ވާހަކަ

ނޫރާ - 37

ފަހުން އަނެއްކާވެސް ނިދޭ ވަގުތު މަދުވިއެވެ. ގިނަ ވަގުތު ހޭލާހުއްޓަސް ގަބޫލުކުރެވެނީ ހުސްނީ ބުނާ އެއްޗެއް އެކަންޏެވެ. އޭނާ އައި މަގުސަދުގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ. ހުސްނީ ކައިވެންޏަށް އެހުމުން އެކަމާ ރުހެވުނެވެ. ކައިވެނިކުރީވެސް އެތަނުގައެވެ. ހުސްނީ އާއެކު ތިން މީހަކު އައެވެ. އެއީ ކައިވެނިކޮށްދޭ މީހާ އާއި ދެ ހެކިންނެވެ. ހެކިންނަށް އައި މީހުން ތެރެއިން އެކަކު ނޫރާއާ ސަލާމްކުރަން އަތް ދިނެވެ. އެމީހާއާ ސަލާމްކޮށްލި ވަގުތު އޭނާ އަނެއްކާވެސް އަނެއް އަތުން ނޫރާގެ އަތްތިލައިގައި ހިފިހައްޓައިލިއެވެ. އެވަގުތު އެމީހާގެ އަތުން ނޫރާ އަތް ދަމައިގަންނަން އުޅުނެވެ. އެތަން ފެނިގެން ހުސްނީ ހެދިގޮތަކީ އެމީހާގެ އަތުގައި ހިފި ހިފީނުން އަތް ބިންދާނުލީ ކިރިޔާއެވެ. އެވަރުން ނުވެގެން މޭޒުމަތީގައި ހުރި ބިއްލޫރި ތަށި ނަގައި އެމީހާގެ ނޭފަތް މަތީ ޖެހިޖެހީނުން ނޭފަތް ފަޅައިލިއެވެ.

އެދުވަހުގެ ހާދިސާ އިއްޔެ ވީ ކަމެއްހެން މިއަދުވެސް ނޫރާ ހަނދާނުގައި ހުރީ އެދުވަހު އޭނާ ބިރުގެންލެއް ބޮޑުކަމުންނެވެ. އެދުވަހު ހުސްނީ ރުޅި އައީ އެ ފިރިހެން މީހާ ދެކެއެވެ. އެއީ ހުސްނީގެ އެ ސިފަ އޭނާއަށް ފެނުނު ފުރަތަމަ ފަހަރެވެ. އެކަމަކު އެއީ ހުސްނީގެ ލޭގައި ހުރި ނުބައި އާދައެއްކަން އެނގުނީ އެކުގައި ދުވަސްތައް ހޭދަކުރަން ފެށުމުންނެވެ.

އަނބިމީހާގެ ހައްގުތައް ހުސްނީ ދަނެއެވެ. ދުވަހަކުވެސް ގޭގައި އެއްޗެއް މަދުވެގެން ދެފަހަރަކު ބުނާކަށް ނުޖެހެއެވެ. އެކަމަކު ނުދަންނަނީ ނޫރާއަކީވެސް އިންސާނެއްކަމެވެ. ޖަޒުބާތުތަކެއް ހިނގާނެކަމެވެ. ކަންކަމަށް އިންކާރުކުރެވޭ ފަހަރުވެސް އަންނާނެކަމެވެ. ފޫހިވެގެން ހަތަރުފާރުން ބޭރު ބަލައިލަން ބޭނުންވާނެކަމެވެ.

އެންމެ ހަނދާނުން ނުފިލި ދުވަހަކީ ހުސްނީއަށް ކާން ހަދާފައި ގޮސް ބަދިގެ ކުޑަދޮރު ހުޅުވި ދުވަހެވެ. ފުންމައިގެން ތެދުވެފައި އައިސް ދޮރުތައް ލައްޕަމުން ހުސްނީގެ ދުލުން ކީ އަރަބި ބަސްތަކުގެ މާނަ އަދި އަދަށް ދާންދެންވެސް ނޭނގެއެވެ. އެދުވަހަށްފަހު ގޭގެ ދޮރުތަކަކީ ބަންދުކޮށްފައި ހުންނަންޖެހޭ ތަނެއްކަމުގައި ބުންޏެވެ. ނޫރާގެ ބޭނުމަކީ މަގުމަތި ބެލުމެއްވެސް ނޫނެވެ. ބޭނުންވީ ތާޒާ ވައިރޯޅިއެކެވެ.

