ވާހަކަ

ނޫރާ - 43

"އެއަށްވުރެ ފަސޭހަ ގޮތެއްވެސް އަހަރެން ބުނެފާނަން." ޒައިންއާ ދިމާލަށް ބަލައިލިގޮތަށް ހުއްޓުން އަރާފައި ޝެރީންއަށް އިނދެވުނެވެ. އޭގެ ތަފްސީލް ޒައިން ދިނެވެ. އޭނާއަށް ކިޔައިދިނީ އޭގެ ސަބަބުން އިތުރު މީހެއްގެ ނަފުސަށް އެއްވެސް ވޭނެއް ނުލިބޭ ފަދަ ފަސޭހަ މަގެކެވެ.

"ޔޫ ޝުޑް ޑައި." ވައި އަޑުން ޒައިން ބުނި ތިންލަފުޒު ހޮނު ގުގުރިއެއް ފަދައިން ކަންފަތް ދޮށުގައި ގުގުމައިގަތެވެ. ޝެރީންއަށް އިނދެވުނީ ހަރަކާތެއް ގެންނަން ނޭނގިފައެވެ. އޭނާގެ ތަބީއަތް ގޯސްވެގެން ދިޔައެވެ. ހިތްހަމަޖެހުން ގެއްލިގެން ދިޔައެވެ. ބިރުން މުޅި މީހާ ރޫރޫ އަރައިގަތެވެ.

ލޮލަށް ފެނުނު ނުބައި ހުވަފެނެއް ފަދައިން ޒައިން ގެއްލުނީ ކާރުން ނުކުތުމުންނެވެ. ކާރުން ފޭބިއިރު ޒައިންގެ ތުންފަތުގައިވީ ނުބައި ރޭވުމެއް ހިތުގައި ހިނގާތީ އެކަމުގެ އުފާވެރިކަމެވެ. އޭނާ ގަބޫލުކުރާ ގޮތަކީ އޭނާއަށް ހާސިލްނުވި އެއްޗެއް އެހެން މީހަކަށްވެސް ހާސިލްވިޔަ ނުދިނުމެވެ. ހަތް އަހަރު އޭނާ ޝެރީންއަށް އިންތިޒާރުކުރިއެވެ. ލޯބިވާތީއެވެ. އެންމެން ލޯބިވަނީ އެއްގޮތަކަށް ނޫނެވެ. އޭނާ ޝެރީން ދެކެ އިންތިހާއަށް ލޯބިވިއެވެ. މޮޔަވާވަރަށެވެ. ޝެރީން ގެއްލިދާނެކަމުގެ ބިރު ހިތުގައި އޮތްވަރުން ފާރަވެވުނެވެ. ޝެރީންވީ މިނިވަންކަން ބޭނުންވި އަންހެނަކަށެވެ. އެގޮތް އޭނާއަށް ކަމު ނުދިޔައެވެ. ޒައިންގެ އުސޫލު ޝެރީންއަށްވެސް ކަމު ނުދިޔައެވެ. ދެމީހުން ވަކިވީއެވެ. އެކަމަކު ވަކިނުވީ ޝެރީން ލިބޭނެ ކަމަށްކުރި އިންތިޒާރެވެ.

އޭނާ ބެލީ ޝެރީން ރުއްސައިގެން ގެނެވޭތޯއެވެ. ދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކުގެ މަތީން ހަނދާންކޮށްދީގެން ވިޔަސް މެއެވެ. ނޫނީ ބިރު ދައްކައިގެން ވިޔަސް ހާސިލްކުރުމެވެ. ދުވަހަކުވެސް ސާރިމްއަށް ގެއްލުމެއްދޭކަށް ނުވިސްނައެވެ. އޭނާ ބޭނުން ނަމަ ސާރިމްގެ ވަސް ފިލުވާލުމަކީ މާ އުދަނގޫކަމެއް ނޫނެވެ. ސާރިމްއާ ދުވަހަކުވެސް ދިމަލެއްވެސް ނުކުރެއެވެ. އެކަމަކު ސާރިމް އައިސް އޭނާގެ ގައިގައި ތަޅައިގެން ދުވަހުން ފެށިގެން އޭނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އެބައޮތެވެ. އެ ނަފްރަތުގެ ހުޅުގަނޑު އިތުރަށް ބޮޑުވީ ނޫރާ ގެއްލުވާލިކަމުގެ ދޮގު ތުހުމަތާ އެކު އޭނާއަށް އުޅެން އުދަނގޫވާ ވަރުކޮށްލުމުންނެވެ.

