ވާހަކަ

ނޫރާ - 40

1

"ސާރިމް" ނޫރާއަށް ނޭނގޭ ނުތަނަވަސްކަމެއް ލިބުނެވެ. އެ ނަމާއެކު އޭނާގެ ހިތުގެ ތެޅުން ގަދަވިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ކިތަންމެ ހަނދާނަކުން އޭނާގެ ހިތް ނުތަނަވަސްވެގެން ދިޔަޔަސް އޭނާގެ ހަނދާނަށް ނާންނަ ފަރާތަކީ އެއީއެވެ. އެނަން އިވިފައި މިފަހަރު ނޫރާގެ ސިކުނޑި މާދުރަށް މިސްރާބުޖަހައިފިއެވެ.

އެއީ ހަމަ އެގަސްދޮށެވެ. ވާރެއާއި ތެމިގެން ނޫރާ އާއެކު ދުވެފައި އައިސް ހުއްޓުނީ ސާރިމްއެވެ. ދެމީހުން މާނޭވާލަމުން ނަމަވެސް ހެމުން ހެމުން އައިސް ގަސްދޮށުގައި މަޑުކުރިއެވެ. އެމީހުންގެ ލޯބީގެ ދުނިޔެއަށް އިތުރު ބަހާރީ ހަނދާނެއްގެ ގޮތުން އެގަސް ހެކިކޮށް ދެމީހުންގެ ލޯބިވާކަން އަންގަން ބޭނުންވިއެވެ. މިއީ ލައިލާ މަޖުނޫނު ފަދައިން ލޯބީގައި ގުރުބާންވާ މީހުންނަށްވުރެ މާ ބޮޑަށް ލޯބިވާ މީހުންކަމުގައި ސާރިމް ބުންޏެވެ.

"އަހަރެން ވައުދުވަން، އުމުރަށްވެސް ވަކިނުވެ އުޅޭނެ ކަމަށް، އަދި ދެ ދުނިޔޭގައިވެސް ބައިވެރިއަކަށް ނޫރާ ނޫން މީހަކު ނުވާނެކަން ޔަޤީންކޮށްދެން. މިވާ ލޯބި މި ދުނިޔޭގައިވާހާ އެއްޗެއް ހެކިވާނެ، އަދި އަހަރެމެން ނެތް ދުނިޔެއެއްގައިވެސް ހެކިވާނެ" ނޫރާގެ ދެލޮލަށް ބަލަންހުރެ ސާރިމް ވާހަކަ ދެއްކީ ސާބިތުކަމާއެކުގައެވެ. އެދެލޮލުގައި ނޫރާއަށްޓަކައި ލޯބި ނޫން އެހެން އެއްޗެއް ނުވެއެވެ. ސާރިމް ނޫނީ އޭނާ ދެކެ އެވަރަށް ލޯބިވި މީހަކު މި އުޑުދަށުންވެސް އަދި ނުދެކެއެވެ. ކޮންމެ މީހަކަށްވެސް ނޫރާގެ އިއްފަތްތެރިކަން ގެއްލިފައިވާކަން އެނގުމާއެކު ދައުވަތު ދެނީ ފާފައިން ފުރިގެންވާ އުފާވެރި ކަމަކަށެވެ.

އެކަމަކު ސާރިމް އަމިއްލައަށް އިސްވެ އޭނާގެ ގައިގައި ބީހިފައި ނެތެވެ. އެކަމަށް ނޫރާ ދައުވަތު ދިނުމަށާއި ހަމައަށެވެ.

ސާރިމްގެ ޖީބުން ފިޔޮއްސެއް ނެގިއެވެ. ގަހުގައި ދެމީހުންގެ ނަން ކަނޑާ ނަގަން އޭނާ ބޭނުންވިއެވެ. އެކަމަކު ކަންތައްވެގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. ފިޔޮހީގެ ތުނޑުން ހިތުގެ ބައްޓަމެއް ކުރަހާ ނިމުނުތަނުން އާމިރު އައިސް ސާރިމްގެ ގައިގައި ތަޅައިގެންފިއެވެ.

