"ތިޔަ ބުނާ މީހަކު ދައްކަބަލަ." ނޫރާ ބުނެލިއެވެ. ރަމްލާ ދޭނީ ކާކުގެ ނަމެއްކަން ނޫރާއަށް އެނގެއެވެ. މަންމައަށް ކަމު ދިޔަޔަސް ނަސްރުގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް އިނގިލިން ގުނާލެވޭ ވަރަށް ވުރެ ގިނައެވެ.
"ނޫރާއަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ. ނަސްރު އެހުރީ ނޫރާ އިންނަން ބޭނުންވަންޏާ އިންނަން، އޭނަ ނޫޅޭ ގަދަބާރުން އެއްވެސް ކަމެއް ކުރާކަށް. އޭނަ ބުނީ ނޫރާއަށް މަޖުބޫރު ނުކުރަންވެސް. އެކަމަކު ވިސްނާލީމާ ނޫރާއަށް ވެސް އެނގެންވާނެ. މީހަކު ދޭނެ ކަމަށް އަބަދު އަހަރެމެން ތިބެގެން ނުވާނެކަން. ނޫރާގެ ކައިވެންޏަށްފަހު ނަސްރު ހަރަދު ކުރުމަކުން އެ ނުވާނެ ހިލޭ މީހަކު ދިން އެއްޗަކަށް." ރަމްލާ ހުރީ ޒުވާބަކަށް ދާކަށް ނޫނެވެ. އޭނާ އަޖައިބު ވަނީ އެތައް އަހަރަކަށްފަހުވެސް ނޫރާގެ ހިތުން ސާރިމްއަށް ދެވުނު ޖާގައަށް ބަދަލެއް ނާންނާތީއެވެ.
ރަމްލާ ދެއްކި ވާހަކަތައް އަހާފައި ނޫރާއަށް ހީވީ އޭނާގެ ދެކަން ފަތް ބައްވެގެން ދިޔަހެންނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލެވުނެވެ. އަދިވެސް އޭނާގެ ދިރިއުޅުން ރަނގަޅު މިސްރާބަކަށް ނުދެއެވެ. މާޒީގެ ވާތަކުން މިންޖެއް ނުވެއެވެ. ލޯބިނުވާ މީހާ ދެކެ ވެވުނު ލޯބި ފޮހެވިގެން ނުދެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.
****
ސާރިމް ފުރުމުގެ ކުރިން ދަރިފުޅާ ސަލާމް ކުރީ ބައްދާލުމަކުންނެވެ. ފެންކަޅިވެފައި ނޫރާ ގޮސް ފަރީނާގެ އުނގަށް އެރި އިރު އެ މަންޒަރު ބަލަން ހުރި ސާރިމްގެ ދެލޯވެސް ފުރި ބަންޑުންވަނީއެވެ. ސްޓެޗާގައި އޮތް ޝެރީންގެ މޫނަށް ސާރިމް ބަލާލިއެވެ. އަދިވެސް ޝެރީންއަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެލޯ މެރިގޮތަށް ހީވަނީ ދެން ދުވަހަކުވެސް އެދެލޯ ނުހުޅުވަން އޮތްހެންނެވެ.
ބޯޑިންއަށް ވަދެ އިންދާ ސާރިމްގެ ފޯނަށް އައީ މެސެޖެކެވެ. އޭގައި އޮތީ އެންމެ ދެ ލަފްޒެވެ.
"އެކަން ނިމިއްޖެ"
ނަސްރު ވައިބާ އިން ފޮނުވި މެސެޖު ސާރިމް ކިޔާލިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އައީ ކުރު ވީޑިއޯއެކެވެ. އޭގެން ފެންނަނީ ގޮނޑިއެއްގައި އައްސާފައި އިން ފިރިހެނެކެވެ. އެއީ ކާކުކަން ސާރިމްއަށް އެނގެއެވެ. ފަނޑުއަލީގެ ސަބަބުން ޒައިންގެ މޫނު ނުފެނުނަސް އޭނާގެ އަޑު ވަކިކުރަން ސާރިމްއަށް އެނގެއެވެ. އޭނާ އެއްބަސްވަނީ ޝެރީން އަމިއްލަ އަށް މަރުވީ އޭނާގެ ސަބަބުންކަމެވެ.
