ސާރިމްގެ ދެކަންފަތްހުރީ ބީރުވެފައިބާއޭ ހިމްނާގެ ހިތަށް އެރިއެވެ. އޭނާ ސާރިމް އާއި ވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެއެވެ. ދުވެލި މަޑުކުރޭތޯ އާދޭސްކުރެވިއްޖެއެވެ. ހޮސްޕިޓަލް އަށް ދާން ނިކުން މީހުން މި ދަނީ ކޮންތާކަށްބާއޭ އެހިއްޖެއެވެ. ސާރިމް އިނީ ޖެހި ބުދެއްހެންނެވެ.
ދޮރު ހުޅުވާފައި ކާރުން ބޭރަށް ފުންމާލަން ހިމްނާ ހިތަށް އެރިއެވެ. އޭނާ ދޮރުގައި ހިފާ ދަމައިގެންއިރު ދޮރު ހުރީ ތަޅުލާފައެވެ. ބިއްލޫރިގަނޑު ތިރިކުރަން އުޅެ އެކަމެއްވެސް ނުވިއެވެ. އަނެއްކާވެސް ބިރުން ސާރިމްގެ ގައިގައި ތަޅައިގަނެވުނެވެ. ކާރުގެ އޭސީ އެންމެ ފުލްކޮށްފައި ވިއަސް އޭނާ ދާ ހިއްލާ ފޯވެއްޖެއެވެ. ހީވަނީ މަރު ކުރިމަތިން ފެންނަން ފެށީހެންނެވެ.
"ސާރިމް، ކާރު މަޑުކުރޭ، އަހަރެން ކިޔައިދޭނަން ޒައިން އުޅޭ ތަން." ހިމްނާގެ އަޑު ކުރަކިވެގެން ދިޔައެވެ.
** **
ނޫރާ މަޑުކޮށްގެން ހުރީ މަގުގެ އެއްފަރާތުގައެވެ. އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލައިލިއެވެ. މިއީ ސަފިއްޔާ ގެއިން ނިކުންނަ ގަޑިކަން ނޫރާއަށް އެނގެއެވެ. ގޭގެ ދޮރާށި ހުޅުވުމާއި އެކު ނޫރާ ހިނގައިގަތެވެ. ދޮރާށިން ނިކުން ސަފިއްޔާގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރިކަމެވެ. މަގުގެ ދެފަރާތަށް އޭނާ ބަލައިލިއެވެ. އޭނާގެ ފަހަތުން އަންނަނީ ނޫރާކަމެއް އޭނާއަކަށް ނޭނގެއެވެ.
މަގު ހުރަސްކޮށްފައި ސަފިއްޔާ ގޮސް ވަނީ ކުރިމަތީގައި ހުރި ފިހާރައަށެވެ. ވަށިގަނޑެއް ނަގައި އޭނާ ގަންނަން ބޭނުންވާ އެއްޗެހި އޭގެތެރެއަށް އަޅަމުން ކުރިއަށް ދިޔައެވެ. އެ މަންޒަރު ބަލަން ހުރެފައި ނޫރާ އަނެއްފަރާތުން ގޮސް ހުއްޓުނީ ސަފިއްޔާގެ ކުރިމަތީގައެވެ. މާމުތް ފުޅިއެއް ނަގައި ސަފިއްޔާގެ ވަށިގަނޑުގެ ތެރެއަށް ލައި ދިނުމުން ހައިރާންވެފައި ސަފިއްޔާ ބަލައިލިއެވެ.
"ފިހޭ ތަންތަނުގައި އުނގުޅަން ރަނގަޅުވާނެ." ހަމަ އެކަނި ދެލޯ ފެންނަން ހުއްޓަސް ވާހަކަ ދެއްކި އަޑުގެ ސަބަބުން އެއީ ނޫރާކަން ސަފިއްޔާއަށް ދެނެގަނެވުނެވެ. އެކަމަކު ނޫރާއަށް ރައްދު ދިނުމުގެ ބަދަލުގައި އޭނާއަށް ބަލައިލެވުނީ އަތަށެވެ. ބޮޑުވާ އިނގިއްޔާއި ދިމާލުގައި ފިހިފައި ހުރި ދިމާލުން އިނީ ހަންގަނޑު ނޮޅި ހުދުވެފައެވެ.
