރެ އުމުރުން ބޮޑެއްނު. ދެން އެކަމާ ނުވިސްނާ. ދޮންބެ މިދަނީ މަންމަ ކޮޓަރިއަށް" ޖޫދު ހިނގައިގަތެވެ. ޖިޔާއަށް ފުރަގަސްދެވުމާއެކު މަލެއްހެން އޭނާގެ މޫނުމަތި މިލައިފިއެވެ.
ޒަހާގެ ކޮޓަރި ދޮރުމައްޗަށް އޭނާއަށް އެރުނު ވަގުތު އެއީ އެކޮޓަރިން ސީނާ ނިކުތް ވަގުތެވެ. ޖޫދު ފެނުމާއެކު އަތުގައި އޮތް ދަބަސް ކޮނޑުމައްޗަށް އަރުވައިޖަހާފައި ދެލޯ ވަށްކޮށްލާފައި ޖޫދަށް ބަލައިލިއެވެ. އެ ބަލައިލުމުގައި އޯގާތެރިކަމެއް ކުލުނެއް ނެތެވެ. އެހެންކަމުން ސީނާ އާ ހަތަރުކަޅި ހަމަކުރުން ޖޫދަށް ފަސޭހައެއް ނުވިއެވެ.
"ބުނަން ވާހަކައެއް. މިކަން އާންމު ކަމަކަށް ނަހަދައްޗެ. އަހަރެންވެސް ކުރަންޖެހޭ އެހެން ކަންކަން ނެތިގެނެއްނޫން މިއުޅެނީ؟" ސީނާ ބުނެލިއެވެ. އެބަސްތައް ކޮޓަރިން ނިކުމެގެން އެދިމާލަށް އައި ޖިޔާއަށް އަޑުއިވުނެވެ.
"ޖީމެންނަށްވެސް ފަސޭހައެއްނޫނޭ އަބަދު އަބަދު ބޮޑުދައިތަގެ ހަޅޭކުގެ އަޑު އަހާކަށް. ހެޔޮ ދެން ނަޔަސް. ނުވެސްދާނަން ބަލައެއް" ހިތްހަމަނުޖެހިފައި ޖިޔާ ބުނެލިއެވެ. ޖޫދު ވަގުތުން ކޮއްކޮއަށް ބަލައިލާފައި އިޝާރާތުން ހިމޭންވުމަށް އެންގިއެވެ.
"މިއީ އަދި ވަރަށް ހަޔާތްކުޑަ ކުއްޖެއް. އަދި ފާޑަކަށް ދެލޯ ވަށްކޮށްގެން ބަލަހައްޓައިހެން އެބަހުއްޓެއްނު" ސީނާ ބުނެލިއެވެ. އޭނާ ދެލޮލުން ފާޅުވަމުންދިޔަ ނަފްރަތުގެ އަލިފާން ކަނިތަކުގެ އަސަރުގެ އިހުސާސް އުމުރުން ޅަ ޖިޔާއަށް ނުވިޔަސް ޖޫދަށް ވިއެވެ. އެހެންކަމުން އޭނާ އާ ތަންކޮޅެއް ދުރުގައި ހުރި ޖިޔާ އަތުގައި ހިފައި ގެނެސް ގަޔާ ކައިރިކޮށްލިއެވެ. ބޭބެގެ ފަރާތުން ހުރި ހަމައެކަނި ލެއަށް ހިމާޔަތްދިނެވެ.
"ރިކްޒާ! އޭ ބަލަ ރިކްޒާ! މީނަވެސް އަތުގަ ފޯނު ޖެހިއްޖިއްޔާ ހީވާނީ އެހެންފަދަ ކަމެއްހެން. ހިނގާ ގެއަށް ދާން" ސީނާ ގޮސް ސޯފާގައި ކަންފަތަށް ހެޑްސެޓް ގުޅައިގެން ލަވަ އަޑުއަހަން އޮތް ރިކްޒާގެ އެއް އަތުކުރީގައި ހިފާފައި ކޮޅަށް ޖެހިއެވެ. ރިކްޒާގެ ހިކިކަމުން މީހަކަށް އޭނާ އެއް އަތުންވެސް އުފުލައިލަން ފަސޭހަވާނެއެވެ.
"ތަދުވެއްޖޭ މަންމާ" ރުންކުރު ގޮތަކަށް ރިކްޒާ ބުނެލިއެވެ.
