ވާހަކަ

ނޫރާ - 39

އެމެޖެންސީ ރޫމުގެ ތެރެއިން ޑޮކްޓަރު ނިކުމެފައި ގޮވައިލީ ސާރިމްއަށެވެ. ގޮނޑިބަރީގައި އިން ރަމްލާއަށް ތެދުވެވުނެވެ. ޑޮކްޓަރު ބުނުއްވާ އެއްޗެއް އެނގެން ބޭނުންވާކަން އޭނާގެ މޫނުމަތިން ހުރީ ފެންނާށެވެ.

"އަޅުގަނޑަށް ހީވަނީ ކުރީގެ ބައެއް ހަނދާންތައް މަޑުމަޑުން އަންނަމުންދާހެން، މިއީ ފަހަރެއްގައި ރަނގަޅު އަލާމާތަކަށް ވެދާނެ، އެކަމަކު...." ޑޮކްޓަރު ޖުމްލަ މެދުކަނޑައިލި ގޮތުން ސާރިމް ބިރުގަތެވެ. ޑޮކްޓަރުގެ މޫނުމަތިންވެސް ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ.

"އެކަމަކު ކިހިނެއްތޯވީ؟" ސާރިމްގެ ހިތުގައިވާ ސުވާލު އޭނާއަށްވުރެ ކުރިން އިވުނީ ރަމްލާގެ ދުލުންނެވެ.

"އެއްފަހަރާ ގިނަ ކަންތައް ހަނދާންވުމަކީ އިތުރަށް ގޯސްވެދާނެ ކަމެއް، ބަލިމީހާއަށް އެ ލިބެނީ ބަރުދާސްތުކުރެވޭ ވަރަށްވުރެ ބޮޑަށް ޕްރެޝަރު، މެންޓަލީވެސް ނޫރާ ބަލިކަށިވެދާނެ." ޑޮކްޓަރު ކިޔައިދިނެވެ. ނޫރާއަށް ދިމާވެފައިވާ ނަފްސާނީ މައްސަލައިގެ ތަފުސީލު ފުރަތަމަ ފަހަރަށް ރަމްލާއަށް ހާމަވެގެން ދިޔައެވެ.

"ނޫރާ ބަލަހައްޓަންޖެހޭ ގޮތުގެ އިރުޝާދު ބޭނުން، މިއީ ދުވަހަކުވެސް އިވިފައިވާ ބައްޔެއް ނޫން، ނޫރާގެ ހާލަތު އެއްވެސް މީހަކަށް ނޭނގޭ،" ސާރިމް ބޭނުންވީ ރަމްލާއަށް ކަންކަން އޮޅުން ފިލުވައި ދެވޭނެ ގޮތެކެވެ. ޑޮކްޓަރުގެ ފަރާތުން އެ ހުރިހާ މައުލޫމާތެއް ލިބުނެވެ. ރަމްލާ އިނީ ޝޮކެއްގައެވެ. ފަހުން އޭނާ އިނީ ލަފްޒެއްވެސް ނުބުނެ ހިމޭންވެފައެވެ.