"އަހަރެމެން ބޭސް ކުރަނީ ދުޝްމަނުން ލައްވައެއް ނޫން." ވަށިގަނޑު ތެރެއިން މާމުތް ފުޅި ނަގައި އެ ހުރިތަނުގައި ބަހައްޓަމުން ސަފިއްޔާ ބުނެލިއެވެ. އަނެއްކާވެސް އެ ފުޅި ވަށިގަނޑުގެ ތެރެއަށް ލަމުން ނޫރާ ދިނީ ސަފިއްޔާ ދޫ ބަންދުވެގެން ދިޔަ ފަދަ ރައްދެކެވެ.
"ދުޝްމަނުންނަށްވުރެ ބޮޑަށް އަނިޔާވެރީ އެންމެ ލޯބިވާ މީހުން، އެމީހުން ދޭ ޒަޚަމް ފަސޭހަވާން އެހާ ދުވަސް ނަގާ، މިއަދު ކޮންކަމަކާއި މާ ރުޅި އައިސް، ކުރިން ވިއްޔާ ބުނާނެ އަހަރެންގެ މޫނު ފެންނަ އިރަށޭ ދުވަސް ޚަރާބުވެގެން ދަނީ." ނޫރާ އެއް އަތުން ސަފިއްޔާގެ ކޮނޑުގައި ޖަހާލަމުން ބުމަ އަރުވާލިއެވެ. ގެއިން ނިކުން ވަގުތު ސަފިއްޔާގެ މޫނު ހުރިގޮތް ފެނިފައި މިއަދު ހުރީ ހިތްހަމަޖެހިފައި ނޫންކަން އެނގެއެވެ.
"ކަލޭ ފެންނަންވެގެން ކަންނޭނގެ މިއަދު އަތްވެސް ފިހުނީ، ހުސްނީ ރުޅި އަރައިގެން ދިޔައީ ގިރައިދިން ސައިތަށީގެ ފޮނި ގަދަވެގެން، އެއްކަމެއްވެސް މިއަދު ރަނގަޅަށް ދިޔައީކީ ނޫން" ސަފިއްޔާ ގެ ބަހުރުވަ ހުންނަނީ އަބަދުވެސް އެގޮތަށެވެ. އޭނާގެ އަތުން ކަމެއް ގޯސްވެއްޖެ ނަމަ އެއީ އެހެން މީހެއްގެ ސުންޕާ ކަމެވެ. އެއީ އަބަދު އިވި އިވި ނޫރާއަށް ބާވެފައިވާ ބަސްތަކެކެވެ. މިހާރު އެފަދަ ބަހެއް އިވުނަސް ނޫރާގެ ހިތަކަށް އެއްވެސް އެއްޗެއް ނާރައެވެ.
"ކަމެއް ދިމާވާއިރަށް ހެއްދެވި ފަރާތުން މިންވަރު ކުރެއްވި ގޮތް ކަމަށް ޤަބޫލުކޮށް އެކަމަށް ރުހުން އެންމެ ރަނގަޅުވާނި، އޭގެ ބަދަލުގައި އެކަން ދިމާވީ އެހެން މީހެއްގެ ސަބަބުން ކަމަށް ބަލައި އެމީހަކަށް ހަސަދަ ލުމަކީ ޝައިތާނީ ސިފައެއް، " ނޫރާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. އެ ބަސްތަކާއި މެދު ވިސްނާ ވަރަށް ވުރެ ސަފިއްޔާ ހުރީ ރުޅި އައިސްފައެވެ. ކިތަންމެ ދެރަ މީހަކުވިއަސް ހެޔޮ ބަހެއް ބުނެފިއްޔާ އެކަން ޤަބޫލުކުރަން ވާނެކަން ސަފިއްޔާގެ ޟަމީރު ޤަބޫލެއް ނުކުރެއެވެ.
"އަހަރެން ހީކުރީ ކަލޭ ދިއުމުން ދެން ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް." ސަފިއްޔާ ފުންނޭވާއެއް ދޫކޮށްލާފައި ހިނގައިގަތެވެ. އޭނާގެ ފަހަތުން ނޫރާވެސް ދިޔައެވެ.
