ސާރިމް އެތެރެއަށް ވަދެ ދަބަސް ބެހެއްޓީ ތިރީގައެވެ. އޭނާ މިހުރީ ދެން އެގެއަށް ނުދާށެވެ. ކަމާލް ގެނެސް އެގެއަށް ދަބަސް ފޮނުވައިލުމުގެ ނިޔަތުގައި ދަބަސް ބަހައްޓާފައި އޭނާ އެނބުރުނީ ޝެރީން އާއި ދިމާލަށެވެ. ސައުދިއްޔާ ގެނައި ކާ އެއްޗެހިން ހަމައެކަނި ޝެރީން އަތްޖައްސައިލީ ކިރުތަށީގައެވެ. ޝެރީން ފޯނު ނަގައި ދާއޫދުއަށް ގުޅަމުން ކޮޓަރިއަށް ވަނެވެ. އެ އެއްޗެހި އެތެރެއަށް ގެންދަން ސައުދިއްޔާއަށް ގޮވާލުމުން ސައުދިއްޔާ ޖަވާބެއް ނުދިނެވެ. މޭޒުމަތީގައި ހުރި ކާ އެއްޗެހިތައް ހިފައިގެން ސާރިމް ބަދިގެއަށް ވަންއިރު އެތަނުގައި އެއްވެސް މީހަކު ނެތެވެ. ސިންކުމަތީ ތަށިތައް ބަހައްޓާފައި އެނބުރުނު ވަގުތު ސާރިމްގެ ލޮލުގައި އަޅައިގަތީ ސިންކުތެރޭގައި ހުރި ނޫރާ ކާ ތައްޓެވެ. އޭގައި ބާކީ ހުރި ކާ އެއްޗިއްސެވެ.
އޯޓްސް އާއި އެކު ކިރު އަޅައިގެން ނޫރާއަށް ވަރަށް މީރުވާނެއެވެ. އެއީ ހެނދުނު ނާސްތާއަށް ނޫރާ އަބަދުވެސް ކާ ކެއުމެވެ. ސާރިމް ބަލައިލީ ބަދިގެގޭގެ ދެވަނަ ދޮރުން ނިކުމެވެން ހުރި ސައިދިއްޔާ އުޅޭބަޔަށެވެ. އެދިމާލަށް އޭނާ ހިނގައިގަތީ ފިޔަވަޅު އަޅާވަރު ސިއްރުވާނެހާ މަޑުންނެވެ. އެދޮރުން ނިކުމެވުނު ކޮރިޑޯގެ ނިމޭކޮޅުގައި އެހުރީ ސައުދިއްޔާގެ ކޮޓަރިއެވެ. އެދޮރު ހުރީ ލައްޕާފައެވެ. އެދިމާލަށް ސާރިމް ހިނގައިގަތެވެ. ދޮރުމަތީ ހުއްޓި ޓަކިދޭން އުޅެފައި އޭނާ އަތްތިރިކޮށްލިއެވެ. ކުއްލިއަކަށް އެދޮރުގައި ފައިންޖަހައި ހުޅުވައިލިއެވެ.
ކޮޓަރިތެރޭގައި ހުރި ސައުދިއްޔާއަށް ހަޅެއްލަވައިގަނެވުނެވެ. ސާރިމް ވަގުތުން އިޝާރަތްކުރީ ހަޅެއްނުލެވުމަށެވެ. އޭނާ އެކޮޓަރި ތެރެއަށް އަވަސް އަވަހަށް ބަލައިލިއެވެ. އެކުޑަ ކޮޓަރި ތެރޭގައި އިތުރު މީހަކު ނެތެވެ.މޭގައި ދެއަތް އަޅައިގެން ސައުދިއްޔާއަށް ދެލޯ ބޮޑުކޮށްލައިގެންނެވެ. ސާރިމް ވަދެފައި ދޮރުލެއްޕިއެވެ.
"ނޫރާ ހުރީ ކޮންތާކު؟" ސާރިމް ދަތްޕިލަވިކާލިވަރުން ސައުދިއްޔާ ތުރުތުރުލައިގަތެވެ. ބިރުގެންވަރުން އެދެލޮލަށް ބަލާކަށް ނުކެރުނެވެ.
