ރަމްލާ ފެނިފައި ގަދަކަމުން ނޫރާ ގެންދާކަށް ޝެރީންއަކަށް ނުކެރުނެވެ. އޭނާ ކުރިން އިން ތަނުގައި ރަމްލާ އިށީންނަމުން އަންނާށޭ ބުނެލިއެވެ. އެ ދެކުދިން ދުވެފައި ގޮސް ލޯމަތިން ގެއްލުނެވެ. ރަމްލާ މާލެ އައީ ކޮން ބޭނުމަކުތޯ ޝެރީން އަހާލިއެވެ. އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ފަދަ ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ރަމްލާ އައީ ނޫރާ ބަލާނަމަ އޭނާއަށް އޮތް ބިރުވެރިކަން ނިމުމަކަށް އައީއެވެ.
"އަހަރެން މިއައީ ސާރިމް އޭނަގެ މަންމައާ ހަވާލުކުރަން." ރަމްލާގެ ނަޒަރު ގޮސް ދުރުގައި ތިބި ދެކުދިންނަށް ހުއްޓުނެވެ. ޝެރީންއަށް އިނދެވުނީ ރަމްލާގެ މޫނަށް ބަލައިލި ގޮތަށް އެހެން ދިމާލަކަށް ކަޅި ހިންގާލަންވެސް ހަނދާންނެތިފައެވެ.
"ކީއްވެ؟" ޝެރީން އަހާލިއެވެ. އެއީ ނޫރާ ބޭނުންވެގެން އެކުއްޖާ ހަވާލު ކުރަން އައި ނަމަ ސާރިމްގެ ނަޞީބު ރަނގަޅެވެ. އެންމެ ފަހުން މަންމަގެ ލޯބި ލިބުނުކަމަށް ވާނެއެވެ. ސާރިމްއާ ދިމާލަށް ޝެރީން ބަލައިލިއެވެ. އެދެކުދިން ގުޅިގެން ތިބިލެއް ލޯބިކަމުން އެ މަންޒަރުން ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.
"އަބަދު މަންމަ ހޯދަން ކިޔާތީ، ދެން އެންމެ ރަނގަޅުވާނީ އެގޮތް." ރަމްލާ ބުނެލިއެވެ. ސާރިމް ރަމްލާއަށް މުޚާތަބު ކުރަނީ މާމަ ކިޔާފައެވެ. އެއީ ރަމްލާ ކިޔައިދިން ގޮތެވެ. އަލިފާނެއް ފެނެއް ވަކިނުވާހާ ތުއްތު އިރު އެކުއްޖާ ގެނެސް އެންމެ ފުރަތަމަ މަންމަ ކިޔުއްވުނު ނަމަ މިއަދު އެ ސުވާލު އެކުއްޖާ ނުކުރާނެއޭވެސް ހިތަށް އަރައެވެ. ރަމްލާ މިހާރު ހުންނަނީ ހާސްވެގެން ހަދާނެ ގޮތް ހުސްވެފައެވެ. ރަށު މީހުންގެ އަނގަ ގަދަކަމާ ހުރެވެސް ސާރިމްއަށް ކިތަންމެ ކަމެއް އެނގިއްޖެއެވެ. އެކުއްޖާ ހުއްޓާވެސް އައިސް ކާކު ކުއްޖެއްހޭ އަހައިފާނެއެވެ. އެހެންވެ ރަމްލާ އަބަދުވެސް ހުރީ އެ ހަގީގަތް ވަންހަނާ ކޮށްގެންނެވެ.
ރަމްލާއަށް ހުސްނީ ގުޅައި ނޫރާ ރަށަށް ފޮނުވާލާނެކަމުގެ އިންޒާރު ދިނެވެ. ނޫނީ ނޫރާ ބަލައި އަންނާށޭ ބުންޏެވެ. އެންމެ އަވަހަށް ފުރަން އޮތް ބޯޓަށް އަރައިގެން ރަމްލާ އައީ އެ ލަދުންވެސް ސަލާމަތްވާން ވެގެންނެވެ. މިހާރު އޭނާއަށް ނޫރާ ހުރި ހާލަތު ފެނިއްޖެއެވެ. ނޫރާ ރަށަށް ގެންގޮސްގެން ބެލިދާނެކަމާމެދު މިހާރު ވަނީ ޝައްކު އުފެދިފައެވެ.
