ވާހަކަ

ނޫރާ - 44

"ކަލޭމެން ފިރިހެނުންނާއި މެދު އަހަރެން އަޖައިބުވަން، މީހަކަށް އެހީތެރިވާންޖެހޭ ހާލަތުގައި ކުކުޅުހާ ހާއްޔަށް ވަންނަހެން ކަލޭމެން ތިބެނީ ފިލައި، މިހާރު ކޯއްޗެއް ފެނިގެން ތި އައީ؟ އަހަރެން ކުރިންވެސް އުޅުނު ގޮތް އަދިވެސް އެބައޮތް. " ނޫރާ ގަސްތުކުރީ އެތަނުން ދާށެވެ. ރަމްލާ ބަދިގެއިން ކޮފީ ތައްޓެއް ހިފައިގެން އަންނަތަން ފެނި އޭނާ ތެދުވެގެން ދިޔައިރުވެސް ނަސްރު އިނީ އެއްޗެއް ބުނަން ނުކެރިފައެވެ.

ނޫރާގެ ނަމުން ރަމްލާ ގޮވާލި އަޑު އިވުނު ނަމަވެސް ނޫރާ އެދިޔަ ބާރުމިނުގައި ގޮސް ދޮރުޖެހީ ފުރާޅުގައި ހުރި ޓިނުތައް ފައިބާހާ ބާރަށެވެ. ރަމްލާ އައިސް ނަސްރުއަށް ކޮފީތަށި ދިއްކޮށްލާފައި ގޮސް ކުރިން އިށީދެ އިންތަނުގައި އިށީނެވެ.

** **

ސާރިމް ގޮސް ހޮސްޕިޓަލަށް ވަންއިރު ފެނުނީ އެމެޖެންސީރޫމްގެ ދޮރުމަތީ ކަންބޮޑުވެފައިތިބި ދާއޫދު އާއި ފަރީނާއެވެ. ސާރިމް ފެނުމާއި އެކު ދާއުދުއަށް ތެދުވެވުނެވެ. އުމުރަށްވުރެ އަބަދުވެސް ހިތްވަރުގަދަކޮށް ފެންނަ ދާއޫދުގެ ދެލޯ ފެންކަޅިވެފައިވާތަން ފެނުމުން ސާރިމްގެ ހިތް ތެޅިގަތީ މޭފަޅާފައި ނިކުންނަވަރަށެވެ.

ދާއޫދުއަށް ދޫހަރަކާތްކޮށްލެވުނީ ކުޑައިރުކޮޅެއްފަހުންނެވެ. އެދެމަފިރިންގެ މާމަ ދަރިފުޅު ނޫރާ ދެކިލުމަށް މިއަދު ދެވުނުކަން އެއީ ޝެރީންގެ ނަޞީބެވެ. ޝެރީން ކޮޓަރިއަށް ވަންފަހުން އެތައް އިރެއްވީ ނަމަވެސް އެފަދަ ކަމެއްކުރަން އުޅޭކަމަށް ހިތަށްވެސް ގެނެވިފައިނުވާތީ އެމީހުން ތިބީ ހަމަޖެހިލައިގެންނެވެ. ނޫރާ ގޮވައިގެން ބޭރަށް ދާއޫދު ނިކުންވަގުތަކީ ޝެރީންގެ ހަށިގަނޑު އައިސް ބިންމަތީގައި ޖެހުނު ވަގުތެވެ. އެއީ އެކްސިޑެންޓެއް ނޫންކަން އެމީހުންނަށް ޔަޤީނެވެ. ބެލްކަނީގެ ފާރުކޮޅު އެންމެ ތިރިވެގެން ހުންނާނީ ޝެރީންގެ މެއާއި ހަމަޔައަށެވެ. އެތަނަށް އަރައި ޝެރީން ފުންމާލީކަން ޔަޤީނެވެ.

