ސާރިމް ޝެރީންގެ ގައިގައި ބައްދާލިއެވެ. ޝެރީންއަށް ޝުކުރު އަދާކުރެވުނެވެ. އޭނާ އަށް އަބަދުވެސް ޝެރީންގެ އެހީތެރިކަން ބޭނުންވާކަމުގައި ބުނެލިއެވެ. ސާރިމްގެ ބުރަކަށީގައި އަތްޖައްސާލާފައި ޝެރީން ޚިޔާރު ކުރީ ހިމޭންކަމެވެ. އޭނާގެ ސިކުނޑީގައި ރޭވެމުންދާ ކަންތައް ސާރިމްއަށް ނޭނގޭކަމާ މެދު ޝުކުރު ކުރެވުނެވެ.
** *
ފަތިހުގެ އަނދިރިކަން ފިލައި ނުދަނީސް ސާރިމްއަށް ދެލޯ ހުޅުވަން މަޖުބޫރުވީ ކައިރީގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. އަދި ނިދުނު ފަހުން ގަޑިއިރެއްހާއިރުވެސް ވީ ކަމެއް ނޭނގެއެވެ. ގަދަކަމުން ދެލޯ ހުޅުވާލާފައި ސާރިމް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެއާއެކު ފިލައިގެން ދިޔައީ އޭނާގެ ނިންޖެވެ.
"ހަލޯ" ސާރިމް ފޯނު ކަންފަތުގައި ޖެހީ އެނދުގައި އިށީންނަމުންނެވެ. އެކޮޅުން ކަމާލް ކަންބޮޑުވެފައި ބުނީ ނޫރާ ގޭގައި ނެތް ވާހަކައެވެ.
"ކަމާލް، ދޮރުތައް ތަޅުނުލާތަ ބެހެއްޓީ؟" ސާރިމް އަތް ނިތްކުރީގައި އަތް ހިންގާލެވުނެވެ. ކަމާލްގެ ފަރުވާކުޑަކަމާ ހެދި ނޫރާއަށް ކަމެއްވެއްޖެއްޔާ ޔަޤީނުންވެސް ސާރިމް ކުށްވެރިވާނެއެވެ. ކަމާލް ފަރުވާކުޑަކުރެވުނު ކަމަށް އެއްބަހެއް ނުވިއެވެ. އޭނާ ނިދީ ދޮރުތައް ތަޅުލާފައި ކަމުގައި ބުންޏެވެ.
ސާރިމް ބަލައިލީ ނޫރާގެ ކޮޓަރީގެ ކުޑަދޮރުންނެވެ. މަގުމައްޗަށްވާ ގޮތަށް ހުރި އެކުޑަދޮރުން ނޫރާ ފުންމާލަން ޖެހިލުންނުވި ކަމަށްޓަކައި އޭނާ ހައިރާންވިއެވެ. ދެވަނަ ފަންގިފިލާއަށްވިއަސް އެތަނުން ފުންމާލަން ޖެހިލުންވާހާ އުހެވެ. ގައިމު ސާރިމްއަކަށް ނުކެރޭނެއެވެ.
ނޫރާގެ ގޮތް ސާރިމްއަށް އެނގެއެވެ. ރަށުގައި އުޅުނު އިރު ސާރިމްއާ ބައްދަލުކުރަން ގޭގެ ވަށާފާރު މަތިން ފުންމާލައެވެ. ދެމީހުން ދުވެފައި ވަލަށް ވަދެ ބޮޑެތި ގަސްގަހަށް އަރައެވެ. އޭނާއަށްވުރެ ކުރިން ނޫރާ އެރީ އެންމެ ދެތިން ފަހަރަކު ނޫނެވެ. އަބަދުވެސް ނޫރާ އޮންނަނީ ކުރީގައެވެ.