"ތަދު ނުވީހެއްނު އެއްފަހަރުން އަހަރެން ގޮވި އަޑު އެހިނަމަ. ގެއަށްދާން އާދޭ. އަހަރެން ކަސްރަތުކުރަންދާ ގަޑި ޖެހިއްޖެ. މިހާރު މަރިއްޔާމެން ތިބޭނެ އަހަރެން ބަލާ އައިސް. ބުނަން ކަލޭގެ ބަފަޔަށް ގުޅާފައި ބުނޭ މިރޭ ގެއަކު ނުކައްކަމޭ. ތިމަންނަ ކާއެއްޗެއް ގަންނަން ލާރިއެއް ފޮނުވައިދޭށޭ" ގެއިން ނިކުންނަން ދިޔަ ސީނާ ކިޔަމުން ދިޔައެވެ. ސީނާ ނިކުންނަންދެން ޖޫދާއި ޖިޔާ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ތިއްބެވެ.
"ތެތްލިފަތް ޑަބިޔާ އަދި ހުހެއްނުވޭ. ނާންނާތި ބަލާ. ނުދޭނަން" ޖިޔާ ބުނެލިއެވެ. އޭނާ އެބަސް އެއްލީ ރިކްޒާއަށް ކަން ޖޫދަށް އިނގުނެވެ. ސީނާއާއި ރިކްޒާ އެނބުރި ބަލައިލިއިރު ޖޫދު ހުރީ ޖިޔާގެ އަނގަމަތީގައި އަތް އަޅައިގެންނެވެ. އަޅައިގެން ހުރި ކަޅު ބުރުގާގެ ތެރެއިން ފެންނަން ހުރީ ހަމައެކަނި ޖިޔާގެ ބޮޑު ދެލޮލެވެ. ޖިޔާއަށް އިތުރަށް ބަހެއް ނުކިއިފައި ހުރީ ޖޫދުގެ އަތް އޭނަގެ އަނގަ މަތީގައި އޮތުމުންނެވެ.
"އަހަރެންނަށް ހެޔޮ ކަލޭ ފަތް ޑަބިޔާ ތެރެއަށް އެރި އޮތަސް" ރިކްޒާ ބުނެލިއެވެ. ސީނާއާއި ރިކްޒާ އެބައިން ނިކުތުމާއެކު ޖޫދު އަތުތެރެއިން ޖިޔާ ވީއްލިގެން ދުރަށް ޖެހިލިއެވެ.
"ޔަގީނޭ ފަތް ހޯދަން އަންނާނެކަން" ޖިޔާ ބުނެލިއެވެ. ޖޫދު ދެފަރާތަށް ބޯހޫރާލިއެވެ.
މަޑުމަޑުން ހިނގާފައި ގޮސް ޖޫދު ހުއްޓުނީ އޭނާގެ މަންމަ އޮތް އެނދު ކައިރީގައެވެ. މަންމަގެ މޫނުމަތތީގައިވަނީ އުޖާލާކަމެވެ. ރީތިކޮށްލާފައި އޮތްއިރު މަންމަގެ ހެދުމަށް ޖަހާފައި ހުރި ސެންޓް ވަހުން މުޅިތަން އެއްވަސްކޮށްލާފައި ވެއެވެ. ވާހަކަދެއްކުމުގައި އޯގާތެރިކަމަކާ ލޯތްބާ ހަމްދަރުދީ ނެތަސް ބޮޑުދައިތަ ޒަހާ ކައިރީގައި ހުންނަ ވަގުތު ބަހައްޓާ އޯގާތެރިކަމަށް ޖޫދު ޝުކުރުވެރިވިއެވެ. ޒަހާގެ މަގަތުން އިށީނދެފައި ޖޫދު މަންމަގެ މޫނަށް ބަލައިލިއެވެ. އުމުރުން ސާޅީސް ދެ އަހަރު ގެ ޒަހާގެ މޫނުމަތީގައި އަދިވެސް ވަނީ ޒުވާންކަމެވެ. ފަނޑު ރަތްކަމަކާ ކަޅުކަމެއް އެކުލެވިގެންވާ ތިރީ ތުންފަތުގެ ކުޑަ ތަންކޮޅެއް ތިރިން ވައަތް ފަރާތުގައި އިން ބޮޑު ކަޅުތިލައަކީ ޒަހާގެ ޒުވާންކަމާއި ރީތިކަމަށް އިތުރުވާ ބޮޅެކެވެ. މައިބަދައަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ނުކުޅެދޭ މީހެއްގެ ގޮތުގައި ޒަހާ ގޮނޑީގައި އިންތަނާ އަހަރުތަކެއް ވުމުގެ ސަބަބުން ހަށިގަނޑު ކުރިއަށް ވުރެ ފަލަކަމަށް ދައްކައެވެ. ނުތެދުވެ އަބަދު އެނދުގައި އޮންނަންޖެހޭ ވަގުތުތައް ގިނަވުމުން ޒަހާގެ ކުޑަ ބަނޑެއްވެސް ލައިފިއެވެ. އެހުރިހާ ކަމަކަށް ފަހުގައިވެސް މޫނުމަތި ފެންނަނީ ތާޒާކޮށެވެ. ޒަހާގެ މޫނަށް ބަލަން އިނދެފައި ޖޫދު އަތްއުފުއްލާލައިފައި ލޯތްބާއެކު މަންމަގެ މޫނުގައި ފިރުމައިލިއެވެ. އެހިނދު ލަސްލަހުން ޒަހާ ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި އިން އޭނާގެ ލޯބިވާ ފިރިހެން ދަރިފުޅު ފެނިފައި ހިނިތުންވެލައިފިއެވެ.