" ޝެރީން ކިހިނެއްތަ؟ ކީކޭ ޑޮކްޓަރު ބުނުއްވީ؟" ސާރިމް ގެ ނަޒަރު ގޮސް ހުއްޓުނީ އެމެޖެންސީ ރޫމްގެ ދޮރަށެވެ. އެތަނަށް ނުވަދެވޭނެކަން އެނގިހުރެވެސް އޭނާއަށް ދެވުނީ އެދިމާލަށެވެ. އެވަގުތު ސާރިމްގެ މޭގައި ދާއޫދު އަތް ޖައްސާލީ އިތުރަށް ފިޔަވަޅެއް ނުނެގޭނެހެންނެވެ.

"ފުރަތަމަ ސާރިމް ބުނެދެންވި ޝެރީން އަމިއްލައަށް މަރުވާން އުޅުނީ ކީއްވެގެންކަން؟" ދާއޫދުގެ އަޑުގައި ރުޅިވެރިކަން ވިއެވެ. ޝެރީން ކޮންމެ ކަމެއް ކުރި ކަމުގައި ވިއަސް އާޚިރުގައި ކުށްވެރިވާނީ ސާރިމްއެވެ. އޭނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ޖަވާބެއްދޭން އެނގޭނީވެސް އެ ސުވާލުގެ ޖަވާބު އެނގޭނަމަ ނޫންހެއްޔެވެ؟

ޝެރީން އާއި ސާރިމްގެ ދެމެދުގައި ހުރިހާ ކަމެއް ރަނގަޅެވެ. ޝެރީންގެ މޫނުމަތިން މިއަދުވެސް ފެނުނީ އުފާވެރިކަމެވެ. އޭނާ އޮފީހަށް ދާން ނިކުންނަން ދިޔައިރު ދޮރާއި ހަމަޔަށް ޝެރީން އައެވެ. ސާރިމްއަށް ފެނުނީ ހިނިތުންވެލައިގެންހުއްޓައެވެ. މެންދުރު ބާޒާރަށް ދާން އުޅޭ ވާހަކަ ޝެރީން ބުންޏެވެ. ޝެރީން ބޭނުން އެއްޗެއް ގަތުމަށް ސާރިމް އައީ އޭނާގެ ގޯލްޑް ކާޑު ދީފައެވެ.

"އަހަންނަކަށްވެސް ނޭނގެ، ބައްޕާ، އަހަރެންގެ ފަރާތުން ޝެރީން ހިތްހަމަނުޖެހޭކަމެއް ނުހިނގާ." ސާރިމް ލަސްލަހުން ދާއޫދުގެ މޫނަށް ބަލާލުމުން ފެނުނީ އޭނަ އާއި ދިމާލަށް ދެލޯ އަޅައިގެންހުރިތަނެވެ. ވަގުތުން އިސްޖަހައިލެވުނެވެ. ސާރިމް އަށް ތުހުމަތު

"ވަރަށް ކަންތައް އެބަހިނގާ، އަހަރެން އެއްޗެއް ނުބުނަން މިހުންނަނީ ދެމަފިރިންގެ އަމިއްލަ ކަމެއްވީމައި، ނޫރާ އާއި ގުޅުވައިގެން ޝެރީން ހެދި ދޮގުގެ ފަހަތުގައިވެސް ވަނީ ސާރިމްގެ ވިޔާނުދާކަން، އެހެން މީހަކާއި އިންނަން އުޅޭތީ އެކަމާއި ބިރުން ޝެރީން އުޅުނީ، މިހާރު އެކަންތައްވެސް މާ މައްޗަށް ކަންނޭނގެ ދިޔައީ، ކަލޭގެ ސަބަބުން އަހަރެންގެ ޝެރީންއަށް ކެއްކުރެވޭވަރަށްވުރެ މާ ބޮޑު ހިތާމައެއް ލިބުނީ، އެހެންނަމަ މިއަދު އަހަރެމެންނާއި މެދުވިސްނާފައިވެސް އެފަދަ ކަމެއް ނުކުރާނެ." ދާއޫދު ހުރީ ސާރިމް ދައްކާ ވާހަކަ ޤަބޫލުކުރާގޮތަކަށް ނޫނެވެ. ސާރިމްއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނިކުތީ ޑޮކްޓަރެވެ.