އެ މެސެޖުތައް ޑިލީޓް ކޮށްލާފައި ސާރިމް ފޯނު ކޮއްޕާލީ ޖީބަށެވެ. ފުރުމުގެ ވަގުތު ކުޑަތަންވާ އިރު އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ގޮއްސިއެވެ. ޝެރީންގެ ހާލު ރަނގަޅުނަމަ ޒައިންގެ ކުރިމަތީ ހުރެ އެ އަޑު އެހުމުގެ ނަޞީބު އޭނާއަށްވެސް ލިބުނީހެވެ. އޭނާ ނަސްރު އަށް ހަވާލުކުރީ ފުރިހަމަ އިތުބާރު އޮތީމައެވެ.
ހިމްނާގެ ފަރާތުން ޒައިންގެ އެޑްރެސް އޮޅުން ފިލުވާފައި ނަސްރުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލިއެވެ. ނަސްރު ކުރާނީ ސާރިމް ބުނި ގޮތަށެވެ. ނަސްރު އެތަނަށް ދާނީ ޒައިން ބިރުގަންނަ ވަރުގެ ބަޔަކު ގޮވައިގެންނެވެ. ކުށަށް އެއްބަސްވުމާ އެކު ޒައިން ވަގުތު ދޫކޮށްލާނެއެވެ. އެމީހުންގެ ފުލުހަކަށް ނުގުޅާނެއެވެ. އެކަން އޮންނާނީ ޒައިންގެ އަތްމަތީގައެވެ. ފިލައިގެން ދާން އުޅެފިނަމަ ނުކުމެވޭނީ މަރުގެ ކުރިމައްޗަށެވެ. ޒައިން ހޯދަން އެތައް ބަޔަކު މަސައްކަތްކުރެއެވެ. މަސްތުވާތަކެތީގެ ބޮޑެތި ޚިޔާނާތްތަކުގެ ސަބަބުން އޭނާގެ ފުރާނަ އޮތީ ނީލަމެއްގައެވެ. އޭނާ މަރަން ހިތުލައިގެން އެތައް ބަޔަކު އެބަތިއްބެވެ. އެކަން ޒައިންއަށްވެސް އެނގެއެވެ. ހިމްނާ އާއި އިންނަން އެއްބަސްނުވަނީ އެހެންވެއެވެ. ދިރިއުޅުމެއް ފެށި އަސް ކުރިއަށް ދެވޭނެ އުއްމީދެއް ނެތީމައެވެ.
** ***
ތިންމަސް ފަސް
ލަފާ މީހުންގެ ގޭޓް ހުޅުވުމާ އެކު ސާރިމް އެތެރެއިން ނުކުތީ ކޮނޑުގައި އޮތް ދަބަސް ރަނގަޅު ކޮށްލަމުންނެވެ. އޭނާ ފަސްއެނބުރި ބަލާލި އިރު އިލެކްޓްރިކު ވީލްޗެއާ އަމިއްލައަށް ދުއްވަމުން މަޑުމަޑުން ޝެރީން ކުރިއަށް އާދެއެވެ. ސާރިމް އެހީތެރިވާން ޝެރީން ދެކޮޅު ހެދިއެވެ. މިހާރު ޝެރީން ބޭނުންވަނީ އެކަނި އުޅޭށެވެ.
އޭނާގެ ޚިދުމަތުގައި ފޫހިކަމެއް ނެތި ސާރިމް ހުންނަތަން ފެނި އެ މަންޒަރުން ޝެރީންގެ ހިތަށް ފިނިކަން ލިބެއެވެ. އެންމެ ފުރަތަމަ އޮޕެރޭޝަންއަށްފަހު ޝެރީން ލޯ ހުޅުވާލި ވަގުތު ސާރިމްގެ މޫނުން ހިތްދަތިކަން ފެނުނެވެ. އެކަމަކު ޝެރީންއަށް ހިނިތުންވެލާފައި ސާރިމް ދިނީ އުއްމީދީ ޖަވާބެކެވެ. އޮޕަރޭޝަންގެ ކާމިޔާބު ވާހަކައެވެ.