ރަމްލާގެ އަތުގައި މާމަ ދަރިފުޅު ހިފާލިއެވެ. އެކުއްޖާ އެކަނިވެފައި އިންނަތާ ވަރަށް ގިނައިރު ވެއްޖެއެވެ. އެންމެފަހުން ތެދުވެގެން އައިސް ރަމްލާގެ ކައިރީ އިށީނެވެ. އެކުއްޖާގެ މަތިން ރަމްލާ އިނީ ހަނދާން ނެތިފައެވެ. މިއަދު ރަމްލާއެކޭ އެއްވަރަށް އެކުއްޖާގެ ހިތަށްވެސް އަސަރު ކޮށްފައިވާކަން ވިސްނާނެ ބާރެއް ރަމްލާގެ ކިބައިގައި ނެތެވެ. ޕާކަށް ދިޔައީ ހާދަ އުއްމީދަކާ އެކުގައެވެ. ފުރަތަމަ ފަހަރަށް މަންމަ ފެންނާނެކަމުގެ އުއްމީދާއި އެކުގައެވެ. ނޫރާ ފެނުމުން ދުވެފައިގޮސް ބައްދާލެވުނީ އެކުއްޖާގެ ހިތުގައި އޮތް ލޯތްބާއި ޤަދަރުންނެވެ. އެކަމަކު އޭނާއަށް ބަދަލުގައި ލިބުނީ ސިހުމެކެވެ. ނޫރާ ކޮއްޕާލުމުން ވީދެރައިން ރޮއިގަންނަން އުޅުނު ވަގުތު ނޫރާ ހޭނެތިގެން ވެއްޓުމާއި އެވަގުތު ކަންތައް ހުރި ގޮތުން އެ ޖަޒުބާތުތައް ހިފަހައްޓާލައިގެން ހުންނަން ޖެހުނެވެ. ރަމްލާގެ ދެލޮލުން ކަރުނަ ހިލޭތަން ފެނުމުން ހިތަށް ލިބޭ ނުތަނަވަސްކަން ބުނެދެންވެސް ނޭނގެއެވެ.

"މަންމަ ރަނގަޅުވާނެތަ؟" ރަމްލާގެ އުނގުމަތީ ބޯއަޅާލަމުން ސާރިމް އަހާލިއެވެ. ރަމްލާއަށް އަތް ގެންގޮސް ބާއްވާލެވުނީ އެކުއްޖާގެ ބޮލުގައެވެ. މަޑުމަޑުން ފިރުމައިދެވުނެވެ.

"އަދި އެދުވަސްވެސް އިރާދަކުރެވިއްޔާ ދައްކަވާނެ." ރަމްލާގެ ހިތްވަނީ މަޑުވެފައެވެ. ނޫރާދެކެ ވީ ފޫހި ވަނީ އެއްފަރާތްވެފައެވެ. ޑޮކްޓަރުގެ ވާހަކަތަކުން އޭނާއަށް ތިލަވީ ނޫރާގެ ހިތްދަތި ދިރިއުޅުމުން މަދު ކަންތައްތަކެކެވެ. އެކަމަކު އޭނާގެ ހިތް މުޅިން ބަދަލުވެއްޖެއެވެ.

ސާރިމްގެ ފޯނު ރިންގުވިއެވެ. ސްކްރީނުން ފެންނަން އިން ޝެރީންގެ ނަން ފެނިފައި އޭނާ ހުރީ ފޯނު ނަގަން އުދަނގޫވެފައެވެ. އަދި ގެއަށް ދެވޭނެ ވަރަށް އެތަނުގެ ހާލަތު ރަނގަޅުވީކީ ނޫނެވެ.

"ހަލޯ" ސާރިމް ފޯނު ކަންފަތުގައި ޖަހާލިއެވެ. އެފޯނު ނުނަގައި ދޫކޮށްލަން އޭނާ ހިތްހަމަނުޖެހުނެވެ. އޭނާ ހީކުރީ ގެއަށް އައުން ލަސްވެ އެކަމާއި ސުވާލު ކުރާނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި އިވުނީ ޝެރީން ރޯންފެށި އަޑެވެ. ސާރިމްގެ ނަން ކިޔާލާފައި ވާހަކަ ނުދެއްކި ގިސްލަން ފެށިއެވެ. ކިހިނެއްވީތޯ ސާރިމްއަށް އަހާލެވުނެވެ. އޭނާގެ އަޑު ބާރުވެގެން ދިޔަވަރުން ރަމްލާ ބަލައިތަން ފެނި އެތަނުން ދުރަށް ހިނގައިގަނެވުނެވެ.