ޑޮކްޓަރު ދިން ޚަބަރާއި އެކު މުޅިތަން ހިމޭންވެގެން ދިޔައެވެ. ލިބުނު ހިތާމައިން އެއްވެސް މީހެއްގެ ހަށިގަނޑުގައި އެއްޗެއް ބުނާނެ ހިތްވަރެއް ނެތެވެ. ފަރީނާ ރޯންފެށި އަޑުއަހާފައި ދާއޫދު އެދިމާލަށް ހިނގައިގަތެވެ. ޑޮކްޓަރު ދުރުވެ ސާރިމްގެ ކޮނޑުގައި އަތްޖަހާލީ ހިތްވަރު ދިނުމުގެގޮތުންނެވެ. ކޮންމެ ކަމެއްގެ ފަހަތުގައިވެސް ވަނީ ހެވެކެވެ.

ޝެރީންގެ ހަށިގަނޑުގައި ނޭވާ ހުއްޓަސް އިތުރު ދިރުމެއް ނެތެވެ. އޭނާގެ ދެލޯ ވަނީ މެރިފައެވެ. ބޮލަށް ލިބުނު ގެއްލުން ބޮޑުކަމުން އަދި އޮޕަރޭޝަން ކުރިއަސް މާބޮޑު އުއްމީދެއް ނެތެވެ. އެންމެ ޕަސެންޓެއްގެ އުއްމީދު އޮތަސް އޮޕަރޭޝަންއަށް ދާން ދާއޫދު ބޭނުންވިއެވެ. ހެއްދެވިފަރާތުގެ ރޭވުން ހުރިގޮތެއް ނޭނގެއެވެ. ދުޢާ ދެންނެވުމުން ބަދަލުވެސް ވެދާނެއެވެ.

ޝެރީންގެ އޮޕަރޭޝަން އަށް އެހާ ކުޑަ އުއްމީދެއް އޮތުމުން މާލޭގައި ކުރަން ދާއޫދު ބޭނުމެއް ނުވިއެވެ. ޑޮކްޓަރުންނާއި ދެކޮޅަށްވެސް އޭނާ އެގޮތަށް ނިންމީ ހުރި ހަމައެކަނި ދަރިފުޅު ދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ސާރިމް ދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން ޝެރީން ގޮވައިގެން ދާން ބޭނުންވީ ދާއުދު އާއި ފަރީނާއެވެ. ކައިވެންޏަށްފަހު އަންހެން ދަރިންގެ މައްޗަށް މައިންބަފައިންނަށްވުރެ ފިރިމީހާގެ ބާރު ހިނގާނެކަމަށް ސާރިމް ބުނުމުން އެންމެފަހުން ދާއުދު އެކަން ދޫކޮށްލީ ސާރިމްއަށެވެ.

ސާރިމް ގެއަށް އައީ ފުރަން ވާއިރަށް ދަބަސް ތައްޔާރުކުރާށެވެ. ދަބަހަށް އަންނައުނު އަޅައި ދެން އަލަމާރި ހުޅުވައިލީ ދެމީހުންގެ ޕާސްޕޯރޓް ނަގާށެވެ. އަލަމާރި ތެރޭގައި އޮތީ ސާރިމްގެ ޕާސްޕޯރޓް އެކަންޏެވެ. ސާރިމް ކަންބޮޑުވިއެވެ. އޭނާ ހާސްވެފައިހުރިވަރުން ލޯކުރިމަތީގައި އޮއްވާވެސް ނުފެނުނީކަމަށް ހީކޮށް މުޅި އަލަމާރި ތެރެ ހާވަންފެށިއެވެ. އޭގައި ހުރި ހުރިހާ އެއްޗެއް އެފުށްމިފުށަށް ޖެހުމުންވެސް ޕާސްޕޯރޓްއެއް ނުފެނުނެވެ.