"ސާރިމް، އާދޭ މާމަ ކައިރިއަށް." ރަމްލާގެ އަޑަށް ނޫރާއަށް އެ ޚިޔާލުތަކުން ބޭރަށް ނުކުމެވިއްޖެއެވެ. އޭނާގެ ދެލޯ ކަރުނުން ފުރިގެން އައިކަން އެނގުނީ އެސްފިޔަ ޖަހާލި ވަގުތު ކަރުނަތިއްކެއް ކޯތާފަތް މައްޗަށް ވެއްޓުމުންނެވެ. އިނގިލިތަކުން ކޯތާފަތް ފޮހެލާފައި ބަލާލި އިރު ސާރިމް ގޮސް ރަމްލާގެ ކައިރީގައި ހުއްޓެނީއެވެ. އެކުއްޖާއާމެދު އަނެއްކާވެސް ފަރުވާކުޑަކޮށްލެވިއްޖެކަން އެނގުމުން ނޫރާއަށް އިސްޖަހައިލެވުނެވެ.

އަމިއްލަ ހާލާމެދު ވިސްނާފައި އެހެން މީހަކާމެދު ވިސްނާނެ ވަގުތެއް ނޫރާއަކަށް ނުވެއެވެ. އޭނާގެ ސިކުނޑި ފުރިގެންދިޔަ މާޒީގެ ކުޑަ ހަނދާނާއެކު މުޅިން ތަބީއަތް ބަދަލުވެއްޖެއެވެ. އެނދުގައި ބުރަކަށި ޖައްސާލާފައި ދެން އެނބުރުނީ ރަމްލާއަށް އޭނާ ނުފެންނާނެހެން ބިއްދޮށަށެވެ. އަނެއްކާވެސް ދެލޯ މަރައިލެވުނެވެ. މިފަހަރު ހުވަފެނުން ނަމަވެސް ސާރިމްގެ ސޫރަ ފެނިލުމުގެ އުއްމީދުގައެވެ.

ގެއަށް ދެވުނުކަން އަންގަން ސާރިމްއަށް ރަމްލާ ގުޅާލިއެވެ. ނަމަވެސް އެ ފޯނު ކޯލަށް ޖަވާބެއް ނުލިބުނެވެ. ރޭގައި ސާރިމް ދިޔައީ އެޔަށްވުރެ ބޮޑުކަމެއް ހިނގައިގެން ކަމެއް ރަމްލާއަކަށް ނޭނގެއެވެ. އެކަމަކު އޭނާއަށް އޮތީ ނޫރާ ހުންނަ އެޕާޓްމެންޓަށް ބަދަލުވާން ބުނެފައެވެ.

ނިދިފައި އޮވެފައި ސާރިމްއަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭނާއަށް ހީވީ ދާދި ކައިރިން އޭނާގެ ދަރިފުޅު ނޫރާ ގޮވާލިހެންނެވެ. އަވަސް އަވަހަށް ވަށައިގެން ލޯ ހިންގާލެވުނެވެ. އޭނާއަށް އޮވެވުނީ ކޮޓަރީގައި އެކަންޏެވެ. ބާލީސްދަށަށް ލީފޯނު ނަގައި ބަލާލި އިރު ހެނދުނު ނުވައެއް ޖަހަނީއެވެ. އޭނާ ކޮޓަރީގައި އައިސް އޮށޯތީ ހެނދުނު ހަތެއް ޖަހަނިކޮށެވެ. ނޫރާއާބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ފޯނު ކޯލެއް އައިސް އިންތޯ ބަލާލި އިރު ހަމައެކަނި އިނީ ރަމްލާގެ ކޯލެކެވެ.

