ވާހަކަ

ނޫރާ - 38

"ބޭރަށްތަ ދަނީ؟" ނޫރާ އަހާލިއެވެ. ބޭރަށް ދެވޭނަމަ އޭނާ ވަރަށް އުފާވާނެކަން މޫނުމަތިން އެނގެއެވެ. ބަންދުކޮށްގެން އަބަދު ގެންގުޅެފައިވާތީ މީހާވެސް ބޮޑަށް މިނިވަންކަން ދިނުމަށް ޑޮކްޓަރުވެސް އޮތީ ބުނެފައެވެ. ސާރިމް ބޯޖަހާލުމުން ނޫރާ ފުންމައިގެންފައި ތެދުވިއެވެ. އެވަގުތު ނޫރާ އުނގު ތެރޭ އޮތް ބޭސްފުޅި ވެއްޓިފައި އެނބުރެމުން އައިސް ހުއްޓުނީ ސާރިމްގެ ފައިދޮށުގައެވެ. އެ ނަގައި ބަލައިލިއިރު ތަށިތައް ބަލާ އައި ކަމާލް ހުރީ އެއަށް ބަލަހައްޓައިގެން ދެލޯ ބޮޑުވެފައެވެ.

"މި ފުޅި ނޫރާއަށް ކޮންތާކުން ލިބުނީ؟' ކަމާލްގެ މޫނަށް ބަލަން ހުރެފައި ސާރިމް އެ ސުވާލު އެހުމުން ކަމާލް ހިންދިރުވާލި ގޮތް ރީތިކޮށް ފެނުނެވެ.

"އަޅުގަނޑު ގެންގުޅޭ އެއްޗެއް ނޫން." ކަމާލްއަށް ސަލާމަތްވެވޭނީ ހަމައެކަނި ދޮގު ހަދައިގެންނެވެ. ކަމާލް ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރަން ސާރިމް އެއީ ކުޑަކުއްޖެއް ނޫނެވެ.

"ދެން އިތުރު ދޮގެއް ނުހަދައްޗޭ، އަހަންނަށް އެނގޭ މި ގެނެވޭނީ ހަމައެކަނި ކަމާލްއަށްކަން. ނޫރާއަކަށް ނުދެވޭނެ ބޭރަކަށް، އިއްޔެ ނޫރާ ފިލައިގެން ދިޔައީ އޭނާއަށް ފެންނަހެން ތަޅުދަނޑި ބޭއްވިފައި އޮވެގެން، ކަމާލްއަށް އެންމެ ފުރުސަތެއް ދޭނަން. ތެދަށް ނުބުނެފިއްޔާ އަހަރެން ކަމާލް ފޮނުވާލާނީ ގައުމަށް." ހަރުކަށިކަމާއެކު ސާރިމް މުހާތަބުކުރުމުން ކަމާލްއަށް ޖެހުނީ އިސްޖަހާށެވެ. އެއީ ސާރިމްގެ ހުންނަ ސިފައެއް ނޫނެވެ.

ކަމާލްގެ މޫނުން ފެންނަން ހުރި ނުތަނަވަސްކަމުން ސާރިމް ހީކުރީ ދެން އިތުރު ސުވާލެއް ނުކުރިޔަސް އޭނާ ހުރިހާ އެއްޗެއް ދާދި ފަސޭހައިން ކިޔައިދޭނެ ކަމަށެވެ. އެކަމަކު އިސްޖަހައިގެން ހުރެ ކަމާލް ބުނީ އޭނާ އުއްމީދުކުރި ޖަވާބެއް ނޫނެވެ.

"އަޅުގަނޑު ގައުމަށް ހިނގައިދާނަން."

އެހާ ފަސޭހައިން ކަމާލް ވަޒީފާ ދޫކޮށްލަން އެއްބަސްވި ނަމަވެސް އެއީ އޭނާ ގަސްތުގައި ކުރާ ކަމެއްކަން އެއްބަހެއް ނުވިއެވެ. ނޫރާއަށް އެ ބޭސްފުޅި ލިބުނު ގޮތް އެނގޭ ކަމަކަށް ނުހެދިއެވެ. ފަހުން ވާހަކަ ދެއްކީ ސާރިމް ކުށްވެރިވާ ގޮތަށެވެ. މަސައްކަތާ މެދު ހިތްހަމަނުޖެހެންޏާ އެހެން މީހަކު ގެންނާށޭ ބުންޏެވެ.