"ނޭނގެ އަޅުގަނޑަކަށް." ސައުދިއްޔާ ބުނެލިއެވެ. އެހާ ފަސޭހައިން ޖަވާބު ނުލިބޭނެކަން އެނގުމުން ސުވާލުކުރުމުގެ ބަދަލުގައި ސާރިމްއަށް އެނގުނު ކަންކަން ހާމަކުރަން ބޭނުންވިއެވެ.
"ސިންކު ތެރޭ ހުރި ތަށި އަހަންނަށް ފެނިއްޖެ،" ސާރިމް ބުނެލިއެވެ. ސައުދިއްޔާގެ މޫނު ރަތްވެގެން ދިޔައެވެ. ވަގުހިފަނިކޮށް ފަޅާއެރުމުން ތެޅިގަންނަ ވަރަށް އޭނާ ބިރުން ތެޅިގަތެވެ.
ކާންދޭ އަތުގައި ދަތް އަޅާފާނެކަމަށް ސާރިމް ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ރޭ ކުރެވުނު ތުހުމަތު ތަކުގެ ދޮގުކަން ހިތަށް އެރުމުން އޭނާއަށް ހީވީ ނިތްކުރި ފަޅައިގެން ދިޔަހެންނެވެ. އެއީ ވިސްނައިލިނަމަ ފާހަގަވާވަރުގެ ކުޑަ ކަމެކެވެ. އެގެއަށް ބޭރުން އައިސް މީހަކަށް ނުވަދެވޭނެއެވެ. ޝެރީން ހަނދާންނެތިގެން ދޮރު ތަޅުނުލައި ބެހެއްޓުނީ ކަންނޭނގެއޭ ބުންޏަސް އެވާނީ ދޮގަކަށެވެ. ލޮކު ސިސްޓަމް ހަރުކޮށްފައިހުންނާތީ ދޮރުލެއްޕޭތާ ތިރީސް ސިކުންތުގެ ތެރޭގައި ދޮރު ތަޅުލެވޭނެއެވެ. ތުހުމަތުވެސް ކުރެވޭނީ ދުރުމީހަކަށް ނޫންހެއްޔެވެ؟ އެކަމަކު ނޫރާ ފޮރުވައިގެން ސައުދިއްޔާއަށް ލިބެން އޮތީ ކޮން މޮޅެއްކަމެއްވެސް ނޭނގެއެވެ. ފައިސާކޮޅެއް ބޭނުންވީ ނޫންބާއޭ ހިތަށް އެރިއެވެ. ސާރިމްގެ ކުރިމަތީ ދެކަކޫ ޖަހައި އިށީންއިރު ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. ސާރިމް އެސުވާލުތައް ކުރަން އުޅެނިކޮށް ސައުދިއްޔާ ހިފީ އޭނާގެ ފައިގައެވެ.
"މެޑަމް އޮތީ އެވާހަކަ ނުބުނަން ވައުދުކޮށްފައި." ތޫނު ހަންޖަރަކުން މޭ ފަޅާފައި ހިތް ދަމައިގެންކަހަލަ އިހްސާސަކާއި އެކު ސާރިމްއަށް ބުރަކަށި ޖައްސާލެވުނީ ދޮރުގައެވެ. މުޅި ދުނިޔެ ދެކޮޅު ހެދިއަސް ޝެރީން އަމިއްލަ ދަރިއަށް އެހެން ހަދާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. ޤަބޫލުކުރަންވެސް އުދަނގޫވިއެވެ.
ޝެރީން އަށް މި އައި ބަދަލާއި މެދު ސާރިމް ހައިރާންވިއެވެ. މީގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިކަން އެނގެން ބޭނުންވިއެވެ. ކޮންމެ ކަމެއް ހާސިލްކުރުމުގެ ނަމުގައި ވިއަސް އޭނާ ކުޅެންޖެހޭނީ އެހެން މީހުންގެ އިހްސާސްތަކާއެއް ނޫނެވެ. ރޭގައި ނިދިން މަހްރޫމްވީ ސާރިމް އެކަންޏެއް ނޫނެވެ. ފަރީނާ އާއި ދާއުދު ތިބި ހާލު އޭނާއަށް ސިފަވިއެވެ.