ސާރިމް ކަންބޮޑުވި ވަރުން ހަދާނެ ގޮތް ހުސްވެގެން ދިޔައެވެ. ޕޮލިހަށް އަންގަން ހިތަށް އަރާފައި ފޯނު ނަގާފައި އޭނާގެ ޚިޔާލު ބަދަލުވިއެވެ. ފުރަތަމަ ގުޅީ ރަމްލާއަށެވެ. އޭނާގެ ފޯނު ހިއްލާވެސް ނުލިއެވެ. ސާރިމްގެ ކަންބޮޑުވުން އިތުރުވިއެވެ. ރަމްލާ ހުރިތަނަށް ނޫރާ ދާނީ ރަމްލާއާ ގުޅޭނެ ގޮތެއް އޮތްނަމަ ނޫންހެއްޔެވެ؟
ގޮތް ހުސްވެފައިވާ އޭނާގެ ސިކުނޑިއަށް އުއްމީދުގެ އަލިކަން ވެރިވީ ހުސްނީގެ މަތިން ހަނދާންވެފައެވެ. ނޫރާ ފިލައިގެންވިއަސް ދާނީ ހުސްނީ ހޯދާށެވެ. ހުސްނީގެ ވާހަކަ ކޮންމެ ދުވަހަކުވެސް ނޫރާ އަހައެވެ. އޭނާގެ ސިކުނޑީގައި ހުސްނީ ނޫން މީހަކު ނުވެއެވެ.
ދޮރުގައި ޓަކިދިން އަޑަށް ސަފިއްޔާ އަވަހަށް ބުރުގާ އަޅާލިއެވެ. ދެން ބަލައިލީ ފާރުގައި އިން ގަޑިއަށެވެ. އަދި ކިރިޔާ ފަތިސްވީއެވެ. ނަމާދު ކޮށްލައިގެން އޭނާ އުޅުނީ ކުދިންނަށް ގޮވައި ހޭލައްވާށެވެ. އެނދުގައި ބޮޑު ގުގުރިދަމަން އޮތް ހުސްނީގެ މޫނަށް ސަފިއްޔާ ބަލައިލީ ފޫހިކަމާ އެކުގައެވެ. އެދޮރު ވައްޓާލާއިރުވެސް އެ އާދަމު ދަރިޔާގެ ލޯ ހުޅުވޭ ކަމަކަށް ނުވާނެއެވެ.
ދޮރު ހުޅުވާފައި ބޭރު ބަލައިލި ސަފިއްޔާގެ ދެލޯ ބޮޑުވެގެން ދިޔައީ ދޮރުމަތީގައި ހުރި ނޫރާ ފެނިފައެވެ. ސަފިއްޔާއަށް ހިނިތުންވެލަމުން ނޫރާ ފިޔަވަޅު ނެގީ އެތެރެއަށް ވަންނާށެވެ.
"ޚަބަރުދާރު، ކަލޭ މިގެއަށް ނުވަންނާތި."ސަފިއްޔާގެ ދެބުމަ ގޮށްޖަހައިލިއެވެ. އެއް އަތް ގެންގޮސް އުކުޅުވަޅުގައި ވިއްދާލާފައި ނޫރާއަށް ނުވަދެވޭ ވަރަށް ދޮރު ހަނިކޮށްލިއެވެ.
"ކަލޭ އެކަނި ފިރިމީހާތަ؟" އެދޮރުގައި ނޫރާ ހިފަހައްޓާލިއެވެ. ހަށިގަނޑުގެ ގޮތުން ސަފިއްޔާ ބޮޑުކަމަށް ދެއްކިއަސް ނޫރާ ކޮއްޕާލުމާއެކު ސަފިއްޔާއަށް ޖެހުނީ ފަހަތަށް ޖެހޭށެވެ. ނޫރާ އެތެރެއަށް ވަދެފައި ހުސްނީގެ ނަމުން ގޮވައިލިލެއް ބާރުކަމުން ސިއްސައިގެން ހުސްނީ ތެދުވެއްޖެއެވެ. ކޮޓަރިން ނިކުމެ ނޫރާ ފެނުމާއެކު ހުސްނީއަށް އޮޅާލެވުނީ އޭނާ ގައިގައި އޮތް ކުރުތާގެ އަތްކުރިއެވެ.
"ބުނީމެއްނު މި ހަތަރުފާރުން އެތެރެ ނުވާށޭ." ހުސްނީ އެންމެ ފިޔަވަޅެއްވެސް ނުހުއްޓި އައިސް ނޫރާއާ ހަމަކޮށްފައި ހިފީ ނޫރާގެ އަތުގައެވެ. އޭނާ ގަދަކަމުން އެގެއިން ނެރެ އެއްލާލުން ނޫން ގޮތެއް ހުސްނީގެ ސިކުނޑިއަކަށް ނައެވެ.