ބޮލަށް ލިބުނު ޒަޚަމްތަކަށްވުރެ މައިބަދައަށް ލިބުނު އަނިޔާތައް ފަސޭހަވާން ވަގުތު ނެގިއެވެ. ހިންދެމިލައިގެން އިށީދެލަންވެސް ކެރުނީ މަހެއްހާ ދުވަސް ފަހުންނެވެ. ކޮންމެ ދުވަހަކު ޝެރީންއަށް ސާރިމްގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އަޅާލުމާއި ލޯބިން ޝިފާ ލިބުނީ ޒަޚަމްވެފައިވާ ހިތަށެވެ. ދިރިހުރުމުގެ އުއްމީދާއި އުފާވެރިކަން ލިބިގެން ދިޔައެވެ.
ތިން މަސްވެގެން ދިޔައިރު ޝެރީން މުޅީން ރަނގަޅެއް ނޫނެވެ. ދެފައި މައްޗަށް ކޮޅަށް ތެދުވެވޭނެ އެއްވެސް ޔަޤީންކަމެއް ނެތެވެ. ފިޒިއޮތެރަޕީ ނަގާތީ ރިހުން މަޑުވެއެވެ. އެކަމަކު އަދި އަހަރެއް ފަހުން އޮޕަރޭޝަން އަކަށް ދާން ޖެހިދާނެއެވެ. އެކޮޅުގައި މަޑުކުރަން ދާއޫދު ނަޞޭހަތް ދެއެވެ. ޚަރަދާ މެދު ނުވިސްނަން އެދެއެވެ. ސާރިމް ދެކެ އައިސްފައި ހުރި ރުޅި ފިލައި ގޮސް ދާއޫދުގެ ދުލުން ދަރިފުޅާ ކިޔައި މުޚާތަބު ކުރަން ފެށިއެވެ. ޝެރީން ރަނގަޅަށް ބަލަހައްޓައިދޭތީ އެކަމާ ވީ އުފަލުން ކަމެއް ނޭނގެއެވެ.
ނޫރާ މަތިން ހަނދާންވާ ވަރުން ގައުމާއި ދުރުގައި ހުންނަން ޝެރީން ބޭނުންނުވީއެވެ. އޭނާ އެދުމަށް ނޫރާ ފޮނުވާނެއެވެ. އެކަމަކު މަންމަ އާއި ބައްޕައަކީ ޝެރީންގެ އެއްބައެވެ. އެމީހުންނާވެސް ދުރުގައި ހުރުމަކީ ފަސޭހަކަމެއް ނޫނެވެ.
ދޮރުން ނިކުން އިރު ޝެރީންގެ ނަޒަރު ހުއްޓުނީ އޭނާގެ އިންތިޒާރުގައި ތިބި ފަރީނާ އާއި ދާއޫދަށެވެ. ނޫރާ އުރާލައިގެން ހުރި ފަރީނާއަށް ފިޔަވަޅެއް ކުރިއަށް ޖެހިލެވުނެވެ. އޭނާގެ އަތުން ވީއްލިގެން ނޫރާ އައިސް ބައްދައިލީ ސާރިމްގެ ގައިގައެވެ.
ޝެރީންގެ ދެފަރާތުގައި ދާއޫދު އާއި ފަރީނާ ހުއްޓުނެވެ. ޝެރީންއަށް ދާއޫދު މަރުޚަބާ ކިޔެވެ. މަލުގެ ގުލްދަސްތާއެއް ގެނެސްދިނެވެ. އެއީ ކިޔަވައި ނިމިގެން ޝެރީން އެނބުރި ގައުމަށް އައި ދުވަހުގެ މަރުޚަބާ ކީ ފަދައިންނެވެ. ފަރީނާ އައިސް އިށީނީ ޝެރީންގެ ކުރިމަތީގައެވެ. ޝެރީންގެ ދެއަތުގައި ހިފާ ދެއަތްތިލައަށް ބޮސްދިނެވެ.