ފެންވަރާލައިގެން ބޭރަށް ނިކުން އިރު ޝެރީން އިނީ ސޯފާގައެވެ. ދެފައި ސޯފާއަށް އަރުވައިގެން ކުރުގެޅިގެން ކަހަލަ ގޮތަކަށެވެ. އުނގުގައި އޮތީ ނޫރާ ގެންގުޅޭ ބެއާއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އިން އިރު އެއިނީ ފުންވިސްނުމެއްގައިކަން އެނގެއެވެ. ދެލޮލުގެ ރަތްކަން ގަދަކަމުން ވަރަށް ގަދައަށް ރޮއިފައި ހުރިކަން އެނގެއެވެ. ސާރިމް އައިސް ޝެރީންގެ ކައިރީ އިށީނެވެ. ޝެރީންގެ މޫނުގައި އަތްޖައްސާލިއެވެ. ސާރިމްގެ މޫނަށް ބަލާލާފައި ޝެރީން ދެއަތުން ބައްދާލީ އޭނާގެ ކަރުގައެވެ. ކޮނޑުގައި މޫނުޖައްސާފައި ރޯންފެށިއެވެ.

"ޝެރީން" ސާރިމްގެ އަޑު ކުރަކިވެގެން ދިޔައެވެ. ޝެރީންއަށް ހިތްވަރުދޭން އޭނާގެ ދޫ ހަރަކާތްކުރުމުގެ ކުރިން އޭނާގެ ދޫ ހީވީ ތާށިވިހެންނެވެ.

"އުއްމީދު ކަނޑާލާކަށް ނުވޭ އަދި، ޝީ ވިލް ބީ ފައިން، އިރާދަކުރެވިއްޔާ ވަރަށް އަވަހަށް އެނބުރި ގެއަށް އަންނާނެ، އަހަރެމެން ވަގުތު ނަގާލަންވީ މިކަމުގައި ވިސްނާ ރުއިމަކު ނޫން، ހެއްދެވި ފަރާތަށް ދުޢާކުރުމުގައި، މިއީ ހިތްވަރުކުރަންވީ ވަގުތު،" ސާރިމް އަތުގެ އިނގިލިތަކުން ޝެރީންގެ ބުރަކަށީގައި ފިރުމާލަދިނެވެ. އިތުރަށް ހިތްވަރުދޭން ބުނާނެ ލަފްޒެއް ނެތި އޭނާގެ ދޫ ޚިޔާރުކުރީ ހިމޭންކަމެވެ. ދުލުން ވައުދުވުމަކީ ކިހާ ފަސޭހަ ކަމެއް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ.

އޭނާއަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ނޫރާ ގެންދިޔަ މީހަކު އެކުއްޖާއާމެދު ހަމްދަރުދީގެ އެންމެ ޒައްރެއްވެސް ހުންނާނެކަމާމެދު އެއްވެސް އުއްމީދެއް ނެތެވެ. ބަދަލު ހިފުމުގެ ރޫހު އޮތް ހިތެއްގައި އޯގާތެރިކަމެއް ނުވާނެއެވެ. ސާރިމްގެ ހިތް ތެޅިގަތީ އެފަދަ ޝައްކުތަކުން ކުރުވި ނުބައި އަސަރެއްގެ ބޮޑުކަމުންނެވެ.

"މިހާރު އެއްޗެއް ކައިފިންތަ؟" އަމިއްލަ މީހާ ހަމައަކަށް އަޅުވަމުން ސާރިމް އަހާލިއެވެ. ޝެރީން ބަހެއް ނުބުނެ އޮތުމުން ގަޔާ ދުރަށް ޖައްސާލާފައި އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. މިފަހަރު ޝެރީންގެ ޖަވާބު އައީ ދެފަރާތަށް ބޯ ހޫރުވާލަމުންނެވެ. މިވަގުތު ޝެރީންގެ ހިތުގައި ހުންނާނެ ޝުއޫރުތައް ސާރިމްއަށް އަންދާޒާ ކޮށްލެވުނެވެ. ހިތްދަތިވެ މާޔޫސްވާ ވަގުތު އަރުތެރެއިން ފެން ކޯވަރެއްގެ މިންވަރުވެސް ނުދިރުވޭނެއެވެ. ސާރިމް ސައުދިއްޔާއަށް ގޮވާފައި ކާއެއްޗެހި ގެނެސްދެން އެދުނެވެ.

ސާރިމްއަށް ނުދަންނަ ނަންބަރަކުން ގުޅީ އެވަގުތެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހައިލެވުނެވެ.