ކަމާލް ބަދިގެއަށް ފޮނުވާލާފައި ސާރިމް އަލުން އިށީނެވެ. އޭނާ އުއްމީދުކުރާ ފަދައިން އެއްވެސް ކަމެއް އެހާ އޮމާންކޮށް ނުދާކަން ވިސްނެން ފެށިއެވެ. ކޮންމެވެސް ހުރަހެއް އަދިވެސް އެބައުޅެއެވެ. އެކަމަކު އެއީ ކާކުގެ ފަރާތުން ކަމެއް ސާރިމްއަކަށް ނުވިސްނެއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ސާރިމް ބަލައިލިއެވެ. ދޮރުމަތީގައި ހުރި ނޫރާ އަކީ މީގެ ކުރިން އޭނާ ދަންނަ ނޫރާ އާއި ހާސްބައި ތަފާތު މީހެކެވެ. ގަޔަށް ދޫ ކަޅު އަބަޔާ އެކު ކަޅު ކުލައިގެ ޝޯވްލް އަޅައި މުޅި މީހާ ހުރީ ނިވާވެފައެވެ. އޭނާގެ މޫނު ފިޔަވައެވެ. ސާދަވިލޭރޭގެ ހަނދު ކަޅު ވިލާތަކުގެ ތެރެއިން ފެންނަން ހުރި ފަދައެވެ. ސާރިމްއަށް ކަޅި ޖަހާލަންވެސް ހަނދާންވީ ނޫރާ ވާހަކަ ދައްކަން ފެށީމައެވެ.

"މި ފޮތި ކޮޅު އަޅަން ޖެހޭނެތަ؟" މޫނު ފޮރުވަން އަޅާ ފޮތިކޮޅު ދައްކާލަމުން ނޫރާ އަހާލިއެވެ.

"ނޫރާ ބޭނުމިއްޔާ." ސާރިމް އެ އިހުތިޔާރު ދޫކޮށްލީ ނޫރާގެ އަތްމައްޗަށެވެ. އެއީ ސާރިމްއަށް އަމުރުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އޭނާ އަވަހަށް ހިނގައިގަތީ ނޫރާ ކައިރީ އަންނާށޭ ބުނެފައެވެ. ކުރީގައި ހުރެ އަމިއްލަ ނަފުސަށް ބާރު އެޅީ ނޫރާގެ ހަރަކާތްތަކަށް ނުބެލުމަށެވެ. އޭނާގެ ޟަމީރުވެސް ނުރުހެން ފަށައިފިއެވެ. މިއަދު އޭނާގެ ހިތަށް އެވީ ގޮތުން އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަވެއްޖެއެވެ. އަބަދު މިހެން ދިމާވާންވެއްޖެނަމަ ޝެރީންއަށް އިހުލާސްތެރި ނުވެވިދާނެކަމުގެ ބިރު ހިތުގައި އުފެދެން ފެށިއެވެ.

ސާރިމް ކާރަށް އަރައި އިށީންތަނާ ނޫރާ އައިސް އެރީ ފަހަތަށެވެ. ކާރުގެ ކުރީގައި އިންނަ ލޯގަނޑުން ނޫރާއަށް ހަމަޖެހިވުނުތޯ ބަލާލި ވަގުތު ސާރިމްގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. ނޫރާ އައިސް އިނީ މޫނުވެސް ނިވާކޮށްގެންނެވެ.

"އަހަރެން ދެކެ ބިރުގަނޭތަ؟" ސާރިމްގެ ނަޒަރު ލޯގަނޑަށް ހުއްޓިފައިވާ ތަން ނޫރާއަށް ފެނުމުން އަހާލިއެވެ. ސާރިމްއަށް މޫނު ސީދާކޮށްލެވުނެވެ.

"އިޓްސް ފައިން" ސާރިމް ކާރު ސްޓާޓްކޮށްލިއެވެ. ހުރިހާ ސަމާލުކަމެއް އޭނާ ދޭން ބޭނުންވީ މަގުމައްޗަށެވެ. އެކަމަކު މިވަގުތު އޭނާގެ ހިތެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. ސިއްރުން ނަމަވެސް އެ ލޯގަނޑަށް ބަލައިލެވެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާއަށް ފެންނަން އިނީ ފުންކަނޑެއް ފަދަ ދެލޮލެވެ.

