ވާހަކަ

ނޫރާ - 45

އަނބިދަރިންނާ އެކު އުފަލުގައެވެ. އެހެން އުޅެވިގެން ނުވާނެއެވެ. ބަދަލު ހިފުމުގެ ރޫހު ނޫރާގެ ހިތުގައި އޮތެވެ. ހުސްނީގެ ކިބައިން އޭނާ ބަދަލު ހިފާނީ އޭގެ ސަބަބުން މުޅި ދުނިޔެ ސިހިގެންދާ ވަރަށެވެ. އެހެން ފިރިހެނަކަށް އަންހެނަކާއި ދިމާލަށް ޤަދަރުކުޑަކޮށްފައި ބަލައިލަންވެސް ނުކެރޭ ވަރަށެވެ.

ސާރިމް ހޮސްޕިޓަލަށް ދާން ނިކުން ވަގުތަކީ ނޫރާ ގޮވައިގެން އައިސް ފަރީނާ ވަން ވަގުތެވެ. ސާރިމް ފެނުމުން ފަރީނާގެ އަތް ފޮޅާލާފައި ނޫރާ އައިސް ސާރިމްގެ ގައިގައި ބައްދާލިއެވެ. ކުޑަ ދިރުމެއް ސާރިމްގެ ހަށިގަނޑަށް ލިބުނެވެ. ދަރިފުޅުގެ ބީހިލުމާއެކު އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ނޫރާއާ އެއްވަރަށް ގުދުވެފައި ދަރިފުޅު އުރާލައިގެން ސާރިމް ހިނގައިގަތީ ކޮޓަރިއަށެވެ. އެވަގުތު ނޫރާ ހުރީ ބަނޑުހައިވެފައިކަމުގައި ފަރީނާ ބުނެލިއެވެ. އެ އަޑަށް ސަމާލުކަން ނުދީ ސާރިމް ބޭނުންވީ ނޫރާ އާއެކު އެކަނިވެލާށެވެ.

ޝެރީން އޮތް ހާލަތު ފެނުމުން ދަރިފުޅަށް ކުރާނެ އަސަރަކާ މެދު މިދޔަ ވަގުތުގައި ސާރިމްއަށް ވިސްނާލެވިފައި ނެތެވެ. ބުނެދެން ނޭނގޭ އެތައް ޝުއޫރެއް އެ ތުއްތު ހިތުގައި ހިނގާނެކަން ޔަޤީނެވެ. ނޫރާ ގޮވައިގެން ގޮސް ސާރިމް އެނދުގައި އޮށޯތެވެ. ކައިފިންތޯ ސާރިމް ސުވާލުކުރުމުން ނޫރާ ނޫނެކޭ ބުނެލިއެވެ. ސާރިމް އާއެކު ކާނަންތޯ އަހާލުމުން ނޫރާ ބޯޖަހާލިއެވެ.

"މަންމަ ނެތަސް، ބައްޕަ ނެތަސް ދަރިފުޅު މާމަ އާއެކު ބަސް އަހައިގެން ކައިގެން ހުންނަންޗެ." ސާރިމް އަށް ހީވީ އަރުތެރެ ބެދެން އުޅޭހެންނެވެ. އެހެން ބުނުމާއެކު ނޫރާ ސާރިމްގެ ކަރުގައި ބައްދާލިއެވެ. ނޫރާއަށް ނުފެންނަ ހިސާބަށް އެއިން އެއްވެސް މީހަކު ދާކަށް ނޭދޭކަން އެ އަމަލުން އެނގެއެވެ.

"އައި ވިލް ކަމް ބެކް ސޫން" ދެއަތުން ނޫރާގެ ބުރަކަށީގައި ފިރުމާލަމުން ސާރިމް ބުނެލިއެވެ. އޭނާ ދިން ޔަޤީންކަމަށްފަހުވެސް ނޫރާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ސާރިމްގެ ކަރުގައި އޮޅުލައިގަނެގެން އޮތްގޮތަށް އޮތީއެވެ. އެހެން އޮވެފައި އިރުކޮޅަކުން އިވުނީ ރޯންފެށި އަޑެވެ. ކަރުނައިގެ ހޫނުކަން ސާރިމްގެ ކަނދުރާއަށް އިހްސާސްވިއެވެ. ނޫރާއަށް ގޮވާލަން އުޅެފައި ސާރިމް ހިމޭންކަން އިޚްތިޔާރު ކުރިއެވެ. ކަރުނަތައް ކޮންޓްރޯލް ނުވާނެކަން އެނގޭތީ ސާރިމްއަށް އިނދެވުނީ ނޫރާގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

