އޭނާ ބަދިގެއަށް ވަންއިރު ސާރިމް އިނީ ރޮއްޓާއި މަސްހުނި ކާށެވެ. ނޫރާ ޚިޔާރުކުރީ ސާރިމްގެ ކުރިމައްޗަށް އިން ގޮނޑިއެވެ. އޭނާގެ މޫނަށް ބަލާލާފައި ސާރިމް ކެއުން ކުރިއަށް ގެންދިޔައެވެ. އެވަގުތު ކަމާލް އައިސް ބުނީ ނޫރާގެ ދަބަސް ކޮޓަރީގައި ބެހެއްޓި ވާހަކައެވެ. އެހެން ބުނުމާއި އެކު މޭޒުމަތީގައި ހުރި ކާއެއްޗިއްސަށްވުރެ ނޫރާއަށް މުހިއްމުވީ އެ ދަބަހެވެ.
ދަބަސް ތެރޭގައި ހުރީ ނޫރާ ލާން ގެންގުޅުނު ދެތިން ހެދުމެވެ. ހެދުންތައް އެއްފަރާތްކޮށްލެވުނީ އެ ދަބސްތެރޭގައި ފޮތެއް އޮންނާނެކަމުގެ އުއްމީދުގައެވެ. އެންމެ ފަހު ހެދުން ހިއްލާލިވަގުތު ލޮލުގައި އަޅައިގެން މުށިކުލައިގެ ބަނޑޭރިގަނޑުލީ ފޮތް ފެނުނެވެ. އޭނާގެ ތުންފަތް ފުޅާވެގެން ދިޔައީ ވެރިވި ލުއި ހިނިތުންވުމުގެ ސަބަބުންނެވެ. ފޮތް ނަގައި މޭގައި ޖައްސާލީ އެ ފޮތާއި މެދު ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އިރުކޮޅަކު އެހެން ހުރެފައި އެ ފޮތް ދުރުކޮށްލާފައި ހުޅުވައިލިއެވެ.
އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެ ފޮތް އޮތީ އޭނާ ބޭއްވި ގޮތަކަށް ނޫނެވެ. އެއީ އޭނާގެ ޑައިރީއެވެ.
ހުސްނީ އޭނާ ބަންދުކޮށްގެން ގެންގުޅުނީ އޮޅުނުކުރެވިފައިވާ ޖަނަވާރަކު ބަންދުކޮށްގެންގެންގުޅޭ އުސޫލުންނެވެ. ހަތަރުފާރުތެރޭ ބަންދުވެފައި އިނަސް އަދި ކިތަންމެ ބައިވަރު ބޭހެއް ކާންދިން ކަމުގައި ވއަސް ބައެއް ފަހަރު ނޫރާގެ ހަނދާނުގައި ބައެއް ކަންތައް ހުރެއެވެ. ހުސްނީގެ ފަރާތުން އަނިޔާލިބޭ ފަހަރު ތަކުގައި މަންމަ އަށްވެސް ގޮވެއެވެ. ސާރިމްއަށްވެސް ގޮވެއެވެ. ހުސްނީގެ ރުޅި ހައްދު ފަހަނަ އަޅައި ދަނީ ސާރިމްއަށް ގޮވާ ރޭރޭއެވެ.
ފަހުން ނޫރާ ހުންނަނީ އެ ހަނދާންތައް ވިއަސް އެކަން ސިއްރުކޮށްގެންނެވެ. އެހެން ހުއްޓާ ހުސްނީ ދެވަނަ ކައިވެންޏެއް ކުރި ދުވަސް ވަރު ނޫރާއަށް މަދު މަދުން ނުކުމެ އުޅެވެއެވެ. އެފޮތަކީ އެފަދަ ދުވަހެއްގައި ފިހާރައަކަށް ދެވުނު ވަގުތު ގެނައި އެއްޗެކެވެ. ގެންގުޅުނީ ވަރަށް ފޮރުވައިގެންނެވެ. ހަނދާންވާ ވަރަކުން އެކި އެކި ހަނދާންތައް އެފޮތުގައި ލިޔަމުން ގެންދިޔައެވެ. އަނެއްބައި ފަހަރު ތަކުގައި ހުސްނީ ދޭ އަނިޔާތަކުގެ ތަފްސީލްވެސް ލިޔެ ހެދިއެވެ. ފަހުން އެ ފޮތުގައި ނުލިޔާ އެއްވެސް ކަމެއް ނުދެއެވެ.