"މި ހުރީ ތިގޭ ދޮރުމަތީ،" ހުސްނީގެ އަޑު ޖެހުމުން ސާރިމް އަށް އެނގުނެވެ. އޭނާ މި ނިކުންނަނީއޭ ބުނެފައި ހިނގައިގަތެވެ. ސާރިމް ނިކުތުމުން ހުސްނީ ތިރިކުރީ ކޮނޑުގައި އަޅުވާފައި ހުރި ދަބަހެވެ. އެއީ އެގޭގައި ހުރި ނޫރާގެ އެއްޗެހި ކަމާއި ރައްދުކުރުމަށް އެދުނެވެ.

ސާރިމް އެ ދަބަހުގައި ހިފުމުން ހުސްނީ ޖީބުން ނެގީ ފަތްޖަހާފައިވާ ފައިސާކޮޅެކެވެ.

"މިއީ ތިންމަސް ދުވަހަށް ވާވަރަށް ނޫރާގެ ޚަރަދު." ހުސްނީގެ މޫނަށް ސާރިމް ބަލައިލިއެވެ. ހުސްނީއާ ދިމާލަށް އެއްޗެއް ނުބުނަން ހިތަށް އަރުވައިގެން ހުއްޓާވެސް އޭނާގެ ކެއްތެރިކަން ކޮޅުންލީ އެ ފައިސާތައް ފެނިފައެވެ.

"ކަލޭ ހީކުރީ ނޫރާ އަށް ބޭނުންވަނީ ފައިސާކަމަށްތަ؟ ނޫނީ މި ދަބަސްތެރޭ ހުރި ބާ އަންނައުނުކޮޅު ކަމަށްތަ؟ އިނދެގެން އުޅުނު އިރު ނުދެވުނު އެއްޗެއް މިހާރު ނޫރާ ބޭނުމެއް ނުވޭ." ސާރިމް ހިތްހަމަނުޖެހުނެވެ.

"އަހަރެން ފަރާތުން އޭނާއަށް މަދުވީ ކޮން އެއްޗެއްތޯ އަދި އޭނާއަށް އެއްވެސް ކަމެއް ފުރިހަމަކޮށްދެވުނުތޯ އަހާބަލަ، ހަތަރު ފާރުން އެތެރޭގައި އިނުމަކުން ފިރިމީހާއަށް ވަފާތެރިވީ ކަމަކަށްނުވޭ، ކަލެއާމެދު ވިސްނާފައި އޭނާއަށް ފިރިއަކު ހުރިކަން ހަނދާނެއް ނުވޭ." ހުސްނީ އެ ފައިސާތައް ޖީބަށްލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ކަލޭ ބުނި އޭނައާ ނީންނަމޭވެސް. ދޮގު ހެދުމަކީ ހާދަ މުނާފިގު ސިފައެކޭ." ސާރިމް ރައްދުގައި ބުނެލިއެވެ. ހުސްނީގެ ނިތްކުރި ގޮށްޖެހިގެން ދިޔައެވެ. ސާރިމް ހުރީ އޭނާއަށް ކާމީޔާބު ލިބުނުކަމަށް ހީކޮށް އެކަމާ ފަޚުރުވެރިވެފައެވެ. ހުސްނީއަށް ފުރަގަސްދިން ވަގުތު އޭގެ ރައްދު އިވުނީ ކަންފަތް ތެރެއަށް އޮއްސައިލި ދިޔާ އަލިފާންގަނޑެއް ފަދައިންނެވެ.

"ވައުދާއި ޚިލާފުވުމަކީ އެއަށްވުރެ ނުބައިކަން ބޮޑު ސިފައެއް، އަހަރެން މި ދުނިޔެ މަތިން ދުށް އެންމެ ބޮޑު އަޖައިބަކީ ކަލޭ ވީ ވައުދު، އޭގެ އަވާގައި ޖެހުމުން ރަލުގެ ޝަރުބަތަށްވުރެ މަސްތުގެ އަސަރު ގަދަ، ދޭތެރެއަކުން ހަނދާންވެ ގެއިން ނިކުންނަން ތެޅިގަންނަ އިރު މަ ހިތަށް އެރި މަށަށް ނުދެވުނީ ކޮން އެއްޗެއްބާއޭ." ހުސްނީ ހުރީ ޖަދަލުކުރުމުގެ ވިސްނުމުގައިކަން ޔަޤީނެވެ. ސާރިމް ފަސްއެނބުރި ބަލާލި އިރު ހުސްނީ ހުރިވަރަށްވުރެ ބޮޑަށް އޭނާގެ ދެބުމަ ހުރީ ފިތިފައެވެ. ދެލޯ ހުރީ ވަށްވެފައެވެ.