އެދުވަހު ހުސްނީގެ ވިސްނުމާއި ފިކުރު ގުޅިފައިވީ ދިމާލު ނޫރާއަށް އެނގުނެވެ. ހުސްނީ ދެކެ ބިރު ގަންނަން ފެށިއެވެ. ނިޔަތާ މެދު ވިސްނެން ފެށިއެވެ. އެއް ރެއަކު ހުސްނީ ނިދާފައި އޮއްވައި ތެދުވެގެން އެގެއިން ނިކުތުމުގެ ހިޔާލު މުޅި ސިކުނޑީގައި އުފެދެން ފެށިއެވެ. އެ ހިޔާލު އޭނާގެ މައްޗަށް ގަދަވެ ތެދުވެގެން ދެވުނީ ހުސްނީ ނަމާދަށް ހޭލަން އާދަވެފައިވާ ގަޑިއެއްގައެވެ. އޭނާއަށް ދެވުނީ ދޮރާ ހަމައަށެވެ. ފަޔަށް ތޫނު ތަދެއް އަރައިގެން ބަލައިލިއިރު ފެނުނީ ފަޔަށް ހެރިފައި އިން ވަޅިއެވެ. ފަސް އެނބުރި ބަލައިލިއިރު އެ ދިމާލަށް ބަލަން ހުރި ހުސްނީ ފެނިފައި އެއީ އޭނާގެ ހަމަލާއެއްކަން އެނގުނެވެ.

** ***

"މިއަދަށް ފަހު މިއީ ނޫރާގެ ގެއަކީ." ކާރުގެ ދުވެލި ޕޯޓިކޯގައި މަޑުކޮށްލަމުން ސާރިމް ބުނެލިއެވެ. ނޫރާ ބަލައިލިއެވެ. އެއީ އޭނާ ނިކުމެގެން ދިޔަ ގެއެވެ. އަނެއްކާވެސް ނިކުމެގެން ދިއުމުގެ ކުރިން ސާރިމް އެކަން ޔަގީންކޮށްދެން ބޭނުންވިއެވެ.

"ތިއީ ޑޮކްޓަރެއްވެސް ނޫނެއްނު؟" ކާރުގެ ދޮރުފަތް ހުޅުވަން އުޅެފައި ނޫރާ ބަލައިލިއެވެ. ސާރިމް އިސްޖަހައިލީ ހިނިތުންވަމުންނެވެ. ތެދަކަށްވިޔަސް އޭނާ ޖަވާބެއް ނުދީ ހިޔާރުކުރީ ހިމޭންކަމެވެ.

"ކާކުތަ ތިއީ؟" ނޫރާ ސާރިމްގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެ ދެލޮލުން ފެންނަ ބީރައްޓެހިކަމުން ސާރިމްގެ މޭ ހީވީ ފިތިގެން ދިޔަހެންނެވެ. އޭނާއަށް އަސަރުކުރިއެވެ. ސާރިމްގެ އުނގުގައި ބޯ އަޅާލައިގެން އޮވެފައި އޭނާގެ މަތިން ފުރާނަ ހުއްޓައި ހަނދާން ނުނެތޭނެއޭ ބުނެ ނޫރާ ވައުދުވީ އޭނާ ބުނެގެންނެއް ނޫނެވެ.

"ރައްޓެއްސެއް." ސާރިމް ހިންދިރުވާލިއެވެ. އޭނާ މި ގުޅުމަށް ދޭން ބޭނުންވި ނަމަކީ އެއީއެވެ. ބީރައްޓެހިކަމުގެ ހަރުފަތުން އެއް ހަރުފަތް ކުރިއަށް ޖެހިލި ނަމަވެސް އެއަށްވުރެ ކުރިއަށް ދާން ބޭނުމެއް ނޫނެވެ.

ނޫރާ އެއްޗެއް ނުބުނެ ކާރުން ފޭބުމުން އޭނާގެ ފަހަތުން ސާރިމްވެސް ވަނެވެ. ނޫރާ ކޮޓަރިއަށް ވަދެފައި އެއްފަރާތްކޮށްލީ ކުޑަދޮރުގެ ފަރުދާއެވެ. އަލިވިލެން ފެށި ކުލަތައް އުޑުމަތިން ހުރީ ފެންނާށެވެ. އިރުގެ ރަން އަލި ބިއްލޫރިގަނޑުން ފޭދިގެން ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.

"ތިތަނުން ފުންމާލަން ބިރެއް ނުގަނޭތަ؟" ސާރިމް ކުޑަދޮރުގެ ކައިރީ ހުއްޓުނެވެ. މަގުމަތި ހަލަބޮލިނުވިޔަސް ދުއްވާ އެއްޗެހި ދަތުރުކުރަން ފަށައިފިއެވެ.