ހުސްނީ އަތުގައި އެ ފޮތް ޖެހުނުކަން އެންގުމުގެ ގޮތުން އެ އޮތީ އެހާ ދުވަސް ވަންދެން ރައްކާކުރި އެތައް ވާހަކައެއް ވީދާ ކުދިކުދިކޮށްލާފައެވެ. ހުސްނީ އަށް ސިއްރުން އެ ފޮތް ގެންގުޅުނީވެސް އެހެންވެއެވެ.
ފަހަތުގައި މީހަކު ހުއްޓުނުކަން އިހްސާސްވެ ނޫރާ ބަލައިލިއިރު ހުރީ ސާރިމްއެވެ.
"މިހާރު ސައިބޮއި ނިމުނީތަ؟" ފޮތް ދުރުކޮށްލާފައި އޭނާގެ ސަމާލުކަން ހުއްޓުނީ ސާރިމްއަށެވެ. ސާރިމްގެ ނަޒަރު ހުއްޓިފައިވަނީ އެފޮތަށެވެ.
"މި ބާއްވާ ދަރިފުޅު އަތުގައި." އެ ފޮތް ސާރިމްއަށް ނޫރާ ދިއްކޮށްލިއެވެ. ބޭނުމަކީ އޭނާއަށް ދަރިފުޅު މުހިއްމުކަން އިހްސާސްކޮށްދިނުމެވެ. ސާރިމް އެފޮތުގައި ހިފިއިރު ދެލޮލުން އުފާވެރިކަން ފެންނަންހުއްޓެވެ. އެ ފޮތް ހުޅުވާލުމުން އޭގައި ހުރި ހުސް ގަނޑުތައް ފެނި ވަކިން ބޮޑަށް އުފާވެއްޖެއެވެ.
އެފޮތަށް ބަލާލުމުން އޭގެން ވަރަށް ގިނަ ސޮފްހާތައް މަދުކަން އެނގެއެވެ. ބާކީ ހުރި ސޮފްހާތަކުގެ އަދަދު މަދުވިއަސް އެ ފޮތް ބޭނުންވަނީ ކުރަހާށެވެ. އެ ފޮތް ހިފައިގެން ސާރިމް ދުވެފައި ނިކުތެވެ.
ނޫރާ ތެދުވެގެން ގޮސް އެނދުގައި އިށީނެވެ. އޭނާގެ މޫނުމަތިން މިހާރު އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އޭނާ އިނީ ފުންޚިޔާލަކަށް ގެއްލި ހުސްވެފައެވެ. އޭނާގެ ހިތް ޚާއްސަކުރީ ސާރިމްއަށެވެ. އަނިޔާވެރި ދިރިއުޅުމުން ސަލާމަތްވާނެކަމުގެ އުއްމީދުގައި ސާރިމް އާއި ބައްދަލުވާނެގޮތެއް މެދުވެރިކުރައްވަވާތޯ އޭނާ ދުޢާކުރިއެވެ. އެތައް ރެޔަކު އެ އުއްމީދާއި އެކު ނިދައެވެ. އަނެއްބައި ރޭރޭ ޝަކުވާއިން ފުރިގެންވާ ހާލު ނުނިދި ފުރޮޅި ފުރޮޅި އޮވެއެވެ. ސާރިމް އޭނާގެ މަތިން ހަނދާންހުރޭތޯ އޭނާ ހިތަށް އަރައެވެ.