** **

ސާރިމް މުހިއްމު މަސައްކަތެއްގައި އިންދާ މޭޒުމަތީގައި އޮތް ފޯނު ރަނގަބީލު އަޅައިލިއެވެ. އެ ފޯނަށް ޖަވާބުދިނުމުން ރިސެޕްޝަނުގައި އިން ކުއްޖާ ބުނެލީ ބައްދަލުކޮށްލަން މީހަކު އައިސް އިން ވާހަކައެވެ. ކުރަން ކިތަންމެ މަސައްކަތެއް ހުއްޓަސް އެކަން އެއްފަރާތްކޮށްލާފައި އެ ފުރުސަތު ފަހިކޮށްދިނެވެ. އިރުކޮޅެއްގެ ތެރޭގައި ކެބިންގެ ދޮރު ހުޅުވާފައި އެތެރެއަށް ވަނީ ނޫރާއެވެ.

މޫނުމަތީގައި އޮތް ފޮތިކޮޅު ހިއްލާލާފައި އައިސް ނޫރާ އިށީނެވެ.

"ކިހިނެއް ނޫރާއަށް އެނގުނީ އަހަރެންގެ އޮފީސް؟" ސާރިމްއަށް ހުރެވުނީ ކޮޅަށެވެ. ނޫރާ ފެނުމާ އެކު އިންތަނުން ތެދުވެވުނުކަންވެސް އެނގުނީ ދެނެވެ.

"އެމީހަކު ހޯދަން އުޅެފި އެއްޗެއް ނުހޯދޭނެ ގޮތެއް އޮންނާނެތަ؟" ނޫރާ އިނީ ހަމަޖެހިފައެވެ. ސާރިމް އިށީނދެ ގޮނޑީގައި ބުރަކަށި ޖައްސާލިއެވެ.

"އައި ހޭވް ނޯ ޓައިމް، ތިޔަ ކިޔާ އެއްޗެއް ސާފުކޮށް ކުރުކޮށް ބުނޭ، " ސާރިމް އިންޒާރުގެ ރާގަކަށް ބުނެލިއެވެ. އެއަޑު އިވޭކަމަށް ނުހަދައި ނޫރާގެ ދެލޯ އުކަންފެށީ ކެބިން ތެރެއަށެވެ. ވަށައިގެން ބިއްލޫރިޖަހާފައި ހުރި އެ ކެބިންގައި ނޫރާ ހޯދާ ޒާތުގެ އެއްޗެއް ނެތެވެ. އެހެން މީހުންގެ މޭޒުމަތީ އާއިލީ ކޮންމެވެސް ފޮޓޯ ފްރޭމެއް ހުންނާނެއެވެ. ނޫނީ ކެބިންގެ ފޮތްހަރުގަނޑުގައި ވިޔަސް އިންނާނެއެވެ.

"ސާރިމް މާލެ އައި ފަހުން ދުވަހަކުވެސް އަހަރެން ހޯދަން މަސައްކަތް ކުރިންތަ؟" ނޫރާ ފެންކަޅިވެގެން ދިޔަލެއް އަވަސްކަމުން ސާރިމް ހައިރާންވިއެވެ. ދެންމެ އިނީ ނުލާހިކު ހަމަޖެހިފައެވެ. ސާރިމް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މި އިނީ ނޫރާގެ ސިފައިގައި އެހެން މީހެއްބާއޭ ހިތަށް އެރިއެވެ. ނޫރާއަށް ކުރީގެ ހުރިހާ ހަނދާނެއް އައިސްފައިވާ ނަމަ ނުރައްކާ ވާނީ އޭނާއަށެވެ. ސާރިމް ދެކެ ލޯބިވާން ނޫރާއެއް ބޭނުމެއް ނޫނެވެ.

"ނުކުރަން." އޭނާގެ ޖަވާބުތަކުން ނޫރާ ހިތްދަތި ކުރުވަން ސާރިމް ބޭނުންވިއެވެ. ސާރިމް ހިތުގައި ޝެރީން ފިޔަވައި އިތުރު ޖާގައެއް ނުވާނެކަން އަންގަން ބޭނުންވިއެވެ. އެ ހަގީގަތް ޝަރުތަކާ ނުލައި ނޫރާ ގަބޫލުކުރުމަކީ އޭނާ އެދޭ ގޮތެވެ.