"އަހަރެން މިއީ ކަލޭގެ ދޮށީ އަނބިމީހާ." ހުސްނީގެ އަތުން ވީއްލިފައި ނޫރާ ހަޅޭއްލަވައިގަތެވެ. އެއަޑު އިވިގެން ދަރިއަކު ހޭލައިގެން އަތުވެދާނެކަމުގެ ބިރުން ހުސްނީ ތުރުތުރުލައިގަތެވެ. އޭނާ އެންމެ ފިޔަވަޅެއް އަޅާލާފައި ގޮސް ހިފީ ނޫރާގެ އަނގަމަތީގައެވެ.
"އަހަރެން ކަލެއާ އިންކަމެއް އަދި ވަރިކުރި ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ. އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނޯންނާނެ، އަހަރެންގެ އަނބިމީހާއަކީ ހަމައެކަނި ސަފިއްޔާ،" ހުސްނީގެ ކިބައިން ސަލާމަތް ނުވެގެން ނޫރާ ލޯ ހިންގާލި ވަގުތު ފެނުނީ ނުބައި ހިންޏެއް އައިސް ހުރި ސަފިއްޔާއެވެ. ނޫރާގެ ހަށިގަނޑުގައި ލޭ ކެކިގަތެވެ. އެނުބައި އަންހެނާ ފެނުމާއެކު ހުސްނީގެ ހިތުން ފޮހެވިގެން ދިޔައީ އޭނާއަށް ލޯބި އެކަންޏެއް ނޫނެވެ. ކުރި އިހްތިރާމާއި އޯގާތެރިކަން ވެސްމެއެވެ. ހުސްނީގެ އަތުން ވީއްލިގެން ނޫރާއަށް ދުރަށް ދެވުނު އިރު ކޮލުގައި ލޭ ރަހަ ހުއްޓެވެ.
"ޤާނޫނު ލިޔުނީ ކަލޭގެ ދެއަތުންތަ؟" ނޫރާ ޖެހިލުމެއް ނުވެއެވެ. އޭނާގެ ސިކުނޑިއަށް ވަނީ ހުސްނީއާ ދިމާވީންސުރެ ކަން ހިނގައި ދިޔަ ގޮތް ޖަމާވެފައެވެ. ހުސްނީ އާއި ނޫރާ ކައިވެނި ކުރި ގޮތް ހަނދާނަށް އައީވެސް ކުލަ ހުވަފެނެއް ފަދައިންނެވެ.
"ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟" ހުސްނީ އަޑުހަރުކޮށް ބުނެލިއެވެ.
"ކަލޭ ކިޔެވި ފޮތުގައި އޮތީ ހަމައެކަނި ކައިވެނިކުރުމާއި ވަރިކުރުންތަ؟ ތި ގެންގުޅޭ ގަވާއިދުތަކުގައި އިނދައިގެ މުއްދަތުގައި ކައިވެނި ރުޖޫއުވާނެ ހާލަތެއްވާކަން ލިޔެފައިނެތީ ދޯ، ނޫނީ ސަފިއްޔާ ހުރީމައި ބުނަން ލަދު ގަންނަނީތަ؟ ކަލޭ މަށާއެކު ކުރިކަމަކަށްފަހު އަލުން ކައިވެނި ރުޖޫއުވެއްޖެކަން." ނޫރާއަށް ލޮލުގެ ހިމަކޮޅުން ސަފިއްޔާގެ މޫނަށް އެރި ކުލަވަރު ފެނުނެވެ. އެ އަންހެން މީހާގެ މޫނުމަތީގައި ހުރި ބޮޑާކަން ފިލައި ރުޅިވެރިކަމުގެ ސާލެއްލެވުނުތަން ފެނުނެވެ. އޭނާ ދެބުމަ ކައިރިކޮށްލާފައި ހުސްނީއަށް ބަލައިލި ގޮތްވެސް ފެނުނެވެ.
ހިތުގައި ކިތަންމެ ބައިވަރު ޒަޚަމެއްވިއަސް އެ މަންޒަރުން ނޫރާއަށް ފިނިކަން ލިބުނެވެ. ހުސްނީ ދެލޯ ބޮޑުކޮށްލައިގެން ހުރި ގޮތުން އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. މުޅި ހަނގުރާމައިން މޮޅު ނުވެވުނަސް ދުޝްމަނުންގެ ގަޔަށް ތީރެއް ހެރިލާ މަންޒަރަކީވެސް ހިތަށް ހަމަޖެހުން ގެނެސްދޭ މަންޒަރެކެވެ. އެއީ މުޅި ހަނގުރާމައިން މޮޅުވާނެކަމުގެ ކުޑަ އުއްމީދެވެ. އޭނާގެ ތުންފަތް އިތުރަށް ފުޅާވެގެން ނުދަނީސް އެހިނިތުންވުން ވަޅުލެވިގެން ދިޔައީ ހިމޭންވެފައި ހުރި ހުސްނީގެ ގަދަ އަޑުންނެވެ.