ސާރިމް ގުދުވެފައި ނޫރާ ބޭންދީ ޝެރީންގެ އުނގުގައެވެ. ނޫރާ ދެއަތުން ޝެރީންގެ ކަރުގައި ވަށާލިއެވެ. ޝެރީންގެ ދެއަތުން ނޫރާގެ މުޅި ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. ދެލޯ މަރާލެވުނީ ލޮލަށް ގިނަވި ކަރުނަތަކުގެ ސަބަބުން ނޫރާގެ މޫނު ނުފެންނަ ވަރުވެގެންނެވެ.
"މަންމީ ހުއްޓާލާ." ނޫރާ ދެއަތުން ޝެރީންގެ ކޯތާފަތް ފޮހެލައިދިނެވެ. ކަރުނައަކީ ވަކި ވަގުތެއް އޮންނަ އެއްޗެއް ނޫނެވެ. އުފާވެރިކަމުގެ ވަގުތު އެ އިހްސާސްވެސް ހެކިދެނީ ކަރުނައިންނެވެ. ޝެރީން ދެލޯ ހުޅުވައިލި އިރު ދެލޯ ކުޑަވެގެންދާ ވަރަށް ހިނިތުންވެލިއެވެ.
** **
ކަޅުކުލައިގެ ޕްރައިވެޓް ކާރު މަޑުކުރީ ހ. ގްލޯރީގެ ދޮރުމަތީގައެވެ. އެގޭގެ ވަށާފާރާއި މުޅި އިމާރާތް ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރިކޮށްފައިވެއެވެ. ކާރުގެ ދޮރު ހުޅުވާފައި ނުކުތީ ހުސްނީއެވެ. އޭނާގެ ފަހަތުން މަތިހަށި ފުޅާކޮށް ތިބި ދެ ފިރިހެނަކު ފޭބިއެވެ. ދޮރާށި ހުޅުވާފައި އެމީހުންނާ ސަލާމްކުރަން ނުކުން ސަލްމާން ހުރީ ޖުއްބާއެއްލައި ތާކިހާ އަޅާފައެވެ. ނުލާހިކު އުފަލުން ހުރެ ހުސްނީ އާއި ސަލާމްކޮށް ކަރާ ކަރު ޖައްސާލިއެވެ.
އެތެރެއަށް ވަންނަން ބުނެފައި ސަލްމާން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހުސްނީ ހިނގައިގަތީ ހިތްހަމަޖެހުމާ އެކުގައެވެ. ގޭތެރެއިން ފެންނަނީ އުފާވެރިކަމެވެ. އަންހެނުންނާއި ކުދިން ހީ ސަކަރާތްޖަހާ އަޑު އިވެއެވެ. ކައިވެނި ވެވޭ ގެއެއްގައި މިފަދަ އުފާވެރިކަން ފެންނާނެއެވެ. އެކަމަކު މިއީ ހުސްނީގެ ހަޔާތުގައި މުޅިން އާ ކަމެކެވެ. މީގެ ކުރިން ކުރި ދެ ކައިވެނީގައި މިފަދަ އުފާވެރިކަމެއް ނެތެވެ. މުޅިންވެސް ކުރީ އާއިލާތަކާއި ދެކޮޅަށެވެ.
ހުސްނީ އިށީނީ ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒުދޮށުގައެވެ. މެހެމާންދާރީ އަދާކުރުމުގެ ގޮތުން ހުސްނީއަށް މީރު ފިނި ބުއިމެއް އެރުވިއެވެ. ސަލްމާން އޭނާގެ އަންހެނުން ގޮވާފައި ރިޒްމީން ތައްޔާރުވެއްޖެތޯ ބަލައި ދިނުމަށް އެދުނެވެ. ރާމިޒާ އަވަސް އަވަހަށް ގޮސް ކުރިމަތީގައި ހުރި ބޮޑު ކޮޓަރިއަށް ވަނެވެ.