"އޭނަ ދުވަހަކުވެސް އަހަރެން ދެކެ ލޯބި ނުވޭ،" ނޫރާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ހަތް އަހަރަށްފަހު ފުރަތަމަ ފަހަރަށް ސާރިމް އާއި ދޭތެރޭ ނުރުހުމުގެ އަސަރު އެ ހިތުތެރޭ އުފެދުނެވެ. އޭނާގެ ކައިރިއަށް ޖިސްމާނީ އުފާ ހޯދުމުގެ މަގްސަދުގައި އައި އެހެން ފިރިހެނުންނެކޭ ސާރިމްއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެ މީހުންނަށްވުރެ ސާރިމް ގޯހެވެ.
ނޫރާ ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. ބުރުގާގައި ހިފާ ދަމައިގަތެވެ. އަމިއްލަ ސޫރައަށް ބަލައިލިއެވެ. ބޮލުގައި އަތްޖައްސާލިއެވެ. އޭނާ ހަނދާނަށް އައީ އޭނާގެ އިސްތަށިތައް ހުސްނީ ކޮށާލި ރެޔެވެ.
ދޮރުގައި ޓަކިދިން އަޑަށް ނޫރާ ތެޅިގެންފައި ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރި ހުސްނީގ މޫނުން ފެންނަނީ ހިތްހަމަނުޖެހުމެވެ. ހުސްނީ ކޮޓަރިއަށް ވަދެ އެދުނީ ނިދަން ލާނެ ހެދުމެއް ދިނުމަށެވެ. އަލަމާރި ތެރެއިން ހުސްނީގެ ގަމީހަކާއި ފަޓްލޫނެއް ހިފައިގެން އައުމުން ނޫރާގެ މޫނަށް ހުސްނީ ހުރީ ބަލަހައްޓައިގެންނެވެ.
ގަމީސް ދިއްކޮށްލަމުން ނޫރާ އިސްޖަހާލިއެވެ. ހުސްނީގެ މޫނަށް އޭނާ ބަލަން ބޭނުމެއްނުވިއެވެ. ހުސްނީ ހިފީ ނޫރާގެ އަތުގައެވެ.
"ފެން ވަރައިފިން؟" ހުސްނީގެ ދެލޮލަށް ބަލަން ނުކެރިގެން ނޫރާ ބޯޖަހައިލީ އިސްޖަހއިގެން ހުރެއެވެ. އެވަގުތު ނޫރާގެ ބޮލުގައި އޮތް ބުރުގާ ހުސްނީގެ އަނެއްއަތުން ދަމައިގަތެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތްޖައްސާލިއެވެ. ނޫރާ އެބުނީ ތެދެއްކަން އިސްތަށިގަނޑުގައި ހުރި ފިނިކަމުންވެސް ހެކިދެއެވެ.
"އަހަރެން މިހުރީ ވަރަށް ހޫނުވެފައި." ހުސްނީގެ ނިޔަތް ނޫރާއަށް އެނގެއެވެ. ހުސްނީގެ މުށުތެރެއިން އޭނާގެ އަތް ދަމައިގެންފައި ނޫރާ އަވަހަށް ހުސްނީއަށް ތުވާލި ނަގައިދިނެވެ.
"ފެންވަރައި ނިމެންވާއިރަށް އަޅުގަނޑު ސައިތައްޓެއް ތައްޔާރުކޮށްލާނަން." ތުވާލީގައި ހުސްނީ ހިފުމުން ނޫރާ އަވަހަށް ހިނގައިގަންނަން ގަސްތުކުރިއެވެ. އެވަގުތު ނޫރާގެ އަތުގައި އަނެއްކާވެސް ހުސްނީ ހިފިއެވެ. މިފަހަރު ހީވީ ކުއްލިއަކަށް ހުސްނީ އާއި ދިމާލަށް އޭނާ ދަމައިގެންހެންނެވެ. ނޫރާ އައިސްޖެހުނީ ހުސްނީގެ މޭގައެވެ.