ޑްރެސިން ޓޭބަލްމަތީގައި ހުރި ގަހަނާ ފޮށި ލޮލުގައި އަޅައިގަތީ މާޔޫސްވެގެން އެނދުގައި އިށީންނަން އުޅުނު ވަގުތެވެ. އޭގައި ގަހަނާ ނޫން އެއްޗެއް ހުންނަ ހަނދާނެއް ނުވެއެވެ. ޝެރީން އަކީ ޖެހޭ ކޮންމެ ތަނެއްގައި އެއްޗެހި ބަހައްޓާ މީހެއް ނޫނެވެ. އެކަމަކުވެސް އެ ފޮށީގެ މަތި ހުޅުވަން އޭނާގެ ހިތް ދިޔައީ ބާރުއަޅަމުންނެވެ.

އޭގެ މަތި ހިއްލާލިވަގުތު ސާރިމްގެ ލޮލުގައި އަޅައިގަތީ އޭގައި އޮތް ކުޑަ ކަރުދާސްކޮޅެވެ. ފަތްޖަހާފައިވާ ކަރުދާސްކޮޅު ސާރިމް ނަގައި ހުޅުވާލިއެވެ. އެއީ ޝެރީންގެ ފަރާތުން ސާރިމްއަށް ދިން މެސެޖެކެވެ. ފުރަތަމަ އޮތީ މަޢާފަށް އެދިފައެވެ.

"މަޢާފްކުރޭ ސާރިމް، އަހަރެން އަބަދުވެސް ދުޢާކުރީ ދެދުނިޔޭގައިވެސް އަހަރެމެން ދެމީހުން ލެއްވުމަށް، އެކަމަކު މިއަދު އަހަންނަށް ހީވަނީ އެއީ ހަޤީޤަތަކަށްވާނެ ހުވަފެނެއް ނޫންހެން، އަހަރެން ވަކިވެގެން މިދަނީ ކުރު ވަސިއްޔަތެއްކުރަމުން، އަހަރެން ނެތް ދުނިޔެއެއްގައިވެސް ނޫރާއަށް އަހަރެންގެ ފަޅުކަން އިހްޞާސްނުވާނެވަރަށް ލޯބިދިނުމަށް އެދި ވަސިއްޔަތްކުރަމުން، މިއީ ސާރިމް އާއި ނޫރާގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް ހީކޮށް އަދި އެއްފަހަރު މަޢާފްކޮށްދީ."

އެ ލަފްޒުތައް ކިޔައި ނިމުނުއިރު ސާރިމްއަށް ހީވީ އޭނާގެ ހިތް ކުދިކުދިވެ ހުއްޓުމަކަށް އަންނަން އުޅޭހެންނެވެ. އަދިވެސް އޭނާގެ ހިތުގައި ފުނިޖެހިފައިވަނީ ބައިވަރު ސުވާލުތަކަކުންނެވެ. މި ނޯޓްކޮޅުން އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބެއެވެ. ކަރުދާސްގަނޑު ބޮޑިކޮށްލާފައި އެއްލާލަން އުޅެފައި ކޮއްޕާލެވުނީ ޖީބަށެވެ. ދެން ޕާސްޕޯރޓް ފެނޭތޯ އަނެއްކާވެސް ހޯދަންފެށިއެވެ. ޑްރެސިންޓޭބަލް ތެރެއިންވެސް ޕާސްޕޯރޓެއް ނުފެނުނެވެ.

މިއީ ޝެރީން ދުރާލާ ރާވައިގެން ކުރި ކަމެކެވެ. އޭނާ މަރުން ސަލާމަތްވާން ބޭނުން ނުވަނީއެވެ. އޭނާ ޕާސްޕޯރޓް ފޮރުވީ ގަސްތުގައެވެ. އެކަމާއި ފިކުރުބޮޑުވިވަރުން ސާރިމްގެ ނަފްސުގެ މައްޗަށް ރުޅި ކުރި ހޯދަންފެށިއެވެ. އަތުން ޖަހައި ގަހަނާ ފޮށި ބަންޑުންކޮށްލެވުނެވެ. ގޮށްމުށުން ޑްރެސިންޓޭބަލްމަތީގައި ޖެއްސެވެ. ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރަ އާއި ދިމާލަށް ބަލަން ހުރެފައި ހަޅެއްލަވައިގަނެވުނެވެ. އޭނާ ކައިރީ ނުބުނެވޭވަރުގެ ކަމެއް ޝެރީންއަށް އޮވެގެންނުވާނެއެވެ. އެއީ ޝެރީންގެ ކިބައން ފެނުނު ބަދަލުނުވި ސިފައެކެވެ.