ރިޒްމީން އަކީ ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި އަންހެން ކުއްޖެކެވެ. އެންމެ ތުއްތުއިރުން ފެށިގެން ތައުލީމް ވަނީ މަހްރޫމްވެފައެވެ. އޭނާ އަބަދުވެސް ހޭދަކުރީ އެގޭގެ ހަތަރު ފާރުން އެތެރޭގައެވެ. ދަސްވީ ހަމައެކަނި ގޭތެރޭގެ މަސައްކަތެވެ. އެއީ ރާމިޒާގެ ހިވާގިކަން ބަލައި އޭގެ ފަހަތުން ފިޔަވަޅު އެޅި ކުއްޖެކެވެ. ފުރާވަރަށް އެރި އިރު ބުރުސޫރަ ނުލާހިކު ރީއްޗެވެ. އެކަމަކު އިންނާނެ މީހަކު ނުވިއެވެ.
އެންމެފަހުން ކައިވެންޏަށް އެދި ޕޭޖެއްގައި ޖެހިއެވެ. އެތައް ބަޔަކު ކައިވެންޏަށް ގުޅިއެވެ. ސަލްމާން ގަޔާވާ ފަދަ ވާހަކަތަކެއް ހުސްނީ ދެއްކިއެވެ. ކައިވެނީގެ ކުރިން ރިޒްމީން ހަމަލޮލަށް ފެނުނީ އެންމެ ފަހަރަކުއެވެ. އޭނާގެ ރީތިކަން ފެނި ހުސްނީ ވިސްނުން ބަދަލުކުރަން ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ހާސިލްކުރަން ބޭނުންވިއެވެ.
ރިޒްމީންގެ ޝަރުތަކީ އޭނަ ފިޔަވައި އިތުރު އަތްބަކު ނެތުމެވެ. އެކަމާވެސް ހުސްނީ ޤަބޫލުވެ ސަފިއްޔާ ވަރިކޮށްފައި ފޮނުވާލީއެވެ. ހުސްނީގެ ތިން ކުދިން ބޮޑުކުރަން ސަފިއްޔާވީ ގުރުބާނީގެ އަގުވަޒަންކުރަންވެސް ހުސްނީ ހަނދާނެއް ނެތް ފަދައެވެ. ސަފިއްޔާ ވަންނާނެ ތަނެއް ނެތިގެން ރޮއި އާދޭސް ކުރިމެއެވެ.
އޭގެ އިރުކޮޅެއް ފަހުން ފެނުނީ ރާމިޒާ ނިކުމެ ސަލްމާންއަށް ގޮވިތަނެވެ. އެ ދެމީހުން ސިއްރުން ވާހަކަތަކެއް ދެއްކިއެވެ. އަނެއްކާވެސް އެ ދެމަފިރިން އެކުގައި ގޮސް ރިޒްމީންގެ ކޮޓަރިއަށް ވަނެވެ. ކައިވެނީގެ ވަގުތު ޖެހިއްޖެއެވެ. ހެކިވެރިންނާއި ގާޒީ އައިސް މޭޒުދޮށުގައި އިށީނެވެ. މިހާރު ހަމައެކަނި މަދީ ރިޒްމީން އާއި ސަލްމާންއެވެ. ހުސްނީ ނުތަނަވަސްވާން ފަށައިފިއެވެ. ކަމެއް ގޯހޭ ހިތް ބުނަން ފަށައިފިއެވެ.
އިރުގަނޑެއް ފަހުން ސަލްމާން އެކޮޓަރިން ނުކުމެ ހުސްނީއަށް ގޮވިއެވެ. އޭނާ ދިއުމުން ސަލްމާން ދިން ޖަވާބުން ހުސްނީ އަޖައިބު ވެއްޖެއެވެ.
"މި ކައިވެނި ކުރަން ރިޒްމީން ޤަބޫލެއް ނޫން." އެއީ އެންމެ ފަހު ވަގުތެވެ. ހުސްނީ ބައްދަލުކުރަން އައި ދުވަހު ރިޒްމީން ކައިރީ ޤަބޫލުތޯ އަހާލުމުން ޖަވާބު ދިނީ ހިނިތުންވުމަކުންނެވެ. ރުހި ޤަބޫލުވެގެންނެވެ.