އަނެއްކާވެސް ސާރިމްގެ ހިތުގައި ފުނިޖެހުނީ ޝަކުވާއެވެ. ނޫރާގެ ހައްޤުގައި ނަމަވެސް ކަންކަން ނިންމުމުގެކުރިން ޝެރީން ވިސްނާލިނަމަ ކިހާ ރަނގަޅުވީހެވެ. މަންމަ ނެތް ދުނިޔެއެއްގައި ދަރިއަކަށް ލިބޭނެ ފަޅުކަން ޝެރީންއަށް ނޭނގިދާނެއެވެ.

ޝެރީން ނުވިސްނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަނެއްކާވސް ސާރިމްއަށް ފިކުރު ކުރަން މަޖުބޫރުވީ ޝެރީން ލިޔެފައިވާ ނޯޓްކޮޅުގައި އޮތް ޖުމްލަ ތަކަށެވެ. ޝެރީންއަށް ބިރު ދައްކަން ހުރީ އެންމެ މީހެކެވެ. ޒައިން އެވެ. ޒައިންގެ ފަރާތުން ބޮޑު ކަމެއް ދިމާވީއޭ ސާރިމްގެ ހިތަށް އެރިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ސާރިމްގެ ދެލޮލުގެ ކުލަ ދިޔައީ ގަދަވެގެންނެވެ. މިފަހަރު ހިނގަ ހިނގާހުރި ކަރުނައިގެ އިތުރުން އެ ދެލޮލުން ރުޅިވެރިކަން ފެންނަން ހުއްޓެވެ. މާ ލުއިކޮށް ޒައިންއަށް ދެވޭ އަދަބަކުން އަދި އޭނާ މައިތިރި އެއްނުވާނެއެވެ. ބައެއް މީހުންނަކީ ލިބޭ ފިލާވަޅުން އިބުރަތެއް ލިބޭނެ ބައެއް ނޫނެވެ. ސާރިމް ހިތަށް އެރިއެވެ. އޭނާ ފުރައިގެން ދިއުމުގެކުރިން ޒައިން އަތުޖެހޭނެ ނަމަ ހާދަ ރަނގަޅެވެ.

ފަރީނާ އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނޫރާ އިސްނަގައި ބަލައިލިއެވެ. ފަރީނާ ފެނުމުން ކުރިއެކޭ އެއްގޮތަށް ސާރިމްގެ ކޮނޑުގައި ބޯއަލާލިއެވެ. ފަރީނާ އައީ ނޫރާ ކާން ބަލައިކަން އެނގުމުން ސާރިމް ގަސްތުކުރީ ތެދުވާށެވެ. އޭނާ ތެދުވީ ނޫރާ އުރާލައިގެންނެވެ. ނޫރާ ކިރިޔާވެސް ކާ އެއްޗެއް ކާނީ ސާރިމްގެ އަތުންނެވެ.

ދޮރުގައި ޓަކިދިން އަޑަށް ހިމްނާ ހިނގައިގަތީ އޭނާ ލައިގެން ހުރި އަންނައުނާ މެދު މާބޮޑަށް ފަރުވާ ނުބަހައްޓައެވެ. ޓީޝާޓަކާއި ކުރު ސޯޓެއްގައި ހުއްޓާ އާއްމުކޮށް އަންނަ މީހަކަށްވިއްޔާ ހުންނާނީ ފެނިފައެވެ. މިގަޑީގައި އަންނާނީ ކާކުކަން އޭނާއަށް އެނގެއެވެ. އަތުގައި އޮތް ޗޮކްލެޓުން އެތިކޮޅުން ދަތުން ވީދާލާފައި ގޮސް ދޮރު ހުޅުވިއެވެ. އޭނާ ބޯޖަހާލާފައި ޒައިންއަށް ތަންދެއްކިއެވެ.