ހޮސްޕިޓަލަށް ގޮސް ޝެރީންގެ މައިންބަފައިންނާއި ކުރިމަތިލާނެ ގޮތެއް ނުވިސްނުނެވެ. އެމީހުންކުރެ އެއްވެސް މީހަކު އޭނާ ބުނާ އެއްޗެއް ޤަބޫލުނުކުރާނެކަން އެނގޭތީއެވެ. ދެކޮޅަށް ކޮޓަރި ތެރޭގައި ހިނގަންފެށިއެވެ. އޭނާގެ ސިކުނޑިއަށް ބަރުދާސްނުކުރެވޭވަރަށް ޝަކުވާ ފުނިޖެހެން ފަށައިފިއެވެ. ޝެރީން ދެކެ ރުޅި އާދެވުނެވެ.

ހިނގަމުން ގޮސް ޑަސްބިނާއި ހަމަޔަށް ދެވުމުން އައިސްހުރި ރުޅި ބޭލުނީ އެޔަށެވެ. ފައިންޖަހައި ޑަސްބިން އެފުށް މިފުށަށް ޖަހައިލިވަގުތު އޭގެ ތެރޭގައި ހުރި ހުރިހާ ކުންޏެއް ބުރައިގެން ދިޔައެވެ. ޕާސްޕޯރޓްވެސް އޮތީ ކުނިތަކުގެ ތެރޭގައެވެ. ސާރިމްއަށް ހީވީ ކަށިކުނބުރު ޖަންގައްޔެއްގެ ތެރޭގައި ހިނގަނިކޮށް އަމާން މަގެއް ފެނުނުހެންނެވެ. އަވަސް އަވަހަށް ގޮސް ޕާސްޕޯރޓް ނަގައި ބަލާލެވުނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު މަދު ސިކުންތުކޮޅަކަށް ނަމަވެސް ފިލައި ދިޔައެވެ.

** **

ދޮރުގައި ޓެކިދޭވަރުން ނޫރާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ރަމްލާގެ އަތުގައި ކުޑަ ބޯތައްޓެއް ހުއްޓެވެ. އެތެރެއަށް ވަންނަން ތަންދެއްކުމުން ރަމްލާ ގޮސް ބޯތަށި މޭޒުމަތީ ބަހައްޓާފައި ގޮނޑި ދުރުކޮށްލިއެވެ. ނޫރާ އާއި ދިމާލަށް އެނބުރިފައި އިޝާރަތްކުރީ ގޮނޑީގައި އިށީންނަން އައުމަށެވެ. ނޫރާ އިށީނުމާއި އެކު ބޮލުގައި އޮތް ބުރުގާ ވަކިކޮށްލަން އެދުނެވެ.

ބޯތަށީގެ މަތި ނެގިއިރު އެއީ ހާނާފައި ހުރި ކާށި ތެލެވެ. އެއައީ ނޫރާގެ ބޮލުގައި ތެޔޮ އުނގުޅައިދޭށެވެ. މިހާރު އޭނާގެ ދިގު އިސްތަށިގަނޑު ވަނީ ކޮށާލާފައެވެ. ބޯ ތަލަކޮށްލިފަހުން ވަނީ ވަރަށް ތުނިކޮށް ފަޅަން ފަށާފައެވެ. ރަމްލާ ގެ މޫނު ފެންނަންހުރީ ކުރިމަތީގައި ހުރި ލޯގަނޑުންނެވެ. ތެޔޮފޮދެއް ނަގައި ބޮލުގައި އުނގުޅައިދެމުން އޭނާގެ އިނގިލިތަކުން ފިރުމަމުން ދިޔައެވެ.