"ހުސްނީ އަދިވެސް ލޯބިވަނީ އަހަރެން ދެކެއޭ ބުނީތަ؟" ސަފިއްޔާގެ ފަހަތުން އައިސް ހުއްޓިފައި ނޫރާ އަހާލިއެވެ. ދެމީހުންގެވެސް ބަސްމަގުހުރީ ޖަދަލުކުރާގޮތަށެވެ. އެއީ އެއް ގެއެއްގައި އުޅުނުއިރުވެސް ދެމީހުންގެ ހާލެވެ. ދެމީހުން އެވަރަށް އޮޅުލާފައި ހުސްނީ އައިސް ގެއަށް ވަންނައިރަށް އަނެއްކާ ހުސްނީގެ ބޮލަށް އަރަނީއެވެ. ޝަކުވާ ކޮށްގެންވިއަސް އަގުވައްޓާލެވޭތޯ ބަލައެވެ. ނޫރާގެ ކޮޅު ގަދަވަނީ ހުސްނީ އޭނާ ދެކެ ލޯބިވެއޭ ކިޔައިގެންނެވެ. ސަފިއްޔާގެ ކޮޅުގައި ހުރީ ދަރިންނެވެ. ސަފިއްޔާއަށް އޮތީ އޭނާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަމެވެ.
ސަފިއްޔާ ނޫރާގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީ ހުރި ރުޅިވެރިކަން ފޮހެވި ތުންފަތުގައި ދުވެލީ ހިނިތުންވުމެވެ. ނޫރާ ދެރަކޮށްލެވޭވަރުގެ ޖަވާބެއް އޭނާއަށް ދެވިދާނެކަން އެ ހިނިތުންވުން ރަމްޒުކޮށްދެއެވެ.
"އޭނަ އުޅެނީ އެހެން މީހަކާއި އިންނަން." ސަފިއްޔާ ބުނެލިއެވެ. ކަންފަތްދޮށުގައި ބޮމެއް ގޮއްވާލިހެން ނޫރާއަށް ހީވިއެވެ. އޭނާ ދެކެ ހުސްނީ ލޯބިނުވާނެކަން ނޫރާއަށްވެސް އެނގެންޖެހޭނެއެވެ. އެހެންނަމަ ހޮސްޕިޓަލަށް ދޫކޮށްފައި ފިލައިގެން ނުދިޔައީހެވެ. އެއީ ހުސްނީ ހިތާއި އެއްކޮޅަށް ނިންމި ނިންމުމެއްކަން ނޫރާއަށް ޤަބޫލުކުރަން އުދަނގޫވަނީ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ ސަފިއްޔާއެވެ. ދުވާލަކު އެއްފަހަރު ހުސްނީ އާއި ދިމާލަށްނޫރާ ވަރިކޮށްނުލައިފިއްޔާ ދަރިންކޮޅު އެއްލާލާފައި ދާނަމޭ ކިޔާވަރުން ހެދި ގޮތެކޭ ނޫރާގެ ޟަމީރު ބުނެއެވެ.
"ސަފިއްޔާއަށް ތި ނޭނގެނީ އޭނަ ހިތްހަމަޖެހޭވަރު ކުރަން." ދެރަނުވާންވެގެން ނޫރާ ބުނެލިއެވެ. މިފަހަރު ސަފިއްޔާ އައި ރުޅިން އެތަނުގައި ހިނދުކޮޅަކުވެސް ހުންނަން ބޭނުންނުވިއެވެ. އޭނާއަށް އެ ލިބުނު ދެރައަށްވުރެ ނޫރާ ރައްދުކުރި މަލާމާތުގެ ސަބަބުން ލިބުނު ހިތާމަ ފުންވެގެން ދިޔައެވެ. ކައުންޓަރަށް ގޮސް ފައިސާ ދައްކަން ފެށުމުން ނޫރާ ގޮސް މަޑުކުރީ ފިހާރައިގެ ބޭރުގައެވެ.
އޭނާގެ ސިކުނޑި އެކި ކޮޅުކޮޅުން ވިސްނައިގެން ސަފިއްޔާ ނިކުންނަންވާއިރަށް ހުރެވުނީ ހުސްނީއަށް ދޭނެ ވަރުގަދަ ލަނޑަކާއި މެދު ގޮތެއް ނިންމައިގެންނެވެ.
"ސަފިއްޔާ މަޑުކުރޭ." ސަފިއްޔާ ފެނުމާއި އެކު ނޫރާ ގޮވާލިއެވެ. ސަފިއްޔާ އެ އަޑު އިވޭކަމަކަށްވެސް ނުހެދިއެވެ. ނޫރާ ދުވެލާފައި ގޮސް ސަފިއްޔާގެ ކުރިމައްޗަށް އެރިއެވެ.