މިއަދު ނޫރާ ހުރީ އަމިއްލަ ދަރިފުޅު ބެލޭނެ ހާލަތެއްގައެއް ނޫނެވެ. އެކަން ރަމްލާއަށް އެނގޭއިރުވެސް އެކުއްޖާ ހަވާލުކުރަން އޭނާ ބޭނުމެވެ. ސާރިމްއަށް ކިރިޔާވެސް ލޯބިދެވޭނީ ރަމްލާއަށެވެ. މިހާ ދުވަސްވަންދެން އެކުއްޖާ ބަލާ ބޮޑުކުރި އިރު އެހިތުގައި ނުއުފެދުނު މައިވަންތަކަމުގެ ލޯބި އެހެން ހިތެއްގައި އުފެދޭނެ ގޮތެއް ނޯންނާނެއެވެ.
** **
ޝެރީން ގެއަށް އައިރު ސާރިމް ގޭގައި އިނެވެ. އޭނާ އިނީ ކޮފީއެއް ބޯށެވެ. ސާރިމް ގެއަށް އައުމުން ސައި ހަދައިދެން ސައުދިއްޔާ ކައިރީ ބުންޏެވެ. ގޭތެރެއިން ޝެރީން އާއި ނޫރާ ފެންނަން ނެތުމުން ދިޔަތަނަކާއި ބެހޭ ގޮތުން ސައުދިއްޔާއާ ސުވާލުކުރިއެވެ. ޝެރީން ދިޔަ ތަނެއް ސައުދިއްޔާއަކަށް ނޭނގުނެވެ.
ސާރިމް އަށް ނާދެވޭ ދުވަސްތަކުގައި ނޫރާ ގޮވައިގެން ޝެރީން ބޭރަށް ނުކުންނާނެއެވެ. ބައެއް ފަހަރު މަންމަ ކައިރިއަށްވެސް ޝެރީން ހިނގައިދާނެއެވެ. ޝެރީން އާމެދު ސާރިމް ފިކުރުކުރުން މަދުކޮށްލިއެވެ. ޝެރީން އެދިޔަ ތަނަކުން އިރުއޮއްސުމުން އަންނާނެކަން އެނގޭތީއެވެ.
"ބައްޕީ" ނޫރާ ދުވެފައި އައިސް ސާރިމްގެ އުނގަށް އެރިއެވެ.
"ކޮންތާކުން ތިއައީ ދަރިފުޅު؟" ސާރިމް ނޫރާގެ ގައިގައި ބައްދާލިއެވެ. އޭނާ ނޫރާކުރެ އެހީ ޝެރީންއާ ވާހަކަ ދައްކަން ޖެހިލުންވާތީއެވެ. އަދިވެސް ޝެރީން ހުރީ ހިތްހަމަނުޖެހިފައިކަން އެނގެއެވެ. ޝެރީން ބަހައްޓާ ދުރުކަން ސާރިމްގެ ހިތަށް ނުތަނަވަސްކަން ގެނުވައެވެ. އެ ދެމީހުން ދުރުވެދާނެކަމުގެ ބިރު ސާރިމްގެ ހިތުގައި އެބައޮތެވެ.
"ބައްޕިއަށް އެނގޭތަ މިއަދު ޕާކުން ފެނުނު ސާރިމް." ނޫރާ ބުނެލިއެވެ. ސާރިމްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ މިއަދުވެސް ރަމްލާއަށް ގުޅިއެވެ. ނޫރާގެ ހާލު ދެކިލަން އައުމަށެވެ. ނޫރާއަށް އަޅައިލަން އޭނާގެ މަންމަގެ ދައުރު ވަރަށް މުހިއްމެވެ. ސައުވީސް ގަޑިއިރު ސާރިމްއަކަށް ނުހުރެވޭނެއެވެ. އޭނާއަށް ހަމަޖައްސައި ދެވޭނީ ނޫރާގެ ބޭސްފަރުވާ އާއި ހުރުމާއި ކެއުމެވެ. އަދި ބަލަހައްޓާނެ މީހަކު ވަނީ ލާފައެވެ.