"ބޭރަށް ދާން ކަމަށް މިއައީ." ޒައިން ހީލާފައި ގޭތެރެއަށް ދެލޯ ހިންގައިލިއެވެ. އޭނާ އެހެން ބުނީ ހިމްނާ ލައިގެން ހުރި ހެދުމުގެ ސަބަބުން ބޭރަށް ނުދާނެތީއެވެ. އެގެއަށް އޭނާ އަންނަނީ އެންމެ ބޭނުމެއްގައެވެ. ހިމްނާގެ ފައިން ފެށިގެން ބޮލާއި ހަމަޔަށް ކަޅި ހިންގާލުމުން އެކަނިވެސް ޒައިންގެ ހިތް ބާރުއަޅަން ފެށީ އޭނާ ކުރަން އައި ކަމަށް އަވަހަށް މަސްއޫލުވުމެވެ.

ހިމްނާ އަކީ އިސްކޮޅުން ދިގުވެފައި ބައްޓަންވެސް ރީތި އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި އިސްތަށިގަނޑު ކަޅެވެ. ޒައިން ފަހަތުން އަންނަކަން އެނގުމުން ހިމްނާ ގޮސް ވެއްޓިގަތީ އެނދު މައްޗަށެވެ. އެނދުމަތީ ހުރި ކޯކުފުޅި އާއި ބިސްކޯދު ޕެކެޓް އަރިއަކަށް ޖައްސާލާފައި ޒައިން ކައިރީ އިށީންނާށޭ ބުނެލިއެވެ.

"މިރޭ ބޭރަށް ދާ ގޮތަކަށް ނޫން މިހުރީކީ، ފުރަތަމަ ދާންވީ ހޮސްޕިޓަލަށް." ހިމްނާ ލޮލުގެ ހިމަކޮޅުން ޒައިންއަށް ބަލާލިއެވެ. އެހެން ބުނުމުން ޒައިން ބުމަ ކައިރިކޮށްލިތަން ފެނުނެވެ. ހިމްނާ އެ ދައްކާ ވާހަކަ ޒައިން އަށް އެނގޭކަން އެހުރީ މޫނުމަތިން ފެންނާށެވެ.

"އެހެން ނޫނީ މީހުން ހީކޮށްފާނެ އެ ރޭވުމުގައި އަހަރެންގެ އަތެއްވެސް ވެޔޭ." ހިމްނާ ލޮލަށް ވައްތަރެއް ޖައްސާލިއަސް މީހަކު ހީކޮށްފާނެ އެއްޗަކާމެދު ނުވިސްނައެވެ. އުންޑުން އޮށޯވެލައިގެން އޮތްއިރު އޭނާ އޮތީ ދެފައި ތަޅުވާލަ ތަޅުވާލައެވެ.

"ނުވެސް ކުރާ ކަމެއްގެ ތުހުމަތު ބޮލުގައި އެޅުވި ބަޔަކު ކިތަންމެ އެއްޗެއްވެސް ހީކުރާނެ، މިރޭ ނުދިޔަޔަސް ރަނގަޅުވާނެ، އަހަރެންވެސް މިއައީނު،" ޒައިން އަތްލީ ހިމްނާގެ ކުޑަކަޅުވާ މަސްގަނޑުގައެވެ. އެއަތް މަޑުމަޑުން މައްޗަށް ގެންދިޔައެވެ.

"މޫޑެއް ނެތް މިރެއަކު." ހިމްނާ ތެދުވެ އެނދުގައި އިށީނެވެ. ޒައިން އެއަޑަށް ސަމާލުކަމެއް ނުދިނެވެ. ހިމްނާގެ ކުރިމަތީ އެނދުގައި އިށީދެ ދެއަތުން އޭނާގެ މޫނުގައި ހިފަހައްޓާލިއެވެ. ކައިރިވާން މަސައްކަތްކުރިއެވެ. މިފަހަރުވެސް ހިމްނާ ދުރަށް ދާން މަސައްކަތް ކުރިއެވެ. ދެމީހުންވެސް އެމީހުންގެ ގޮތުގައި ގަދަ ހަދާލިއެވެ. ޒައިން ކައިރިވާން އުޅުނު ވަގުތު ހިމްނާ ޖެހީ ޒައިންގެ މޫނުމަތީގައެވެ.