"އަހަރެން ބޭނުންވަނީ ފެންވަރަން." ހުސްނީ އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.
"އަޅުގަނޑު ފެންވަރައިފިން." ނޫރާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ދުލުން އެ ލަފްޒު ބޭރުވި ވަގުތު ކޯތާފަތްމައްޗަށް އެރީ ހުސްނީގެ އަތްތިލައިގެ ހޫނުކަމެވެ.
"ކަލެއަށް ނީވޭތަ އަހަރެން ބުނާ އެއްޗެއް؟ އަހަރެން ބޭނުންވި ކޮންމެ ވަގުތަކު އަހަރެން ބޭނުން ކަމެއް ކޮށްދެންޖެހެއޭ ބުނީމެއްނު، މިރެއަކީ މިކޮޓަރީގައި އަހަރެން ނިދާ ރޭކަންވެސް އެނގޭނެ، ދެން ކަލޭ ފެންވެރީ ކާކަށް ދައްކަން، " ހުސްނީ ހަޅެއްލަވައިގަތެވެ. ނޫރާއަށް ބިރުން ފަހަތަށް ޖެހެވުނެވެ. އަދިވެސް ހުރެވުނީ މޫނުގައި އަތްޖައްސާލައިގެންނެވެ. އޭނާއަށް ވީތަދު ނުފިލާ އުޅެނިކޮށް އަނެއް ރިހުން އުފެދުނީ ކަނދުރާމަތީގައި ހުސްނީ ހިފުމުންނެވެ.
މަޑެއް އާހެއް ނޫރާގެ އަނގައިން ނިކުތެވެ. ހުސްނީގެ ހިތުގައި އޯގާތެރިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ނޫރާގެ ދެލޮލުން ފޭދުނު ކަރުނަ ފެނި އެތެރެހަށީގައި ހުރި ރުޅީގެ ހުޅު ފަޅައިގެން ދިޔައެވެ. ކަނދުރާގައި އަޅާ ނޫރާ ކޮއްޕާލިވަގުތު ނޫރާ ގޮސް ޖެހުނީ މޭޒުގައެވެ. ބަނޑަށް ވީތަދާއި އެކު ނޫރާގެ ދުލުން ބޭރުވީ ސާރިމްގެ ނަމެވެ. އެވަގުތު ހުސްނީ އައިސް އަނެއްކާވެސް ހިފީ ނޫރާގެ އިސްތަށިގަނޑުގައެވެ.
"އަދި އެއްފަހަރު އޭނާގެ ނަމުން ގޮވާބަލަ، ކަލޭގެ ދޫ ބުރިވެގެން ވެއްޓޭނީ މަގޭ ފައިބުޑަށް." ހުސްނީ ހަޅެއްލަވައިގަތެވެ. މޭޒުގެ ވަތްގަނޑުގައި އޮތް ކަތުރު ނެގިއެވެ. ނޫރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ހީކުރީ އަސްލަށްވެސް ހުސްނީ އުޅެނީ އޭނާގެ ދޫ ބުރިކޮށްލަން ކަމަށެވެ. އެބިރާއި އެކު އޭނާއަށް ތެޅިގަނެވުނެވެ. އެކަމަކު ހުސްނީ އޭނާގެ އިސްތަށިގަނޑު އަތަށް އޮޅާލާފައި ހުރީ ސަލާމަތްވެ ދެވޭވަރަކަށް ނޫނެވެ. ކުއްލިއެއް ޖަހައި ނޫރާ ދެކަކޫމައްޗަށް ތިރިވާން މަޖުބޫރުކުރިއެވެ. ހުސްނީ އޭނާގެ އިސްތަށިގަނޑު ހިތު ހުރިގޮތަކަށް ކޮށާލިއެވެ. ރުއިން ފިޔަވައި ނޫރާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކަމަކު އޭނާގެ ދެލޮލުން ފައިބާ ކަރުނަ އަކީ ހުސްނީގެ ހިލަ ހިތް މަޑުވެގެންދާ ފަދަ ހަތިޔާރަކަށް ނުވެއެވެ.