"މަންމަ މިހާރު ކިހިނެއްތަ؟" ޒަހާ ތެދުވަން އުޅޭހެން ހީވުމުން ޖޫދު އެހީތެރިވިއެވެ. ފަހަތަށް ބާލީހެއް ލައްކޮށްލާފައި ޒަހާ އެނދުގެ ހެޑްބޯޑުގައި ލައްކޮށްލިއެވެ.
"މަންމަ ވަރަށް ބޮޑުތަން މިހާރު ވަރަށް ރަނގަޅު. ދަރިފުޅު ރަނގަޅުތަ؟ ޒަހާގެ އޯގާތެރި އަޑު ޖެހުމާއެކު ޖޫދުގެ ދެލޯ ފުރިގެން އައެވެ.
"ކިހިނެއްވީ؟ މަންމަ ވާހަކައެއް އަހަންތަ؟" ޖޫދުގެ މޫނުގައި ފިރުމާލާފައި ޒަހާ އެނހިއެވެ. ޖޫދު ބޯޖަހައިލިއެވެ. އެވަގުތު ދޮރު ހުޅުވިގެން ދިޔައެވެ. ބަލައިލިއިރު އެތެރެއަށް ވަދެގެން އައީ ޖިޔާއެވެ. އޭނާގެ އަތުގައި ބަތް ތައްޓެއް ހުއްޓެވެ. އެވަގުތު ޒަހާއަށް އޭނާ މެންދުރު ކާންވީ ވަގުތު ޖެހިއްޖެކަން އިނގުނެވެ. ޖިޔާ ހިފައިގެން ހުރި ބަތްތަށީގައި ޖޫދު ހިފިއެވެ. އަދި އޭނާގެ އަތުން ލަވާފައި ޒަހާއަށް ކާންދޭން ފެށިއެވެ. އެމަންޒަރު ބަލަން ހީލައިގެން ހުރި ޖިޔާ ގޮސް އަނެއްފަރާތުން އެނދަށް އަރައި އިށީނެވެ. އަދި ޒަހާގެ ކޮނޑުގައި ބޯއަޅައިލިއެވެ. އިރުކޮޅަކުން ކަރުއަޅައިގަނެގެން ޒަހާ ކޮއްޓަން ފެށިއެވެ. އަވަސް އަވަހަށް އަރިމަތީ ކަބަޑު މަތީގައި ހުރި ފެންތަށި ޖިޔާ ނެގިއެވެ. އަދި ޒަހާގެ ތުނބުގައި ޖެއްސިއެވެ.
"އިނގޭ ބަތް ހަރުކަން. އަދި ދަސްކުރާ މޯޑުގަ މިއުޅެނީ މަންމާ. އަދި އެއްދުވަހަކުން ހެޔޮވަރަށް ބަތްކައްކަން ދަސްކުރާނަމޭ" ޒަހާއަށް ވީގޮތް ފެނުމުން ޖިޔާ ދެރަވެއްޖެއެވެ.
"ދަރިފުޅުގެ ތިކުޑަކުޑަ ދެއަތުން ކޮންމެ އެއްޗެއް ކައްކައިގެން ގެނެޔަސް މަންމަ ކާނަން. މަންމައަށް ނުބައެއްނޫން. މަންމަ ދެރަވޭ އުމުރުން ތިހާ ޅަ އުމުރުގައި ދަރިފުޅު މިގޭތެރޭގެ ހުރިހާ މަސައްކަތްތަކެއް ކުރާތީ. ހަގީގަތުގައި ތިއުމުުރުގައި ދަރިފުޅުގެ ނޯކަރަކަށް ވާންޖެހޭނީ މަންމަ. އެކަމަކު އުމުރުން ހަތްއަހަރުން ފެށިގެން މަންމަގެ ނޯކަރަކަށް ވެގެން ތިއުޅެނީ ދަރިފުޅު" ޒަހާ ޖިޔާގެ ކުޑަ އަތްތިލައިގައި ބޮސްދިނެވެ. ޖިޔާގެ ދެލޮލުން ކަރުނަ ހިލުނެވެ.