"ކޮންތާކު ހުރީ ބަހައްޓާފައި؟" އިރުކޮޅަކު ހުއްޓުންއަރާފައި ހުރެފައި ސާރިމް އަހާލިއެވެ.
ސައުދިއްޔާ ފުރަތަމަ އުޅުނީ ނުބުނާށެވެ. އެކަމަކު ފަހުން ކިޔައިދިނެވެ. ނޫރާއަށް ރަނގަޅަށް އަޅައިލަން ސައުދިއްޔާއަށް އޮތީ އަންގާފައެވެ. ބަހައްޓާފައި ހުރީވެސް އެގޭގެ ކޮޓަރިއެއްގައެވެ. ކުރިން ކަމާލް ނިދި ތަނުގައެވެ.
** **
ސާރިމް ނިކުތީ އޭނާއަށް ހުރިހާ ކަމެއް އެނގޭކަން ނާންގަން ބުނެފައެވެ. ނޫރާ ހުރި ކޮޓަރި ތެރެ އޭނާ ބަލައިލީ ކުޑަދޮރުންނެވެ. ޓެބްލެޓް އިން ގޭމް ކުޅެން ނޫރާ ހަމަޖެހިލައިގެން އިނެވެ. ވަށައިގެން އެއްވެސް ބިރުވެރިކަމެއް ނުވާކަން އޮތް ޔަޤީންކަމެއްގެ ބޮޑުކަމުން ނޫރާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ. އެ މަންޒަރުން ހިތްހަމަޖައްސާލައިގެން ސާރިމް ނިކުތެވެ.
ބަދިގެއިން ނިކުންއިރު ޝެރީން ކޮޓަރިން ނިކުންނަނީއެވެ. ސާރިމް ބޭނުންވީ އެގެއިން ބޭރަށް ދާށެވެ. އޭނާ ދާން ފެށުމުން ޝެރީން ގޮވާލިއެވެ.
"ބައްޕަ އެބަ އާދޭ ސާރިމް އާއި ވާހަކަ ދައްކާލަން." އެއީ ސާރިމް ހުއްޓުވަން ބުނާ އެއްޗެއްކަން ސާރިމްއަށް އެނގެއެވެ.
"ޓެލް ހިމް ޓު ކޯލް މީ." ސާރިމް ދިނީ ކުރު ޖަވާބެކެވެ. ދޮރުމަތީ ބެހެއްޓި ދަބަސް ނަގައި ހިނގައިގަންނަން އުޅުމުން އަނެއްކާވެސް އިވުނީ ޝެރީންގެ އަޑެވެ.
"ފޯނުން ދައްކާ ވަރަށް ވުރެ ކްރިޓިކަލް ކަމަށް ބުނި،" މިފަހަރު ސާރިމް އެނބުރުނެވެ. އޭނާ ބަލައިލީ ޝެރީންގެ ބޮލުން ފެށިގެން ފަޔާއި ހަމައަށެވެ. ހިތާމައިގެ ސާލެއް އަޅައިގެން ހުރި މީހެއްފަދައިން ޝެރީންގެ މޫނުމަތި ފެނުނަސް އެއީ ދެއްކުން ތެރިކަން ފިޔަވައި އެހެން އެއްޗެއް ނޫންކަން ސާރިމްއަށް އެނގެއެވެ. އޭނާގެ ހިތުގައި ފާޑެއްގެ ފޫހިކަމެއް އުފެދުނެވެ.
"ބުނޭ އަހަރެން އަންނަންދެން މަޑުކުރަން، މި ދަބަސް ރައްދުކޮށްފައި އަންނާނަން." ސާރިމް ކުރިން ހުރީ އެ ދަބަސް ކަމާލް ލައްވައި ފޮނުވާށެވެ. އެކަމަކު މިހާރު ބޭނުންވަނީ އެގެއިން ނިކުމެ ހަމަ ނޭވާއެއްލާށެވެ.