ވީތަދާއެކު ޒައިންއަށް ހަޅެއްލަވައިގަނެވުނީ ހިމްނާގެ ނަމުން ގޮވާލަމުންނެވެ.

"ޒައިން އަށް އަހަރެން ކަމު ނުދާއިރު ކީއްކުރަންތަ؟" ހިމްނާ ދެލޯ އަޅާލިއެވެ. ޒައިން އަނެއްކާވެސް ހިމްނާގެ އަތުގައި ހިފިއެވެ. ގަޔާއި ކައިރިއަށް ދަމާލިއެވެ. މިފަހަރު ހިމްނާގެ ދެއަތުން ޒައިން މޭގައި ޖައްސާލާފައި ކައިރިވިޔަކަ ނުދިނެވެ.

"ޝެރީންއާ ނޫން މީހަކާ ނީންނާނެ." ޒައިންގެ މަކަރު ހިމްނާއަށް އެނގެއެވެ. އޭނާ ދެކެ ލޯބިނުވާކަންވެސް އެނގެއެވެ. އެކަމަކު ހިމްނާއަށް ޒައިން ކަމުދާން ފެށިއެވެ. ވަކިން ޚާއްސަކޮށް އެ ދެމީހުން އެއް ކޮޓަރިއެއްގައި ޝެރީންގެ ގޭގައި ތިއްބައެވެ.

"އަހަރެން އިންނާނި ހިމްނާ އާ،" ޒައިން އަދިވެސް ތެދަށް ބުނަން ބޭނުން ނުވެއެވެ. އޭނާ މިރޭ އައީ ހިމްނާ ރުއްސައިދޭށެވެ. ކައިވެނި ނުކުރިއަސް ހިމްނާ ހިތްހަމަޖައްސައިދެން ޒައިންއަށް އެނގެއެވެ. ހިމްނާ ވަގުތުން އެ ދަލުގައި ޖެހުނެވެ. ޒައިންގެ ޓީޝާޓްގައި ހިފާ ކައިރިއަށް ދަމައިގަތެވެ. ދެމީހުން ނޭވާ އިހްސާސްވާހާ ކައިރިވިއެވެ. އެއްވެސް ބިރެއް ނެތެވެ. ޖެހިލުންވުމެއް ނެތެވެ.

ކުއްލިއަކަށް ދޮރުގައި ތަޅައިގަތެވެ. ހިމްނާގެ ނަމުން ގޮވާލީ އޭނާގެ މަންމައެވެ. ޒައިންއާ ދުރަށް ޖެހިލާފައި ހިމްނާ ދެލޯ ހޯދައިލީ ޒައިން ފޮރުވަން ލާނެ ތަނެކެވެ. އަލަމާރިތެރެއަށް ވަންނަން ބުނެފައި ހިމްނާ ބޮލުގެ އިސްތަށިގަނޑު އައްސަމުން ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ.

"ހޮސްޕިޓަލަކަށް ނުދަންތަ؟" ޝެހެނާޒް އަހާލިއެވެ. ހިމްނާއަށް ޝެރީން ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ދިނީ މަންމައެވެ. ޝެރީން އާއި ހިމްނާ ފަދައިން އެ ދެމީހުންގެ މަންމަވެސް މިހާރު ގުޅެއެވެ.

"މިދަނީއޭ އިރުކޮޅަކުން." ހިމްނާ ބުނެލިއެވެ. އޭނާ ދޮރުލައްޕަން އުޅެނިކޮށް ޝެހެނާޒް ދިނީ ސިހިގެން ދާ ކަހަލަ ޚަބަރެކެވެ.

"ސާރިމް އެބަހުރި ބޭރުގައި ހިމްނާ ބަލާ އައިސް." ހިމްނާއަށް ބޯދިއްކޮށްލެވުނެވެ. ސޯފާގައި އިން ސާރިމް ފެނުމުން އޭނާ ހައިރާންވިއެވެ. ހެދުން ބަދަލު ކޮށްލައިގެން ނިކުންނަނީއޭ ބުނެފައި ދޮރު ލެއްޕިއެވެ. ދެން އައިސް އަލަމާރި ހުޅުވާފައި ޒައިން ކައިރީ ބުނީ ހޮސްޕިޓަލަށް ދާ ވާހަކައެވެ. ވީ އެންމެ އަވަހަކަށް އަންނާނެ ކަމަށާއި މަންމަ ކޮޓަރިއަށް ވަންނަ ވަގުތު ބަލާފައި ދާށޭ ބުނެލިއެވެ.