ނޫރާ ސާރިމްގެ މޫނަށް ބަލާލާފައި ތުންފަތުގެ އެއްމިޔަނުން ހީލިއެވެ. ނޫރާ ހަމަޖެހިލާފައި ހުރި ތަން ފެނި ސާރިމް ބަލައިލީ ސުވާލު އުފެދިފައެވެ. އެހެން ހުއްޓައި ނޫރާ އެ ސުވާލުގެ ޖަވާބު ދިނެވެ.

"ފުންމައެއް ނުލަން." ނޫރާ މޫނު އަނބުރައިލީ މަގުމައްޗަށެވެ. އޭނާ އުސް ގޮނޑިއެއްގެ މައްޗަށް އަރަންވެސް ބިރުގަނެއެވެ. އެތަނުން ފުންމާލައިގެން ދާން ހިތަށް އެރިޔަސް މޭފަޅާފައި ހިތް ހީވަނީ ނިކުމެދާނެހެންނެވެ.

"ދެން؟" ސާރިމް ހައިރާންވިއެވެ.

"އައި ހެވް ކީޒް." ނޫރާ ހެދުން ހިއްލާލާފައި ޖިންސުގެ ޖީބުން ނެގީ ތަޅުދަނޑިއެވެ. ސާރިމް އެއާ ދިމާލަށް ބަލައިލި ތަނާ އަނެއްކާވެސް ޖީބަށް ލައި ފޮރުވިއެވެ. އޭތި ލިބުނު ގޮތަކާ މެދު ސާރިމް ސުވާލުކުރިއެވެ. އެކަމަކު އޭގެ ޖަވާބެއް ނޫރާ ނުދިނެވެ.

އެތަނުން ނިކުމެ ކަމާލްއަށް ގޮވާފައި ސާރިމް ގެނައެވެ. އޭނާ އެންގީ ގޭގެ ތަޅު ބަދަލުކުރުމަށެވެ. އަދި މިފަހަރު ނޫރާގެ އަތަށް ތަޅުދަނޑި ލިބިއްޖެއްޔާ ވަޒީފާ ގެއްލޭނެއޭ ބުނެ އިންޒާރުދިނެވެ.

** **

ސާރިމް ގެއަށް ވަންއިރު ޝެރީން އޮތީ ނިދައިފައެވެ. މިފަހަރު އޭނާ ގެއިން ބޭރަށް ގޮސް އެނބުރި އައިއިރު އެކަމުގެ ހިލަމެއް ޝެރީންއަކަށް ނުވިއެވެ. ފެންވަރަން ވަނުމުގެ ކުރިން ޝެރީންއަށް ގޮވާފައި ސައިތައްޓެއް ހަދައިދޭށޭ ސާރިމް ބުންޏެވެ. އޮފީހަށް ދާން ނިކުންނަންދެން މިއަދު އެދެމީހުންގެ ގުޅުން ކުރިއެކޭ އެއްގޮތެވެ. ދޮރުން ނިކުންނަމުން ޝެރީންގެ ކޮލަށް ބޮސްދީފައި ސާރިމް ދާން ހިނގައިގަތެވެ.

ޝެރީން ތައްޔާރުވީ ރަމްލާގެ ގެއަށް ދިއުމަށެވެ. އޭނާ ހެނދުނު ފެނިގެން ރަމްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝެރީން ގެނައި ކޮތަޅު ދީފައި ގޮސް އެތެރޭގައި އިށީނެވެ. ރަމްލާ އައިސް ކުރިމަތީގައި އިށީނުމުން ޝެރީން އަހައިލީ ރަމްލާ އައި ކަންތައް ނިމުނީތޯއެވެ.

"މިފަހަރު ހަދާނެ ގޮތެއް ނޭނގުނު، މިހާރު ހިޔާލު ބަދަލުވާންވެސް ފަށައިފި،" ރަމްލާ ބުނެލިއެވެ. އޭނާ އެކަނި ރަށަށް ދިއުމުން ސާރިމް ކޮބައިތޯ މީހުން އަހާނެއެވެ. އެކުއްޖާގެ މަންމައާ ހަވާލުކުރި ވާހަކަ ބުންޏަސް ވާނީ ލަދަކަށެވެ. ރަމްލާއަށް ނުބެލޭއިރު ޒިންމާއާ ހަވާލުވީ ކީއްވެތޯ މީހުން އަހާނެއެވެ.