"ކަމާލް އެބަ އާދޭ، އަހަރެން ދެންމެ ގުޅައިފިން،" ޝެރީން އަށް ސާރިމް ހުއްޓުވެން ހުރި ހުރިހާ ގޮތަކުން ހުއްޓުވަން ބޭނުންވިއެވެ. އޭނާގެ ދެލޮލުގައިވި ރިހުމުގެ ޒައްރެއްގެ މިންވަރުވެސް ސާރިމްއަށް ނުފެންނާތީ އޭނާގެ ހިތު ތެރޭ ކެކިގަތީ ހަސަދައިގެ އަލިފާނެވެ.
"ވަޓްސް ދަ ބިގް ޑީލް ޝެރީން، އަހަންނާއި ޝެރީން އާއި މީ އެކެއްނު، ޝެރީންގެ ބައްޕަ އަށް އަހަރެން ކައިރީ ޚާއްސަކޮށް ދައްކަން އޮންނާނީ ކޮން ވާހަކައެއް؟ ކީއްވެ ޝެރީން ކައިރީ ނުބުނަން އެ އުޅެނީ." ސާރިމް ދަބަސް އަލުން ތިރިކޮށްފައި އަހާލިއެވެ. ޝެރީންގެ ވާހަކައިން އޭނާއަށް ހުރިހާ ކަމެއް ވިސްނިއްޖެއެވެ. ޝެރީން އަށް އަންނަ ބަދަލާއި އޭގެ ސަބަބުވެސް އެނގިއްޖެއެވެ. އެކަމަކު އޭނާ ކެއްތެރިކަން އިސްކުރިއެވެ. ބޭނުންވީ ނޭނގޭކަމަށް ހަދާށެވެ. ޝެރީން އަމިއްލައަށް އިއުތިރާފްވަންދެންނެވެ.
"އަހަންނަކަށް ނުކެރޭނެ އަޑުއަހާކަށް، އެމީހުންނަށް އަދިވެސް ނޫރާ ނުހޯދޭ،" ޝެރީން ރޯންފެށިއެވެ. ސާރިމް ގޮސް ޝެރީންގެ ގައިގައި ބައްދާލިއެވެ. ޝެރީން ހަދަނީ ދޮގުކަންވެސް އެނގެއެވެ. އެކަމަކު އެ ރުއިމުގެ އަޑަކީ ދޮގެއް ނޫނެވެ. ވަންހަނާވެފައިވާ އިތުރު ރިހުމެއް އެ މޭގެ ތެރޭގައި ހިނގާކަން އެނގޭތީއެވެ. ހަޤީޤަތް ހާމަކުރާނެ ހިތްވަރު ނެތްކަމުގައި ވިއަސް ޝެރީންގެ ހިތް ކުދިކުދިވަމުން އަންނަކަން ސާރިމްއަށް ޤަބޫލުކުރެވެއެވެ.
"ޝެރީން ހިތްހަމަނުޖެހޭ ކަމެއް ނަމަ އަހަރެން ކައިރީ ބުނަން ޖެހޭނީ އެންމެ ފަހަރަކު، އެ ކަމެއް އަހަރެން ވަގުތުން ހުއްޓާނަން." މާބޮޑަށް ދިގުލައިގެން ނުދަނީސް އެކަން ރަނގަޅުކުރަން ސާރިމް ބޭނުމެވެ. ޝެރީން ވަގުތުން ސާރިމް އާއި ދުރަށް ޖެހިލިއެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ސާރިމްގެ މޫނަށް ބަލައިލިއެވެ. އެބުނި ބަހުގެ މުރާދު އެނގޭނީ ހަމައެކަނި ސާރިމްއަށެވެ. ސާރިމްގެ ހިތުގައި އޮތް އެއްޗެއް އޭނާއަކަށް ނޭނގުނެވެ.
ގޮތްދޫނުކުރުމާއި ރުޅިއަށްވުރެ އޭނާ އިސްކުރީ މަސްލަހަތެވެ. އަންހެނުންނަކީ ތަބީއީގޮތުން ބަލިކަށި ބައެކެވެ. ވިހެއުމުގެ ގަދަ ވޭނުގައި އެމީހުން ކެތްތެރިވިއަސް ޖަޒްބާތުތަކުގެ މައްޗަށް ކެއްތެރިވުމަކީ އެމީހުންނަށް ދެއްވާފައިވާ ބާރެއް ނޫނެވެ.