ސާރިމް ކާރު ދުއްވަމުން ދިޔައެވެ. ހިމްނާ ކުރީ ޝީޓްގައި އިނީ މަގުމައްޗަށް ބަލާށެވެ. ކުއްލިއަކަށް ހިމްނާ ބަލާ އައީ ޝެރީން މަރު ތުންފަތްމަތީ އޮވެ އޭނާގެ ނަމުން ގޮވަނީބާއޭ ހިތަށް އަރައެވެ. އޭނާ އިނީ ސާރިމް ކައިރީ އެއްވެސް ސުވާލެއް ކުރަން ނުކެރިފައެވެ. ހޮސްޕިޓަލާ ދިމާލަށް ދަމުން ގޮސް ސާރިމް ކާރު އަނބުރާލިއެވެ. ހޮސްޕިޓަލްއަށް ފުރަގަސްދީފައި ދާން ފެށުމުން ސާރިމް ކައިރީ ދަނީ ކޮންތާކަށްތޯ އަހާލިއެވެ. ސާރިމް ބަހެއް ނުބުނެއެވެ. ކާރުގެ ދުވެލި ބާރުކޮށްލާފައި ދިޔައީ އެމަގު ހުރިގޮތަށެވެ. މާލެވަށައި ޖަހާފައި ދެން މިސްރާބު ޖެހީ ބްރިޖާ ދިމާލަށެވެ. އޭރު ކާރުގެ ދުވެލި ހުރީ ހިމްނާ ބިރުގަންނަހާ ބާރުވެފައެވެ.

"ޒައިން އުޅޭ ތަން ހިމްނާއަށް އެނގޭނެ، އަހަންނަށް އެނގޭ ޝެރީން މަރުވާން އުޅުނީ ޒައިން ކޮންމެވެސް ކަމެއް ކޮށްގެންކަން. ހިމްނާގެ އެންމެ ގާތް އެކުވެރިޔާ އެއީ، ޒައިން ހޯދަން އަހަންނަށް އެހީވެދެންވީނު" ބްރިޖަށް އަރަމުން ސާރިމް ވާހަކަ ދައްކަން ފެށިއެވެ. ހިމްނާއަށް ސާރިމްގެ ނިޔަތް ސާފުވެގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ގެއަށް އައީ ކީއްވެކަން ސާފުވެގެން ދިޔައެވެ. އެކަމަކު ސާރިމްއަށް ހިމްނާގެ ގޮތް ނޭނގެނީތާއެވެ. ޒައިން އަކީ ހިމްނާ މިހާރު އެންމެ ލޯބިވާ ފަރާތެވެ. ޒައިން ހައްޔަރު ކޮށްގެން ގެންދަން އޭނާ ބޭނުމެއް ނުވާނެކަން ސާރިމްއަކަށް ނޭނގޭނެއެވެ.

"އަހަންނަކަށް ނޭނގެ، އެއްކަލަ ރޭ ސާރިމް އައިސް ތަޅައިގެން ފަހުން ޒައިން އަހަރެން ނުދެކެން." ހިމްނާ ގޮނޑީގައި ލެނގިލިއެވެ. ސާރިމްގެ މޫނަށް ނުބަލަން އޭނާ މޫނު ސީދާކޮށްގެން އިނީ މަގަށެވެ. ސާރިމް އިނީ ހަމަޖެހިލައިގެންނެވެ. އަދި އެހާ ފަސޭހައިން ހިމްނާ ނުބުނާނެކަން އޭނާއަށް މާކުރިންވެސް އެނގެއެވެ.