ޝެރީން ބުނި ވާހަކަ އާއެކު އޭނާއަށް ބިންމަތީގައި ފައި ހަރުލީ ކިރިޔާއެވެ. ކޮރިޑޯގެ ފާރުގައި އަތްޖައްސާލެވުނެވެ. ވަރަށް އަވަހަށް ގެއަށް އެބަދަމޭ ބުނެލާފައި ހިނގައިގަނެވުނެވެ. ވީ އެންމެ އަވަހަކަށް ގެއަށް ދެވޭތޯ އޭނާބެލިއެވެ.

ގެއަށް ވަދެވުނު އިރު ޝެރީންގެ ދެފަރާތުގައި އޭނާގެ މަންމަ އާއި ބައްޕަ ތިއްބެވެ. ޝެރީންއަށް ސާރިމް ފެނުމުން ތެދުވެގެން އައިސް ބައްދާލައިފިއެވެ. އަދި ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ.

"އަހަރެން ނޫރާއަށް ކާންދީފައި އުޅުނީ ނިންދުވަން ގެންދަން، އެކަމަކު ފާހާނާއަށް ވަދެފައި ނިކުން އިރު ނޫރާއެއް ނެތް، މިތަނަށް އިތުރު މީހަކު ވަންއަޑެއްވެސް ނާހަން، ބޭރު ދޮރު ހުރީ ހުޅުވާފައި، ސާރިމް. އަހަންނަކަށް ހިއެއް ނުވޭ ނޫރާ އެކަނި ބޭރަށް ދާނެހެން، ހީވަނީ އޭނާ ދަންނަ މީހަކު އައީހެން." ޝެރީންގެ އަޑު ނިކުންނަނީ ކިރިޔާއެވެ. އޭނާއަށް ރޮވޭވަރުން ވާހަކަ ދެއްކެނީވެސް އެހާ އުދަނގުލުންނެވެ.

ނޫރާއަކީ ސާރިމް އާއި ޝެރީންގެ ފުރާނައެވެ. އެދަރިފުޅަށް ކަމެއްވެއްޖެނަމަ އެ ދެމީހުންނަށް ކެތެއް ނުވާނެއެވެ. ޝެރީން ގެނެސް މޭގައި ޖައްސާލަމުން ސާރިމް ވިސްނާލިއެވެ. އެގެއަށް ވަންނަ މީހުން އެހާ ގިނައެއް ނުވާނެއެވެ. ޝެރީންއަކީ އެހާ ރައްޓެހިން ގިނަ މީހެއް ނޫނެވެ. ސާރިމްފެ ފަރާތުން އެގެއަށް އަންނާނެ މީހަކުވެސް ނެތެވެ. ވީއިރު ނޫރާ ގެންދާނެ މީހަކަށް ހުންނާނީ ކާކުކަމެއް ނޭނގެއެވެ.

"އަހަރެމެން ދަންނަ މީހަކަށްވިއްޔާ ގުޅައިފިން، އެންމެ މީހަކު ފޯނު ނުނަގަނީ." ދާއޫދުގެ އަޑަށް ސާރިމް ބަލައިލިއެވެ. އެއީ ކާކުކަން ސާރިމްވެސް އެނގެން ބޭނުމެވެ.

"ހިމްނާ އަދި ފޯނު ނުނަގާ، ޝެރީން ބުނި އޭރު އެދިމާވި ކަންތަކަށްފަހު އެމަންޖެވެސް ނާދެއޭ މިގެއަކަށް." ފަރީނާ ދާއޫދުގެ ވާހަކަ އާއި ގުޅުވާފައި ވާހަކަ ދެއްކިއެވެ. ސާރިމްގެ ލޭ ކެކިގަތެވެ. ހިމްނާވިއަސް އޮތް ރުޅިވެރިކަމުގެ ބަދަލު ދޭންވާނީ އޭނާއަށެވެ. ނޫރާއަކަށް ނޫނެވެ.