"ހަސަދައިގެ މައްޗަށް ލޯބި ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ކުރި ނުހޯދޭނެ، ވީއިރު ޝެރީން އަތުން އަމިއްލަ އަށް ޒަހަރު ހަދައިގެން ބޯންވީ ކީއްކުރަން؟ އަހަރެން ދަންނަ ޝެރީން އަކީ މީހަކާއި ދޭތެރޭ ގޯސް ގޮތަކަށް ދެކޭ މީހެއް ނޫން، އެކަމަކު މިއަދު ޝެރީންގެ ހިތް އޮތީ ޝައްކުން ފުރިފައި، ވައި ޔޫ ބި ކޭމް ސޯ އިންސެކިއުއަރ؟" ސާރިމް ބޭނުންވީ އެވަގުތު އެވާހަކަ ދައްކާށެވެ. ހިތުގައި ފޮރުވިފައިވާ ރިހުން ބައެއް ފަހަރު ބޭރުކުރެވޭނީ ޒުވާބެއްގެ ސިފައިގައެވެ.
ސާރިމްގެ މޫނަށް ބަލަހައްޓައިގެން ޝެރީންއަށް ހުރެވުނެވެ. އޭނާ ވަންހަނާކުރަން ބޭނުންވި ހުރިހާ ކަމެއް ސާރިމްއަށް އެނގިފައިވާކަން ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. ދެންމެ ސާރިމް ނިކުތީ ބަދިގެއިން ކަންވެސް އޭނާ ހަނނދާންވިއެވެ.
"އެއީ ކީއްވެކަން އެނގޭތަ؟ އެއީ އަހަންނާއި ސާރިމްގެ ހުރި ފަރަގުން،" ޝެރީން ގެ ދެލޮލުން ފޭބި ކަރުނައިގައި ހުރީ ހޫނުކަމެވެ. އެއީ އެތެރޭގައި އަނދާ އަގުރުގެ ހޫނުކަމެވެ. ސާރިމް ބުނި ފަދައިން އޭނާގެ ހިތް އޮތީ އެފަދަ ހާލެއްގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރެއާއި ދުވާލު ސާރިމްގެ ވަގުތުތައް ހުސްކުރަނީ ކުރީގެ ލޯތްބަށެވެ.
"ޝެރީން ހުރިހާ ކަމެއްކޮށްފައި ކުށްވެރިކުރަނީ އަހަރެން؟ " ސާރިމް ޝަހާދަތް އިނގިލިން މޭގައި ޖައްސައިލިއެވެ. އޭނާގެ ދެލޮލުގައިވެސް ފެން ހިނގައިލިއެވެ.
"ވަޓް ޑިޑް އައި ޑޫ ރޯންގް؟ ކުރި ކަމެއް މި ކުރީ އަހަރެމެންގެ ކައިވެނި ސަލާމަތްކުރަން. އަހަރެން ބިރުގަނޭ ސާރިމް އަހަރެންގެ ބަދަލަށް އެހެން މީހަކު ހޯދަފާނެތީ، ނޫރާއަށް ދޭންވީ ލޯބި އެހެންކުއްޖަކަށް ދީފާނެތީ؟ އަހަރެން އަސްލުވެސް ބިރުގަނޭ، އަހަންނަށް ސާރިމް ގެއްލިދާނެތީ." ޝެރީންއަށް ރޮވެންފެށިއެވެ.
އޭނާ ވާހަކަ ދައްކަމުން ދަނިކޮށް ސާރިމް އައިސް ހިފެހެއްޓީ އޭނާގެ މޫނުގެ ދެއަރިމަތީގައެވެ. ނަޒަރު ސީދާކޮށްފައި ސާރިމްގެ ދެލޮލަށް ބަލަން މަޖުބޫރުކުރިވިއެވެ. ސާރިމްގެ ދެލޯ ފުރިގެން އައިތަން ފެނުނެވެ. އެކަމަކު އޭނާއަށް އިހްސާސްވީ ސާރިމްގެ ނޭވާގެ ހޫނުކަމެވެ. އޭނާގެ ތުންފަތުގައި ސާރިމް ބޮސްދިނެވެ. ޝެރީން ތެޅިގަންނަން އުޅުމުން ދެއަތުން ނިކަން ބާރަށް އޭނާގެ ބުރަކަށީގައި ޖައްސާ ގާތަށް ލަފާލިއެވެ. ސާރިމްގެ ނޭވާ ހުސްވަންދެން އެހެން ހުރެފައި ދޫކޮށްލިއިރު ޝެރީންގެ ހިތުގެ ގިލަން ފިނިވެގެން ދިޔައެވެ. ޝެރީން އާއި ސާރިމްގެ ހުރި ފަރަގަކީ އެއީއެވެ. ޝެރީން ގޯސްކޮށް ކަންތައް ކުރާ އެއްވެސް ފަހަރަކު ސާރިމް ރުޅި އިސްކޮށް ޒުވާބަކަށް ނުދެއެވެ. ކުށްވެރިއެއް ނުކުރެއެވެ.