"ކީއްވެ؟" ނޫރާ ދެލޯ ފޮހެލިއެވެ. ސާރިމްގެ ދުލުން ރުވާފައި ދޫކުރި ތީރު ހިތުގެ އެންމެ ފުނަށް ހެރިއްޖެއެވެ. ބޭރުފުށުން ލޭގެ އަސަރެއް ނުފެނުނަސް އެހިތް ފުނޑުފުނޑުވެއްޖެއެވެ.

"އަހަރެން ދުވަހަކުވެސް ނޫރާ ދެކެ ލޯތްބެއްނުވަން." ސާރިމް ބޭނުންވީ އޭނާގެ އަޑުގައި ސާބިތުކަން ހުރުމެވެ.

"ދެން ކީއްކުރަން އަހަންނާ ސާރިމް ހަވާލުވީ،" ޝަކުވާގެ ރާގަކަށް ނޫރާ ބުނެލިއެވެ. ހުސްނީ ކޮންމެ ފަހަރަކު އޭނާ މޮޔައަކަށް ހަދައި ގުރައިދުއަށް ފޮނުވަން މަސައްކަތް ކުރެއެވެ. އޭނާއަށް މަރުވާން މަޖުބޫރުކުރެއެވެ. އަދި އެ މަޅިން އޭނާ ސަލާމަތްވެސް ކުރެއެވެ. އޭނާ ގަދަކަމުން ހޮސްޕިޓަލަށް ގެންދަނީ އޭނާ އަކީ މޮޔައެއްކަން ދައްކާށެވެ.

"އަހަންނާއި ނޫރާގެ ދަރިފުޅާ ދިމާނުވި ނަމަ ދުވަހަކުވެސް އަހަރެން ހިތަށް ނޫރާގެ ނަންވެސް ނާރާނެ، އަހަރެން ހަމައެކަނި އެހީވީ އެ ސާރިމްއަށް، އެކުއްޖާގެ މަންމަ ހޯދައިދޭން،" ސާރިމް ކިޔައިދިނެވެ. އައި ރުޅިން ނޫރާ އަށް އިށީނދެ ނީންދެވުނެވެ. އެއީ ތެދަކަށް ނުވާނެއެވެ. ސާރިމް އަދިވެސް އޭނާ ދެކެ ލޯބިވާނެއެވެ.

"އަހަރެންގެ އެކަނި ދަރިއެއް ނޫނެއްނު އެއީ." ނޫރާ ދެއަތުން މޭޒުމަތީ ޖަހައިލިއެވެ. ސާރިމްއާ ދިމާލަށް ގުދުވެފައި އޭނާ ބަލަހައްޓައިގެން ހުރީ ސާރިމްގެ މޫނަށެވެ.

"އަހަންނަށް ދެވޭނީ ހަރަދު،" ޓައި ކުޑަކޮށް ދަމާލައި ނޭވާ ހަމައަކަށް އަޅުވަމުން ސާރިމް ބުނެލިއެވެ. ސާރިމްގެ ކޮންމެ ޖަވާބަކުންވެސް އެނގި ހާމަވަނީ ނޫރާ ދެކެ ލޯބިނުވާކަމެވެ.

ކެބިންގެ ބޭރުގައި ތިބި ބައެއް މުވައްޒަފުން ސިއްރުން އެތަނަށް ބަލާހެން އޭނާއަށް ހީވެއެވެ. އޭނާއަށް އޮތް ހަމައެކަނި ހިތްހަމަ ޖެހުމަކީ އެ ދެމީހުންގެ މެދުގައި ދެކެވޭ ވާހަކައިގެ ކުޑަ މިންވަރެއްވެސް އެމީހުންނާ ހަމަޔަށް ނުފޯރާނެކަމެވެ.

"ސާރިމް ހީކުރީ ފައިސާއިން އެކުއްޖާއަށް ލޯބި ދެވިދާނެ ކަމަށްތަ؟" ނޫރާ ހިތުގައި ޖެހުނެވެ. އޭނާއަށް ހީވީ އަރުބެދޭހެންނެވެ.