ޕްރައިވެޓް ރޫމްގައި ހުރި އެހީތެރިޔާގެ އެނދުގައި ސާރިމް ނިންދުވާފައި އައިސް ރަމްލާ އިށީނީ އެތަނުގައި ހުރި ގޮނޑީގައެވެ. ނިދާ އިންޖެކްޝަން ޖަހާފައި ނޫރާ ބަދަލުކުރި ވަގުތުން ފެށިގެން އަދި ނޫރާ އޮތީ ގަދަ ނިދީގައެވެ. އެހެން އޮވެފައި ދޭތެރެއަކުން ބޯހޫރުވާލައެވެ. މަޑުމަޑުން ތުންފަތް ތަޅުވާލައެވެ.

ނޫރާގެ މޫނަށް ރަމްލާ ބަލައިލިއެވެ. ކުރިން ފެންނަ މައުސޫމް ކަމާއި ރީތިކަން ގެއްލި ހިތާމައިގެ ސާލެއްލެވިފައިވާ މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ދެލޯ އަޑިވެފައި ކޯކަށިގަނޑުވެސް ފާހަގަވެއެވެ. ބަލައިލަން އެންމެ އުދަނގުލީ ބުރުގާ ބާލާފައި އޮންނަ އިރު ބޮލުގައި އިސްތަށި ނެތި ތަލަވެފައިވާތީއެވެ. އެވަރުގެ ނިކަމެތިކަމެއް ލިބުނީ ނޫރާގެ ފަރާތުން ކޮން ކުށެއްވެވިގެން ކަމެއް ނޭނގެއެވެ.

އެފަދަ ހާލެއްގައި މުޅި ރޭ ވޭތުވިފަހުން ނޫރާ ލޯ ހުޅުވާލިއެވެ. ބިރުވެރި ހުވަފެނަކުން ހޭލެވުނު މީހެއް ފަދައިން ނޫރާ ތެދުވެފައި އިނީ ބޮލުގައި އަތްއަޅާލައިގެންނެވެ.

"ފެންފޮދެއް ބޯލަންވީނު." ރަމްލާގެ އަޑަށް ނޫރާ ބަލައިލިއެވެ. ރަމްލާ ދިއްކޮށްލި ތަށީގައި ހިފާ އޭގެން ނޫރާ ބޯލީ އެންމެ ކޯވަރެކެވެ. ރަމްލާގެ އަތަށް އަނބުރާ އެތަށި ދެމުން ނޫރާ ބަލައިލި ވަގުތު އެނދުގައި ނިދާފައި އޮތް ސާރިމް ފެނުނެވެ.

"ކީއްކުރަން އަހަރެން ހޯދަން އައީ؟" އެތަށި ބަހައްޓާފައި ރަމްލާ އެނބުރުނު ވަގުތު ނޫރާ އަހާލިއެވެ. އޭނާއާ ދިމާލަށް ރަމްލާ ކީ އެއްޗެހި އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ހުސްނީ އޭނާ ވަރިކޮށްފައި ދާށޭ ބުންޏަސް އެނބުރި ނުދަނީ ރަމްލާގެ ހިތް އެނގޭތީއެވެ.

"ދަރިފުޅު ކިޔާވަރުން،" ރަމްލާ ދިން ޖަވާބުން ނޫރާގެ ނަޒަރު އަނެއްކާވެސް ގޮސް ހުއްޓުނީ ސާރިމްގެ މޫނަށެވެ. ފުންނިދީގައި އޮތް އެކުއްޖާއަށް އޭނާގެ ނަސީބު ލިޔެވިފައިވާ ގޮތް އެނގޭނަމަ އެހާ އަރާމު ނިންޖަކުން ނުނިދޭނެކަން ޔަޤީނެވެ. ނޫރާ ހައިރާންވީ އޭނާއަށް ދރިފުޅު ދުނިޔޭގައި ހުރިކަން ނޭނގުނަސް އޭނާ ދުނިޔޭގައި ހުރިކަން ދަރިފުޅަށް ސިއްރުވެފައި ނެތީމައެވެ.