"ކީއްވެ؟" ހުސްނީ އަހާލިއެވެ.
"ކަލޭ މި ކައިވެނި ކުރަން ތިއުޅެނީ އޮޅުވާލައިގެން." ސަލްމާންގެ އަޑު ހަރުވެގެން ދިޔައެވެ. މަޑުމައިތިރިކަން ފިލައި ގޮސް ރުޅީވެރިކަން އެ އަޑުގައިވިއެވެ.
"ކޮން އޮޅުވާލުމެއް؟" ހުސްނީ ހައިރާންވިއެވެ.
"ކަލޭގެ އަންހެނުން އަހަރެންގެ ދަރިފުޅާ ބައްދަލުކޮށް ހުރިހާ ކަމެއް ކިޔައިދީފި، މިއީ ކަލޭގެ ތިން ވަނަ ކައިވެނި، ކީއްވެ މީގެ ކުރިން އެވާހަކަ ނުބުނީ." ސަލްމާން ހީވަނީ މިގަޑީގައި ބޮޑު ތަހުގީގެއް ފެށިހެންނެވެ. ހުސްނީގެ ކިބައިންވެސް މަޑުމައިތިރިކަން ފިލައި ދިޔައެވެ. އޭނާގެ ލޭ ހޫނުވެގެން ދިޔައެވެ. އެ ކައިވެނި ހުއްޓުމަކަށް އައުމުގައި ސަފިއްޔާގެ ރޯލް އެބައުޅޭކަން އެނގުމުން މާބޮޑަށް ނަފްރަތު އުފެދިއްޖެއެވެ.
"އަހަރެން ބުނީ ތެދަށް، އަހަރެން މިހުރީ ރިޒްމީން އާއި އިންނަން އަންހެނުން ވަރިކޮށްފައި، އޭގެ މާކުރިން އެންމެ ދޮށީ އަނބި ވަރިކޮށްފައި ހުންނާނީ. އެއީ މާ ކުރީގެ ކަމެއް،" ހުސްނީ ބުނެލިއެވެ. މީގެ ކުރިން ސަލްމާން އޭނާ ކުރެ ހުރިހާ ތަފްސީލެއް ނުވެސް އަހައެވެ.
"ކަލޭގެ އަނބިންގެ އަދަދެއްވެސް މުހިއްމެއް ނޫން، މިއަދު އަހަރެމެންނަށް އެނގި ހާމަވީ އަހަރެމެންގެ ދަރިފުޅު ބެލެހެއްޓޭނެ ގާބިލްކަން ކަލޭގެ ކިބައިގައި ނެތްކަން، ކޮން ޔަޤީންކަމެއް އޮތީ އަހަރެންގެ ދަރިފުޅު ގައިގައި ކަލޭ ނުޖަހާނެ ކަމެއް، މިހާރުން މިހާރަށް މި ކައިވެނި ހުއްޓާލާ،" ސަލްމާން އަޑު ހަރުކޮށް އިއްވިއެވެ. އެ ގޭގައި ތިބި އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އެންމެންނަށް އެއަޑު އިވުނެވެ. ހުސްނީ ލަދުގަތެވެ. އެކަމަކު އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
"އެމީހުން އަހަރެން ބަދުނާމްކުރަން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ. އަހަރެން ސަފިއްޔާ ވަރި ކުރީ ދެ އަތްބަށް އިންނަން ޤަބޫލުނުވެގެން،. އަނިޔާއެއް ނުކުރަން، އެ ހަދަނީ ދޮގު. އޭނާ ކޮން ހެއްކެއް ދެއްކީ." ހުސްނީ އަހާލިއެވެ. ރިޒްމީންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެ ދޮރުން ނިކުން މީހާ ފެނި ހުސްނީ ބަސް ހުއްޓުނެވެ.
(ނުނިމޭ)