ސާރިމް މަޑުކުރީ ޕާކުގެ ކުރިމައްޗަށެވެ. އެތަނުގައި އޭނާ އަންނަންދެން ރަމްލާ އިންނާނެ ކަމަށް ބުނެފައިވާތީ އެއްވެފައި ތިބި މީހުންގެ ތެރެއިން ރަމްލާ ފެނޭތޯ ލޯ ހިންގައިލިއެވެ. ސާރިމް ފެނިގެން ރަމްލާ ތެދުވިތަން ފެނިފައި އޭނާ ކާރުން ފައިބަމުން ނޫރާ ކައިރީ އަންނާށޭ ބުނެލިއެވެ. ނޫރާ ކައިރީ ބެންޗުގައި އިށީންނަން ބުނެފައި ސާރިމް ގޮސް އައީ ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެންނެވެ.

ނޫރާ އެކުއްޖާގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. އެކަމަކު އޭނާގެ ބުރުގާގެ ދަށުގައިވާ ހިނިތުންވުން އެއްވެސް މީހަކަށް ނުފެނުނެވެ. އޭނާގެ ހިނިތުންވުމުގައި އުފާވެރިކަން ފިޔަވައި އިތުރު މާނައެއް ނެތެވެ. ސާރިމްގެ އަތުގައި ހިފަހައްޓާލައިގެން އެހުރީ ކޮންކުއްޖެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.

އޭގެ ފަހުން ސާރިމްގެ ފަހަތުގައި އައިސް ހުއްޓުނު ރަމްލާ ފެނިފައި ނޫރާއަށް އިށީދެލައިގެން ނީނދެވުނެވެ. ގިނަ ދުވަސްވެ މޫނުގައި ރޫގިނަވެފައިވިޔަސް އެއީ ކާކުކަން ނޫރާއަށް އެނގުނެވެ. އޭނާއަށް ހީވީ މޭ ފިތި ބާރުވެގެން ދިޔަހެންނެވެ. ރަމްލާގެ ދެލޮލުން އަދިވެސް ފެންނަން ހުރީ ކުރީގެ ގޮތެވެ. މައިވަންތަކަމުގެ ކުލުނު ކެނޑި އެ ދެލޮލުގައި ވަނީ ނަފުރަތާއި ފޫހިކަމުގެ ސާލެއް ލެވިފައެވެ.

އިތުރަށް ނޭވާ ތާށިވި ފަދަ އިހުސާސަކާ އެކު ނޫރާއަށް ދެލޯ މަރާލެވުނެވެ. އެވަގުތު އޭނާއަށް ސިފަވީ ހޮސްޕިޓަލުން ނިކުންނަން ދިޔަ ވަގުތު ކުޑަކުއްޖަކު އުރައިގެން ހުރި ރަމްލާއެވެ. އޭނާ ހުސްނީގެ އަތުގައި ހިފައިގެން ކާރަށް އެރީ އޭނާގެ ފަހަތުން ރަމްލާ އަންނަ ކަމަށް ހީކޮށެވެ. އެއީ އެ މަންމަގެ ސޫރަ އޭނާ ހަނދާން ހުރި އެންމެ ފަހު ފަހަރެވެ.

ފައިގެ ފަލަމަސްގަނޑުގައި މީހަކު ބައްދާލި އިހުސާސާ އެކު ނޫރާއަށް ދެލޯ ހުޅުވާލެވުނެވެ. އޭނާގެ ގައިގައި މޫނު ޖައްސާލައިގެން އެ ކުޑަކުއްޖާ ބައްދާލިއެވެ. ނޫރާއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އެކުއްޖާގެ ކޮނޑުގައި ހިފާ ދުރަށް ކޮއްޕާލެވުނެވެ.

"ތިއީ ކާކު؟"

ނޫރާގެ މެޔަށް ބާރުވެގެން ދިޔައީ ހަށިގަނޑުގައި އުފެދުނު ޖަޒުބާތުތަކަށް ދޭނެ ނަމެއް ނޭނގިގެން އައި ރުޅީގައެވެ.

"ނޫރާ، ބުނީމެއްނު ވަރަށް ހާއްސަ މީހަކު ބައްދަލުކުރަން ހުރި ވާހަކަ." ސާރިމް ދެރަވީ އެކުއްޖާ ދެރަވެގެން ގޮސް ރަމްލާގެ ފުރަގަހަށް ވަދެ ފިލިތަން ފެނިފައެވެ. ހާލަތާ ނުބައްދަލު ގޮތަކަށް ކަންތައް ވެގެން މި ދިޔައީ ސާރިމްގެ ވިސްނުން ކޮށިކަމުންނެވެ. އޭނާ ހީކުރީ މީހުންގެ ތެރޭގައިވީމަ އެފަދަ ބަދަލެއް ނޫރާއަށް ނާންނާނެ ކަމަށެވެ. އެކަމަކު ހަމަބުއްދީގެ ބޭނުން ހިފަން ނޭނގޭ އަދި އަމިއްލަ ނަފުސަށް އެއްވެސް ބާރެއް ނުފޯރުވެވޭ ހާލަތުގައި ހުރި ނޫރާގެ ކުށެއްވެސް ނެތެވެ.