ނޫރާގެ ހަނދާނަށް އައީ ސްކޫލު ދުވަސްވަރު އޭނާގެ އިސްތަށިގަނޑު ދިގުކުރަން މަންމަ ކުރާ މަސައްކަތެވެ. ބޮލުގައި ހީނާފަތް އަޅައިދެއެވެ. ކާށިތެޔޮ ލައްވައިދެއެވެ. ބޮލުން އުކުނު ފިލުވައިދެއެވެ. އެދުވަސް މަތިން ހަނދާންވެ ނޫރާ ފެންކަޅިވެގެން ދިޔައެވެ.

"އަމިއްލަ ސޫރަ އާއި މެދު ކޮންމެ އަންހެނަކުވެސް ވިސްނަންޖެހޭނެ، ޒީނަތްތެރިވާން މަސައްކަތްކުރަންޖެހޭނެ." ރަމްލާ އޯގާތެރިކަމާއި އެކު ބުނެލިއެވެ. އެއަޑު އަހާފައި ނޫރާ ހިތުގައި ޖެހުނެވެ. އޭނާގެ ހަށިގަނޑުގައި ގުނައި އަދަދު ނުކުރެވޭވަރަށް ލަކުނު ހުންނާނެއެވެ. އޭނާގެ ރީތިކަންވަނީ އަނިޔާވެރި އަތަކުން ފޭރިގެންފައެވެ. ކުރީގެ ޒުވާން ދުވަސް ވަރު އަލުން ނުލިބޭނެ ފަދައިން އަލުން އެ ރީތިކަމަށް ރުޖޫޢުވުމަކީވެސް ވާނެކަމެއް ނޫނެވެ.

"އަނެއްކާ މީހަކާއި އިންނަ ވާހަކަ ދައްކަންތަ ތިއުޅެނީ." ނޫރާއަށް އަހާލެވުނެވެ. ރަމްލާގެ ހިތް އޭނާއަށް އެނގުނު ފަދައެވެ. އެފަދަ ނިޔަތެއްނެތް ނަމަ ރަމްލާގެ އޯގާތެރިކަން އޭނާއަކަށް ނުފެންނާނެއެވެ.

"ނަސްރު އައީ އެ ބޭނުމުގައި، މަންމައަށް ހީވަނީ އެއީ ކުރަން ރަނގަޅު ކަމެއްހެން،" އެއްވެސް ކަމެއް ވަންހަނާކުރަން ރަމްލާ ބޭނުމެއް ނޫނެވެ. ނަސްރު އާއި ކައިވެނިކޮށް އަލުން ރަށަށް ބަދަލުވުމަކީ ސާރިމްއަށްވެސް ލިބޭނެ ލުޔަކަށްވާނެއެވެ.

"އަހަރެން ހަމަޖެހިލައިގެން އުޅެން ބޭނުން، އަހަންނަށް އަހަރެންގެ ދަރިފުޅާއި މަންމަ ހުރުމުން އިތުރު މީހަކު ނެތަސް ވަރިހަމަ." ނޫރާ ހިފެހެއްޓީ ރަމްލާގެ އަތުގައެވެ. އޭނާ ގޮނޑިން ތެދުވީ އިތުރަށް މަންމަ ލައްވާ ފިރުމަން ބޭނުން ނުވެގެންނެވެ. އޭނާގެ ސިކުނޑިއަށް ލިބުނީ ލުޔެއް ނޫނެވެ. ކައިވެނީގެ ވާހަކަ ދައްކައިގެން ލިބުނީ އިތުރު ބުރައެކެވެ.

"ފިރިހެނަކާއި ނުލައި ނޫޅެވޭނެ. އަހަރެމެން އަންހެނުން އުފެއްދެވީ އެގޮތަށް، ނޫރާއަށްވެސް އަޅާލުން ބޭނުންވާނެ" ރަމްލާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.