"މަރުވެއްޖެއެކޭ ނުބުނަންތަ؟" ނޫރާ މަލާމާތުގެ ރާގަކަށް އަހައިލިއެވެ. ރަމްލާ އަށް އެހެންވެސް ބުނެވޭނެ ނޫންހެއްޔެވެ؟ ރަމްލާ ލަދުން އިސްޖަހާލިއެވެ. ސާރިމްގެ ގާތުގައި މަންމަ އާއި ބައްޕަ ނެތޭ އެތައް ފަހަރަކު ބުނެވުނެވެ. އަދި ރަމްލާ ނޫން އެހެން މީހަކު ސާރިމް ހޯދާކަށް ނާންނާނެއޭ ބުނެދެވުނެވެ. ރަމްލާ ހިތް އެދޭ ގޮތަށް އެކުއްޖާގެ ތަގުދީރު ބަދަލުކުރުމުގެ ބާރު ނެތަތީ މިދުވަސް އެކުއްޖާއަށް ދެއްކެވީއެވެ.

އިރުގެ އަލިކަން ދުނިޔެއަށް ފޯރި ވަގުތުން ފެށިގެން މާހައުލު އޮތީ ހަލަބޮލިވެފައެވެ. ސާރިމްގެ އުނގުގައި ބޯއަޅާލައިގެން އޮތް ޝެރީންއަށް ނިދުނީ އަދި ދެންމެއެވެ. މުޅިރޭ ރޮއި ރޮއި ވަރުބަލިވެގެންނެވެ.

އެމީހުން ލަފާކުރި ފަދައިން އެއްވެސް ކަމެއް ނުދެއެވެ. ފުލުހުންނާއެކު ހިމްނާގެ ގެއަށް ދިޔައިރު އޭނާ އޮތީ ގަދަ ނިދީގައެވެ. ފޯނު ރިންގުވިކަން އަދި ނޫރާއާބެހޭ އެއްވެސް ކަމެއް އޭނާއަށް އެނގޭ ކަމަކަށް ނުހެދިއެވެ. އިތުރަށް ސުވާލުކުރުމަށް ފުލުހުންގެ ގެއަށް ޙާޒިރުކޮށްފައިވެސް ފަހުން ގެއަށް ފޮނުވާލެވުނެވެ. އެދެމަފިރިންނަށް ގެއްލުމެއް ދެވޭވަރުގެ ދެވަނަ މީހަކީ ޒައިންއެވެ. އެކަމަކު އޭނާ ވީތަނެއް އެނގޭ މީހަކު ނެތެވެ. ނޫރާ ހޯދަން މުޅި މާލެތެރެ އެލާޓަށް ގެނެވުނެވެ. ޓީވީތަކުން އެވާހަކަ ކިޔަން ފަށައިފިއެވެ.

ޓީވީގެ ސްކްރީނަށް ބަލަން އިން ސާރިމްގެ އެތެރެހަށީގައި އުފެދޭ ރުޅިން މުޅި މީހާ ތުރުތުރުއަޅާ ފަހަރުވެސް އާދެއެވެ. ނޫރާ ހޯދާށޭ ކިޔާފައި އޭނާ ވަކި ދާނެ ތަނެއްވެސް ނެތެވެ. މުޅި މާލޭގައި ދުއްވާފައި އައިސް ގެއަށް ވަނީ މާޔޫސްވެފައި ހުރެއެވެ.

ހެނދުނު ޑޮކްޓަރު ދުރުވެފައި ނޫރާއަށް ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. އެކަމަކު އިރުޝާދު ދެއްވީ ނިދި ހަމަކުރުމަށެވެ. ބޭސްކެއުމުގައި ފަރުވާކުޑަ ނުކުރުމަށެވެ. ޑޮކްޓަރު ނިކުތުމުން ނޫރާ ބަލާލި އިރު ރަމްލާ އުޅެނީ ސާރިމް ރީތިކުރާށެވެ. އެކުއްޖާ ސިއްރުން ނޫރާގެ މޫނަށް ބަލާލާފައި އިސްޖަހާލިއެވެ.