"އިތުރަށް އަހަންނަކަށް ނުދެވޭނެ އެކައްޗެއްވެސް، އަހަރެން ކުރިންވެސް ބުނީމެއްނު ވަގުތެއް ނެތޭ. ނޫރާ މިތަނުން ދޭ. އަހަރެން ވާހަކަ ދައްކާލަން ފަހުން ހިނގައިދާނަން،" ސާރިމް ބޭނުންވީ ނޫރާ ފޮނުވާލާށެވެ. ނޫރާ ސާރިމްގެ މޫނަށް ބަލަން ހުއްޓެވެ. ވާހަކަ ދައްކަން ސާރިމް ނަޔަސް އޭނާއަށް ވަރިހަމައެވެ. އަނެއްކާވެސް ނޫރާ ދެލޯ ފޮހެލިއެވެ. އޭނާގެ ލޮލުން ބޭރުވާ އެންމެ ކަރުނަ ތިއްކަކުންވެސް އެއިން އެއްވެސް ފިރިހެނެއްގެ ހިތް ބަލިވެގެން ނުދެއެވެ. ހަރުހިލައިގެ މައްޗަށް ފެން އޮހޭ ކޮންމެ ފަހަރަކު ހިލަގަނޑު ވަނީ ވަރުގަދައެވެ.

** **

އޮފީހުގެ ބާކީ ވަގުތު ސާރިމް ހޭދަކުރީ އެއްވެސް މަސައްކަތެއް ނުކޮށެވެ. އޭނާ މަސައްކަތަށް ހުރި ޝައުގުވެރިކަން ނޫރާ އައި ހިސާބުން ފިލައި ދިޔައީއެވެ. ގެއަށް ދާން ނުކުތީ އެތައް އިރަކު ވިސްނަން އިނދެފައެވެ. މިއަދު ނޫރާ އެ އައީ އޮފީހަށެވެ. މާދަމާ ދާނީ ގެއަށް ނޫންކަމެއް ނޭނގެއެވެ.

އޭނާ އޮފީހުން ނުކުތް އިރު ސެކިއުރިޓީ ބަލަހައްޓާ މީހާ ދުވެފައި އައިސް ހުއްޓިފައި ދިނީ އިތުރަށް ހިތްހަމަ ނުޖެހޭ ފަދަ ހަބަރެކެވެ. އޭނާއާ އެކު އައުމުން ފެނުނީ ސާރިމް ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާތަނެވެ. އެއީ ކާކު ކުރިކަމެއްތޯ ސާރިމް އަހާލިއެވެ. އެމީހާއަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެކަމަކު ސިފަތައް ކިޔައިދިނުމުން އެއީ ނޫރާކަން ސާރިމްއަށް އެނގުނެވެ. އޭނާ އަމިއްލަ ނިތްކުރީގައި އަތްޖައްސާލީ ލިބުނު ނުތަނަވަސްކަން ބޮޑުކަމުންނެވެ. ކިތަންމެ ހެޔޮކޮށް ކަންތައް ކުރިޔަސް ބަދަލުގައި ލިބޭނީ އަނިޔާއެކެވެ.

ކާރު މަރާމާތަށް ފޮނުވާފައި ސާރިމް ހިޔާރުކުރީ ފައިމަގުގައި ގެއަށް ދާށެވެ. ދުނިޔެ އަނދިރިވަމުން ދާކަމުގެ ނިޝާންތައް ހުރީ އުދަރެހުން ފެންނާށެވެ. ސާރިމް މަޑުމަޑުން ހިނގަމުން ދިޔައެވެ. އޭނާ ހުރީ ސިކުނޑި ވަރުބަލިވެފައެވެ. އޭނާއަށް ނޭނގުނީ އޭނާގެ ފަހަތުން ފާރަވެރިވަމުން އިތުރު މީހަކު އަންނަ ކަމެވެ.

ސާރިމްގެ ފޯނު ރިންގުވިއެވެ. އޭނާ ހުއްޓުނީ އެކޯލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ހަމައެކަނި ހަލޯއޭ ބުނެލާފައި އޭނާ ބަސް ހުއްޓުނީ އެކޮޅުން ދިން ހަބަރުގެ ހިތާމަވެރިކަމުންނެވެ. ސާރިމް އަށް ހުރެވުނީ ބިމަށްޖެހި ބުދެއް ފަދައިން ހަރަކާތް ހުއްޓިފައެވެ. އެކޮޅުން ޝެރީންގެ ބައްޕަ އަނެއްކާވެސް ގޮވާލިއެވެ. އަވަހަށް ހޮސްޕިޓަލަށް އައިސްދޭށޭ ބުނެލިއެވެ. ސާރިމް ހޭވެރިވީ އެއަޑަށެވެ. އޭނާ ފޯނު ތިރިކޮށްލާފައި ދުއްވައިގަނެވުނެވެ. އޭނާއަށް ހަމަލާދޭން ފަހަތުން އައި ނޫރާއަށް ސާރިމް ގެއްލުނެވެ. މަގުމަތީގައި މީހުން ގިނަކަމުން އޭނާއަށް ދުއްވައިގަންނާކަށް ނުކެރުނެވެ.