ސާރިމް އަނެއްކާވެސް ކާރުގެ ދުވެލި ކުރިއަށްވުރެ ބާރުކޮށްލިއެވެ. އޭނާ އިނީ ކުރިމަތިން އަންނަ ވެހިކަލްތަކަށް ސަމާލުކަން ދީގެންނެވެ. ކާރުގެ ދުވެލި ބާރުވި އަޑަށް ހިމްނާ ބަލައިލިއެވެ. އޭނާއަށް ހީވަނީ މޫނުމައްޗާ ދިމާލަށް ބޮޑެތި ބަސް އައިސް ޖެހިގަންނަން އުޅޭހެންނެވެ. ސާރިމް އޭނާ ގޮވައިގެން މިދަނީ އެއާޕޯޓަށްބާއޭވެސް ހިތަށް އެރިއެވެ.

"ސާރިމް، އަހަރެން ގޮވައިގެން ކޮންތާކަށް ތިދަނީ؟" ހިމްނާ ސާރިމްގެ މޫނަށް ބަލާލިއެވެ. ސަރަކައިގައި ދެއަތުން ހިފަހައްޓާލައިގެން އިން ސާރިމްގެ ކަޅި ހުއްޓިފައިވީ ކުރިމައްޗަށެވެ. އެސްފިޔަ ޖަހާލުމެއް ނެތި ދެބުމަ ކައިރި ކޮށްލައިގެން އިން އިރު ސާރިމްގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. ހިމްނާގެ ހިތްކުރިއަށްވުރެ ބޮޑަށް ތެޅިގަތެވެ. ސަރަކަ އެއްފަރާތަކަށް އަނބުރާލުމާއެކު ކާރު ގޮސް ބްރިޖުގައި ހުރި ރެއިލިންތަކުގައި ކޭއްތުނު އަޑު އިވުނެވެ. ހިމްނާއަށް ބިރުން ހަޅެއްލަވައިގަނެވުނެވެ.

"މަރުވާންތަ ތިއުޅެނީ؟" ހިމްނާއަށް ދެއަތުން ހިފަހައްޓާ ލެވުނީ ސާރިމްގެ އަތުގައެވެ. ވަކި ލައިނެއް ނެތި ފަންޏެއްހެން ދުއްވާފައި ދާއިރު ހީވަނީ ދެންމެ ދެންމެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން އުޅޭހެންނެވެ.

"ހުއްޓާލަބަލަ ސާރިމް." ހިމްނާއަށް ރޮވެން ފެށިއެވެ. ސާރިމްގެ ދެކަންފަތް ހުރީ ބީރުވެފައިބާއޭ ހިމްނާގެ ހިތަށް އެރިއެވެ. އޭނާ ސާރިމްއާ ވާހަކަދައްކައި ދައްކާ ވަރުބަލިވެއްޖެއެވެ. ދުވެލި މަޑުކުރޭތޯ އާދޭސް ކުރެވިއްޖެއެވެ. ހޮސްޕިޓަލަށް ދާން ނިކުން މީހުން މި ދަނީ ކޮންތާކަށްބާއޭ އެހިއްޖެއެވެ. ސާރިމް އިނީ ޖެހި ބުދެއް ހެންނެވެ.

ދޮރު ހުޅުވާފައި ކާރުން ބޭރަށް ފުންމާލަން ހިމްނާ ހިތަށް އެރިއެވެ. އޭނާ ދޮރުގައި ހިފާ ދަމައިގެން އިރު ދޮރު ހުރީ ތަޅުލާފައެވެ. ބިއްލޫރިގަނޑު ތިރިކުރަން އުޅެ އެކަމެއްވެސް ނުވިއެވެ. އަނެއްކާވެސް ބިރުން ސާރިމްގެ ގައިގައި ތަޅައިގަނެވުނެވެ. ކާރުގެ އޭސީ އެންމެ ފުލްކޮށްފައި ވިއަސް އޭނާ ދާ ހިއްލާ ފޯވެއްޖެއެވެ. ހީވަނީ މަރު ކުރިމަތިން ފެންނަން ފެށީހެންނެވެ.

"ސާރިމް، ކާރު މަޑުކުރޭ، އަހަރެން ކިޔައިދޭނަން ޒައިން އުޅޭ ތަން." ހިމްނާގެ އަޑު ކުރަކިވެގެން ދިޔައެވެ.

(ނުނިމޭ)