"އާދެބަލަ މިކޮޅަށް." ނޫރާގެ އަތަށް ގުޅާފައިވާ އައިވީ އަދިވެސް ނައްޓާނުލާތީ އޭނާއަކަށް ނުތެދުވެވުނެވެ. އެހެންނަމަ ދަރިފުޅުގެ ކައިރިއަށް އޭނާ ދިޔައީހެވެ.

ނޫރާ ގޮވާލުމުން އިޖާބަ ދިނުމުގެ ބަދަލުގައި އެކުއްޖާގެ ފަރާތުން ފެނުނީ ހިމޭންވެފައި އިންތަނެވެ. ރަމްލާ އިސްވެ ސާރިމްގެ ބޮލުގައި ފިރުމާލާފައި މަންމަ އެބަގޮވައޭ ބުނުމުން ސިއްރުން ބަލާލިއެވެ. ދަރިފުޅުގެ މައުސޫމްކަން ފެނި ނޫރާ ހިނިތުންވެލިއެވެ. އޭނާ ކަންތައް ކުރި ގޮތުން އެކުއްޖާ އެހުރީ ޖެހިލުންވެފައިކަން އޭނާއަށް އެނގެއެވެ. ދެއަތް ފުޅާކޮށްލާފައި ދައުވަތު ދެވުނެވެ.

ސާރިމް ދުވެފައި އައިސް ނޫރާގެ އަތު ތެރެއަށް ވަނެވެ. ނޫރާގެ މޭގައި އެކުއްޖާ މޫނު ޖައްސާލިއެވެ. ކުޑަ ދެއަތް ގެނެސް ނޫރާގެ ބުރަކަށީގައި ޖައްސާލިއެވެ. ހަމަ އެފަދައިން ނޫރާގެ ދެއަތުންވެސް އެކުއްޖާގެ ބުރަކަށީގައި ހިފަހައްޓާލިއެވެ. ގަޔާއި ލައި ދަރިފުޅު ބޮޑިކޮށްލެވުނެވެ.

އިރުކޮޅަކު އެހެން ތިބެފައި ދެމީހުން ދުރަށް ޖެހިލިއވެ. ނޫރާ އެކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ. އަނެއްކާވެސް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. މިފަހަރު ސާރިމްގެ މޫނުމަތިން ނުތަނަވަސްކަމުގެ ސާލު ފިލައި އުފާވެރިކަމުގެ ކުލައިން ބަބުޅައިގަތެވެ.

"ކޮން ނަމެއްތަ ކިޔަނީ؟" ނޫރާ އަހާލިއެވެ. ލަދުންހުރެވެސް ނޫރާއަށް ޖަވާބުދެވޭތޯ ދަރިފުޅު ބެލިއެވެ. ފުރަތަމަ ފަހަރަށް ދަރިފުޅުގެ އަޑު ނޫރާގެ ކަންފަތުގައި ޖެހުނެވެ.

"ސާރިމް" ނޫރާއަށް ނޭނގޭ ނުތަނަވަސްކަމެއް ލިބުނެވެ. އެ ނަމާއެކު އޭނާގެ ހިތުގެ ތެޅުން ގަދަވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ކިތަންމެ ހަނދާނަކުން އޭނާގެ ހިތް ނުތަނަވަސްވެގެން ދިޔަޔަސް އޭނާގެ ހަނދާނަށް ނާންނަ ފަރާތަކީ އެއީއެވެ. އެނަން އިވިފައި މިފަހަރު ނޫރާގެ ސިކުނޑި މާދުރަށް މިސްރާބު ޖަހައިފިއެވެ.

(ނުނިމޭ)