"އަހަރެން ތި ދިން ކޮތަޅުގައި ރަމްލާއަށް ހަދިޔާއެއް އޮންނާނެ،" ޝެރީން ހަމަޖެހިލިއެވެ. އޭނާ އައީ ރަމްލާގެ ވިސްނުން ބަދަލުކުރެވޭވަރުގެ ހަތިޔާރަކާއިގެންނެވެ. ރަމްލާ އެކޮތަޅު ބަލައިލިއެވެ. އޭގައި އޮތީ ފަތްޖަހާފައި އޮތް ދިގު އެއްބަސްވުމެކެވެ.

"ތިއީ އަހަރެމެންގެ އެޕާޓްމެންޓް ފަސް އަހަރު ދުވަހަށް ކުއްޔަކާ ނުލައި ރަމްލާއަށް ދޭނެކަމުގެ ލިޔުން، ޝަރުތަކީ ސާރިމް އާއި ސާރިމްގެ މަންމަ އާއެކު ރަމްލާ އެތަނުގައި ދިރިއުޅުން،" ޝެރީން އޭގެ ތަފްސީލު ކުރުކޮށް ކިޔައިދިނެވެ. އެ ކަރުދާސް ފެނިފައި ރަމްލާ އިނީ ދެލޯ ބޮޑުވެފައެވެ. ގަބޫލު ނުކުރެވިފައެވެ.

ރަމްލާ އެއްބަސްވާން މިނެޓެއްވެސް ނުނެގިއެވެ. އޭނާ މިހުންނަނީ ނޫރާ ގޮވައިގެން ރަށަށް ދާންވެސް ނުކެރިފައޭ ބުންޏެވެ. އަދިވެސް ރަށުގެ މީހުން ނޫރާއާ މެދު ދެކޭގޮތާއި ކިޔާނެ އެއްޗެހި ހިތަށް އަރާފައި ނޫރާ ގޮވައިގެން ދާން އޭނާ ޖެހިލުންވެއެވެ. މި ލިބުނީ އޭނާ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ވަރުގެ ހަދިޔާއެއް ނޫނެވެ.

"އެކަމަކު އަދި އޮންނާނެ އެއް ކަންތައް؟" ޝެރީން ބުނެލިއެވެ. ރަމްލާގެ ނަޒަރު ޝެރީންގެ މޫނަށް ހުއްޓުނެވެ. ލިބުނު އުފާވެރިކަމާ އެކުވެސް އެ ދެލޮލުގައި ހިތްދަތިކަން ފެންނަން ހުއްޓެވެ.

"ކޮންކަމެއް؟" ރަމްލާ އަހާލިއެވެ. ޝެރީން ކުޑަކޮށް ފަސްޖެހިފައި އިނދެފައި އޭނާ އެކަންވެސް ފާޅުކުރީ ޖެހިލުމެއް ނެތިއެވެ.

"އެއްވެސް ބޭނުމަކު ސާރިމްއަށް ނުގުޅާތި." ޝެރީން ބުނެލިއެވެ. އޭނާ އެ ބުނި ޖުމްލައިގެ މާނަ ރަމްލާއަށް އެނގުނެވެ. ސާރިމް އަކީ ނޫރާގެ މާޒީއެވެ. ޝެރީންގެ މިއަދެވެ. ރަމްލާ ބޯޖަހައިލިއެވެ.

** **

ކަމާލް ފޯނުގައި ހުރި ތަން ފެނި ނޫރާ މަޑުމަޑުން ބޯދިއްކޮށްލިއެވެ. އޭނާ މަޑުމަޑުން ނިކުންނަން ދަނިކޮށް ކަމާލް އަށް ފެނިގެން ހަޅޭއްލަވައިގެންފިއެވެ.

"ތި ތަޅުދަނޑިއަކުން ދޮރެއް ނުހުޅުވޭނެ މިހާރަކު." ކަމާލް އެހެން ބުނުމުން ނޫރާ ހުއްޓުނެވެ. އޭނާ ނިކުންނަން އުޅޭކަން އެމީހާއަށް އެނގުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ކުޑަކުއްޖެއްހެން ބޮޑާ ހާކާލާފައި ގޮސް ނޫރާ އިށީނީ ސޯފާގައެވެ. އެވަގުތު ކަމާލް ޖީބުން ނަގާފައި ކުޑަ ފުޅިއެއް މޭޒުމަތީ ބެހެއްޓިއެވެ. ނޫރާ ކައިރީ ކާން ގެންނަންވީތޯ ކަމާލް އަހާލިއެވެ. ނޫރާ އާއެނކޭ ބުނުމުން ދާން ހިނގައިގަންނަމުން ބުނެލީ އެ ބޭސްފުޅީގައި އަތް ނުލުމަށެވެ. އެހެން ބުނެ ނުނިމެނީސް އެ ފުޅި ނަގައި މުށަށްލީ ތަން ކަމާލްއަށް ފެނުނެވެ.