"އަހަންނަށް މިދުނިޔޭގައިވާހާ އެއްޗެއް ދޭން ބުންޏަސް ޝެރީން ދޫކޮށެއްނުލާނަން." ސާރިމް ތުންފަތްޖައްސައިލީ ޝެރީންގެ ނިތްކުރީގައެވެ. ޝެރީންއަށް ސާރިމްގެ ގައިގައި ބައްދާލެވުނެވެ. އޭނާގެ ހިތަށް ފިނިކަން ލިބުނެވެ. ސާރިމް ބުނީ ތެދަށެވެ. ހަސަދައިގެ މައްޗަށް ކުރިހޯދާނީ ލޯތްބެވެ.
** **
ކޮޓަރީގައި ޓަކިދިން އަޑަށް ނޫރާ އަވަހަށް ބެލީ ބުރުގާ އެޅޭތޯއެވެ. އޭނާ ގޮސް ދޮރުހުޅުވިއިރު ހުރީ ރަމްލާއެވެ. ރަމްލާއަށް ތަންދެއްކުމުން އެތެރެއަށް ވަދެ އޭނާގެ އަތުގައި ހުރި ބޭސްކޮތަޅު ބެހެއްޓިއެވެ.
"ނާސްތާކޮށްލައިގެން އާދޭ ބޭސްކާން، މީގެން އެންމެ ބޭހެއްވެސް މަދުނުކޮށް ކާށޭ ޑޮކްޓަރ ބުނެފައި އޮތީ." ރަމްލާ ބުނެލިއެވެ. ނޫރާ އަލުން ބުރުގާ ބާލަން އުޅުނެވެ. އޭނާގެ ސިފަ ކިތަންމެ ހުތުރުވިއަސް ގޭތެރޭގައި އުޅޭއިރު ފަސޭހައިން ބުރުގާ ނާޅައެވެ.
"ބުރުގާ އަޅައިގެން އާދޭ. ސާރިމް ބިރުން އުޅެނީ." ރަމްލާ ފުރަގަސްދީފައި ބުނެލިއެވެ. ބުރުގާ ބާލަން އުޅެފައި ނޫރާ އަތް ތިރިކޮށްލިއެވެ. ރަމްލާ އެހެން ބުނުމުން އޭނާގެ ހިތުގައި ޖެހުނެވެ. ސާރިމް ބިރުގަންނަ ނަމަ އޭނާ ނިކުންނާނީ ބުރުގާ އަޅައިގެންނެވެ.
އޭނާ ބަދިގެއަށް ވަންއިރު ސާރިމް އިނީ ރޮއްޓާއި މަސްހުނި ކާށެވެ. ނޫރާ ޚިޔާރުކުރީ ސާރިމްގެ ކުރިމައްޗަށް އިން ގޮނޑިއެވެ. އޭނާގެ މޫނަށް ބަލާލާފައި ސާރިމް ކެއުން ކުރިއަށް ގެންދިޔައެވެ. އެވަގުތު ކަމާލް އައިސް ބުނީ ނޫރާގެ ދަބަސް ކޮޓަރީގައި ބެހެއްޓި ވާހަކައެވެ. އެހެން ބުނުމާއި އެކު މޭޒުމަތީގައި ހުރި ކާއެއްޗިއްސަށްވުރެ ނޫރާއަށް މުހިއްމުވީ އެ ދަބަހެވެ. (ނުނިމޭ)