ނޫރާ ބޮލުގައި ފިރުމާލިއެވެ. އޭނާގެ ދެލޮލުން ފޭދިގެން ދިޔަ ކަރުނަ އާއި އެކު އޭނާއަށް އެމަންޒަރު ސިފަވިއެވެ. އެފަދަ ކިތަންމެ އަނިޔާއެއް ލިބުނެވެ. ސާރިމް އަކީ ދުނިޔޭގައި ހުރި މީހެއްކަންވެސް ނޭނގެއެވެ. އެކަމަކު ކުއްލިއަކަށް މިހާރު ސާރިމް އެ އައީ ކީއްވެކަމެއް ނޭނގެއެވެ. އެ ސުވާލުގެ ޖަވާބު ލިބޭނީ ސާރިމްގެ ކުރިމައްޗަށް ގޮސްގެންނެވެ.
ހަފްތާއެއް ފަހެވެ.
ޝެރީން ފިހާރައިން ނިކުންއިރު ދެއަތް ފުރިފައި ހުރީ ބާޒާރުން ގަތް އެއްޗެހިންނެވެ. ދެއަތުގައިވެސް އެތައް ބައިވަރު ކޮތަޅުހުއްޓެވެ. އޭނާ ގޮސް ކާރުގެ ޑިކީގެ ތެރެއަށް ކޮތަޅުތައް ލާފައި އައިސް އަވަހަށް ކާރަށް އެރިއެވެ. އިތުރު މީހަކު ކުރީ ޝީޓްގައި އިންހެން ހީވެ ޝެރީން ބަލައިލިއެވެ. އެއާއި އެކު ދެލޯ ބޮޑުކޮށްލެވުނެވެ. ޒައިންގެ މޫނު ފެނިފައި އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވާލަން އުޅެނިކޮށް ޒައިން ހިފީ އޭނާގެ އަތުގައެވެ. ގޮނޑީގައި ރަނގަޅަށް އިށީންނާށޭ ބުނެފައި ޖީބުން ނެގި ކަޓަރު ޖެއްސީ ޝެރީން ވައިނޮޅިމަތީގައެވެ.
"އަހަރެން މިއުޅުނީ އުދަނގޫނުކޮށް." ޝެރީން އާއި ދިމާލަށް ޒައިން ދެލޯ ހަނިކޮށްލިއެވެ. އޭނާ އިނީ ބިރުން ގޮސް ނޭވާ ނުލެވިފައެވެ.
"އެކަމަކު ކުއްލިއަކަށް އަހަރެން ވޯންޓެޑް މީހެއްގެ ގޮތުގައި ލޭބަލްވެއްޖެ. އަހަރެން ބެލިއިރު އޭގެ ފަހަތުގައި ހުރި މީހަކީ ތިއީ." ޒައިން ވާހަކަ ދެއްކިއެވެ. ޝެރީން އިޝާރާތްކުރީ ކަޓަރު ތިރިކޮށްދިނުމަށެވެ. އޭނާއަށް ބަހެއްވެސް ބުނެވޭނީ އޭރުންނެވެ. ޒައިންއަށް އެކަން ވިސްނި އެއަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް ކަޓަރު ޖައްސާލިއެވެ.