"މިވަގުތުން ފެށިގެން ތިއީ މަގޭ އަތްބެއް ނޫން. އަޑުއިވިއްޖެތަ؟" ހުސްނީ ތުރުތުރުލައިގަތެވެ. ޖެހިލުމެއް ނެތި ވަރީގެ ލަފްޒު އޭނާގެ އަނގައިން ކިތަންމެ ފަހަރަކުވެސް ނެރެވިދާނެއެވެ. ނޫރާ ނެތިގެން އޭނާ ވާނެ ދެރައެއް ނޯންނާނެއެވެ. ނޫރާގެ ފަރާތުން އޭނާ މަރުވުން ހެޔޮ ދުޢާކުރާނެ ދަރިއަކުވެސް ލިބިފައި ނެތެވެ.
"އަނެއްކާވެސް ތިންމަހު މިގޭގައި ހުރެވޭނެ." ނޫރާ ހަށަމަށް އަތް ބަނދެލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ހަމަޖެހުމުގެ ކުލަވަރުން ގެއްލި ދިޔައީ ހުސްނީގެ ހިތްހަމަޖެހުމެވެ. އެ އަނގަމަތީގައި ޖަހައި ފަޅައިލަން ހުސްނީ ހިތް ބޭނުންވިއެވެ. ތަޅައި ކުރެވެން ހުރި ހުރިހާ އަނިޔާއެއް ކުރަން ބޭނުންވިއެވެ. ދެވަނަ ފަހަރަށް އުދަނގޫ ކުރަން ނާންނަވަރު ކުރަން ބޭނުންވިއެވެ.
އެވަގުތު އެގޭގެ ދޮރުގައި ޓަކިދިނެވެ. އެއި ކާކުގެ ނަޞީބެއް ކަމެއް ނޭނގެއެވެ. ސަފިއްޔާ ހުއްދައަށް އަހާފައި ގޮސް ދޮރު ހުޅުވިއިރު ހުރީ ސާރިމްއެވެ.
"އެ އައީ ބަލާ." ހުސްނީއަށް ސާރިމް ފެނުމުން ނޫރާއަށް ބުނެލިއެވެ. ސާރިމް ފެނުމުން ބޮޑު ބިރެއް ފެނިގެން ފިލަން ދުއްވައި ގަންނަ މީހެއް ފަދައިން ނޫރާ ދާން އުޅުމުން ހުސްނީ ހިފެހެއްޓިއެވެ. ގަދަކަމުން ގެނެސް ސާރިމްގެ ފައިބުޑަށް ކޮއްޕާލިއެވެ. އަދި ގޮވައިގެން ދާށޭ ބުނެލިއެވެ. ނޫރާއާ އެއްވަރަށް ތިރިވެފައި ސާރިމް ހިފަހައްޓާލީ ނޫރާގެ ކޮނޑުގައެވެ. ދެން މަޑުމަޑުން އޭނާ ތެދުވީ ނޫރާއާ އެކުގައެވެ.
ނޫރާގެ ދެލޮލުން އައި ކަރުނަ ސާރިމްގެ އަތުން ފޮހެލައިދިނެވެ. ދާން ހިނގާށޭ ބުނެލިއެވެ.
"ކަލެއަށްވެސް ނުބެލެހެއްޓެންޏާއި ގުރައިދުއަށް ފޮނުވާލާ" ހުސްނީ ބަލައިލީ ސާރިމްއަށެވެ. ސާރިމް ބަހެއް ނުބުނެއެވެ. ނޫރާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.
ކާރުގެ ކުރީ ޝީޓް ހުޅުވާދީފައި ނޫރާ އެރުމުން ސާރިމް ގޮސް އަނެއް ފަރާތަށް އެރިއެވެ. އޭނާ ބަލައިލި އިރު ނޫރާގެ މޫނުމަތިން ފެންނަނީ ހިމޭންކަމެވެ. ނޫރާގެ ދެލޮލުގައި ކަރުނަ ގިނަވެފައިވިއަސް އެވެސް ހުރީ ފައިބަން ނޭނގިފައެވެ.