"ފަތް އަދިވެސް ހުހެއްނުވޭތަ؟" ޒަހާ އެހިއެވެ.
"އަދި އެބަހުރި. މޫސަބެ ބުނި ހުސްވަން ކައިރިވީމަ ބުނާށޭ" ޖިޔާ ބުނެލިއެވެ.
ޒަހާ ކެއި ތަށި ހިފައިގެން ދިޔުމުން ޖޫދު އޭނާގެ މަންމައަށް ލޯބިން ފުރިގެންވީ ބެލުމަކުން ބަލައިލިއެވެ. އަދި ރީތިކޮށް އެނދުގައި ބޭއްވިއެވެ.
"މަންމަ އަރާމުކޮށްލާ" އެނދުން ތެދުވެފައި ޒަހާގެ ނިތުގައި ބޮސްދީފައި ޖޫދު ބުނެލިއެވެ.
"އިހަށް މަޑުކޮށްބަލަ ދަރިފުޅާ" ޒަހާ ބުނެލިއެވެ. ވަގުތުން ޖޫދު މަންމައަށް ކިޔަމަންތެރިކަން އަދާކުރިއެވެ. އަދި ޒަހާގެ މަގަތުން އިށީނދެފައި ޒަހާގެ އަތްތިލައިގައި ހިފަހައްޓައިލިއެވެ. "މަންމަ ވާހަކައެއް އަހަންތަ؟" ޒަހާ އެހިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޖޫދުގެ ދެލޮލަށެވެ.
"ޚާނީ އަކީ ރަނގަޅު ކުއްޖެއް. ނޫންތަ؟. އިނދެގެން މިގެއަށް ގެނައިނަމަ ޖީއަށް ކިހާ ފަސޭހައެއްވާނެ. އަބަދު ސީނާދައްތަގެ ބަހުގެ ހަމަލާތައްވެސް ދަރިފުޅުމެންނަށް ނުލިބުނީހެއްނު" އަސަރާއެކު ޒަހާ ވާހަކަދެއްކިއެވެ. އެހުރިހާއިރު ޖޫދު އިނީ އިސްއޮބާލައިގެންނެވެ. ސީނާ އޭނާގެ ދަރިންނާ ދިމާލަށް ހަޅޭއްލަވައި އަޑު އޭނާއަށް އެތައް ފަހަރަކު އިވެއެވެ. އޭނާގެ މަޖުބޫރީ ހާލަތުގެ ސަބަބުން އެއްޗެއް ނުބުނެ އިންނަނީއެވެ.
"މަންމާ، މިކިޔަނީ ދިިރިއުޅުމެއް ފަށާ ވާހަކަ ދޯ. އަޅުގަނޑު ޚާނީ އާ އިނދެގެން އުޅެން ބޭނުމީ މުޅި އުމުރަށް. ހެޔޮލަފާ ދަރިފަސްކޮޅެއް އާލާކޮށް އާޚިރަތަށް މަސައްކަތްކުރަން. މިއަދު އިނދެލާފަ މާދަމާ ވަރިކުރާ އުސޫލުން އަޅުގަނޑު މިކައިވެނިކުރަން ބޭނުމެއްނޫން. ދިރިއުޅުމެއް ފަށަންވާނީ އެހުރިހާ ކަމަކަށް ވިސްނާފަ. ޚާނީ އާއެކު އަޅުގަނޑަށް ސުލްހަވެރި ދިރިއުޅުމެއް އުޅެވޭނީ އޭނާގެ ފަރާތުން ލިބެންވާ އިހުތިރާމާ ގަދަރު އަޅުގަނޑަށް ލިބިގެން" ޖޫދު ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކުން އޭނާއަށް އެތައް އަސަރެއްކޮށްފައިވާކަން ޒަހާއަށް އިހުސާސްވިއެވެ. އެހެންކަމުން އޭނާއަށް ދަރިފުޅުގެ އަތަށް ބާރުކޮށްލެވުނެވެ.