"މިފަހަރު އެ ކައިވެނި ހުއްޓުވާނީ އަހަރެމެން." ނޫރާ ހިތުގައި އޮތް ހުރިހާ އެއްޗެއް ކިޔައިދޭވަރަކަށށް ވަގުތެއް ނެތެވެ. އެކަމަކުއ އޭނާ އިއްވީ އޭނާ ނިންމި ގޮތެވެ. ސަފިއްޔާއަށް ހުރެވުނީ ދެލޯ އަޅައިލިގޮތަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.
** **
ނޫރާ ގެއަށް ދިޔައީ އޭނަ އާއި ސަފިއްޔާ އާއި ދެމެދުގައި ދެކެވުނު ވާހަކަތަކާއި މެދު ހިތްހަމަޖެހިގެންނެވެ. ފުރަތަމަ ފަހަރަށް ސަފިއްޔާ އޭނަ އާއި ހަތަރުކަޅި ހަމަކޮށް ވާހަކަ ދެއްކިއެވެ. ނޫރާ ގެއަށް ވަންއިރު ނިދައިގެން ހޭލި ގޮތަށް ސާރިމް އިނެވެ. ގޭގެ އެތެރެވުމާއި އެކު ބޮލުގައި އޮތް ބުރުގާ ވަކިކޮށްލަން އުޅެފައި ނޫރާ ހަނދާންވީ އޭނާ ފެނި ސާރިމް ބިރުގަންނާނެކަމަށް ރަމްލާ ބުނެފައިވާ ހަނދާނެވެ. ދެލޯ އުނގުޅަމުން ސާރިމް ސަމާލުކަންދެވޭތޯ ބެލީ ޓީވީގެ ސްކްރީނަށެވެ.
"ޓޮމް އެންޑް ޖެރީ ބަލަންތަ؟ އެއީ މަންމަގެ ވެސް އެންމެ ފެވަރިޓް" ނޫރާގެ އަޑަށް ސާރިމް ބަލައިލިއެވެ. ލަސްލަހުން ނަމަވެސް އެ މައުސޫމް މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. ދުލުން ބަސްބުނުމާއި ނުލައި ނޫރާ އާއި ހަމަޔަށް އެ ދަރިފުޅުގެ ޖަވާބު އައީ އެ ހިނިތުންވުމުގެ ޒަރިއްޔާއިންނެވެ.
"މަންމަ ކުޑައިރު ޓީވީ ހުރޭތަ؟' ސާރިމްގެ އަޑުވެސް ހަމަ އެހާމެ ލޯތްބެވެ. ނޫރާއަށް ހީވީ އޭނާގެ ހިތް މައްޗަށް ފިނިފެންއެއްޗެއް އޮއްސާލިހެންނެވެ. ލިބުނު ހިތްހަމަޖެހުން އޭނާއަށް ބަޔާންކުރަން އުދަނގޫވިއެވެ. މަންމަގެ ނަމުން މުޚާތަބުކުރުމުން އޭނާގެ ހިތް ލޯބިން ބަނޑުންވިއެވެ. މިފަހަރު ކަރުނައިގެ ސިފައިގައެވެ.
"މުޅި ރަށުގައި ޓީވީ ހުންނަނީ އެންމެ ގެއެއްގައި، އެގެއަށް ޓީވީ ބަލަން ވައްދަނީ ރުފިޔާއެއް ދިނީމައި،" ނޫރާ އަމިއްލަ ވާހަކައެއް ހަދާލިއެވެ. ސާރިމްގެ ޝައުޤުވެރިކަން އޭނާއަށް މުހިއްމުވިއެވެ. މިއީ އަލަށް ދެމައިން ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭ ފުރަތަމަ ފަހަރެވެ. ރަށުގެ ކުރީގެ ހަނދާންތަކާއި ކުޑައިރުގެ ފޮނި ހަނދާންތައް އެއްފަހަރާ ސާރިމްގެކުރިމައްޗަށް އޮއްސާލަން އޭނާގެ ހިތް އެދުނެވެ. އެއީ ސާރިމް ޝައުޤުވެރިވާނެ ވާހަކަތަކަށް ވާނެކަން ޔަޤީނެވެ.