"ހުސްނީ ބޭނުމެއް ނުވޭ ނޫރާ ބަހައްޓާކަށް، އޭނާ ބޭނުންވީ ގުރައިދުއަށް ފޮނުވަން، އެކަމަކު އަހަރެން ހިތަށް އެރި އެއީއެއް ނޫނޭ ނޫރާ ދާންޖެހޭ ތަނަކީ،" ސާރިމް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އެގޭ ތެރޭގައި ހިނގި ކަންތައް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އެންމެފަހުން ހުސްނީ އިއްވި ބަސް ނޫރާއަށްވެސް ހުންނާނީ އިވިފައެވެ. ނޫރާއަށް އެވަރު ވިސްނޭނެ ކަމަށް އޭނާ އުއްމީދުކުރެއެވެ.
"އަހަރެން ދާނެ އެހެން ތަނެއް ނެތް. އަދި ހުސްނީގެ ޚިޔާލު ބަދަލުވާނެ، އޭނަ އަހަރެންދެކެ ލޯބިވޭ." ނޫރާ ސާރިމްއާ ދިމާލަށް މޫނު އަނބުރާލިއެވެ. ވާހަކަ ދައްކަން ފެށުމާއެކު ދެލޯ ފުރިގެން ކަރުނަތައް ފައިބަން ފެށި ކަރުނަތައް ފެނިފައި ސާރިމްގެ ހިތަށް އަސަރު ކުރިއެވެ. ކޮންމެ މީހަކު ނަމަވެސް ރަނގަޅު ގޮތެއް ވުމަށް އުއްމީދު ކުރާނެއެވެ. ހުސްނީ ދެކެ ނޫރާ ލޯބިވަނީކަމުގައި ސާރިމް ދެކެއެވެ. ހުސްނީ ޤަބޫލު ކުރާ ގޮތުގައި ނޫރާއަށްވުރެ މުހިންމީ އޭނާގެ އަންހެނުންނެވެ. ތިން ކުދިންނެވެ. އެދުވަހު ހޮސްޕިޓަލްގެ ތެރެއިން ހުސްނީ ވާހަކަ ދެއްކި އަޑު ސާރިމް އެހިއެވެ.
"ދެން ކީއްވެ އޭނަ ނޫރާ ބަހައްޓަން ބޭނުންނުވަނީ؟" ސާރިމް އަހާލިއެވެ. ނޫރާ ބުނާ ޖަވާބެއް އަޑު އެހުމުގެ ބޭނުމުގައެވެ. ހުސްނީ ދެއްކި އެއްވެސް ވާހަކައެއް ނޫރާއަކަށް ނޭނގޭނެއެވެ. އެނގިއްޖެނަމަ އެހިތަށް އަސަރު ކުރާނެކަން ޔަޤީނެވެ. ނޫރާއާ މެދު ވިސްނާލެވުނު ވަގުތު ސާރިމްއަށް އިވުނު ޖަވާބުން އޭނާއަށް އަސަރުކުރިއެވެ.
"ސަފިއްޔާ ޤަބޫލުނުވާތީ، އެކަމަކު މަށަކީ އޭނާގެ ފުރަތަމަ އަނބިމީހާއަކީ." ނޫރާ އަތުން މޭގައި ޖައްސައިލިއެވެ. ސާރިމްއަށް ހީވީ ފެން އެއްޗެއްގެ ތެރެއަށް އޭނާގެ މޫނު ގަންބާލާ ނޭވާ ހާސްކޮށްލިހެންނެވެ.
"ވަޓް؟" އަވަސް އަވަހަށް ސާރިމްއަށް ބުނެވުނެވެ. އެވަގުތު އޭނާގެ ހިތަށް ވަނީ ހުސްނީ އެދުވަހު ބުނި ޖަވާބެވެ. ދުވަހަކުވެސް ނޫރާއާ ނީންނަ ކަމަށް ހުސްނީ ބުނި ހަނދާންވުމުން ސާރިމް ދާހިއްލަން ފެށިއެވެ. އެއްވެސް މީހަކު ތެދު ޖަވާބެއް ނުދެނީ ކީއްވެ ކަމެއް ނޭނގެއެވެ. ރަމްލާ ވިއަސް ހުސްނީ ވިއަސް ހެދީ ދޮގެވެ.