** **
ނޫރާ ނިންދުވާފައި ސާރިމް ތެދުވި އިރު ސިޓިންރޫމްގެ ތެރެއިން ޓީވީގެ އަޑު ހުއްޓެވެ. އެތަނުގައި ޝެރީން އިނީކަން އެނގުމުން ސާރިމް ބޭނުންވީ އެތަނަށް ނިކުމެލާށެވެ. ދެމީހުންގެ މެދުގައިވާ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ދުރުކޮށް ހައްލުކުރެވޭ ވަރަށް ދެމީހުންގެ މެދުގައި ވާހަކަ ދައްކަން އެބަޖެހެއެވެ.
ސާރިމް ފެނުމާއެކު ޝެރީން ޓީވީ ނިއްވާލާފައި ތެދުވަން އުޅުނެވެ. ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. ކޮޓަރިއަށް ވަދެ ނިދި ކަމަށް ހަދައިގެން އޮވެވުނު ނަމައޭ ހިތަށް އެރިއެވެ. ޝެރީން އަށް ގޮވާލާފައި ސާރިމް އައިސް ހުއްޓުނެވެ.
"މާދަމާ އެގޭގެ ތަޅުދަނޑި ޝެރީންއަށް އަހަރެން ގެނެސްދޭނަން، އެކަމަކު މިގެއަށް ދަތި ނުވަންޏާ އަހަރެން ގަސްތުކުރަނީ ދުވަސްކޮޅު ކަމާލް އެކޮޅުގައި ބަހައްޓަން." ސާރިމް ބުނެލިއެވެ. ޝެރީންއަށް ހީވީ އޭނާގެ މޭގައި އަޅާ ބަރު އެއްޗަކުން ފިއްތާލި ހެންނެވެ. ނުރުހުންވެފައި ރޭގައި އޭނަ ބުނި ބަހެއްގެ ސަބަބުން ސާރިމްއަށް އެލިބުނީ އިތުރު ތަކުލީފެކެވެ.
"އެންމެ ރަނގަޅު" ބުނި ބަހުގައި ހިފަހައްޓަން ޝެރީން ބޭނުންވިއެވެ. އޭނާ އެތަނުން ދާން އުޅުމުން މިފަހަރު ސާރިމް ހިފީ ޝެރީންގެ އަތުގައެވެ. ވަގުތުން ޝެރީންގެ ފިޔަވަޅުތަކަށް ނިމުން އައި ކަހަލައެވެ. އޭނާ ހުއްޓުން އެރިއެވެ. ސާރިމްގެ އަތްތިލައިގެން އަމިއްލަ އަތް މިނިވަންކޮށްލަން ބޭނުންވިއެވެ. އިތުރު ހަރަކާތެއް ނުގެނެވުނީ އެވަގުތު ސާރިމް ބުނި އެއްޗަކުންނެވެ.
"ކޮންމެ ހާލެއްގައި ވިއަސް އަހަރެން ލޯބިވާނެ ހަމައެކަނި ފަރާތަކީ ތިއީ" ސާރިމް އޭނައާ ގާތަށް ޝެރީން ދަމާލާފައި ގެނެސް ޝެރީންގެ މޫނުގައި އަތް ޖައްސާލިއެވެ. ސިއްސައިގެން ގޮސް ސާރިމްގެ މޫނަށް ބަލާލެވުނެވެ.
ޖަޒްބާތީވާން ޝެރީން ބޭނުމެއް ނޫނެވެ. ސާރިމް އޭނާ ރުއްސަން ވެގެން ބުނެލާ ބަހަކުން ރުޅި ފިލައިދާހާ މަޑުހިތެއްގެ ވެރިއަކަށް ވާން ބޭނުމެއް ނޫނެވެ. އެހެންވެއްޖެނަމަ ސާރިމްއަށް ކުރި ހޯދުނީ އޭނާގެ ބަލިފައިގެ މައްޗަށެވެ.
"ޝެރީން، އަހަރެންނަށް އިތުބާރުކުރޭ." ސާރިމްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެދެލޮލުން ކަރުނައިގެ ސިފައިގައި ފެންނަން ފެށީ ރިހުމެވެ. ޝެރީންގެ ހިތަށް އަސަރުކުރިއެވެ. ދުވަހަކުވެސް ސާރިމްގެ މި ސިފަ ޝެރީންއަށް ފެނިފައެއް ނުވެއެވެ. އޭނާ ކައިރީ އެއްވެސް ކަމަކަށް ސާރިމްއަށް އާދޭސް ކުރަންޖެހިފައެއް ނުވާނެއެވެ.