"މަންމަ ކުޑައިރު ހުންނަ ގޮތް އެނގޭ ސާރިމަށް." ސާރިމް ވާހަކަ ދައްކަން ފެށުމުން ނޫރާ ހައިރާންވިއެވެ. އެހެން އެބުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ސާރިމް ސޯފާއިން ފުންމާލައިގެން އައިސް ނޫރާގެ އަތުގައި ހިފިއެވެ. އެކުއްޖާގެ މިސްރާބުހުރީ ކޮޓަރިއަށެވެ. ރަމްލާގެ ކޮޓަރިއަށް ވަދެފައި ސާރިމް ހުޅުވީ އަލަމާރިތެރެއެވެ. ފަތްޖަހާފައި ހުރި އަންނައުނުތަކުގެ ތެރެއިން ނެގީ ފަތްޖަހާފައި އޮތް ފޮޓޯގަނޑެއްގެ ބައެކެވެ. އެ ރޫޅާލުމާއި އެކު އެއީ ކޮން ފޮޓޯއެއްކަން ނޫރާއަށް އެނގުނެވެ.
އެ ތަސްވީރުގެ އެއްބައި މަދެވެ. އެބައި ނޫރާގެ ލޯމައްޗަށް ސިފަވިއެވެ. ކުލަ ރީތި ހުވަފެނެއްފަދައިންނެވެ. ނޫރާގެ ކައިރީ ހެވިފައި ހުންނާނީ ކާކުކަން އޭނާއަށް އެނގެއެވެ.
"ކޮބާ މީގެ އަނެއްބައި؟" ސާރިމްގެ އަތުން އެ ތަސްވީރު އަތުލަމުން ނޫރާ އަހާލިއެވެ. ސާރިމް ގެ ޖަވާބު އަހާފައި ނޫރާ ހިތުގައިޖެހުނެވެ. އެ ތަސްވީރުގެ އަނެއްބައި ރަމްލާ އިރާލި ވާހަކަ އެކުއްޖާ ބުނެލިއެވެ. ނޫރާ ހިތުގައި ޖެހުނީ އެއީ ނޫރާ އާއި ސާރިމްގެ ހަމައެކަނި ތަސްވީރު ކަމުގައިވާތީއެވެ.
ސާރިމްގެ ނަމުން ރަމްލާ ގޮވާލި އަޑު އަހާފައި ފަސްއެނބުރި ބަލައިލެވުނެވެ. ރަމްލާގެ މޫނުން ފެންނަންހުރި ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިފައި ނޫރާ ނިކުންނަން ހިނގައިގަތެވެ. ދޮރުން ނިކުންނަން ގޮސް ނޫރާ ހުއްޓުނެވެ.
"ހަޤީޤަތަކީ އަހަންނާއި ސާރިމް ގުޅެން ދުވަހަކުވެސް މަންމަ ބޭނުން ނުވާކަން. އަހަރެން އެނގެން ބޭނުން ސަބަބު؟" ނޫރާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ. ހިތުގައި ޖެހިފައިހުރިވަރުން އޭނާގެ އަޑު ބާރަށް ނިކުންނަހާ ހިތްވަރެއް ނެތެވެ. ރަމްލާ ލޮލުގެ ހިމަކޮޅުން ނޫރާއަށް ބަލައިލިއެވެ.
"ނޫރާ އުފަލުގައި ގެންގުޅޭވަރުގެ މީހުން އަހަންނަށް އެނގޭ،" ރަމްލާގެ ރައްދު އައީ ނޫރާ ހީކުރިވަރަށްވުރެ އަވަހަށެވެ. ރަމްލާ އެބުނީ އޭރުގައި ސާރިމް ފަގީރުވާހަކައެވެ. އެގޮތަށް ނޫރާ ރުހޭއިރު ރަމްލާ ދެކޮޅުވާންވީ ކިއްވެހެއްޔެވެ؟
"ތިޔަ ބުނާ މީހަކު ދައްކަބަލަ." ނޫރާ ބުނެލިއެވެ. ރަމްލާ ދޭނީ ކާކުގެ ނަމެއްކަން ނޫރާއަށް އެނގެއެވެ. މަންމައަށް ކަމު ދިޔަޔަސް ނަސްރުގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް އިނގިލިން ގުނާލެވޭވަރަށްވުރެ ގިނައެވެ.
(ނުނިމޭ)