"މިއީ ނޫރާގެ ދަރިފުޅު." ރަމްލާގެ އަޑު އައި ދިމާލަށް ނޫރާ ބަލައިލިއެވެ. އެ ދެލޮލަށް އައި ބަދަލުން މިވަގުތު ނޫރާއަށް ކުރާނެ އަސަރު ވަޒަންކޮށްލަން އެނގުނެވެ. ރަމްލާގެ މޫނަށް އޭނާ ބަލަހައްޓައިގެން ހުރީއެވެ. އެ ބުނި ޖުމްލަ ކަންފަތްދޮށުގައި އަދި އެތައް ހާސްފަހަރު ތަކުރާރުވަމުން ދިޔަ ކަހަލައެވެ.

"މަރުވެއްޖެ." ނޫރާ ދެއަތް އުފުލައިލިއެވެ. ތުރުތުރުއަޅަމުން ދިޔަ އިނގިލިތަކަށް އޭނާ ބަލަން ފެށިއެވެ. އެހާ ގަދައަށް ދެއަތް ތުރުތުރުލަމުން ދިޔަކަން ރަމްލާ އާއި ސާރިމްއަށްވެސް ފާހަގަވިއެވެ. އެ ދެއަތުން ނޫރާ ސާބިތުކޮށްދެން ބޭނުންވީ ކީކޭ ކަމެއް ނޭނގެއެވެ.

އޭނާ އަމިއްލަ ނަފުސު ކުށްވެރިކޮށްފައި ދެއަތަށް ބަލަހައްޓައިގެން ހުރެވުނެވެ. އަބަދުވެސް ހިތާއި ހިތުންކުރާ ޝަކުވާ އަކީ އެއީއެވެ. އޭނައާ ދިމާލަށް ދަރިފުޅު މަރުވެއްޖެއޭ ހުސްނީ ބުނި ހަނދާންވިއެވެ. އެދުވަހުވެސް ދެއަތް އުފުލާފައި އޭނާ ރޯން ފެށީ އެންމެ ފަހަރަކު ނަމަވެސް ދަރިފުޅުގެ މޫނުގައި ފިރުމާލުމުގެ ނަސީބު ނުލިބުނު ކަމުގެ ޝަކުވާ ކުރަމުންނެވެ. ހުސްނީގެ ދެފައިބުޑަށް ވެއްޓި ރަށަށް ފޮނުވައިދިނުމަށް އެދި އޭނާ ރުޔެވެ. އެކަމަކު ހުސްނީގެ ޖަވާބަކަށްވީ މިހާރު ދަރިފުޅު ވަޅުލައިވެސް ނިމިއްޖެކަމެވެ.

ނޫރާ އަދިވެސް ހުރީ އެގޮތުގައެވެ. ދެއަތަށް ބަލަހައްޓައިގެންނެވެ. ސާރިމް ގޮސް ގޮވައިލިއެވެ. ހަބަރެއް ނުވެގެން ކޮނޑުގައި އަތްޖައްސާލަން އުޅެނިކޮށް ސިހުނީ ހަބަރު ހުސްވެގެން ނޫރާ ވެއްޓެންދިޔަ ތަން ފެނިފައެވެ. އަވަހަށް ދެއަތުން ނޫރާ ހިފަހައްޓާލިއެވެ.

** **

ސާރިމްގެ އިންތިޒާރުގައި އިން ޝެރީން ތެދުވެ އަދި އެއްފަހަރު ދޮރާ ދިމާލަށް ބަލައިލިއެވެ. މޭޒުމަތީގައި ހުރީ ސާރިމްއަށް ސައި ތައްޔާރުވެފައެވެ. ކުރީ ރެއެކޭ އެއްފަދައިން މިއަދުވެސް އޭނާ ކުރާ އިންތިޒާރުވާނީ ބޭކާރު އެއްޗަކަށެވެ. ހަވީރު ނިމޭނެ ކަމަށް ބުނި ސާރިމް އިރުއޮއްސޭއިރުވެސް ދައްކާނުލިއެވެ.