"އެކަމަކު އެކަން އަހަރެން ސާބިތުކުރާނެ ގޮތެއް ނެތް." ނޫރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ސާރިމްގެ ކަންފަތުގައި ޖެހޭ ކޮންމެ ޖުމްލައަކުން ހީވަނީ ބާރުގަދަ ބޮމެއް ގޮއްވާލާހެންނެވެ.
ހުސްނީ ގެނައި ފަހުން ނޫރާއަށް އޮންނަނީ ކެއުމާއި ނިދުމެވެ. ބަނޑުހައި ވެގެން ހަލާކުވާވަރުވީމައި ހޭލާފައި ހުސްނީ ދޭ ކާއެއްޗެއް ކައިގެން ނިދެނީއެވެ. ލޯ ހުޅުވޭ ކޮންމެ ފަހަރަކު ހުސްނީ ފިޔަވައި އިތުރު މީހެއްގެ މޫނެއް ނުފެނެއެވެ. މި ހަތަރުފާރު އެތެރޭ ފާއިތުވީ ކިތައް ދުވަހާއި ރޭ ކަމެއް ނޭނގެއެވެ. މަޑުމަޑުން އޭނާގެ ހަނދާންތައް ފިލަމުންދާން ފަށައިފިއެވެ. ކުރީ ކޮޅުގައި ދަރިފުޅު ކޮބައިހޭވެސް އަހައެވެ. ފަހުން އިންނަނީ ނެގިމަޑުވެފައެވެ.
ދެމަހެއްހާ ދުވަސްވީ އިރު ނޫރާއަށް ހީވީ މި ދުނިޔޭގައި އުޅެނީ ހަމައެކަނި އޭނައާ ހުސްނީ ހެންނެވެ. ހުސްނީގެ އޯގާތެރިކަން އޭނާއަށް ލޯ ހުޅުވޭ ކޮންމެ ފަހަރަކު ފެނެއެވެ. އެކަނި ހިނގައިނޫޅެވޭ ވަރަށް އޭނާގެ ހަށިގަނޑުގައި ބާރުވަނީ ދަށްވެފައެވެ. އަމިއްލަ ޟަރޫރީ ކަންތައްވެސް ކޮށްދެނީ ހުސްނީއެވެ. ނޫރާ ބަލިވެ އުޅޭތީ އެކަމާ ހިތާމަކުރާ ކަމަށް ހުސްނީ ބުނެއެވެ. އަދި ރަނގަޅުވިހާ އަވަހަކަށް ކައިވެނި ކުރާނެ ކަމަށް އަބަދުވެސް ބުނެއެވެ.
ފަހުން އަނެއްކާވެސް ނިދޭ ވަގުތު މަދުވިއެވެ. ގިނަ ވަގުތު ހޭލާ ހުއްޓަސް ޤަބޫލު ކުރެވެނީ ހުސްނީ ބުނާ އެއްޗެއް އެކަންޏެވެ. އޭނާ އައި މަޤްސަދުގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ. ހުސްނީ ކައިވެންޏަށް އެހުމުން އެކަމާ ރުހެވުނެވެ. ކައިވެނިކުރީވެސް އެތަނުގައެވެ. ހުސްނީ އާއެކު ތިން މީހަކު އައެވެ. އެއީ ކައިވެނިކޮށްދޭ މީހާ އާއި ދެހެކިންނެވެ. ހެކިންނަށް އައި މީހުން ތެރެއިން އެކަކު ނޫރާއާ ސަލާމްކުރަން އަތް ދިނެވެ. އެމީހާއާ ސަލާމްކޮށްލި ވަގުތު އޭނާ އަނެއްކާވެސް އަނެއް އަތުން ނޫރާގެ އަތްތިލައިގައި ހިފިހައްޓާލިއެވެ. އެވަގުތު އެމީހާގެ އަތުން ނޫރާ އަތް ދަމައިގަންނަން އުޅުނެވެ. އެތަން ފެނިގެން ހުސްނީ ހެދިގޮތަކީ އެމީހާގެ އަތުގައި ހިފި ހިފީނުން އަތް ބިންދާނުލީ ކިރިޔާއެވެ. އެވަރުން ނުވެގެން މޭޒުމަތީގައި ހުރި ބިއްލޫރިތަށި ނަގައި އެމީހާގެ ނޭފަތްމަތީ ޖެހިޖެހީނުން ނޭފަތް ފަޅައިލިއެވެ.
(ނުނިމޭ)