ގޮތް ދޫނުކުރުމާއި ރުޅިވެރިކަމުގެ މައްޗަށް ސާރިމްއަށްޓަކައި އެހިތުގައިވާ ލޯބި ކުރި ހޯދިއެވެ. އޭނާގެ ހިތް މަޑުވެގެން ދިޔައެވެ. ލޯ ފުސްވެގެން ދިޔައީ ލޮލަށް ޖަމާވި ކަރުނައިންނެވެ.
"ދެން ކީއްވެ ސާރިމް އޭނަގެ ފަހަތުން ދާންވީ؟ ސާރިމް މާކުރިން އޭނައާ އޮތް ގުޅުން ކަނޑައިލީ، މިއަދު ސާރިމްއަށް އެއީ ހެދުނު ގޯހެއްކަން އިހްސާސްވެ އަލުން މާޒީގެ ތެރެއަށް ދާންވީ ކީއްވެ؟ ސާރިމްގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށް ރަމްލާ ބުނެފައި އޮތީ." ޝެރީން ޝަކުވާކުރިއެވެ. އޭނާގެ ކޮލުގައި އަތްޖައްސާލައިގެން ހުރި ސާރިމްގެ އަތް ދުރުކޮށްލިއެވެ.
ޝެރީންއަށް ވިސްނައިދޭނެ ގޮތަކާމެދު ސާރިމް ފިކުރުބޮޑުވިއެވެ. ކިތަންމެ ކިޔައިދިނަސް އެ ހުރިހާ ކަމެއް ޝެރީންއަކަށް ނުވިސްނޭނެއެވެ. ސާރިމް ވިސްނާ މަގުން ޝެރީންގެ ސިކުނޑި މަސައްކަތް ކުރާނެ ހެން ހިއެއް ނުވެއެވެ. އެއީ ޝެރީން ވީމައެއް ނޫނެވެ. ކޮންމެ އަންހެނަކު ނަމަވެސް ވިސްނާ ބިރުގަންނާނީ އެފަދައިންނެވެ.
"އަހަރެން ނޫރާ ބަލަހައްޓަން ގަސްތު ކުރަނީ ސާރިމްއަށްޓަކައި، މައިންބަފައިންގެ ލޯބިން މަހްރޫމްވެ އެކި ތަންތަނުގައި ބޮޑުވުމަކީ ކިހާ ބޮޑު ވޭނެއްކަން އަހަންނަށް އެނގިފައި ހުރީ، އަހަރެން ނޭދެން އަހަރެން ހޭދަކުރި ހިތްދަތި ދުވަސްތައް މި އުޑުދޮށުގައިވާ އެއްވެސް އިންސާނަކު ތަހައްމަލު ކުރާކަށް، ސާރިމްއަށް އެންމެ ކުޑަމިނުން އެކުއްޖާގެ މަންމަގެ ލޯބިން މަހްރޫމް ނުވުމަށް އަހަރެން އެދެން. އެކަމަކު ނޫރާ މިވަގުތު ހުރީ ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައި. އޭނަ އަށް އެކަމުން އަރައިގަންނަން ވަގުތު ބޭނުންވޭ،" ސާރިމް އަރުބެދޭ ގޮތްވިއެވެ. ނޫރާގެ ހާލަތާ މެދު މީހެއްގެ ހިތުގައި ގަދަކަމުން ހަމްދަރުދީ އުފެއްދުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ޝެރީންގެ ހިތުން ޝަކުވާ މަދެއް ނުވިއެވެ. އެއީ ސާރިމް ވިސްނަންވީ ކަންތައްތަކެއް ނޫނެވެ.
"މި ދުނިޔޭގައި އެކަހަލަ ކިތަންމެ ބަޔަކުވެސް އެބަތިބި، ސާރިމް ވަކި މީހަކަށް ހެޔޮ އެދިގެން އުޅެނީ ކީއްވެކަން އަހަންނަކަށް ނުވިސްނޭ." ޝެރީންގެ ތުންފަތުގައި ސާރިމް އިނގިލި ޖައްސާލިއެވެ. މަޑުމަޑުން ބޯހުރުވާލާފައި އެދުނީ އެފަދަ ޝަކުވާ ނުކުރުމަށެވެ.