ޝެރީން ފޯނު ނަގައި ގުޅީ ކަމާލްއަށެވެ. ކަމާލްގެ ފަރާތުން ސާރިމް އާއި ނޫރާ ބޭރަށް ދިޔަ ހަބަރު އަހާފައި އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެން އަހައިލެވުނީ އޭނާ ބުނި ގޮތަށް ކަންތައް ކުރިންތޯއެވެ. ކަމާލްއަށް ނާކާމިޔާބުވި ވާހަކަ އަހާފައި ޝެރީން ތުންފިއްތާލިއެވެ. ރުޅި އައިސް ފޯނު ކަނޑާލެވުނެވެ.

ފޯނު އެއްލާލާފައި ޝެރީން ގޮނޑީގައި އިށީނެވެ. މިހާރަކަށް އައިސް ޝެރީންއަށް މި އަންނަނީ ރަނގަޅު ބަދަލެއް ނޫނެވެ. އޭނާ އަކީ މީހަކު ގޯސްކޮށް ކަންތައްކުރިޔަސް ބަދަލު ހިފުމުގެ ރޫހު ގެންގުޅޭ މީހެއް ނޫނެވެ. އެހެންނަމަ އަނިޔާގެ ބަދަލު ދޭން ހައްގު މީހަކީ ޒައިން އެވެ. އޭރުވެސް އެފަދަ ހިޔާލެއް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ.

ވީއިރު މިހާރު ކީއްވެކަމެއް ނޭނގެއެވެ. ސާރިމް ގެއްލިދާނެކަމުގެ ބިރާ އެކު އޭނާގެ ނަފުސު ނުބައި މިސްރާބަކަށް ދާން ފަށައިފިއެވެ. މޭޒުމަތީގައި ޝެރީން ބޯ އަޅާލިއެވެ. އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށިއެވެ. ނުބައި ކުށްހީތަކުން އޭނާގެ ހިތް ނުތަނަވަސްކުރުވިއެވެ. އޮފީސް ނިމުނުގޮތަށް ޝެރީންއަށްވުރެ ނޫރާ މުހިއްމުވީމައި އެފަދަ ގޮތަކަށް ވިސްނޭނެއެވެ.

ސާރިމްގެ ސަމާލުކަން ހޯދޭނެ މޮޅު ގޮތަކާ މެދު ޝެރީން ވިސްނަން ފެށިއެވެ. ރަމްލާ ހުރީ ނޫރާއާ ހަވާލުވާ ގޮތަށެވެ. ވީއިރު ސާރިމް އަދިވެސް އެތަނަށް ދިއުމުގެ ބޭނުމެއް އޮވެގެން ނުވާނެއެވެ. އެ ނޫރާގެ މަތިން ހަނދާންވާ ވަރަށްވުރެ ބޮޑު އިމްތިހާނަކާ ކުރިމަތިވެގެން ނޫނީ ސާރިމް އެކަންތަކެއް ނުހުއްޓާނެއެވެ. ދެލޯ ފޮހެލާފައި ޝެރީން ތެދުވީ އެފަދަ ހިޔާލެއް އައިސްގެންނެވެ. އަދި ހުރިހާ ކަމެއް އޭނާ ރާވާ ނިންމައިލީ ދެވަނަ ވިސްނުމަކާ ނުލައެވެ. ފަހުން ހަގީގަތް އެނގުމުން ވާނެ ގޮތަކާ މެދު ޝެރީން ނުވިސްނައެވެ. ފަހަރެއްގައިވެސް މިކަމުގެ ސަބަބުން އެ ދެމީހުންގެ ގުޅުން ބަދަހިވުމުގެ ބަދަލުގައި ވަކިވާންޖެހިދާނެ ސަބަބަކަށްވުންވެސް އެކަށީގެންވެއެވެ.

** **

އެމެޖެންސީ ރޫމްގެ ތެރެއިން ޑޮކްޓަރު ނިކުމެފައި ގޮވައިލީ ސާރިމްއަށެވެ. ގޮނޑިބަރީގައި އިން ރަމްލާއަށް ތެދުވެވުނެވެ. ޑޮކްޓަރު ބުނާ އެއްޗެއް އެނގެން ބޭނުންވާކަން އޭނާގެ މޫނުމަތިން ހުރީ ފެންނާށެވެ.

"އަޅުގަނޑަށް ހީވަނީ ކުރީގެ ބައެއް ހަނދާންތައް މަޑުމަޑުން އަންނަމުންދާހެން، މިއީ ފަހަރެއްގައި ރަނގަޅު އަލާމާތަކަށް ވެދާނެ، އެކަމަކު...." ޑޮކްޓަރު ޖުމްލަ މެދުކަނޑައިލި ގޮތުން ސާރިމް ބިރުގަތެވެ. ޑޮކްޓަރުގެ މޫނުމަތިންވެސް ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ.

(ނުނިމޭ)