"ޚާނީއަކީ ރަނގަޅު ކުއްޖެއް. ތަނަވަސް އާއިލާއަކުން އައިސްހުރި އިލްމުހުރި ދަރިއެއް. ރާއްޖެއިން ބޭރުން ކިޔަވައިގެން އައިސްހުރި ތަހުޒީބީ އަންހެނެއް. ދަރިފުޅާ އިންނާކަށް އެ މަންޖެ ދެކޮޅެއް ނަހަދާ" ޒަހާ ވާހަކަދެއްކިއެވެ. އޭނާ އެކިޔައިދިނީ ޚާނީ ގެ ފަރާތުން އޭނާއަށް ފާހަގަވި ކަންތައްތަކެވެ.
"މާތް އަހުލާގާ ރިވެތި އަދަބުތަކުގެ ކުރިމަތީގައި ދުނިޔޭގެ އަގުބޮޑު ކޮލެޖްތަކުން ކިޔަވައިގެން ހޯދައިގެން އައި ކަރުދާސްކޮޅުގެ އެއްވެސް އަގެއްނެތް. ތިބުނާ ސެޓްފިކެޓް މާދަމާވެސް ނެތިގެން ހިނގައިދާނެ. އެކަމަކު ހުލްގުހެޔޮކަމާ ދީންވެރިކަން މިއީ އިންސާނެއްގައި ގައިގައި އަށަގަނެފިނަމަ ފިލުވައިނުލެވޭނެ ފަދަ ކަންކަން. މަތިވެރި ﷲ ގެ އިރާދަފުޅުން އެފަދަ މީހަކަށް ދީނީ އިލްމު އުނގެނުމުގެ އިތުރު ދޮރުތައް ހުޅުވިގެންދާނެ މަގުތައް ފަހިވެގެންދާނެ. ޚާނީއަކީ މިބުނާ ފަދަ އަންހެނަކަށްވީނަމަ ހުރިހާ ރައްޓެހިންގެ މެދުގައި އަޅުގަނޑު ފަޟީޙަތް ނުކުރީސް. ލޯބިނުވާއިރުވެސް މަންމައަށްޓަކައި ޖީއަށްޓަކައި އިންނަން އަޅުގަނޑު ހުރީ ތައްޔާރަށް. ﷲ ގެ ހެޔޮރަހްމަތްފުޅުން ކަށިކުނބުރު ޖަންގައްޔެއްގައި ފައިތިލަ އެޅުމުގެ ކުރިން އަޅުގަނޑު މިހެރީ ސަލާމަތްވެގެން" ޖޫދު ވާހަކަދެއްކިއެވެ.
ދަރިފުޅުގެ ވާހަކަތައް އިވުނު ހިނދު ޒަހާގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. ވަގުތުން އޭނާގެ ހަނދާނަށް އައީ މުސްކުޅި ހާލުގައި މަގުމަތީގައި ސަލާންޖަހަމުން ދިޔަ ދެމަފިރިން މަތިންނެވެ. ދުވަހަކުވެސް ދަރިއަކު ލިބިފައިނުވާ އެދެމަފިރިންނަށް އޯގާތެރިވީ ޒަހާއެވެ. އެމީހުންގެ ހުރިހާ ޒިންމާއަކާ ހަވާލުވެ އޭނާ ޅަ ދުވަސް ހޭދަކުރީ ރަށުން ހިލޭ ގޯތި ދޫކުރި ދުވަސްވަރުގައި އުމުރުން ދުވަސްވީ ދެމަފިރިންނަށް ލިބުނު ގޯތީގައި އެ ދެމަފިރިންނާ އެކުގައެވެ. އާދަނާއި ކަނބުލޯއަކީ އޭނާގެ މައިންބަފައިން ކަމުގައި ދެކުނެވެ. ދާދި ދެންމެއަކު ފިރިހެން ދަރިފުޅުގެ ފަރާތުން އޭނާއަށް އިވުނު އެވާހަކަތައް މީގެކުރިން އޭނާ އަޑުއަހާފައިވަނީ އެ ދެމަފިރިންގެ ފަރާތުންނެވެ.
"މަންމަގެ އެއްވެސް ކަމެއް އަޅުގަނޑަށް ބުރައަކަށް ނުވޭ. މަންމަގެ ކަމެއްކުރަން ދެން ބޮޑުދައިތަވެސް މިގެއަށް ގެންނާކަށް ބޭނުމެއްނޫން. އަޅުގަނޑު ކޮންމެސްގޮތެއް ވިސްނާނަން" ހިފައިގެން އިން ޒަހާގެ އަތުގައި ބޮސްދީފައި ޖޫދު ބުނެލިއެވެ.
(ނުނިމޭ)