"އަހަރެން ބޭނުންވަނީ އެމީހުންނަށް އެހީވާން. ޝެރީން ބިރުގަންނަނީ ކޮންކަމަކަށް؟ ޕްލީޒް، އިތުބާރުކުރޭ، އަހަރެން ދުވަހަކުވެސް ޝެރީން ދޫކޮށެއް ނުލާނަން، ނޫރާ ރަނގަޅުވިހާ އަވަހަށް އަހަރެން އޭނަ ރަށަށް ފޮނުވާލާނަން، އަހަރެން މިއުޅެނީ ރަމްލާއ ނުގުޅިގެން، ނޫރާ ބަލަން އަންނަން ބުނި ފަހުން ފޯނު ނިއްވާލާފައި އޮތީ، އެކަމަކު އޭނަ މާލެ އައިކަން މިހާރު އަހަންނަށް އެނގިއްޖެ." ސާރިމް ގަސްތު ކުރީ އެއްވެސް ކަމެއް ވަންހަނާ ނުކުރުމަށެވެ. ކުށްހީތަކެއްގެ ސަބަބުން އެގުޅުން ހީނަރުވާން އޭނާ ނޭދެއެވެ. އަދި އެކަމާ ފިކުރުކޮށްފައި ޝެރީންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ބޭކާރުވާކަށް ނޭދެއެވެ.
ރަމްލާގެ އެއްވެސް ގޯސް ސިފައެއް ޝެރީންއަށް އެނގިފައެއް ނެތެވެ. ނޫރާގެ މާޒީން ޝެރީންއަށް މާގިނަ އެއްޗެއް ނޭނގެއެވެ. އެނގުނީ ކިރިޔާވެސް ރަމްލާ ބުނި އެއްޗެކެވެ. ޝެރީންއަށް އެނގިފައިވާ ގޮތުން ނޫރާ ދުވަހަކުވެސް އެ މަންމަގެ ހާލު ބަލަން ނުގުޅައެވެ.
"ރަމްލާ ހުންނަތަން އަހަންނަށް އެނގޭ." ޝެރީން ބުނެލިއެވެ. ޕާކުން ނިކުތީ ދެމީހުން އެކުގައެވެ. އޭނާ ގެއަށް އައީ ކާރުގައި ރަމްލާ ބުނި އެޑްރެހަށް އެދެމައިން ގެންގޮސްދީފައެވެ. ސާރިމް އަށް ހީވީ އޭނާގެ މާޔޫސްކަމަށް ދިރުމެއް ލިބުނު ހެންނެވެ.
"ރަމްލާގެ ކުރިމައްޗަށް އަހަރެން ދާނަން،" ޝެރީން ބުނެލިއެވެ. ކުރިންވެސް ސާރިމް އަކީ ނޫރާގެ ދަރިއެއްކަން އެއްބަސްނުވާން ރަމްލާ އުޅުމުން އެކަމަށް އެއްބަސްވީ ޝެރީން ގޮސްގެންނެވެ. މިފަހަރުވެސް ރަމްލާ ޖެހޭނީ އެއްބަސްވާށެވެ. ރަމްލާއަށް ރަށަށް ދެވޭނީ ނޫރާ ރަނގަޅުވިހާ އަވަހަށް އޭނާވެސް ގޮވައިގެންނެވެ.
ސާރިމް ޝެރީންގެ ގައިގައި ބައްދާލިއެވެ. ޝެރީންއަށް ޝުކުރު އަދާކުރެވުނެވެ. އޭނާ އަށް އަބަދުވެސް ޝެރީންގެ އެހީތެރިކަން ބޭނުންވާކަމުގައި ބުނެލިއެވެ. ސާރިމްގެ ބުރަކަށީގައި އަތްޖައްސާލާފައި ޝެރީން ޚިޔާރު ކުރީ ހިމޭންކަމެވެ. އޭނާގެ ސިކުނޑީގައި ރޭވެމުންދާ ކަންތައް ސާރިމްއަށް ނޭނގޭކަމާމެދު ޝުކުރު ކުރެވުނެވެ. (ނުނިމޭ)