އޭނާ ބަދިގެއަށް ވަދެ ކާން އަޅައިގެން ނިކުމެފައި ނޫރާ ކައިރީ އެއްވެސް އެއްޗެއް ނާހައެވެ. އެއީ ގަސްތުގައި ކަމާލް ކުރި ކަމެވެ. އޭނާ ކައިރީ އެގޮތަށް ކަންކުރަން މީހަކު ބުނެގެންނެވެ. އެތަނުގައި އޭނާ ބެހެއްޓީ މީދާ މަރާ ބޭސްފުޅިއެކެވެ. އެވަރު ވަކިވާނެ ބާރު ނޫރާގެ ސިކުނޑިއަކު ނުހުންނާނެކަން އެނގެއެވެ. އޭގެން އެތިކޮޅެއް ބޮއިގެންވެސް ނޫރާގެ ފުރާނައަށް ނުރައްކާ ވާނެކަން އެނގެއެވެ.

ދޮރުގައި ޓަކި ދިން އަޑަށް ކަމާލް ގޮސް ދޮރު ހުޅުވިއިރު ހުރީ ސާރިމްއެވެ. އޮފީހުން ނިމިގެން ދަމުން މިގެއަށް ވަދެލީ ނޫރާގެ ހާލު ބަލާށެވެ. ސާރިމްއަށް ފެނުނީ ސޯފާގައި އިނދެ ނޫރާ ކަމުން ދިޔަ މަންޒަރެވެ. އެތަނަށް ސާރިމް އައިކަން ރެއަކާ ނުލައެވެ. ސާރިމް އައިސް ސޯފާގެ އެއް އަރިމަތީ އިށީނެވެ. އޭނާ ބަލަން އިނީ ނޫރާގެ ހަރަކާތްތަކަށެވެ. ބަތް ސަމުސަލެއް ނަގައި އަނގައަށް ލަނިކޮށް އޭގެން ބަތްފުކެއް ވެއްޓުމުން ގުދުވެފައި އޭތިކޮޅު ނަގައި އަނގައަށް ލާފައި ބަލައިލި ވަގުތު ސާރިމް ފެނުމުން ހުއްޓުން އަރާފައި އިރުކޮޅަކު އިނެވެ.

"އިޓްސް އޯކޭ." ސާރިމް ބޮޑުވާ އިނގިލި ނަގައި ދައްކާލަމުން ބުނެލިއެވެ. ނޫރާ ހިނިތުންވެލިއެވެ. އަނެއްކާވެސް ކާން ފެށިއެވެ. ސާރިމް އެއްޗެއް ނުބުނެ ނޫރާ ކައި ނިމެންދެން އިނެވެ. އެ ތަށި ގެންދަން ކަމާލްއަށް ގޮވާފައި ސާރިމް ބުނެލީ ނޫރާ ވަރަށް ހާއްސަ ފަރާތަކާ ބައްދަލުކުރަން ޖެހޭ ކަމަށެވެ.

"ބޭރަށްތަ ދަނީ؟" ނޫރާ އަހާލިއެވެ. ބޭރަށް ދެވޭނަމަ އޭނާ ވަރަށް އުފާވާނެކަން މޫނުމަތިން އެނގެއެވެ. ބަންދުކޮށްގެން އަބަދު ގެންގުޅެފައިވާތީ މީހާވެސް ބޮޑަށް މިނިވަންކަން ދިނުމަށް ޑޮކްޓަރުވެސް އޮތީ ބުނެފައެވެ. ސާރިމް ބޯޖަހާލުމުން ނޫރާ ފުންމައިގެންފައި ތެދުވިއެވެ. އެވަގުތު ނޫރާ އުނގުތެރޭ އޮތް ބޭސްފުޅި ވެއްޓިފައި އެނބުރެމުން އައިސް ހުއްޓުނީ ސާރިމްގެ ފައިދޮށުގައެވެ. އެ ނަގައި ބަލާލިއިރު ތަށިތައް ބަލާ އައި ކަމާލް ހުރީ އެއަށް ބަލަހައްޓައިގެން ދެލޯ ބޮޑުވެފައެވެ.

(ނުނިމޭ)