"ފިރިއަކު ހުރުމަކުން އަދި އަޅާލުމެއް ނުލިބުން، މަންމައަށް ލިބުނުތަ؟ ނޫނީ މަންމަގެ މި ނޫރާއަށް ލިބުނުތަ؟ މަންމައަކަށް ނޭނގޭނެ އަހަރެން އުޅުނު ހާލެއް، އަހަރެން ދެން އަލުން ކައިވެންޏެއް ނުކުރާނަން،" ނޫރާ ދެކޮޅު ހެދިއެވެ. ރަމްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޫރާގެ ވާހަކަ އާއި އޭނާއަށް ދެކޮޅެއް ނުހެދުނެވެ. ނޫރާ ބޮޑުވީ ގޭތެރޭގެ އަނިޔާވެރިކަން ފެނިގެންނެވެ. އެކަން ތަހައްމަލުކޮށްގެންނެވެ. އަނިޔާވެރިކަމާއި ފިލަން ދުވަނިކޮށް އަނެއކާވެސް ވެއްޓުނީ މާ ނުރައްކާތެރި ހާއްޔަކަށެވެ.

"އެންމެން އެއްގޮތެއްނުވާނެ. މިފަހަރު އަހަރެން މަޖުބޫރެއްނުކުރަން، ނޫރާ ބޭނުން ނަމަ ނަސްރު ހުރީ ކައިވެނިކުރާގޮތަށް، އެހެންވެ އެވާހަކަ މިބުނީ." ބޯތަށި ނަގައި ރަމްލާ ހިނގައިގަތެވެ. ނޫރާ ގޮސް ކޮޓަރީގެ ދޮރު ޖަހާފައި އައިސް ވެއްޓުނީ އެނދަށެވެ. ކައިވެންޏާއި މެދު އޮތް އިތުބާރު އޭނާއަށް ވަނީ ގެއްލިފައެވެ. ލޯބިވުމާއި ލޯބި ދިނުމަކީވެސް ޚިޔާލީ ކަންކަމެވެ. ވައުދު އަހުދު ފުއްދުމަކީ އޮންނަ ކަންކަމެއް ނޫނެވެ. އޭނާ އަދި ކައިވެންޏަކަށް ތައްޔާރެއް ނޫނެވެ. ހިތުގައި އޮތީ ދުވަހަކުވެސް ކައިވެނި ނުކުރުމެވެ. މާޒީގެ ތެރެއިން އެންމެ ހިތްދަތި ދުވަސްތަކުގެމަތިން ހަނދާންވާން ފެށިއެވެ. ބެލްޓާއި އެކި އެއްޗެހިން އޭނާގެ ގައިގައި ހުސްނީ ތަޅައެވެ. ދެލޯ މަރައިގެން އޮތަސް އެ މަންޒަރުތައް ސިފަވެއެވެ. ބިރުން ގޮސް ދެލޯ ހުޅުވައިލެވުނެވެ. ހަށިގަނޑުގައި ހީވަނީ ރިހުމެއް އުފެދެމުން ދިޔަހެންނެވެ. ނޫރާއަށް ރޮވުނެވެ. އަނެއްކާވެސް ދެލޯ ފޮހެލާފައި އޭނާ އަމިއްލަ ނަފްސާއިމެދު ވިސްނާލިއެވެ. އަނިޔާއަށް ކެއްކުރުމަކީ އޭނާގެ ނަފްސަށް ދެވުނު އެންމެ ބޮޑު އަނިޔާއެވެ. ހުސްނީ އޭނާ ވަރިކޮށްފައި އެއްލައިލީ ނިކަމެތި ޖަނަވާރެއް ގެއިން ބޭރުކޮށްލާ އުސޫލުންނެވެ. މިހާރު އޭނާ އުޅޭނީ އަނބިދަރިންނާއި އެކު އުފަލުގައެވެ. އެހެން އުޅެވިގެން ނުވާނެއެވެ. ބަދަލު ހިފުމުގެ ރޫހު ނޫރާގެ ހިތުގައި އޮތެވެ. ހުސްނީގެ ކިބައިން އޭނާ ބަދަލު ހިފާނީ އޭގެ ސަބަބުން މުޅި ދުނިޔެ ސިހިގެންދާ ވަރަށެވެ. އެހެން ފިރިހެނަކަށް އަންހެނަކާއި ދިމާލަށް ޤަދަރުކުޑަކޮށްފައި ބަލައިލަންވެސް ނުކެރޭ ވަރަށެވެ.

(ނުނިމޭ)