** **

ނޫރާ ގެއަށް ވަން އިރު ސޯފާގައި އިށީނދެ އިން ރަމްލާގެ އުނގުމަތީ ސާރިމް އިނެވެ. ނޫރާ އައިކަން އެނގުމުން ރަމްލާ ބަލާލާފައި މާ އަވަހަކަށް މޫނު އަނބުރައިލީ ސޯފާއާ ދުރުގައި ވަކިން ގޮނޑިއެއްގައި އިން މީހާ އަށެވެ. އެތަނުގައި އިތުރު މީހަކު އިންކަން ނޫރާއަށް ފާހަގަވީ ދެނެވެ. ނޫރާއަށް އެމީހާގެ މޫނު ފެނުމާ އެކު ދެބުމަ ގޮށްޖަހައި ލެވުނީ ގަސްތަކާ ނުލައެވެ.

"ނޫރާ އާދޭ މިތަނުގައި އިށީންނަން، އަހަރެން އަންނާނަން ނަސްރަށް ކޮފީއެއް ގިރަން ބުނެފައި." ރަމްލާ ސާރިމް ދުރުކޮށްލާފައި ތެދުވަމުން ބުނެލިއެވެ. ނޫރާ އައިސް އިށީނުމުން ނަސްރުގެ ތުންފަތުގައި ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.

"ގޭތެރޭގައި ވެސް އުޅެނީ މޫނު ބުރުގާ އަޅައިގެންތަ؟" ނޫރާ އިށީނުމާ އެކު ނަސްރު އަހާލިއެވެ.

"އަހަރެންގެ މޫނުވެސް ފެންނާނީ ހަމައެކަނި މަހުރަމުންނަށް." ނޫރާ ގަސްތުގައި އެ ފޮތިކޮޅު ހިއްލަން ބޭނުންނުވީއެވެ. ނަސްރު ދެކެ އޭނާ އަބަދުވެސް ރުޅި އާދެއެވެ. އަދި ހާއްސަކޮށް އޭނާ ބަނޑުބޮޑުވި ހަބަރާ އެކު ނަސްރު ކުރަން އުޅުނު މުޑުދާރު އަމަލުން ވަކިން ބޮޑަށް ފޫހިކުރުވައެވެ.

"ދުވަސްކޮޅަކުން އިރާދަކުރެވިއްޔާ އަހަންނަށްވެސް ފެނިދާނެ" ނަސްރު އެއް ފަހަރު ބަދިގެއާ ވިފަރާތަށް ކަޅި ހިންގައިލީ ރަމްލާ ނުކުމޭތޯ ބަލާށެވެ. ނަސްރުގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން އެތަނަށް އައި ނިޔަތް ނޫރާއަށް ސާފުވެއްޖެއެވެ.

"ކަލޭމެން ފިރިހެނުންނާ މެދު އަހަރެން އަޖައިބުވަން، މީހަކަށް އެހީތެރިވާންޖެހޭ ހާލަތުގައި ކުކުޅުހާ ހާއްޔަށް ވަންނަހެން ކަލޭމެން ތިބެނީ ފިލައި، މިހާރު ކޯއްޗެއް ފެނިގެން ތި އައީ؟ އަހަރެން ކުރިންވެސް އުޅުނު ގޮތް އަދިވެސް އެބައޮތް،" ނޫރާ ގަސްތުކުރީ އެތަނުން ދާށެވެ. ރަމްލާ ބަދިގެއިން ކޮފީ ތައްޓެއް ހިފައިގެން އަންނަތަން ފެނި އޭނާ ތެދުވެގެން ދިޔައިރުވެސް ނަސްރު އިނީ އެއްޗެއް ބުނަން ނުކެރިފައެވެ.

(ނުނިމޭ)