"އަހަރެން ނުބުނަން ޒައިން ކުރިކަމެކޭ، އެއީ ސާރިމްއަށް ހީވި ކުށްހީއެއް، މިހާރު އޭނާއަށްވެސް ސާފުވެފައި އޮންނާނި އޭގައި ޒައިންގެ ކުށެއް ނެތްކަން." ޝެރީން ބުނެލިއެވެ. އެއީ އޭނާ އަމިއްލައަށް ހޯދައިގެން މުސީބާތެކެވެ. ސާރިމް ހިފަހައްޓަންވެގެން އަމިއްލަ ދަރިފުޅު ފޮރުވިއިރު ކުޑަކޮށްވެސް އެހެން ބަޔަކަށް އޭގެ ގެއްލުންވެދާނެކަމަށް ހިޔެއް ނުކުރެއެވެ. އެރޭ ހިމްނާވެސް ސުވާލުކުރަން ގެންދިޔަފަހުން މީހުން ގަދަރުކުޑަކުރާނެކަން ހިތަށް އަރާފައި މިހާރު ދެރަވެއެވެ.
"ސޮރީ އޭ ބުނަން ހިތަށްވެސް ނާރުވާތި. އަހަރެން މިއީ ކާކުކަން ކިހާވަރެއްގެ މީހެއްކަން އަދި ސާރިމްއަށް އަންގާލާނަން. އޭނަ އަހަރެން ގައިގައި ތަޅައިގެން ދުވަސްވެސް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، އޭގެ ބަދަލުވެސް އޭނާއަށް ލިބޭނެ އަދި،" ޒައިން ބުނެލިއެވެ. ޝެރީންގެ ދޫ ބަންދުވެގެން ދިޔައެވެ. ޒައިންގެ އަތުގައި ޝެރީން ހިފަހައްޓާލިއެވެ.
"އަހަރެން ކުރި ކުށުގެ އަދަބު ލިބެންޖެހޭނީ އަހަންނަށް. ޒައިން މަޢާފްކުރަން ބޭނުންނުވަންޏާއި ބޭނުން އަދަބެއް ދޭންވީ، އެކަމަކު ސާރިމް ދޫކޮށްލާ." ޝެރީން އެދުނެވެ. އެވަގުތު ޒައިން ޝެރީންގެ އަތް ދުރުކޮށްލިއެވެ. ޒައިން ގެ ނަޒަރުހުއްޓުނީ ޝެރީންގެ މޫނަށެވެ. ޝެރީންގެ ލޮލުން ފޭބި ކަރުނަ ފެނިފައި އޭނާއަށް ލިބުނީ ހިތްހަމަޖެހުމެވެ. އެއްމިޔަނުން ހީލަމުން ޒައިން ޝެރީންއަށް ޖަވާބު ދިނެވެ. އެއަޑު އަހާފައި ޝެރީންގެ ގައިން ހީބިހި ނަގައިގަތެވެ.
"ޝެރީންއަށް އޮތް އަދަބަކީ ހުވަފެންވުން،"
އަނެއްކާވެސް ޝެރީންއަށް ހިފުނީ ޒައިން ލައިގެން ހުރި ގަމީހުގައެވެ. ދެއަތުން ޒައިންގެ މޭގައި ތަޅައިގަނެވުނެވެ. ޝެރީންގެ ދެއަތުގައި ޒައިން ހިފަހައްޓާލިއެވެ.
"އެޔަށްވުރެ ފަސޭހަ ގޮތެއްވެސް އަހަރެން ބުނެފާނަން." ޒައިން އާއި ދިމާލަށް ބަލައިލިގޮތަށް ހުއްޓުންއަރާފައި ޝެރީންއަށް އިނދެވުނެވެ. އޭގެ ތަފްސީލް ޒައިން ދިނެވެ. އޭނާއަށް ކިޔައިދިނީ އޭގެ ސަބަބުން އިތުރު މީހެއްގެ ނަފްސަށް އެއްވެސް ވޭނެއް ނުލިބޭ ފަދަ ފަސޭހަ މަގެކެވެ.
(ނުނިމޭ)