"އެހެންވެ ބާރުގަދަ ބޭސްތަކެއް ބެލީ އޭނާގެ ސިކުނޑިން އެ ހަނދާންތައް ފިލުވައިލެވޭތޯ.. އެމީހަކަށް ލިބެން ނެތް އެއްޗެއް ޗޭނު ޖަހައި ބަނދެގެން ގެންގުޅުނަސް ދާނީ ބީވެގެންކަން ނޭނގުނީތީ ކިހާ ދެރަ،" ސާރިމް އެއްމިޔަނުން ހީލިއެވެ. އޭނާއަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ އޭނާ ދޭ ކޮންމެ ރައްދަކަށްފަހު ހުސްނީގެ މޫނަށް އެ އަންނަ ބަދަލެވެ.

"އަހަރެން ކަލެއަށް ނަޞޭހަތެއް ދޭނަން އަޑުއަހާ، ތިލަފަތެއް ކިތަންމެ އެއްވަރުކުރަން އުޅުނަސް އެއްވަރެއް ނުވާނެ، އެ އިންނާނީ ކޮންމެވެސް އެއް އަރިއަކަށް ބަރުވެފައި، އަހަރެން އެކަން ތަޖުރިބާކޮށްފިން، ކަލޭ އަމިއްލަ ދިރިއުޅުން ހަލާކުކުރަން ބޭނުން ނުވަންޏާ އޭނާގެ ކިބައިން ސަލާމަތްވޭ،" ހުސްނީ ކުރިއަށް ޖެހިލާފައި ސާރިމްގެ ކޮނޑުގައި އަތްޖަހާލިއެވެ. ހުސްނީ އެބުނި އެއްޗަކާމެދު ވިސްނަން ހުއްޓާ ހުސްނީ ހިނގައިގެންފިއެވެ.

ސާރިމް އެތެރެއަށް ވަދެ ދަބަސް ބެހެއްޓީ ތިރީގައެވެ. އޭނާ މިހުރީ ދެން އެގެއަށް ނުދާށެވެ. ކަމާލް ގެނެސް އެގެއަށް ދަބަސް ފޮނުވައިލުމުގެ ނިޔަތުގައި ދަބަސް ބަހައްޓާފައި އޭނާ އެނބުރުނީ ޝެރީންއާ ދިމާލަށެވެ. ސައުދިއްޔާ ގެނައި ކާ އެއްޗެހިން ހަމައެކަނި ޝެރީން އަތްޖައްސައިލީ ކިރުތަށީގައެވެ. ޝެރީން ފޯނު ނަގައި ދާއޫދުއަށް ގުޅަމުން ކޮޓަރިއަށް ވަނެވެ. އެ އެއްޗެހި އެތެރެއަށް ގެންދަން ސައުދިއްޔާއަށް ގޮވާލުމުން ސައުދިއްޔާ ޖަވާބެއް ނުދިނެވެ. މޭޒުމަތީގައި ހުރި ކާ އެއްޗެހިތައް ހިފައިގެން ސާރިމް ބަދިގެއަށް ވަންއިރު އެތަނުގައި އެއްވެސް މީހަކު ނެތެވެ. ސިންކުމަތީ ތަށިތައް ބަހައްޓާފައި އެނބުރުނު ވަގުތު ސާރިމްގެ ލޮލުގައި އަޅައިގަތީ ސިންކުތެރޭގައި ހުރި ނޫރާ ކާ ތައްޓެވެ. އޭގައި ބާކީ ހުރި ކާ އެއްޗިއްސެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